އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
—
އިޚްލާސްތެރި އެދުމެއް
އަޅުގަނޑު މިލިޔުން ހަދިޔާ މިކުރަނީ، އަޅުގަނޑާއެކު ދިވެހިރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގެ ދާއިރާއިން، ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ހިތްވަރާއެކު މަސައްކަތް ކުރެއްވި އަޅުގަނޑުގެ ހުރިހާ އެކުވެރިންނަށާއި އަދި ދިވެހިރާއްޖޭގެ ރޭޑިއޯ ފޫހިކަމެއް ނެތި، ލޯތްބާއި އިތުބާރާއެކު، އަޑުއައްސަވަމުން ގެންދެވި، ހުރިހާ އެހުންތެރިންނަށެވެ.
މިއަދު ދިވެހިރާއްޖޭގައި "ރައްޔިތުންގެ ރޭޑިއޯ" ނުވަތަ "ޕަބްލިކް ސާރވީސް ރޭޑިއޯ" އޮތް ޙާލާއި، އެއަށް އަޅާނުލެވޭ މިންވަރު ފެނުމުން، ވަރަށް ދެރަވެއެވެ. ދުވަސްކޮޅަކުން، މި ދިވެހި ޖައްވުން "ރައްޔިތުންގެ ރޭޑިއޯ"ގެ ސިގްނަލު މުޅިން ނެތިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކުންފުންޏެއްގެ ދަށުން، ފައިދާ ހޯދާ ގޮތަށް ކުރެވޭ ކަމަކަށް ވެގެން، ރައްޔިތުންގެ ބްރޯޑްކާސްޓިންއެއް ނުހިންގޭނެއެވެ. އެކަމަކީ، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ރައްޔިތުންނަށް، ދައުލަތުން ދޭންޖެހޭ އަސާސީ ޚިދުމަތެކެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރުމުގެ ގޮތުން "އޭޝީއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔުނިއަން" (އޭ.ބީ.ޔޫ.) އިން ނެރެފައިވާ ރިޕޯޓުން ދައްކާގޮތުގައި، ޔޫރަޕްގެ ކުރިއަރާފައިވާ ޤައުމުތަކުން ކުރެވުނު ސާރވޭއަކުން އެނގިގެންދިޔައީ، ދުނިޔޭގައި އަދިވެސް ރަސްކަންކުރަނީ ރޭޑިއޯކަމެވެ. ރައްޔިތުންނާ އެންމެ ގާތުން، އެންމެ ފަސޭހައިން ލިބިގަނެވޭ ވަޞީލަތަކީ ހަމަ ރޭޑިއޯކަމެވެ.
އޭ.ބީ.ޔޫ.ގެ ސާރވޭ ދައްކާ ގޮތުން، ބައެއް ޤައުމުތަކުގައި އެމީހުންގެ ސަރުކާރަށް އިތުބާރުކުރާ ވަރަށްވުރެ، ރޭޑިއޯއަށް އިތުބާރު ކުރާ މީހުންގެ ނިސްބަތް ބޮޑެވެ.
ހަފްތާއެއްގެ ތެރޭގައި، ޔޫރަޕިއަން ފުޓްބޯލް ލީގް ސީދާ ލޮލުން ދެކިލަން، 2.5 މިލިއަން މީހުން ދަނޑަށް ވަންނަ ކަމަށް ދައްކައެވެ. ނަމަވެސް އެ މެޗްތައް ރޭޑިއޯއިން އަޑުއަހާ މީހުން 420 މިލިއަނަށް އަރައެވެ.

ޔޫރަޕްގެ ޢާންމު ރައްޔިތަކު، އޭނާގެ މުޅި ޙަޔާތުގައިވެސް ފޭސްބުކްގައި ހޭދަކުރާ ކަމަށް ދައްކަނީ، ހަތަރު މަސް ދުވަހެވެ. އެހެން ނަމަވެސް، ރޭޑިއޯ އަޑުއެހުމުގައި އޭނާގެ ޢުމުރުން ނުވަ އަހަރު ހޭދަކުރާ ކަމަށް ސާރވޭއިން ދައްކައެވެ. މިއީ މިއަދުވެސް ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ، ޔޫރަޕްގެ ޤައުމުތަކުގައި ރޭޑިއޯއަށް ރައްޔިތުންގެ ތެރޭގައި ހުރި ޝައުޤުވެރިކަމުގެ ބޮޑުކަން ދައްކުވައިދޭ މިންވަރެވެ. ސަބަބުތަކެއް ހުރެގެންނެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ފަސޭހަވެފައި އަގުހެޔޮވުމެވެ. އަދި ރޭޑިއޯއަށް ކުރެވޭ އިތުބާރެވެ.
އޭޝިޔާ ބައްރުގައި، ރަނގަޅު ދިރާސާއެއް ކުރެވި، ރައްޔިތުންގެ ބޭނުންތައް ރަނގަޅަށް ދެނެގަނެވިއްޖެނަމަ، ނަތީޖާ ދައްކާނީ، ރޭޑިއޯގެ އެހުންތެރިން ޔޫރަޕަށްވުރެވެސް އޭޝިޔާގައި މާބޮޑުތަން ގިނަ ކަމަށެވެ.
މިއީ އަޅުގަނޑުމެންގެ ސަރުކާރުގައި ތިއްބަވާ ޢިއްޒަތްތެރި ޕޮލިސީ މޭކަރުންނާ އަދި އެހެނިހެން ސިޔާސީ ފަރާތްތަކުން، އަދި ޤައުމު ހިންގަވަން ތިއްބެވި ވެރިން، އަދި ޚާއްޞަކޮށް ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން، ފިސާރި ރަނގަޅަށް ވިސްނަވައި ޚިޔާލުކުރައްވަން ވެއްޖެކަމެކެވެ.
ރައްޔިތުންނަށް ރަނގަޅު، ސައްޙަ މެސެޖްތަކެއް ދީ، ރައްޔިތުން ހޭލުންތެރިކުރުވައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި ތަޢުލީމީ ފެންވަރު މަތިކުރަން މިއަދުވެސް ރޭޑިއޯއަކީ، މުހިންމު ވަޞީލަތެއްކަން ޤަބޫލުކުރެވި، އެކަންކަމަށް މަގުފަހިކޮށްދެއްވަން އެބަޖެހެއެވެ. ސަބަބަކީ ރޭޑިއޯއަކީ، ކޮންމެ ކަމެއް ކުރަން އުޅެމުންވެސް، އަޑު އެހޭނެ އެއްޗަކަށް ވެފައި، އަދި އެއިން ފޮނުވައިދޭ މެސެޖް ސީދާ އެހުންތެރިޔާގެ ސިކުނޑިއަށް ފޯރުކޮށްދޭތީއެވެ. އަދި މީޑިއާ އަކީ، އިންސާނީ ތަރައްޤީގެ މައިގަނޑު އެއް ތަނބު ކަމަށްވެފައި، ޑިމޮކްރަސީއެއްގައި އެއީ، ހަތަރު ވަނަ ބާރުކަމުގައި ބެލެވޭތީއެވެ.
ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ދިވެހިރާއްޖެ ފަދަ ގައުމަކަށް އެންމެ ފަސޭހަވެފައި ޚަރަދު ކުޑަވަނީ، AM ޓްރާންސްމީޓަރ ބޭނުންކޮށްގެން ރޭޑިއޯ ސިގްނަލް ފޮނުވުމެވެ. ފަރުބަދަތަކެއް، މާ އުސް ޢިމާރާތްތަކެއް ނެތުމުގެ ސަބަބުންނެވެ. ރޭޑިއޯއަކީ، އެންމެން އެކުގައި އަޑުއެހުމަށް ބޭނުންކުރާ ވަޞީލަތަކަށްވެސް ވާތީއެވެ. މިއީ ކަމާބެހޭ މާހިރުން، އެތަކެއް ދިރާސާތަކެއް ކުރުމަށްފަހު ވެފައިވާ އެއްބަސްވުމެކެވެ.
ސްޓްރީމް ކުރުމަކީވެސް ބޭނުންތެރި ކަމެކެވެ. އެއީ، މިހާރުގެ ސްމާރޓް ފޯނުތަކުންވެސް ރޭޑިއޯގެ ޗެނެލްތައް އަޑުއަހާލުމުގެ ފަސޭހަކަންވެސް ލިބިފައިވާތީއެވެ. އެހެނަސް، އަދި އެއީ ރާއްޖޭގައި ޚަރަދު ބޮޑު އަދި ލިބުން ދަތި ވަޞީލަތެކެވެ. ސްޓްރީމް ކޮށްގެން ރޭޑިއޯ ސިގްނަލް ފޮނުވުމުގެ އެންމެ ދެރަ އެއް ކަމަކީ، ޚަރަދުކޮށްގެން އަޑުއަހަންޖެހުމެވެ. އަދި ޚަރަދު ކޮށްގެންވެސް، ސިގްނަލް ލިބުމުގެ މައްސަލައެވެ. އަދި އެހުންތެރިން އިންތިހާއަށް މަދުވެގެންދާ ކަމެވެ.
ޕަބްލިކް ސަރވީސް ބްރޯޑްކާސްޓަރަކީ، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން، ރައްޔިތުންނަށްޓަކައި އުފައްދާފައިވާ އެއްޗެއް ކަމުގައި ވާންއެބަޖެހެއެވެ. ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ހުރިހާ ފަރާތެއްގެ ފިކުރާއި ޚިޔާލު، އަޑު އިވެންޖެހެއެވެ. ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ހިއްސާ އޮންނަން އެބަޖެހެއެވެ. ރައްޔިތުންގެ ޚިޔާލާއި ވިސްނުން، ސަރުކާރުގެ ވެރިންނާ ހަމައަށް ގެނެސް، ރައްޔިތުންނަށް މިނިވަންކަމާއެކު ބަސް ބުނެވޭނެ، ވަޞީލަތެއް ހޯދައިދޭން ޖެހެއެވެ. ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކުގައެވެ. އިންޞާފުވެރިކަމާއި ތެދުވެރި ކަމާއެކު އެކަން ކުރަން އޮތް ހަމައެކަނި ވަޞީލަތަކީ، ރަނގަޅަށް ހިންގޭ ޕަބްލިކްސަރވީސް ބްރޯޑްކާސްޓަރެވެ. ވަކި ފަރާތަކަށް ބުރަނުވެ އޮންނަ މީޑިއާއެކެވެ. އެކަން ފުރިހަމަނުވާ ކަމަށްވަންޏާ، އެއީ ފުރިހަމަ ޑިމޮކްރަސީއަކަށް ނުވެއެވެ.
މިއަދު ރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓިންގ، މިއޮތް ހިސާބުން ނަގާ، މިއަށްވުރެ މަތީ ހިސާބަކަށް ގެންދިއުމުގެ ވިސްނުމުގައި މަސައްކަތްތަކެއް ކުރަންޖެހެއެވެ.
މިކަންކުރެވޭނީ، ހަމަހަމަކަމާއި އިންޞާފާއެކު، ވަކި ކުލައަކަށް ބުރަނުވެ، ހުރިހާ ކުލައެއްގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެ ބަޔަކު، ބްރޯޑްކާސްޓިންގެ ހިންގުމާ ހަވާލުވެ، ސަރުކާރުގެ ފަރާތުން ހެޔޮހިތުން، އެމީހުނަށް މަގުތައް ކޮށައިދީ، ބާރުތައް ދީގެންނެވެ. މިކަން ކުރުމަށް މަގުފަހިކޮށްދޭން ޖެހޭނީ ދައުލަތުންނެވެ. ސަރުކާރު ބަދަލުވިއަކަސް، ދައުލަތް ބަދަލެއް ނުވާނެއެވެ.
އަދި ކުރިން ދެންނެވި ފަދައިން، ރޭޑިއޯ ބްރޯޑްކާސްޓް ކުރުމަކީ ކޮން ކަމެއްކަމާއި، ރޭޑިއޯގެ ބާރާއި ނުފޫޒު، މިއަދުވެސް ދުނިޔޭގައި އޮތް މިންވަރު ދިރާސާ ކުރުމުގެ ޤާބިލިއްޔަތު ހުރި ބަޔަކު، ބްރޯޑްކާސްޓިންގއާ ޙަވާލު ވެގެންނެވެ. ދުނިޔޭގެ މަޝްހޫރު ޓީވީ ސްޓޭޝަންތަކުން ފޮނުވާ ޚަރަދު ބޮޑު ޕްރޮގްރާމްތައް ކޮޕީކުރުން ހުއްޓާލުމަށްފަހު، ދިވެހިންނަށް ފައިދާކުރާނެ، ދިވެހިންގެ ތެރެއިން، ދިވެހި އުފެއްދުންތަކެއް އުފެއްދިގެންނެވެ. އަދި ސިޔާސީ ނުފޫޒުތަކުން ބްރޯޑްކާސްޓަރު މިނިވަންވެގެންނެވެ.
ރާއްޖޭގައި ރޭޑިއޯ ފެށިގެންދިޔަ ހިސާބުގައި މަސައްކަތް ކުރަންއުޅުނު، ގިނަ މީހުން މިތިބީ، މަޤާމުން ރިޓަޔަރކޮށް، މަސައްކަތުން ބޭރުގައެވެ. ކުރާ ކަންތައްތަކާއި ބުނާ ބުނުންތައް އަޑުއަހަން ދުރުގައެވެ. މިއަދު އަޅުގަނޑުމެނަށް ދެވޭނީ ލަފައެކެވެ.
ތެދުފުޅެކެވެ. އަޅުގަނޑުމެންނަކީ މާކުރީގެ ބައެކެވެ. ދުނިޔެ މިވަނީ މާބޮޑަށް ތަރައްޤީވެ، ކުރިއަރައިފައެވެ. ނަމަވެސް، ވިސްނައިލަންވީ ބަދަލުނުވާ ކަންތައްތަކެއް ވެސް އެބަހުރިކަމެވެ. އިންސާނަކަށް ވީތީ، އެދޭނެ ކަންތައްތަކެއް ހުންނާނެ ކަމާއި އަދި އެކަންތައްތަކަށް އިންސާނާ އެދޭނެކަން، ގަބޫލު ކުރަންޖެހެއެވެ. އަދި އެކަން ބަދަލެއް ނުވާނެއެވެ. ކަންތައްތައް ތަފާތުވެދާނެއެވެ. ނަމަވެސް ހަމަ ޔަގީނުންވެސް ކަންތައްތަކަކަށް އިންސާނާ އެދޭނެއެވެ.
ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގެ ރޫޙާ އެއްގޮތަށް، ރޭޑިއޯ އާއި ޓެލެވިޒަނުން، ރައްޔިތުންނަށާއި ގައުމަށް ޚިދުމަތްކުރަން ތިބީ، މިއަދުގެ ޒުވާނުންނެވެ. ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިން އަކީ ކޮން އެއްޗެއްކަމާއި އަދި ޚާއްޞަކޮށް، ރޭޑިއޯ ބްރޯޑްކާސްޓިންއަކީ ކޮން އެއްޗެއްކަން، މިއަދު އެކަމުގައި އުޅޭ ޒުވާނުން ދަސްކުރަން އެބަޖެހެއެވެ. ދަސްކޮށްދޭން އެބަޖެހެއެވެ. ރޭޑިއޯގައި މަސައްކަތް މިކުރަނީ، ހަމައެކަނި، މުސާރައެއް ހޯދުމަށް ކަމަށް ނަހަދާ، އަމިއްލަ ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ކަމެއް ކޮށްދޭ ބަޔަކަށް ވާންއެބަޖެހެއެވެ!
ޕަބްލިކް ސާރވީސް ރޭޑިއޯ އަކީ ރައްޔިތުންގެ ރޭޑިއޯ އެވެ. މުޅި ދިވެހިރާއްޖޭގެ އަޑެވެ.
އަޅުގަނޑު މި ލިޔަނީ، ރޭޑިއޯ ބްރޯޑްކާސްޓިން ރާއްޖޭގައި ފެށުނު ދުވަސްވަރު އެ މަސައްކަތުގައި އުޅުނު މީހެއްގެ ޙައިސިއްޔަތުން، އަޅުގަނޑަށް ފެނިފައި ހުރި ތަންތަނާއި، މި ދާއިރާއިން ކިޔެވިފައި ހުރި އެއްޗަކާއި އަދި އަޅުގަނޑަށް ލިބިފައި ހުރި ތަޖުރިބާއެއްގެ އަލީގައި، ފަހަށް ރައްކާކުރުމުގެ ނިޔަތުގައާއި، ބަޔަކު ކޮށްފައިވާ ޤައުމީ ޚިދުމަތްތަކެއް ހަނދާނުން ފުހެވިގެން ދިޔަ ނުދިނުމަށްޓަކައި ލިޔާލިޔުމެކެވެ. އެ ދުވަސްވަރަކީ މި ދިވެހިރާއްޖެ ޑިމޮކްރަޓިކް ސިސްޓަމެއްގެ ނަންވެސް އަޑުއަހާފައި ނެތް ދުވަސްވަރެކެވެ.
ރޭޑިއޯއަކީ، އަދިވެސް ދިވެހި ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެވިދާނެ، ނިހާޔަތަށް ބާރުގަދަ ކޮމިޔުނިކޭޝަން ވަޞީލަތެއް ކަމުގައި ހިތުގެ އަޑިން ގަބޫލު ކުރެވޭތީއެވެ. އެ ދާއިރާގައި މިހާރު މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހިތްވަރެއް ދިނުމަށާއި، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމާއި، ގައުމު އާރާސްތު ކުރުމުގައި ރޭޑިއޯގެ ދައުރު ހަނިވެގެންދިޔަ ނުދިނުން އެދޭ ޙާލުގައެވެ.
ގައުމުގެ ތަރައްޤީގައި ހުރިހާ ރައްޔިތުން ބައިވެރިކުރުވާ، ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއް ރައްޔިތުންނާ ހިއްސާކުރުމަށް އެދޭ ވަޞީލަތެއްގެ އިންތިޒާރުގައި ހުރި މީހެއްގެ ހައިސިއްޔަތުންނެވެ. ރާއްޖޭގައި ބްރޯޑްކާސްޓިންގ ފެށިގެން މިއަދާ ހަމައަށް ގެނެސްދިނުމަށް ބަޔަކުވީ ގުރުބާނީ، ކޮންމެވެސް ވަރަކަށް ކިޔައިދިނުމުގެ ބޭނުމުގައެވެ. އަދި ރޭޑިއޯއަކީ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިފިނަމަ، ކިހާ ބާރުގަދަ، މިއަދުވެސް ދިވެހިރާއްޖެއަށް ކިހާ ބޭނުންތެރި ވަޞީލަތެއްކަން އަންގައިދެވޭތޯ މަސައްކަތްކުރުމުގެ ނިޔަތުގައެވެ. މިހާރުވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ރޭޑިއޯގެ ސިގްނަލް އިންޓަރނެޓް ބޭނުންކޮށްގެން ސްޓްރީމް ކުރެވިދާނެއެވެ. އަދި ކުރަމުން ގެންދޭވެސް މެއެވެ. ނަމަވެސް، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރގެ ޒިންމާ އެހިސާބުން ނިމުނީއެއް ނޫނެވެ. ސްޓްރީމްކުރާ ސިގްނަލް ލިބެނީ ކިހާ ހިސާބަކަށްތޯ، އެކަމަށް އެހުންތެރިޔާ ކިހާ ޚަރަދެއް ކުރަންޖެހޭތޯ ވެސް ބަލަން ޖެހެއެވެ. އަދި ސްޓްރީމްކުރުމަށް ސްޓޭޝަނުން ކިހާ ފައިސާއެއް ޚަރަދުކުރަން ޖެހޭތޯވެސް ބަލަންޖެހެއެވެ. އަދި އެންމެ މުހިންމު ކަމަކީ، ސްޓްރީމް ކުރުމާއި ބްރޯޑްކާސްޓް ކުރުމާ ދެގޮތުން، އެހުންތެރިންގެ ނިސްބަތް އެންމެ ރަނގަޅީ، ނުވަތަ އެންމެ ގިނަ ބަޔަކަށް އިވެނީ ކޮން ގޮތަކުންތޯ ދެނެގަތުމެވެ.
ސްޓްރީމް ކުރީމާ ޢާންމު ގޮތެއްގައި ލިބެނީ، ތިމާގެ އަތުގައި އޮންނަ ސްމާރޓް ފޯނަށެވެ. އަޑު އިވެނީ ތިމާއަށް އެކަންޏެވެ. ބްރޯޑްކާސްޓް ކުރީމާ ގެންގުޅޭ ރޭޑިއޯސެޓަށް ލިބޭނެއެވެ. އޭގެ ވޮލިޔުމް ބާރުކުރި ވަރަކަށް އަޑުއިވޭ މީހުން އިތުރުވާނެއެވެ. މިއީ ދެއަހަރުގެ ކުޑަކުއްޖަކަށްވެސް ރޭކާލާނެ މިންވަރެވެ. އަޅުގަނޑުމެންގެ އިސް ބޭފުޅުންނަށް، މި ބޭސިކް ހަޤީޤަތް ވިސްނިވަޑައިނުގަންނަވަނީތޯއެވެ؟ ނޫނީ، ހަމަ ރައްޔިތުންނަށް ޚިދުމަތެއް ދެއްވަން ބޭނުންނުވަނީތޯއެވެ؟
ހިތާމައަކީ، މިއިން އެއްވެސް ކަމަކަށް ވިސްނުމެއްނެތި ޕަބްލިކް ސަރވީސް ބްރޯޑްކާސްޓަރަކީ، ވިޔަފާރި ކުންފުންޏަކުން، ފައިދާތަކެއް ހޯދުމުގެ މަގުޞަދުގައި ހިންގާ ތަނެއްގެ ގޮތަށް ގާނޫނު ބަދަލުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތަށްވުރެ، ހަގީގަތުގައި، އެ ވަގުތަކު އޮތް ސަރުކާރެއްގެ ޕްރޮޕަގެންޑާ ހިންގޭ ނިސްބަތުގެ ބޮޑުމިނަށް ބަލައިގެން މިކަން ކުރެވޭތީއެވެ. ދިވެހި ރައްޔިތުންގެ މަތިން ހަނދާން ނެތޭތީއެވެ.
އެންމެ ނިކަމެތި، އެންމެ ދުރުގައި ދިރިއުޅޭ މީހާއާ ހަމައަށްވެސް ޕަބްލިކް ސަރވިސްގެ ސިގްނަލް ލިބެންޖެހެއެވެ. "ޕަބްލިކް ސަރވިސް" އަކީ، އާންމު ޚިދުމަތެކެވެ. އާދެ އެއީ، ޑިމޮކްރަސީއެއްގައި، ދައުލަތުގެ ބަޖެޓުން (ރައްޔިތުންގެ ފައިސާއިން) ޚަރަދުކޮށްގެން، ރައްޔިތުންނަށް ދޭންޖެހޭ އެންމެ އަސާސީ ޚިދުމަތެވެ.
މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސްގައި، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ބިލް ފަރުމާކުރުމުގެ މަސައްކަތް މިނިސްޓަރ މުހައްމަދު ނަޝީދާއި، ސެކްޓަރގެ ހުރިހާ ބޭފުޅުން ކުރައްވަމުން ގެންދެވިއިރު، ކުރެވެމުން އައި އުންމީދަކީ، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމަށް މި އަންނަ ބޮޑު ބަދަލާއެކު، ހާދަ ބޮޑު މިނިވަންކަމެއް ބްރޯޑްކާސްޓަރުންނަށް ލިބޭނެތާއެވެ! ސަރުކާރުގެ ދަށުން ނެގި، މިނިވަންކަމާއެކު، ފަންނީ ގޮތެއްގައި ސްޓޭޝަންތައް ހިންގުމުގެ މިނިވަންކަން، ޑިމޮކްރަސީ ގެނެސްދޭނެތާއެވެ!
މާތް ﷲގެ ވާގިފުޅާއެކު، ކޮންމެވެސް ދުވަހަކުން، ރޭޑިއޯއަކީ ދިވެހިރާއްޖެއަށް ބޭނުންތެރި، މުހިންމު އަދި ޚަރަދު ކުޑަ މުއާޞަލާތީ ވަޞީލަތެއްކަން ސަރުކާރަށް ވަޒަން ކުރެއްވި، އަދި އޭގެ ފައިދާ ޤައުމަށާއި ރައްޔިތުންނަށް ހޯއްދަވައިދެއްވަން ވިސްނަވަން ފަށްޓަވައިފިނަމަ، މިލިޔުން ލިޔުމުގައި އަޅުގަނޑުގެ މަޤުޞަދު ޙާޞިލުވީއެވެ.
ރޭޑިއޯ ސިގްނަލްގެ ބާރުގަދަކަމާއި އޭގެ ފަސޭހަކަން އަދި ޚަރަދު ކުޑަކަމާއި، އެއިން ކުރުވާ އަސަރު މާބޮޑުކަން، އަޅުގަނޑުމެން ރޭޑިއޯ ބްރޯޑްކާސްޓަރުން ދަސްކުރަންއެބަޖެހެއެވެ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ވެރިންނަށް، ރޭޑިއޯގެ ފައިދާއާއި ބޭނުންތެރިކަން ވިސްނައިދޭން އެބަޖެހެއެވެ. ޑިޒިޝަން މޭކިންގ ލެވެލްގައި މިއަދު ތިއްބެވީ، ބްރޯޑްކާސްޓިންގ ދާއިރާގެ ފަންނީ ބޭފުޅުންނެއް ނޫނެވެ. ސިޔާސީ ޙަރަކާތްތެރިންނެވެ. އެހެންކަމުން، އެ ފަރާތްތައް ފަންނީ ގޮތުން ހޭލުންތެރިކުރުވުމަކީ ރޭޑިއޯ ބްރޯޑްކާސްޓަރުގެ މަސައްކަތުގެ ބޮޑު ބައެކެވެ. ހެކިތަކާއި ދަލީލުތަކާއެކު ދައްކައިގެންނެވެ! ކަމަށް އެކަށީގެންވާ މީހުން ރޭޑިއޯ ސްޓޭޝަންގެ މަޤާމުތަކަށް ގެނެވި، އެމީހުންގެ ފިކުރާއި ވިސްނުމާއެކު، އެ މުއައްޞަސާއެއް ހިންގުމުގެ ބާރު ފުރިހަމަ އިޚްތިޔާރާއެކު ދޫކޮށްލެވިގެންނެވެ.
މިއަށްވުރެވެސް ބޮޑަށް އަޅުގަނޑުމެން ހަނދާންކުރަންވީ ކަމަކީ، މިއަދުގެ މި ހަލަބޮލި ދުނިޔޭގައި، ގިނަ ދިވެހިންނަކީވެސް، ކޮންމެވެސް މަސައްކަތެއްގެ ތެރޭގައި އަބަދުހެންމެ، ހަރަކާތްތެރިވާން ޖެހިފައިވާ ބައެއްކަމެވެ. އެއް ތަނެއްގައި އިށީނދެލައިގެން އިނދެ، ޓީވީ ބަލައިލާ، ފޯނުން ޚަބަރުތައް ކިޔައިލާ ހަދާނެ ވަގުތު ވަރަށް ނުލިބޭ، ދިރުއުޅުމުގެ ހަލަބޮލި ކަމުގެ ތެރޭގައި އުޅެން ޖެހިފައިވާ ބައެއްކަމެވެ. ރޭޑިއޯއަކީ މިހުރިހާ ކަމެއްގެ ޙައްލެވެ. ކޮންމެ ކަމެއް ކުރަން އުޅެމުންވެސް، އަދި ކޮންމެ ވަގުތަކުވެސް، އަޑުއަހައިލެވިދާނެ ވަޞީލަތަކީ ރޭޑިއޯއެވެ. ރަނގަޅު މެސެޖްތަކެއްދީ، އަޑުއަހާ ހިތްވާ ކަހަލަ ޕްރޮގްރާމްތަކެއް ފޮނުވިއްޖެނަމަ، ރައްޔިތުން ބިނާކޮށް، ޤައުމު އާރާސްތު ކުރުމުގެ އެންމެ ފަސޭހަ، އެންމެ ޚަރަދުކުޑަ އަދި ދިވެހިރާއްޖެއަށް އެންމެ ފަސޭހަ މުއާޞަލާތީ ވަޞީލަތެވެ.
ރޭޑިއޯއަކީ، މަސައްކަތްތެރިންގެ އެކުވެރިޔާއެވެ. އެކަނިވެރިންގެ ބައިވެރިޔާއެވެ. ދުރު ގާތްކޮށްދޭ ރަޙުމަތްތެރިޔާއެވެ. އުނގަންނައިދޭ މުދައްރިސެވެ.
ރޭޑިއޯއަކީ އަހާއެއްޗެއް ނޫނެވެ. އިވޭ އެއްޗެކެވެ. ރޭޑިއޯއަކީ ޚަރަދެއް ނޫނެވެ. ފައިދާއެކެވެ.
އަޅުގަނޑުގެ ދުޢާއަކީ ރައްޔިތުންގެ ރޭޑިއޯ ކަމުގައިވާ، "ދިވެހިރާއްޖޭގެއަޑު" އެއީ ހުރިހާ ދިވެހި ރައްޔިތުންނަށާއި މުޅި ދިވެހި ޤައުމަށް، ތެދުވެރިކަމާއެކު ޚިދުމަތްކުރާނެ ރޭޑިއޯއެއް ކަމުގައިވުމެވެ. ހަގީގަތުގައި ވެސް "ދިވެހިރާއްޖޭގެ އެންމެންގެ އަޑު" ކަމުގައިވުމެވެ. އަބަދުވެސް ދިވެހިންގެ އެންމެބޮޑު އިތުބާރަކާއި ޔަގީންކަމެއް ލިބިފައިވާ، ދައުލަތާއި ރައްޔިތުންގެ ރޭޑިއޯ، އަބަދުވެސް އެގޮތުގައި އޮވެ، ރައްޔިތުންނަށް އެންމެ ތެދުވެރި ކަމާއެކު، ޚިދުމަތް ކޮށްދޭނެ ވަޞީލަތް ކަމުގައި ވުންވެސް މެއެވެ.
ހަމައެކަނި އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ފަތުރާ "ޕްރޮޕަގެންޑާ މެޝިން"އަކަށް ވުމުގެ ބަދަލުގައި، އިސްލާމުދީނާއި ދިވެހި ސަޤާފަތު ދެމެހެއްޓުމާއެކު، ދިވެހި ބަހަކީ ދިވެހިންގެ ފަޚުރެއްކަމުގައި ދެކޭނެ ޖީލެއް، އުފެއްދުމުގައި ރައްޔިތުންގެ މީޑިއާ (ޕަބްލިކްސަރވިސް ބްރޯޑްކާސްޓަރ) މުހިންމު ދައުރެއް އަދާކުރާތަން ދެއްކެވުމެވެ.
ތެދުވެރިކަމާއި ވަފާތެރިކަން، އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަން ނެތިގެންދިޔަނުދިނުމަށް ރޭޑިއޯ އެހީތެރިވާނެއެވެ. ގަދަރުކުރާނީ، ގަދަރު ކޮށްގެންކަން ދަސްކޮށްދޭން ވެއްޖެއެވެ. އިހުތިރާމާއި ލޯބި، އެއީ އަދިވެސް ހޯދިދާނެ ކަންތައްތަކެއްކަން ބުނެދޭންވެއްޖެއެވެ. ކަރަޕްޝަންގެ ނުބައި ބަލި، އެތެރެއިންނާއި ބޭރުން ފޮހެލަން ޖެހިއްޖެއެވެ. ޝުކުރިއްޔާ!
(ނުނިމޭ)
އެހެނިހެން ލިއުންތައް:



advertisment