ބަޑިޖަހައި އިސްރާއީލުގެ ދެ ސިފައިން އިއްޔެ މަރައިލުމައި ގުޅިގެން ހުޅަނގު އައްސޭރީގެ 12 ޓައުނަށް މިއަދު ރެއިޑް ޖަހައިފިއެވެ.
ހަލީލު ސަހަރު ކައިރީގައި އިސްރާއީލުގެ ދެ ސިފައިން މަރައިލުމައި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ނާބްލުސް، ޖިނީން، ތޫބާސް އަދި ގަލްގީލިޔާއަށް އަމާޒުކޮށް ހިންގި އޮޕަރޭޝަންތަކުގައި އެތައް ދޮޅަހެއްގެ ފަލަސްތީނު ރައްޔިތުންވަނީ ހައްޔަރުކޮށްފައެވެ.
އިސްރާއީލުގެ ބުލްޑޯޒަރުތަކުންވަނީ ހަލީލު ސަހަރުގައި ހުރި ތިން ބުރީގެ އިމާރާތެއް ތަޅައިލައިފައެވެ. އާއިލާތަކަށް އެ މީހުންގެ މުދާތައް އެއްކުރުމަށް ދިނީ އެންމެ ފަސް މިނެޓުގެ ވަގުތުކޮޅެކެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް ސަތޭކަ އާއިލާތަކަށްވަނީ ގެދޮރު ދޫކޮށް ދިއުމަށްވެސް އަމުރުކޮށްފައެވެ.
އިސްރާއީލު ސިފައިން އަޅައިފައިވާ ހުރަސްތަކުގެ ސަބަބުން ފަލަސްތީން ރައްޔިތުންގެ ދަތުރުފަތުރަށާއި އެ މީހުން އަސާސީ ހިދުމަތްތައް ހޯދުމަށް ބޮޑެތި ބުރޫތަކެއް އަރައިނެއެވެ.
ފަލަސްތީންގެ ސިޔާސީ ޕާޓީއެއްކަމަށްވާ ޕަލަސްޓީނިއަން ނޭޝަނަލް އިނީޝިއޭޓިވްގެ އަމީން އާއްމު މުސްތަފާ ބަރްގޫތީ އަލް ޖަޒީރާއަށް ބުނީ ހުޅަނގު އައްސޭރީގެ ޓައުންތައް ބަންދުކުރުމުގެ ސަބަބުން ފަލަސްތީނުގެ މުޖުތަމައުތައް ބަދަލުވާނީ "ކުޑަ ޖަލަކަށް"ކަމަށެވެ.
"އަދި އެންމެނަށް އެއްކޮށް ޖަމާއީ އަދަބުދިނުމުން ހަމަނުޖެހުންތަކަކަށް މަގުފަހިވާނެ،" އޭނާ ބުންޏެވެ.



advertisment