Support Us

އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމް.ޑަބްލިޔު.އެސް.ސީން ޙަވާލުވެ، ފުރަތަމަ ބިލް ތައްޔާރުކުރަނީ

އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމް.ޑަބްލިޔު.އެސް.ސީން އަލަށް ޙަވާލުވެ، ފުރަތަމަ ބިލް ތައްޔާރުކުރުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފިއެވެ.

ފުވައްމުލަކާއި އައްޑޫގެ ހުރިހައި ރަށެއްގެ ކަރަންޓާއި ފެން މިހަތައިނަށް ދެމުން އައީ ފެނަކައިންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ފެނަކަ އުވައިލައްވަން ނިންމަވައި، އެ ކުންފުނިން ދެމުން އައި ހިދުމަތްތައް އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކުރައްވަން ނިންމަވައިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން މިއަދު ބުނީ އެ ކުންފުނީގެ ފުރަތަމަ މީޓަރ ރީޑިން ނެގުމަށްޓަކައި، ކުންފުނީގެ މުވައްޒަފުން، ރަސްމީ ޔުނިފޯމުގައި، ގޭބިސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކި ޢިމާރާތްތަކަށް ޒިޔާރަތްކުރަމުން ގެންދާނެ ކަމަށެވެ.

"ވީމާ، މި މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއި، މި ކަމުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އެދެމެވެ. އަދި، އެމް.ޑަބްލިޔު.އެސް.ސީން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ހޯއްދެވުމަށްޓަކައި، އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރައްވައި އެކައުންޓް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ.

އެމްޑަބްލިއުއެސްސީ އެޕް ޑައުންލޯޑްކުރުމަށް ތިރީގައިވާ ލިންކަށް ފިތާލައްވާ:

އެންޑްރޮއިޑް:

އައި.އޯ.އެސް:

"ފެނާއި ނަރުދަމާގެ ޚިދުމަތް އެމް.ޑަބްލިޔު.އެސް.ސީގެ ދަށަށް ބަދަލުވަމުންދާ މި މަރުޙަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތަށް ބުރޫނާރައި، މެދުކެނޑުމެއްނެތި، ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މި ކުންފުނިން އަރުވަމެވެ. އަދި ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކަވައި ޚަލާޞްކުރެއްވުމަށް އެންމެހައި ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައި އިތުރަށް ބުނެއެވެ.

"ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ އެޑްރެސްތަކުގައި ވަގުތީ ކަސްޓަމަރ ސަރވިސް ކައުންޓަރުތައް މިހާރު ވަނީ ޤާއިމުކުރެވިފައެވެ."

  • އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް އޮފީސް އައްޑޫ ސިޓީ ބްރާންޗް: ހިރިޔާ މަގު، ފޭދޫ
  • އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް އޮފީސް ފުވައްމުލައް ސިޓީ ބްރާންޗް: ނައިބުތުއްތު ހިނގުން، މިސްކިތް މަގު
  • މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އަށް ގުޅުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.