ޖަރުމަނުގެ ވެރިރަށް ބާލިންގައި ގަސްގަހާގެއްސަށް އަޅައިލުމަކީ މުޅި މުޖުތަމައު ބައިވެރިވާ އިޖުތިމާއީ މަސައްކަތަކަށް ވަނީވެފައެވެ. ރަޖިސްޓްރީކޮށްފައިވާ 12,000 ދަރުމަވެރިން ދަނީ އިތުރަށް ހޫނުވަމުންދާ ރަބީއު މޫސުމުގެ ދުވަސްވަރު އެ ސިޓީގެ މަގުމަތީގައި ހުރި ގަސްތައް ދިރުވައި ދެމެހެއްޓުމަށް އެހީތެރިވަމުންނެވެ.
"ގީސް ޑެން ކީޓްސް" ("ތިޔަބައިމީހުންގެ އަވަށަށް ފެންދީ")ގެ ނަމުގައި ހިންގާ މި ހަރަކާތުގައި ސިޓީލެބް ބާލިންއިން ތަރައްގީކޮށްފައިވާ ހިލޭ ބޭނުންކުރެވޭ ޑިޖިޓަލް މަންސައެއް ބޭނުންކޮށްގެން 900،000 އަށްވުރެ ގިނަ ގަސްވަނީ މެޕްކޮށްފައެވެ. މި އެޕްލިކޭޝަނުން ގަހުގެ އުމުރާއި ނަސްލާއި އަދި އެންމެ ފަހުން ވެހުނު ވާރެއަށް ބަލައި ކޮންމެ ގަހަކަށް ފެން ބޭނުންވާ މިންވަރު އަންދާޒާކޮށް، އެންމެ ބޮޑަށް ފެން ބޭނުންވާ ގަސްތައް ފާހަގަކޮށްދެއެވެ. ވޮލަންޓިއަރުންނަށް ގަސްތައް އެޑޮޕްޓުކޮށް، ފެން ދިން ވަގުތުތައް ރެކޯޑުކޮށް އަދި އާންމު ފެން ޕަންޕުތައް ހުރި ތަންތަން ހޯދެއެވެ.
މި މަސައްކަތުގެ ސަބަބުން ހީޓް ވޭވް ދުވަސްތަކުގައި ފައިދާކުރެއެވެ. މި ދިޔަ ޖޫން 27 ގައި ބާލިންގެ ހޫނުމިން ރެކޯޑު މިންވަރަކަށް، އެއީ 39.9 ޑިގްރީ ސެލްސިއަސްއަށް، އުފުލުނުއިރު، ދަރުމަވެރިންވަނީ އެއްވެގެން މުޅި ސަހަރުގެ ގަސްތަކަށް ޖުމްލަ 8,000 ލީޓަރުގެ ފެން ދީފައެވެ.
ދަރުމަވެރިއެއްކަމަށްވާ އަމަންޑާ ގްލޭޒާ-ބްލައިއަށް މި ކަމަކީ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަހަލަ ކަމެކެވެ. އޭނާވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓް އިމާރާތުގެ ބޭރުގައި ހުރި އުމުރުން އަށް އަހަރުގެ "ލިންޑަން" ބާވަތުގެ ގަހަށް "ލިންޑާ"ގެ ނަމުން ނަންވެސް ދީފައެވެ. އަދި ހޫނު މަސްތަކުގައި ކޮންމެ ހަފުތާއަކު އޭނާ ދަނީ އެ ގަހުގެ މޫތަކަށް 20 ލީޓަރުގެ ފެން އަޅަމުންނެވެ.
"މިއީ ވަރަށް މަޖާ، ވީޑިއޯ ގޭމެއް ކުޅުން ކަހަލަ ކަމެއް،" އެޕްލިކޭޝަންގެ ސަބަބުން ގަސްތައް ބެލެހެއްޓުން ފަސޭހަވެ، އެހެން މީހުން ބައިވެރިވުމަށް ހިތްވަރު ލިބޭ ގޮތް ބަޔާންކޮށްދެމުން އޭނާ ބުންޏެވެ.
މަޝްރޫއުގެ ވެރިޔާ އަނާ މެއަލެންޑާވަނީ މީހުންނާ ގަސްގަހާގެއްސާ ދެމެދު އުފެދޭ ޖަޒުބާތީ ގުޅުމާމެދު ހައިރާންވެފައެވެ.

"މީހުން ގަސްތަކަށް އަޅައިލައި މިންވަރު ފެނިފައި އަހަރެން ވަރަށް ހައިރާންވި. ގިނަ މީހުންނަށް މިއީ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކަށް ފަރުވާ ބެހެއްޓުން ކަހަލަ ކަމެއް،" އޭނާ ބުންޏެވެ.
ކޯވިޑް-19 ގެ ފުރަބަންދުގެ ތެރޭގައި 2020 ގައި ފެށި މި ޕްރޮޖެކްޓުގެ ސަބަބުން އަވަށްޓެރިންނަށް އަމާޒެއް ހޯދައިދީ، ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނެވެ.
"މޫސުމީ ބަދަލުތައް މިވަނީ އަހަރެމެންގެ ދޮރުމައްޗަށް އައިސްފައި. ނަމަވެސް ގަހަކަށް ފެންދިނުމަކީ ރަބީއު މޫސުން އިތުރަށް ހޫނުވަމުންދާއިރު އަވަށަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެހީތެރިވެދޭ ކުޑަކުޑަ ފިޔަވަޅެއް،" މެއަލެންޑާ ބުންޏެވެ.
މި ހަރަކާތުން ދައްކުވައިދެނީ ސިޓީތަކުގައި ހުންނަ ގަސްގަހާގެއްސަކީ ހަމައެކަނި ޒީނަތްތެރިކުރުމަށް ހުންނަ އެއްޗެއްގެ ބަދަލުގައި އެއީ ކޮންމެހެން ބޭނުންތެރި އަސާސީ ވަސީލަތްތަކެއް ނުވަތަ އިންފްރާސްޓްރަކްޗަރެއްކަމަށްވެސް ބަލައިގަންނަ މިންވަރު އިތުރުވަމުންދާކަމެވެ. އެ ގަސްތަކުން އަވަށްތައް ފިނިކޮށްދީ، ވައިގެ ތަގައްޔަރުކަން ކުޑަކޮށް، ވާރޭފެން ހިންދައި އަދި ނަފުސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ. ނަމަވެސް އަލަށް އިންދާ ގަސްތަކުން، ބޮޑެތި ގަސްތަކުން އެ ލިބޭ ފަދަ ފުރިހަމަ ފައިދާ ލިބުމަށް 30 އާއި 40 އަހަރާ ދޭތެރޭގެ މުއްދަތެއް ނަގައިނެއެވެ.
"މާޒީގައި ގަސްތަކާމެދު ދެކެވުނީ ސިޓީތަކުގައި ހުންނަ ރީތި، ޒީނަތްތެރި އެއްޗެއްގެ ގޮތުގައި. ނަމަވެސް މިހާރު އަހަރެމެންނަށް އެ ގަސްތައް ފެންނަން މި ފެށީ މުހިންމު އިންފްރާސްޓްރަކްޗަރު ގޮތުގައި،" އާބަން ފޮރެސްޓްރީ މާހިރެއް ކަމަށްވާ ޑރ. ސޭސިލް ކޮނޭނަންޑޭކް ބުންޏެވެ.
މި ޕްލެޓްފޯމްގެ އޯޕަން-ސޯސް ކޯޑުގެ އެހީގައި ޕޮޓްސްޑަމް، ލައިޕްޒިގް، މެގްޑެބާގް އަދި ޕެރިސްގައިވެސް މި ފަދަ ޕްރޮޖެކްޓްތައްވަނީ ފަށައިފައެވެ. މެއަލެންޑާ ބުނީ ގަސްގަހާގެއްސާ ބެހޭ އިތުބާރުހުރި މައުލޫމާތާއި އެ ކަމަށް ތައްޔާރަށް ތިބި ދަރުމަވެރިން ތިބިނަމަ އެހެން ސިޓީތަކަށްވެސް މި މޮޑެލް ނަމޫނާއަކަށް ނަގައިގެން ކުރިއަށްގެންދެވޭނެކަމަށެވެ.
ބާލިންގެ ގަސްތަކާމެދު ދަރުމަވެރިން ފަރުވާތެރިވާ ތަޖުރިބާއިން ދެނީ ސީދާސާދާ މެސެޖެކެވެ: މޫސުމީ ބަދަލަށް އަޅައި ފިޔަވަޅުތައް ޓެކްނޯލޮޖީގެ އެހީގައި އިންތިޒާމުކުރެވިދާނެކަމެވެ. ނަމަވެސް އެ ކަމަށް ދިރުން ގެނެސްދެނީ އާންމު ރައްޔިތުންނެވެ. އެއީ ފެންފޮދަކުން ފެންފޮދަކުންނެވެ.



advertisment