ގަވައިދުން ހިނިތުންވުމުން މީހާގެ މޫޑު ރަނގަޅުކޮށް، ހާސްކަން ކުޑަކޮށްދީ އަދި އިޖްތިމާއީ ގުޅުންތައް ވަރުގަދަކޮށްދީފައިނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެސޯސިއޭޓެޑް ޕްރެސް ހަބަރު ފަތުރާ އެޖެންސީން މާހިރުންނާ ސުވާލުކޮށްގެން ހެދި ދިރާސާ އިއްޔެ އާއްމުކުރިއިރު ބުނެފައިވަނީ މޫނުމަތީގެ ހަރަކާތްތަކުން އިންސާނާގެ އިހްސާސްތަކަށް އަސަރުކުރުވަފައިނެކަމަށެވެ. މި ހިޔާލަށް ކިޔަނީ "ފޭޝަލް ފީޑްބެކް ހައިޕޮތެސިސް"އެވެ.
އެމެރިކާގެ ޕެޕަޑައިން ޔުނިވާސިޓީގެ ކްލިނިކަލް އަދި ފޮރެންސިކް ނިއުރޯސައިކޮލޮޖިސްޓް ޑރ. ޖޫޑީ ހޯ ބުނީ ހިނިތުންވުމަކީ ޑިޕްރެޝަނާއި ހާސްކަމާ ކުރިމަތިލުމަށް މީހުންނަށް އެހީތެރިވެދޭނެ ކަމެއްކަމަށެވެ.
"އަހަރެން މި ބުނަނީ މައްސަލަތައް ހައްލުކުރަން އޮތް ހަމައެކަނި ގޮތަކީ އެއީއެއް ނޫނޭ. މިއީ ތިމާގެ އަތުގައި ހުރި ވަސީލަތްތަކުގެ ތެރެއަށް އިތުރުކޮށްލެވިދާނެ އިތުރު އެހީއެއް ފަދަ ކަމެކޭ،" އޭނާ ބުންޏެވެ.
ހޯ ބުނީ ހިނިތުންވުމުގެ ސަބަބުން ހާސްކަމާ ގުޅިފައިވާ ހޯމޯނެއްކަމަށްވާ ކޯޓިޒޯލަށް ބަދަލުތަކެއް ގެނުވައިފައިނެކަމަށެވެ.
ހާސްވާ ފަދަ އުނދަގޫ މަސައްކަތްތައްކުރާއިރު ހިނިތުންވެ ހުރުމުން އޭގެ ފަހުން ހިތުގެ ވިންދު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
އެހެންނަމަވެސް ތަފާތު ސަގާފަތްތަކުގައި ހިނިތުންވުމުގެ މާނަ އެއްގޮތެއް ނޫނެވެ. އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީގެ ނަފުސާނީ އިލްމާ ބެހޭ ޕްރޮފެސަރު ޖީން ސާއީ ބުނީ އިރުމަތީ އޭޝިއާގެ ބައެއް ސަގާފަތްތަކުގައި ހީލުމަށްވުރެ ބޮޑަށް ހިމޭން، މަޑުމައިތިރި މޫނުގެ ހަރަކާތްތަކަށް އިސްކަންދޭކަމަށެވެ.
މީހުން ގަދަކަމުން ހިނިތުންކުރުވުމާ ދެކޮޅަށްވެސް މާހިރުން ލަފާ ދެއެވެ.
"ހަގީގީ އަސަރެއް ފެންނާނީ އެއީ އަމިއްލަ އިހްތިޔާރުގައި އަދި އިހްލާސްތެރިކަމާއެކުކުރާ ކަމަކަށްވާނަމަ،" އެމެރިކާގެ ޔުނިވާސިޓީ އޮފް ފްލޮރިޑާގެ އެސިސްޓެންޓް ޕްރޮފެސަރެއްކަމަށްވާ ނިކޮލަސް ކޯލްސް ބުންޏެވެ.
ދަ ބިހޭވިއަރަލް ސައިންޓިސްޓް މަޖައްލާއިން މި އަހަރު ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ގަދަކަމުން ހިނިތުންވުން ތަކުރާރުކުރާނަމަ ނުވަތަ އެއީ މަޖުބޫރުންކުރާ ކަމެއްނަމަ މޫޑަށް ލިބޭ ފައިދާތައް ދަށަށްދެއެވެ.
ހިނިތުންވުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެއްކަމަށް މާހިރުން ބާރުއެޅިޔަސް މިއީ ޕްރޮފެޝަނަލް ނަފްސާނީ ފަރުވާއެއްގެ ބަދަލުގައި ފުދޭނެ ކަމެއް ނޫންކަމަށް މާހިރުން ބުންޏެވެ.



advertisment