ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން، ގދ. ހޯނޑެއްދޫ، ނިޔާފް މުޙައްމަދު އިސްނަގައިގެން ފެށި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، އެ ވިޔަފާރީގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ވަނީ ފޯރުކޮށްދޭން ފަށައިފައެވެ.
ނިޔާފް މި ވިޔަފާރީގެ ބިންގާ އެޅީ ޒަމާނީ ޕްރޮސެސިން އަދި ޕެކޭޖިންގ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގައި މަތީ ފެންވަރުގެ ކަނޑުމަހުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ އަމާޒުގައެވެ. އެގޮތުން، 2024 ވަނަ އަހަރު ހުޅުވާލި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކޮށް ފެށި މި ވިޔަފާރީގެ މައިގަނޑު މަގުސަދަކީ، ޕްރޮޓީން ގިނަ، ރައްކާތެރި އަދި އީޖާދީ މަހުގެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. ހަމައެއާއެކު، ދިވެހި މަސްވެރިން ބާނާ މަހުން ވެލިޔު އެޑެޑް ޕްރޮޑަކްޓްސް އުފައްދައި، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަކީވެސް މި ވިޔަފާރީގެ މުހިންމު ބައެކެވެ.
ހޯނޑެއްދޫގައި ޤާއިމުކޮށްފައިވާ މި ފެކްޓަރީން އުފައްދާ ޓޫނާ ޖާރކީ، ރިސޯޓް ހިމެނޭހެން ރާއްޖޭގެ 17 އަށްވުރެ ގިނަ ރަށެއްގެ 80 އަށް ވުރެ ގިނަ ފިހާރައިން ލިބެން ހުރެއެވެ. މީގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ 30 އަށް ވުރެ ގިނަ ފިހާރަ ހިމެނެއެވެ.

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އައު ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކޮންމެ އަހަރަކުވެސް ހޮވާލެވޭ އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ ބޭންކުން ދޫކުރެއެވެ. މިއީ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، އީޖާދީ ވިސްނުންތަކާއެކު ނުކުންނަ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނުހަނު މުހިންމު އިސްނެގުމެކެވެ.



advertisment

