ދިވެހި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ދިއްދޫ ސްޕޯޓްސްއާއެކު ކުޅޭ މެޗަށް ނިއު ރޭޑިއަންޓު ދިއުމުން ދިއްދޫން ރަތް ދޫލައިގެ މަރުހަބާއެއް މިރޭ ކިޔައިފިއެވެ.
މަރުހަބާގެ ގިޑިގެއާއި ގައުމީ އަދި ކުލަކުލައިގެ ދިދަތަކާއި އަލިތަކުން ޒީނަތްތެރިކޮށްފައިވާ ދިއްދޫ ބަނދަރަށް ނިއުގެ ޓީމު ލެފުމުން ޓީމަށް މަރުހަބާ ވިދާޅުވީ ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދާއި ކައުންސިލްގެ އެހެން މެމްބަރުންނާއި ރަށުގެ އިސް މަސްއޫލުވެެރިންނެވެ. ދިއްދޫގެ މުޅި އާބާދީހެން ސަޕޯޓްކުރާ، އެ ރަށު ރައްޔިތުން މީގެ ކުރިން އެންމެ ފޭވަރިޓް ޓީމު، ނިއު ރޭޑިއަންޓަށް މަރުހަބާ ކިއުމަށް ކުޑަކުދިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ބަނދަރަށް އެއްވެފައި އޮތެވެ. ބަނދަރުގައި އަޅައިފައިވާ ރަތްދޫލަ މައްޗަށް ޓީމު ފޭބުމުން ކޮންމެ ކުޅުންތެރިއަކަށާއި އޮފިޝަލަކަށް ވެސް މާބޮނޑިއެއް ހަދިޔާކުރިއެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ 10 ޓީމުގެ ޖާޒީގައި ސްކޫލް އަންހެން ކުދިންގެ ފަރި ހަރަކާތްތައް ދައްކުވައިދޭ މަރުހަބާގެ ނެށުމެއް ވެސް ހުށަހެޅިއެވެ.

މަރުހަބާގެ ރަސްމީޔާތަށްފަހު އެއްވެފައި ގިނަ ބަޔަކާ ކުޅުންތެރިން ސަލާމްކޮށް ފޮޓޯ ނެގިއެވެ. ވަކިން ހާއްސަކޮށް ނިއުގެ ކެޕްޓަން އަދި މި ޖީލުގެ ފުޓުބޯޅަ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއެކު ގިނަ ބަޔަކު ސެލްފީ ނެގިއެވެ. ނިއުގެ ޓީމު ރަށުތެރެއަށް ދިޔައީ ޓީމަށް ހާއްސަކޮށްފައިވާ ބަސްތަކެއްގައި، ފުލުހުންގެ މޮޓޯކޭޑުގައެވެ.
ދިއްދޫ ފުޓުބޯޅަ ދަނޑުގައި އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗަކީ ދިއްދޫ ރައްޔިތުންނަށް ވަރަށް ގިނަ ގޮތްގޮތުން ތާރީހީ މެޗަކަށް ވަނީ ވެފައެވެ؛ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ، އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއަރ ލީގުގެ މެޗެއް މާލެއިން އުތުރުގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ތާރީހީ މި މެޗު ބަލައިލުމަށްޓަކައި ދިވެހި ކުޅިވަރާއި ފުޓުބޯޅައިގެ ވިދުން ގަދަ ޝަހުސިއްޔަތުންގެ ޓީމެއް ދިއްދޫއަށް ޒިޔާރަތް ކުރުމަށް ވަނީ ދައުވަތު ދީފައެވެ.

މި މެޗަށްޓަކައި ދަނޑު ތަރައްގީކުރުމުގެ އިތުރުން މެހެމާނުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ބަނދަރުމައްޗާއި ރަށުތެރެ ވަނީ ވަރަށް ބޮޑަށް ނަލަހައްދައި ޒީނަތްތެެރިކޮށްފައެވެ. މި ކަމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ރަށު ކައުންސިލެވެ. ކައުންސިލްގެ ފަހަތުގައި ރަށު ރައްޔިތުން ވެސް އަންނަނީ ހޭބޯނާރައި މަސައްކަތް ކުރަމުންނެވެ.
"ދިއްދޫއަށް މިއޮތީ ހަމަ ބޮޑު އީދެއް އައިސްފައި. ކުޅިވަރުގެ އިވެންޓަކަށް މީގެ ކުރިން ތައްޔާރުނުވާހާ ބޮޑަށް މިފަހަރު މިއޮތީ ތައްޔާރުވެފައި. އެއީ ދިއްދޫ ފުޓުބޯޅަ ޓީމު ވަރަށް ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމުގެ ކާމިޔާބީގެ ސަބަބުން (ޕްރިމިއަރ ލީގުން ޖާގަ ހޯދުމުން) މި ރަށުގައި މި މެޗު ކުޅެވެނީ. އެހެންވެ މިއީ މުޅި ދިއްދޫ ރައްޔިތުންނަށް އަންނަ ކުޅިވަރުގެ އެންމެ ބޮޑު އީދު،" ދިއްދޫ ކައުންސިލްގެ ރައީސް އުސްމާނު ރަޝީދު މިއަދު ވިދާޅުވިއެވެ.
"ރަށުތެރޭގައި ގިޑިގެ ޖެހުމާއި ދިދަ ޖެހުމާއި ދިދަފަތި ދެމުމާއި މެހެމާނުންނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ވެސް އެބަ ރާވަން. ބަނދަރުމަތީގައި ވެސް ވަރަށް ހޫނު މަރުހަބާއެއް އޮންނާނެ. ސަޕްރައިޒިން އިވެންޓުތައް ވެސް ހުންނާނެ. އަދި މެޗުގެ އިންޓަވަލް ގަޑިއަށް ސަގާފީ އައިޓަމްތައް ވެސް ކުރިއަށްދާނެ،" އުސްމާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހަޔާތުގައި މި ރަށުގައި އެންމެ ފަހުން ގިޑިގެއެއް ޖެހީ މީގެ 20 އަހަރު ކުރީގައި. އެހެން ނަމަވެސް މިފަހަރު ވަރަށް ފުރިހަމަ، ނަލަ ގިޑިގެތަކެއް މި ތައްޔާރުކުރަނީ ޒަމާނީ ފެންވަރަށް،" އުސްމާނު ވިދާޅުވިއެވެ. "މި ތާރީހީ މެޗު ބައްލަވައިލެއްވުމަށް ބައެއް ވަޒީރުންނާއި ދިވެހި ކުޅިވަރާއި ފުޓުބޯޅައިގެ ވަރުގަދަ ޝަހުސިއްޔަތުންތަކެއް ދިއްދުއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާކަން ވެސް އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އެއީ ވެސް ދިއްދޫއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް."
އުސްމާނު ވިދާޅުވީ ހޮނިހިރު ދުވަހު ހަވީރު 3.45ގައި ފަށާ މެޗަށް ބޮޑުތިލަދުންމަތީގެ ހުރިހައި ރަށްތަކަށް ވެސް ކައުންސިލުން ދައުވަތު ފޮނުވައިފައިވާ ކަމަށެވެ.
"ކައުންސިލްގެ ފަރާތުން މިހާރު ދައުވަތު ދީފައި އޮންނާނެ އަތޮޅުގެ ހުރިހާ ރަށްތަކަށް. އަދި ކުޅުދުއްފުއްޓާއި ހަނިމާދޫ ވެސް ހިމެނޭހެން ހދ. އަތޮޅަށާއި ޖުމްލަކޮށް ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް ވެސް ވާނީ ދައުވަތު ދީފައި. އޭގެ އިތުރުން މި އަތޮޅުގައި އޮންނަ ދެ ރިސޯޓު ކަމަށްވާ މަނަފަރާއި ހައިޑަވޭ އަށް ވެސް ދައުވަތު ދީފައި އޮންނާނީ."
މި އަހަރުން ފެށިގެން ދިވެހި ޕްރިމިއަރ ލީގު ކުޅެމުން މި އަންނަނީ ހޯމް-އެންޑް-އަވޭ އުސޫލުންނެވެ. މިގޮތުން މިދިޔަ މަހު މާލެ އައިސް، ގަލޮޅު ދަނޑުގައި ދިއްދޫ ސްޕޯޓްސް އިން ވަނީ ތިން މެޗެއް ކުޅެފައެެވެ. ތާވަލް ހަމެޖިފައިވާ ގޮތުން މި މަހު ތެރޭގައި މާލެއިން ދާ ތިން ޓީމަކާއެކު ދިއްދޫގައި މެޗު ކުޅޭނެ އެވެ. އެއީ ހޮނިހިރުގައި ނިއު ރޭޑިއަންޓުގެ އިތުރުން، 16 ގައި އީގަލްސް އަދި 20 ގައި ޓީ.ސީއާއެކު އެވެ. އެއަށްފަހު ދިއްދޫ ދަނޑުގައި ޕްރިމިއަރ ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ އަހަރުއެވެ.
ދިއްދޫ އަށް ބޮޑު އީދެއް: ތާރީހީ މެޗުގެ މެހެމާނުންނަށް މަރުހަބާ ކިޔުމަށް ރައްޔިތުން ހޭބޯނާރައި



advertisment