Support Us

ގައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި ރާނިޔާ ފާޒިލް އޭނާގެ ދުވަސްނުފުރައިވިހޭ ދަރިފުޅު އިލްޔާސްއަށް ކެންގަރޫ ކެއާ ފަރުވާ ދެނީ

ހަމާ ހަން ޖެހޭ ފަރުވާ- ގައްޒާގެ ދުވަސްނުފުރާ އުފަންވާ ކުދިންނަށް މައިންގެ ފިރުމުންތަކުން އުއްމީދު

ގައްޒާގެ ދެކުނު ސަރަހައްދުގައި އޮންނަ ހާން ޔޫނިސް ސިޓީގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި އުމުރުން 24 އަހަރުގެ ރާނިޔާ ފާޒިލް މި ދިޔަ ސެޕްޓެމްބަރު 25 ގައި އޭނާގެ އަލަށް އުފަންވި އެއްމާބަނޑު ދެ ފިރިހެންކުދިންގެ ތެރެއިން އެއް ފިރިހެން ދަރިފުޅާ 11 ދުވަސް ވަންދެން ވަކިން އުޅެންޖެހުމަށްފަހު އެންމެ ފަހުންވަނީ އެ ދަރިފުޅު އޭނާގެ މޭގައި ޖައްސައިލައިނެ ފުރުސަތު ލިބިފައެވެ.

އަނެއް ދަރިފުޅު ޔަހްޔާގެ ހާލު ރަނގަޅަސް، ދުވަސްނުފުރާ އިލްޔާސް އުފަންވިއިރު ބަރުދަނުގައި ހުރީ އެންމެ 1.4 ކިލޯއެވެ. އަދި އިލްޔާސްގެ ލޭގެ މައްސަލަތަކާއި ފުއްޕާމޭގެ ނުރައްކާތެރި ހާލަތެއް ހުރުމުގެ ސަބަބުން އިންކިއުބޭޓަރެއްގައި ހާއްސަ ފަރުވާ ދޭންޖެހުނެވެ.

"ދަރިފުޅު އުރައިލަން އައުމަށް ގޮވައިލުމުން އަހަރެން އަވަސްއަވަހަށް ދިޔައިން. އަހަރެން ހުރީ ދަރިފުޅު ގާތަށް ދާން ކެތްނުލަވައިފައި. އެއީ ވަރަށް އެހެން ކަހަލަ އިހްސާސެއް،" ރާނިޔާ ބުންޏެވެ.

އޭނާއަށް ތައާރަފުކޮށްދިނީ "ކެންގަރޫ މާދަރީ އަޅައިލުން" ނުވަތަ "ކެންގަރޫ މަދާ ކެއާ"ގެ ފަރުވާއެވެ. މިއީ މައިމީހާ އާއި ޅަފަތު ކުއްޖާ ގާތްކޮށް، އެކަކު އަނެކަކުގެ ހަމުގައި ސީދާ ޖެހޭނެހެން، ގިނައިރު ބެހެއްޓުމާއި ގާތުންދިނުން ހިމެނޭ ނިޒާމެކެވެ. އެއް ސެޝަނެއްގައި އިލްޔާސްވަނީ ގާތްގަނޑަކަށް ދޮޅު ގަޑިއިރުވަންދެން ރާނިޔާގެ މޭމަތީގައި ޖެހޭ ގޮތަށް ބާއްވައިފައެވެ.

"ދަރިފުޅަށް އިހްސާސްވޭ އޭނާގެ މަންމަ އޭނާގެ ގާތުގައިވާކަން. އޭނާއަށް ރައްކާތެރިކަން ލިބޭކަން އޭނާއަށް އިހްސާސްވޭ. ތެދަށް ބުނާނަމަ މީގެ ސަބަބުން އަހަރެން ވަރަށް އުފާވޭ،" ރާނިޔާ ބުންޏެވެ.

ނާސިރު ހޮސްޕިޓަލުން މި ނިޒާމު ތައާރަފުކުރީ އދ.ގެ ތިން އިދާރާއަކާ ގުޅިގެންނެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)، އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ، ޔުނިސެފް އަދި އދ.ގެ ވިހެއުމުގެ ދުޅަހެޔޮކަމާ ބެހޭ އިދާރާ، ޔޫ.އެން.އެފް.ޕީ.އޭގެ އެހީތެރިކަމާއެކު ހިންގާ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައެވެ. މި ނިޒާމުގެ ސަބަބުން ދުވަސްނުފުރާ އުފަންވާ ކުދިންނާއި ބަރުދަން ލުއިކޮށް ވިހައި ކުދިންގެ ހަށިގަނޑުގެ ފިނިހޫނުމިން ހިފެހެއްޓުމަށާއި ގާތުންދިނުމަށާއި އަދި ބަރުދަން އިތުރުކުރުމަށް އެހީތެރިވެދެއެވެ.

ރާނިޔާ ފާޒިލް އޭނާގެ ދުވަސްނުފުރައިވިހޭ ދަރިފުޅު އިލްޔާސްއާއެކު ގައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ނިއޯނޭޓަލް ޔުނިޓްގައި

ޑަބްލިއު.އެޗް.އޯއިން ބުނީ އާދައިގެ ފަރުވާއާ އަޅާބަލާއިރު ކެންގަރޫ މާދަރީ އަޅައިލުމުގެ ސަބަބުން އަލަށް އުފަންވާ ކުދިން މަރުވާ މިންވަރު 32 ޕަސެންޓް ދަށްކޮށްދީ، އަދި އުމުރުން ހަ މަސް ފުރުމުގެ ކުރިން މަރުވާ މިންވަރު 25 ޕަސެންޓް ދަށްކޮށްދޭކަމަށެވެ.

"އަހަރެމެން ކުއްޖާ މަންމަގެ މޭމަތީގައި ބޭއްވުމުން އެއީ ކުއްޖާ ބޮޑުވުމަށް އެހީތެރިވެދޭ ކަމެއް. ބަލިކޮށް ނުވަތަ ބަރުދަން ލުއިކޮށް ތިބި ކުދިން ކެންގަރޫ ކެއާއާއެކު އަވަހަށް ބޮޑުވާން ފަށައި ތަން އަހަރެމެންނަށް ވަނީ ފެނިފައި. މީގެ ސަބަބުން އެ ކުދިން އަވަހަށް ހޮސްޕިޓަލުން ދޫކޮށްލުމަށް އެހީތެރިވެދޭ،" ހޮސްޕިޓަލުގެ މެޓާނިޓީ އަދި ނިއޯނޭޓަލް ޑިޕާޓްމަންޓުގެ ނާސިން ޑިރެކްޓަރު ހައުލާ އަލް-މަދްހޫން ބުންޏެވެ.

ކެންގަރޫ ކެއާ ސެޝަނެއްގައި ލިންދާ އަބޫ ނަސީރާ އޭނާގެ އަލަށް ވިހޭ އަންހެން ދަރިފުޅާއެކު

އެހެންނަމަވެސް މިއީ ކުދިންނަށް އިންކިއުބޭޓަރު ނުވަތަ ނޭވާލާން އެހީތެރިވާ ވަސީލަތްތައް ބޭނުންވާ އިންޓެންސިވް ފަރުވާގެ ބަދަލެއްގެ ގޮތުން އެކަށީގެންވާ ފަރުވާއެއް ނޫނެވެ.

އިސްރާއީލުން ގައްޒާގެ ސުންނާފަތިކޮށްލައިފައިވާ ސިއްހީ ނިޒާމަށްވަނީ ކޮންމެހެން ބޭނުންވާ ވަސީލަތްތަކުގެ ތަދުމަޑުކަމާ ކުރިމަތިލާންޖެހިފައެވެ. ޔުނިސެފުން ބުނާ ގޮތުގައި އޮކްޓޫބަރު 2023 ގައި ގައްޒާ ހަނގުރާމަ ފެށުމުގެ ކުރިން ގައްޒާގެ ނިއޯނޭޓަލް އިންޓެންސިވް ކެއާގެ އަށް ޔުނިޓެއްގައި 178 އިންކިއުބޭޓަރު ހުއްޓެވެ. ނޮވެމްބަރު 2024 އާ ހަމައަށް އައިއިރު ތިން ޔުނިޓުވަނީ ސުންނާފަތިވެފައެވެ. އަދި ބާކީ ހުރީ ގާތްގަނޑަކަށް 54 އިންކިއުބޭޓަރެވެ.

ކެންގަރޫ ކެއާ ފަރިތަކުރާނެ ގޮތް ލިންދާ އަބޫ ނަސީރާއަށް ނަރުހެއް ކިޔައިދެނީ

މި ކާރިސާއަކީ މައިންނަށް ހޮސްޕިޓަލުން ބޭރަށް ފޯރާވަރުގެ މައްސަލައެކެވެ.

އުމުރުން 23 އަހަރުގެ ލިންދާ އަބޫ ނަސީރާ އޭނާގެ އަލަށް އުފަންވި އަންހެން ދަރިފުޅަށް ފަރުވާ ދެމުންދާއިރު ދިރިއުޅެނީ އަލް-މަވާސީގެ ޓެންޓެއްގައި އޭނާގެ ދޮށީ ދެ ކުދިންނާއެކުގައެވެ.

ގައްޒާގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި އިންކިއުބޭޓަރު މަދުވުމުން މަޖުބޫރީ ހާލަތުގައި ދެ ކުދިން އެއް އިންކިއުބޭޓަރަށް ލައިފައި

"އަހަރެމެން ދަނީ ފަރުޖައްސަމުން. ނަމަވެސް މިއީ ކުރީގައި ކަންތައް ހުރި ގޮތެއް ނޫން. ނުވަތަ ވިހެއުމުގެ ހާލަތުގައި އުންމީދުކުރާނެފަދަ މާހައުލެއް ނޫން،" އޭނާ ބުންޏެވެ.

އުނދަގޫތަކާއެކުވެސް ލިންދާއަށް އޭނާގެ ދަރިފުޅު ރަނގަޅުވުމަށް އެހީތެރިވެދެވޭތީ ހިތްހަމަޖެހުން ލިބެއެވެ.

"މައެއްގެ ހައިސިއްޔަތުން އަހަރެންގެ ދަރިފުޅު ރަނގަޅުވުމަށް އަހަރެންނަށް އެހީތެރިވެދެވޭކަން އިހްސާސްވުމަކީ އަހަރެންނަށް ވަރަށް މާނަފުން ކަމެއް. އަހަރެން އުއްމީދުކުރަނީ އޭނާ ރަނގަޅުވެ، އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް،" ލިންދާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *