އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި ބައިނަލްއަގުވާމީ ގާނޫނުތައް ކުރިއެރުވުމަށާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި އަދި ގަތުލުއާންމުތަކަށް މަސްއޫލުވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށް 10 ވަރަކަށް އަހަރު ވަންދެން ކުރި މަސައްކަތަށްޓަކައި އުމުރުން 85 އަހަރުގެ ދެކުނު އެފްރިކާގެ ގާނޫނީ ވަކީލު ނަވާނެތެމް ޕިއްލޭއަށް އިއްޔެވަނީ މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިފައެވެ.
މި ކަން އިއުލާންކުރަމުން ނޯބެލްގެ އެކި އިނާމުތައް ދޭ ނޯވޭގެ ނޯބެލް ކޮމިޓީންވަނީ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކަށް ދައުވާކުރުމަށް، އާއްމު ނަމުން "ނާވީ" ޕިއްލޭ (ފޮޓޯ)ކުރި ގިނަ އަހަރުތަކުގެ މަސައްކަތަށް ތައުރީފުކޮށްފައެވެ. އަދި އެ މަސައްކަތަކީ "ޝަރީއަތުގެ ފުރިހަމަކަމާއި އަމިއްލަ ނަޒާހާތްތެރިކަމާއި އަދި ބޮޑު ހިތްވަރެއް" ފެނިގެންދިޔަ މަސައްކަތްތަކެއްކަމަށް ފާހަގަކޮށްފައެވެ.
އެޕާތައިޑް ނުވަތަ ނަސްލީ ތަފާތުކުރުމުގެ ދުވަސްވަރު ދެކުނު އެފްރިކާގެ ޑާބަން ސިޓީގައި އިންޑިއާގެ ތަމަޅަ ނަސްލުގެ އާއިލާއަކަށް އުފަންވި ޕިއްލޭއަކީ ނަޓަލް ޕްރޮވިންސްގައި އަމިއްލަ ގާނޫނީ ފާމެއް ގާއިމުކުރި ފުރަތަމަ އަންހެންމީހާއެވެ.
އޭނާ ވަނީ، ފަހުން ޖަލުން މިނިވަންވެ ރައީސްކަމާ ހަވާލުވެވަޑައިގަތް ނެލްސަން މަންޑޭލާއަށް ތާއީދުކުރާ ފަރާތްތައް ހިމެނޭހެން ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރި އެކްޓިވިސްޓުންގެ ދިފާއުގައި ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތްކޮށްފައެވެ. އަދި އޭނާވީ ދެކުނު އެފްރިކާގެ ހައި ކޯޓުގައި ހިދުމަތްކުރި ފުރަތަމަ "ކަލާޑް" އަންހެން ފަނޑިޔާރަށެވެ. ދެކުނު އެފްރިކާގައި "ކަލާޑް" މި ބަހަކީ މަސްހުނި ނަސްލުތަކުގެ އަދި ވަކި ސަގާފަތެއް ގެންގުޅޭ މީހުންނަށް ނިސްބަތްކުރާ ބަހެކެވެ.
އޭގެ ފަހުން އޭނާވަނީ ރުވަންޑާގެ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލްގައި ހިދުމަތްކޮށްފައެވެ. އެ ޓްރައިބިއުނަލްގައި އޭނާކުރި މަސައްކަތުން ރޭޕާއި ޖިންސީ އަނިޔާއަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ނަސްލު ނައްތައިލުން ނުވަތަ ޖެނޮސައިޑް ތެރޭގައި ހިމެނޭ ކަންކަންކަން ސާބިތުކުރަން އެހީތެރިވެދިނެވެ. އަދި އޭނާ ވަނީ 2008 އިން 2014 އަށް އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ އުއްތަމަ މަންދޫބު ނުވަތަ ހައި ކޮމިޝަނަރުގެ މަގާމު ފުރައިފައެވެ.
މި ފަހުން އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ސަރަހައްދުތަކާ ބެހޭ ގޮތުން އުފެއްދި އދ.ގެ ތަހުގީގީ ކޮމިޝަނުގެ ރިޔާސަތު ޕިއްލޭ ބެލެހެއްޓިއެވެ. އެ ކޮމިޝަނުން މި ދިޔަ އަހަރު ނެރުނު ރިޕޯޓުގައި އިސްރާއީލުން ގައްޒާގައި ޖެނޮސައިޑް ހިންގައިފައިވައިކަމަށް ނިންމައިފައިވެއެވެ. ނަމަވެސް އިސްރާއީލުންވަނީ އެ ނިންމުން ގަބޫލުނުކޮށް ރައްދުދީފައެވެ.
"ތެދުބަސް ބުނުމަށްޓަކައި ހިތްވަރު ބޭނުންވޭތަ؟" ރިޕޯޓާމެދު ފުންކޮށް ވިސްނަމުން އޭނާ ބުނެފައިވެއެވެ. މާނައަކީ ހަގީގަތް ހާމަކުރުމަކީ ވަކި ހާއްސަ ބާރެއް އެ މީހަކަށް ބޭނުންވާކަމެއް ނޫންކަމެވެ.
ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު، އެޑޮލްފް ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނުގައި ހަ މިލިއަން ޔަހޫދީން މަރައިލުމުގައި ޒިންމާވާ ނާޒީ ލީޑަރުންގެ ޝަރީއަތް ބޭއްވި ޖަރުމަނުގެ ނިއުރެމްބާގްގައި ނޯބެލް އިނާމު ބަލައިގަންނަމުން އޭނާ ބުނީ މި އިނާމު ހާއްސަކުރަނީ "ބައިނަލްއަގުވާމީ ޖަރީމާތަކުން ސަލާމަތްވި އެންމެހައި މީހުންނަށް"ކަމަށެވެ.
"މި އިނާމުގެ ސަބަބުން ގާނޫނު ހިމާޔަތްކުރުމަށާއި މިނިވަން ކޯޓުތައް ދިފާއުކުރުމަށާއި އަދި ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމެއް ދިފާއުކުރުމަށް އެންމެން އެކީގައި ތިބެންޖެހޭނެކަމަށްކުރާ އިއްތިބާރު އަހަރެންގައި އިތުރަށް ވަރުގަދަވެއްޖެ،" އޭނާ އިތުރަށް ބުންޏެވެ.
ނޯވޭގެ ނޯބެލް ކޮމިޓީން ބުނީ އޭނާއަށް މި އިނާމު އެރުވުން މި ދިމާވީ ހާއްސަކޮށް ބައިނަލްއަގުވާމީ ގާނޫނުތަކަށާއި އެ ގާނޫނުތައް ހިންގާ މުއައްސަސާތަކަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައިކަމަށެވެ.
އިންސާނީ ހައްގުތަކަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް، ހާއްސަކޮށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)އަށް އަމާޒުކޮށް ސިޔާސީ ގޮތުން ބޮޑެތި ހަމަލާތަކެއް ކުރިމަތިވަމުންދާކަމުގެ އިންޒާރުވެސް ޕިއްލޭ ދިނެވެ.
އިސްރާއީލުގެ ހާރިޖީ ވުޒާރާއިންވަނީ މި އިނާމު ޕިއްލޭއަށް ދިނުމުން އެ ކަމަށް ފާޑުކިޔައި، އެއީ "އިސްރާއީލާ ދެކޮޅު ނަފްރަތާއި ތައައްސުބު، ގަބޫލުކުރެވޭ ކަމަކަށް ހެދުމަށްޓަކައި އިނާމެއް ހަތިޔާރަކަށް ހެދި ހުތުރު އަމަލެއް"ކަމަށް ސިފަކޮށްފައެވެ.
އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރޭސްވަނީ ނޯބެލް ކޮމެޓީގެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާއި އިންސާފާއި އަދި އިންސާނީ ކަރާމާތް ދިފާއުކުރާ ފަރާތްތަކަށް އަރުވާ އިހުތިރާމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އިނާމުގެ އަގަކީ ސްވިޑްންގެ 12 މިލިއަން ކްރޯނާ (ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު ނުވަތަ 18.54 މިލިއަން ރުފިޔާ)އެވެ. އިނާމު ޕިއްލޭއަށް އަރުވާނީ އަންނަ ޑިސެމްބަރު 10 ގައި ނޯވޭގެ ވެރިރަށް އޮސްލޯގައެވެ.
ޕިއްލޭ ހޮވުމުން އޭނާ މި ވީ ނޯބެލް ސުލްހައިގެ އިނާމު ލިބުނު ދެކުނު އެފްރިކާގެ ފަސް ވަނަ މީހާއަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ޖަރީމާތައް ހިންގާ ކުށްވެރިން ޖަވާބުދާރީކުރުވުމުގެ މުހިންމުކަމާމެދު ދެވޭ ވަރުގަދަ މެސެޖެކެވެ.



advertisment