3 ވަނަ ބައި
"ތެޔޮ ތާހުން އުނދުނަށް" އަނެއްކާވެސް ކުންފުންޏަކުން ދައުލަތުގެ މީޑިއާ ހިންގަން ފެށުން
ޑިމޮކްރަޓިކް އުޞޫލުތަކުގެ ދަށުން، ދިވެހިރާއްޖޭގެ ވެރިކަމަށް އަލަށް އައި ސަރުކާރުން ކުރެވުނު އެންމެ ފުރަތަމަ ކަންތައްތަކުގެ ތެރޭގައި ހިމެނިގެން ދިޔައީ، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް، ކުންފުންޏެއްގެ ދަށުން ހިންގުމަށްޓަކައި ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ ދަށުން ދައުލަތުގެ މީޑިއާ ހިންގުމަށް ރައީސްގެ ޤަރާރަކުން ގެނެވުނު ބަދަލެވެ. ޑިމޮކްރަސީއަށް ދަޢުވާ ކުރަމުން، ހަނގުރާމަކުރަމުން އައި ވެރިކަމަކުން މި ފެނުނީ، ޑިމޮކްރަސީއެއްގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ އަށް ގެންނާނެ ކަމަށް ހިތަށްވެސް ނާރާ ބަދަލެކެވެ.
މި ކަން ކުރެވުނީ، ކުރީގެ ސަރުކާރުން "މިނިސްޓަރ އޮފް އިންފޮމޭޝަން، ލީގަލް ރިފޯމް އެންޑް އާޓްސް" އަލްއުސްތާޒް މުޙަންމަދު ނަޝީދާއި އޭރު ތިބި ހުރިހާ ބްރޯޑްކާސްޓަރުންނާއި އަދި ކަމާ ބެހޭ ހުރިހާ ދާއިރާތަކެއްގެ އެއްބާރުލުމާއެކު، ދައުލަތުގެ މީޑިއާއަކީ، ޑިމޮކްރަޓިކް ވެއްޓެއްގައި، ރައްޔިތުންގެ މީޑިއާއެއްގެ ގޮތުގައި އޮންނަންޖެހޭނެ އެއްޗެއް ކަމަށްވާތީ، އެގޮތަށް ހަމަޖެއްސުމަށް، "ޕަބްލިކް ސަރވސް ބްރޯޑްކާސްޓިންގ"ގެ ބިލެއް ތައްޔާރުކުރެވި، އެ ބިލް ރައްޔިތުންގެ މަޖްލިސްއަށް ފޮނުވިފައި ވަނިކޮށެވެ.
ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ދަށުން ރޭޑިއޯއާއި ޓީވީ ހިންގަމުން ގެންދިއުމުން ވަރަށް ގިނަ ބަދަލުތަކެއް މުއައްޒަފުންނަށާއި ވަޒީފާތަކަށް ގެންނަންޖެހޭނެވެ. މި މަސައްކަތް ދިވެހިރާއްޖޭގެ އަޑުގެ ތެރޭގައި ކުރެވެމުން ދިޔައިރު، ހަމަ ގައިމުވެސް ދިވެހިރާއްޖޭގެ އަޑުގެ ގިނަ މުއައްޒަފުން ތަކަކަށް ވަރަށް ތަފާތު އިޙުސާސްތަކެއް ކުރެވުނު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނެވެ. ސަބަބަކީ، އެކި ފަހަރު މަތިން އެކި މުއައްޒަފުން އަޅުގަނޑާ ކުރަމުންގެންދާ ސުވާލުތަކުންނެވެ.
"އަޅުގަނޑު ވަކިކޮށްލާނެތޯއެވެ؟ ވަކިކުރާ ބައެއްގެ ލިސްޓެއް އުޅޭ ވާހަކަ އެހީމެވެ!"
"ކުންފުންޏަކަށް ބަދަލުވީމާ، ޕެންޝަނަށް ވާނީ ކިހިނެއްތޯއެވެ؟ މިހާ ދުވަހު މަސައްކަތް މިކުރީ އެ އުންމީދުގައެވެ."
މިކަހަލަ ގިނަ ސުވާލުތަކެއް އަޅުގަނޑާ ކުރިމަތިވަމުން އައީ، މުއައްޒަފުންގެ ތެރޭގައި ވަރަށް ގިނަ ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީއެވެ.
ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުން، ސިވިލް ސަރވިސްގެ ތެރެއިން ވަކިވެ، ކުންފުނީގެ މުއައްޒަފުންގެ ގޮތުގައި ހިމެނެންޖެހޭކަން މިއީ، ގިނަ މުއައްޒަފުންނަށް ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ސިވިލް ސަރވިސްގެ ތެރެއިން ލިބެމުން އައި އެއްވެސް ޢިނާޔަތެއް، ޔަޤީންކަމެއް، ކުންފުންޏެއްގެ އޮނިގަނޑުގެ ތެރެއިން ނުލިބޭނެކަން އެނގޭތީއެވެ. އޭގެ ތެރޭގައި ޕެންޝަންވެސް ހިމެނެއެވެ.

މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން MNBC އުފެއްދުން
ރިޔާސީ ދައުރު ބަދަލުވެ، ޑިކްޓޭޓަޝިޕަކުން، ޑިމޮކްރަސީއަކަށް ދިވެހިރާއްޖޭގެ ރިޔާސީ ނިޒާމު ބަދަލުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ޖެހުނު ޙާލަކީ، "ތެޔޮ ތާސްތެރެއިން އުނދުނަށޭ" ބުނާ ފަދައިން، ދައުލަތުގެ ޙިމާޔަތުގެ ދަށުން، ކުންފުންޏެއްގެ ދަށަށް އަނެއްކާވެސް ބަދަލުވީއެވެ. ޑިމޮކްރަޓިކް ވެރިކަމެއްގައި، މީޑިއާ މިނިވަންވާނެ ކަމަށް އުންމީދު ކޮށްގެން ތިބި މީހުންނަށް މި ޖެހުނީ، ސިޔާސީ ގޮތުން ބައިބައިވެފައި އޮތް ގައުމެއްގެ، ސަރުކާރު ހިންގާ ޕާޓީގެ ތެރެއިން، ދައުލަތުގެ މީޑިއާ ކޮންޓްރޯލް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ކުންފުންޏެއް ކަމަށްވާ، "މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން"ގެ ދަށަށް ބަދަލުވާށެވެ. މި ދެ ތަންވެސް ހިންގަން މަޖުބޫރުވެފައި ވަނީ، ކުންފުންޏަށް އާމްދަނީ ހޯދައިދޭ ދެ ގުނަވަނުގެ ގޮތުގައެވެ. ކުންފުނީގެ އަމާޒަކީ، ވެރިކަން ކުރާ ޕާޓީގެ ޕްރޮޕަގެންޑާ ހިންގުމާއެކު، ކުންފުންޏަށް ފައިސާ ހޯދުމެވެ.
މިއީ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއް ކަމަށް އަނެއްކާވެސް ގަބޫލުކުރަން އަޅުގަނޑަށް ދަތިވެއްޖެއެވެ. އާ ސަރުކާރު ވެރިކަމާ ޙަވާލުވިއިރު، ކުރީގެ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް، އަދި މިނިސްޓްރީގެ ދަށުގައި ހިނގަމުން އައި ލީގަލް ޑިޕާޓްމަންޓާއި އެހެނިހެން ޑިޕާޓްމަންޓްތައް އެކުވެގެން އެތަކެއް މަސައްކަތަކުން ވަނީ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ބިލެއް ފަރުމާކޮށް، ރައްޔިތުންގެ މަޖުލިހަށް ހުށައަޅާފައެވެ.
އެމް.އެން.ބީ.ސީގެ ދަށުން ދައުލަތުގެ ރޭޑިއޯ އާއި ޓީވީ ހިންގީ 22 ޑިސެމްބަރު 2008 އިން 13 ފެބްރުއަރީ 2012 އަށެވެ.
ޑިމޮކްރަސީ އޮތީ އެކަމަށް ހަޅޭއްލެވި މީހުންގެ ބަނޑުތެރޭގައި
މި ހުރިހައި ދުވަހު، ދައުލަތުގެ މީޑިއާގެ ގޮތުގައި ދިވެހި ރޭޑިއޯ އާއި ޓެލެވިޒަން ހިންގަމުން ގެނެސްފައި ވަނީ، ގާތްގަނޑަކަށް "ރައްޔިތުންގެ މީޑިއާ" (ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ") އެއްގެ ގޮތަށެވެ. ހަމައެކަނި މަދުވަނީ، އެކަމަށް ކަނޑައެޅިފައި އޮތް ޤާނޫނެކެވެ. އެހެންކަމުން، އަޅުގަނޑަށް ދަސްވެފައި ހުރި ގޮތުން ޕަބްލިކް ސާރވިސް ބްރޯޑްކާސްޓިންގއަކީ، ދައުލަތުގެ ފައިސާއިން ޚަރަދުކޮށްގެން، މުޖުތަމުގެ މަސްލަޙަތަށް އަމާޒުކޮށްގެން، ރައްޔިތުންނަށްޓަކައި ހިލޭ ހިންގަންޖެހޭ، ބްރޯޑްކާސްޓިންގއެކެވެ.
އެހެން ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ބިލް އޮތީ މަޖްލިސްގައެވެ.
ދިވެހިރާއްޖޭގެ ސިޔާސީ އޮނިގަނޑު މުޅިން ބަދަލުވެ، ޚުދުމުޚުތާރު ގާނޫނެއްގެ ދަށުން، ޑިމޮކްރަޓިކް ގާނޫނެއްގެ ދަށަށް ސަރުކާރު ބަދަލުވުމުން، ރައްޔިތުންގެ ރޭޑިއޯ އާއި ރައްޔިތުންގެ ޓީވީ، އަނެއްކާވެސް ކުންފުންޏަކުން ކޮންޓްރޯލްކުރާ، ވަކި ޕާޓީއަކަށް (ވެރިކަންކުރާ ޕާޓީ) ސިޔާސީ ފައިދާ ހޯދައިދޭ، ސިޔާސީ ހަތިޔާރަކަށް މި ވަނީ ބަދަލުވެފައެވެ. ރައްޔިތުންގެ ފައިސާއިން، ރައްޔިތުންގެ ތެރެއިން ވަކި ބައަކަށް ޚިދުމަތްކުރާ މުއައްސަސާއަކަށް ވެފައެވެ. ޑިމޮކްރަސީ އޮތީ ހަމަ ނަމެއްގެ ގޮތުގައެވެ. މި އައު ނިޒާމުގެ ސަބަބުން ވީކަމަކީ، ފަރުދީ މިނިވަންކަން ޙައްދެއް ނެތް މިންވަރަށް ލިބުނީއެވެ. އަދަބު އަޚުލާޤު މުޖުތަމަޢުން ގެއްލުނީއެވެ. ދިވެހިންގެ ޢާއިލީ ގުޅުން ހީނަރުވެ، ފުނޑިގެން ދިޔައީއެވެ..! ޑިމޮކްރަސީ އޮތީ ހަމަ އެކަމަށް ހަޅޭއްލެވި މީހުންގެ ބަނޑުތެރޭގައެވެ.
މުވައްޒަފުންތަކެއް ވަކިވާން ބޭނުންވުން
ދިވެހިރާއްޖޭގެ ރޭޑިއޯގައި އުޅެމުން ގޮސް މިހާރު އަޅުގަނޑު މިވަނީ، ރިޓަޔަރ ކުރާ އުމުރާ ވަރަށް ގާތްވެފައެވެ. މި ހިސާބަށް ދަތުރުކުރިއިރު ލައްކަ ގިނަ ކަންތަކާ ދިމާވެ، ވަރަށް ގިނަ ތަފާތު ތަޖުރިބާތައްވެސް ކުރަންޖެހުނެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ހިތާމައާއި ހިތްދަތިކަމެވެ. ރުޅިވެރިކަމާއި ދެކޮޅުވެރިކަމެވެ. މިއިން ކޮންމެ އިޙުސާސެއް ކުރަންޖެހުނު ނަމަވެސް، ރައްޔިތުންގެ ރޭޑިއޯގައި، ރައްޔިތުންނަށް ޚިދުމަތްކުރުމަށް ޢަޒުމު ކަނޑައަޅައިގެން، ދިވެހިރާއްޖޭގެ އަޑުން ވަކިނުވެ ހުރީއެވެ. މިއަދު މިހުރީ، އެމް.އެން.ބީ.ސީގެ ރޭޑިއޯ ސްޓޭޝަންގެ ވެރިއެއްގެ ގޮތުގައެވެ.
އަޅުގަނޑުގެ ކުރިމައްޗަށް ދެން އައި އަނެއް މައްސަލައަކީ، އެ ދުވަސްވަރު ސަރުކާރު ހިންގަމުން އައި ޕާޓީން އަބަދުވެސް ދެކެމުން އައި ގޮތަށް، ދިވެހިރާއްޖޭގެ އަޑުގައި މުއައްޒަފުން މާގިނަ ކަމަށާއި ކޮންމެހެން ބައިތިއްބަންޖެހޭ މުއައްޒަފުން ފިޔަވާ އެހެން މުއައްޒަފުންގެ ލިސްޓެއް ތައްޔާރު ކުރުމަށް ހުށައެޅުނު މައްސަލައެކެވެ. އޭރު އަޅުގަނޑުގެ މޭޒުމަތީގައި އެތައް ސިޓީއެއް ހުއްޓެވެ. އެއީ، ދައުލަތުގެ ވަޒީފާ ދޫކޮށް ކުންފުންޏެއްގެ ވަޒީފާގައި އުޅެން ބޭނުންނުވާ މުއައްޒަފުން ފޮނުވާފައި ހުރި ސިޓީތަކެވެ.
މިއީ ދުވަހަކުވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އަހަން ބޭނުންވި، އަޑެއްވެސް ނޫނެވެ. ނަމަވެސް މިއަދުގެ ދިވެހިރާއްޖެއަކީ، ބަދަލުވެފައިވާ ރާއްޖެއެކެވެ. މިއަދު ދިވެހިރާއްޖޭގެ އަޑަކީ، ދައުލަތުގެ ރޭޑިއޯ ސްޓޭޝަނެއް ނޫނެވެ. ކުންފުންޏަކުން ހިންގާ ރޭޑިއޯ ސްޓޭޝަނެކެވެ. މިކަން ހަޖަމުކުރަން ވަރަށް ދަތިވިއެވެ. ނަމަވެސް މިއީ ޙަޤީޤަތެވެ.
ކުންފުންޏެއްގެ ވަޒީފާގައި އުޅުއްވަން ބޭނުންނުވެގެން ވަކިވެވަޑައިގަތުމަށް އެދި ސިޓީ ފޮނުއްވާފައިވާ މުއައްޒަފުންގެ ތެރޭގައި، ދިވެހިރާއްޖޭގެ ރޭޑިއޯ މިއަދުގެ ޖީލާ ހަމައަށް ގެނެސްދިނުމުގައި، ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ޤުރުބާންކުރެއްވި، އަޅުގަނޑާއެކު މަސައްކަތްކުރެއްވި، އަޅުގަނޑުގެ އެތައް އެކުވެރިންނެއް ހިމެނެއެވެ.
މިއީކީ، އަޅުގަނޑު ދެކެން ބޭނުންވި ދުވަހެއް ނޫނެވެ. އިވެން ބޭނުންވި އަޑެއްވެސް ނޫނެވެ. ނަމަވެސް، މިއަދު މިކަން ކޮޅެއްގައި ޖެއްސުމުގެ ބުރަ މަސްއޫލިއްޔަތު އެޅިފައި ވަނީ އަޅުގަނޑުގެ ކޮނޑުގައެވެ.
ސިޓީ ފޮނުއްވާފައި ތިއްބެވި މުއައްޒަފުންނާ ވާހަކަ ދައްކާލުމުން، ކުންފުނީގެ ވަޒީފާއިން ވަކިވާން ބޭނުންވާ ކިތަންމެ ކިތަންމެ ސަބަބުތަކެއް ކިޔައިދެއްވިއެވެ. އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި، ގިނަ ބޭފުޅުން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ވަޒީފާ ހޯދީ، ދެ ކަމެއްގެ އުއްމީދުގައި ކަމަށެވެ. އެއް ކަމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމެވެ. އަނެއް ކަމަކީ، ޕެންޝަނެވެ.
ޕެންޝަނަކީ، ސަރުކާރަށް ޚިދުމަތްކުރުމުގައި 20 އަހަރު މެދުނުކެނޑި ޚިދުމަތްކޮށްފިނަމަ، އެ މުއައްޒަފަކަށް ލިބެމުން އައި މުސާރައިގެ ބައެއް، އޭނާގެ މުޅި ޢުމުރަށް ލިބޭނެ ކަމަށް، ޤާނޫނު އަސާސީގައި ލިޔެފައިވާ އެއްޗެއް ކަމެވެ. ނަމަވެސް ކުންފުންޏެއްގެ ވަޒީފާއެއްގައި ޕެންޝަނަށް ވާނީ ކިހިނެއްކަންވެސް ނޭނގެއެވެ.
ކޮންމެއަކަސް، އަޅުގަނޑުގެ ކުރިމަތީގައި ހުރި ސިޓީތަކާ ދޭތެރޭ ކޮންމެވެސް ގޮތެއް ނިންމަން އެބަޖެހެއެވެ. އަޅުގަނޑުގެ ފައިނޭންސް ޓީމް އެއްކޮށްފީމެވެ. މި ވާހަކަ ދައްކާލުމުން އެނގުނީ، ވަޒީފާއިން ވަކިވާ ސިވިލް ސަރވިސގެ މުއައްޒަފުންނަށް ޢިނާޔަތެއްގެ ގޮތުން ގަނޑުކޮށް ދެއްވާ ފައިސާއެއް ހިމެނޭކަމެވެ.
ރައްޔިތުންގެ ރޭޑިއޯއެއް ނޫން
މިހާރު މިއީ، ރައްޔިތުންގެ ރޭޑިއޯއެއް ނޫނެވެ. ކުންފުންޏެއްގެ ރޭޑިއޯއެކެވެ. މިހާރު ދައުލަތުގެ މީޑިއާ ހިންގަމުން ގެންދަން ޖެހިފައިވަނީ، އެމް.އެން.ބީ.ސީ އުފެއްދެވ،ި ރައީސްގެ ގަރާރުގެ ދަށުންނެވެ. ސިޔާސީ ގޮތުން ބައިބައިވެފައި އޮތް ގައުމެއްގެ، ސަރުކާރު ހިންގާ ޕާޓީގެ މީޑިއާއެއްގެ ގޮތުގައެވެ.
ތެދުފުޅެކެވެ. އަޅުގަނޑު ރޭޑިއޯއާ ގުޅުނީވެސް، ސަރުކާރުގެ ރޭޑިއޯއެއްގެ ގޮތުގައި އެ މުއައްސަސާ ފެށިގެން އައި ދުވަސްވަރުއެވެ. އެ ދުވަސްވަރުގެ ހާލަތާއި މިއަދުގެ ޙާލަތު، ސުމަކާއި ސަތޭކައާހާ ތަފާތެވެ. އެ ދުވަސްވަރު، އިތުރު ފިކުރެއް، ތަފާތު ކުލައެއް ނެތެވެ. ރޭޑިއޯއިން ކުރަންޖެހޭހާވެސް ކަމަކީ ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމެވެ. ހަމަ ޕަބްލިކް ސަރވިސް ރޭޑިއޯ އަކުންވެސް ކުރަންޖެހޭނެ ކަންތަކެވެ. މައުލޫމާތު ފޯރުކޮށްދިނުމާއި ތަޢުލީމް ދިނުމާއި އަދި މުނިފޫހިފިލުވައިދިނުމެވެ. ވަކި ކުލައަކަށް، ވަކި ޕާޓީއަކަށް ތަފާތުކުރުމެއް ނެތިއެވެ.
"ދިވެހިރާއްޖޭގެ އަޑު" ޖައްވުން ގެއްލުން
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށިގެން މާގިނަ ދުވަހެއް ނުވެ، ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލްގެ ތަފާތު މައްސަލަތައް ކުރިމަތިވާން ފަށައިފިއެވެ. ވަކިވުމުގެ ކުރިން، މިއަދުގެ ރޭޑިއޯގެ ޙާލަތާ ދޭތެރޭ ހިތާމަކުރާ ޙާލު، ރޭޑިއޯ ދިވެހި ޖައްވުން ނެތިދިޔަ ގޮތާ ދޭތެރޭ ބަލައިލާނަމެވެ.
މި ވާހަކަ ދަންނަވާލެވޭނީ، ރޭޑިއޯ ބްރޯޑްކާސްޓިންގްގެ ޓެކްނިކަލް ބެކްގްރައުންޑަކާއެކު، މީޑިއަމް ވޭވް އަކީ، ކޮން ކަހަލަ ސިގްނަލެއް، ކޮންގޮތަކަށް ފޮނުވަންޖެހޭ އެއްޗެއް ކަމުގެ ކުޑަ ޓެކްނިކަލް ދިރާސާއަކަށް ފަހުއެވެ. އަދި ދިވެހިރާއްޖެ ކަހަލަ ގައުމަކަށް، މީޑިއަމްވޭވް މުހިންމުވަނީ ކީއްވެގެން ކަމާދޭތެރޭ ވިސްނާލުމަށްފަހުގައެވެ.
ދިވެހިރާއްޖޭގެ އަޑުގެ އޭ.އެމް ސިގްނަލް ނުވަތަ މީޑިއަމްވޭވް، މުޅި ރާއްޖެއަށް ފެތުރިގެންދިއުމުގެ އެންމެ ބޮޑު އެއް އަޞްލަކީ، ރާއްޖޭގެ ޚާއްސަ ސިފަތަކަށް އަމާޒުކޮށްގެން، ބޭރުގެ ޓެކްނިކަލް ލަފައާއެކު ކުރެވެމުންދިޔަ މަސައްކަތުގެ ތެރެއިން، ލޮނުޒިޔާރަތްކޮޅު ޕާކްގައި ޖަހާފައިވާ 50 މީޓަރުގެ އުސް، ދެ އެންޓެނާއެވެ. އަދި އެ ދެ އެންޓެނާ ޖަހާފައިވާ ހިސާބުން މުޅި އެ ސަރަހައްދަށް ބިމުގެ އަޑިން ގާތްގަނޑަކަށް ތިން ފޫޓް އަޑީގައި ފަތުރާފައިވާ "ކޮޕަރ ވަޔަރ މެޝް"، އާދެ ލޯނަރުގެ ދަލެކެވެ.
ދިވެހިރާއްޖެއަކީ، އިންޑިޔާ ކަނޑުގެ ސަރަޙައްދަކަށް ފެތުރިފައިވާ، ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއްކަން ދަނެގެން، ރޭޑިއޯގެ ޓެކްނިކަލް ވަޞީލަތްތައް ބިނާކުރެވުމުގެ ސަބަބުންނެވެ.
ރާއްޖެއަކީ، އުސް އިމާރާތްތައް މަދު، އަދި ފަރުބަދައެއް އަމުދުން ނެތް، ކޮންމެ ދެރަށް ދޭތެރޭގައި ކަނޑު ހިމެނިފައިވާ ރާއްޖެއެކެވެ. ކަނޑުފަޅު ފީނައިގެން ބަނޑުފުރާނަ މުއްތި ކުރަންޖެހިފައިވާ ބަޔަކު ދިރިއުޅޭ ތަނެކެވެ.
ދިވެހިރާއްޖޭގެ އަޑަށް ގެނެވުނު އާ ޓްރާންސްމީޓަރުތައް އިންސްޓޯލްކޮށް ހެދުމަށްފަހު، އިންޖިނިއަރިންގ ޑިޕާޓްމަންޓްގައި އޭރު މަސައްކަތް ކުރެއްވި ބޭފުޅުން، ރޭޑިއޯގެ ސިގްނަލް ލިބޭ ހިސާބު ދެނެގަތުމަށްޓަކައި، ގިނަ ދަތުރުތަކެއް ކުރައްވާ، އަޑުގެ ބާރުމިން ހުރިގޮތް ބައްލަވައިގެން އެޖަސްޓްމަންޓްތައް ގެންނަމުން ގެންދެވިއެވެ. އެ ދަތުރުތަކުގެ ތެރެއިން ގިނަ ދަތުރުގައި އަޅުގަނޑަށްވެސް ބައިވެރިވުމުގެ ފުރުޞަތު ލިބުނެވެ. ބޭރުގެ ތަޖުރިބާކާރުންނާ އެކުގައި މި މަސައްކަތުގައި އުޅުއްވަނީ މައިޒާން އަޙުމަދު މަނިކާއި ކޮނޑޭ ޢަލިމަނިކެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުން މިކަމަށް ފޮނުއްވާފައި ހުރި އިންޖިނޭރު މިސްޓަރ ޑި ލާ ހާޕް އާއި، މިޕްރޮޖެކްޓްގައި ޚާއްޞަކޮށް ޓްރާންސްމީޓަރ ތަކަށް ތަމްރީނު ކުރެވުނު ދެ ޓެކްނީޝަނުން ކަމުގައިވާ އަޙުމަދު ޝަފީޢުއާއި މުހަންމަދު ރަޝީދެވެ. އިންޖިނައަރިންގ ޑިޕާޓްމަންޓްގެ އެހެން ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ދެން ޕްރޮގްރާމް ޑިޕާރޓްމަންޓުން އަޅުގަނޑެވެ.
ބޮޑު މަސައްކަތަކާއި ބޮޑު ހޭދައެއް އޭރު ސަރުކާރުންނާއި އޮސްޓްރޭލިއާގެ ހިލޭ އެހީގެ ތެރެއިން ކުރެވިގެން، މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ޖަހާފައިވާ ބޮޑު ދެ އެންޓެނާގެ ބޭނުމަކީ، މުޅި ރާއްޖެއަށް ރޭޑިއޯގެ ސިގްނަލް، މީޑިއަމް ވޭވްއިން ސާފުކޮށް ފޯރުކޮށްދިނުމެވެ.

މި ދެންނެވި ދެ އެންޓެނާގައި ބޭރަށް ފެންނަން ނުހުންނަ ވަރަށް މުހިންމު އެހެން ބައެއްވެސް ހުރެއެވެ. އެއީ، އެންޓެނާގެ ދިގުމިނުގައި ބިމުގެ 3/4 ފޫޓެއްހާ އަޑީގައި ވަރަށް ދުރަށް ފަތުރާފައި އޮންނަ، ލޯނަރުގެ ދަލެކެވެ. އެދައު ދަމާފައިވަނީ، އެންޓެނާނެ ބުޑުން ފެށިގެން، އެންޓެނާގެ މައްޗަށް ހުރި ދުރުމިނަށެވެ. އެހެންކަމުން، ބައެއް ހިސާބު ތަކުން ޕާރކުން ބޭރަށްވެސް ނިކުމެފައިވެއެވެ.
ޙަޤީޤަތުގައި ސިގްނަލްގެ އެންމެ މުހިންމު ބަޔަކީ، 50 މީޓަރުގެ އުސްމިނުގައި ޖަހާފައިވާ ދެ އެންޓެނާގެ ބިމުގެ އަޑިން ދަމާފައި އޮންނަ ލޯނަރުގެ ދަލެވެ. މިއަށް ގެއްލުމެއް ލިބިއްޖެނަމަ، ސިގްނަލަށް މައްސަލަ ޖެހޭނެއެވެ.
އެންޓެނާ ސިސްޓަމްގެ މުހިންމުކަމާއި، އެއިން ކޮށްދޭ ކަންތައްތަކުގެ މައްޗަށް، ދިވެހިރާއްޖޭގެ އަޑުގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ލިޔުމެއްގެ ތަންކޮޅެއް ނަކަލު ކޮށްލާނަމެވެ.
“The antenna system has a directional eight shaped radiation pattern and provides both ground wave and sky wave service over the 1449 kHz frequency. AM radio follows the curvature of the Earth. Because of this, one of the most important components of an AM Radio Station is ground system or ground mat. The ground system provides a medium by which the signal travels from the transmitter throughout the desired broadcast coverage area. A good quality ground system is the key to achieving the required coverage. The entire field is used up to burry the hundreds of ground radials (ground mat). These copper radials are connected to the mast at the ground connection of the antenna feed-line as shown below. “

ރޭޑިއޯ ފްރިކްއެންސީ އެނަރޖީގެ ސަބަބުން އާންމުން ސަލާމަތް ކުރުމަށްޓަކައި، ހުއްދަ ނުލިބި އެންޓެނާ ފީލްޑްގެ ތެރެއަށް ނުވަނުމަށް ޢާންމުންނަށް ރޭޑިއޯއިން ގެންދިޔައީ، އިލްތިމާސް ކުރަމުންނެވެ. އަދި ބައެއް ޒުވާން ކުދިން އެތެރޭގައި އުޅެނިކޮށް އޮފީހަށް ގެނެސް، އެންޓެނާ ފީލްޑަށް ވަނުމުން ފަހަރެއްގައި ދިމާވެދާނެ ދެރަ ކަމަކަށް އިންޒާރުދީ، ނަޞޭޙަތް ދީފައި ހުންނާނީވެސް މަދެއްކޮށް ނޫނެވެ.
ރޭޑިއޯ ސްޓޭޝަނެއްގެ އެންޓެނާ ފީލްޑް، ޢާންމުން ދިރިއުޅެމުންދާ ތަނެއްގައި ހުރުމަކީ، އުނދަގުލެއްކަން، އެންމެ ރަނގަޅަށް އެނގެނީވެސް، ރޭޑިއޯގައި އެދުވަސްވަރު މަސައްކަތް ކުރެއްވި ބޭފުޅުންނަށެވެ. އެހެންކަމުން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި، އެންޓެނާ ފީލްޑް އެހެންތަނަކަށް ބަދަލުކުރުމުގެ ވާހަކަ އައީ، ތަކުރާރުކޮށް ދެކެވެމުންނެވެ.
މާލޭގެ އެންމެ މުހިންމު ހިސާބުގައި މިގޮތަށް ބަންދު ކުރެވިފައިވާ ސަރަޙައްދެއް އޮތުމަކީ، ބަލަހައްޓަން ނިހާޔަތަށް އުނދަގޫ، ނުރައްކާތެރި ކަމެއްވެސް މެއެވެ. އެހެންކަމުން އެންޓެނާތައް ބަދަލުކުރުމަށް ތިލަފުށިންވެސް ޖާގައެއް ހޯދުމުގެ މަސައްކަތް ކުރެވެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ތިލަފުށިން ޖާގައެއް ދެއްވުމަށްވެސް ސަރުކާރުން ނިންމެވިއެވެ. ނަމަވެސް އެއީ އޭރު ނުހިއްކާ އޮތް ހިސާބުންނެވެ. އެކަންވެސް ނުވެ، އަނެއްކާވެސް މަޑު ޖެހުނީއެވެ. ހަމަ އެއާއެކު، ވިލިމާލެއިންވެސް ހުސް ޖާގައެއް ލިބޭތޯ މަސައްކަތް ކުރެވުނެވެ. އެކަންވެސް ވާގޮތެއް ނުވިއެވެ.
އަޅުގަނޑު ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ އަޑާ ޙަވާލުވީ ފަހުންވެސް، އެންޓެނާ ފީލްޑް އެހެން ތަނަކަށް ބަދަލުކުރުމަށް ސަރުކާރުގައި ދަންނަވަމުން ގެންދިޔައީމެވެ. ނަތީޖާއެއްގެ ގޮތުން، ރަނގަޅު ސަރަޙައްދެއް ހޯދުމަށް އިޝާރާތެއް އައުމާއެކު، ދެ ތަނަކުން (ދެ ރަށަކުން) އަޅުގަނޑުމެން ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް ކުރީމެވެ. އެއް ރަށަކީ ވިލިމާލެއެވެ. މާލެއިން ސިގްނަލް ފޮނުވުމެކޭ ވިލިމާލެއިން ފޮނުވުމެކޭ މާބޮޑު ތަފާތެއް ނުހުންނާނެއެވެ. ޓްރާންސްމީޓަރުތައް ބެލެހެއްޓުން ފަސޭހަވާނެއެވެ. ދެން ހުށައެޅި އަނެއް ރަށަކީ، މ. ވޭވަށަށެވެ. ވޭވަށް އަޅުގަނޑުމެން ހުށައެޅީ، ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައެވެ. ފުރަތަމަ ސަބަބަކީ ވޭވަށަކީ، ގާތްގަނޑަކަށް ރާއްޖޭގެ މެދު ކަމަށްވުމެވެ. ޓެކްނިކަލް ދިރާސާތައް ދައްކާކޮތުން، ވޭވަށުގައި އެންޓެނާތައް ބަހައްޓައިގެން ބްރޯޑްކާސްޓް ކުރެވޭގޮތް މެދުވެރިވެއްޖެނަމަ، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ރޭޑިއޯ ސިގްނަލް އެއްވެސް ހުރަހެއްނެތި ލިބޭނެއެވެ. އަނެއް ސަބަބަކީ ވޭވަށުގެ އާބާދީއަކީ މަދު އާބާދީއެއް ކަމަށްވެފައި، އެ އާބާދީގެ ބޮޑު ބަޔަކަށާއި އަދި މުޅި މުލަކުއަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވުމެވެ.
ތެދުތެދަށް ދަންނަވާނަމަ، ލޮނުޒިޔާރަތްކޮޅުގައި އެންޓެނާތައް ބަހައްޓައިގެން ބްރޯޑްކާސްޓް ކުރަމުން ދިޔައިރު، ރޭޑިއޯގެ ސިގްނަލް ނުލިބޭ ނުވަތަ ވަރަށް ބަލިކޮށް ލިބޭ ހިސާބު ތަކެއް ހުއްޓެވެ. ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް އޭއެމް. ސިގްނަލް ލިބޭލެއް ދެރަކަމުން، (ބައެއް ފަހަރަށް އެއްގޮތަކަށްވެސް ނުލިބޭތީ) ފަހުން އަޅުގަނޑުމެން އައްޑު އަތޮޅަށާއި ހުވަދު އަތޮޅުން ބަޔަކަށް، ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ފޯރުކޮށްދޭން ބޭނުން ކުރަމުން ގެންދިޔައީ، އެފް.އެމް ޓްރާންސްމީޓަރު ތަކެކެވެ. އެކި ހިސާބުގައި އެފް.އެމް އެންޓެނާ ޖަހައިގެން، އޭ.އެމް ސިގްނަލް، އާދެ މީޑިއަމް ވޭވްއިން ބްރޯޑްކާސްޓް ކުރަމުން ގެންދިޔަ ޕްރޮގްރާމްތައް، އެފް.އެމް ޓްރާންސްމީޓަރ ތަކެއްގެ އެހީގައެވެ. އޭ.އެމްގެ ސިގްނަލް އެފް.އެމް ބޭންޑުން ރީބްރޯޑްކާސްޓްކޮށްގެނެވެ. ޚަރަދާއި މަސައްކަތް ބޮޑު ޕްރޮޖެކްޓެކެވެ.
ހުށައެޅި ޕްރޮޖެކްޓަށް ވީނުވީ ގޮތެއް ނޭނގެއެވެ. އެންޓެނާ ފީލްޑް ހަމަ މާލޭގެ ލޮނުޒިޔާރަތްކޮޅުގެ އެންމެ މީހުން ގިނަވާ ހިސާބުގައި އޮތީއެވެ. އެންޓެނާ ފީލްޑް ވޭވަށަށް ބަދަލުކުރުމަށް އޭރު އަޅުގަނޑުމެން ތައްޔާރުކުރި ޕްރޮޕޯސަލްގައި، 17 މިލިޔަން ރުފިޔާއިން މި ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ތިރީގައިވާ ފުރަތަމަ ޗާޓުން އެ ފެންނަނީ، މާލޭ، ލޮނުޒިޔާރަތްކޮޅުގައި އެންޓެނާތައް ބަހައްޓައިގެން، ހިންގަމުން ގެންދިޔައިރު، ރޭޑިއޯގެ ސިގްނަލް ލިބޭ ހިސާބެވެ.

ޗާޓުން އެފެނިވަޑައިގަންނަވާ ގޮތަށް، ހުވަދު އަތޮޅުން ބޮޑު ބަޔަކާއި އައްޑު އަތޮޅު އެކުގައި އެވަނީ، ރޭޑިއޯ ސިގްނަލް ފުރިހަމައަށް ލިބޭ ސަރަޙައްދުން ބޭރުގައެވެ.
ނަމަވެސް މުލަކުއަތޮޅު ވޭވަށަށް އެންޓެނާ ފީލްޑް ބަދަލުކުރެވުނު ނަމަ، އެކަން ޙައްލު ކުރެވުނީހެވެ.

މި ދިރާސާއަކީ ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ.
މަތީގައިވާ ޗާޓުން އެ ފެނިވަޑައިގަންނަވާ ގޮތުން، ވޭވަށުގައި އެންޓެނާތައް ބަހައްޓައިގެން، ރޭޑިއޯ ސިގްނަލް ފޮނުވޭގޮތް ވެއްޖެނަމަ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށާއި އަދި މަސްކަނޑުތަކުގެ، އޭރު ދިވެހިން ނިކުމެ އުޅޭ ހުރިހާ ހިސާބަކަށް ރޭޑިއޯގެ ފުރިހަމަ ސިގްނަލް ލިބޭނެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ހިންގުމަށްވެސް ބަދަލުތަކެއް
މިހާރު މިތިބީ، އާ ސަރުކާރެއްގެ އާ ޕޮލިސީތަކެއް ތަންފީޒްކުރުމުގެ މަރުހަލާގައެވެ. މި ހިސާބުން، ރޭޑިއޯގެ ބޭނުންތެރިކަމާއި ރޭޑިއޯއިން ރައްޔިތުންނަށާއި ސަރުކާރަށް ގެނެސްދޭ ކުރިއެރުން، ހަނދާންނެތެން ފަށައިފިއެވެ. ސަރުކާރު ބަދަލުވެ، ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ހަމަ އެއާއެކު ދިވެހިރާއްޖޭގެ އަޑުގެ ހިންގުމަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ.
ރައީސް މުޙަންމަދު ނަޝީދުގެ ޤަރާރަކުން އުފެއްދި، އެމް.އެން.ބީ.ސީ ކިޔާ ކުންފުނީގެ ބޯޑްގެ ފަރާތުން މެނޭޖިންގ ޑައިރެކްޓަރެއް ކަނޑައެޅި، ރޭޑިއޯއާއި ޓީވީ، މެނޭޖިންގ ޑިރެކްޓަރުގެ ބެއްލެވުމުގެ ދަށުން ހިންގާ ގޮތަށް ހަމަޖެހިއްޖެއެވެ.
ނަޞީބު ދެރަކަމުން ކަމެއް، ނަޞީބު ރަނގަޅު ކަމުން ކަމެއް ދަންނަވާކަށް ނެތީމެވެ. ނަމަވެސް އަޅުގަނޑު، ހަމަ އަޅުގަނޑުގެ މަގާމުގައި ހުރީއެވެ. އެމް.އެން.ބީ.ސީގެ ރޭޑިއޯގެ ޑިރެކްޓަރ ޖެނެރަލްއަކަށެވެ.
ރޭޑިއޯއާއި ޓެލެވިޒަންގެ މަގުޞަދު ބަދަލުވެ، ވިޔަފާރި އުޞުލުން ހިންގާ ދެ ތަނަށް ވެއްޖެއެވެ. މި ހިސާބުން، ދިވެހިރާއްޖޭގެ އަޑުގެ މުހިންމުކަން ކުޑަވެ، ޓެލެވިޒަން މޯލްޑިވްސްގެ މުހިންމުކަން އިތުރުވާން ފަށައިފިއެވެ. ރޭޑިއޯގައި މުއައްޒަފުން މާ ގިނަކަމުގެ ވާހަކަތަކެއްވެސް އިވެން ފަށައިފިއެވެ. މި ގެނެވުނު ބަދަލާއެކު، މިގޮތަށް ކަންތައްތައް ބަދަލުވާނެ ކަމަށް، ދިވެހިރާއްޖޭގެ އަޑުގެ ގިނަ މުއައްޒަފުންތަކެއް ވިސްނިއެވެ.
"އެންޓެނާ ފީލްޑް ހަލާކުކޮށްލައިފި"
އެއް ދުވަހު އަޅުގަނޑު އޮފީހުގައި އިންދާ، އަޅުގަނޑުމެންގެ ޗީފް ޓެކްނީޝަން ކޮނޑޭ ޢަލިމަނިކު އަޅުގަނޑުގެ އޮފީހަށް ވަންނަވައިފިއެވެ. މޫނުމަތިން ފެންނަނީ، ކަންބޮޑުވުމާއި ހާސްކަމެވެ. ކިހިނެއްތޯވީ އަޅުގަނޑު އަހާލުމުން އަލިބެ ބުނުއްވީ، އެންޓެނާ ފީލްޑް ހަލާކުކޮށްލައިފި ކަމުގައެވެ. އެންޓެނާ ޕާކްތެރޭގެ ބޮޑު ސަރަހައްދެއް، މުނިސިޕަލްޓީގެ މީހުން ކޮނެ، މަގެއް ހަދަމުންގެންދާ ކަމަށް ބުނުއްވިއެވެ.
އަޅުގަނޑުގެ ހިތުގައި ފުރަތަމަ އުފެދުނު ސުވާލަކަށްވީ ދިވެހިރާއްޖޭގެ އަޑަށް އެންގުމަކާ ނުލާ، މުނިސިޕަލްޓީން އެންޓެނާ ފީލްޑްގައި މަސައްކަތެއް ކުރެވެމުން ދަނީ ކިހިނެއްތޯއެވެ؟ ދިވެހިރާއްޖޭގެ އަޑާއި މާލޭ މުނިސިޕަލްޓީއާ ދެމެދު އެއްބަސްވެފައި އޮންނަނީ، މާލޭގެ ބިމުން އެއްވެސް ތަނެއް (ޚާއްޞަކޮށް، އަޑުގެ އެންޓަނާ ފީލްޑް) ކޮނެވޭނީ، ދިވެހިރާއްޖޭގެ އަޑަށް އަންގާ، އަދި އެތަނުން ފޮނުވާ މީހެއްގެ ހާޒިރުގައި ކަމަށެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ އަޑުގެ ލައިވް ރިލޭތައް މާލޭގެ ތަފާތު ހިސާބުތަކުން ވަގުތުން ގެނެސްދިނުމަށްޓަކައި، މާލޭގެ ވަރަށް ގިނަ މަގުތަކުގައި، ކޭބަލްތައް ވަޅުލާފައި ވުމެވެ.
މަގުތަކުގައި ވަޅުލާފައިވާ ކޭބަލްތަކުގެ މަސައްކަތް ބަލަހައްޓަމުން ގެންދަނީ ވަކި ސެކްޝަނަކުންނެވެ. އެ ސެކްޝަން ބަލަހައްޓަވަމުން ގެންދަވަނީ، މާދޫގޭ އާދަމްމަނިކެވެ.
ހެންވޭރު އަޑީޕާކް، (ދިވެހިރާއްޖޭގެ އަޑުގެ އެންޓެނާ ފީލްޑް) މުނިސިޕަލްޓީގެ ފަރާތުން ކޮންނަމުން ގެންދާ ވާހަކަ އިވުމުން، ސެކްޝަންގެ ވެރިޔާ މާދޫގޭ އާދަމްމަނިކު އަރިހުން އަހާލުމުން އެނގުނީ، އޭނާއަށް އެއްވެސް ޚަބަރެއް ލިބިފައި ނެތް ކަމަށެވެ. ލޮނުޒިޔާރަތްކޮޅު ޕާކްތެރޭގައި އެއްވެސް ކަމެއް ހިނގާ ކަމަށް މުނިސިޕަލްޓީން އަންގަވާފައި ނެތްކަމަށެވެ.
މާލޭ މުނިސިޕަލްޓީ ރައީސަކަށް ހުންނަވަނީ ސަރަނގު އާދަމްމަނިކެވެ. އަޅުގަނޑު ވަގުތުން އެމަނިކުފާނާ ބައްދަލު ކުރުމުގެ އެޕޮއިންޓްމަންޓަކަށް މުނިސިޕަލްޓީގައި އެދިއްޖައީމެވެ. ދެ ދުވަހެއް ފަހުން އެޕޮއިންޓްމަންޓް ލިބިގެން އަޅުގަނޑުމެން (އަޅުގަނޑާއި ކޮނޑޭ އަލިމަނިކު) އެމަނިކުފާނާ ބައްދަލުކޮށް، ކުރީއްސުރެ މިކަން ހިނގަމުން އަންނަ ގޮތާއި، އެންޓެނާ ފީލްޑް ކޮނުމުގެ ސަބަބުން، އަޑީގައި ވަޅުލާފައިވާ ވަޔަރމެޝް އަށް ކުޑަ ގެއްލުމެއް ލިބުނު ނަމަވެސް، ރޭޑިއޯ ސިގްނަލް އެކި ހިސާބުތަކުން ގެއްލެމުންދާނެ ވާހަކަ ވަރަށް ތަފްޞީލުކޮށް ދެންނެވީމެވެ.
މުނިސިޕަލްޓީގެ ރައީސް ހަމަ ވަގުތުން، މުނިސިޕަލްޓީން އެ މަސައްކަތް ކުރަމުންގެންދާ ޔުނިޓްގެ އިސް ބޭފުޅުން ބައްދަލުވުމަށް ގެންނެވިއެވެ. އަދި މީގެ ފަހުން، މާލޭގެ ބިން ކޮނެގެން އެއްވެސް ތަނެއްގައި މަސައްކަތެއް ކުރާނަމަ، ހަމަ ކުރިންވެސް އޮންނަ އުޞޫލުން، ދިވެހިރާއްޖޭގެ އަޑުގެ މީހަކު ހުރެގެން ނޫނީ، އެކަން ނުކުރުމަށް އެންގެވިއެވެ.
ޖެހިގެން އައި ދުވަހު، އަނެއްކާވެސް ކޮނޑޭ ޢަލިމަނިކު، އަޅުގަނޑާ ބައްދަލު ކުރައްވައިފިއެވެ. މިފަހަރު ބައެއް ފޮޓޯއާވެސް އެކުގައެވެ. އަޑީޕާކު ކޮނުމުގެ މަސައްކަތް ކުރިއަށް ދަނީއެވެ.
ކުރިން ދެންނެވި ފަދައިން، ދައުރު ބަދަލުވުމާއެކު ލިބުނު މިނިވަންކަމާއެކު، އަޑީޕާކްގައި ދަނގަޑު ހޮޅި ޖަހައިގެން ބޮޑު ސްކްރީނުން ޓީވީ ބެލުމާއި، ޓެންޓް ޖަހައިގެން ޕާޓީ ބައްދަލުވުން ބޭއްވުމާއި، އެންޓެނާ ފީލްޑްގެ ތަންތަން ކޮނެގެން މަސައްކަތް ކުރުމުގެ ތެރެއިން އަޑީގައި ވަޅުލާފައިވާ ނަރުތައް ބައިބައިން ނެގި، މުޅިތަން ހަލާކުވެއްޖެއެވެ.
އެއީ، ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަމެވެ. 2008 އެވެ.
ރައީސް ނަޝީދުގެ އެ ވެރިކަން ވަކި ހިސާބަކުން ބަދަލުވެ، ދިވެހިރާއްޖޭގެ ވެރިކަމަށް އަނެއްކާވެސް އާ ބޭފުޅަކު އައްޔަންވެއްޖެއެވެ.
މިފަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ރައީސް ނަޝީދުގެ ނާއިބު ރައީސަކަށް ހުންނެވި ޑރ. މުޙަންމަދު ވަޙީދު ހަސަންމަނިކެވެ.
އަޅުގަނޑު އޭރު ހުރީ ރިޓަޔަރ ކޮށްފައެވެ. ނަމަވެސް ރައީސް ވަޙީދުގެ ރައީސްކަމުގެ މަދު ދުވަސްކޮޅު، ދިވެހިރާއްޖޭގެ އަޑު ހިންގަމުން ގެންދިޔައީ، "ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ"ގެ ބިލް މަޖުލީހުން ފާސްކޮށްގެން، ޤާނޫނަކަށްވެ، އެ ޤާނޫނުގެ ދަށުންނެވެ.
"ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ"ގެ ޤާނޫނުގެ ޙިމާޔަތް ލިބިގެން ދައުލަތުގެ މީޑިއާ ހިންގަން ލިބުނީ، މަދު ދުވަސްކޮޅަކަށެވެ. އާދެ ޑރ. ވަޙީދުގެ ރައީސްކަމުގެ ދެ އަހަރާއި ބައިގެ މުއްދަތަކަށެވެ.

"އެމް.އެން.ބީ.ސީ"ގެ ނަން "އެމް.ބީ.ސީ" އަށް ބަދަލުވުން
އަނެއްކާވެސް އާ ދައުރެކެވެ. ޑރ. ވަހީދުގެ ސަރުކާރެވެ. "އެމް.އެން.ބީ.ސީ"ގެ ނަން "މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން" ނުވަތަ "އެމް.ބީ.ސީ" އަށް ބަދަލުވެއްޖެއެވެ. އެއީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ގާނޫނުގެ ދަށުން، 14 ފެބްރުއަރީ 2012 ގައެވެ. ދައުލަތުގެ މީޑިއާ، "އެމް.ބީ.ސީ"ގެ ނަމުގައި 27 އެޕްރީލް 2015 އާ ހަމައަށް ހިންގިއެވެ.

ޕީ.އެސް.އެމް އުފެދުން
އަނެއްކާ ވެސް އާ ދައުރެކެވެ. ދައުލަތުގެ މީޑިއާ ހިންގުމަށްޓަކައި "ޕަބްލިކް ސަރވިސް މީޑިއާ" ނުވަތަ ޕީ.އެސް.އެމް އުފެދުނީ، ގާނޫނެއްގެ ދަށުން، 28 އެޕްރީލް 2015ގައެވެ. އެއާއެކު، އެހާތަނަށް އެމް.ބީ.ސީގެ ނަމުގައި ހިންގި ހުރިހައި ޗެނަލްތަކެއް ޕީ.އެސް.އެމްއަށް ބަދަލުވިއެވެ.
ޕީ.އެސް.އެމް ހިންގާ ބޯޑު ފުރަތަމަ އިންތިޚާބުކުރީ ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުންނެވެ. ނަމަވެސް، ގާނޫނަށް ބަދަލު ގެނެސް، ފަހުން އެ ބޯޑަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ބަދަލުކުރިއެވެ. ގާނޫނެއް އޮތަސް އަދި ނަން ބަދަލުވިޔަސް، ދައުލަތުގެ މީޑިއާގެ ފުރިހަމަ ދައުރެއް ޕީ.އެސް.އެމްއަކުން ވެސް ނުފެނުނެވެ. އިދިކޮޅުގެ މާބޮޑު އަޑެއް ނީވި، އިވެމުން، ފެންނަމުން އަންނަނީ ސަރުކާރުގެ ޕްރޮޕެގަންޑާ ފެތުރުމުގައި އަވަދިނެތި އުޅޭތަނެވެ.
ރޭޑިއޯގެ އުންމީދު އަޅުގަނޑުގެ ހިތުން ފިލައިގެން ދިޔުން
ރޭޑިއޯގެ އުންމީދު އަޅުގަނޑުގެ ހިތުން ފިލައިގެން ދިޔައީ، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަސައްކަތް ކުރެވުނު ދުވަސްވަރުގެ ތެރޭގައެވެ. ސިގްނަލް މާދުރަށް ނުދިޔަ ނަމަވެސް، އޭރުވެސް 50 މީޓަރުގެ ދެ އެންޓެނާ ކޮޅަށްޖެހިފައި ހުރެއެވެ.
ބްރިޖްގެ މަސައްކަތުގެ ވަކި ހިސާބަކުން އެ ދެ އެންޓެނާވެސް އެތަނުން ގެއްލިއްޖެއެވެ. ރޭޑިއޯ ބްރޯޑްކާސްޓިންގ އަކީ، ސަރުކާރުން މާ މުހިންމު އަހަންމިއްޔަތެއް ދޭ ކަމެއްކަމުގެ ނިޝާނެއް ނުފެނުނެވެ.
ރޭޑިއޯގެ ސިގްނަލް ނައްތާލުމަކީ، ސަރުކާރުގެ ސިޔާސަތެއްތޯ ނުވަތަ ނޫންތޯ ބަހުސް ކުރާނެ ކަމެއް ނެތެވެ. ކަންވެދިޔަގޮތް، އޭރު އެކަމުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ދަންނަވާލީއެވެ. ދެހާސް އަށެއްގެ ފަހުން ބަދަލުވަމުންދިޔަ އެއްވެސް ސަރުކާރަކުން، ރޭޑިއޯގެ ކުރިއެރުވުމަކަށް ހަމަ އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. ޙަޤީޤަތުގައި، 2008 ގައި MNBC އޭ ކިޔާ ކުންފުންޏެއް އުފައްދަވައިގެން ގެންދެވި ހިސާބުން، ބޮޑަށް އަހުމިއްޔަތުކަން ދެވެމުން ގޮސްފައި ވަނީ، ޓެލެވިޒަންއަށެވެ.
ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގ އަށް ދިމާވަމުން ދިޔަ ހިތާމަވެރި ޙާދިސާތަކުގެ ޒިންމާގެ ކޮންމެވެސް ބައެއް އެ ދާއިރާގައި މަތީފަޑީގައި މަސައްކަތްކުރި މީހުންވެސް ނަގަންޖެހޭ ކަމަށް ފުރަތަމަ އިޢުތިރާފުވަނީ، އަޅުގަނޑެވެ. ރޭޑިއޯގެ މުހިންމުކަން އެނގޭ އަދި އެހެން މީހުނަށް އަންގައިދެވޭ ފަދަ ބަޔަކު ތައްޔާރު ނުކުރެވުމުންނެވެ. އާދެ، މި ދާއިރާއިން މީހުން ބިނާކުރަންވީވަރާ ގާތަކަށްވެސް، އެ މަސައްކަތް ކުރެވިފައި ނެތުން އެއީ، އެކަމުގެ ޒިންމާގެ ކޮންމެވެސް ވަރެއް، އަޅުގަނޑުމެންވެސް ނަގަންޖެހޭ ކަމެކެވެ.
"MNBC" އަދި "PSM" ގައިވެސް ނުފޫޒު ގަދަ މަޤާމުތަކުގައި ތިއްބެވީ، ގާތްގަނޑަކަށް އެއް ބޭފުޅުންތަކެކެވެ. އެ ބޭފުޅުން ގެންގުޅުއްވި، ޙިކުމަތު ޢަމަލީގެ ސަބަބުންނޭ ދެންނެވުމަކުން މާބޮޑު ގޯހަކަށް ނުވާނެއެވެ. ކުންފުނީގެ ވެރިންގެ ވިސްނުން މުޅިންހެން ގެންގުޅުއްވީ، ފައިސާ ހޯދުމާއި، ފައިސާ ޚަރަދު ކުރެއްވުމާއި ޕާޓީ ރުއްސުމަށެވެ. ކުރިއަށްވުރެ މާ ބޮޑަށް ރޭޑިއޯ ހަނދާން ނެތި، ޓެލެވިޒަން ހިނގަން ފަށައިފިއެވެ. ސަބަބު މިހާރު އެއްގޮތަކަށްވެސް އޮޅޭކަށް ނުޖެހެއެވެ. ދެ ދައުރުގެ ދެ ކުންފުނީގެ ވެރިއެއްގެ ގޮތުގައިވެސް ހުންނެވީ، ޓެލެވިޒަންގައި މަސައްކަތް ކުރެއްވި ވެރިއެކެވެ. "PSM" އިންވެސް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ބައި މުޅިންހެން ހުލިވެ، ފައިދާ ހޯދަން މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުން އަނެއްކާވެސް މަސައްކަތް ފެށިއްޖެއެވެ.
މިއަދު އަދި ހާލު މާދެރައެވެ. "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ހުޅުލެއާއި މާލެއާ ދޭތެރެއިން ފެންނަން ފެށުމާ އެކުއެކުހެން، ދިވެހިރާއްޖޭގެ އަޑުގެ ދިގު ދެއެންޓެނާގެ ވަސްވެސް ފިލައިދިޔައީއެވެ.
ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފުވުމަށްފަހު، ފުރަތަމަ ހިނގި ކަންތައްތަކުގެ ތެރެއަށް ވިސްނާލާއިރު، އަޅުގަނޑުގެ ނަޒަރުގައި އިޢާދަ ނުކުރެވޭވަރުގެ ބިޔަ ގެއްލުމެއް ވަނީ، ދިވެހިރާއްޖޭގެ އަޑަށް ލިބިފައެވެ.
އޭގެ ފަހުން، ރޭޑިއޯގެ ކަންތައް ކުރިއަށްގެންދާނެ ވެރިއެއް ހުރި ކަމަކަށް ނުފެނެއެވެ. އަވަށްޓެހި ގައުމުތަކުން ފޮނުވާ ޚަރަދު ބޮޑު ޕްރޮގްރާމްތައް ކޮޕީ ކޮށްގެން ފޮނުވުމުގެ ބަދަލުގައި، ދިވެހިން ބޭނުންވާ، ދިވެހި ގައުމިއްޔަތު ދިރުވޭނެ ފަދަ، ޕްރޮގްރާމްތަކެއް އަމިއްލަ އުފެއްދުންތެރިކަމުގެ ތެރެއިން ނެރެވޭނެނަމައޭ ހިތަށް އަރައެވެ.
އަޅުގަނޑު ރޭޑިއޯއާ ވަކިވުން
ގާތްގަނޑަކަށް 40 އަހަރަށްވުރެ ގިނަ ދުވަހު ރޭޑިއޯ ބްރޯޑްކާސްޓިންގ ފަންނުގައި މަސައްކަތް ކުރުމަށްފަހު 2011 ވަނަ އަހަރު، އަޅުގަނޑުގެ އުމުރުން 65 އަހަރު ފުރިގެން ވަޒީފާއިން ވަކިކުރެއްވިކަން އެންގެވީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ "ޑިރެކްޓަރ ޖެނެރަލް އޮފް ރޭޑިއޯ"ގެ މަގާމުގައި ހުއްޓައެވެ. ވަޒީފާއިން އަޅުގަނޑު މުސްކުޅި ކުރެއްވިކަން އެނގުނީ، ޗުއްޓީއެއްގައި އިންޑިއާގައި ހުއްޓާ، ދިވެހިރާއްޖޭގެ އަޑުގައި އުޅުއްވާ އަޅުގަނޑުގެ ރައްޓެއްސަކު ފޯނުކުރައްވާފައި ވިދާޅުވުމުންނެވެ.
ކޮންމެއަކަސް ސިވިލް ސަރވީސްގެ އުޞޫލުތައް ހަމަޖެހިފައި ހުންނަ ގޮތުން، ޢުމުރުން 65 އަހަރާ ހަމައަށް މީހާ ދިއުމުން، އޭނާ މުސްކުޅި ކުރައްވާނެއެވެ. އެބީދައިން އަޅުގަނޑުވެސް ކުންފުންޏެއްގައި ހުރި ނަމަވެސް، މުސްކުޅި ކުރެއްވީއެވެ.
މިހާ ހިސާބުން އަޅުގަނޑުގެ ބްރޯޑްކާސްޓިންގ ދާއިރާގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެ އުޅުމުގެ ޙަޔާތްވެސް ނިމުނީއެވެ. ނަމަވެސް، އަދިވެސް ބްރޯޑްކާސްޓިންގ އަށް ޚިދުމަތްކުރުމުގެ ނިޔަތުގައި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ރައީސްކަން ތިން އަހަރާ ދުވަސްކޮޅެއް ވަންދެން ކުރުމަށްފަހު، 2013 ވަނަ އަހަރު، އެ މަޤާމުން އިސްތިޢުފާ ދިނުމަށްފަހު، ބްރޯޑްކާސްޓިންގއާ މުޅިން ވަކިވީއެވެ.
އެންމެ ފަހުގެ ޝުކުރު
މި ފޮތް ވިދާޅުވާ ބޭފުޅުންނަށް އިޙުތިރާމާއެކު ދަންނަވާލަން އޮތީ، މި ލިޔުންތަކުގައި ކުށެއް ވާނަމަ ނިހާޔަތަށް މަޢާފަށް އެދޭ ވާހަކައާއި، މި ލިޔުންތައް ވިދާޅުވީތީ، ނިހާޔަތަށް ޝުކުރުވެރިވާ ވާހަކައެވެ. މި ފޮތް ނިންމާލުމަށް މިހާ ގިނަ ދުވަސް ހޭދަވެގެން މިދިޔައީ، އަޅުގަނޑުގެ ހަނދާނުގެ މައްޗަށް އެކަނި ބުރަނުވެ، އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވި ވަރަށް ގިނަ ބޭފުޅުންގެ ފަރާތްޕުޅުންވެސް މަޢުލޫމާތާއި، ލަފައާއި އިރުޝާދު ހޯދުމަށް ގިނަ ދުވަސްތަކެއް ދިއުމުންނެވެ.

ބަދުރާ މެދު މައިޒާން އަޙުމަދު މަނިކު…
ހ.ގާދޫ
މާލެ.
ބަދުރުއްނަޞީރު އަޅުގަނޑަށް ފެނިފައި ވަނީ އޭނާގެ އުމުރުން 20 އަހަރުގައެވެ. އެއީ 1967ވަނަ އަހަރު، ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަން، "މޯލްޑިވް އައިލޭންޑްސް ބްރޯޑްކާސްޓިންގ ސާރވިސަސް"ގެ ނަމުގައި ސަރުކާރު ރޭޑިއޯ ހިންގެވިއިރު، އެ ސްޓޭޝަންގެ ޕެނަލް އޮޕަރޭޓަރެއްގެ މަޤާމަށް ގެނެވުނު ދިވެހި ޒުވާނެއްގެ ގޮތުގައެވެ. ޓެކްނިކަލް ދާއިރާގައި ވަޒީފާ އަދާކުރަމުންދިޔަ ކަމުގައިވިޔަސް، އޭނާގެ ޝަވްޤްވެރިކަމާއި، ރޭޑިއޯ މެދުވެރިކޮށް މުޖްތަމަޢުއަށް ހިދްމަތްކުރުމުގައި ކުރިއަށް ދިއުމުގެ ރޫޙް ހުރިކަން ފާހަގަވާންފެށިއެވެ. ޝަވްޤްވެރިކަން ބޮޑަށް އުފެދޭން ފެށީ ޕްރޮގްރާމް އުފެއްދުމުގެ ރޮނގުންކަންވެސް އެނގުނެވެ.
ޓެކްނިކަލް ދާއިރާގައި އެންމެ އިސްކޮށް ހުރި މީހެއްގެ ހައިސިއްޔަތުން، ބަދުރުގެ ހަރަކާތްތައް ރަނގަޅަށް ބަލާ ދިރާސާ ކުރުމުގެ ފުރްޞަތު ވަނީ އަޅުގަނޑަށް ލިބިފައެވެ. ސްޓޭޝަންގައި ހަމަޖެހިފައި އޮންނަ ގޮތާ ޚިލާފަށް ބައެއް ޕްރޮގްރާމްތަކަށް ބަދަލު ގެންނަން އުޅުމުގެ ސަބަބުން، ސީދާ ވަޒީރުލް އައުޒަމް އިބްރާހިމް ނާސިރު، އޭނާ ސަސްޕެންޑްކޮށް ނަސޭހަތް ދެއްވާފައިވެސް ވެއެވެ. ނަމަވެސް ނާސިރު ބެއްލެވީ، ބަދުރަކީ ރޭޑިއޯ ދާއިރާއަށް ކަމުހިނގައިދާނެ، ޢުއްމީދީ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެހެންކަމުން، ދެތިން ދުވަހު ގޭގައި ބެހެއްޓުމަށްފަހު، އަޅުގަނޑަށް އެންގެވީ ބަދުރު ގެނެސް އަނެއްކާވެސް ވަޒީފާއައިގެން ކުރިއަށް ދިއުމަށް އެންގުމަށެވެ.
ބަދުރާ ދޭތެރޭ، ނާސިރުގެ ވިސްނުންފުޅު ހުރިގޮތް އަޅުގަނޑަށް އެނގުނީ، ރޭޑިއޯ ބްރޯޑްކާސްޓިންގ ދަސްކުރުމަށް އޭނާ ސިންގަޕޫރަށް ފޮނުއްވީމައެވެ. އެއީ އާދައިގެ މަތިން، ބޭރު ޤަވްމްއަކުން ލިބޭ ކޯހެއްގައި ފޮނުވާ ގޮތަކަށް ނޫނެވެ. ދިވެހި ސަރުކާރުން ސިންގަޕޫރު ރޭޑިއޯއާ ވާހަކަ ދެކެވިގެން ހަމަޖެހުނު ހަމަޖެހުމެކެވެ.
ރޭޑިއޯ ބްރޯޑްކާސްޓިންއަށް ބަދުރު ހުރި ޝަވްޤްވެރިކަން ނާސިރު ޤަބޫލްފުޅު ކުރެއްވީއެވެ. އަދި ބަދުރަކީ މި ރޮނގުން ކުރިއަށްގެންދެވިދާނޭ ކުއްޖެއްކަން، އޭރު ނާސިރު އަރިހުގައި އުޅުނު އަޅުގަނޑާއި ނ.ތ. ހަސަންދީދީއަށް ވެސް ޤަބޫލްކުރެވުނެވެ.
ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއިން ފުރަތަމަ ރާއްޖޭން ބޭރުން، ތައުލީމް ހާސިލްކުރި ދިވެއްސަކީވެސް ބަދުރެވެ. އޭގެ ފަހުން އޭނާވަނީ، ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަންގައި ގިނަ މަޤާމްތަކެއް، ގިނަ ދުވަސްތަކެއް ވަންދެން ފުރާ، ގިނަ ދިވެހިން ތަކަކަށް ރޭޑިއޯއަކީ ކޮން އެއްޗެއް ކަމާއި ދިވެހިރާއްޖެއަށް ރޭޑިއޯ ބޭނުންވަނީ ކީއްވެގެންކަން ކިޔަވައިދީ، ދިވެހި އެތައް ކުދިންނެއް އެ ރޮނގުން ތަމްރީންކޮށްފައެވެ.
ރޭޑިއޯ ޕްރޮގްރާމްތައް އުފެއްދުމުގައި، ބަދުރަކީ މަސްވެރިންނާ ވަރަށް ގާތުން މަސައްކަތްކުރި ޕްރޮޑިއުސަރެކެވެ. އަދި އެކަމުގެ ފައިދާ އޭނާގެ ހަޔާތުގެ އެކި ހިސާބުން ލިބިފައިވެސް ވެއެވެ. ޑިސްޓެންޓް އެޑިއުކޭޝަނަކީވެސް، ބަދުރު ވަރަށް ޚާއްސަ އަމިއްޔަތުކަމެއް ދީގެން ކުރިޔައްގެންދިޔަ ޕްރޮގްރާމްގެ ވައްތަރެކެވެ. އެގޮތުން 'ރޭޑިއޯ ހަވީރު’ގެ ޕްރޮގްރާމް ސިލްސިލާގެ ތެރެއިން ގިނަ ޕްރޮގްރާމްތަކެއް ބައްޓަންކޮށް ކުރިޔަށް ގެންދިޔައެވެ.
ރައީސް އިބްރާހީމް ނާސިރު، ބަދުރުއްނަސީރާ ދޭތެރޭ ކުރެއްވި އުއްމީދު ބަދުރު ފުރިހަމަކޮށްދިނެވެ. ބަދުރު ރޭޑިއޯއަށް ގެނައުމާއި ގެންގުޅުމުގައި އަޅުގަނޑުގެ ދައުރެއް ވެސްވާތީ، ރޭޑިއޯ ބްރޯޑްކާސްޓިންގގައި، ބަދުރު ހާސިލު ކުރަމުންދިޔަ ކޮންމެ ލަނޑުދަނޑިއަކީ، އަޅުގަނޑު އަމިއްލަ ގޮތުންވެސް ފަޚުރުވެރިވި ލަނޑުދަނޑިއެކެވެ.
ދެ ނަމްބަރު އޮޕަރޭޓަރުކަމުން ފެށިގެން، ރޭޑިއޯގެ އެންމެ މަތީ މަޤާމް ވަނީ ބަދުރު ހާޞިލްކޮށްފައެވެ. އެއީ ފަސޭހަ ކަމެއް ނޫނެވެ. މީގެ އިތުރުން، ބަދުރު ވަނީ ބައިނަލްއަޤްވާމީ އެތަކެއް އިނާމާއި ސަނަދު ހޯދައިފައެވެ.
ރޭޑިއޯ އިން ރިޓަޔަރ ކުރުމަށްފަހު، ބްރޯޑްކާސްޓިންގ ދާއިރާގެ އެންމެ ބާރުގަދަ ހިސާބަށް، ބްރޯޑްކާސްޓިންގ ކޮމިޝަނެއް އުފެދުނު ހިސާބުން، އެ ކޮމިޝަނުގެ ރައީސްއަކަށް ވެސް އެއްޔަނުކުރެވުނީ ބަދުރެވެ. މި ގޮތުން 2011 ން 2013 އަށް އެ ކޮމިޝަންގެ ރައީސްކަން ބަދުރު ކުރިއެވެ.
ބަދުރު ވަނީ އޭނާގެ ބްރޯޑްކާސްޓިންގ ހަޔާތުގައި، ދިވެހި ޤައުމަށް ތަފާތު ރޮނގުރޮނގުން ޚިދްމަތްކޮށްދީފައެވެ. ބަދުރުގެ ރޭޑިއޯގެ ހަޔާތުގެ ފެށުމުން ފެށިގެން، އަޅުގަނޑަކީ ބަދުރުގެ ކައިރީގައި، އޭނާގެ ވެރިއެއްގެ ގޮތަށްވުރެ ބޮޑަށް އެކުވެރިއެއްގެ ގޮތުގައާއި އެހީތެރިއެއްގެ ގޮތުގައި ހުރި މީހަކީމެވެ.
ބަދުރުގެ ދިރިއުޅުމަށް އަބަދުވެސް ބާއްޖަވެރިކަން ލިބުމަށް އެދެމެވެ.
14 ސެޕްޓެމްބަރ 2020
އަޙުމަދު މަނިކު (މައިޒާން)
އަޅުގަނޑުގެ ޝުކުރު…
އަޅުގަނޑުގެ ހަނދާންތައް ލިޔުމެއްގެ ގޮތުގައި އެހެން މީހުނަށް ފެންނަ ގޮތަށް ބޭއްވުމަށް ގަސްދުކުރީ، ދިވެހިރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓް ކުރަން ފަށައިގަތުމުގައި ދިމާވެފައިވާ ހުރަސްތަކާއި އަދި އެކަމުގައި ރެއެއް ދުވާލެއް ނެތި، އަތްވަކަށް ވާރެއަކަށް ބެލުމެއް ނެތި، ހީވާގިކަމާއެކު މަސައްކަތް ކުރެއްވި އެތަކެއް ބޭފުޅުންނެއްގެ އަގުހުރި މަސައްކަތާ ބެހޭގޮތުން، މިއަދާ ހަމައަށްވެސް ލިޔެވި، ޢާންމުންނާ ހަމައަށް ގެނެސްދެވިފައިވާ އެއްޗެއް ނެތުމާއެކު، އެންމެ ކުޑަމިނުން އަޅުގަނޑުގެ ހަނދާނުގައި ހުރި ކަންތައްތައް ލިޔެލުމުންވެސް، ކޮންމެވެސް ވަރަކަށް އެ މަސައްކަތަށާއި، މަސައްކަތް ކުރެއްވި ބޭފުޅުންނަށް، އެބޭފުޅުންގެ މަސައްކަތުގެ ބައިކުޅަބައެއްގެ ޝުކުރު ނަމަވެސް އަދާކުރެވޭނެކަމުގެ އުންމީދުގައެވެ.
އެއްވެސް ފަރާތަކަށް އަޅުގަނޑު ޝުކުރުވެރިކަމާއެކު އެއްޗެއް ބުނުމުގެ ކުރިން، އެންމެ ފުރަތަމަ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ލޯތްބާއި އިޙުތިރާމާއެކު ޝުކުރު ދަންނަވަން ބޭނުންވަނީ މައިޒާން އަޙުމަދު މަނިކަށެވެ. އާދެ، އަޅުގަނޑަށް ބްރޯޑްކާސްޓިންގ ދާއިރާއަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދެއްވުމާއި މަސައްކަތުގައި ދިމާވި ހަމަ ކޮންމެ ކަމެއް ލުއިކޮށްދެއްވުމުގެ މެދުވެރިއަކަށް ހުންނެވުމާއި، އަޅުގަނޑަށް ކުރެއްވި އިތުބާރުގެ ސަބަބުން، ދެވަނަ ފަހަރަށް އަޅުގަނޑު ރޭޑިއޯއަށް ގެނައުމުގެ އިސް ސަފުގައި އަހަންމަދޭ ހުންނެވީތީއެވެ. އަޅުގަނޑަށް އަޅުގަނޑުގެ މަސައްކަތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، އަހައްމަދޭ ބެހެއްޓެވި އޯގާތެރިކަމަށްޓަކައެވެ. އަދި އަޅުގަނޑުގެ މެންޓޯރއެއްގެ ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ. ޝުކުރިއްޔާ އަހަންމަދޭ!…

މި ހަނދާންތައް އަޅުގަނޑު ލިޔަމުންދިޔައިރު، ކުރީގެ ހަނދާންތައް ތާޒާކޮށްދެއްވުމާއި، އަދި ޓެކްނިކަލް ދާއިރާގައި އެކި ގޮތްގޮތުން އަޅުގަނޑަށް އެހީތެރިވެދެއްވި ބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ. މިހާ ކުރީގެ ކަންތައްތަކެއް، ހަމައެކަނި އަޅުގަނޑުގެ ހަނދާނުގެ މައްޗަށް ބުރަވެހުރެ ލިޔަމުން ގެންދިޔައިރު، ކޮންމެވެސް ވަރަކަށް ޝައްކު އުފެދިފައި ހުރި ކަންތައްތަކެއް ހުއްޓެވެ. ނަމަވެސް އަޅުގަނޑަށް އެހީތެރިވެދެއްވި ބޭފުޅުން އެ ކަންތައްތައް ފާހަގަކޮށްދެއްވައި އަދި ރަނގަޅު ކޮށްދެއްވިއެވެ. އަޅުގަނޑުގެ އަތުގައި ހުރި ބައެއް ލިޔުންތަކާއި ފޮޓޯތައް، އަދި އޭގެ އިތުރަށް އަޅުގަނޑަށް އެހީތެރިވެދެއްވި ބޭފުޅުންގެ ފަރާތްޕުޅުން ލިބިފައިވާ ފޮޓޯއާއި ލިޔުން ޙިއްސާ ކޮށްފައިވާނެއެވެ.
އަޅުގަނޑު ލިޔަމުން ގެންދިޔައިރު، އަޅުގަނޑަށް އެހީތެރިވެދެއްވި ބޭފުޅުންގެ ތެރޭގައި އިސްމާޢީލް ޢަބުދުﷲ (ވަޑި)، މޫސާ ރުޝްދީ، މުޙަންމަދު ސަމީރު، މުޙަންމަދު ޒަހީން ހިމަނާލަން ޖެހެއެވެ. މި ބޭބޭފުޅުންނަކީ، އަޅުގަނޑާއެކު ނުވަތަ އަޅުގަނޑަށް ވުރެ ކުރިން، ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އުޅުއްވި ހީވާގި ބޭފުޅުންނެވެ.
"ރޭޑިއޯ މޯލްޑިވްސް"ގެ ނަމުގައި ދިވެހިރާއްޖޭގެ ރޭޑިއޯ ހިނގަމުންދިޔަ ދައުރުގައި ކުރެވުނު މުހިންމު ބައެއް ކަންތައްތައް އަޅުގަނޑުގެ ހަނދާނަށް ގެނެސްދެއްވީތީ ރުޝްދީއަށް ނިހާޔަތަށް ޝުކުރިއްޔާއެވެ. ހަމަ އެއާއެކު ދެވަނަ ފަހަރަށް އަޅުގަނޑު ރާއްޖޭގެ ރޭޑިއޯ ހިންގުމާ ޙަވާލުވެގެން އުޅުނު ދުވަސްވަރު، މުޙަންމަދު ޒަހީން ފަރާތުން ލިބުނު ޓެކްނިކަލް އެހީތަކަކީ، ރޭޑިއޯ ސިގްނަލް މުޅި ރާއްޖެއަށް ފުޅާ ކުރުމުގައި ލިބުނު ވަރަށް ފާހަގަކޮށްލެވޭ އެހީތަކެކެވެ. އެކަމަށްޓަކައި، މިއަދުވެސް އަޅުގަނޑު ޒަހީނަށް ޝުކުރުވެރިވަމެވެ. ޝުކުރު ދެންނެވުމަކީ، ބިރުވެރިކަމެކެވެ. އެއީ އެންމެ ބޮޑު ޝުކުރެއް ޙައްޤުވާ ބޭފުޅުން އުނިކުރެވިދާނެ ކަމަށްޓަކައެވެ.
ދިވެހިރާއްޖޭގެ އަޑުގެ ހަނދާންތަކާ އަޅުގަނޑަށް ވަކިވެވެން އޮތީ، އަޅުގަނޑާއެކު އެޑްމިން ދާއިރާގެ ހުރިހާ ކަމެއް ބަލަހައްޓަވައިދެއްވަމުން ގެންދެވި، އެންމެ އިތުބާރުކުރެވޭ، އެންމެ ހަރުދަނާ އެއް ބޭފުޅެއް ކަމުގައިވާ، ބިޔުރޯގެ ސެކްރެޓަރީއެއްގެ ގޮތުން ވަރަށް އިޚްލާޞްތެރިކަމާއެކު، ދިވެހިރާއްޖޭގެ އަޑަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ޖުވޭރިޔާ ސަޢީދަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.

އަޅުގަނޑު ދިވެހިރާއްޖޭގެ އަޑުގައި، ދެފަހަރު މަތިން، މަސައްކަތްކުރި ދިގު މުއްދަތުގެ، ބޮޑު ބައެއްގައި ޖުވޭގެ ފަރާތްޕުޅުން އަޅުގަނޑަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން އަބަދުވެސް ހަނދާންކުރަމެވެ. ލިޔުންތައް ބެލެހެއްޓެވުމާއި، މީޓިންތައް އެރޭންޖްކުރެއްވުމުން ފެށިގެން، ފައިލްތައް ތަރުތީބުކުރެއްވުމާ ހަމައަށްވެސް، ބިޔުރޯ ސެކްރެޓަރީއެއްގެ ގޮތުން ހަމަ ޖުވޭވަރެއް ނެތެވެ.
މިއަދުވެސް ޖުވޭ އުޅުއްވަނީ ދިވެހިރާއްޖޭގެ އަޑުގައެވެ. މިއީ ޖުވޭގެ މަސައްކަތުގެ އިޚްލާސްތެރިކަމުގެ އެންމެ ވަރުގަދަ ހެއްކެވެ.
އާދެ، ޚަރާބުނުވެ، ހަލާކުނުވެ، އޮތް އަބުރަކާއި ނަމަކާއެކު، މިހާ ގިނަ ދުވަހު، މިކަހަލަ ބިޔަ ވަޒީފާއެއް މިއަދާކުރެވުނީ، ހަމަ ޔަޤީނުންވެސް އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ބޭފުޅުންގެ ލޯތްބާއި އިޚްލާޞްތެރިކަން އަޅުގަނޑާ ދޭތެރޭ ހުރިލެއް ބޮޑުކަމުންކަން ޔަޤީނެވެ. އެހެންކަމުން މި ޝުކުރުގެ ލިސްޓް ފުރިހަމަވާނީ، އެތަނުން އެއް ބޭފުޅެއް ކަމަށްވާ، އަޅުގަނޑާއެކު ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރ އޮފް ފައިނޭންސްގެ މަގާމުގައި ހުންނެވި ފަހުމީ ރަޝާދަށް، ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކޮށްގެންނެވެ.

ފަހުމީ އަޅުގަނޑަށް އަންގަވައިފައި އޮންނަނީ، މާލިއްޔަތު ޤާނޫނު ފިސާރި ރަނގަޅަށް ދަސްކޮށްގެން އިނުމަށެވެ. އަދި، ކަމެއް އޮޅުންނުފިލައިފިނަމަ އަބަދުވެސް އެހީތެރިކަން ދެއްވާނެ ކަމަށެވެ. މި ދެ ކަންތައްވެސް އަޅުގަނޑު ބަރާބަރަށް ކުރީމެވެ. އެއްވެސް ކަމަކާ ދޭތެރޭ (ޚާއްޞަކޮށް ފައިސާއާބެހޭ) ކަމަކާ ދޭތެރޭ އަޅުގަނޑަށް ޝައްކެއް، އޮޅުމެއް އަރައިފިނަމަ، ފަހުމީއަށް ދަންނަވާލުމުން، އެކަމެއް އޮންނަންވާނެ ގޮތް ބުނެދެއްވައެވެ. ގޯސްކޮށް ކަމެއް ކުރެވެން އުޅޭނަމަ، ހަމަ މަގަށް އަޅުވައިދެއްވައެވެ.
މިއަދުވެސް އަޅުގަނޑު ފަހުމީ ރަޝާދަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
ރޭޑިއޯ ބްރޯޑްކާސްޓިންގ ރާއްޖޭގައި ފެށުނުގޮތާ ބެހޭގޮތުން ލިޔެފައި އެވަނީ، އެކަމުގައި ޢަމަލީ ގޮތުން އުޅުއްވި މައިޒާން އަހުމަދު މަނިކުގެ އެހީތެރިކަމާއެކު، ފުރިހަމަ ކޮށްލެވިފައިވާ ބައެކެވެ. ހަމަ އެއާއެކު މަޑުލު މުޙަންމަދު ވަޙީދަށް ހިތުގެ ހިފެހެއްޓުމެއް ނެތް ޝުކުރު ރައްދު ކުރަމެވެ.

އަޅުގަނޑުގެ ލިޔުންތައް ބައްލަވައި، އޭގައި ހުރި އުނިކަންތައްތަކާއި، ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކުގެ މަތިން ފޮތް ބައްޓަން ކޮށްދެއްވުމުގައި، ވަޙީދުގެ އެހީތެރިކަން އިންތިހާއެވެ.
އަޅުގަނޑުގެ ދަރިފުޅު އާއިޝަތު ސަފާ، މި ލިޔުންތައް ކިޔައިފައި، ވަރަށް ގިނަ ލިޔުމުގެ ކުށްތައް ބުނެދިނެވެ. އޭނާއަށާއި އޭނާގެ ފިރިކަލުން ހަސަން ޚަލީލަށް ވެސް ހަމަ ޝުކުރިއްޔާއެވެ!
އެންމެ ބޭފުޅުންނަށް ޝުކުރިއްޔާ!
24 މާރޗް 2020
ބަދުރުއްނަޞީރު

(ނިމުނީ)
–
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 4
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 5
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 6
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 7
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 8
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 9
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 10
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 11
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 12
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 13
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 14
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 15
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 16
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 17




advertisment