Support Us

ޓެންޒޭނިއާގައި ގާއިމުކޮށްފައިވާ ޖަންގަލި ކޯރިޑޯއިން އެތެއް ދަތުރުކުރަނީ

ދިރުންތައް ރައްކާތެރިކުރަން ގުދުރަތީ މާހައުލުތައް ގުޅުވައިލަދޭ "ގޯޅިގަނޑު"

ދަނޑުވެރިކަމުގެ ސަބަބުން ޖަނަވާރުންގެ ގުދުރަތީ މާހައުލުތައް ހަލާކުވެފައިވާ ސަރަހައްދެއްގައި ތިމާވެށި ހިމާޔަތްކުރަންކުރާ މަސައްކަތްތަކަށް ޓެންޒޭނިއާގައިވަނީ ބޮޑު އުންމީދެއް ލިބިފައެވެ. އެ ގައުމުގެ ދެކުނުގައި އަލަށް ގާއިމުކުރި ހައިވާނުންނަށް ރައްކާތެރިކަމާއެކު އެއް މާހައުލުން އަނެއް މާހައުލަށް ދަތުރުކުރެވޭނެ ކޯރިޑޯ ނުވަތަ "ގޯޅިގަނޑެއް" ގާއިމުކުރުމުންނެވެ.

މި ދިޔަ އަހަރު އެޕްރީލްގައި ރަސްމީކޮށް ހުޅުވައިލި "ނެރެރެ-އޫޑްޒޯންގްވާ ވައިލްޑްލައިފް ކޯރިޑޯ"ގެ ނަން ދީފައިވާ ކޯރިޑޯއިން، އާބާދީ ބޮޑު ކީލޮމްބެރޯ ވާދީ ހުރަސްކޮށް، ނެރެރެ ނޭޝަނަލް ޕާކުގެ ގަސް މަދު ވިނަ ބިންތަކާ، އޫޑްޒޯންގްވާ މައުންޓެންސް ނޭޝަނަލް ޕާކުގެ ބޯކޮށް ވާރޭ ވެހޭ ބޯ ޖަންގަލިތައް ގުޅުވައިދިނެވެ.

އެތް ހިމާޔަތްކުރަން 2014 ގައި އުފެއްދި ޓެންޒޭނިއާގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ސަދަން ޓެންޒޭނިއާ އެލެފަންޓް ޕްރޮގްރާމް (ސްޓެޕް)އިން ބުނި ގޮތުގައި 15 މަހުގެ ތެރޭގައި 59 ކެމެރާ ބޭނުންކޮށްގެން މަދުވެގެން 1,440 ގާތުން ދޭ ހައިވާނުން ނުވަތަ "މެމަލްސް" އެ ކޯރިޑޯ ބޭނުންކުރިކަންވަނީ ރެކޯޑުކުރެވިފައެވެ. އޭގެ ތެރޭގައި 529 އެތް ހިމެނެއެވެ. މީގެ އިތުރުން އެ ގޯޅިގަނޑު ބޭނުންކުރި އެހެން ޖަނަވާރުތަކުގެ ތެރޭގައި މީގޮނު، ރާމާމަކުނު، ސާވަލް ބާވަތުގެ ބުޅާ، ހަނީ ބެޖާ އަދި އޮޓާ ހިމެނެއެވެ.

މި ކޯރިޑޯ ދެމިގެންވަނީ ވާދީ ހުރަސްކޮށް ގާތްގަނޑަކަށް އަށް މޭލަށެވެ. ފުޅާމިނުގައި ހުންނަނީ 656 ފޫޓެވެ.

މި ގޯޅިގަނޑު ތައްޔާރުކުރުމަށްޓަކައި އާންމުންނާއި ސަރުކާރުގެ ކަމާ ބެހޭ މުވައްޒަފުންނާއެކު ހަތް އަހަރުގެ މަޝްވަރާތައްކުރިއެވެ. ދަނޑުވެރިކަންކުރާ ބިންތަކުގެ ބައެއް ދޫކޮށްލުމުން ޖުމްލަ 368 ބިންވެރިންނަށް ގާތްގަނޑަކަށް 2.2 ބިލިއަން ޓެންޒޭނިއާގެ ޝިލިންގް ދިނެވެ. އެ ދުވަސްވަރުގެ އަގުންނަމަ އެއީ ގާތްގަނޑަކަށް 880,000 ޑޮލަރު (13.57 މިލިއަން ރުފިޔާ)އެވެ.

ތިމާވެށި ރައްކާތެރިކުރާ މީހުން ދަނީ އެ ސަރަހައްދުގެ ގުދުރަތީ ވެށި އަލުން އާރާސްތުކުރުމުގެ މަސައްކަތްވެސްކުރަމުންނެވެ. ދަނޑުވެރިކަމަށްޓަކައި ޖަންގަލިތައް ކަނޑައިލުމުގެ ސަބަބުން ނެތިދިޔަ ގުދުރަތީ މާހައުލު އަލުން އުފެއްދުމަށްޓަކައި ބަސްތީ މީހުންނާއި ތިމާވެށި ހިމާޔަތްކުރާ މީހުންވަނީ އެ ސަރަހައްދަށް ހާއްސަ 100,000 ގަސް އިންދައިފައެވެ. އަދި އިތުރު 50,000 ގަސް އިންދުމަށްވަނީ ރާވައިފައެވެ.

ޓެންޒޭނިއާގައި ގާއިމުކޮށްފައިވާ ޖަންގަލި ކޯރިޑޯއިން އެތެއް ދަތުރުކުރަނީ

"އެ ސޮރުމެން ކޮންމެ ތަނަކަށްވެސް ދޭ،" އެތްތައް އުސް ފަރުބަދަތަކަށްވެސް އަރައިކަން ފާހަގަކުރަމުން ސްޓެޕްގެ ސްޓްރެޓެޖީ އާއި ތަރައްގީއާ ބެހޭ ޑިރެކްޓަރު ޓްރެވާ ޖޯންސް ބުންޏެވެ.

ޓެންޒޭނިއާގެ ހައިވާނުން ހިމާޔަތްކުރުމާއި މުޖުތަމައު ތަރައްގީކުރުމުގައި ހަރަކާތްތެރިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ގްރޫމޭޓީ ފަންޑްގެ އިސް ސައިންސްވެރިޔާ އަދި އިކޮލޮޖިސްޓް ނުވަތަ އެއް ދިރޭ އެއްޗެއް އަނެއް ދިރޭ އެއްޗަކާ އަދި މާހައުލާ މުއާމަލާތްކުރާ ގޮތާ ބެހޭ އިލްމްވެރިޔާ ޖޯޖް ލޯހައި ބުނީ އެއް މާހައުލު އަނެއް މާހައުލާ ގުޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

"އަހަރެން ބުނާނީ އެ ސޮރުމެން (އެތްތައް) ދިރިހުރުމަށްޓަކައި މި ފަދަ (ގުޅިފައިވާ) ސަރަހައްދުތައް ނުހަނު ބޭނުންވެއޭ،" އޭނާ ބުންޏެވެ.

އެހެންނަމަވެސް ގޮންޖެހުންތައް އަދިވެސް އެބަ ހުއްޓެވެ. ކައިރީގައިވާ މަގުގެ އަޑީގައި ހަދާފައިވާ އަންޑަޕާސް ނުވަތަ އަޑީމަގު ބޭނުންކުރަން އެތްތަކަށް އަދި ދަސްވެފައިނުވާއިރު، ކޯރިޑޯއާ ކައިރީގައި ޕެޓްރޯލް ޝެޑެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ހޮޓަލަކާއި ބަސް ސްޓޭޝަނެއްވެސް ހެދުމަށްވަނީ ރާވައިފައެވެ.

ޖަރުމަނުގެ މައިންޓްސް ސިޓީގެ ޔުނިވާސިޓީގެ އިންސާނީ ސަގާފަތް މާހައުލާ ގުޅޭ ގޮތާ ބެހޭ އިޖުތިމާއީ އިލްމްވެރިޔާ އަސްޓްރިޓް މަޓައިޗެކް ބުނީ އެ ސަރަހައްދުގައި އުޅޭ ރަށްވެހިންނަކީ "ތިމާވެށްޓަށް ވަކާލާތުކުރާ ބައެއް"ކަމަށެވެ. ހައިވާނުން ދަތުރުކުރާ މަގުތައް ރައްކާތެރިކުރުމާއި އެ މާހައުލަށް އެކަށޭނަ ބާވަތުގެ ގަސްތައް ހިޔާރުކުރަން އެ މީހުންގެ ދައުރު މުހިންމުކަން އޭނާ ފާހަގަކުރިއެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ އެހެން ކޯރިޑޯތައްވެސް އަވަސް މުއްދަތެއްގެ ތެރޭގައި ހިމާޔަތްކުރަން ޖެހޭކަމަށް ތިމާވެށި ރައްކާތެރިކުރަން މަސައްކަތްކުރާ މީހުން ބުންޏެވެ.

"އެ ތަންތަން ރަސްމީކޮށް ކަނޑައެޅުމަށް ލިބޭ ފުރުސަތުގެ ދޮރު ދަނީ ބަންދުވަމުން،" ލޯހައި ބުންޏެވެ.

ބިންތަކާއި ޖަންގަލިތައް އަލުން ރަނގަޅުކޮށް، ޖަންގަލިތަކާ ރައްޓެހި ވަޒީފާތައް ޕްރޮމޯޓްކުރާ، 2016 ގައި އިނގިރޭސި ވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކާއި ޓެންޒޭނިއާގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ގުޅިގެން އުފެއްދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ރިފޮރެސްޓް އެފްރިކާގެ ޗީފް އެގްޒެކެޓިވް ރޮބިން ލަވްރިޖް ބުނީ ގުދުރަތީ މާހައުލުތައް ގުޅުވައި ކޯރިޑޯތަކަކީ ހަމައެކަނި ހައިވާނުންގެ ރައްކާތެރިކަމާ ގުޅުން ހުރި މަޝްރޫއެއް ނޫންކަމަށެވެ.

އޭނާގެ ހަގު ފިރިހެން ދަރިފުޅާއެކު ގަސް އިންދި ހަނދާން އާކުރަމުން އޭނާ ބުނީ "މި ކުރާ ހުރިހާ ކަންކަމުގެ ހަގީގީ ބޭނުމަކީ އަންނަން އޮތް ޖީލަށްޓަކައި ދުނިޔެ ރައްކާތެރިކޮށްދިނުން"ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *