އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫތީން ދެމުންދާ ހަމަލާތަކުގެ ސަބަބުން 4،000 އަށްވުރެ ގިނަ ފްލައިޓް ސައޫދީ އަރަބިއްޔާގައި ހުއްޓުމަކަށް އައިކަމަށް ދައްކައިފިއެވެ.
ވައިގެ ދަތުރުފަތުރުގެ ދިރާސާކުރާ އިނގިރޭސި ވިލާތުގެ ސީރިއަމް ކުންފުނިން ބުނީ ހޫތީންގެ ހަމަލާތަކުން ސައޫދީގެ ވެރިރަށް ރިޔާޒްގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައިފިކަމަށެވެ.
ހަމަލާތަކުގައި ހޫތީން ބޭނުންކޮށްފައިވަނީ ބެލިސްޓިކް މިސައިލާއި ޑްރޯނެވެ.
ސީރިއަމުން ބުނީ ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން 4،071 ފްލައިޓެއް ކެންސަލްކުރިކަމަށެވެ. މިއީ މި މަހު އަށަކާއި އިއްޔެއާ ދޭތެރޭ ތާވަލުކުރި ފްލައިޓުތަކުގެ 86 ޕަސެންޓެވެ. މި މުއްދަތުގައި އެ އެއާޕޯޓުން 4،736 ފްލައިޓް ތާވަލުކުރިއެވެ.
ހޫތީން ސައޫދީއަށް ދޭ ހަމަލާތައް މި މަހު އިތުރުކުރިއެވެ. އެ ޖަމާއަތުން ހަމަލާތައް އަމާޒުކުރީ ވައިގެ ބަނދަރުތަކަށާއި ކަނޑުގެ ބަނދަރުތަކަށާއި އަދި ތެޔޮ މަރުކަޒުތަކަށެވެ.
ރިޔާޒުގެ އެއާޕޯޓަކީ ޖިއްދާ ސިޓީގެ އެއާޕޯޓު ނަގައިފައި ސައޫދީގައި ދެވަނައަށް އެންމެ ބާރުބޮޑު އެއާޕޯޓެވެ. އެ ތަނަށް ތަކުރާރުކޮށް ހޫތީން ހަމަލާތައް އަމާޒުކޮށްފައިވެއެވެ. މި މަހު 10 ގައި ދިން ހަމަލާއެއްގައި 13 މީހުން މަރުވިއެވެ. މިއީ ފާއިތުވި ދަހަރުގެ ތެރޭގައި ސައޫދީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.
ސައޫދީގެ ރަސްމީ އިދާރާތަކުން ރިޔާޒް އެއާޕޯޓުގެ އޮޕަރޭޝަންތައް އިއްޔެ ކޮންމެވެސް ވަރަކަށް ހުޅުވައިލިއެވެ. އެއީ މި މަހު 10 ގައި ބަންދުކުރަން ފެށި ފަހުންނެވެ.
"ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭހެން އާންމުންގެ ވައިގެ ބަނދަރުތަކަށާއި ވަސީލަތްތަކަށް ޓެރަރިސްޓް ހޫތީ ހަނގުރާމަވެރިން ދޭ ހަމަލާތަކުން އާންމުންގެ ސަލާމަތަށާއި ދަތުރުވެރިންގެ ރައްކާތެރިކަމަށް ސީދާ ނުރައްކާކުރޭ. އަދި އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އާދަކާދައިގެ ގަވައިދުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް،" ޔަމަނުގެ ޝަރުއީ ވެރިކަން އަލުން ގާއިމުކުރަން އެކުލަވައިލައިފައިވައި ސައޫދީ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރްކީ އަލްމާލިކީ ބުންޏެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ބުނީ ހޫތީން ހިފައިފައިވައި ޔަމަންގެ ވެރިރަށް ސަންއާއަށް ސައޫދީގެ ކޯލިޝަނުން ދޭ ކޮންމެ ހަމަލާއަކަށް ހަރުކަށި އަދި ވޭނީ ހަމަލާއެއް ރިޔާޒަށް ދޭނެކަމަށެވެ. އޭނާ އިއްޔެވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެއާލައިންތަކާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މުވައްޒަފުންނާއި ދަތުރުވެރިންނަށް ރިޔާޒް އެއާޕޯޓް ބޭނުންނުކުރަން ކުރިން ދިން އިންޒާރު އަލުން ތަކުރާރުކޮށްފައެވެ.
"ރިޔާޒްގައި އޮންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓް ރައްކާތެރިއެއް ނޫން،" ސަރީއު ބުންޏެވެ.



advertisment