ދިވެހިރާއްޖޭގެ ރޭޑިއޯގެ ތާރީޚަށް ކަޅިއެއް
ރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓްކުރަން ފެއްޓުމުގައި ވަރަށް ގިނަ މުހިންމު ސަބަބުތަކެއް ވެއެވެ. އޭރުގެ ވަޒީރުއްދާޚިލިއްޔާ ޞާޙިބުއްސަޢާދާ އިބުރާހީމް ރަޝީދު (ކަރަންކާގެ) ވިދާޅުވިގޮތުން، އެދުވަސްވަރު ސަރުކާރުގެ މުހިންމު ބައެއް ނިންމުންތަކާއި، އަދި ކޮންމެހެން ރައްޔިތުންނަށް އެނގެންޖެހޭ ކަންތައްތަކެއް ހުރިކަމަށް ވަޒީރުލް އަޢުޒަމު، ޞާޙިބުއްދައުލާ ސުމުއްވުލް އަމީރު އިބުރާހީމް ނާޞިރު ދެކިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންނާ ހަމައަށް ސަރުކާރުގެ މުހިންމު ނިންމުންތައް ފޮނުވޭނެ ގޮތެއް ހޯދުމުގެ މުހިންމުކަން، ނިހާޔަތަށް ބޮޑުވެ، އެކަމަށް މަގެއް ފަހިކުރަން ބޭނުންފުޅުވިއެވެ.
ދުވަސްވަރަކީ، އެތެރެއާއި ބޭރުންވެސް، ދިވެހިރާއްޖެއަށް ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް މުހިންމު އަދި ހަލަބޮލި ދުވަސްވަރެކެވެ. އެތެރޭގައި އުޅެނީ، އައްޑުއަތޮޅުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކެވެ. ބޭރުން ހިނގަމުން ދިޔައީ، ދިވެހިރާއްޖެ އިނގިރޭސި ސަރުކާރުގެ ދަށުން ވަކިވެ، މިނިވަންވުމުގެ މަސައްކަތެވެ. އެހެންކަމުން، ރައްޔިތުންނަށް އެއްވެސް ޚަބަރެއް ދެވޭނެ ގޮތެއް، އެއްޗެއް އަންގާލެވޭނެ ގޮތެއްނެތުން އެއީ، ވެގެންވާނޭ ކަމެއް ނޫންކަމަށް ފެނިވަޑައިގެން ޞާޙިބުއްދައުލާ އިބުރާހިމް ނާޞިރު ނިންމެވީ، ރޭޑިއޯ މެދުވެރިކޮށް، ރައްޔިތުންނާއި ސަރުކާރާ ދޭތެރޭ މިއޮތް ދުރުމިން ގާތްކުރެވޭތޯ ބެއްލެވުމަށެވެ. މި މަސައްކަތުގައި އެންމެ ގާތުން، އެންމެ ބުރަކޮށް އުޅުއްވި އެއްބޭފުޅަކީ ކަރަންކާ ރަޝީދެވެ. އާދެ އޭރުގެ ވަޒީރުއްދާޚިލިއްޔާ ޞާޙިބުއްސަޢާދާ އިބްރާހީމް ރަޝީދެވެ.

މިކަމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ދާޚިލިއްޔާގެ ވަޔަރލެސް ސެޓް މެދުވެރިކޮށް، މާލޭރޭޑިއޯގެ ނަމުގައި މެސެޖުތަކެއް ފޮނުވަން ފެށިފެށުން، އެއީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ފެށުމެއްކަމަށް ގަބޫލު ކުރެވެއެވެ.
ވުޒާރަތުއްދާޚިލިއްޔާގެ ވަޔަރލެސް ސެޓުން، އަތޮޅުތަކާއި ގުޅާގުޅުން ފިޔަވައި، މާލެއާއި ރާއްޖެތެރެ އޮންނަނީ ވަކިވެފައެވެ. ސަރުކާރުން ގުޅާ ގުޅުމުގައިވެސް، ގުޅޭނީ ރަށެއްގެ ރަށުއޮފީހާއެވެ. ޢާންމު ރައްޔިތުންނަށް ހަމަ ޚަބަރެއް ދަބަރެއްވެސް ކުރެވޭނެ ގޮތެއް ނޯވެއެވެ. ރައްޔިތުންނާ ހަމައަށް އެއްފަހަރާ އެއްޗެއް އަންގާލެވޭނެ ހަމައެއްވެސް ގޮތެއް ނެތެވެ. މާލޭގައި ޗާޕުކޮށްގެން ނެރޭ ނޫހެއްވެސް، އަތޮޅެއްގެ އަތޮޅުވެރިކަންކުރާ ރަށަކާ ހަމައަށްވެސް ގެންދެވޭނީ، އެންމެ އަވަހަށްވެސް ނޫސް ނިކުންނަތާ ދެތިން ދުވަސް ފަހުންނެވެ. އަތޮޅުގެ އެހެން ރަށަކަށް ނޫހެއް ގެންދާނީ ހާލަކުން ފަހަރަކުއެވެ. ޢާންމު ދިވެހިން އޭރު އުޅެމުންދިޔައީ، އެމީހުންގެ އަމިއްލަ ދުނިޔެއެއްގައެވެ. އެރަށެއްގައި ދިރިއުޅޭ މަދު މީސްކޮޅުގެ ތެރޭގައި ވަރަށް އެކަހެރިކޮށެވެ.
މީލާދީ ސަނަތުން 1960 ވަނަ އަހަރާ ހަމައަށް ދުނިޔެ ދަތުރުކުރިއިރުވެސް، އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ އޮތީ މިދެންނެވި ހިސާބުގައެވެ. މުއާޞަލާތީ ގޮތުން ހަމަ ވަރަށް ދަށުގައެވެ. މި ޙާލަތުން އަރައިގަންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ވެރިއަކު ހުންނެވިކަމާއި، ދިވެހިންނަކީ މި ޙާލަތުގައި، ބަޔަކު ހެދިހާ އެއްޗެއް ހެދިގެން ތިބެންޖެހޭނެ ބައެއް ނޫންކަން، ދިވެހިރާއްޖޭގެ ވަޒީރުލްއައުޒަމް ގަބޫލުކުރައްވައެވެ. ދިވެހިން، ދިވެހިންގެ އަމިއްލަ ފައިމައްޗަށް ތެދުވަންވީ ވަގުތުއަތުވެއްޖެކަން ވަޒީރުލްއައުޒަމު ހިތުގެއަޑިން ގަބޫލުފުޅު ކުރައްވައެވެ.
ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި، ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޒަމްކަމުގެ މަޤާމުގައި ހުންނެވީ، ޞާޙިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހިމް ނާޞިރެވެ. އެ މަނިކުފާނަކީ، ޓެކްނިކަލް ބެކްގުރައުންޑެއް ލިބިވަޑައިގެން ހުންނެވި، އަދި އެ ދާއިރާއިން އިތުރު ތަޖުރިބާތަކެއް ކުރެއްވުމުގެ ޝައުޤުވެރިކަންވެސް ނިހާޔަތަށް ބޮޑު ބޭފުޅަކަށް ވީކަން އެއީ، ދިވެހިރާއްޖޭގައި، ރޭޑިއޯ ބްރޯޑްކާސްޓް ކުރަން ފެށުމަށް ދިމާވި ސަބަބޭ ދެންނެވުން ކުށަކަށް ނުވާނެއެވެ.
ޞާޙިބުއްދައުލާ ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ދިރިއުޅުއްވަމުން ގެންދެވީ އަތިރީމާފަންނު ގޭގައެވެ. އަދި އެތަނުގައި، ވަޒީރުލްއައުޒަމުގެ އޮފީހުގެ އިތުރަށް، ޓެކްނިކަލް މަސައްކަތްތައް ކުރެއްވުމަށް، ފުދޭވަރެއްގެ ރަނގަޅު ވާރކްޝޮޕްއެއް ހުއްޓެވެ. ހުސް ގަޑިގަޑީގައި އެމަނިކުފާނުންގެ މަސައްކަތްޕުޅަކީ، އެވާރކްޝޮޕް ތެރޭގައި ވަގުތު ހޭދަކުރެއްވުމެވެ. އެއީ އެމަނިކުފާނުން ދެކެވަޑައިގަންނަވަމުން ގެންދެވި، ހުވަފެންފުޅެއް ކަމުގައިވާ، ދިވެހިރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ފެއްޓެވުމުގެ މަސައްކަތްޕުޅެވެ.

ސުމުއްވުލްއަމީރު އިބުރާހިމް ނާޞިރު މި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އެންމެ އަރިހުގައި މަސައްކަތްކުރެއްވީ، ވަޒީރުލްއައުޒަމް އޮފީހުގެ ކާތިބެއްގެ ގޮތުގައާއި، އަދި އިބްރާހިމް ނާޞިރުގެ ކާތިބެއްގެ ގޮތުގައި އޭރު މަސައްކަތް ކުރެއްވި، މައިޒާން އަޙުމަދު މަނިކެވެ. އަދި އޭގެ އިތުރުން ނ.ތ. އަޙުމަދު ދީދީ އާއި، ސްރީލަންކާ އިން ގެންނަވައިފައި ހުރި، މިސްޓަރ ކިޔޫ.ޑަބްލިޔޫ.އޭ ވިކްރަމަސިންހާ ކިޔާ އިންޖިނޭރަކު ހުއްޓެވެ.
ނ.ތ. އަހުމަދު ދީދީ އަކީ އޭރު ސިނަމާ ކުންފުނީގެ ބައިސްކޯފް ދެއްކުމުގެ ކަންތައްތަކާ ޙަވާލުވެ ހުންނެވި، ޓެކްނިކަލް ބޭފުޅެކެވެ. އަތިރީމާފަންނުގޭ ވާރކްޝޮޕްގައި ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ، ޝޯރޓްވޭވް ބޭންޑްގެ ޓްރާންސްމީޓަރ ތަކެއް އުފެއްދުމުގެ މަސައްކަތްތަކާއި އަދި ބްރޯޑްކާސްޓް ކުރުމަށް ބޭނުންވާ އެހެން އާލާތްތައް އުފެއްދުމުގެ މަސައްކަތެވެ.
ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ކުރީކޮޅެވެ. އަތިރީމާފަންނުގޭ ވާރކްޝޮޕްގައި ކުރެވެމުންދާ މަސައްކަތްތައް ކުރަމުން ދެއެވެ. އަދި ސަރުކާރުގެ ތެރޭގައިވެސް ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގެގުޅުން ކައިރިކޮށް، ރަނގަޅުކުރެވޭތޯ މަސައްކަތްތަކެއްކޮށް، ފިކުރުތަކެއް ކުރެވެމުން ދެއެވެ. އެ ދުވަސްވަރު، މާލެ އާއި އަތޮޅުތެރޭގެ ރަށްތަކާ ގުޅުން ހިންގަން ޖެހެނީ، ރޭޑިއޯ ޓެލެފޯން މެދުވެރިކޮށެވެ. މިއަދު އަޅުގަނޑުމެން މިދެކޭ ޓެކްނޮލޮޖީ، ހުވަފެނުންވެސް ފެނުމަކީ، އޭރު ނާދިރުކަމެކެވެ. ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއްގައި ވުޒާރަތުއް ދާޚިލިއްޔާގެ މުއައްޒަފުންގެ މަސައްކަތުގެ އެންމެ ބޮޑު އެއްކަމަކީ، އަތޮޅުތެރެއާ ގުޅައިގެން، އަތޮޅުތަކުގެ މަސައްކަތް ހިނގާނުހިގާ ގޮތް ބެލުމާއި، އަތޮޅުތަކުގައި ކުރަންޖެހޭ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުން އަތޮޅުތަކަށް އަންގަވާ އެންގެވުންތައް ރޭޑިއޯޓެލެފޯން މެދުވެރިކޮށް އަންގަމުން ގެންދިއުމެވެ.
ކޮންމެ އަތޮޅެއްގެ އަތޮޅުވެރިކަންކުރާ ރަށެއްގައި ހުންނަ ރޭޑިއޯ ޓެލެފޯން ފިޔަވާ، އަތޮޅުގެ ރަށްތަކާއި ގުޅުން ހިންގަންޖެހެނީ، ވޯކީ ޓޯކީގެ ޒަރީޢާއިންނެވެ. އެހެން އެއްވެސް ކޮމިޔުނިކޭޝަން ވަޞީލަތެއް އެދުވަސްވަރަކު ނެތެވެ. ދަތުރުފަތުރު ކުރުމަކީ، އެދުވަސްވަރު ނިހާޔަތަށް ދަތި އުނދަގޫ ކަމެކެވެ. އިންޖީނުލީ އުޅަނދެއްގެ ހުވަފެން ވެސް ޢާންމު ރައްޔިތަކަށް ފެނުން އެއީ، ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ހީކުރެވެމުން އައި ދުވަސްވަރެކެވެ.
ރަށްރަށުގެ ކަތީބުން، މުދިމުން، އަދި ވެރިކަމުގެ ދާއިރާގައި އެދުވަސްވަރު އުޅުއްވި ބޭފުޅުން، ވެރިރަށް މާލެއާ ގުޅުއްވުމަށް، ކުރައްވަމުން އެގެންދެވި ބުރަ، އެހެނަސް އަގުހުރި މަސައްކަތްތަކުގެ ކޮންމެވެސް ވަރެއް އަޅުގަނޑުވެސް ދުށީމެވެ. އަދި ރަށްރަށުގެ ވެރިން، އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށާ ގުޅުއްވަމުން ގެންދެވި ހާލުވެސް ކޮންމެވެސް ވަރަކަށް ދުށީމެވެ.
ރޭގަނޑު ދަންވަރުވެސް ބައެއް ރައްރަށުގެ ވެރިން ރަށުގެ އަނެއް ފަރާތުގައި ހުންނަ ވޯކީޓޯކީ ގެއަށް އެ ކުރައްވާ ދަތުރުތަކަކީ، ދިވެހިންގެ ތާރީޚުގެ ކޮންމެވެސް ހިސާބަކުން ފެންނަންޖެހޭނެ ކަންކަމެވެ. ވިދާ ވިދުމަކަށް، ވެހޭ ވާރެއަކަށް، ޖަހާ ގުގުރިއަކަށް ބެލުމެއްނެތި، "ޓޯކީގެ" އަށް އެކުރައްވާ ބިރުވެރި ނާމާން ދަތުރުގެ މަތިން ހިތަށްއެރިއަސް ކަންބޮޑުވެއެވެ. ބައެއް ރަށްރަށުގެ ފުއްޓަރުފަރާތުގައި ހުންނަ އެންމެ ދިގު ރުކުގެ ކޮޅަށް އެންޓެނާ ދަނޑި ނަގައިގެން ނޫނީ، އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށާވެސް ނުގުޅެއެވެ. އަތޮޅުތެރޭގެ މުއާޞަލާތީ ކަންތައްތައް އެދުވަސްވަރު ކުރެވެމުން ދިޔަގޮތާއި، އެކަންކުރައްވަން އުޅުއްވި އިސް ބޭފުޅުން އެވެލެއްވި ގުރުބާނީގެ ވާހަކަ އެނގިވަޑައިގަންނަވާނީ ހަމަ އެމަސައްކަތުގައި އުޅުއްވި ބޭފުޅުންނަށާއި އެތަން ދުށްބަޔަކަށެވެ. އާދެ… އެއީ އަޅުގަނޑުމެން މިއަދާ ހަމައަށް އައިގޮތެވެ.
ކޮންމެ ކަމަކީވެސް އެކަމެއް ކުރުމަށް ފަށައިގަތުމަށްފަހު، އިތުރު އިޞްލާޙުތަކާއި ތަރައްޤީތަކާއެކު، އަބަދުވެސް އާވަމުން، ބަދަލުވަމުންދާނެ ކަންކަމެވެ. އެގޮތުން، ދިވެހިރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގއަކީ ވެސް، އެކަންކުރަން ފެއްޓުމަށްފަހު، އެތައްބައިވަރު ބަދަލުތަކަކާއެކު، ކުރިއަށްދިޔަ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގައި ނުލާހިކު މުހިންމު ޙިއްޞާއެއް އަދާކޮށްދިން ބައިވެރިއެކެވެ. ރޭޑިއޯ ބްރޯޑްކާސްޓިންގ ރާއްޖޭގައި ފެއްޓުމަށްފަހު ކުރިއަށް ގެންދެވިފައިވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ބަދަލުތަކެއް ގެނެވި، ތަފާތު ކުރިއެރުންތަކަކާ އެކުގައެވެ.
ރޭޑިއޯ ބްރޯޑްކާސްޓް ކުރަން ފުރަތަމަ ފަށައިގަތް ދުވަސްކޮޅު، ސްޓޭޝަންގެ ނަމަށްވެސް ބަދަލުތަކެއް ގެނެވުނެވެ. އަދި އެބަދަލުތަކާއެކު، މެނޭޖްމަންޓުވެސް ދިޔައީ ބަދަލުވަމުންނެވެ. ސަރުކާރުގެ ނަމުގައި ފެއްޓުމަށްފަހު، އަމިއްލަ ވިޔަފާރި ކުންފުންޏަކުން ހިންގާ ގޮތަށް ބަދަލުވިއެވެ. އަނެއްކާވެސް އެނބުރި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވި، ތަފާތު އިޞްލާޙުތައް ރޭޑިއޯއަށް ގެނެވުނެވެ.
ސަރުކާރުން ފުރަތަމަ ރޭޑިއޯ ފެއްޓީ، "މާލޭ ރޭޑިއޯ"ގެ ނަމުގައެވެ. ބްރޯޑްކާސްޓިންގ ހަމައަކަށް އެޅި، ރަނގަޅަށް ހިނގައިގަތީ، 16 ފެބްރުއަރީ 1969 ވަނަ އަހަރު، ސްޓޭޝަންގެ ނަން "ރޭޑިއޯމޯލްޑިވްސް"ގެ ނަމަށް ބަދަލުވީ ހިސާބުންނެވެ. އެ ހިސާބަށް އައީ، ދެ ފަހަރަކަށް ސްޓޭޝަންގެ ނަން ބަދަލުވެ، އޯނަރޝިޕަށްވެސް ބަދަލުތަކެއް އައުމަށް ފަހުގައެވެ.
ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގގެ ދުވަސްތައް އަޅުގަނޑު ތިން ބަޔަކަށް ބަހާލާނަމެވެ.
- ޓެސްޓްކުރަމުންދިޔަ ދުވަސްވަރު
- ސަރުކާރުން ހިންގަމުންދިޔަ ދުވަސްވަރު
- ކުންފުންޏަކުން ހިންގަމުންގެންދިޔަ ދުވަސްވަރު
މި ހިސާބުން މި ތިން ދައުރުގައި ދިވެހިންގެ ރޭޑިއޯ، ފިރުކެމުން، ހިނގަމުން، ދުވަމުން، ތެޅެމުން ފޮޅެމުން އައި ގޮތަށް ބަލައިލެވޭތޯ މަސައްކަތްކުރާނަމެވެ.
ޓެސްޓްކުރަމުންދިޔަ ދުވަސްވަރު (1962– 1967)
ދިވެހިރާއްޖޭގައި ރޭޑިއޯސްޓޭޝަނެއް ފެއްޓުމުގެ މަސައްކަތް ކުރިއަށްދިޔަ ވަރަކަށް، އެމަސައްކަތަށް ދިޔައީ ބަދަލުތަކެއް އަންނަމުން، ކުރިއެރުންތަކެއް ލިބެމުންނެވެ. "މާލޭ ރޭޑިއޯ"ގެ ނަމުގައި ހިނގި ދުވަސްވަރަކާއި "ސިނެކޯ ރޭޑިއޯ"ގެ ނަމުގައި ހިނގި ދުވަސްވަރަށް ބަލައިލާނަމެވެ.

މާލޭރޭޑިއޯ
ވުޒާރަތުލް ދާޚިލިއްޔާގެ ވަޒީރަކީ، ޞާޙިބުއްސަޢާދާ އިބުރާހީމް ރަޝީދެވެ. (ކަރަންކާ ރަޝީދެވެ.) ވަކީލުގެ މަޤާމުގައި ހުންނެވީ، އަލްއުސްތާޒު ނ.ތ. ޙަސަންދީދީއެވެ. ރާއްޖެތެރޭގެ އަތޮޅުތަކާއި މާލެއާ ގުޅުއްވުމުގައި، ވުޒާރަތުއް ދާޚިލިއްޔާގައި، އެދުވަސްވަރު އެންމެ ސީނިއަރު އެއްބޭފުޅަކީ، އޭރު ދާޚިލިއްޔާގެ ކާތިބެއްގެ ވަޒީފައިގާ އުޅުއްވި މަރުހޫމް ސައިކުރާ އިބްރާހިމް ނަޢީމެވެ. އަތޮޅުގެ ރަށްތަކާއި ގުޅުއްވުމާއި، އެ ރަށްރަށުން ޚަބަރު ނެންގެވުމަކީވެސް، ސައިކުރާ އިބްރާހީމް ނަޢީމުގެ މަސައްކަތުގެ ބައެކެވެ.
މިގޮތަށް މި މަސައްކަތް ކުރައްވަން އުޅުއްވި އުޅުއްވުމުގައި އެއްދުވަހަކު، ރޭޑިއޯ ޓެލެފޯންސެޓް ބޭނުން ކުރައްވައިގެން، "މާލޭރޭޑިއޯ"ގެ ނަމުގައި ޓެސްޓް ސިގްނަލް ތަކެއް ފޮނުވިއެވެ. ފުރަތަމަ ޓެސްޓް ސިގްނަލް ފޮނުވުނީ، 1961 ވަނަ އަހަރުގެ އޮކްޓޫބަރ 04 ވަނަ ދުވަހުއެވެ. އެދުވަހުގެރޭ، 8.00 ގައި މާލޭރޭޑިއޯގެ ޓެސްޓް ސިގްނަލުގައި ކިޔަމުންދިޔައީ:
"މިރޭގެ މިޓެސްޓްގެއަޑު އިވުނު ކޮންމެ މީހަކު، އެ އަޑު އިވުނު މީޓަރަކާއި ގޮވި އެއްޗެއް، މާދަމާ ވުޒާރަތުއްދާޚިލިއްޔާއަށް ލިޔުމަކުން އެންގުންއެދެމެވެ."
އަނެއްދުވަހު ދާޚިލިއްޔާއަށް ލިބުނު ސިޓީތަކުން އެނގުނީ، ޓެސްޓް ސިގްނަލް އަޑުއިވުނު މީހުނަށް އިވިފައިވަނީ، 60 މީޓަރާއި 120 މީޓަރާ ދެމެދުން ކަމަށެވެ. އެރޭ އެއިވުނު އަޑާއެކު، މާލޭގައިވެސް ރޭޑިއޯސްޓޭޝަނެއް ހުޅުވިދާނެކަމުގެ ފޮނި އުންމީދު މާލޭގެ އެންމެނަށްވެސް ކުރެވެންފެށީއެވެ.
މިކަމަކީ، ކުރިންވެސް އަޅުގަނޑު ފާހަގަކުރި ފަދައިން، ރައްޔިތުންނާއި ސަރުކާރާ ދެމެދުގައިއޮތް ދުރުމިން ނައްތާލެއްވުމަށް، އޭރުގެ ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތުގެ ތެރެއިން ފުރަތަމަ މަސައްކަތެވެ.
މި މަސައްކަތުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ، މި މަސައްކަތުގެ ބާނީ، ބޮޑުވަޒީރު ޞާޙިބުއްދައުލާ އިބުރާހިމު ނާޞިރެވެ. އަރިހުގައި ތިއްބެވީ، ވަޒީރުއްދާޚިލިއްޔާ ސާޙިބުއްސަޢާދާ ކަރަންކާގޭ އިބްރާހީމް ރަޝީދާއި، އެ ވުޒާރާގެ ވަކީލެއްގެ މަޤާމުގައި ހުންނެވި އަލްއުސްތާޒު ނ.ތ. ޙަސަން ދީދީއެވެ. އަދި، އެންމެ ފުރަތަމަ އެ ސެޓުން "މާލޭރޭޑިއޯ"ގެ ނަމުގައި އެނައުންސް ކުރައްވަމުން ގެންދެވީ، ދާޚިލިއްޔާގެ އޭރުގެ ކާތިބެއްގެ މަޤާމުގައި ހުންނެވި ސައިކުރާ އިބުރާހީމް ނަޢީމެވެ. ޓެކްނިކަލް ދާއިރާގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި މައިޒާން އަޙުމަދު މަނިކާއި ނ.ތ. އަހުމަދު ދީދީ ހިމެނިވަޑައިގަނެއެވެ.

ރޭޑިއޯ ފެށިގެންއައީ، އެނައުންސަރުން، ޕްރޮޑިއުސަރުން، އެޑިޓަރުން ތިބެގެންނެއް ނޫނެވެ. ހަމައެކަނި، ލިޔެފައިދޭ އެއްޗެއް, މައިކު ކުރިމަތީގައި ކިޔާލަން އެނގޭކަމަށް ވަނީނަމަ، އެނައުންސަރެއްގެ ޝަރުތު އެހަމަވީއެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މާލޭ ރޭޑިއޯގެ ފުރަތަމަ އެނައުންސަރަކީ، މ. ޔާގޫތުގޭ ޙަފްސާ މޫސާއެވެ. އާދެ، ރައީސް މުޙަންމަދު ނަޝީދުގެ އަނބިކަބަލުން ލައިލާ ޢަލީގެ މަންމާފުޅެވެ. ހަފްޞާ ދިވެހިރޭޑިއޯއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރުވެރިވަމެވެ. މާގިނަ ދުވަހު ހަފްޞާ ރޭޑިއޯގައި އުޅުއްވިކަން އެގޭކަށް ނެތެވެ. ނަމަވެސް ފަށައިގަތުމުގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި ހަފްސާ މޫސާގެ ނަން ފާހަގަކޮށްލަންޖެހެއެވެ.
ޚަބަރު ކިޔުއްވުމުގައާއި އަދި މުހިންމު އެނައުންސްމަންޓްތައް ދެއްވުމުގައި ސައިކުރާ އިބުރާހީމް ނަޢީމު އުޅުއްވިއެވެ. އަދި ގ. ޒަމާނީކުލަ، ހާޖަރާ ހަސަންމަނިކު އެއީ، އިނގިރޭސި ޚަބަރު ކިޔުއްވާ އެއް އެނައުންސަރެވެ.
މި މަސައްކަތުގައި ފުރަތަމަ ބޭނުންކުރެވުނު ރޭޑިއޯ ޓެލެފޯން ސެޓް، "ޑޮލްފިން ސެޓް" މިއީ، އެދުވަސްވަރު ސަރުކާރުގެ މުހިންމު މަސައްކަތެއްގައި ބޭނުންކުރެއްވުމަށް ގެނެވިފައިވާ ރޭޑިއޯ ޓެލެފޯން ސެޓްތަކުގެ ތެރެއިން އެއްސެޓް ކަމަށް އަމައިޒާން އަޙުމަދު މަނިކު ބުނުއްވިއެވެ.
ދުވަސްތައް މާޒީވަމުންގޮސް، ރޭޑިއޯޓެލެފޯން ސެޓުން، ފުރަތަމަ ޓެސްޓްކުރިތާ ގާތްގަނޑަކަށް އަހަރު ދުވަސް ފަހުން، 1962 ވަނައަހަރުގެ ޑިސެމްބަރ މަހުގެ 29 ވަނަދުވަހު މެންދުރުފަހުގެ 2.00 ގައި، ރަސްމީކޮށް "މާލޭ ރޭޑިއޯ"ގެ ނަމުގައި ބްރޯޑްކާސްޓްކުރަން ފަށައިފިއެވެ.
އެ ދުވަހު، ޓްރާންސްމީޓަރެއްގެ ގޮތުގައި ބޭނުން ކުރި، ރޭޑިއޯ ޓެލެފޯންސެޓަކީ، ޙަޤީގަތުގައި ބްރޯޑްކާސްޓިންގ އިކްވިޕްމަންޓެއް ނޫނެވެ. އަދި އެދުވަހު ބްރޯޑްކާސްޓް ކުރެވުނު 2182 ފްރިކްއެންސީ އަކީވެސް ރޭޑިއޯ ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ފްރިކްއެންސީއެއް ނޫނެވެ.
އެ ފްރިކްއެންސީ އަކީ، އިންޓަރނޭޝަނަލް ޓެލެކޮމިޔުނިކޭޝަން ޔުނިއަން (އައި.ޓީ.ޔޫ.) އިން ކަނޑައަޅައިފައިވާ، މެރިޓައިމް ޑިސްޓްރެސް ފްރިކްއެންސީ އެކެވެ. އާދެ ކަނޑުދަތުރުކުރާ ބޯޓްފަހަރަށް ޚާއްޞަ ކުރެވިފައިވާ ފްރިކްއެއްސީއެކެވެ. ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ފްރިކްއެންސީއެއް ނޫނެވެ.
އެހެންކަމުން، ޙަޤީޤަތުގައި، ބްރޯޑްކާސްޓިންގ މިންގަނޑަކުން ބަލާނަމަ، އެދުވަހަކީ، ބްރޯޑްކާސްޓް ކުރަން ފެއްޓި ދުވަސް ނޫން ކަމަށްވެސް ބުނެވިދާނެއެވެ.
ނަމަވެސް، އެ ދުވަހުގެ އެއަޑު، އަޅުގަނޑުމެން ދިވެހިންނަށް އިވުނީ، ރޭޑިއޯއަކުން ކަމަށްވެފައި، އެނައުންސަރު ވާހަކަދެއްކި ދެއްކުމުގައި ވެސް މިއީ ރޭޑިއޯ ބްރޯޑްކާސްޓް ކުރަނީކަމަށް ބުނުމުން، އެއޮތީ އެދުވަހު ރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓް ކުރަން ފެއްޓިފައި ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.
ކޮންމެއަކަސް 1962 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަދުވަހު، "މާލޭރޭޑިއޯ"ގެ ނަމުގައި ފުރަތަމަ ބްރޯޑްކާސްޓް ކުރިއަށް ގެންދިޔައީ، 4 މިނިޓް 10 ސިކުންތުގެ ދިގުމިނުގައެވެ. އެދުވަހުގެ މެންދުރު ފަހުގެ 2.00 ގައި ޓްރާންސްމިޝަން ފެއްޓީ، ބެރުދުންމާރި ތާޅަފިލީގެ އަޑުންނެވެ. ޕްރޮގްރާމް ތައްޔާރުކުރެއްވީ، އަލްއުސްތާޒް ނ.ތ. ހަސަންދީދީ އެވެ.
ރޭޑިއޯއިން ގެނެސްދިނީ، ތިންޚަބަރާއި ސަރުކާރުގެ ދެ އިއުލާނެކެވެ. މާދަމާވެސް، އެގަޑީގައި ފަށާނެކަމަށް ބުނެފައި ނިންމައިލީއެވެ. އެދުވަހު އެނައުންސް ކުރެއްވީ، އަލްފާޟިލް ސައިކުރާ އިބުރާހީމް ނަޢީމެވެ.
މިކަހަލަ ގޮތަކަށް ފެށުނު ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ، ތަރައްޤީ ވަމުން، ކުރި އަރަމުންނެވެ. ކޮންމެދުވަހަކީ ވެސް، ސްޓޭޝަނަށް ނުވަތަ ޕްރޮގްރާމްތަކަށް ކޮންމެވެސް އިންޤިލާބެއް އަންނަމުން ދިޔަ ދުވަހެކެވެ.
ސިނެކޯރޭޑިއޯ
"މާލޭރޭޑިއޯ"ގެ ނަމުގައި ވުޒާރަތުލް ދާޚިލިއްޔާއިން ޓެސްޓް ކުރަމުން ގެންދިޔަ ގެންދިއުން، ފަހުން މޯލްޑިވްސް ސިނަމާ ކުންފުނިން ކުރިއަށް ގެންދިއުމަށް ހަމަޖެހުމާ ގުޅިގެން، 12 މާރޗް 1964 ގައި، ރޭޑިއޯ ސްޓޭޝަންގެ ނަން "ސިނެކޯރޭޑިއޯ" އަށް ބަދަލުވެ، ބްރޯޑްކާސްޓް އިކްވިޕްމަންޓް ބޭނުން ކޮށްގެން، ބްރޯޑްކާސްޓް ފްރިކްއެންސީ އަކުން، ބްރޯޑްކާސްޓް ކުރަން ފެއްޓިއެވެ.
ސިނެކޯރޭޑިއޯ ސްޓޭޝަނުގައި ބޭނުންކުރި ޓްރާންސްމީޓަރުތަކަކީ، މިސްޓަރ ވިކްރަމަސިންހަގެ އިންޖިނޭރު ކަމުގައި ވަޒީރުލްއައުޒަމް ޞާޙިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން، ކުރެވެމުން ދިޔަ މަސައްކަތުން، ރާއްޖޭގައި އުފެއްދުނު ތަކެއްޗެވެ.

"ސިނެކޯރޭޑިއޯ"ގެ ފުރަތަމަ އަންހެން އެނައުންސަރަކީ، މ. ހަޒާރުމާގޭ މަރުހޫމާ އުމްނިއްޔާ ނަޞީރެވެ. ސައިކުރާ އިބްރާހިމް ނަޢީމަކީވެސް "ސިނެކޯރޭޑިއޯ"ގެ އެނައުންސަރެކެވެ. ނަޢީމު ކިއުއްވާނީ ޚަބަރެވެ. މާގިނަ އެނައުންސަރުންނެއް ނޫޅެއެވެ.
އެންމެ އަންހެން ކުއްޖަކު އެނައުންސް ކުރަން ހުރުމުން ތަންކޮޅެއް ބުރަބޮޑުވާ ކަމަށް އިބްރާހިމް ނާޞިރަށް ފެނިވަޑައިގެން، ދެވަނަ ކުއްޖަކު ހޯއްދެވުމަށް ނާޞިރު އެދިވަޑައިގަތް ކަމަށް އުމްނިއްޔާ ވިދާޅުވިއެވެ. އަދި އެމަޤާމަށް ދެން ގެނެވުނީ، މ. ހަޒާރުމާގޭ މިންނާ ވަޖީހެވެ. މިންނާއާއި، އުމްނިއްޔާއާ ދެބޭފުޅުންވެސް، ސިނެކޯރޭޑިއޯގެ ދުވަސްވަރު، ވަޒީފާއިން ވަކިވެވަޑައިގަތެވެ. ފަހުން މިންނާ ވަޖީހު އަނެއްކާވެސް ރޭޑިއޯއާ ގުޅިވަޑައިގަތް ނަމަވެސް، އުމްނިއްޔާ ނަޞީރު ގުޅިވަޑައެއްނުގަނެއެވެ.
ޓެސްޓްކުރަން އުޅުނު ދުވަސްކޮޅު ވުޒާރަތުލް މާލިއްޔާގެ ކޮޓަރިއެއްގެ ތެރޭގައި މިކަންކުރި ނަމަވެސް، ސަރުކާރުގެ އޮފީހެއްގައި މިކަހަލަ ކަންކަން ކުރުމަށް ހުރި ދަތިތަކަށް ބައްލަވާފައި، އަމިއްލަ ކުންފުންޏެއްގެ ތެރެއިން މިކަންކުރުމަށް ނިންމެވިއެވެ. އެއީ ސިނަމާ ކުންފުންޏެވެ. ސިނަމާ ކުންފުނީގައި، މަސައްކަތްކުރީވެސް ނާޞިރު އަރިހުގައި އެމަސައްކަތްކުރި މުއައްޒަފުންނާއި އަދި ސިނަމާ ކުންފުނީގެ މުއައްޒަފުންނެވެ.
އެ ދުވަސްވަރު، ސިނަމާ ކުންފުނީގެ ސެކްރެޓަރީ ކަމުގައި ހުންނެވި ވައިޖެހޭގޭ އަޙުމަދު ރަޝީދު އެމަޤާމުން ވަކިވެވަޑައިގަތުމުން، އެމަޤާމަށް ދެންގެންނެވީ، އެންދެރިމާގޭ ޢައްބާސް އިބުރާހީމެވެ. އައްބާސް ސިނަމާ ކުންފުންޏަށް ގެންނެވުމުން، އެހިސާބުން ޢައްބާސް އާއި ނަޢީމްއާ ދެބޭފުޅުންވެސް ސިނެކޯރޭޑިއޯގެ މަސައްކަތާ ގުޅިވަޑައިގަތީއެވެ.
"ސިނެކޯރޭޑިއޯ" ވެސް ފަށައިގަތުމުގައި، ޢާންމު ގޮތެއްގައި ބްރޯޑްކާސްޓް ކުރަމުން ގެންދިޔައީ ހިންދީ ލަވައާއި އިނގިރޭސި ލަވައެވެ. ގަޑީގެކަށި މަތިން ތިރިއަށް އަންނައިރު ހުންނާނީ ހިންދީ ލަވަ ޖަހާފައެވެ. ކަށި، ތިރިން މައްޗަށް ދާއިރު، ޖަހާފައި ހުންނާނީ އިނގިރޭސި ލަވައެވެ. ދެން ހުންނާނީ، މުހިންމު ބައެއް މުނާސަބާއާ ގުޅޭ ޕްރޮގްރާމާއި ޚަބަރެވެ. އަދި އެއާއެކު، "ސިނަމާ ހަވީރު"ގެ ނަމުގައި، އެ ވަގުތަކު އޮލިމްޕަސް ތިއޭޓަރގައި ދައްކަމުންގެންދާ ފިލްމްގެ ސައުންޑް ޓްރެކް ވެސް ރޭޑިއޯއިން ފޮނުވަމުން ގެންދިޔައެވެ.
ރޭޑިއޯގެ ފުރަތަމަ ޕްރޮގްރާމްތަކުގެ ތެރޭގައި، ރިކްއެސްޓް ޕްރޮގްރާމް ފޮނުވުނެވެ. ހިންދީ ލަވައިގެ ރިކްއެސްޓް ޕްރޮގްރާމަކީ، އޭރުގެ ބައެއް ވަޒީރުންވެސް، ވަރަށް ޝައުޤުވެރިކަމާއެކު، ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި ޕްރޮގްރާމެކެވެ. އޮނަރަބަލް ޢުމަރު ޒާހިރުގެ ބައްޕާފުޅު، އޭރުގެ ޑިފެންސް މިނިސްޓަރުގެ ނާއިބު، ޞާޙިބުއްސަޢާދާ އާދަމް ނަޞީރު މަނިކު، (އަޅުގަނޑުގެ ބޮޑުބޭބެ)ގެ ނަމުގައި ރިކްއެސްޓް ޕްރޮގްރާމްގައި ލަވައެއް ނާންނަ ދުވަހެއް މަދުވާނެއެވެ.
އުމްނިއްޔާ ނަޞީރާއި މިންނާ ވަޖީހު، ރޭޑިއޯއާއި ވަކިވެވަޑައިގަތުމަށްފަހު، ފަހުން މިންނާ ވަޖީހު ރޭޑިއޯއާ ގުޅިވަޑައިގަތީ، އަޅުގަނޑު ރޭޑިއޯއާ ގުޅުނު ފަހުންނެވެ.

ރޭޑިއޯ މޯލްޑިވްސްގައި އަޅުގަނޑާއެކު މިންނާ ވަޖީހު މަސައްކަތްކުރެއްވި ހުރިހާ ދުވަހަކުވެސް، މިންނާ ހުންނެވީ ޕްރޮގްރާމް ސެކްޝަންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ. އަލަށް ވަޒީފާއަށް އަންނަ އެނައުންސަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތުގައެވެ.

ދިވެހިރާއްޖޭގެ ރޭޑިއޯގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން



(ނުނިމޭ)
—–
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:



advertisment