Support Us

މުޒާހިރީންނާ ދެކޮޅަށް އިންޑިއާ ފުލުހުން ހިންގަމުންދާ އަނިޔާވެރިކަން ތަހުގީގުކުރަން އދ.އިން ގޮވައިލައިފި

އިންޑިއާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އަނިޔާވެރިކަން ތަހުގީގުކުރަން އދ.އިން ގޮވައިލައިފިއެވެ.

އިންތިހާބީ އިސްލާހުތަކަށާއި ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާދެއްވުމަށް ގޮވައިލައި ސުލްހަވެރިކަމާއެކު މުޒާހަރާކުރަމުންދާ މީހުންނާ ދެކޮޅަށް ފުލުހުން އަނިޔާވެރިކަން ހިންގައިކަމަށްކުރާ ތުހުމަތުތައް ތަހުގީގުކުރަން އިންސާނީ ހައްގުތަކާ ބެހޭ 20 އަށްވުރެ ގިނަ އދ.ގެ މާހިރުން އިންޑިއާއަށް އިލްތިމާސްކުރިއެވެ.

އެ މާހިރުން ބުނި ގޮތުގައި ފުލުހުން ދަނީ ހަތިޔާރެއް ނެތް ދަރިވަރުންނާ ދެކޮޅަށް މުގުރުބުރި ބޭނުންކޮށް، މުޒާހަރާތައް ހަނިކޮށް، އަދި ހައްޔަރުކުރާ މީހުންނާމެދު އިހާނެތިކޮށް ކަންތައްކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ނޫސްވެރިންނާއި ގާނޫނީ ވަކީލުންނާއި އަދި ހައްގުތަކަށް ވަކާލާތުކުރާ މީހުން ހިމެނޭހެން މިހާތަނަށް 7,000 އަށްވުރެ ގިނަ މީހުން ވެރިރަށް ދިއްލީންވަނީ ހައްޔަރުކޮށްފައެވެ.

"އިންތިހާއަށް ބާރުގެ ބޭނުންކުރުން ވަގުތުން ހުއްޓައިލުމަށާއި އެއްވުންތައް މަނާކުރަން އަޅާފައިވާ އާންމު ހުރަސްތައް އުވައިލުމަށާއި އަދި ބަޔޯމެޓްރިކްސްއާއި އިންޓަނެޓުގެ ހިދުމަތް ކަނޑައިލުން ހިމެނޭހެން ޑިޖިޓަލް ފާރަވެރިވުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމުން އެއްކިބާވުމަށް އަހަރެމެން ރަސްމީ އިދާރާތަކަށް އިލްތިމާސްކުރަން،" މާހިރުން ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި ވޯޓް ލައި މީހުންގެ ލިސްޓަށް ގެނައި އިސްލާހުތަކާއެކު ގާތްގަނޑަކަށް 130 މިލިއަން މީހުންގެ ނަން އެ ލިސްޓުންވަނީ އުނިކޮށްފައެވެ. މި ކަމުގެ ސަބަބުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ، ހާއްސަކޮށް ފަގީރުންނާއި މުސްލިމުންގެ ވޯޓުލުމުގެ ހައްގު ގެއްލިގެންދިއުމުގެ ފުރުސަތު އެބައޮތްކަމަށް އެ މީހުން ބުނެއެވެ. އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ބުނީ މި މަސައްކަތަކީ ޝަރުތު ހަމަނުވާ މީހުން އުނިކުރުމުގެ މަސައްކަތެއްކަމަށާއި އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

"(އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ) މޯދީގެ ސަރުކާރުން މުޒާހަރާގެ ޒުވާން ބައިވެރިން ޖަލަށް ލުން ހުއްޓައިލައި، އޭގެ ބަދަލުގައި ވޯޓުލުމުގެ ހައްގާއި އިންތިހާބުގެ އިންސާފުވެރިކަމާމެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އެ މީހުންނާއެކު މަޝްވަރާކުރަންޖެހޭ،" 100 ގައުމެއްގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތައް ހިމާޔަތްކުރަން މަސައްކަތްކުރާ އެން.ޖީ.އޯ ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ޑިރެކްޓަރު އިލެއިން ޕިއާސަން ބުންޏެވެ.

އިންޑިއާއިން މީގެ ކުރިންވަނީ އދ.ގެ ފާޑުކިޔުންތަކަކީ އެ ގައުމުގެ ދާހިލީ ކަންކަމާ ބެހުންކަމަށް ސިފަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *