ފެންބޮޑުވުމާއި ތޫފާންތަކުގެ ތެރޭގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި 170 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮތް ދެކުނު އޭޝިޔާގެ ގައުމެއްކަމަށްވާ ބަނގްލަދޭޝުންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ކުރިއާލައި އިންޒާރުދިނުމުގެ ނިޒާމުތަކާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ހިޔާތަކުގެ ސަބަބުން ނުރައްކާތަކުން ސަލާމަތްވުމަށް މީހުންނަށް އެހީތެރިވެދެއެވެ. ނަމަވެސް ކާރިސާތަކަށްފަހު އަމިއްލަ ދިރިއުޅުން އަލުން އާރާސްތުކުރުމުގައި އެތައް މިލިއަން ބަޔަކު އަދިވެސް ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ.
ބަނގްލަދޭޝްގެ އެތައް މިލިއަން ރައްޔިތުންނަށްވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. ގިނަ ބަޔަކު އެތައް ފަހަރަކު ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާއިރު، ރައްކާތެރި ބޯހިޔާވަހިކަމެއް ނުވަތަ އިތުބާރުހުރި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނެތި ބައެއް މީހުންވަނީ އެތައް އަހަރެއް ވޭތުކޮށްފައެވެ.
މި ކަމުގެ ބޮޑުކަން އޮތީ ބިރުގަންނަން ޖެހޭ ފަދަ ދަރަޖައެއްގައެވެ. ބައިނަލްއަގުވާމީ ހިޖުރަކުރުމާ ބެހޭ ޖަމިއްޔާ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް)އިން މި ދިޔަ އަހަރު މުޅި ގައުމުގައި ހެދި ދިރާސާއަކުން ދެއްކީ ކާރިސާތަކުގެ ސަބަބުން ބަނގްލަދޭޝްގައި ފަސް މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލިފައިކަމެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުންނަކީ 2020 ގެ އެޕްރިލްގެ ކުރިން ގެދޮރު ގެއްލިފައިވާ މީހުންނެވެ. މިއިން ދައްކައިދެނީ ގެދޮރު ގެއްލުމުގެ މައްސަލައަކީ ގިނަ ފަހަރަށް އެތައް އަހަރަކަށް ދެމިގެންދާ ކަމެއްކަމެވެ.
ކޯރުތަކުގެ އައްސޭރިފަށް ގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދަނޑުބިންތަކަށް ލޮނު ވަނުމާއި އަދި ބާރުގަދަ ތޫފާންތަކުގެ ސަބަބުން ގެދޮރަށާއި ދަނޑުބިންތަކަށް ދަނީ ނުރައްކާވަމުންނެވެ. ގިނަ އާއިލާތަކުން ބަދަލުވަނީ މީހުން ތޮއްޖެހިފައިވާ އާބަން ސަރަހައްދުތަކަށެވެ. އެ ފަދަ ސަރަހައްދުތަކުގައި ގިނަ ފަހަރަށް އެކަށީގެންވާ ފެން ހިންދާ ނިޒާމުތަކާއި ނަރުދަމާއާއި އަދި ރައްކާތެރި ބޯހިޔާވަހިކަމެއް ނުހުރެއެވެ.
ތަރައްގީގެ ދާއިރާގެ މާހިރެއްކަމަށްވާ މުހައްމަދު ޒަމާންވަނީ، ސަމާލުކަން ގެއްލިފައިވާ މި ކާރިސާ ފާހަގަކޮށް، ކުއްލި އެހީގެ ހިޔާވަހިކަން ފޯރުކޮށްދިނުމުން އެކަނި ނުފުދޭނެކަމުގެ އިންޒާރުދީފައެވެ. އާއިލާތަކަށް ރައްކާތެރި ގެދޮރާއި ވަޒީފާއާއި ސްކޫލުތަކާއި ސިއްހީ ފަރުވާއާއި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންވާކަމަށް އޭނާ މި ދިޔަ މަހު ބުންޏެވެ.
ބަނގްލަދޭޝްގެ 1997 ގެ "އަޝްރަޔާން" ހައުސިން ޕްރޮގްރާމުންވަނީ ބިން ނެތް އާއިލާތަކަށް އެހީތެރިވެދީފައެވެ. ނަމަވެސް އަލުން ވަޒަންވެރިކުރުވި ބައެއް ސަރަހައްދުތަކުގައި އަސާސީ ހިދުމަތްތައް މަދެވެ. އަދި ބައެއް އާއިލާތަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތުތަކާއި މުޖުތަމައުގެ އެހީތެރިކަންވަނީ ގެއްލިފައެވެ.

"ހަގީގީ އިމްތިހާނަކީ ހަވާލުކުރާ ހައުސިން ޔުނިޓުތަކުގެ އަދަދެއް ނޫން، ނަމަވެސް އާއިލާތަކަށް އެ މީހުންގެ އާމްދަނީ ހޯދުމުގެ ވަސީލަތްތައް އަލުން ބިނާކުރެވޭތޯއާއި އެ މީހުން ބަދަލުވާ މުޖުތަމައުތަކުން އެ މީހުން ބަލައިގަނޭތޯ،" ޒަމާން ބުންޏެވެ.
ބޯހިޔާވަހިކަމާއި ބިމުގެ ހައްގުތަކާއި އަދި އިޖްތިމާއީ ރައްކާތެރިކަން ވަރުގަދަކުރުމަށް އޭނާ ސަރުކާރަށް އިލްތިމާސްކުރެއެވެ. އަދި މޫސުމީ ބަދަލުތަކަށް އެކަށީގެންވާ ޕްލޭންތައް އެކުލަވައިލުމަށާއި ފަންޑު ހޯދުމަށްވެސް އޭނާ ގޮވައިލައެވެ.

"ތޫފާނުތަކަށް ތައްޔާރުވުމުގެ ކާމިޔާބީން ސަރުކާރުގެ ސިޔާސަތުތަކުން މީހުންގެ ފުރާނަ ސަލާމަތްކުރެވިދާނެކަން ބަނގްލަދޭޝުންވަނީ ސާބިތުކޮށްދީފައި. ދެން އޮތް އިމްތިހާނަކީ ކާރިސާއިން ސަލާމަތްވާ މީހުންނަށް އޭގެ ފަހުން ކަރާމާތާއި އާމްދަނީ އާއި ސަލާމަތްތެރިކަން އަލުން އަނބުރައި ހޯދިދާނެތޯ،" ޒަމާން ބުންޏެވެ.
މި ގޮންޖެހުން ވަރަށް ސާފެވެ. ގެދޮރު ގެއްލިފައިވާ އާއިލާތަކަށް އެ މީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް ސަރުކާރުން އެހީތެރިވެދޭންޖެހެއެވެ. ފުރާނަ ސަލާމަތްވުން ވާންޖެހޭނީ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގެ ފެށުމަކަށެވެ. އެތައް އަހަރެއްގެ ފަގީރުކަމުގެ ފެށުމަކަށް ނޫނެވެ.




advertisment