Support Us

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާދެއްވުމަށް ގޮވައިލައި ޕޯސްޓަރެއް ހިފައިގެން މީހަކު މުޒާހަރާއެއްގައި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާނުދިނުމުން މޯދީއާ ދެކޮޅަށް ފުޅާވަމުންދާ މުޒާހަރާތައް

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާދެއްވުމަށް ގޮވައިލައި، ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެކޮޅަށްކުރާ މުޒާހަރާތައް ދަނީ އިތުރުވަމުންނެވެ. އެއީ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ވޯޓު ލައި މީހުންގެ ލިސްޓަށް ކުމާރު ބަދަލުތަކެއް ގެންނަވައިފައިވާކަމުގެ ތުހުމަތުގައެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި ޒުވާން އެކްޓިވިސްޓުން ދަނީ ވޯޓް ލައި މީހުންގެ ލިސްޓުން 130 މިލިއަނެއްހާ މީހުންގެ ނަން ނުހައްގުން އުނިކޮށްފައިވާކަމަށް އިލެކްޝަން އިދާރާތަކަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނީ މި މަސައްކަތަކީ މަރުވެފައިވާ މީހުންނާއި އެހެން ތަންތަނަށް ބަދަލުވެފައިވާ މީހުންނާއި ނުހޯދުނު މީހުންނާއި އަދި އެކި ލިސްޓުތަކުގައި ނަން ތަކުރާރުވެފައިވާ މީހުން ދެނެގަތުމަށް ހިންގި ހަރަކާތެއްކަމަށެވެ. އަދި އެ އަދަދުން ދައްކައިދެނީ އެ އެންމެންގެ ނަން އުނިކުރީކަމަކަށް ނޫންކަމަށެވެ.

މި މައްސަލަ އިތުރަށް ހޫނުވެގެންދިޔައީ ލިސްޓަށް ގެނައި އިސްލާހުތަކުގެ ބައެއް ކަންކަމާމެދު އިލެކްޝަން ކޮމިޝަންގެ ދެ މެންބަރަކު އިއުތިރާޒުކުރިކަމަށް އިންޑިއާގެ ދި އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ރަސްމީ އިދާރާތަކުންވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިންޓަނެޓުގެ ގުޅުންތައް ހަނިކޮށް، އަދި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް މި ފިޔަވަޅުތަކާއެކުވެސް އާންމުންގެ ނުރުހުން ކޮންޓްރޯލެއްނުވެއެވެ. ޒުވާން އެކްޓިވިސްޓުންނާއި އިދިކޮޅު ޖަމާއަތްތަކުން ދަނީ ޖަވާބުދާރީވުމަށް އެދި އަޑުއުފުލަމުންނެވެ.

ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީގެ ކުރީގެ ޕްރޮފެސަރެއްކަމަށްވާ ސިޔާސީ މުހައްލިލު ރަޖީވް ބާގަވާވަނީ ކުމާރު މަގާމުން ވަކިކުރުމަށް ސަރުކާރުން ދެކޮޅުހަދާ މައްސަލައާމެދު ސުވާލު އުފައްދައިފައެވެ.

"ކުޑަކޮށް ޝައްކު އުފެދުނަސް ޑިމޮކްރެޓިކް ސަރުކާރެއްނަމަ އެ މީހަކު އިސްތިއުފާ ދިނުމަށް އެދޭނެ،" އިނގިރޭސި ވިލާތުގެ ދި އިންޑިޕެންޑެންޓް ނޫހަށް އޭނާ ބުންޏެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ޔުނިވާސިޓީގެ ޕްރޮފެސަރު އަޕޫރްވާނަންދު ބުނީ މި މައްސަލައަކީ ހަމައެކަނި އެކަކާ ގުޅިފައިވާ މައްސަލައެއް ނޫންކަމަށެވެ.

"އޭނާއަކީ ބޮޑު ރޭވުމެއްގެ ތެރޭގައި ބޭނުންކުރެވޭ ވަސީލަތެއް،" ބީ.ޖޭ.ޕީއަށް ފައިދާވާނެހެން އިންތިހާބީ ނިޒާމަށް ނުފޫޒު ފޯރުވަން ހިންގާ ފުޅާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކުމާރު ސިފަކުރަމުން އޭނާ ބުންޏެވެ.

ސަރުކާރުން ބުނީ އެއްވެސް ކުށެއްނުކުރައިކަމަށެވެ.

"ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު އިސްތިއުފާދެއްވުމުގެ އެއްވެސް ފުރުސަތެއް ނެތް،" ބާރުވެރިކުރުވުމާއި އިޖުތިމާއީ އަދުލާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ރާމްދާސް އަޓާވާލޭ ވިދާޅުވިއެވެ.

ބާގަވާވަނީ ސަރުކާރުން މި މައްސަލައާމެދު އަމަލުކުރާ ގޮތުގެ ސަބަބުން އާންމުންގެ އިތުބާރު އިތުރަށް ގެއްލިގެންދާނެކަމުގެ އިންޒާރު ދީފައެވެ. އަދި ޑިމޮކްރެޓިކް ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދަން ޖެހޭނީ ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ބަރުލަމާނީ ބަހުސްތަކާއި މަޝްވަރާގެ މަގުންކަމަށް އޭނާ ފާހަގަކުރިއެވެ.

މި މުޒާހަރާތަކުން އިންޑިއާގެ ޒުވާނުން އިސްވެގެން ހިންގާ "ކޮކްރޯޗް ޖަންތާ ޕާޓީ" ނުވަތަ ކުރަފި ޕާޓީ ހަރަކާތުގެ ނުފޫޒު އިތުރުވަމުންދާކަންވެސް ހާމަވެއެވެ. އެ ހަރަކާތަކީ މީގެ ކުރިން އިމްތިހާނުގެ މައްސަލަތަކަކާ ގުޅިގެން ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވަން ޖެހުނު މުޒާހަރާތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ހަރަކާތެވެ.

އަންނަ އަހަރު ބާއްވައި ސްޓޭޓްތަކުގެ އިންތިހާބުތައް ކައިރިވަމުންދާއިރު، ވޯޓު ލައި މީހުން ރަޖިސްޓްރީކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ މި މައްސަލައަކީ އިންޑިއާގެ އިންތިހާބީ އިދާރާތަކަށް އާންމުންގެ އިތުބާރު އޮތް މިންވަރާއި އަދި އިދިކޮޅު ހިޔާލުތަކަށް ސަރުކާރުން އިޖާބަ ދޭ ގޮތް ވަޒަންކުރެވޭ ބޮޑު އިމްތިހާނަކަށްވަނީވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *