ސައޫދީ އަރައްބިޔާގައި ހުންނަ، ތެލާއި ގޭސް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އަދި ސައޫދީ ދައުލަތުގެ ކުންފުނި އަރަމްކޯގެ މައި މަރުކަޒަށް ޔަމަންގެ ހޫތީންގެ ހަމަލާއެއް އަރައިފިއެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
ޒަހްރާން ސަހަރުގައި ހުންނަ އަރަމްކޯގެ ހެޑްކުއާޓަރަށް، އީރާނަށް ތާއީދުކުރާ ހޫތީން އިއްޔެ ހަމަލާދިނީ ސައޫދީ އިއްތިހާދުން، ހޫތީން ހިފައިފައިވާ ޔަމަންގެ ވެރިރަށް ސަންއާއާ ކައިރީގައި ހުރި ތެޔޮ މަރުކަޒަކަށް ހަމަލާދިނުމުންނެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަރަމްކޯގެ ހެޑްކުއާޓަރު ކޮމްޕްލެކްސްގައި ހުރި އޮފީސް ޓަވަރަކަށް ހޫތީންގެ ބެލިސްޓިކް މިސައިލެއް އަރައި، އެ އިމާރާތުގެ އެންމެ މަތީ ތިން ބުރިއަށްވަނީ ގެއްލުން ލިބި، އަލިފާން ރޯވެފައެވެ.
ސައޫދީގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނީ އިދާރީ އިމާރާތަކަށް "ކުޑަ އަލިފާނުގެ ހާދިސާއެއް" ކުރިމަތިވިކަމަށެވެ.
އަރަމްކޯގެ މައި މަރުކަޒަށް ހަމަލާދިނުމުގެ ކުރިން، ސައޫދީގެ ތެޔޮ އުފައްދާ ވަސީލަތްތަކާއި އެއާޕޯޓްތަކަކީ "ހަމަލާދިނުން ހައްގު" ތަންތަންކަމަށް ހޫތީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ބުނެފައިވެއެވެ.
"ހަރުކަށި އަދި ވޭންދެނިވި ރައްދެއް ދޭނަން،" އޭނާ ބުނެފައިވެއެވެ.
ހަމަލާދިނުމުގެ ކުރިން، ހޫތީންގެ ހަމަލާ އަރައިނެ ނުރައްކާ އޮތް ސަރަހައްދުތަކުން ދުރަށް ދިއުމަށް ތެޔޮ ކުންފުނިތަކުގެ މުވައްޒަފުންނަށްވަނީ ހޫތީން އިންޒާރުވެސް ދީފައެވެ.
ސައޫދީ އިއްތިހާދުން ބުނީ އެ އިއްތިހާދުގެ ހަމަލާތަކުގެ އަމާޒަކީ ސައޫދީ އާއި ޔަމަން އަދި ބައިނަލްއަގްވާމީ ކަނޑުގެ މަގުތަކަށް ނުރައްކާކުރުމުގައި އޮތް "ހޫތީންގެ ގާބިލުކަން ނައްތައިލުން"ކަމަށެވެ.
ހޫތީންނާއި ސައޫދީއާ ދެމެދު އޮތް ހަމަނުޖެހުން ބޮޑުވެގެން މި ދިޔައީ، 13 މީހުން މަރުވެ، އަދި ވައިގެ ދަތުރުތަކަށް ބުރޫއެރި، ސައޫދީގެ ވެރިރަށް ރިޔާޒްގައި ހުންނަ ރަސްގެފާނު ހާލިދަށް ނިސްބަތްވާ ބައިނަލްއަގުވާމީ އެއާޕޯޓަށް ވިދިވިދިގެން ތިން ދުވަހު ހޫތީން ދިން މިސައިލް ހަމަލާތަކަށްފަހުއެވެ.
ހޫތީންނާއި ސައޫދީން ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން ސަރަހައްދުގެ ރައްކާތެރިކަމަށާއި ތެޔޮ ފޯރުކޮށްދިނުމަށް ބުރޫއެރުމާމެދު އޮތް ކަންބޮޑުވުންތައްވަނީ އިތުރަށް ބޮޑުވެފައެވެ.



advertisment