Support Us

ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3

އަޅުގަނޑަށް ޖެހުނު ކުނި

ޞާޙިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހިމް ނާޞިރު އެހާ ގާތުން، އަމިއްލަފުޅު ހޮބީއެއްގެ ގޮތުން ފެއްޓެވި އެ މަސައްކަތް، ސަރުކާރުން ހިންގަވާ ގޮތަށް ބަދަލު ކުރައްވައިފައިވެސް، އެމަނިކުފާނު ގެންދެވީ ވަރަށް ގާތުން ކަންކަން ބައްލަވަމުންނެވެ. ކޮންމެ ނަމެއްގައި، ކޮންމެ ތަނަކުން ކުރި ކަމުގައިވިއަސް، ވަޒީރުލްއައުޒަމު އެންމެ ގާތުން ބައްލަވާ އެއް މުއައްސަސާއަކީ، ދިވެހިރާއްޖޭގެ ރޭޑިއޯ ހިންގާ މުއައްސަސާއެވެ.

އަޅުގަނޑު އޮޕަރޭޓްކުރަން ދަސްކޮށް ނިމިގެން، ގަވާއިދުން ޑިޔުޓީއަށް ނިކުންނަން ފަށައިފީމެވެ. ޙާދިސާ ދިމާވި ދުވަހަކީ، އަޅުގަނޑުގެ ހެނދުނު ޑިޔުޓީގެ ދުވަހެކެވެ. ޑިޔުޓީ ފެއްޓެނީ، ފަތިހު 5.00 ގައެވެ. ނިމެނީ، ހެނދުނު 8.00 ގައެވެ. އެދުވަހު އަޅުގަނޑަށް ލިބިފައިވާ ޕްރޮގްރާމުގައި ހުރި ލަވަތައް، ރެކޯރޑް ލައިބްރަރީން ހަމަކޮށްގެން ގެނެސް ބަހައްޓާފައި ހުއްޓެވެ. މި ކަންކުރާނީ ކުރީރޭ، ޑިޔުޓީ ނިންމާ އޮޕަރޭޓަރެވެ. ލަވަތަކަށް ބަލައިލިއިރު ލަވަތައް ހުރީ އަބަދުވެސް އޮންނަ "ތައްގަނޑު" ގޮތަށެވެ. މިއަދުގެ ޕްރޮގްރާމްގައި ހުރީ، ކުރީ ދުވަހު ފޮނުވި ލަވަ ހޮޅިގަނޑުގެ އަނެއް ފުށުގައި ހުރި ލަވަތަކެވެ. ކޮންމެހެން، ރީތި ހުތުރެއް، ފަހެއް ކުރިއެއް ބަލައިފައެއް ނެތެވެ. އޮފީހުން ޕްރޮގްރާމް ލިޔާ ކާތިބާއިން ލިޔާ ގޮތަކީ، ރަޖިސްޓްރީ ބަލައިގެން، މިއަދު ނަގާ ލަވަ ހޮޅިތަކުގެ އަނެއް ފުށް، މާދަމާގެ ޕްރޮގްރާމްގައި ހިމަނައިގެން އަތުރައިލާ ގޮތަށެވެ. އޭރު އަޅުގަނޑުމެން ގިނައިން ކުޅެމުންގެންދަނީ، 78rpmގެ ލަވަ ހޮޅިއެވެ. 33rpmގެ އެލް.ޕީ އާއި 45rpmގެ އީ.ޕީ ހޮޅިވެސް ލައިބްރަރީގައި ހުރެއެވެ.

އަޅުގަނޑު ހަދާގޮތަކީ، އޮފީހުން ފޮނުވާފައި އޮތް ލަވަ ލިސްޓްގެ އޯޑަރ ބަދަލުކޮށްލަނީއެވެ. އެ ދުވަސްވަރު މާލޭގައި މަޝްހޫރު ކަމަށް ކިޔާ ހިންދީ ލަވައެއް ލިސްޓްގައި އޮތް ކަމަށް ވާނަމަ، އެ ލަވައެއް ޕްރޮގްރާމްގެ ކުރިއަށް ޖައްސައިލައި، އަދި އިތުރު ލަވަވެސް ޕްރޮގްރާމްގައި ހިމަނަނީއެވެ. މިކަން ކުރާކަށް އަޅުގަނޑަކަށް އުނދަގުލެއް ނޫނެވެ. އަޅުގަނޑު އިންނަ ސްޓޫޑިއޯއާ ޖެހިގެން ހުންނަ އަނެއް ކޮޓަރިއަކީ، ރެކޯރޑް ލައިބްރަރީ އެވެ.

މިކަން އަޅުގަނޑު ކުރަނީ، ހެނދުނު ހުރިހާ އެންމެން އޮފީހަށް ދާން ނިކުންނަ ގަޑީގައި ރީތި ހިންދީ ލަވަ ރޭޑިއޯއިން ފޮނުވުން އެއީ ގޯހަކަށް ނުވާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން، އަޅުގަނޑު އަތުގައި އޮތް ލަވަ ލިސްޓު އަޅުގަނޑު ބޭނުންވާ ގޮތަށް ތަރުތީބު ކޮށްލަނީއެވެ.

އާދަވެގެން، ކޮންމެ ދެ ލަވައެއްގެ ދޭތެރޭގައި ފޮނުވަމުންގެންދާ ތިން އިޝްތިހާރުވެސް ބައެއް ދޭތެރެދޭތެރެއިން ނުފޮނުވާ ގޮތަށް ރާވައިލަނީއެވެ. މި ކަންކުރަނީ އެވަގުތު އިންނަ އެނައުންސަރާވެސް ވާހަކަ ދައްކައިގެން ދެމީހުން އެއްބަސްވެގެންނެވެ. އަދި އެނައުންސަރު އާދަކޮށް ކިޔަމުން އަންނަ ޢިބާރާތް، "ދެން އިވިވަޑައިގަންނަވާނީ…."ގެ "ތައްގަނޑު ގޮތް" ކަނޑުވައިލައި، އަޅުގަނޑު އަމިއްލަ ޢިބާރާތުން، ދެލަވަ ދޭތެރޭގެ އެނައުންސްމަންޓްތައް ބަދަލުކޮށްލަނީއެވެ. ދެލަވަ ދޭތެރެއިން ފޮނުވާ އިޝްތިހާރަކީ، ބޮޑު އިސްޓޯރ (އޭރުގެ އެސް.ޓީ.އޯ) އިން ފޮނުވައިފައި ހުންނަ، މުދަލުގެ އިޝްތިހާރެވެ. އިޝްތިހާރު ކުރަނީ ކިހިނެއްކަމާއި އެއިން ކުރަނީ ކޮން ކަހަލަ އަސަރެއްކަން އަދި އިޝްތިހާރު އެއީ ކީއްކުރަން ފޮނުވާ އެއްޗެއްކަމާއި އެއިން ވާ ފައިދާއެއް އަޅުގަނޑަކަށް ހަމަގައިމުވެސް އޭރަކު ނޭނގެއެވެ. ކޮންމެއަކަސް، މިގޮތަށް އަޅުގަނޑު އަމިއްލަ ގޮތްތަކެއް ހަދައިގެން ހެނދުނުގެ ގަޑި ފުރަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަޅުގަނޑުގެ ހެނދުނު ޑިޔުޓީކުރާ ހަފްތާގެ ނިމުމަކާ ހަމައަށް ހިނގައްޖެއެވެ.

ހަނދާންވާ ގޮތުން އެއީ ބުދަ ނޫނީ ބުރާސްފަތި ދުވަހެވެ. އާދައިގެ މަތިން އަޅުގަނޑާއި އެނައުންސަރާ މަޝްވަރާ ކޮށްލައިގެން، އެދުވަހުގެ ޕްރޮގްރާމްވެސް، އަޅުގަނޑުމެނަށް ރީތިވާ ގޮތަށް ބައްޓަން ކޮށްލައިފީމެވެ. އަދި އެނައުންސްމަންޓްތައް ވެސް، އަޅުގަނޑު އިބާރާތްކޮށްފައި އެނައުންސަރު ލައްވާ ކިޔުއްވަމުން، އަޅުގަނޑު ލަވަޖަހަމުން ގެންދިޔައީއެވެ. އެ ދުވަހުގެ އެނައުންސަރަކީ، މަރުޙޫމް އަލީ މޫސާދީދީގެ އަނބިކަނބަލުން ފީބޯ ފާތުމަތު މުޙަންމަދެވެ. ފީބޯ ފާތާނިކެއެވެ.

އަޅުގަނޑުމެން އެދުވަސްވަރު މަސައްކަތް ކުރަމުންގެންދިޔަ އޮފީސް ހުންނަގޮތުން، ސްޓޫޑިއޯގެ ދޮރު ހުޅުވާލާފައި ނިކުމެވޭނީ، ފެންޑާމައްޗަށެވެ. އެއީ، ހުރިހާ ކަމެއް ކުރާ، ހުރިހާ މުއައްޒަފުން ވެސް އުޅޭ ތަނެވެ. އަދި ނިވްސްރޫމް ވެސް މެއެވެ. ފޯނުވެސް ހުންނާނީ، އެތަނުގެ މޭޒެއްގެ މަތީގައެވެ. އެ ގަޑިއަކީ އަދި އޮފީހަށް މީހުން އަންނަ ގަޑިއެއް ނޫނެވެ.

އަޅުގަނޑު ސްޓޫޑިއޯތެރޭގެ މަސައްކަތުގައި އުޅެނިކޮށް، ކުއްލިއަކަށް ބޭރުން ފޯނު ރިންގުވާން ފަށައިފިއެވެ. ފޯނު ނަގަން ހުއްދަ އޮންނަނީ ހަމައެކަނި، އެވަގުތު އެތަނުގައި ޑިޔުޓީގަ އިހުންނަ އޮޕަރޭޓަރަށެވެ. އެނައުންސަރު ވެސް ފޯނުނެގުން މަނާވާނެއެވެ. އަޅުގަނޑު އެވަގުތު އުޅެނީ އެނައުންސްމަންޓް ނިމެންވާއިރަށް ދެން ޖެހިގެން އޮތް ލަވަ ތައްޔާރުކޮށް، 8.00 ގައި ފޮނުވަންޖެހޭ ޕްރޮގްރާމް ތައްޔާރު ކުރުމަށް ޓަކައެވެ. އެ ގަޑިއަކީ، މިކްސަރ އޮޕަރޭޓަރ (އެދުވަހު އަޅުގަނޑު) ވަރަށް އަވަދިނެތި އުޅެންޖެހޭ ވަގުތުކޮޅެކެވެ. ހެނދުނު 8.00 ގައި ފޮނުވަން ޖެހެނީ، ޗައެނާ ރޭޑިއޯއިން އެގަޑީގައި ފޮނުވާ ޚަބަރު، ރޭޑިއޯއަކުން ޓިޔުންކޮށްގެންނެވެ.

ޗައެނާ ރޭޑިއޯގެ ސިގްނަލު ހޯދަން ހަދާގޮތަކީ، ރިސީވަރުގެ އަކުރުބަރީގައި ކުރިން ފާހަގަކޮށްފައި ހުންނަ، ހިސާބަށް ކަށި ގެންދެވުނީމާ، އެތަނުން އެ އަންނަ އެއްޗެއް، މިކްސަރާ ގުޅަނީއެވެ. އިނގިރޭސިން އެއްޗެކޭ ބުނަންދެން، އަޅުގަނޑުމެންނަކަށް އެއީ، ކޮންސްޓޭޝަނެއް ކަމެއްވެސް ނޭނގެއެވެ. އެންމެ ބިރުވެރި މަސައްކަތަކީ އެއީއެވެ. އެހެން ސްޓޭޝަނަކަށް ޓިޔުން ކުރެވިއްޖިއްޔާ، މުޅިން ގޯސްވީއެވެ. ކޮންމެއަކަސް، މިކަހަލަ ހާސްކަމެއްގައި އުޅެނިކޮށް ބޭރުން ފޯނު ރިންގްވާން ފެށީމާ، އެއީ އަނެއް ހާސްކަމެވެ.

ޖަހަމުންއައި ލަވަނިމި، އެނައުންސްމަންޓް ނިމި، ޗައެނާ ޚަބަރަށް ތައްޔާރުކޮށް، ދެން ޖަހަން އޮތް ލަވަ ފައްޓާފައި އަޅުގަނޑު ފޯނަށް ޖަވާބުދޭން ނިކުމެއްޖައީމެވެ. ފޯނަށް ޖަވާބުދޭން އަޅުގަނޑަށް ދެ މިނިޓްވަރު ލިބޭނެއެވެ.

އަޅުގަނޑު ބޭރަށް ނިކުތްއިރު، އެއް ނަންބަރު އޮޕަރޭޓަރ، މައިނާ އަހުމަދު ރަޝީދު، ފޯނު ނަގައިގެން، ފާޑަކަށް ހިނިއައިސްފައި، ފޯނު ހުރި މޭޒުގެ އެއް ކަނެއްގައި، އިނދެގެން މީހަކާ ވާހަކަދައްކަނީއެވެ. އޭނާ ޓްރާންސްމީޓަރ ޑިއުޓީއަށް، އަތިރީމާފަންނުގެ (ތީމުގެ/ސުޕްރީމްކޯޓް ހިންގާ ޢިމާރާތް) އަށް ދަމުން، އަޅުގަނޑު މި އޮފީހުގައި އިނީމާ ގޮވައިލަން ވަތް ވަގުތާ، ފޯނު ރިންގްވާން ފެއްޓި ވަގުތާ ދިމާވީމާ، ފޯނަށް ޖަވާބުދޭން ގަޞްދުކުރީ ކަމަށް ވެދާނެއެވެ. އެއް ނަންބަރު އޮޕަރޭޓަރުންގެ ވަޒީފާއަކީ، ޓްރާންސްމީޓަރުތައް ބެލެހެއްޓުމެވެ. ޓްރާންސްމީޓަރުތައް ހުންނަނީ، އަތިރީމާފަންނުގެ، މިހާރުގެ ސްޕްރީމްކޯޓްގެ ފެންޑާއެއްގައެވެ.

އަހުމަދު ރަޝީދު (މައިނާ) އާ، އަޅުގަނޑާ ދެ މީހުންނަކީ ވަރަށް އެކުގައި އުޅޭ ދެ ރަޙުމަތްތެރިންނެވެ. މައިނާ ގިނައިން އުޅޭނީވެސް އަޅުގަނޑުމެން ގޭގައެވެ. ކައިބޮއި ހަދާނީވެސް ގިނަ ފަހަރު އަޅުގަނޑުމެންގެ، ތިބުރޯޒުގެއިންނެވެ. ސްކޫލް ދައުރު ނިމިގެން، ވަޒީފާއަށް ނިކުތީވެސް ދެމީހުން ގާތްގަނޑަކަށް އެކުގައެވެ. ދެމީހުންވެސް ވަޒީފާ ހޯދީ، ރޭޑިއޯ ސްޓޭޝަނުންނެވެ.

ދަންނަވަންތޯއެވެ؟ ކުރިން ދެންނެވި ފަދައިން، ރޭޑިއޯ ސްޓޫޑިއޯގައި ހުންނަ ފޯނަށް ޖަވާބު ދީ ހެދުމުގެ އަމުރު އޮންނަނީ، ހަމައެކަނި އެވަގުތަކު ހުންނަ އެތަނުގެ ޑިޔުޓީ އޮޕަރޭޓަރަށެވެ. މިއަދު އެއީ، އަޅުގަނޑެވެ.

އަޅުގަނޑު މައިނާ އަތުން ފޯނު އަތުލައިފީމެވެ.

"ހެލޯ! ކޮން ބޭފުޅެއްތޯ؟" އަޅުގަނޑު އަހައިލީމެވެ.

"ދެންމެ އެ ވާހަކަދެއްކީ ކާކު؟" އަނެއްކޮޅުން އަޑުއައެވެ.

"އެއީ، މައިނާ!" އަޅުގަނޑު ބުނީމެވެ.

އަޅުގަނޑު ނިކުތްއިރު މައިނާ ފޯނު ނަގައިގެން ހެވިފައި އިން ގޮތުން، އަޅުގަނޑު ޔަގީންކުރީ، އޭނާ މިވާހަކަ ދައްކަނީ، އަޅުގަނޑުމެން ދެމީހުންގެވެސް، ރައްޓެއްސަކާ ކަމަށެވެ. އެހެންކަމުން، އަޅުގަނޑުވެސް އެހާ ސީރިއަސްއެއް ނުވަމެވެ.

"މައިނާއޭ؟ މައިނާ ކިޔާ މީހަކު ތިޔަ ތަނަކު ނޫޅޭނެ!" ފޯނުން އައި އަޑުގައި އެއްގޮތަކަށްވެސް ސަމާސާ ގޮތެއް ނެތެވެ.

"އަޙުމަދު ރަޝީދު (މައިނާ)" އަޅުގަނޑު ތަފުޞީލުކޮށްދިނީމެވެ.

"އެއީ ތިޔަ ތަނުގެ ކާކު؟ މިވަގުތު އޭނާ ތިޔަ ތަނުގައި ކީއްކުރަނީ؟"

"އޭނާ އެއީ، އެއް ނަންބަރު އޮޕަރޭޓަރެއް. ވަޒީފާއަށް ދަމުން، އަޅުގަނޑު މިތާ އިނީމާ ވަދެލީ!"

"ބަލަ! ތިޔަ ތަނުގައި ހުންނަ ފޯނު، ތިޔަ ތަނަށް ވަންނަ އެންމެނަށްވެސް ނެގޭތަ؟ އެއީ މަނާކަމެއް ނޫންތަ؟"

އަޅުގަނޑަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޙަޤީގަތުގައި އެއީ މަނާކަމެކެވެ.

ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކަވާ ބޭފުޅަކު، އެއްޗެކޭ ވިދާޅުނުވެ މަޑުކޮށްލެއްވުމަށްފަހު ވިދާޅުވިއެވެ.

"މިއަދުގެ ޕްރޮގްރާމުގައި އެއްވެސް އިޝްތިހާރެއް ނުފޮނުވަނީ ކީއްވެ؟" އަޅުގަނޑު އަނގަ ބެދިފައި ހުރީމެވެ. ފާޑަކަށް ރަކިވެސް ވެފައެވެ. "ކޮންމެ ލަވައެއްގެ ފަހަތުން، ތިން އިޝްތިހާރު ފޮނުވާކަށް ދަސްކޮށެއް ނުދޭތަ؟" ފޯނުގެ އަނެއްކޮޅުން ވާހަކަދައްކާ މީހަކީ، މިކަމާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބިފައި ހުރި މީހެއްކަން، އަޅުގަނޑަށް އެނގިއްޖެއެވެ. ނަމަވެސް އެއީ އައްބާސް އިބުރާހީމެއް އަދި ސައިކުރާ އިބުރާހީމް ނައީމެއްވެސް ނޫންކަން ޔަޤީނެވެ.

"ކޮންމެހެން ތިން އިޝްތިހާރު ފޮނުވަން ޖެހޭނެ ކަމަށް ބުނެއެއްނުދޭ…!" ހާސްކަމާއި ލަދުވެތިކަމާއި ކަންބޮޑުވުމާއެކު އަޅުގަނޑު ޖަވާބު ދިނީމެވެ.

"މިހަފްތާ އެއްކޮށް، މި ގަޑީގެ ޕްރޮގްރާމް ތިޔަގެންދަނީ، ބޭނުން ގޮތަކަށް ލަވަޖަހަމުން، ބޭނުން ގޮތަކަށް ވާހަކަ ދައްކަމުން، އެއްވެސް އިޝްތިހާރެއްވެސް ނުފޮނުވާ! ބަދުރުއްނަޞީރަށް އެނގޭތަ އިޝްތިހާރު ފޮނުވުމަށް ކިހާ ފައިސާއެއް ބޮޑު އިސްޓޯރުން ތިޔަ ތަނަށް ދޭކަން؟"

އަޅުގަނޑު ބުނާނެ ހަމަ އެކައްޗެއްވެސް ހިތަކަށް ނުވަނެވެ. އަޅުގަނޑަކަށް ނޭނގެއެވެ.

"މަހަކު އެއްހާސް ރުފިޔާ ބޮޑުއިސްޓޯރުން ތިޔަތަނަށް ދައްކާނެ، ކޮންމެ ލަވައެއްގެ ފަހަތުން، އެތަނުގެ ތިން އިޝްތިހާރު ފޮނުވަން ޖެހޭނެ!" އެބޭފުޅަކު ވިދާޅުވިއެވެ.

ހިމޭން ވަގުތުކޮޅެކެވެ. އަޅުގަނޑަށް ބުނާނެ އެކައްޗެއްވެސް ނޭނގި، ތަލިން ކުޅުހިކިފައި ހުރީމެވެ.

"ދެން އަންނަ އޮޕަރޭޓަރ އައިމަ ބަދުރު ގެއަށްދޭ! ގޮސް ގޭގައި މަޑުކޮށްލާ!" ފޯނުގެ އަނެއްކޮޅުން އަޑުއައެވެ.

"މީ ނާސިރު!"

މިހެން ވިދާޅުވެފައި ފޯނު ކަނޑުއްވައިލެއްވިއެވެ.

އަޅުގަނޑު ތުރުތުރު އަޅައިގަތެވެ. ފޯނު މިކުރެއްވީ ޞާޙިބުއްދައުލާ އިބްރާހިމް ނާޞިރުކަން އެނގުނު ހިސާބުން ހީވީ، މޭގަނޑު އަނގަޔަށް އައިހެނެވެ. ދުވަހަކުވެސް ދިމާނުވާ ބޭފުޅެކެވެ. އަދި އަމުދުން ވާހަކަ ދެއްކެވި އަޑެއްވެސް އިވިފައެއް ނެތެވެ. އެއަޑު، ފޯނުން އިވޭނެ ކަމަށް ހިތަށްވެސް ނާރައެވެ.

ޑިޔުޓީ ނިމުނީމާ އަޅުގަނޑު ގެއަށްގޮސް ގޭގައި ހުރީއެވެ.

އަނބުރާ ވަޒީފާއަށް

ކޮންމެއަކަސް، އަޅުގަނޑަށް އެ ޖެހުނު ކުންޏަކީ މި ދެންނެވީއެވެ. މާ ގިނަ ދުވަހަކު އަޅުގަނޑު ސަސްޕެންޑްކޮށްފައެއް ނުބަހައްޓަވައެވެ. އެއް ދުވަހަކު، މައިޒާން އަޙުމަދު މަނިކު، އަޅުގަނޑާ ބައްދަލުކުރައްވާފައި ވިދާޅުވީ، އަނެއްކާ އަޅުގަނޑު އޮފީހަށް ނުކުތުމަށް އެންގުމަށް ނާޞިރު ވިދާޅުވެއްޖެ ކަމަށެވެ. އެހެންވެ އަނެއްކާވެސް އަޅުގަނޑު އާދައިގެ މަތިން ޑިޔުޓީއަށް ނިކުންނަން ފަށައިފީމެވެ.

ރާއްޖޭގައި ފުރަތަމަ ރޭޑިއޯ ބްރޯޑްކާސްޓް ކުރަމުން ގެންދިޔައީ އެތައް ފްރިކްއެންސީ ތަކެއް ބޭނުން ކޮށްގެނެވެ. ޝޯރޓްވޭވް ބޭންޑްގެ ފްރިކްއެންސީ ތަކުންނާއި އަދި މީޑިއަމްވޭވްގެ ފްރިކްއެންސީއަކުންނެވެ. އޭގެ އެންމެބޮޑު އެއް ސަބަބަކީ، އެ ދުވަސްވަރުގެ ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވެފައިވާ މިންވަރުން، އެއް ފްރިކްއެންސީއެއް ބޭނުންކޮށްގެން، މުޅި ދިވެހިރާއްޖޭގެ މީހުން އުޅޭ ހުރިހާ ހިސާބަކަށް ރޭޑިއޯގެ ސިގްނަލް ފޯރުކޮށްދިނުމުގެ ގާބިލްކަން ނެތުމެވެ. ތަފާތު ފްރިކްއެންސީތައް ރާއްޖޭގެ ތަފާތު އޭރިއާތަކަށް ބީމްކޮށްގެން މެނުވީ، މާލެއިން ކުރާ ބްރޯޑްކާސްޓްގެ ސިގްނަލް އެންމެނަކަށް ނުލިބޭނެއެވެ. އެގޮތުންވެސް ލިބޭނީ، އެކި ހިސާބުތަކަށް އެކި ގަޑީގައެވެ. ތަފާތު ފްރިކްއެންސީތަކުން، ރާއްޖޭގެ ތަފާތު ހިސާބުތަކަށް ތަފާތު ގަޑިތަކުގައި ބްރޯޑްކާސްޓްކުރުމުން، ދޭން ބޭނުންވާ މެސެޖް ނުވަތަ އިއްވަން ބޭނުންވާ ޚަބަރެއް، އެންމެނަކަށް އެއްފަހަރާ އެއް ވަގުތެއްގައި ނުލިބޭނެއެވެ.

މިއީ، ފަށައިގަތުމުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައެވެ. އިނގިރޭސީންގެ އަތުން ރާއްޖެއަށް މިނިވަންކަން ލިބި، އިނގިރޭސި ސިފައިން، އައްޑުއަތޮޅު ދޫކޮށް ދިއުމުން، ސ. ގަމުގައި އެމީހުން ގެންގުޅުނު ކޮމިޔުނިކޭޝަންސް އިކްވިޕްމަންޓްތައް މާލެ ގެންނަވާ، މާލޭގައި ތިބި އިންޖިނިއަރުންނާއި ޓެކްނިކަލް މީހުންގެ އެހީއާއެކު، އެ ތަކެތީގެ ބޭނުންވެސް ކޮންމެވެސް ވަރަކަށް ކުރަމުން ގެންދެވުނެވެ. ވީހާ ގިނަ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ރޭޑިއޯގެ އަޑުއިއްވޭތޯ އަބަދުވެސް ގެންދެވީ، މަސައްކަތް ކުރައްވަމުންނެވެ.

މައިޒާން އަޙުމަދު މަނިކު

މި މަސައްކަތުގެ އިތުރުން، ސްރީލަންކާ، އިންޑިޔާ އަދި ޕާކިސްތާނަށް އަމާޒު ކޮށްގެން 60 މީޓަރ ބޭންޑުން ބްރޯޑްކާސްޓް ކުރެވޭނެ ޓްރާންސްމީޓަރެއް އުފައްދަވައި ބްރޯޑްކާސްޓް ކުރައްވަމުން ގެންދެވިއެވެ. ރާއްޖެއިން ބޭރުން ގެންނަވައިފައި ހުރި، ކްރިސްޓިއަން ދީނުގެ ޕްރޮގްރާމް ތަކެކެވެ. މި ޕްރޮގްރާމްތައް ރޭޑިއޯއިން ބްރޯޑްކާސްޓްކުރަން ފެއްޓީ، 19 ފެބްރުއަރީ 1967 ގައެވެ. ފަހުން އެނގުނު ގޮތުގައި، މި ޕްރޮގްރާމްތަކަކީ، ރޭޑިއޯ މޯލްޑިވްސްއަށް އަގެއް ދައްކައިގެން ބްރޯޑްކާސްޓް ކުރަމުން ގެންދިޔަ ޕްރޮގްރާމް ތަކެކެވެ.

އެ ޕްރޮގްރާމްތައް ފޮނުވާ ފްރިކްއެންސީއަކީ، މިދެންނެވި ގައުމުތަކަށް އަމާޒުކޮށްފޮނުވާ ޕްރޮގްރާމް ތަކެއް ކަމުގައި ވާތީ، ރާއްޖޭގެ ސަރަޙައްދަކަށް ލިބޭނެ ކަމަކަށް ނުވެއެވެ. ޕްރޮގްރާމްތައް ފޮނުވާ ފަރާތުން ބޭނުން ވަނީ، މިދެންނެވި ޤައުމުތަކަށް ޕްރޮގްރާމްތަކުގެ އަޑުއިއްވާށެވެ.

ރޭޑިއޯގެ 60 މީޓަރު ބޭންޑް ފިޔަވާ، 41 މީޓަރު، 31 މީޓަރު، 100 މީޓަރު، 49 މީޓަރު އަދި 90 މީޓަރަކީވެސް، ޕްރޮގްރާމް ފޮނުވަމުންގެންދިޔަ މީޓަރުތަކެވެ. ތަފާތު ގަޑިގަޑީގައި ތަފާތު ފްރިކްއެންސީން، ތަފާތު މީޓަރު ބޭންޑުންނެވެ. އެހެންވީމާ، މިހާރު ވިސްނައިލާއިރު، ދެ ސަރަޙައްދަކަށް އެއް ޕްރޮގްރާމްތަކެއް ނުލިބުންވެސް އެކަށީގެން ވެއެވެ.

ޓްރާންސްމީޓަރުތައް އުފެއްދުމުގައި އެންމެ ބުރަކޮށް އުޅުއްވި ބޭފުޅުންނަކީ މައިޒާން އަޙުމަދު މަނިކާއި ކޮނޑޭ އަލިމަނިކު އަދި މަރުޙޫމް ޝަބުނަމީގޭ އިސްމާއީލް ދީދީ އެވެ. ސައިކުރާ ޢަބުދުއްރަޝީދު، ސޭބޫ ތުއްތުމަނިކު، ބުޗާ މުޙަންމަދު މަނިކު މި ބޭބޭފުޅުންވެސް ވަރަށް ގިނަ ވަގުތު ވާރކްޝޮޕްގައި ހޭދަކުރައްވަން ޖެހެއެވެ. ކޮނޑޭ އަލިމަނިކު ބުނުއްވި ގޮތުން، މަސައްކަތް ފެއްޓި ދުވަސްވަރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައި، ކޯހެއް ފުރިހަމަ ކުރައްވާށެވެ. ކޯސް ނިންމަވާފައި ރާއްޖެ ވަޑައިގެން، މަސައްކަތާ ގުޅިވަޑައިގަތީއެވެ.

ވިކްރަމަސިންހާ އަކީ، ރާއްޖޭގެ ވަޔަރލެސް އޮފީހުގައި ހުންނަ ރޭޑިއޯ ޓެލެފޯން ސެޓްތައް މަރާމާތުކުރުމަށް، އަލްމަރުހޫމް ކޮލި ޢަލިމަނިކު ލަންކާއިން ފޮނުއްވެވި އިންޖިނޭރެކެވެ. އޭނާއަކީ، ރޭޑިއޯ ސިލޯނުގެ އިންޖިނޭރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައި ހުރި އިލެކްޓްރޯނިކް އިންޖިނޭރެކެވެ. އަދި އޭނާ އަކީ ރާއްޖޭގެ އެމް.އެން.ޓީ.ސީގެ ބޯޓްފަހަރުގެ ސީބީ. ސެޓްތައް މަރާމާތުކޮށް ބަލަހައްޓަން އުޅޭ މީހެއް ކަމުގައި އެނގިފައިވެއެވެ.

ދިވެހި ރާއްޖޭގެ ސަރަޙައްދަށް، ސާފުކޮށް ރީތިކޮށް އަދި އެއްވެސް ކަހަލަ އިތުރު އިންޓަރފިއަރެންސެއް ނެތި ރޭޑިއޯގެ އަޑު ލިބޭނެގޮތް ހެއްދެވުމަށްޓަކައި ކުރެވެމުންދިޔަ މަސައްކަތް، މިސްޓަރ ވިކްރަމަސިންހާގެ ލަފައާއި އެހީތެރިކަމުގެ ތެރެއިން ގެންދިޔައީ ކެނޑިނޭޅި ކުރެވެމުންނެވެ.

މީޑިއަމްވޭވް އިން ބްރޯޑްކާސްޓް ކުރެވޭނެ ޗެނެލެއް އުފެއްދުން

ރޭޑިއޯ މޯލްޑިވްސްގެ ތަރައްޤީގެ މަގުގައި ކުރިއަށް ދިއުމަށް ކުރި މަސައްކަތުގެ ތެރެއިން، މީޑިއަމްވޭވް އިން ބްރޯޑްކާސްޓް ކުރެވޭނެ ޗެނެލެއް އުފެދިއްޖެއެވެ. މީޑިއަމްވޭވަކީ، ރޭޑިއޯވޭވް ދަތުރުކުރާ ގޮތުން، ރާއްޖެ ކަހަލަ ތިރި ޤައުމަކަށް އެންމެ އެކަށީގެންވާ ފްރިކްއެއްންސީ އެވެ. ޝޯރޓްވޭވްއިން ނުލިބޭ ސަރަޙައްދުތަކަށް މީޑިއަމްވޭވްއިން ލިބެއެވެ. އަދި މީޑިއަމް ވޭވްގެ ސިގުނަލް ރަނގަޅުވެފައި، އަޑު ސާފުވެފައި، އަޑުގަދައެވެ. މީޑިއަމް ވޭވްގެ 1448 ކިލޯހާރޓްޒް 200 މީޓަރ ބޭންޑުން ރޭޑިއޯގެ ސިގްނަލްތައް ފޮނުވަން ފެށުމާއެކު، ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކަކަށް ރޭޑިއޯގެ އަޑު ލިބެންފަށައިފިއެވެ. އަދި އެއާއެކު، ޝޯރޓްވޭވުން ފޮނުވަމުން ގެންދިޔަ ތަފާތު ބޭންޑްތައް މަޑުމަޑުން އުވާލަން ފެއްޓުނެވެ.

އެދުވަސްވަރު ރޭޑިއޯގެ 200 މީޓަރުން ފޮނުވާ ޓްރާންމީޓަރ ފިޔަވާ ދެން ހުރި، ހުރިހާ ޓްރާންސްމީޓަރުތަކެއް ބަހައްޓާފައި ހުންނަނީ، އަތިރީމާފަންނުގޭ ފެންޑާގައެވެ. މީޑިއަމް ވޭވްގެ 200 މީޓަރ ޓްރާންސްމީޓަރު ހުންނަނީ، މާފަންނުގައި އަލަށް ބިން ހިއްކި ހިސާބުގައި ހަދާފައި ހުރި އަތޮޅުފިހާރަތަކުގެ ތެރެއިން، ސ. އަތޮޅު ފިހާރައިގައެވެ.

ދުވަހަކަށްފަހު ދުވަހެއް ތަރައްޤީގެ މަގުގައި ދިވެހި ރޭޑިއޯ ކުރިއަރަމުން، އާ ކަންތައްތައް ތަޖްރިބާ ކުރަމުން ދިޔައެވެ. މާލޭގައި ބައިސްކޯފް ދެއްކި ސިނެމާއެއް ކަމަށްވާ "ފަރީދީސިނެމާ" ހުރި ގޯއްޗަށް ރޭޑިއޯގެ ވާރކްޝޮޕް ބަދަލުވެއްޖެއެވެ. އަދި ސިނެމާގައި ބައިސްކޯފް ދެއްކުމަށް އުޅުއްވި ދެ އޮޕަރޭޓަރުން ކަމުގައިވާ ސައިކުރާ ޢަބުދުއްރަޝީދާއި ސޭބޫ ތުއްތުމަނިކު، "ސިނެކޯރޭޑިއޯ"ގެ 1 ނަންބަރު އޮޕަރޭޓަރުންގެ ގޮތުގައި ހަމަޖައްސަވާ، އެ ދެބޭފުޅުންވެސް މިސްޓަރ ވިކްރަމަސިންހަ ކައިރިއަށް ވާރކްޝޮޕަށް ފޮނުއްވައިފިއެވެ.

އަޅުގަނޑުމެން، ކޮންޓިނިޔުޓީ ސްޓޫޑިއޯގައި މަސައްކަތް ކުރާ ދެ ނަންބަރު އޮޕަރޭޓަރުންވެސް ބްރޯޑްކާސްޓިންގ ޑިޔުޓީ ނިމުމަށްފަހު، ދެން ދާންޖެހެނީ، ވާރކްޝޮޕަށް މިސްޓަރ ވިކްރަމަސިންހަ ކައިރިއަށެވެ. އަދި އޭނާއާ އެކުގައި މައިޒާން އަހުމަދު މަނިކާއި ކޮނޑޭ ޢަލިމަނިކު މަސައްކަތް ކުރައްވައެވެ. އެތަނުން އަޅުގަޑުމެނަށް ވެސް ޓެކްނިކަލް މަސައްކަތްތައް ދަސް ކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ.

ފަރީދީސިނަމާގައި ލަވަ ރެކޯރޑްކުރުން

ސިނެކޯ ރޭޑިއޯއިން އޭރު ފޮނުވަމުން ގެންދިޔަ ދިވެހި ލަވަތައް، ރެކޯރޑްކޮށް ރޭޑިއޯއިން ބްރޯޑްކާސްޓް ކުރަން ކުރި މަސައްކަތްތައް ވެސް އެއީ، ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. އެންމެ ފުރަތަމަ މިކަން ކުރެއްވީ، އަޅުގަނޑަށް އެނގިފައިވާ ގޮތުން، ސައިކުރާ އިބުރާހިމް ނަޢީމެވެ. އޭނާ މި މަސައްކަތް ކުރެއްވީ، ގ. މާޖެހިގޭގައި ހުންނަ ޕިންގޕޮންގ ކުޅޭ ހޯލްގެ ތެރޭގައި ކަމަށް ނަޢީމް އަޅުގަނޑު ގާތު ބުނުއްވިއެވެ. ރެކޯރޑް ކުރައްވަން ގެންގުޅުއްވީ، "އަލްބާ" ރެކޯރޑަރެއް ކަމާއި، އެއިން ރެކޯރޑް ކުރަނީ އެންމެ މައިކްރޯފޯނަކުން ކަމަށްވެސް ނައީމު ބުނުއްވިއެވެ.

ގ. މާޖެހިގޭ ޕިންގޕޮންގ ހޯލްގެ ފުރާޅުމައްޗަށް އޮންނަނީ، އެގޭ ޖަނބުރޯލްގަހުގެ ގޮފިތައް ފެތުރިފައެވެ. ފުރާޅުމައްޗަށް ޖަނބުރޯލެއް ވެއްޓޭ ކޮންމެ ފަހަރަކު ޖެހޭނީ، ރެކޯރޑްކުރުން ހުއްޓާލާށެވެ. އަދި އަލުން ސުމަކުން ފަށަނީ ކަމަށް ވެސް ނަޢީމް ބުނުއްވިއެވެ.

މާޖެހިގޭގައި ރެކޯރޑްކުރި ލަވަތަކަކީ، "މާލޭ ޒަމާނީ މިޔުޒިކް ކްލަބް"ގެ ފަރާތުން ހަދިޔާކުރި ލަވައެވެ. މި ގްރޫޕަކީ، ރާއްޖެއަށް އެ ދުވަސްވަރު އެންމެ މަޝްހޫރުވި، ލަވަކިޔުންތެރިން ހިމެނޭ "މަސްއޮޑި ޢާއިލާ"ގެ ގްރޫޕެވެ. އެ ގްރޫޕްގައި މަސްއޮޑި ކުޑަ މުޙަންމަދު ފުޅު (މުޙަންމަދު ޚަލީލު) މަސްއޮޑި އިބްރާހިމް ޚަލީލު، މަސްއޮޑި ހަސަން ޚަލީލު، މަސްއޮޑި އަޙުމަދު ޚަލީލު، މަސްއޮޑި ޢީސާ ޚަލީލު ފަދަ އޭރުގެ މަޝްހޫރު ލަވަކިޔުންތެރިން ހިމެނެއެވެ. އަދި ފަހުން މުޙަންމަދު ޚަލީލު (މަސްއޮޑި ކުޑަ މުޙަންމަދުފުޅު)ގެ ދަރިފުޅު އިބްރާހީމް ޙަމްދީ، މަސްއޮޑި އިބްރާހިމް ޚަލީލުގެ ދަރިން ކަމުގައިވާ، މުޙަންމަދު ރައޫފު، އަބުދުއްރައޫފާއި، ފާތުމަތު ރައޫފާއި، މަސްއޮޑި އަޙުމަދު ޚަލީލުގެ ދަރިން ކަމުގައިވާ، މަހަމޫދާ ޝަކީބާއި އިބްރާހިމް ޝަކީބު ވެސް ހިމެނިގެން ދިޔައެވެ. މިޔުޒިކް ފަރިތަކުރަނީ، ގ. މާޖެހިގޭގަގައެވެ. މިއީ، އަޅުގަނޑު ރޭޑިއޯއާ ގުޅުމުގެ ތަންކޮޅެއް ކުރިއެވެ.

އަޅުގަނޑު ރޭޑިއޯއާ ގުޅުނުއިރު، ރެކޯރޑް ކުރަނީ ފަރީދީސިނެމާގެ ގޯތިތެރޭގައެވެ. އޭރުވެސް މިޔުޒިކް ރެކޯރޑްކުރާނެ ސްޓޫޑިއޯއެއް ނުހުރެއެވެ. ރެކޯރޑްކުރާއިރު އަޑުތައް އެއްވަރު ކުރަނީ، ގްރޫޕްގެ މީހުން، އެމީހުން ކުޅޭ އެއްޗެއްގެ އަޑުގެ ބާރު/މަޑުމިނުގެ ނިސްބަތުންނެވެ. އެންމެ އަޑުމަޑު އިންސްޓްރޫމަންޓް ކުޅޭ މިޔުޒީޝަން ބައިންދަންޖެހެނީ، މައިކާ އެންމެ ކައިރީގައެވެ. އެންމެ އަޑުގަދަ އިންސްޓްރޫމަންޓް ކުޅޭ މިޔުޒީޝަން ބައިންދަން ޖެހެނީ އެންމެ ދުރުގައެވެ. މިގޮތަށް ގޯތިތެރޭގައި ހުރިހާ އެންމެން އެތުރުމަކީވެސް ކުޑަ ކަމެއްނޫނެވެ. ރެކޯރޑިންގ އޮޕަރޭޓަރ، އަޑުތައް ހެޔޮވަރު ކުރަން ހެޑްފޯނު އަޅައިގެން އިންނާނެއެވެ. އަދި އޭނާގެ އިޝާރާތަށް، މިޔުޒިކް ކުޅޭ މީހުންތައް އެތުރޭނެއެވެ. އެދުވަސްވަރު ރެކޯރޑް ކުރެއްވުމުގެ މަސައްކަތް ކުރައްވަން އުޅުއްވީ މައިޒާން އަޙުމަދުމަނިކެވެ.

މާލިއްޔާ (ބ) ހުރި އިމާރާތުގައި ރޭޑިއޯ (އެމް.އައި.ބީ.އެސް.) ގެނަމުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ބްރޯޑްކާސްޓް ކުރުމަށްފަހު، 26 ޖޫން 1968 ގައި ހެންވޭރުގައި ހަދަމުން ގެންދިޔަ އިމާރާތަށް ރޭޑިއޯސްޓޭޝަންގެ ހުރިހާ ތަކެއްޗަކާއި މުއައްޒަފުން ބަދަލުވެ، މުޅިންއާ އިކްވެޕްމެންޓްތަކާއި އިތުރު މުއައްޒަފުންނާ އެކު، ސަރުކާރުގެ ރޭޑިއޯ ސްޓޭޝަން ހިނގައިގެންފިއެވެ.

ހެންވޭރުގައި ހުރި ދިވެހިރާއްޖޭގެ އަޑު– މިހާރު ސިފައިން ހިންގާ ސެނެހިޔަ ހޮސްޕިޓަލް

މި ބަދަލު އައި ނަމަވެސް، މިޔުޒިކް ރެކޯރޑް ކުރާނެ އެކަށީގެންވާ ސްޓޫޑިއޯއެއް ނެތުމުގެ ސަބަބުން، އަދިވެސް މިޔުޒިކް ރެކޯރޑްކުރަމުން ގެންދަނީ، ހަމަ ފަރީދީ ސިނަމާގެ ގޯތިތެރޭގައެވެ. އެތަނުގައި ކުރިން ބައިސްކޯފް ދެއްކި ފަންސިނަމާގެ ހޯލްގެ ބައެއްގައި ހުރި ކޮޓަރިއެއްގައި، ފުދޭވަރެއްގެ ސްޓޫޑިއޯއެއް ތައްޔާރު ކުރީއެވެ. ނަމަވެސް، ރަނގަޅަށް ސައުންޑް ޕްރޫފް ކުރެވިފައި ނެތުމުގެ ސަބަބުން މި ސްޓޫޑިއޯ ބޭނުން ކުރަނީ ތަންކޮޅެއް އާދައިގެ ރެކޯރޑިންގ ތަކަށެވެ.

މިޔުޒިކް ރެކޯރޑްކުރުމަކީ، މާފަސޭހަ ކަމެއް ނޫނެވެ. އަލަށް ވަޒީފާއަށް ވަންނަ ކުދިންނަށް މި ހިސާބަށް ދެވޭނީ ވަރަށް ގިނަ މަސައްކަތް ވާރކްޝޮޕްގައި ކޮށް، މިރޮނގުން ގިނަ ތަޖްރިބާ ތަކެއް ކުރުމަށްފަހުއެވެ. އެހެންކަމުން، އެކަމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެކަމެއް ނޫންކަމަށް ދެކިގެން އަޅުގަނޑުމެން ޖޫނިއަރ ކުދިންވެސް އެތަނަކަށް ގޮހެއް ނޫޅެއެވެ. ދިޔަކަމުގައި ވިއަސް، ރެކޯރޑް ކުރުމުގެ މަސައްކަތުގައި އޮޕަރޭޓަރެއްގެ ބައެއް ނުކުޅެމެވެ.

މުޙަންމަދު ސަމީރު (ފަހުގެ ފޮޓޯއެއް)

އަޅުގަނޑު ހަނދާންވާގޮތުން، އެދުވަސްވަރު، ސިނަމާތެރޭގައި އޮޕަރޭޓަރުންނަކަށް އުޅެނީ، މުޙަންމަދު ސަމީރު (ގ. ވައިޓްރޯސް) އަދި މޫސާ ރުޝްދީ (ހ. ބާޣްބަހާރު) ދެން އަޅުގަނޑެވެ.

އަޅުގަނޑުމެންގެ ތެރެއިންވެސް، އެކި ކުދިންގެ ޝައުޤުވެރިކަން އެކި ދިމަދިމާއަށް ހުންނަ ފަދައިން، އަޅުގަނޑުމެންގެ އެއް އޮޕަރޭޓަރ ކަމުގައިވާ މުޙަންމަދު ސަމީރަކީ، ޓެކްނިކަލް ގޮތުން ވަރަށް އުހުގައި އުޅުއްވި ބޭކަލެކެވެ. އަމިއްލައަށް އެއްޗެތި ރެކޯރޑް ކުރެއްވުމާއި، ލަވަ އަޑުއެއްސެވުމުގެ ތެރެއިން ޚާއްޞަކޮށް، ހިންދީ ލަވައިގެ މިޔުޒިކް ރެކޯރޑް ކޮށްފައި ހުންނަ ގޮތް، އަމިއްލައަށް ދިރާސާ ކުރައްވާ، އެކަމުގެ ތެރެއަށް ވަރަށް ބޮޑު ޝައުޤުވެރި ކަމެއް އުފެދިފައި ހުންނެވި ބޭކަލެކެވެ. ސަމީރުގެ ޝައުޤުވެރިކަން މިޔުޒިކަށް ހުންނަ ދަރަޖަ، މައިޒާން އަހަންމަދޭއަށް އެނގިލެއްވުމުން، ފަރީދީ ސިނެމާގައި މިޔުޒިކް ރެކޯރޑްކުރާ ކޮންމެ ރެއަކު، ސަމީރު އެތަނަށް ދިއުމަށް އަންގަވައިފިއެވެ. މާ ގިނަ ދުވަހެއްނުވެ، ރެކޯރޑް ކުރުމުގެ ހުނަރުތައް ސަމީރު ދަސްކުރައްވައިފިއެވެ. އަދި މިޔުޒިކް ރެކޯރޑް ކުރުމުގެ ކޮންޓްރޯލް ސަމީރާ ޙަވާލުވެ، އަހަންމަދޭއަށް އެހެން ކަންތައްތަކާ އުޅުއްވުމުގެ ފުރުޞަތު ލިބިލެއްވީއެވެ.

މިޔުޒިކް ކުޅެން އަންނަ ގްރޫޕްތަކުގެ ފަންނީ މީހުނާ ގުޅިގެން، އެމީހުންގެ ވެސް ވަރަށް ބޮޑު އެހީއާއެކު، ސަމީރު އަމިއްލައަށް އެކަން ކުރައްވަން ފެއްޓެވިއެވެ. ސަމީރުގެ އިތުރުންވެސް، ޝައުޤުވެރިކަން ހުރެގެން އެކަން ކުރަން ބޭނުންވާ ކުދިންނަށް އެދޮރު ވަނީ ހުޅުވައިލެވުނެވެ. ފަހުން އަޅުގަނޑާއި ރުޝްދީ ވެސް ސަމީރާއެކު އެމަސައްކަތުގައި ކޮންމެވެސް ވަރަކަށް އުޅުނީމެވެ. އެދުވަސްވަރު މިޔުޒިކް ރެކޯރޑްކުރަން ލިބިފައި ހުންނަނީ، ދެ ޗެނެލްގެ ސްޕޫލް ޓޭޕް ރެކޯރޑަރަކެވެ.

(ކ-ވ) މޫސާ ރުޝްދީ، މުޙަންމަދު ސަމީރު އަދި ބަދުރުއްނަސީރު

މިޔުޒިކް ކުޅޭ ގްރޫޕްތައް ގެންގުޅޭ އެންމެ އަޑުގަދަ ދެ އިންސްޓްރޫމަންޓަކީ ތަބުލާ އާއި ބޮންގޯއެވެ. މި ދެ އިންސްޓްރޫމަންޓް ކުޅޭ ދެމީހުންނަކީ، މައިކާ އެންމެ ދުރުގައި ބައިތިއްބަންޖެހޭ ދެ މީހުނެވެ. "މާލޭ ޒަމާނީ މިޔުޒިކް ގްރޫޕް"ގައި މިދެ އިންސްޓްރޫމަންޓް އޭރު ކުޅުއްވަން އުޅުއްވި ދެ މިޔުޒީޝަނުންނަކީ މަޝްހޫރު ހޮކީކަޅުބެ އާއި ބޮންގޯ ނަޞީރެވެ. މި ދެބޭކަލުން އެބޭކަލުންގެ އިންސްޓްރުމެންޓާއެކު، އަބަދުވެސް ގެންގޮސް ބައިތިއްބަންޖެހެނީ، ފަރީދީ ސިނަމާގެ ގޯތި ތެރޭގައި މިޔުޒިކް ގްރޫޕް އަތުރާފައި، މިދެ ބޭކަލުންވަކިން ގޯތީގެ އެއް ކަނެއްގައި ހުންނަ ފެންވަޅެއްގެ ބިއްދޮށަށެވެ. ގްރޫޕްގެ އެހެން ބޭކަލުންނާ މާ ދުރަށެވެ. އިންސްޓްރޫމަންޓުގެ އަދު ގަދަކަމުންނެވެ.

(ކ-ވ) އަޙުމަދު ޢާތިފް (އެކްސްރޭ އާތިފް)، އަލްމަރުޙޫމް ނައިފަރު ދޮހޮއްކޮ، އިސްމާޢީލް ޢަބުދުﷲ (ވަޑި އިސްމާލް)، މުޙަންމަދު ޙަބީބު، ޢަބުދުލް ފައްތާޙް އަދި އަލްމަރުޙޫމް ގަސްކުޑަ ތުއްތު

މަތީގައިވާ ފޮޓޯގައި އެތިއްބެވި ބޭފުޅުންކޮޅަކީ، ރޭޑިއޯ މޯލްޑިވްސްގެ ހަޔާތުން ފެށިގެން ދިވެހިރާއްޖޭގެއަޑާއި އެކުގައި، ރޭޑިއޯއަށް މިޔުޒިކީ ގޮތުން ތަފާތު އެހީތައްވެދެއްވާފައިތިއްބެވި ބޭފުޅުންނެވެ. އެދުވަސްވަރު އެބޭފުޅުންނާއެކު، ދިވެހިރާއްޖޭގެ އަޑުގައި، ޚިދުމަތްކުރަން އުޅުނު މީހެއްގެ ޙައިސިއްޔަތުން، ވަރަށް އިޙުތިރާމާއެކު ޝުކުރުވެރިވަމެވެ. އަދި މިއަދު ދުނިޔެ ދޫކުރައްވާފައިވާ ބޭފުޅުންގެ ފުރާނަފުޅަށް ރަޙްމަތްލެއްވުން އެދި ﷲގެ ހަޒުރަތުގައި ދުޢާ ދަންނަވަމެވެ.

ރޭޑިއޯއިން ދިވެހިންގެ ލަވަތައް އަންނަން ފެށުމުން، މިޔުޒިކް ގްރޫޕްތައް ވެސް ގިނަވާން ފަށައިފިއެވެ. އެގޮތުން އޭރުގެ މަޝްހޫރު މިއުޒިކުގް ރޫޕްތަކުގެ ތެރެއިން އަޅުގަނޑު މިއަދު ހަދާންވާ ބައެއް ގްރޫޕްތަކަކީ "މާލޭ ޒަމާނީ މިޔުޒިކް ކްލަބް"، "މާލޭ ރާނީ ކްލަބް" އަދި "ޢަންބަރިއްޔާ ކްލަބް" އެވެ. މީގެ އިތުރުން ވެސް، ބޮޑުބެރު މިޔުޒިކާއި ބަނޑިޔާ ލަވަވެސް، ފަރީދީ ސިނެމާގެ ގޯތިތެރޭގައި ރެކޯރޑް ކުރެވުނެވެ.

މާލޭގައި ބާއްވާ ޚާއްޞަ މުނާސަބަތުތަކަށް އަތޮޅު ތަކުން ސަޤާފީ މިޔުޒިކް ނުވަތަ އެހެންވެސް މިޔުޒިކް ކުޅޭ ބަޔަކު މާލެ ގެންނަވައިފިނަމަ، އެ ގްރޫޕްތައްވެސް، ފަރީދީ ސިނަމާއަށް ގެނެސް، ލަވަތައް ރެކޯރޑް ކުރެވެއެވެ.

(ނުނިމޭ)

—-
އެޑިޓަރުގެ ނޯޓު:

މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.

"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

ޝުކުރިއްޔާ!

އެހެނިހެން ލިއުންތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *