ދިވެހި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ދިއްދޫ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓު ކުޅޭ ތާރީހީ މެޗަށް ފުޓުބޯޅަ ޝަހުސިއްޔަތުންގެ ޚާއްސަ މެހެމާނުންގެ ޓީމެއް ހއ. ދިއްދުއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.
ދިއްދޫ ސްޕޯޓްސްގެ ރައީސް މޫސާ ނަސީރު މިއަދު ވިދާޅުވީ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ، އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް މާލެއިން އުތުރުގައި ކުޅޭ މިއީ ފުރަތަމަ ފަހަރު ކަމަށްވާތީ، އެއީ ދިއްދޫގެ އިތުރުން މުޅި ބޮޑު ތިލަދުންމައްޗަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެހެންވެ މި އުފަލުގައި ބައިވެރިވުމަށް، ދިވެހި ކުޅިވަރާއި ފުޓުބޯޅައިގައި އެންމެ ވިދާލި ޝަހުސިއްޔަތުން ހިމެނޭ ހާއްސަ ޓީމަކަށް، ދިއްދޫ ސްޕޯޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލިސްގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ދައުވަތު ދެއްވައިފައިވާ ކަމަށެވެ. ފުޓުބޯޅަ ޝަހުސިއްޔަތުންގެ ތެރޭގައި 1979ގައި ނިއު ރޭޑިއަންޓް އުފެއްދި، އެ ކްލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ކުޅުންތެރިން ހިމެނޭ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ. އަދި އެންމެ މަޝްހޫރު ކުޅިވަރު ނޫސްވެރިންނަށް ވެސް ދައުވަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިއްދޫއަކީ ވަރަށް ފުޓުބޯޅައިގެ ރަށެއް. އެހެންވެ ފުޓުބޯޅަ ތަރިން މި ރަށަށް ޒިޔާރަތް ކުރުމަކީ އަބަދުވެސް އަޅުގަނޑުމެން މަރުހަބާ ކިޔާ ކަމެއް،" މޫސާ ނަސީރު ވިދާޅުވިއެވެ.
މޫސާ ނަސީރު ވިދާޅުވި ގޮތުގައި ފުޓުބޯޅަ ޝަހުސިއްޔަތުންގެ ޓީމު ދިއްދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ.
"ޝަހުސިއްޔަތުންގެ ޓީމަށް ދިއްދޫން ރަސްމީ މަރުހަބާ ދެންނެވުމާއި މެހެމާންދާރީ އަދާކުރުމުގެ އިންތިޒާމްތައް، އެމް.ޕީ ލަތީފުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ވަރަށް ރަނގަޅަށް ހިނގަމުން އަންނަނީ،" މޫސާ ނަސީރު ވިދާޅުވި އެވެ.
"ޝަހުސިއްޔަތުންގެ ޓީމަށް މެހެމާންދާރީ އަދާކުރުން ފެށޭނެ ވެލާނާ އެއާޕޯޓުން ފެށިގެން. އެއަށްފަހު ހަނިމާދޫ އެއާޕޯޓުން ދިއްދޫއަށް ވަޑައިގަތީމާ ބޮޑު ރަސްމީޔާތު އޮންނާނީ. ވަރަށް ސަޕްރައިޒްތައް އޮންނާނެ."
މި ތާރީހީ މެޗު ބައްލަވައިލެއްވުމަށް އެމް.ޕީ ލަތީފުގެ ދައުވަތަށް ގާތްގަނޑަކަށް ތިރީހަކަށް މެހެމާނުން ދިއްދުއަށް ޒިޔާރަތް ކުރައްވާނެކަން ކަމަށް ވެސް މޫސާ ނަސީރު ވިދާޅުވި އެވެ.
ދިއްދޫއަށް ޒިޔާރަތްކުރާ ފުޓުބޯޅަ ޝަހުސިއްޔަތުންގެ ޓީމު

އަހުމަދު ވަހީދު، މަޝްހޫރު ނަމުން ނަމަ ކުއީން ވަހީދަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިބޯއްޓަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެރުވުމުގެ މޭސްތިރިއެވެ. އަމިއްލަ ޖީބުން ހަރަދުކުރައްވައިގެން، އޭނާ ދިގު މުއްދަތެއްގައި ކްލަބް ގެންގުޅުއްވިއެވެ. ވަހީދުގެ މަސްއޫލުވެރިކަމުގައި އެ ކްލަބުން ވަނީ ދިވެހި ފުޓްބޯޅައިގެ ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކޮށްފައެވެ. އޭނާގެ ދޮށީ ދަރިކަލުން އަލީ އާޒިމް ވަނީ އެފް.އޭ.އެމްގެ ރައީސްކަން ކުރައްވައިފައެވެ. އަދި އަނެއް ދަރިކަލުން މުހައްމަދު ޝިޔާޒު (މޯހަން) ވަނީ ގިނަ ކްލަބުތަކެއްގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ.

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލަކީ، ދިވެހި ފުޓްބޯޅައިގެ ވަރަށް ހާއްސަ ޝަރަފެއް އޮތް ބޭފުޅެކެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވައިލި ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަނެވެ. ނަވާރަސަތޭކަ ހަތްދިހަ ނުވައެއްގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ވާދަކުރީ އޭނާގެ މާލިމީކަމުގެ ދަށުންނެވެ. ކްލަބް ފެންވަރުގައި ވިކްޓްރީ އަށް ވެސް ކާމިޔާބީތައް ހޯދައިދެއްވި އިބްރާހީމް އިސްމާއީލަކީ ފަހުން ހުޝިޔާރު ރެފްރީއެކެވެ. ކުޅިވަރުގެ ވަރުގަދަ ހިންގުންތެރިއެކެވެ. އެފް.އޭ.އެމްގެ ޖެނެރަލް ސެކްރެޓަރީކަން ކުރެއްވިއެވެ. އަދި ދިވެހި ކުޅިވަރުގެ ބައްޕަ ކަމަށްވާ އަލްމަރުހޫމް މުހައްމަދު ޒާހިރު ނަސީރަށް ފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވީ ވެސް އޭނާއެވެ.

މޯނިންގސަން މޫސާ މަނިކު (ކުޑަމޫސަ) އަކީ ދިވެހި ކުޅިވަރުގައި އިތުރު ތައާރަފަކަށް ބޭނުންނުވާނެ ވަރުގަދަ މަރުކާއެކެވެ. ހަވީރު ނޫހުން ހޮވި 20 ވަނަ ގަރުނުގެ ދިވެހި ފުޓްބޯޅަ ޝަހުސިއްޔަތުގެ ޝަރަފު ހޯދައިފައިވާ މޫސައަކީ ހުނަރަށް ބެއްޔަސް، އަހުލާގުން މިނެކިރިޔަސް، ކާމިޔާބުން ވަޒަންކުރިޔަސް އެފަދަ ދެ ވަނައެއް ނެތް ފަދަ މޮޅު ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ އިތުރުން ނިއު ރޭޑިއަންޓާއި ވެލެންސިއާގެ ކެޕްޓަންކަން ވެސް މޫސަ ކުރިއެވެ. އަދި ކޯޗެއްގެ ހައިސަިއްޔަތުން، މާލެއަތޮޅު ހުރާ ޓީމަށް ފުރަތަމަ ޑިވިޝަންގައި ގިނަގުނަ ކާމިޔާބީތަކެއް އޭނާ ހޯދައިދިނެވެ.

ފުޓްބޯޅަ އާއިލާއަކަށް އުފަން އަލީ ސުޒޭނަކީ، އޭނާގެ ދުވަސްވަރު ވިކްޓްރީގެ މެދުތެރެއިން ފެނުނު ހުނަރުވެރި، ޖެހިލުންކުޑަ ކުޅުންތެރިއެކެވެ. ޕްރޮފެޝަނަލް އުސޫލުން، މުސާރައަށް، އެންމެ ފުރަތަމަ ކްލަބް ބަދަލުކުރި ކުޅުންތެރިޔާގެ ގޮތުގައި ވެލެންސިއާ އަށް ވެސް އޭނާ ކުޅުނެވެ. އެކަމަކު ސުޒެއިން އެންމެ ބޮޑަށް ވިދާލީ ކޯޗިންގައެވެ. ވިކްޓަރީ، މާޒިޔާ، ތިނަދޫ އަދި ގްރީން ސްޓީޓަށްވެސް ކާމިޔާބުތައް ހޯދައިދިނެވެ. ގައުމީ ފުޓުބޯޅަ ޓީމާ ހަވާލުވި ފުރަތަމަ ދިވެހި ކޯޗަކީ ވެސް ސުޒެއިނެވެ. ސުޒެއިނަކީ ކުޅިވަރާއި ފުޓްބޯޅައިގެ ކޮންމެ ކަމަކަށް ގޮވައިލިޔަސް އެންމެ ފުރަތަމަ ނުކުންނަ އެކަކެވެ.

މައުރޫފް އަހުމަދު (މާއްޓޭ) އަކީ ދިވެހި ފުޓްބޯޅަ އަށް ޒަމާނީ ގޯލްކީޕިން ތައާރަފުކުރި ކީޕަރުންގެ ތެރެއިން އެކަކެވެ. އެކަމަކު އޭނާގެ އެންމެ ބޮޑު ލެގަސީއަކީ ވިކްޓްރީއާ އެކު ގައުމީ ތަށި ދެ ފަހަރު މިލްކުކުރުމެވެ. ފުރަތަމަ، ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން ކޯޗެއްގެ ގޮތުގައެވެ. ގައުމީ ޓީމުގެ ކީޕަރުކަންވެސް ގިނަ އަހަރުތަކެއްގައި ކޮށްފައިވާ މާއްޓޭއަކީ ކުޅުމާއި ކޯޗިންގެ އިތުރުން ފުޓްބޯޅަ އެޑްމިނިސްޓްރޭޝަނުގެ ވެސް ތަޖުރިބާކާރެކެވެ.

އެންމެ މަތީ ފެންވަރުގައި ވިއްސަކަށް އަހަރު ފުޓްބޯޅަ ކުޅެފައިވާ އަންދަރުސަވާ އިބްރާހީމް ރަޝީދު (އަންދަރޭ) އަކީ، އިތުބާރު ޑިފެންޑަރެއްގެ އިތުރުން، ޒިންމާދާރު ކެޕްޓަނެކެވެ. ފުރަތަމަ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ރިހި މެޑަލް ހޯދީ އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ. ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އަހުލާގު ރަނގަޅު، މަޑުމައިތިރި އަންދަރޭ އަކީ ކްރިކެޓުގެ ވެސް ލެޖެންޑެކެވެ.



advertisment