Support Us

ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2

ސަރުކާރުގެ ދަށަށް ބަދަލުވުން (1967- 2008)

"މޯލްޑިވް އައިލެންޑްސް ބްރޯޑްކާސްޓިންގ ސަރވިސް" MIBS

"ސިނެކޯރޭޑިއޯ"ގެ ނަމުގައި ގާތްގަނޑަކަށް ތިން އަހަރާއި ދުވަސްކޮޅެއް ވަންދެން ރޭޑިއޯ ބްރޯޑްކާސްޓް ކުރުމަށްފަހު، 1967 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހަކީ، އަނެއްކާވެސް ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަނަށް މުހިންމު ބަދަލެއް އައި ދުވަހެކެވެ. ޕްރައިވެޓް ކުންފުންޏެއްގެ ބެލެނިވެރި ކަމުގެދަށުން، ސީދާ ސަރުކާރުގެ ބެލެނިވެރިކަމުގެ ދަށަށް ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަންގެ ހުރިހާ ކަމެއް ބަދަލުވީ ދުވަހުއެވެ.

އެ ދުވަހު، ދިވެހިރާއްޖޭގެ ރޭޑިއޯސްޓޭޝަން، މާލޭސިނަމާ ކުންފުނީގެ ދަށުން ވަކިވެ، ވުޒާރަތުލްމާލިއްޔާ (ބ)ގެދަށުން، ހިންގަވާ ގޮތަށް ހަމަޖެހި، އަދި ސްޓޭޝަންގެނަން "މޯލްޑިވް އައިލެންޑްސް ބްރޯޑްކާސްޓިންގ ސާރވިސް" (MIBS) އަށް ބަދަލުވީއެވެ. މި ބަދަލުތަކަކީ، ވަގުތާއި ޙާލަތު ނިޔާކުރި ކުރުމުގައި، އިދާރީ ގޮތުން ގެންނަވަން ޖެހިގެން ގެންނަވާ ބަދަލެއްކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓް ކުރަން ފެއްޓުނީ، ވަރަށް އާދައިގެ ގޮތަކަށް ނަމަވެސް، ދުވަހުން ދުވަހަށް ރޭޑިއޯގައި ތަފާތު ކުލަޖެހެމުން، ތަފާތު ނަންނަމުގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުން ދިޔައެވެ.

އަޅުގަނޑު ރޭޑިއޯއާ ގުޅުން

ރޭޑިއޯ ބްރޯޑްކާސްޓް ކުރުމާ އަޅުގަނޑު ފުރަތަމަ ގުޅުނީ، 1967 ވަނަ އަހަރު، ކުރީގެ ބަންޑާރަ ނައިބުގެ އޮފީސް ހުރި ތަނުގައި، ރޭޑިއޯ ހިންގި ދުވަސްވަރު ޓެކްނިކަލް ވަޒީފާއަކަށެވެ. އަޅުގަނޑުގެ ވަޒީފާގެ ކުރީކޮޅު ކުރަންޖެހޭ މަސައްކަތް އަޅުގަނޑަށް ދަސްކޮށްދެއްވީ، އޭރު އެ ވަޒީފާގައި ތިއްބެވި އޮޕަރޭޓަރުންނެވެ. އެއީ މަރުހޫމު ސިމްލާ މުޙަންމަދު ދީދީ އާއި އަބުދުލްޣަފޫރު އާދަމެވެ. އަޅުގަނޑު ހަނދާންވާ ގޮތުން، ދެ ނަންބަރު އޮޕަރޭޓަރުންގެ ގޮތުގައި، އެދުވަސްވަރު އުޅެނީ، އަޅުގަނޑުމެން ތިން މީހުން އެކަންޏެވެ.

އަޅުގަނޑުގެ ވަޒީފާގެ ކުރީކޮޅު ހިސާބަކަށް "ކުނި" ޖެހި އަދި ވަޒީފާއާ ދުރުގައި ހުންނަންވެސް ޖެހިފައި އެބަހުއްޓެވެ. އާކަމެއްގެ ތެރެއަށް ރަގަޅަށް ނުފެތި މަސައްކަތް ފަށައިގަނެވުނީ ކަމެއް، ނޫނީ މާ އަވަހަށް ކުރިއަށްދާން ބޭނުންވީ ކަމެއް ދަންނަވާކަށް ނޭނގެއެވެ.

ރޭޑިއޯއާ ބެހޭ އެއްވެސް އެއްޗެއް އަޅުގަނޑަށް ނޭނގުނު ނަމަވެސް، ރޭޑިއޯއިން ބްރޯޑްކާސްޓް ކުރަންވާނީ، އަޑުއަހާ މީހުން، އަޑުއަހާ ހިތްވާ، އަޑުއަހަން ބޭނުންވާ ކަހަލަ ލަވައާއި މިޔުޒިކް އަދި މައުލޫމާތުކަމަށް އަޅުގަނޑަށް އޭރުވެސް ގަބޫލުކުރެވެއެވެ. ސަބަބަކީ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ، އެހުންތެރިންގެ ޝައުޤުވެރިކަން ހޯދުމަށް ކަމަށް ވާތީއެވެ. އަދި ފޮނުވާ މީހުންގެ އެންމެ މުހިންމު ބޭނުމަކަށް ވާނީ، އެފޮނުވާ އެއްޗެއް ވީހާ ގިނަ ބަޔަކު، އަޑުއެހުންނޫންތޯއެވެ؟

ބައެއް ފަހަރު އޮފީހުން ޕްރޮގްރާމް ހަދައިފައި ފޮނުވައިފައި އޮންނަގޮތާ ޚިލާފަށްވެސް ބައެއް ކަންތައްތައް ބަދަލުކުރެވެއެވެ. ޚާއްޞަކޮށް، އަޅުގަނޑުގެ ޑިޔުޓީގައި، އެ ދުވަސްދުވަހު ޕްރޮގްރާމްގައި ހުންނަ ލަވަތަކުގެ އޯޑަރު ބަދަލުކޮށްލާ، އެހުންތެރިންނަށް ކަމުދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ ބައެއް ބަދަލު، ލަވަލިސްޓަށް ގެންނަމެވެ.

އޮފީހުގައި ތިބޭ ކާތިބުންނާއި ކާތިބާއިން ޕްރޮގްރާމް ތައްޔާރު ކުރަނީ، ލަވަތަކުގެ ރީތި ހުތުރަކަށް ބަލައިގެނެއް ނޫނެވެ. ލަވަހޮޅިތައް ރަޖިސްޓްރީ ކޮށްފައި ހުންނަ ތަރުތީބުން، ލިސްޓެއް ހަދާފައި ބްރޯޑްކާސްޓް ކުރުމަށް ސްޓޭޝަނަށް ފޮނުވަނީއެވެ.

ބްރޯޑްކާސްޓިންއަކީ، ކޮން އެއްޗެއްކަން އެނގިގެން ކަންތައް ކުރަން ދަންނަ އެއްވެސް މީހަކު ރޭޑިއޯ ސްޓޭޝަންގައިވެސް ނޫޅެއެވެ. ބޭރުގެ ރޭޑިއޯތަކުން އިވޭ އަޑުތަކުން ދަސްވި އެއްޗެއް ދަސްވީއެވެ. އަޅުގަނޑުވެސް ރޭޑިއޯ ސިލޯންގެ ބައެއް ޕްރޮގްރާމް އަޑުއެހުމުގެ އާދަ ހިފިފައި ހުރީތީ، ރޭޑިއޯއަށް ޚާއްޞަ ޝައުޤުވެރިކަމެއް ދެވެނީއެވެ. އަދި ހިންދީ ލަވައަކީ، އެންމެ ތުއްތު އިރުއްސުރެ އަޑުއިވެމުން އަންނަ އެއްޗަކަށް ވެފައިވާތީ، ހިންދީ ލަވައަށް ޚާއްޞަ ޝައުޤުވެރިކަމެއް ދެވިފައި ވެއެވެ. އޭގައި ކިޔާ އެއްޗެއް އެނގޭތީއެއް ނޫނެވެ.

މިގޮތަށް ޕްރޮގްރާމަށް ގޮތްގޮތް ހަދަމުން ކުރިއަށްދިއުމުގެ ތެރޭގައި، ފޮނުވާފައި ހުންނަ އިޝްތިހާރު، ބްރޯޑްކާސްޓް ނުކުރެވުނު މައްސަލައެއްގައި ޖެހުނު ކުންޏެއްގެ ސަބަބުން، ދުވަސްކޮޅަކަށް އަޅުގަނޑު ވަޒީފާއިން ސަސްޕެންޑް ވެސް ކުރެއްވިއެވެ. އެވާހަކަ ފަހުން ދަންނަވައިލާނަމެވެ.

ދިވެހިރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންއަށް އަންނަމުންދިޔަ ބަދަލުތަކާއި، ލިބެމުންދިޔަ ކުރިއެރުންތައް އަޅުގަނޑަށް ފެނިފައި ހުރި ތަންތަނާއި، ލިބިފައި ހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ވީވަރަކުން ތަފްޞީލް ކުރެވޭތޯ ބަލާނަމެވެ.

ރާއްޖޭގައި ބްރޯޑްކާސްޓްކުރުން މިއަދުގެ ޖީލާ ހަމައަށް އައިސްފައި މިވަނީ، ބަޔަކު މިންނެތް މަސައްކަތްތަކެއް ކޮށްގެންނެވެ. ދާތަކެއް އޮހަރައިގެންނެވެ. ވިސްނުންތަކެއް ވިސްނާ، ކެތްތެރިކަމުގެ ނަމޫނާތަކެއް ވެސް ދައްކައިގެންނެވެ.

އަޅުގަނޑު މިވާހަކަތައް ލިޔުމުގެ އެންމެ ބޮޑު އެއްބޭނުމަކީ، ދިވެހިރާއްޖޭގެ ރޭޑިއޯ މިއަދާ ހަމައަށް ގެނެސްދެވިފައި މިވަނީ، ކިހާ މަސައްކަތަކާއި ކިހާ ވަގުތަކާއި، ކިހާ ޚަރަދެއް ކޮށްގެންކަން ބަލައިލުމެވެ. ރޭޑިއޯގެ ޙަޔާތުގެ ވަރަށް ކުރީ ކޮޅުއްސުރެ ރޭޑިއޯގައި މަސައްކަތް ކުރަމުން އައި މީހެއްގެ ޙައިސިއްޔަތުންނެވެ. އަދި ޕްރޮގްރާމް ސެކްޝަން ބަލަހައްޓަމުން އައި މީހަކަށްވެފައި، އެ ސެކްޝަންގެ މުއައްޒަފުން ކުރަމުން ގެންދިޔަ ބުރަ އަދި އަގުނުކުރެވޭ ޚިދުމަތް ގާތުން ދެކެފައި ހުރި މީހަކަށްވާތީއެވެ.

އެއީ 1962 ވަނަ އަހަރެވެ. އެއް ދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އަޅުގަނޑުގެ ގޭގައި އޮންނަ ބެޑްމިންޓަން ކޯޓްގައި ބެޑްމިންޓަން ކުޅެން އަޅުގަނޑުގެ އެކުވެރިން އައިސްއުޅެއެވެ. އަޅުގަނޑު ހުރީ، ބެޑްމިންޓަން ކޯޓްގެ ދާގަނޑުގެ ކޮންމެވެސް ކަމެއްކުރަން ކޯޓުގައެވެ.

(ކ-ވ) މައިނާ އަޙުމަދުރަޝީދު، މަރުހޫމް މުޙަންމަދު ޒާހިރު ޢަލީ، މުޙަންމަދު ސަމީރު އަދި ބަދުރުއްނަސީރު (އިށީނދެގެން)

އެވަގުތު ބޭރުން އައިސް ގެއަށް ވަން ކޮންމެވެސް ކުއްޖަކު ބުނީ، މިއަދު މެންދުރުފަހު ދޭއްޖަހާއިރު، ދިވެހިރާއްޖޭގައި، ރޭޑިއޯ ސްޓޭޝަނެއް ފައްޓާނެ ވާހަކަ "އޯކިޑް ކެފޭ" ތެރޭގައި އެބަ ދައްކާ ކަމަށެވެ.

އެޒަމާނަކީ، މާގިނަ ގޭގޭގައި ރޭޑިއޯ ގެންގުޅޭ ދުވަސްވަރެއް ނޫނެވެ. އަޅުގަނޑުމެންގެ ގޭގައިވެސް ރޭޑިއޯއެއް ނުހުރެއެވެ. ރޭޑިއޯއަކީ، އަގުބޮޑު ލަގްޒަރީއެކެވެ. އަދި ރޭޑިއޯއެއް ހުންނަ ގެއެއްގައިވެސް އަޑުއަހާނީ، އޯލް އިންޑިޔާ ރޭޑިއޯ އިން ފޮނުވާ އާކާޝްވާނީގެ ޕްރޮގްރާމްތަކެވެ. ނޫނީ، ކޮންމެވެސް ބޭރުގެ ސްޓޭޝަނެއްގެ މިޔުޒިކެވެ. މިހެން ކަންތައް އޮތް ދުވަސްވަރެއްގައި ދިވެހިބަހުން، ދިވެހިރާއްޖޭގައި ރޭޑިއޯ ސްޓޭޝަނެއް ފަށަން އުޅޭ ޚަބަރަކީ، އަޅުގަނޑަށް ވަރަށް މުހިންމުވީ ޚަބަރެކެވެ. އަދި އެހާ އުފާވެސްވީ ޚަބަރެކެވެ.

އެދުވަހުގެ މެންދުރުފަހު ދޭއް ޖެހިއިރު، އަޅުގަނޑާ އަދި ބެޑްމިންޓަން ކުޅެން ތިބި ދެތިން ކުދިން ތިބީ "އޯކިޑް ކެފޭ"ގެ ބޭރުފާރު ކައިރީގައި ލެނގިލައިގެން އެތެރޭގައި ހުރި ރޭޑިއޯއިން އަންނަ އެއްޗެއްގެ އަޑު އަހާށެވެ. ހޮޓަލުގެ އެތެރެއަށް ވަދެވޭކަށް ނެތެވެ. ބައްޕައަށް ފެނިލައްވައިފާނެތީ، މަގުމަތީގައި ހުންނަންވެސް އަޅުގަނޑު އެހާ ޖެހިލުން ވިއެވެ. "އޯކިޑް ކެފޭ" އަކީ، އަޅުގަޑުނގެ ގެ، މާފަންނު "ތިބުރޯޒްގެ" (މިހާރު މ. މުލީގެ) އާއި ގާތްގަނޑަކަށް ސާޅީހަކަށް، ފަންސާހަކަށް ފޫޓް ދުރުގައި ހަމަ އެމަގު (އޯކިޑްމަގު) ގައި، މ. މައިމަގުމަތީގޭގައި ހުންނަ ސައިހޮޓަލެކެވެ.

ގަޑިޖެހެން ކައިރިވަމުން އައިއައިހެން އަޅުގަނޑުމެންގެ ސަމާލުކަން ރޭޑިއޯއަށް އަމާޒުވާން ފެށިއެވެ. ހީ ސަމާސާ ކުރުމާއި، ސަކަރާތްގަތުން މަޑުވާން ފަށައިފިއެވެ.

ގަޑިން ދޭއް ޖެހުމާއެކު، ރޭޑިއޯ އިން، އިވެންފެށީ "ބެރުދުންމާރިތާޅަފިލީ"ގެ އަޑެވެ. މިއަޑަކީ އަޅުގަޑުމެނަށް އާއަޑެއް ނޫނެވެ. ދިވެހިރާއްޖޭގެ ރަދުން، ކޮންމެ ރަމަޟާންމަހެއްގެ ފަހުދިހައިގެ ރޭތަކުގައި އަންނަ ހަތަރު ހިތިވިލޭރޭ، މާލޭގެ ހަތަރު އަވަށުގެ ކޮންމެވެސް މުހިންމު ތަނަކަށް ޒިޔާރަތް ކުރައްވާނެއެވެ. އެގޮތަށް ރަސްމީ ޢިއްޒަތުގައި ރަދުން ވަޑައިގަންނަވާއިރު، "ބެރުދުންމާރިތާޅަފިލި"ގައި ރާގެއް ކުޅެމުންދާނެއެވެ. އެއީ، ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު، ރަދުންގެ ޚާއްޞަ ބޭންޑަކުން ކުޅެމުންގެންދިޔަ މިޔުޒިކެކެވެ. އެމީހުން އެ މިޔުޒިކު ކުޅޭނީ، ބެރާއި، ދުންމާރިއާއި ތާޅަފިލީގައެވެ. މާގިނަ އިތުރު މިޔުޒިކަލް އިންސްޓްރޫމެންޓެއް އެބޭކަލުންގެ އަތްޕުޅުގައި އޭރަކު ނުހުންނަނީ ކަންނޭގެއެވެ. ނޫނީ، ބޭނުން ނުވަނީ ކަމަށްވެސް ވެދާނެއެވެ. އަޅުގަނޑު ހަނދާންވާ ގޮތުން ރަދުން ހިންގަވާފައި ވަޑައިގަންނަވާއިރު ކުޅެމުންދާ ރާގަށް ދީފައިވާ ނަމަކީ "ހަރުބީ" އެވެ.

އާދެ، މަހާރަދުން ހިއްޗަށް ވަޑައިގަތުމަކީ، ދިވެހިންނަށް އަންނަ ބޮޑަތި އިޙުތިފާލުތަކުގެ ތެރެއިން އިޙުތިފާލެކެވެ. ރަދުން ހިންގަވާފައި ވަޑައިގަންނަވާއިރު، އަރިހުގައި ވަޒީރުންނާއި ހަނގުބޭކަލުން، އަދި ދައުލަތުގެ އިސް އެހެން މަގާމުތަކުގައި ތިއްބަވާ އެކި ދަރަޖައިގެ ބޭފުޅުންވެސް ތިއްބަވައެވެ. އަޅުގަނޑުގެ ބައްޕަ ފަރާތު ކާފަ އަލްވަޒީރު އަހުމަދު ފާމުލަދޭރި ތަކުރުފާނަކީ، ރަދުންގެ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއްކަމުން، އަޅުގަނޑުމެން ހުރިހާ ކުދިންވެސް، ދޮރާށިދޮށުންނާއި ފާރުމައްޗަށް އަރައިގެންވެސް، ރަދުން ހިއްޗަށް ވަޑައިގަންނަވާތަން ބަލަމެވެ.

މި ރަސްމީއްޔާތަށް މާލޭގެ މަގުތައް އޭރު ދިއްލާފައި ހުންނަ ގޮތްވެސް އެއީ، ފާހަގަކޮށްލެވޭ ކަމެކެވެ. އަވަށު އޮފީހުން ބައެއް ގޭގެއަށް ބިގަރު (ހުދުކުލައިގެ އައްޔެއް ހުންނަ، ކަރާސީނު ތެޔޮ އަޅައިގެން ދިއްލާ ބައްތިއެއް) ދެއްވާނެއެވެ. އަނެއްބައި ގޭގޭގައި ފާނޫޒު އަދި އަނެއްބައި ގޭގެއިން ފުޅިބައްތި ފަދަ އެއްޗެތިވެސް، މަގުފާރު މަތީގައި ބަހައްޓާފައި ހުންނާނެއެވެ.

މިއަދު އެ މުހިންމު ތާރީޚީ އަޑު މި އިވެންފެށީ، ރޭޑިއޯގެ ތެރެއިންނެވެ. އެ އަޑަށްފަހު ދެން އިވިގެން ދިޔައީ، ދިވެހިބަހުން ދިވެއްސަކު "މީ މާލޭ ރޭޑިއޯ" އޭ ބުނި އަޑެވެ. ގައިން ހީވީ ހީބިހިގަނޑެއް ނެގިހެނެވެ.

ދުވަހަކުވެސް އިވޭނެ ކަމަށް ހީނުކުރާ އަޑެއް މިއޮއް އިވެނީއެވެ. ރޭޑިއޯގެ ތެރެއިން ދިވެހިބަހުން ދިވެއްސަކު، ވާހަކަ ދައްކާއަޑު އިވެނީއެވެ. ރޭޑިއޯއިން އަބަދުވެސް، ހިންދީ ބަހުން ނޫނީ އިނގިރޭސި ބަހުން އިވޭ އަޑެއް ނޫން އަޑެއް ނުއިވޭނެ ކަމަށް، މީގެކުރިން ހީވެފައި އޮތް ޒަމާން މާޒީވީއެވެ.

ދިވެހިންނަށްވެސް ރޭޑިއޯއިން ތަފާތު ޕްރޮގްރާމްތަކާއި އަދި އެހެން ސްޓޭޝަން ތަކުން އެފޮނުވާ ރީތި ލަވަތައް ފޮނުވުމުގެ ދޮރު ހުޅުވުނީއެވެ. އަޑުއަހަން ތިބި އެހެން އެންމެންވެސް ފަޚުރުވެރި ކަމާއެކު، އެކަކު އަނެކަކުގެ މޫނަށް ބަލައިލާ އުފާވެރިކަމުގެ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި ކޮންޓްރޯލު ނުކުރެވިގެން، އަތްތިލަބަޑި ތަޅައިގަނެވުނެވެ.

އާދެ، ދުވަހަކީ، 1962 ވަނަ އަހަރުގެ ޑިސެންބަރު 29 ވަނަ ދުވަހެވެ. އާދެ، މީގެ ބައިޤަރުނަށް ވުރެވެސް ކުރިއެވެ. މާލޭގައި ރޭޑިއޯ ސްޓޭޝަނެއް ހުޅުވުނީއެވެ. އަޅުގަނޑާއެކު އެތަނުގައި އެވަގުތު ތިބި ކޮންމެ ކުއްޖެއްގެ ހިތުގައިވެސް އޮތް އެންމެ ބޮޑު އުންމީދަކީ، ރޭޑިއޯގައި މަސައްކަތް ކުރާނެ ވަޒީފާއަކާ ކުރިމަތިލުންކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ. ހަމަ ގައިމުވެސް އަޅުގަނޑު، ހަމަ އެވަގުތުވެސް ނިންމީ އަލަށް މިފެއްޓުނު މަސައްކަތުގެ ތެރެއަށް ކޮންމެވެސް ގޮތަކުން ވަންނާށެވެ.

ފުރަތަމަ ދުވަހުގެ ބްރޯޑްކާސްޓް މާދިގެއް ނޫނެވެ. ފިރިހެނެއްގެ އަޑުން ދެ ޚަބަރެއް ކިޔައިލުމަށްފަހު، މާދަމާ ވެސް މިގަޑީގައި މާލޭ ރޭޑިއޯ ފައްޓާނެކަން އިޢުލާން ކުރުމަށްފަހު ނިމިއްޖެއެވެ. އެ ޚާއްޞަ ދުވަހު އަޅުގަނޑުގެ އެންމެ ބޮޑު ނިންމުމަކަށް ވެގެންދިޔައީ، ވީހާ އަވަހަކަށް ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަނުން ވަޒީފާއެއް ހޯދުމެވެ.

އަޅުގަނޑުގެ ފުރަތަމަ ވަޒީފާ

     ކުރިން ދެންނެވިހެން، ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން ފެށުމާއެކު، އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮންނަ އުންމީދަކީ، ރޭޑިއޯއާ ގުޅުން ހުރި ދާއިރާއަކުން ވަޒީފާއެއް ހޯދުމުގެ އުންމީދެވެ. އަޅުގަނޑުގެ އެންމެ އެކުވެރި އެއް އަޚު ކަމުގައިވާ، މަރުޙޫމް އަޙުމަދު ރަޝީދު (ބޮޑު މައިނާ)، އަޅުގަނޑަށްވުރެ ކުރިން ސްކޫލުން ވަކިވުމުގެ ސަބަބުން، އޭނާއަށް ރޭޑިއޯ މޯލްޑިވްސްގެ އޮޕަރޭޓަރެއްގެ ވަޒީފާ ލިބިގެން، އޭނާ އުޅެނީ އެ ވަޒީފާގައެވެ.

މާގިނަ ދުވަސްތަކެއް ނުވަނީސް، ރޭޑިއޯ ސްޓޭޝަނަށް އޮޕަރޭޓަރުން ބޭނުންވެގެން އުޅުއްވާކަން، އަޅުގަނޑުގެ އެކުވެރި މައިނާ އަޙުމަދު ރަޝީދުގެ ފަރާތުން އަޅުގަނޑަށް އެނގިއްޖެއެވެ. އަވަސްއަވަހަށް، އެކަމަށް ކުރިމަތިލުމުގައި ކަންތައްތައް ކުރަންޖެހެނީ ކިހިނެއްތޯ "މައިނާ"ގެ އެހީގައި، އޮޅުންފިލުވީމެވެ. މާގިނަ ދުވަހެއްނުވެ، އޮޕަރޭޓަރަކަށް ސިޓީލައިފީމެވެ. ނަޞީބު ރަނގަޅުކަމުންނާއި އެދުވަސްވަރު ވަޒީފާ ތަކަށްވެސް މާބޮޑު ވާދަވެރިކަމެއް ނޯންނާތީ، އަޅުގަނޑަށް ވަޒީފާ ލިބިއްޖެއެވެ.

އަޅުގަނޑަށް ލިބުނު ފުރަތަމަ ވަޒީފާއަކީ، ވުޒާރަތުލް މާލިއްޔާ (ބ) ގެ "2 ނަމްބަރ އޮޕަރޭޓަރ" އެއްގެ ވަޒީފާއެވެ. ޓެކްނިކަލް ދާއިރާއިންނެވެ. މަސައްކަތް ކުރަންޖެހެނީ، އެ އޮފީހުގެ ދަށުން ހިންގާ އެމް.އައި.ބީ.އެސްއޭ ކިޔާ ރޭޑިއޯ ސްޓޭޝަންގައެވެ. ވަޒީފާ ލިބުނީ 1967 ވަނަ އަހަރުއެވެ. ރާއްޖޭގައި ބްރޯޑްކާސްޓްކުރަން ފަށައިގަނެގެން އުޅޭތާ އޭރު ގާތްގަނޑަކަށް ފަސް އަހަރު ވެއްޖެއެވެ. މި ދުވަސްތަކުގެ ތެރޭގައި ދިވެހި ރޭޑިއޯ ތަފާތު މަރުޙަލާތައް ކަޑައްތު ކުރަމުން، ތަފާތު ނަންނަމަށް ބަދަލުވަމުން އައިސްފައިވެއެވެ.

ކުރިން ދެންނެވިހެން، އަޅުގަނޑަށް ވަޒީފާ ލިބުނީ، ސަރުކާރުގެ ދަށަށް ބަދަލުވީ ފަހުންނެވެ. ވަޒީފާއަކީ، ކޮންޓިނިޔުޓީ ސްޓޫޑިއޯގެ އޮޕަރޭޓަރެއްގެ ވަޒީފާއެވެ. ވަޒީފާގެ މަސައްކަތަކީ، ރޭޑިއޯއިން ފޮނުވާ ހުރިހާ އެއްޗަކާއި އެނައުންސަރުގެ އަޑު، އެއްވަރުކޮށް، ކޮންޓްރޯލްކުރުމާއެކު، އޮންއެއަރ ކުރުމެވެ.

އެ ދުވަސްވަރު ވަޒީފާތައް ރޭޑިއޯގައި ހުރި ގޮތުން ޓެކްނިކަލް ވަޒީފާތަކުގައި އުޅެނީ ދެ ކެޓަގަރީއެއްގެ އޮޕަރޭޓަރުންނެވެ. "1 ނަންބަރު އޮޕަރޭޓަރުން"ނާއި "2 ނަންބަރު އޮޕަރޭޓަރުން"ނެވެ. "1 ނަންބަރު އޮޕަރޭޓަރުން" ވަޒީފާ އަދާކުރާނީ، ޓްރާންސްމީޓަރުތައް ބެލެހެއްޓުމުގައެވެ. މިއީ ތަނުގައި ކުރަންޖެހޭ ޓެކްނިކަލް ހުރިހާ މަސައްކަތެއްވެސް ކުރައްވާ ސީނިއަރ ބޭފުޅުންނެވެ. "2 ނަންބަރު އޮޕަރޭޓަރުން"ނަކީ، ޖޫނިއަރ ބައެކެވެ. އެމީހުން ވަޒީފާ އަދާކުރާނީ، ކޮންޓިނިޔުޓީ ސްޓޫޑިއޯގައެވެ. މި މީހުންނަކީ، ޓެކްނިކަލް މާ ބޮޑު ހުނަރުތަކެއް ހުންނަ ބައެއް ނޫނެވެ. ކުރިން ދެންނެވި ފަދައިން، ލަވަޖަހަން އެނގުނީމާ ނިމުނީއެވެ. ދެން ޖެހޭނީ، ދަސްކޮށްދީފައިވާ ގޮތަށް ކަންތައްކުރާށެވެ.

ދިވެހި އެނައުންސަރު ޒުލްފާ މުޙަންމަދު، ގ. ރެޑިއަމްގެ

އެނައުންސަރުންގެ ވެސް ދެ ގިންތީއެއް އޮވެއެވެ. އެއީ، "ދިވެހި އެނައުންސަރުން"ނާއި "އިނގިރޭސި އެނައުންސަރުން"ނެވެ. ވަޒީފާ އަދާކުރަންޖެހޭތަން، ހުންނަނީ، އޭރުގެ ބަންޑާރަނައިބުގެ އޮފީސް ހިނގަމުން އައި އިމާރާތުގައެވެ. އެ އިމާރާތުގައި ދިގު ފެންޑާއެއް ހުރެފައި އެތެރޭގައި ދެ ކޮޓަރިއެއް ހުރެއެވެ. އެއް ކޮޓަރި އެއީ، އޮންއެއަރ ސްޓޫޑިއޯއެވެ. އަނެއް ކޮޓަރިއަކީ ރެކޯރޑްސް ލައިބްރަރީއެވެ. ފެންޑާ އެއީ ނިވްސްރޫމެވެ.

އިނގިރޭސި އެނައުންސަރު ނަސީމާ މުޙަންމަދު ކަލޭގެފާނު

ސްޓޭޝަންގެ ޑިޔުޓީ އަށް ނިކުންނާނީ، ޝިފްޓަކަށް ދެ އޮޕަރޭޓަރުންނެވެ. އެއް ނަންބަރު އޮޕަރޭޓަރު ދާނީ، ޓްރާންސް މީޓަރުތަކުގެ ޑިޔުޓީއަށް، އަތިރީމާފަންނުގެއަށެވެ. ދެ ނަންބަރު އޮޕަރޭޓަރ ނިކުންނާނީ، ސްޓޫޑިއޯ ޑިޔުޓީއަށެވެ. އެ ދެތަނުގައި ޑިޔުޓީކުރާ މުއައްޒަފު ފިޔަވާ ދެން ތިބި އޮޕަރޭޓަރުން މަސައްކަތު ނިކުންނަން ޖެހެނީ، ރޭޑިއޯގެ ވާރކްޝޮޕަށެވެ. އެއީ، ފަރީދީ ސިނަމާ (ފަން ސިނަމާ) ހިންގި ތަނެވެ. އަޅުގަނޑުގެ ވަޒީފާގެ ފުރަތަމަ ދުވަހު ނިކުންނަން ޖެހުނީ ވާރކްޝޮޕްއަށެވެ.

ވާރކްޝޮޕުން އަޅުގަނޑާ ބައްދަލުވީ މައިޒާން އަހުމަދު މަނިކެވެ. އެތަނުގައި، މިސްޓަރ ވިކްރަމަސިންހާ އާއި ކޮނޑޭ ޢަލިމަނިކާއި ބައެއް ސީނިއަރ އޮޕަރޭޓަރުން ސައިކުރާ އަބުދުއްރަޝީދާއި ސޭބޫ ތުއްތުމަނިކު ތިއްބެވިއެވެ. އަދި ބުޗާ މުޙަންމަދު މަނިކާއި މައިނާ އަޙުމަދު ރަޝީދު ހުންނެވިއެވެ. މި ބޭފުޅުންނަކީ، 1 ނަންބަރު އޮޕަރޭޓަރުންނެވެ. ރޭޑިއޯގެ ތަފާތު މަސައްކަތްތަކުގައި މި ދެ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑަށް ނިހާޔަތަށް ލިބުނެވެ. އަޅުގަނޑުމެނަށް ތަމްރީން ލިބެންފެށީ، މިދެންނެވި ބޭފުޅުންގެ ދަށުން، ވާރކްޝޮޕްގައެވެ.

(ކ-ވ) ކޮނޑޭ ޢަލިމަނިކު، އިސްތަފާ ޙުސެން މަނިކު، ގައްދޫ މުޙަންމަދު ޒާހިރު، މިސްޓަރ ވިކްރަމަ ސިންހަ (ކޮނޑުކެނޑި ލައިގެން)، އުޑަފައިން އިށީނދެގެން ސައިކުރާ ޢަބުދުއްރަޝީދު

ރޭޑިއޯ ސްޓޭޝަންގެ ދެ ސްޓޫޑިއޯއެއް ހުރެއެވެ. ދެ ސްޓޫޑިއޯ ހުންނަނީ، މާލޭގެ ދެ ސަރަޙައްދެއްގައެވެ. އެއް ސްޓޫޑިއޯ ހުންނަނީ ފަރީދީ މަގުގައި، އެ ދުވަސްވަރު ބަންޑާރަ ނާއިބުގެ އޮފީސް ހިންގާ ގޯތިތެރޭގައި ހަދައިފައި ހުރި ތަނެއްގައެވެ. އެތަނަކީ، ކުރިން ދެންނެވި ރޭޑިއޯ ސްޓޫޑިއޯ އަދި، ނިވްސްރޫމްވެސް ހިންގާ ތަނެވެ. އެތަނަކީ، އެދުވަސްވަރު ވުޒާރަތުލް ދާޚިލިއްޔާގެ (ބ) ހިންގެވި އިމާރާތެކެވެ. ފަހުން ބުޗާ ދޮންމަނިކު އުޅުއްވި ގެއެވެ.

އިމާރާތުގެ އެތެރޭގައި ހުންނަނީ، ރެކޯރޑް ލައިބްރަރީ (ލަވަ ހޮޅިއާއި ޓޭޕްތައް ބަހައްޓާ ކޮޓަރި) އާއި، ސްޓޫޑިއޯ އާއި އެނައުންސިންގ ކޮޓަރިއެވެ. އެ ޢިމާރާތުގެ ފެންޑާ އެއީ ޚަބަރު ތައްޔާރުކުރާ ތަނެވެ. ނިވްސްރޫމެވެ. އެ ތަނުގައި ޚަބަރު ހޯދުމާއި، ޚަބަރު ތައްޔާރުކުރުމުގެ މަސައްކަތް އިސްކޮށް ކުރައްވަނީ އެންދެރިމާގޭ އައްބާސް އިބްރާހީމާއި ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ސްޓޫޑިއޯއިން ފޮނުވާނީ، ޝޯރޓްވޭވް ފްރިކްއެންސީ ތަކުން ފޮނުވާ ޕްރޮގްރާމްތަކެވެ.

ދެވަނަ ސްޓޫޑިއޯ ހުންނަނީ، މާފަންނުކޮޅު އަތިރިމަތީގައި، ސަރުކާރުން އަތޮޅުތަކަށް ހައްދަވައިދެއްވާފައިވާ ފިހާރަފަތީގެ ތެރެއިން ސ. އަތޮޅު ފިހާރައިގައެވެ. މިތަނަކީ، މީޑިއަމްވޭވްއިން ބްރޯޑްކާސްޓްކުރާ ތަނެވެ. އެތަނުން ފޮނުވަމުންގެންދަނީ، މީޑިއަމްވޭވްގެ ޕްރޮގްރާމްތަކެވެ. އެތަނުގައި ހުންނާނީ، ޓްރާންސްމީޓަރަކާއި ކޮންޓިނިޔުޓީ ސްޓޫޑިއޯއެވެ. މި ސްޓޫޑިއޯއިން ބްރޯޑްކާސްޓް ކުރާނީ، ހަމައެކަނި މީޑިއަމް ވޭވް އިން ފޮނުވާ ޕްރޮގްރާމްތަކެވެ.

(ނުނިމޭ)

—-
އެޑިޓަރުގެ ނޯޓު:

މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.

"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

ޝުކުރިއްޔާ!

އެހެނިހެން ލިއުންތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *