Support Us

އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ ސްކޮޓްލެންޑަށް ލެއްގި އެޓްލާންޓިކް ބްލޫފިން ޓޫނާއެއްގެ ގާތުގައި މީހަކު އޮށޯވެލައިގެން

އެނގެން ހުރި ހައިވާނުންގެ އާބާދީ 73 ޕަސެންޓް ދަށަށް- ހިމާޔަތްކުރުމުގެ މަސައްކަތް އަވަސްކުރަން ޖެހިފައި

ޔޫގާންޑާގެ ބްވިންޑީ އިމްޕެނެޓްރަބަލް ނޭޝަނަލް ޕާކުގައި އެއް އިރެއްގައި ނެތިދިއުމުގެ ނުރައްކާ އޮތް ފަރުބަދަމަތީ ގޮރިއްލާތައް މިހާރު ދަނީ އިތުރުވެ އާލާވަމުންނެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރަންކުރާ މަސައްކަތްތަކުން ޖަނަވާރުން މަދުވުން ހުއްޓުވައި، އެ ސޮރުމެންގެ އާބާދީ އަނބުރާ އިއާދަކުރެވިދާނެކަމުގެ އުންމީދު ލިބޭ ކަމެކެވެ.

އަށްޑިހައިގެ އަހަރުތަކުގައި ފަރުބަދަމަތީ ގޮރިއްލާތައް އޮތީ ހަލުވިކަމާއެކު ނެތިދިއުމުގެ މަގުމަތީގައެވެ. ނަމަވެސް މިއަދު ޔޫގާންޑާއާއި ރުވާންޑާއާއި އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީ.އާރް.ސީ) ގައި 1,100 އަށްވުރެ ގިނަ ގޮރިއްލާ ދިރިއުޅެއެވެ. ގޮރިއްލާގެ އާބާދީ އިތުރުވުމުގެ ފައިދާ ފަތުރުވެރިކަމާއި އެކޮމޮޑޭޝަނަށް ތަންތަން ދޫކުރުމުގެ ވިޔަފާރިތަކާއި އަދި ޕާކުތައް ބަލަހައްޓާ ރޭންޖަރުންނާއި ގައިޑުންގެ ވަޒީފާތަކަށްވަނީ ފޯރައިފައެވެ. މިހެންވެ، މިއީ އެ ސޮރުމެން އުޅޭ ސަރަހައްދު ކައިރީގައި ދިރިއުޅޭ މުޖުތަމައުތަކަށް ލިބިފައިވާ ފައިދާއެކެވެ.

"ފަރުބަދަމަތީ ގޮރިއްލާގެ ވާހަކައިން އަހަރެމެންނަށް އަންގައިދެނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކާމިޔާބުކުރެވިދާނެކަން. މިއީ އެ ކަން ހާސިލުކުރުމަށް ބޭނުންވާ މަސައްކަތުގެ ވަރަށް މުހިންމު މިސާލެއް. ސީދާ ހިމާޔަތްދިނުމާއި ސައިންސުގެ އަލީގައި ބެލެހެއްޓުމާއި އަދި މުޖުތަމައުގެ ފުރިހަމަ އެހީތެރިކަމާއި ބައިވެރިވުން ހިމެނޭހެން ދިހަވަރަކަށް އަހަރު ވަންދެން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވުނު މަސައްކަތެއް،" ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޑަޔަން ފޮސީ ގޮރިއްލާ ފަންޑުގެ ތާރާ ސްޓޮއިންސްކީ ބުންޏެވެ.

ތިމާވެށްޓާއި ޖަންގަލިތައް ހިމާޔަތްކުރަން މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު އެން.ޖީ.އޯ ވޯލްޑް ވައިޑް ފަންޑް ފޯ ނޭޗާ (ޑަބްލިއު.ޑަބްލިއު.އެފް)ގެ "ލިވިން ޕްލެނެޓް ރިޕޯޓް 2026″އިން އިންޒާރުދޭ ގޮތުގައި، ބަލައި މޮނިޓާކުރެވޭ ޖަނަވާރުންގެ އާބާދީ ނިސްބަތުންވަނީ 52 އަހަރުގެ ތެރޭގައި 73 ޕަސެންޓް ދަށަށް ގޮސްފައެވެ. ގުދުރަތީ މާހައުލުތައް ނެތިދިއުމާއި އިންތިހާއަށް ވަސީލަތްތައް ބޭނުންކުރުމާއި މޫސުމީ ބަދަލުތަކާއި ތަގައްޔަރުވުމާއި އަދި ބޭރުން ތައާރަފުވާ ނުރައްކާތެރި ބާވަތްތަކުގެ ދިރުންތައް ހިމެނެނީ މައިގަނޑު ނުރައްކާތަކުގެ ތެރޭގައެވެ.

މި ކާރިސާއާއެކުވެސް، ތިމާވެށި ހިމާޔަތްކުރަންކުރި މަސައްކަތްތަކުގެ ސަބަބުން 2010 އާއި މި ދިޔަ އަހަރާ ދޭތެރޭ މިނިކާވަގުގެ އަދަދު ވަނީ 70 ޕަސެންޓަށްވުރެ އިތުރުވެފައެވެ. އަދި ފާއިތުވި ފަސް ދަހަރުކުރި ދިރާސާތަކާއި ހިމާޔަތްދިނުމާއި އަދި މުޖުތަމައުގެ ބައިވެރިވުމަށްފަހު މި ދިޔަ އަހަރުވަނީ ގްރީން ސީ ބާވަތުގެ ވެލާ "ނެތިދިއުމުގެ ނުރައްކާ އޮތް" ބާވަތްތަކުގެ ލިސްޓުން "ކަންބޮޑުވާންޖެހޭ މިންވަރެއް ނެތް" ބާވަތްތަކުގެ ލިސްޓަށް ބަދަލުކޮށްފައެވެ.

"ވަރަށް ދިގު މުއްދަތަކަށް ގުދުރަތުގެ އަގުވަނީ ވަޒަންނުކުރެވި. ނަމަވެސް ޖަނަވާރުން މަދުވުމަކީ ނުހުއްޓުވޭނެ ކަންކަމެއް ނޫން. އަދިވެސް ބަދަލު ގެނެވިދާނެ. ގުދުރަތީ ވެށި އަލުން އާރާސްތުކުރެވިދާނެ. މިހާރުކޮށްފައިވާ މަސައްކަތްތައް މި ކަމަށް ހެކި ދޭ،" ހައިވާނުންގެ އާބާދީ އިއާދަކުރަން މަސައްކަތްކުރާ، އިނގިރޭސި ވިލާތުގެ ބައިނަލްއަގުވާމީ އެން.ޖީ.އޯއެއްކަމަށްވާ ޒޫލޮޖިކަލް ސޮސައިޓީ އޮފް ލަންޑަންގެ ޗީފް ކޮންސަވޭޝަން އޮފިސަރު އެންޑްރޫ ޓެރީ ބުންޏެވެ.

ހިމާޔަތްކުރުމުގެ އެތައް އަހަރެއް ފަހުން އެޓްލާންޓިކް ބްލޫފިން ޓޫނާވެސްވަނީ އިނގިރޭސި ވިލާތުގެ ސަރަހައްދުގައި އާލާވާން ފަށައިފައެވެ. އެއީ 2010 އައިއިރު އެ ސޮރުމެންގެ އާބާދީ 80 ޕަސެންޓުން ދަށަށް ދިއުމަށްފަހުއެވެ.

އެހެންނަމަވެސް ތިމާވެށި ހަލާކުކުރުމަށް މަގުފަހިކުރާ ނިޒާމުތަކަށް ބަދަލު ނުގެންނަނީސް ވަކިވަކި ކާމިޔާބީތަކުން ފުޅާ ކާރިސާއަށް ހައްލެއް ނުހޯދޭނެކަމުގެ އިންޒާރު މާހިރުން ދެއެވެ. ކާބޯތަކެތި އުފެއްދުމާއި ފޮސިލް ފިއުލް ހަކަތައާއި އަދި ގެއްލުންހުރި ކަންކަމަށްކުރާ މާލީ އިންވެސްޓްމަންޓްތަކަކީ ގުދުރަތީ ދިރުންތައް ނެތިދިއުމަށް މަގުފަހިކުރާ ކަންކަންކަމަށް އެ މީހުން ބުނެއެވެ.

ޑީ.އާރް.ސީގައި އުޅޭ ގްރައުއާސް ބާވަތުގެ ގޮރިއްލާގެ އާބާދީ ގާތްގަނޑަކަށް 60 ޕަސެންޓް ދަށަށް ގޮސް، އޭގެ އާބާދީއަކީ މިހާރު ގާތްގަނޑަކަށް 6,800 އެވެ. އެ ގޮރިއްލާތައް ދިރިހުރުމަށް އޮތް ގޮންޖެހުންތަކަށްވަނީ އަވަސް ހައްލެއް ބޭނުންވެފައެވެ.

"އުއްމީދު ލިބެނީ ކުރިމަގު ފަސޭހަވާނެކަމަށް ހީކުރުމަކުން ނޫން، ނަމަވެސް މިއަދު އަހަރެމެން އަޅައި ފިޔަވަޅުތަކުން މާދަމާ ހާސިލުކުރެވޭނެ ކަންކަން ބަދަލުކުރެވިދާނެކަން އެނގޭތީ،" ޑަޔަން ފޮސީ ފަންޑުގެ ކަންޓްރީ ޑިރެކްޓަރު އުރުބޭން ނުގޮބޯބޯ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް