"ޙަޔާތުގެ ރާސްތާ": އަޅުގަނޑު ބައިވެރިވި ފުރަތަމަ ރޭޑިއޯ ޑްރާމާ
އަޅުގަނޑު ރޭޑިއޯ ޑްރާމާއެއްގައި އެންމެ ފުރަތަމަ މަސައްކަތްކުރީ، ސައިކުރާ އިބްރާހީމް ނަޢީމް ތައްޔާރު ކުރެއްވި "ޙަޔާތުގެ ރާސްތާ" ކިޔާ ޑްރާމާއެއްގައެވެ. ޑްރާމާ ރެކޯރޑްކުރީ، ފަރީދީ ސިނެމާގައެވެ. ޑްރާމާގެ އެއް މަންޒަރެއްގައި، ކާނިވަލެއްގެ އެތެރޭގައި ހިނގާ ހާދިސާއެއް ގެންނަން ޖެހެއެވެ. މިތަނުގައި ހުންނާނެ އަޑުތައް ރެކޯރޑްކުރަން، ނަޢީމު އެދިލެއްވީ ފަރީދީސިނަމާގެ ގޯތިތެރޭގައި ކާނިވަލެއްގެ ސްޓޯލްތަކެއް ހަދާށެވެ. ސްޓޯލްތަކެއް ހަދައިގެން، އެސްޓޯލް ތަކުގައި މީހުން ބައިތިއްބައިގެން، ނައީމްގެ އިޝާރާތަށް މަސައްކަތް ކުރަމުން ގެންދިއުންވީ ބޮޑު މަޖާގަނޑަކަށެވެ.
ކާނިވާ ތައްޔާރު ކުރުމުގެ އެންމެ ބޮޑު މޭސްތިރިއަކަށް ހުންނެވީ، އަލްމަރުޙޫމް ސައިކުރާ ޢަބުދުއްރަޝީދެވެ. އަބުޝީގެ ލާނެއްކަމާއި މަޖަލުގެ ސަބަބުން، މުޅި ކާނިވާ އޮތީ ހަމަ ފޯރިގަދަ، މަޖާ ކާނިވަލެއްގެ ސިފަ ޖެހިފައެވެ. ދަޅުވައްޓާ ސްޓޯލްގައި ހުންނެވީ އަބުދުއްރަޝީދެވެ. އެ ސްޓޯލްގެ އަޑު ގަދަކަމުން، އެހެން ސްޓޯލެއްގެ އަޑެއް އިވޭވަރެއް ނުވެއެވެ. ބައެއްފަހަރު ނަޢީމުވެސް ރުޅިދުރުވާ ހިސާބަށް ދުއްވާލައެވެ.

"ޙަޔާތުގެ ރާސްތާ"ގައި އަޅުގަނޑުގެ ބައިގައި، އަޅުގަނޑަށް ފުރަތަމަ ޖެހެނީ ފޯނުން އެއްޗެއް ބުނާށެވެ. ފަރީދީ ސިނަމާގައި އިތުރު ފޯނެއް ނެތެވެ. މިކަން ކުރަން އަޅުގަނޑު ދާންޖެހުނީ، ހެންވޭރުގައި ހުރި ރޭޑިއޯގެ އާ އިމާރާތަށެވެ. ރެކޯރޑް ކުރުމުގެ ކަންތައް ކުރިއަށްދަނީ، ގަލޮޅު ފަރީދީ ސިނެމާގައެވެ. ހެންވޭރުގައި ހުރި ޢިމާރާތުގައި ހުރި ފޯނަކުން ފަރީދީ ސިނެމާގެ ނަންބަރަށް ގުޅުމަށްފަހު، ނައީމް ފަށާށޭ ބުނުއްވީމާ އަޅުގަނޑު ބުނަންޖެހުނު ތަންކޮޅު މިއަދުވެސް ހަނދާން އެބަހުއްޓެވެ.
"ހެލޯ! ޝީ!" މިއެވެ. މިހެން ބުނެލުމަށްފަހު، އެ ނިމުނީ އެވެ.
އަނެއްކާވެސް، ބައިސްކަލަށް އަރާފައި ބާރަށް އަނބުރާފައި ފަރީދީ ސިނެމާ އަށް އައީއެވެ. އަޅުގަނޑަށް ބުނެވުނީ ރަނގަޅަށް ކަމެއް، ގޯސްކޮށް ކަމެއްވެސް އެނގުނީ އައިފަހުންނެވެ.
ނައީމު ބުނުއްވީ ވަރަށް ރަނގަޅު ކަމުގައެވެ.
"އިންސްޓެންޓް އިންގްލިޝް" ވުޖޫދުވުން
ރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓިންގ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން އާދެއެވެ. ޓެކްނިކަލް ގޮތުން ކުރިއަރަމުން އިންސާނީ ވަޞީލަތްތައް ވެސް މަޑުމަޑުން ކުރިއަރަމުން ދެއެވެ. އަދި ޕްރޮގްރާމްތައްވެސް އިތުރުވަމުން އާދެއެވެ.
ބޮޑެތި މީހުނަށް އުނގަންނައިދިނުމުގެ ދާއިރާއިން، ރޭޑިއޯއިން ފުރަތަމަ ބްރޯޑްކާސްޓްކުރީ "އިންސްޓަންޓް އިންގްލިޝް" ކިޔާ، ރޭޑިއޯއިން އިނގިރޭސި ކިޔަވައިދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެއްޓީ، 21 ޖޫން 1966 ގައެވެ. އޭރު އަޅުގަނޑު އަދި ރޭޑިއޯއަކާ ނުގުޅެމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ އަލްމަރުޙޫމް މުޙަންމަދު ޒާހިރު ނަޞީރެވެ. "އިންސްޓެންޓް އިންގްލިޝް" އަކީ، އިނގިރޭސި ބަސް ކިޔަވައިދިނުމުގެ ގޮތުން ފޮނުވުނު ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމަކީވެސް، ދިވެހި ވަރަށް ގިނަ ޒުވާނުން ރޭޑިއޯއާ ދޭތެރޭ ވިސްނަން ފެއްޓި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓް ކުރުމަށްފަހު، އެދުވަހު ފޮނުވާ ޕްރޮގްރާމްގައި ހިމެނޭ ސުވާލުތަކަށް ބައިވެރިން ޖެހެނީ، ޖަވާބު ލިޔެފައި ފޮނުވާށެވެ. ޖަވާބު ލިޔަން ޖެހެނީ، އެކަމަށް ޕްރޮގްރާމްގެ ފަރާތުން ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައެވެ. އެ ކަރުދާސް ރޭޑިއޯ ސްޓޭޝަނުން ހިލޭ ލިބޭ ގޮތަށް އޮތީ ހަމަޖެހިފައެވެ.
"އިންސްޓެންޓް އިންގްލިޝް" އަކީ، ރޭޑިއޯއިން ހިންގައިފައިވާ ބޮޑެތި މީހުނަށް އިނގިރޭސި ކިޔަވައިދިން ފުރަތަމަ ޕްރޮގްރާމެވެ.

(ޑިރެކްޓަރ މައިޒާން ޢަލީމަނިކު ދެއްވި ފޮޓޯގެ ނުސާފުކަމަށްޓަކައި މަޢާފަށް އެދެމެވެ. ހުރިހާ ބޭފުޅުންގެ ނަންފުޅުތައް ނޭނގޭތީ، ނަން ޖަހަން ނޫޅުނީއެވެ.)
ރޭޑިއޯ މޯލްޑިވްސް އުފެދުން
ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންގެ ނަން 16 ފެބްރުއަރީ 1969ގައި "ރޭޑިއޯ މޯލްޑިވްސް"ގެ ނަމަށް ބަދަލުވެއްޖެއެވެ. ރޭޑިއޯއަށް މި އަންނަމުންދާ އެއްވެސް ބަދަލަކާއެކު، ސްޓޭޝަންގެ މަޤުޞަދާއި އަމާޒަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މަޤުޞަދަކީ، ދައުލަތުގެ މީޑިއާއިން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ.
އާދެ އެއީ:
- ހޭލުންތެރިކުރުވުމާއި
- ކިޔަވައިދިނުމާއި
- މުނިފޫހިފިލުވައިދިނުމެވެ.
އެ ދުވަސްވަރަކީ، "ޕަބްލިކް ސާރވިސް ބްރޯޑްކާސްޓިންގ" މިއީ، ކޮން އެއްޗެއްކަންވެސް ދަންނަ ބަޔަކު ސްޓޭޝަންގައި އުޅުނު ދުވަސްވަރެއް ނޫނެވެ. ނަމަވެސް ފަހުން އަޅުގަނޑަށް އެނގުނީ، އޭރުވެސް ރޭޑިއޯ ސްޓޭޝަން، ސަރުކާރުން ހިންގި ކަމުގައި ވިއަސް، ސްޓޭޝަނުން ކުރި ކަމަކީ، މިއަދުގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުވެސް ކުރާ ކަންތައްކަމެވެ.

ޕަބްލިކް ސަރވިސް ރޭޑިއޯގެ ކަމަކީ ހަމައެކަނި މުނިފޫހިފިލުވުމާއި އުނގަންނައިދިނުމާއި އަދި ހޭލުންތެރިކުރުމެވެ. މިއީ، ކިހިނެއް ކުރާ ކަންތައްތަކެއް ކަން، މިކަންތައްތައް ރޭޑިއޯއިން ކުރުމުގައި، ވަކި އުޞޫލުތަކަކާއި ހަމަތަކެއް އޮންނަކަން، އަދި މިއިން ކޮންމެ ބަޔަކީވެސް ބައިތަކަކަށް ބަހާލެވިގެން، ވަކި ކަހަލަ ގޮތަކަށް ރޭޑިއޯއިން ފޮނުވަންޖެހޭ އެއްޗެތިކަން އެކަކަށްވެސް ނޭނގެއެވެ.
އަޅުގަނޑުމެން ކުރަމުންގެންދިޔަ ކަމަކީ، އިޚްލާޞްތެރިކަމާއެކު، އަމުރަށް ކިޔަމަންވުމެވެ. އޮފީހުން އަންގަވާ އެނގެވުންތަކަށް ބޯލެނބުމާއި، އަޅުގަނޑުމެންގެ ވެރިންނަށް އިޙުތިރާމްކުރުމެވެ.
އެ ދުވަސްވަރުވެސް، އަދި މިހާރުވެސް ހަމަ ޔަގީނުންވެސް އެނގޭ އެއް ކަމަކީ، ރޭޑިއޯއިން ބްރޯޑްކާސްޓް މިކުރަނީ، ބަޔަކަށް އަޑުއިއްވަންކަމެވެ. އާދެ، އެއީ ރާއްޖޭގެ ރައްޔިތުންނެވެ. އެހުންތެރިންނެވެ. އެމީހުންނަށް އަޑުއިއްވަން އެއްޗެއް ފޮނުވާނަމަ، ފޮނުވަންޖެހޭނީ، އެމީހުން އަޑުއަހާނެ ކަމަށް ލަފާކުރެވޭ އެއްޗެއް، އަޑުއަހާލަން ފަސޭހަ ގޮތަކަށް ފަސޭހަ ގަޑިއެއްގައި ކަމެވެ. ކޮންމެ ގޮތަކަށް ވިސްނި ކަމުގައިވިއަސް، މިއީ ޙަޤީޤަތެވެ. ތެދުތެދަށް ދަންނަވާނަމަ، އަޅުގަނޑު ރޭޑިއޯއާ ގުޅިގެން މަސައްކަތްކުރަން ފެއްޓި ދުވަސްވަރު، އެހުންތެރިންގެ އިޙުސާސްތަކަށް މާބޮޑަށް ވިސްނިފައެއްނެތެވެ. އެހުންތެރިންނާއި ރޭޑިއޯއާ އޭރުވެސް ގުޅެއެވެ. އެއީ، ރިކްއެސްޓް ޕޮރޮގްރާމެއްގެ އެހީގައެވެ.
ރޭޑިއޯއިން ފޮނުވާ ރިކްއެސްޓް ޕްރޮގްރާމްގެ މަޝްހޫރުކަމާއި މާލޭގެ އެހުންތެރިން އެކަމަށް ބޭނުންވެފައި ތިބި މިންވަރު އެނގެނީ، އެދުވަސްވަރުގެ ސަރުކާރުގެ ވަޒީރުންނާއި އަދި ސަރުކާރުގެ އެހެނިހެން ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް، އެތައް ބައިވަރު ފައިސާއެއް އެކަމަށް ޚަރަދުކުރައްވާތީއެވެ. (އަޅުގަނޑު "މާލޭގެ އެހުންތެރިން"ނޭ މި ދެންނެވީ، އެ ދުވަސްވަރު އަދި މާލެއިން ބޭރަށް ރޭޑިއޯގެ ސިގްނަލް ނުފޯރާތީއެވެ.)

ރޭޑިއޯ މޯލްޑިވްސްއަކީ، ޙަގީގަތުގައި ރޭޑިއޯގެ ހަޔާތަށް މުހިންމު ބަދަލުތަކަކާއި ކުރިއެރުންތަކެއް ހޯދައިދިން ސްޓޭޝަނެކެވެ. ސިނެކޯ ރޭޑިއޯ ދިވެހި ޖައްވުގައި ފިޔަޖެހި މަދު ދުވަސްކޮޅަށްފަހު، ޙަޤީޤީ ރޭޑިއޯ ސްޓޭޝަނެއްގެ ގޮތުގައި ބްރޯޑްކާސްޓް ކުރަން ފެއްޓުނީ، ރޭޑިއޯ މޯލްޑިވްސްގެ ފެށުމާ ހަމައިންނެވެ. ރޭޑިއޯ މޯލްޑިވްސް ވެގެން ދިޔައީ، އެ ސްޓޭޝަންގެ ފަރާތުން މުޖުތަމަޢުއަށް ގިނަގުނަ ފައިދާތަކެއް ކޮށްދިން ރޭޑިއޯ ސްޓޭޝަނަކަށެވެ. އަދި ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދިން ރޭޑިއޯ ސްޓޭޝަނަކަށްވެސް މެއެވެ.
ދިވެހިރާއްޖޭގައި ރޭޑިއޯ އުފަންވެ، ހަޔާތުގެ ކުރީކޮޅު ފިރުކެމުން ދިޔަނަމަވެސް، މިހާރު ރޭޑިއޯ ކޮޅަށް ތެދުވެ، ހިނގަންފެށީއެވެ. ރޭޑިއޯއަކީ ކޮން އެއްޗެއްކަން އެނގޭ މީހުން، މަދުމަދުން ނަމަވެސް އަންނަނީ އިތުރުވަމުންނެވެ.
އަތުގައި ހުރި ފޮޓޯތަކުގައި ރޭޑިއޯގެ ހުރިހާ ވެރިންނާއެކު ނެގިފައިވާ ފޮޓޯ ނެތީއެވެ. ނަމަވެސް މުހަންމަދު މުޞްތަފާ ހުސެން، އަޅުގަނޑުމެންގެ ވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރަކީވެސް، ވަރަށް ފާހަގަކޮށްލެވޭ ދުވަސްވަރެކެވެ. ރޭޑިއޯ މޯލްޑިވްސްގައި އަމިއްލަ ލަވަތަކެއް އުފައްދާ ބްރޯޑްކާސްޓް ކުރެވުނެވެ. އަމިއްލަ އުފެއްދުންތަކެއް އުފެއްދުމުގައި މަސައްކަތް ކޮށްދެއްވި ބޭފުޅުންގެ ތެރޭގައި، ފުރަތަމަ ފާހަގަ ކޮށްލަންޖެހެނީ، ބެންހާ މުހަންމަދު ޙަބީބު، ޢަބުދުﷲ ފާއިޒު، މަހުދީ ޢިމާދު، ވަޑި އިސްމާލް ޢަބުދުﷲ، އަދި އޭގެ އިތުރުން، މަރުހޫމް އަލްއުސްތާޒު ފަތުޙުﷲ ޖަމީލު، އެން.ޑީ ޢަބުދުލް ޢަޒީޒް، ޒަހިއްޔާ ތައުފީޤް، މަރިޔަމް ވަޙީދާ، އިސްމާއީލް މާހިރު ފަދަ ކުޅަދާނަ ފަންނާނުން މެހެމާނުންގެ ގޮތުން ރޭޑިއޯ މޯލްޑިވްސް އަށް ވަރަށް ގިނަގުނަ އެހީތައް ވެދެއްވިއެވެ.

މުހަންމަދު މުސްތަފާ ޙުސޭންގެ ޑިރެކްޓަރުކަމުގެ ދައުރުގައި، މަތީގައި ދެންނެވުނު ބޭބޭފުޅުންގެ އެހީތެރިކަމާއެކު، މިޔުޒިކާއި ލަވައިގެ ތެރެއިން ރޭޑިއޯ މޯލްޑިވްސްގެ އަމިއްލަ އުފެއްދުންތަކެއްވެސް، ދުނިޔެ އަށް އުފަންވިއެވެ. އެ ރޮނގުން މުޞްތަފާގެ ޚިދުމަތްތައް ގިނަގުނައެވެ. އަދި ހަމަ އެއާއެކު، މުޙަންމަދު ޙަބީބު، ޢަބުދުﷲ ފާއިޒު، މަހުދީ ޢިމާދު، އިސްމާޢީލް ޢަބުދުﷲ ހިމެނެއެވެ. އަދި ޚާއްޞަ މެހެމާނުންގެ ގޮތުން މަސައްކަތްތަކެއް ކޮށްދެއްވި ފަތުޙުﷲ ޖަމީލު، އެން.ޑީ ޢަބުދުލް ޢަޒީޒު، އިސްމާޢީލް މާހިރު އަދި މަރިޔަމް ވަޙީދާއާއި ޒަހިއްޔާ ތައުފީޤު އަޅުގަނޑު ފާހަގަކުރަމެވެ.
މަހުދީ ޢިމާދާއި އިސްމާޢީލް ޢަބުދުﷲ އަކީ، އެ ދުވަސްވަރު ރޭޑިއޯ މޯލްޑިވްސްގެ މުއައްޒަފުންނެވެ. އަދި އިސްމާޢީލް މާހިރަކީވެސް ރޭޑިއޯގެ މުއައްޒަފެކެވެ.
އަޅުގަނޑު ރޭޑިއޯ މޯލްޑިވްސްގައި ހޭދަކުރި 11 އަހަރަކީ، ބްރޯޑްކާސްޓިންގގެ ދާއިރާއިން އަޅުގަނޑަށް ފަންނީ ގޮތުން ކުރިއެރުންތަކެއް ލިބުނު އަހަރުތަކެކެވެ. އަދި ދައުލަތުގެ ރޭޑިއޯ ސްޓޭޝަން ތަރައްޤީގެ ރޮނގުން ގިނަ ކުރިއެރުންތަކެއް ވެސް ހޯދި އަހަރުތަކެކެވެ. ހަމަ އެއާއެކު ރޭޑިއޯއަކީ ކިހާ ބާރުގަދަ ކޮމިޔުނިކޭޝަން ވަޞީލަތެއްކަން އަޅުގަނޑުމެންނަށް ފަށްފަށުން ތަޖުރިބާ ކުރެވުނު އަހަރުތަކެކެވެ. ރާއްޖެ ފަދަ ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށް ރޭޑިއޯގެ ފަރާތުން ވެދެވޭނެ އެހީތަކާއި ފައިދާތަކުގެ އިމެއް، މިނެއް ނެތްކަން ވިންސުނުނު އަހަރުތަކެއްވެސް މެއެވެ.
މި ދެންނެވި 11 އަހަރުގެ ތެރޭގައި ރޭޑިއޯ މޯލްޑިވްސްގެ ވެރިންގެ ގޮތުގައި ވަރަށް ގިނަ ބޭފުޅުންތަކެއް ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ހިމެނެއެވެ. އޭގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކީވެސް ރޭޑިއޯ މޯލްޑިވްސްއިން ގައުމަށް ދެމުންގެންދިޔަ ގިނަގުނަ ޚިދުމަތްތައް، އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މި ބޭބޭފުޅުންގެ ތެރެއިން މިއަދު އަޅުގަނޑުމެނާ ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާ ބޭބޭފުޅުންގެ ފުރާނަފުޅުތަކަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ރަޙުމަތް ލައްވާށިއެވެ! އާމީން…

ބްރޯޑްކާސްޓިންގ ދަސްކުރުމަށް ފޮނުއްވުން
ރޭޑިއޯ މޯލްޑިވްސްގެ ފަރާތުން ދެއްވި ސްކޯލަރޝިޕެއްގައި، ސިންގަޕޫރުގެ RTS (ރޭޑިއޯ ޓެލެވިޒަން ސިންގަޕޯރ) އަށް އަޅުގަނޑު ދިޔައީ، 1971ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. އޭރު ރޭޑިއޯ މޯލްޑިވްސް ހިންގެވުމާ ޙަވާލުވެ ހުންނެވީ، އަލްއުސްތާޒް ނ.ތ. ހަސަންދީދީއެވެ.
އަޅުގަނޑު މާލެއިން ދިޔައީ ލަންކާއަށެވެ. "މޯލްޑިވް އެކްސްޕޯޓަރ" ކިޔާ ކަނޑު ބޯޓެއްގައެވެ. ހަނދާންވާ ގޮތުން ތިންރޭ ތިންދުވާ ކަނޑުމަތީގައި ހޭދަކޮށްފައެވެ.
އެ ދުވަސްވަރު، ލަންކާ އެމްބަސީގެ ފަސްޓް ސެކްރެޓަރީއަކަށް ހުންނެވީ މުޙަންމަދު އިސްމާއިލް މަނިކު (ކުޑަ ސިއްކަ) އެވެ. އަޅުގަނޑު ސިންގަޕޫރަށް ފޮނުވަން، ދިވެހި އެމްބަސީގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވީ އޭނާއެވެ. އަޅުގަނޑު ގޮވައިގެން ބާޒާރަށް ދުރުވެ، ކޯޓަކާއި ފަޓުލޫނާއި ބޫޓާއި އިސްޓާކީނު ހޯއްދަވައިދެއްވިއެވެ. އެ ދުވަސްވަރު ކޯހަށްދާ ކުދިންނަށް، އެތަކެތި ދިވެހި ސަރުކާރުން ދެއްވައެވެ. މިކަން ކޮށްދެއްވަނީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީންނެވެ.
ބްރޯޑްކާސްޓިންގ ދާއިރާއިން އަޅުގަނޑަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވީ ޞާޙިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހިމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނެވެ. އަޅުގަނޑަކީ ދެ ފަހަރު މަތިން، އެމަނިކުފާނުން ކޯފާ އިސްކުރައްވާ، ވަޒީފާއިން ސަސްޕެންޑް ކުރައްވާފައި ހުރި މީހެކެވެ. ނަމަވެސް، މި ފުރުޞަތު މި ދެއްވީ، އަޅުގަނޑު ބްރޯޑްކާސްޓިންގ ދާއިރާއިން ކުރިއަށްދާން ޝައުޤުވެރި ވާތީ ކަމަށް، ބައްލަވާފައިކަން ހަމަ ޔަޤީނެވެ.
އެދުވަހު އަޅުގަނޑު ޢަޒުމު ކަނޑައެޅީ، މި ލިބުނު ފުރުޞަތުގައި، މާތް ﷲ ގެ ވާގިފުޅާއެކު، މިރޮނގުން ދެވުނުހާ ކުރިއަކަށް ދިއުމަށެވެ. ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް، ރޭޑިއޯ މެދުވެރިކޮށް އަޅުގަނޑަށް ކޮށްދެވުނު ޚިދުމަތެއް ކޮށްދިނުމަށެވެ. އަޅުގަނޑުގެ ވެރިން، އަޅުގަނޑަށް ކުރެއްވި އިތުބާރާއި އަޅުގަނޑުގެ މައްޗަށް ބެހެއްޓެވި ޔަޤީންކަން، އަޅުގަނޑަށް ވެވުނު ވަރަކުން ދެމެހެއްޓުމަށެވެ.
ލަންކާގައި ހަފްތާއެއްހާ ދުވަސް ހޭދަކުރުމަށްފަހު، އަޅުގަނޑު ސިންގަޕޫރަށް ހިނގައްޖައީމެވެ. ސިންގަޕޫރުގެ ރޭޑިއޯސްޓޭޝަންގައި އަޅުގަނޑު ހަ މަސްދުވަސް ހޭދަކުރީމެވެ. އެ ހަ މަސްދުވަހުގެ ތެރޭގައި، ރޭޑިއޯ ސްޓޭޝަނެއްގައި ކަންތައްތައް ހުންނާނެގޮތާއި، މުއައްޒަފުން ތަރުތީބު ކުރެވިފައިވާ ގޮތް، އަދި ރޭޑިއޯ ޕްރޮގްރާމްތައް އުފެއްދުމަށް މަސައްކަތް ކުރަންޖެހޭނެ ގޮތާއި ބެހޭގޮތުން، އަޅުގަނޑަށް މައުލޫމާތު ލިބުނެވެ. "ރޭޑިއޯ ޓެލެވިޒަން ސިންގަޕޯރ" (އާރ.ޓީ.އެސް) ގައި އަޅުގަނޑަށް ތަމްރީންދެއްވީ، އާންމުގޮތެއްގައި ކޯސްތައް ރާވައިގެން، ތަފާތު ޤައުމުތަކުގެ ބައިވެރިން ހިމަނައިގެން، ކޯރސް ހިންގާ ގޮތަކަށް ނޫނެވެ.
އަޅުގަނޑު ދިޔަ ފުރަތަމަ ދުވަހު، ސިންގަޕޯރ ރޭޑިއޯގެ ބޭފުޅަކު ބައްދަލު ކުރައްވާފައި ވިދާޅުވީ، އަޅުގަނޑުގެ ކޯހަކީ ހަ މަސްދުވަހުގެ ކޯހެއް ކަމާއި، ޢާންމު ގޮތެއްގައި އެ ހަ މަސް ދުވަސް ހޭދަކުރަން ހަމަޖެހިފައިވަނީ، ސްޓޭޝަންގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރާ ގޮތަށް ކަމަށެވެ. އަޅުގަނޑުގެ އިތުރަށް ދެން މިކޯހުގައި ބައިވެރިވާނީ، ސްރީލަންކާގެ ޕްރޮޑިއުސަރެއް ކަމަށާއި އޭނާވެސް މަސައްކަތް ކުރާނީ ހަމަ މިގޮތަށް ކަމަށެވެ.
ކޯސް ކުރިއަށްދިޔައިރު އެންމެ ބުރަކޮށް އަޅުގަނޑު މަސައްކަތް ކުރަންޖެހުނީ، ޕްރޮގްރާމް ސެކްޝަންގައެވެ. އެތަނުގައި އެކިއެކި ޕްރޮޑިއުސަރުން ތައްޔާރުކުރާ ޕްރޮގްރާމްތަކުގައި އެމީހުނާ އެހީތެރިވުމުގައެވެ. ބައެއް ފަހަރު، ޕްރޮޑިއުސަރުން އެކިއެކި އެޕޮއިންޓްމަންޓްތަކަށް ދާއިރު، އަޅުގަނޑު ދާންޖެހެއެވެ. މުހިންމު އިންޓަވިޔުތަކާއި ތަފާތު ޝޯތަކުގެ ލައިވް ގެނެސްދިނުމަށް ތައްޔާރުވަމުންދާއިރު، އެ މަސައްކަތުގައި ހަމަ އެތަނުގެ ޕްރޮޑިއުސަރެއްގެ ގޮތަށް ޙަރަކާތްތެރިވާން ޖެހެއެވެ.
އަޅުގަނޑަށް ސިންގަޕޫރުން ލިބުނު ތަމްރީންތަކަކީ، އެހެން އެއްވެސް ކޯހަކުން ނުލިބޭ ކަހަލަ، އާދަޔާ ޚިލާފު ތަމްރީންތަކެކެވެ. ލެކްޗަރ ދިނުމާއި ކިޔަވައިދިނުމެއް ނޯވެއެވެ. އަޅުގަނޑަށް ޖެހެނީ، އަމިއްލައަށް ހޯދައިގެން ދަސްކުރާށެވެ. މިގޮތަށް ގެންދިއުމުން އަޅުގަނޑު ބައެއް ފަހަރު ވަރަށް ދެރަވެސް ވެއެވެ. އެއީ، އަޅުގަނޑަކީ މި ދާއިރާއަށް މުޅިން އައު މީހަކަށް ވާތީ، ކުރާނެ ސުވާލެއް، ހޯދާނެ އެއްޗެއް، އަދި ދަސްކުރަންވީ ކޮން އެއްޗެއްކަން ވެސް ބައެއް ފަހަރު ނޭނގޭތީއެވެ. ނަމަވެސް، ސްޓޭޝަންގެ އެނައުންސަރުންނާއި ޕްރޮޑިއުސަރުންނާ ގުޅުން އުފެދި، ރައްޓެހިވީމާ، އެ މީސްމީހުންގެ ފަރާތުން ވަރަށް ގިނަ ތަފާތު މައުލޫމާތު ލިބި، ރޭޑިއޯ ސްޓޭޝަނެއްގައި ކުރަންޖެހެނީ ކޮންކޮން ކަހަލަ ކަންތައްތަކެއްކަން އެނގެން ފެށިއެވެ. އަދި ރޭޑިއޯ މިއީ، ކޮން އެއްޗެއް ކަމާއި ރޭޑިއޯ ބްރޯޑްކާސްޓް ކުރަނީ ކީއްކުރަންކަން ކޮންމެވެސް ވަރަކަށް ވިސްނައިލަން ދަސްވިއެވެ.
ރޭޑިއޯގެ ބާރާއި، ނުފޫޒަކީ މުޖުތަމަޢެއްގެ ދިރިއުޅުން ބަދަލުކުރުމަށް އަދި މީސްތަކުންގެ ފިކުރާ ކުޅެލުމަށް ލިބިފައިވާ ވަރުގަދަ ތޫނު ހަތިޔާރެކެވެ. ރަނގަޅަށް ރޭޑިއޯގެ ބޭނުން ހިފިއްޖެނަމަ، އެއަށްވުރެ ބާރުގަދަ އެހެން ވަޞީލަތެއް ނުވާނެކަން އޭރުވެސް އަޅުގަނޑަށް ދަސްވިއެވެ. އެއީ 1970 ގެ އަހަރުތަކެވެ. މިއަދު މިއީ 2000 ގެ އަހަރުތަކެވެ. އަދިވެސް އެކަމަށް ހަމަ ކުޑަވެސް ބަދަލެއް ނާދެއެވެ. ރޭޑިއޯގެ ބާރު ވިއްޔާ ވީ ގަދައެވެ. ރޭޑިއޯ އަޑުއަހާ މީހުން، ވިއްޔާވީ އިތުރެވެ.
ކޯސް ނިމިގެން އަޅުގަނޑު އެނބުރި މާލެ އައީ 31 މޭ 1972 ގައެވެ. މާލެ އައިސް ވަޒީފާގައި މާގިނަ ދުވަސްތަކެއް ނުވެ ހަމަ އެ އަހަރު، އަޅުގަނޑަށް ޕްރޮމޯޝަނެއް ދެއްވައިފިއެވެ. އަޅުގަނޑު ބަދަލުކުރެއްވީ، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ "ޕްރޮގްރާމް ރާވާ" ކިޔާ މަގާމެއް އުފައްދަވާފައި އެ މަޤާމަށެވެ. މަޤާމުގެ މަސްއޫލިއްޔަތަކީ، ހަމަ ނަމުގައި އެ ބުނާ ފަދައިން، ރޭޑިއޯގެ ޕްރޮގްރާމްތައް ރާވައި ހިންގާ ހެދުމެވެ. މިމަޤާމު އަޅުގަނޑަށް ދެއްވީ، 1972 ވަނަ އަހަރުއެވެ. އަދި 1974 ވަނަ އަހަރު، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އުވި، ފަހުން އެ މަޤާމަކީ، ރޭޑިއޯ މޯލްޑިވްސްގެ މަޤާމެއްގެ ގޮތުގައި ހަމަޖެހުނެވެ.

އަޅުގަނޑު ސިންގަޕޫރަށް ކިޔަވަން ފޮނުއްވީ، ރޭޑިއޯ މޯލްޑިވްސްގެ 2 ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާގައި ހުއްޓައެވެ. ކިޔަވަން ދިޔައީ، ރޭޑިއޯ ޕްރޮގްރާމިންގ އެންޑް ނިވްސް އެވެ. އަޅުގަނޑު ކިޔެވި ގޮތާއި ރޭޑިއޯ ޓެލެވިޒަން ސިންގަޕޯރ (RTS) ގައި އަޅުގަނޑު ކުރި މަސައްކަތާއި، ދަސްވި އެއްޗަކާ ބެހޭގޮތުން ކުރިން ވާނީ ކޮންމެވެސް ވަރަކަށް ބަޔާން ކުރެވިފައެވެ. މިކަމާ ބެހޭގޮތުން އަޅުގަނޑު ރިޕޯޓެއް ތައްޔާރު ކޮށްފައި، އަޅުގަނޑުމެންގެ ޑިރެކްޓަރަކަށް ހުންނެވި މަރުޙޫމް އަލްއުސްތާޒް ނ.ތ. ޙަސަންދީދީ އަތްޕުޅަށް އެރުވީމެވެ.
މަރުޙޫމް ނ. ތ. ޙަސަންދީދީ އަކީ، ވަރަށް ހިތްޕުޅު މަޑުމައިތިރި، ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. އަދި ޚާއްޞަ ގޮތެއްގައި މުއައްޒަފުންނާ އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެކެވެ. އުސްތާޒް ހަސަންދީދީ އަކީ، އޭރުގެ ސަރުކާރުގެ ވަރަށް ބޮޑެތި ވަޒީފާތަކެއް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި ސީދާ ރައީސުލް ޖުމްހޫރިއްޔާ ޞާޙިބުއްދައުލާ އަލްމަރުޙޫމް އިބްރާހިމް ނާޞިރުގެ ޕްރައިވެޓް ސެކްރެޓަރީ ވެސްމެއެވެ.
ނ.ތ. ޙަސަންދީދީގެ ޚިދުމަތުގެ ތެރެއިން، މާލޭ ރޭޑިއޯގެ 100 ވަނަ ޕްރޮގްރާމް ބްރޯޑްކާސްޓް ކުރުމަށްޓަކައި، އަދާކުރެއްވި މުހިންމު ދައުރުގެ ވާހަކަ މި ހިސާބުގައި ނަމަވެސް ފާހަގަކޮށްލާނަމެވެ.
ރޭޑިއޯގެ 100 ވަނަ ޕްރޮގްރާމަކީ، އެ ހިސާބަށް އަދި ފޮނުވާފައި ނުވާ ވަރުގެ ގިނަ ވަގުތު ބޭނުންވާނެ ގޮތަށް ރޭވިފައިވާ ދިގު ޕްރޮގްރާމެކެވެ. ބްރޯޑްކާސްޓް ކުރަން އޭރު ގެންގުޅުނު ރޭޑިއޯ ޓެލެފޯނަކީ އޭގެ ބެޓެރީ މާ ގިނައިރު ދެމެހެއްޓޭ އެއްޗެއް ނޫނެވެ. ރޭޑިއޯ ޓެލެޕޯނުން ބުނަންވާ އެއްޗެއް ބުނުމަށްފަހު ޖެހޭނީ މައިކް ކަނޑާލާށެވެ! އަނެއްކޮޅުން ވާހަކަދައްކަން ފުރުޞަތު ދޭށެވެ. ޙަޤީޤަތުގައި އެއީ، ބްރޯޑްކާސްޓިންގ އިކުއިޕްމަންޓެއް ނޫނެވެ. ނަމަވެސް އެ ދުވަހުގެ ޚާއްޞަ ޕްރޮގްރާމްވެސް ބްރޯޑްކާސްޓް ކުރީ، ރޭޑިއޯ ޓެލެފޯން ސެޓް ބޭނުންކޮށްގެންނެވެ.
ސަތޭކަ ވަނަ ރޭޑިއޯ ޕްރޮގްރާމުގައި ޑްރާމާ ކޮޅަކާއި ތަޤްރީރަކާ އަދި ލަވަވެސް ހިމެނިފައިވާ ކަމަށް ރެކޯރޑްތަކުން ދައްކައެވެ. މިކޮންޓެންޓް ފޮނުވުމަށް، ހަމަ ގައިމުވެސް މިދިޔަ ދުވަސްކޮޅު ފޮނުވިހެން ދެ މިނިޓް ތިން މިނިޓަކުން ނުފުދޭނެއެވެ. މާގިނައިރު ބެޓެރީ ކަރަންޓް ބޭނުންވާނެއެވެ.
މި މައްސަލަ ޙައްލު ކުރެއްވި ކަމަށް ވަނީ، އަލްއުސްތާޒް ނ.ތ. ހަސަންދީދީ އެވެ. އޭރު އެމަނިކުފާނު ހުންނެވީ، ވުޒީރުއްދާޚިލިއްޔާގެ ނާއިބުގެ ބަދަލުގައިވެސް މެއެވެ.
ޗާރޖު ކޮށްފައި ހުރި އެކްސައިޑް ތިން ބެޓެރީ މޭޒުދަށުގައި ބަހައްޓަވައިގެން، އެދުވަހުގެ ޕްރޮގްރާމްތައް ފޮނުވާ ނިމެންދެން، ބެޓެރީތައް ގުޅުއްވަމުން ވަކިކުރައްވަމުން ގެންދެވީ ނ.ތ. ހަސަންދީދީ އެވެ. ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ މަސައްކަތް ފެއްޓުމުގެ ގޮތުން ހަސަންދީދީގެ ޙިއްޞާ ވަނީ މިނޫންވެސް އެތައް ގޮތަކުން ބްރޯޑްކާސްޓިންގ އަށް ލިބިފައެވެ.
(ނުނިމޭ)
—
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3



advertisment
One Response
ޢެއީ ރަންޒަމާން އަދިވެސް އަހާ ފޫހިނުވޭ