Support Us

ސިކްސް ފްލެގްސްއިން ހިންގާ ރޯލާކޯސްޓާ އަދި އޭގެން ވެއްޓި މަރުވި ހަސަން ޖިހާދު އިބްން ކަރީމް (ވަކި ފޮޓޯގައި)

ރޯލާކޯސްޓާއަކުން ވެއްޓި މީހަކު މަރު

އެމެރިކާގެ ކާނިވަލެއްގައި ދުއްވި ރޯލާކޯސްޓާއަކުން ވެއްޓި މީހަކު މަރުވެއްޖެއެވެ.

ޖޯޖިއާ ސްޓޭޓްގެ އެޓްލާންޓާ ސިޓީގައި، އުތުރު އެމެރިކާގެ އެންމެ ބޮޑު، މުނިފޫހިފިލުވައިދޭ ރިސޯޓްތައް ހިންގާ ސިކްސް ފްލެގްސް ކުންފުނީގެ 200 ފޫޓު އުސް، ގަޑިއަކު 70 މޭލު ބާރުމިނުގައި ދުވާ، 2006 ގައި ގާއިމުކުރި ރޯލާކޯސްޓާއިން އުމުރުން 42 އަހަރުގެ ހަސަން ޖިހާދު އިބްން ކަރީމް ވެއްޓި މަރުވީ ހޯމަ ދުވަހުއެވެ.

ފުލުހުން އަދި ހާމަނުކުރިޔަސް އެ ތާ ތިބި މީހުންނާ ހަވާލާ ދީ އިނގިރޭސި ވިލާތުގެ ދި އިންޑިޕެންޑެންޓު ނޫހުން ބުނީ ކަރީމްގެ ގާތުގައި އޭނާގެ ފިރިހެން ދަރިފުޅު އިންކަމަށާއި އަންހެނުންނާއި އަންހެން ދަރިފުޅު ތިބީ ބިންމަތީގައިކަމަށެވެ.

ކަރީމް ސީޓުން "އުފުރި" އެހެން ފަސިންޖަރުން ގައިގައި ޖެހި، ބިންމައްޗަށް ވެއްޓުނު ސަބަބު މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

ޓީޗަރެއްގެ ވަޒީފާ އަދާކުރި ކަރީމް ވެއްޓުނީ ބިންމަތީގައި ތިބި ބައިވަރު މީހުންގެ ގައިގައިވެސް ޖެހިފައެވެ. އެ މީހުން ޒަހަމްވިކަމަށް ފުލުހުން ބުންޏެވެ.

"ކަރީމް ސީޓުން ނެއްޓެމުން ދިޔަ ވަގުތު އަހަރެންނާ ހަތަރުކަޅިހަމަވި،" މި ހިތާމަވެރި ހާދިސާ ކިޔައިދެމުން ކާނިވަލަށް ޒިޔާރަތްކުރި ލޯގަން ކޮނާ އެން.ބީ.ސީއަށް ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިކްސް ފްލެގްސްއިން މިހާރުވަނީ އެމެރިކާ އާއި ކެނެޑާގައި ހުރި އެ ކުންފުނީގެ ނުވަ ރޯލާކޯސްޓާ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

"އަހަރެމެންގެ ކާނިވަލުގައި މިއަދު ހިނގި މެހެމާނެއްގެ ހާދިސާއާ ގުޅިގެން އަހަރެމެން ވަރަށް ހިތާމަކުރަން،" ހޯމަ ދުވަހު ސިކްސް ފްލެގްސްގެ ތަރުޖަމާނަކު ބުނެފައިވެއެވެ.

އޭނާ ބުނީ ކުންފުނިން ދަނީ އަސަރުކުރި މެހެމާނުންނާއި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށާއި ތަހުގީގުކުރާ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާކަމަށެވެ.

ޖޯޖިއާގައި އިންޝުއަރެންސާއި އަލިފާނުން ރައްކާތެރިވުމާއި އަދި ރޯލާކޯސްޓާ ފަދަ މުނިފޫހިފިލުވައިދޭ އާލާތްތަކުގެ ރައްކާތެރިކަން ބަލަހައްޓާ އޮފީސް އޮފް އިންޝުއަރެންސް އެންޑް ސޭފްޓީ ފަޔާ ކޮމިޝަނަރު ދަނީ މި ކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.

ތަހުގީގުކުރާ ފަރާތްތަކުން ދަނީ ކަރީމް ވެއްޓުނީ ކިހިނެއްކަމާއި ރޯލާކޯސްޓާގެ ބެލްޓްތައް ނުވަތަ އެހެންވެސް މައްސަލަތަކާހުރެ ކަރީމް ވެއްޓުނީތޯ ބަލަމުންނެވެ.

އެޓްލާންޓާގައި ހިލޭ ސަރުކާރުން ކިޔަވައިދޭ ބައިނަލްއަގުވާމީ ވެސްލީ އިންޓަނޭޝަނަލް އެކެޑަމީގައި އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) މެނޭޖަރެއްގެ މަގާމުވެސް ކަރީމް އަދާކުރިއެވެ. އޭގެ ކުރިން އޭނާ އަދާކުރީ ޓެކްނޮލޮޖީ މުދައްރިސެއްގެ މަގާމެވެ.

ކުރީގެ ދަރިވަރުން އޭނާ ހަނދާންކުރީ ވަރަށް ލޯތްބާއެކުއެވެ.

"އޭނާއަކީ އަބަދުވެސް ހަނދާނުގައި ހުންނަ ކަހަލަ ޓީޗަރެއް،" ކުރީގެ ދަރިވަރެއް ކަމަށްވާ ސޮލެޑާޑް ގޯމޭޒް ބުންޏެވެ.

އޭނާ ހަނދާންއާކުރީ ކަރީމްގެ ހިނިތުންވުމާއި ކެތްތެރިކަމާއި އަދި ދަރިވަރުންނާއެކު ސަމާސާކުރުމަށް ބެހެއްޓި ގާތްކަމެވެ.

ކަރީމްވަނީ ވެސްލީގައި 12 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައެވެ.

ސްކޫލުގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޭސަން މާޝަލް، ކަރީމް ސިފަކުރީ "އެންމެންގެ ލޯބި ލިބިފައިވާ އެކުވެރިއެއްގެ ގޮތުގައާއި އަދި ވެސްލީ އާއިލާގެ މުހިންމު މެންބަރެއްގެ" ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *