Support Us

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު ޔޫ.އެސް.އެސް އެބްރަހަމް ލިންކަންއިން ޖެޓެއް ނައްޓައިލަން ތައްޔާރުވަނީ

އޮކްޓޫބަރު 7 އިން މެދުއިރުމަތީގެ އާރާއި ބާރުގެ ޗާޓު ބަދަލުވުން

ތިން އަހަރުވީ ގައްޒާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ އިއްތިހާދުތައް ބަދަލުވެ، އެމެރިކާގެ ނުފޫޒު ކުޑަވެ، އަދި ސަރަހައްދުގެ ބާރުގެ މީޒާންވަނީ އަލުން ބައްޓަންވެފައެވެ.

އޮކްޓޫބަރު 2023 ގެ ހަތެއްގައި ހަމާސްއިން އިސްވެހުރެ އިސްރާއީލަށް ދިން ހަމަލާ އާއި އެއާ ވިދިގެން އިސްރާއީލުން ފެށި ގައްޒާ ހަނގުރާމައަށް ތިން އަހަރު ފުރުނުއިރު، މެދުއިރުމަތީގެ އިއްތިހާދުތަކަށާއި ސަރަހައްދީ ބާރަށާއި އަދި އިގްތިސާދީ ރައްކާތެރިކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ.

ހަމާސް އާއި ލުބްނާންގެ ހިޒްބުﷲގެ އިސް ލީޑަރުން އިސްރާއީލުން މަރައިލުމާ ގުޅިގެން އީރާންގެ ސަރަހައްދީ އިއްތިހާދުތަކުގެ ވިއުގަވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި މި ދިޔަ ފެބްރުއަރީގައި އީރާންގެ އެންމެ އުއްތަމަ ވެރިޔާ އާޔަތުﷲ އަލީ ހާމަނާއީވެސްވަނީ އަވަހާރަކޮށްލައިފައެވެ. ގާތްގަނޑަކަށް 74،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައިވާ ގައްޒާގެ ބޮޑު ބައެއް އިސްރާއީލުން މިހާރު ހިފައިފައިވެއެވެ.

ނަމަވެސް، އިސްރާއީލަށް އަސްކަރީ ގޮތުން ލިބުނު ކުރިއެރުންތަކާއެކު ހާރިޖީ ގޮތުން ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. މި ދިޔަ އަހަރު ހަމާސްގެ ލީޑަރުން ޝަހީދުކޮށްލަން ގަތަރަށް ދިން ހަމަލާ ހިމެނޭ ގޮތަށް، ސަރަހައްދީ ހަމަލާތައް ފުޅާކުރުމުގެ ސަބަބުން ޒަމާންވީ ބައިވެރިންނާ އޮތް ގުޅުމަށް ބުރޫއަރައި، އަރަބި ގައުމުތަކާއެކު ގުޅުން ރަނގަޅުކުރަން އެއްބަސްވުންތައް ގާއިމުކުރުމުގެ ފުރުސަތުވަނީ ހަނިވެފައެވެ.

"އޮކްޓޫބަރު ހަތެއްގެ ހަމަލާއަށް އިސްރާއީލުން ދިން ރައްދުގެ ސަބަބުން އެ ކަން ނިމުމަކަށް އައީ،" ދުނިޔޭގެ އެންމެ ދުވަސްވީ އަދި އިނގިރޭސި ވިލާތުގެ އެންމެ އިސް ދިފާއީ ތިންކް ޓޭންކް، ރޯޔަލް ޔުނައިޓަޑް ސާވިސަސް އިންސްޓިޓިއުޓްގެ އެޗް.އޭ ހެލިއާ ބުންޏެވެ. އޭނާ އިޝާރާތްކުރީ އެބްރަހަމް އެކޯޑްސް މުއާހަދާގެ ދަށުން އަރަބި ގައުމުތަކުން އިސްރާއީލު ބަލައިގަންނަން އެމެރިކާއިންކުރާ މަސައްކަތަށެވެ.

މީގެ އިތުރުން، ސަރަހައްދުގެ ރައްކާތެރިކަން ބަލަހައްޓައިދޭ "ފުލުސް"މީހާގެ ގޮތުގައި އެމެރިކާއަށް އޮތް އިތުބާރު މި ހަނގުރައިމައިގެ ސަބަބުންވަނީ ކުޑަވެފައެވެ. ގަލްފުގެ ވަސީލަތްތަކަށް ދިން ހަމަލާތަކާއި ކަނޑުގެ މުހިންމު ދަތުރުފަތުރުގެ މަގުތަކަށް ކުރިމަތިވި ނުރައްކާތަކުގެ ސަބަބުން ސަރަހައްދީ ސަރުކާރުތަކަށްވަނީ ރައްކާތެރިކަމުގެ އެހެން އިއްތިހާދުތައް ހޯދަން މަޖުބޫރުވެފައެވެ. އެ ގޮތުން ސައޫދީ އަރަބިއްޔާ، ތުރްކިޔެ އަދި ޕާކިސްތާނުންވަނީ މި ދިޔަ އޮގަސްޓްގައި ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

"ފުދޭވަރުގެ ރައްކާތެރިކަން އެމެރިކާއަށް އެކަނި ކަށަވަރުކޮށްދެވޭނެކަމުގެ އިތުބާރުވަނީ ގެއްލިފައި،" ހެލިއާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ އެހެން ތިންކް ޓޭންކެއްކަމަށްވާ ރޯޔަލް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެފެއާޒް ނުވަތަ ޗެތަމް ހައުސްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާ ޕްރޮގްރާމްގެ ޑިރެކްޓަރު ސަނަމް ވަކީލް ބުނީ ތުރްކިޔެ އާއި ޗައިނާ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ އެ ފަދަ ގިނަ ބައިވެރިންނަށް، މެދުއިރުމަތީގެ ގައުމުތަކުން ބަރޯސާވާ މިންވަރު އިތުރުވަމުންދާކަމަށެވެ.

"މި ވީ ހީކުރި ގޮތާ ހިލާފު ކަމެއް. އޮކްޓޫބަރު ހަތެއްގެ ފަހުން ސަރަހައްދުގެ ހާލަތު ބަދަލުކުރަން އުޅޭ ބާރެއްގެ ގޮތުގައި ފެނިގެންދިޔައީ އިސްރާއީލު އަދި އީރާން ފެނުނީ ކުރިން އޮތް ހާލަތު ހިފަހައްޓަން އުޅޭ ބާރެއްގެ ގޮތުގައި،" ގެއްލުނު ނުފޫޒު އީރާނުން މިހާރު އަނބުރާ ހޯދަން ސަމާލުކަން ދޭ ގޮތް ތަފްސީލުކޮށްދެމުން އޭނާ ބުންޏެވެ.

"މިހާރު މެދުއިރުމަތީގައި އެންމެ ބާރުގަދަ އަސްކަރިއްޔާއެއް އޮތީ އިސްރާއީލުގައި ކަމަށް ވެދާނެ، އެކަމަކު ހަގީގީ ބާރަކީ ހަމަޖެހުން ގާއިމުކުރުމުގެ ގާބިލުކަން ހުރުން. އެއީ އިސްރާއީލަށް ކުރަން އެނގޭ ނުވަތަ ކުރަން ބޭނުންވާ ކަމެއްކަން ދައްކުވައިދީފައެއް ނުވޭ،" އަސްކަރީ ގޮތުން ކުރިއަރައިފައިވުމަކީ ސަރަހައްދީ ލީޑަޝިޕަށް ބަދަލުވާ ކަމެއް ނޫންކަމަށް ބުނަމުން ވަކީލް ބުންޏެވެ.

ހަނގުރައިމައިގެ ސަބަބުން ހުރުމުޒު ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރައި، ބާބުލްމަންދަބް ކަނޑުއޮޅީގެ ދަތުރުފަތުރުގެ މަގަށް ނުރައްކާވެ، އީރާނާއި އީރާނުން ވާގިވެރިވާ ޔަމަންގެ ހޫތީންނަށް އިގްތިސާދީ ކުރިއެރުމެއްވަނީ ލިބިފައެވެ. ގަލްފުގެ އިގްތިސާދުތަކަށް، ވަކިން ހާއްސަކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް)އިން ވަނީ މި އަހަރު ސައޫދީ އަރަބިއްޔާގެ އިގުތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް ލަފާކޮށް، ގަތަރުގެ އިގުތިސާދު ހީނަރުވާނެކަމަށްވެސް ލަފާކޮށްފައެވެ.

އިސްރާއީލުގެ ސިޔާސީ އިގްތިސާދީ މާހިރު ޝީރް ހެވާ ބުނީ އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ދަނީ ދުވަހުން ދުވަހަށް އެމެރިކާގެ ބޮލުގެ ރިހުމަކަށްވަމުންކަމަށެވެ.

އިސްރާއީލަށް ހަނގުރާމައިގެ މައިދާނުގައި ލިބުނު ކުރިއެރުންތަކާއި އީރާންގެ އިއްތިހާދުތައް ބަލިކަށިވިޔަސް، ދެ ގައުމުންކުރެ އެއްވެސް ގައުމަކަށް ސަރަހައްދީ ހަމަޖެހުމެއް ހޯދިފައެއްނުވެއެވެ. އޭގެ ބަދަލުގައި، މި ހަނގުރައިމައިގެ ސަބަބުން، ގާއިމުވެފައި ހުރި އިއްތިހާދުތަކަށް ބުރޫއަރައި، އިގްތިސާދުތަކަށް ނާއުއްމީދު ކުރިމަތިވެ، މެދުއިރުމަތީގެ ގައުމުތަކަށް، އެ ގައުމުތަކުގެ ރައްކާތެރިކަން ޔަގީންކޮށްދެވޭނީ ކޮން ބަޔަކަށްތޯއާމެދު އަލުންވަނީ ވިސްނަން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *