އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައަށް ތިން އަހަރުވެފައިވާއިރު ގައްޒާގެ ގެދޮރާއި އާންމު ހިދުމަތްތަކާއި އިގްތިސާދާއި ތައުލީމާއި ސިއްހީ ނިޒާމުވަނީ މުޅިން ހަލާކުވެ، ބަދަލުވެފައެވެ. ގައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި 74,245 އަށްވުރެ ގިނަ ފަލަސްތީނު މީހުންވަނީ ޝަހީދުވެފައެވެ. މި ދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި އެމެރިކާއިން މެދުވެރިވެގެން ގާއިމުކޮށްދިން ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ގައްޒާ ހިންގާ ހަމާސް އާއި އިސްރާއީލުން ސޮއިކުރިޔަސް އެ އެއްބަސްވުން ގާއިމުކުރި ފަހުންވެސް އިތުރު 1,462 ފަލަސްތީނު މީހުން ޝަހީދުވެފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
އާންމު ދިރިއުޅުމުގައި އަސާސީ ބޭނުންތައް ފުއްދުމަކީ މިހާރު ބޮޑު ގޮންޖެހުމަކަށް ވަނީވެފައެވެ. އދ.އިން ބުނާ ގޮތުގައި ގައްޒާގެ 2.1 މިލިއަން އާބާދީގެ 94 ޕަސެންޓް މީހުން ވަގުތީ ހިޔާވަހިކަމާއި ގޭތެރޭގެ އެހީތެރިކަމަށް ބޭނުންވެއެވެ. އަދި އާއިލާތަކުގެ 65 ޕަސެންޓް މީހުން ދިރިއުޅެމުންދަނީ ޓެންޓުތަކުގައާއި ވަގުތީ ހިޔާތަކުގައެވެ. ދިރާސާކުރެވުނު އާއިލާތަކުގެ ގާތްގަނޑަކަށް 91 ޕަސެންޓް މީހުންނަށް ސާފު ބޯފެން ލިބުމުގެ ދަތިކަން ބޮޑުވެފައިވާއިރު ގައްޒާގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ އެއްވެސް ނިޒާމެއް ނެތެވެ.
ގައްޒާގެ އިގްތިސާދުވަނީ އިނދަޖެހިފައެވެ. އިގްތިސާދީ މަސައްކަތްކުރާ ތަންތަނުގެ 92 ޕަސެންޓްވަނީ ހަލާކުވެފައެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތް 78 ޕަސެންޓަށް އަރައިފައިވާއިރު މުދަލާއި ހިދުމަތުގެ އަގުތައްވަނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ 200 ޕަސެންޓް މައްޗަށް އުފުލިފައެވެ.
"މި ހަނގުރާމައިގެ ސަބަބުން މުޖުތަމައުވަނީ އެތައް ދަހަރެއް ފަހަތަށް ސޮއްސައިލައިފައި. އަދި މީހުންނަށްވަނީ އަމިއްލައަށް އުފައްދައިގެންކުރާ ވަގުތީ މަސައްކަތްތަކާއި ނުރަސްމީ ސިފައަކަށް ބައްޓަންވާ އިގްތިސާދަކަށް ބަރޯސާވާން މަޖުބޫރުވެފައި،" އިގްތިސާދު ދިރާސާކުރާ މީހެއްކަމަށްވާ ރާމީ އަލް-ޒައިގު އަލްޖަޒީރާއަށް ބުންޏެވެ.
ތައުލީމީ ދާއިރާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގާތްގަނޑަކަށް 98 ޕަސެންޓް ސްކޫލްތައްވަނީ ހަލާކުވެފައެވެ. ގާތްގަނޑަކަށް 700,000 ކުދިންނަށްވަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ފިލާވަޅުތަކުގައި ބައިވެރިނުވެވި، ތައުލީމުން މަހުރޫމްވެފައެވެ. އަދި 200,000 ކުދިންނަށް ތައުލީމު ލިބޭނެ އެއްވެސް މަގެއް ނެތެވެ.
ސިއްހީ ނިޒާމުވަނީ ވެއްޓެން ކައިރިވެފައެވެ. އދ.ގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)އިން ބުނާ ގޮތުގައި ގައްޒާގައި ހުރި ހުރިހާ 36 ހޮސްޕިޓަލަށްވެސްވަނީ ގެއްލުން ލިބިފައެވެ. އަދި ހިދުމަތް ދިނުމުގައި މިހާރު ހުރީ އެންމެ 19 ހޮސްޕިޓަލެވެ. ނަމަވެސް އެއިން އެއްވެސް ހޮސްޕިޓަލަކަށް ފުރިހަމަ ގާބިލުކަމުގައި ހިދުމަތެއް ނުދެވެއެވެ. ތޮއްޖެހުމާއި އެކަށީގެންވާ ހިޔާވަހިކަން ނެތުމާއި ސާފު ބޯފެނާއި ސާފުތާހިރުކަމުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ނެތުމުގެ ސަބަބުން ބަލިތައް ފެތުރުމުގެ ނުރައްކާ ބޮޑުވަމުންދާކަމަށް ޑަބްލިއު.އެޗް.އޯއިންވަނީ އިންޒާރުދީފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މިނިވަން ޖަމިއްޔާ، ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރުން ބުނާ ގޮތުގައި އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލާއި ގައްޒާއަށް އަޅައިފައިވާ ހުރަސްތައް މިހާރުވަނީ ގައްޒާގެ 70 ޕަސެންޓް ސަރަހައްދަށް ފެތުރިފައެވެ. ގައްޒާގެ ސުންނާފަތިވެފައިވާ މި ހާލަތުގެ ސަބަބުން އާންމު އިދާރީ ހިންގުމާއި ސަލާމަތްތެރިކަންވަނީ ނިކަމެތިވެފައެވެ. މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށްވަނީ ގެދޮރު ގެއްލުމާއި ތަކެތި ލިބުން ދަތިވުމާއި އަދި އެ މީހުންގެ ކުރިމަގާމެދު އޮތް ނޭނގުންތެރިކަން ބޮޑުވެފައެވެ.



advertisment