ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރަން މަޝްވަރާތައް އަލުން ފެށުމަށް އީރާނުން އެމެރިކާއަށް ގޮވައިލައިފިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ހަތުރުވެރިކަމަށް ނިމުމެއް ގެންނަން އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ނާކާމިޔާބުވުމުގެ ޒިންމާ އީރާނުން އެމެރިކާގެ ބޮލުގައި އިއްޔެ އެޅުވިއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕަޒަޝްކިޔާން (ފޮޓޯ) ވިދާޅުވީ އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށައިފައިވައި ހަނގުރާމަ ނިންމައިލަން އެއްބަސްވުމަކަށް އައުމަށްޓަކައި އަލުން މަސައްކަތް ފަށަން ޖެހޭކަމަށެވެ.
"އަހަރެމެން ދިޔައީ މަޝްވަރާތައްކުރަމުން. އެ ފިނޑިން ހުރިހާ ކަމެއް ގަޑުބަޑުކޮށްލީ. އަހަރެން އަދިވެސް ދެކެނީ އަހަރެމެން އެއްބަސްވުމަކަށް އަންނަން ޖެހޭނެކަމަށް،" އޭނާ ވިދާޅުވިއެވެ.
ޕަޒަޝްކިޔާން މިހެން ވިދާޅުވީ އީރާނަށް އެމެރިކާއިން އަލުން ހަމަލާތައް ދީފައިނެކަމުގެ ބިރުވެރިކަން އުފެދިފައިވައި ދަނޑިވަޅެއްގައެވެ. ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އޭނާ "އަލުން ކުޑަ އެޕިކް ފިއުރީއެއް ހިންގަފައިނެ"ކަމަށެވެ. އެޕިކް ފިއުރީއަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ކެމްޕޭނަށް އެމެރިކާއިން ދީފައިވާ ކޯޑު ނަމެވެ.
އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން އިންޒާރުދިން ގޮތުގައި އެމެރިކާއިން މަދު ހަމަލާތަކެއް ދިނަސް އީރާނުން "އެތައް ގުނައެއް ބޮޑު" ރައްދެއް ދޭނެއެވެ.
އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ބުނީ އީރާނުން "ސުލްހައަށް އެދޭކަމަށާއި ނަމަވެސް ކޮންމެ އުދުވާނަކަށްވެސް ހަރުކަށި ނަތީޖާތަކަކާއެކު ރައްދުދޭނެ"ކަމަށެވެ.



advertisment