Support Us

ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 15

ރިފޯމް އެޖެންޑާ

ނޮވެމްބަރު 11، 2003 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބުދުލްޤައްޔޫމް "ނެޝަނަލް ގަވަރނަންސް ރިފޯމް އެންޑް މޮޑަރނައިޒޭޝަން ޕްރޮގްރާމް" އެއް އިޢުލާނު ކުރެއްވިއެވެ. ގައުމު ޑިމޮކްރަސީއަކާ ދިމާއަށް ކުރަމުންދާ ހަލަބޮލި ދަތުރުގައި، އެތެރޭގެ ޕްރެޝަރާއި ބޭރުން ކުރިމަތިވަމުން އަންނަ ޕްރެޝަރަށް ކުޑަނަމަވެސް، ލުޔެއް ދެއްވުމުގެ ގޮތުންނެވެ. ހަމަ އެއާއިއެކު، އާ ޤާނޫނު އަސާސީއެއް ތައްޔާރު ކުރެވޭނެ ކަމަށް ވަޢުދުވެ ވަޑައިގަތުމާއި، ޔޫ.އެން.ގެ އުޞޫލުތަކާއި، ޕެރިސް ޕްރިންސިޕަލްތަކާ ގުޅޭ ގޮތުން، ރާއްޖޭގެ ފުރަތަމަ "ހިޔުމަން ރައިޓްސް ކޮމިޝަން" އުފެއްދެވިއެވެ.

ރާއްޖޭގެ ފުރަތަމަ ހިޔުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން: (އިށީނދެގެން ކ-ވ) ޢާއިޝަތު ޢަލީ، އަޙުމަދު މުޖުތަބާ، ޑޮކްޓަރ ފާތިމަތު ޝަފްޤާ. (ކޮޅަށް ކ-ވ) މަޑުލު މުޙަންމަދު ވަޙީދު، އަލްއުސްތާޒް ހުސުނުއްސުޢޫދު، އައްނަބީލު މުޙަންމަދު ވަޙީދުއްދީން، އަޙުމަދު ސަލީމު، އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ، އަލްއުސްތާޒު މުއުތަސިމް ޢަދުނާން.

ދައުލަތް ހިންގެވުމަށް ގެންނެވި މުހިންމު ބަދަލުތަކުގެ ތެރޭގައި، ރައީސް މައުމޫންގެ ކެބިނެޓަށް ގިނަ ޒުވާން މިނިސްޓަރުން ޢައްޔަން ކުރެއްވިއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ހަތަރު ބޭފުޅަކު ހިމެނެއެވެ.

އެއީ:

  • ދައުލަތުގެ ބަންޑާރަނާއިބު: ޑޮކްޓަރ ހަސަން ސަޢީދު
  • ޖަސްޓިސް މިނިސްޓަރ: އަލްއުސްތާޒް މުހަންމަދު ޖަމީލު އަހުމަދު
  • މިނިސްޓަރ އޮފް ލީގަލް ރިފޯމް އެންޑް އިންފޮމޭޝަން: އަލްއުސްތާޒް މުޙަންމަދު ނަޝީދު
  • މިނިސްޓަރ އޮފް ފޮރިން އެފެއަރޒް: ޑޮކްޓަރ އަޙުމަދު ޝަހީދު އެވެ.

ފާހަގަކޮށްލެވެނީ، 2005 ވަނަ އަހަރު، ސިޔާސީ ޕާޓީތައް އުފެއްދުމަށް ސަރުކާރުން ހުއްދަ ދެއްވުމާއެކު، "ނިއު މޯލްޑިވްސް"ގެ ނަމުގައި މި ހަތަރު ބޭފުޅުން، ރައީސް މައުމޫންގެ ސަރުކާރުގެ ތެރޭގައި ތިއްބަވައިގެން ސިޔާސީ ޙަރަކާތެއް ކުރިއަށް ގެންދެވި ގެންދެވުމެވެ. ނަމަވެސް، އެ ޙަރަކާތް އުވިދިޔައީ، އުފެއްދި މަޤުޞަދު ހާސިލް ވެގެންކަމެއް، ނުވެގެންކަމެއް ނޭނގެއެވެ.

ކޮންމެއަކަސް ފަހުން، އަލްއުސްތާޒު މުޙަންމަދު ނަޝީދު ފިޔަވާ ދެން ތިއްބެވި ތިން ބޭފުޅުންވެސް، މައުމޫންގެ ކެބިނެޓްގައި ތިއްބަވައިގެން، މަސައްކަތެއް އެދެވޭ ގޮތެއްގައި ނުކުރެވޭނެ ކަމަށް ވިދާޅުވެފައި، ސަރުކާރުން ވަކިވެވަޑައިގަތީއެވެ.

ދިވެހިރާއްޖޭގެ އަޑު ހިންގުމާ އަޅުގަނޑު ޙަވާލުވެގެން އައި ދުވަސްވަރަކީ، ކުރިންވެސް ދަންނަވާލި ފަދައިން، ދިވެހިރާއްޖޭގެ ސިޔާސީ މާހައުލުގެ ޕްރެޝަރު ވަރަށް މަތީގައި ހުރި ދުވަސްކޮޅެކެވެ. ތިރީސް އަހަރުވެފައިވާ ވެރިކަމެއް، ޑިމޮކްރަސީއަކާ ދިމާއަށް ދަތުރުކުރަން ފެށިދާނެކަމުގެ އުންމީދީ ކުލަތައް، ރާއްޖޭގެ އެކިއެކި ދާއިރާތަކުން ފެންނަމުންދިޔަ ދުވަސްވަރެކެވެ.

ޑިމޮކްރަސީއަކީ، އަދި މަލްޓި ޕާޓީ ވެރިކަމަކީ، ކޮން ކަހަލަ އެއްޗެއް ކަމެއް ދަންނަ ދިވެހިން ވަރަށް މަދެވެ. އަދި ހަމަ އެއާއެކު، އެއީ ކޮން އެއްޗެއްކަން ބުނެދޭން، ރާއްޖޭގެ ރޭޑިއޯ އާއި ޓެލެވިޒަނުންވެސް، އެދެވޭވަރާ ގާތަކަށްވެސް މަސައްކަތް ކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، އެ ދުވަސްވަރަކީ، ދިވެހިރާއްޖޭގެ ދުވަސްވީ ވެރިކަމަކުން، ތަފާތެއް ދެކިލުމުގެ އުންމީދީ ހުވަފެންތައް ގިނަ ބަޔަކު ދެކެމުންދިޔަ ދުވަސްވަރެކެވެ. ރައީސް އިބްރާހިމް ނާޞިރުގެ ވެރިކަން، 21 އަހަރަށް ދިގުދެމިގެން ދިޔައެވެ. އެދުވަސް މާޒީވެ، ރައީސް މައުމޫނަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމުން، ނާޞިރުގެ ދިގުވެރިކަން ކުރުވެ، މައުމޫންގެ ވެރިކަން ދިގު 30 އަހަރަށް ދެމިގެން ދިޔައެވެ. ރައްޔިތުންގެ އިޙުސާސްތައް ހުރީ، ކޮންމެ ގޮތަކުން ނަމަވެސް، "މި ނޫން ދުވަހެއް" ދުށުމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޖަހަމުންދާ ވިންދު ރަނގަޅަށް ދެނެވަޑައިގެން ހުންނަވައިގެން، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބުދުލްޤައްޔޫމުގެ އެޖެންޑާގެ އެންމެ އިސްކަމެއްގެ ގޮތުގައި ނިންމެވީ، ސަރުކާރުގެ އޮނިގަނޑަށް އިޞްލާޙީ ބަދަލުތަކެއް ގެންނަވައިގެން، އަލަށް ކުރިމަތިވަމުން މިއަންނަ ގަދަ ކޮޅިގަނޑާ ކުރިމަތި ލެއްވުމަށެވެ.

އެގޮތުން އެމަނިކުފާނުގެ ރިފޯމް އެޖެންޑާގެ ގިނަ ކަންތައްތަކެއް ރޭވި، އުޞޫލުތަކާއި ހަމަތައް، ޤާނޫނުތަކާއި ޤަވާޢިދުތައް ހަމަޖެހިގެންދިޔައީ، "މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސް"ގެ ދަށުންނެވެ. އެ މިނިސްޓްރީ އަކީ، "މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ"ގެ ގޮތުގައި ހިނގަމުން އައި މިނިސްޓްރީއެވެ.

ދެހާސް ފަސް ވަނަ އަހަރު އަލަށް މި ތަޢާރަފުވި މިނިސްޓްރީގެ ދަށަށް އާޓްސް އަދި ލީގަލް ދާއިރާ އިތުރުވެ، ރާއްޖޭގެ ޤާނޫނީ ދާއިރާ އިޞްލާޙުކުރުމުގެ އެޖެންޑާއެއް އިތުރުވުމުން، މިނިސްޓްރީގެ ޙައިސިއްޔަތު ވަރުގަދަވެ، ހައިބަތު އެތައް ތަނަކުން ފުޅާވެއްޖެއެވެ. "މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސް" ގެ މިނިސްޓަރެއް ކަމުގައި ހަމަޖެއްސެވީ، އަލަށް ކެބިނެޓަށް ގެންނެވި ޒުވާން މިނިސްޓަރުންގެ ތެރެއިން އެއް ބޭފުޅެއް ކަމުގައިވާ، އަލްއުސްތާޒު މުޙަންމަދު ނަޝީދުއެވެ.

މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޒު މުޙަންމަދު ނަޝީދު

އަލްއުސްތާޒް މުޙަންމަދު ނަޝީދަކީ، ކުޅަދާނަ ލޯޔަރެކެވެ. އަދި ރައްޔިތުންގެ މަޖުލިސްގެ އަމީން ޢާންމުކަން، ދިގު މުއްދަތަކަށް ކުރައްވައިފައިވާ، ހީވާގި އަދި ކެރޭ ޒުވާން ބޭފުޅެކެވެ.

އަޅުގަނޑު ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ އަޑަށް އައިސް، މަސައްކަތްކުރަމުން ދިޔައިރު، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެވިފައި ހުރީ މިނިސްޓަރ ނަޝީދު އަރިއަހުގައެވެ. ކޯފާ ގަދަ، ނަމަވެސް ހަމައާއި އިންޞާފަށް ލޯބި ކުރެއްވި ވެރިއެއްގެ ގޮތުގައި އަޅުގަނޑު މިނިސްޓަރ ނަޝީދު ސިފަކޮށްފިނަމަ، ދެކޮޅު ހައްދަވާނެ ބޭފުޅުންވެސް ތިއްބަވާފާނެއެވެ.

ނަމަވެސް، އަޅުގަނޑަށް މިނިސްޓަރ ނަޝީދު ފެނިފައި ވަނީ އެގޮތަށެވެ.

އިންފޮމޭޝަން ދާއިރާއަށް ސަރުކާރުން މި ގެންނެވި ބޮޑު ބަދަލަކީ، ޤައުމު މިހާރު ދަތުރުކުރަމުން މިދާ މިޞްރާބުން، ގެންނަވަން ފެންނަ އެންމެ ރަނގަޅު މިޞްރާބު ކަމުގައި، ޤައުމުގެ ހުންގާނުގައި ތިއްބެވި ބޭފުޅުންނަށް ގަބޫލުފުޅު ކުރެއްވިގެން ގެންނެވި ބަދަލެއް ކަމަށް ދެކެމެވެ. ދިވެހިރާއްޖެ ބަދަލަކަށް ތައްޔާރު ވަމުން އަންނައިރު، އެކަން ކުރެވޭނެ ފެންވަރުގެ މީހުން، މުހިންމު ދާއިރާތަކުގައި ތިބެންޖެހޭނެއެވެ.

އިންފޮމޭޝަންގެ ދާއިރާއަކީ، އެންމެ މުހިންމު އެއް ދާއިރާއެވެ. ޤައުމުގެ ހުރިހާ މީޑިއާއެއްގެ ވެރިފަރާތެވެ. ފޮތަކަސް، ރޭޑިއޯއަކަސް، ޓީވީއަކަސް އަދި ފިލްމަކަސް، ކޮންޓްރޯލްކޮށް ހިންގުމުގެ އެންމެ އިސްދައުރެއް އަދާކުރާ މިނިސްޓްރީއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޤައުމުގެ ހިތާއި މޫނުމަތި ބަލަހައްޓާ މިނިސްޓްރީއެވެ.

މިނިސްޓަރ ނަޝީދުގެ އެންމެ ފުރަތަމަ ކަމަކަށްވެސް ހެއްދެވީ، ދުލާއި ގަލަމުގެ މިނިވަންކަމަށް އެދެވޭ ބަދަލެއް ގެންނެވުމެވެ. ކުރިން ދިވެހި ގައުމުގައި ޗާޕްކޮށްގެން ނެރުމުގެ ހުއްދަ ނުލިބިފައި ހުރި ނޫސް މަޖައްލާ ތަކަށް އެ މިނިވަންކަން ދެއްވާ، އެ ތަކެތި ޗާޕްކޮށް ޝާއިޢު ކުރުމަށް ދޫދެއްވީއެވެ. ޑިމޮކްރަސީއެއްގެ އެންމެ އަސާސީ އެއް ސިފަ ގެނެވުނީއެވެ.

އިންފޮމޭޝަން މިނިސްޓްރީގެ ދަށުގައި ހުރި ދައުލަތުގެ މީޑިއާ ކަމުގައިވާ، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްއަށް ތަފާތު އިޞްލާޙުތައް، އެކި ދިމަދިމާއިން ގެންނަވަން ފައްޓަވައިފިއެވެ. މިނިވަންކަމާއެކު، ޚަބަރުތައް ހޯދުމާއި ބްރޯޑްކާސްޓްކުރުން، އުޞޫލު ތަކަކާއި މިންގަނޑު ތަކަކާ އެކު ހަމަޖެހެން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާގެ ހައިސިއްޔަތުން، އެހެން ޙައިސިއްޔަތަކަށް މީޑިއާ ބަދަލުވާންވެއްޖެކަން ގަބޫލު ކުރެވިގެން،"ސްޓޭޓް މީޑިއާ" "ރައްޔިތުންގެ މީޑިއާ" އަކަށް، އާދެ "ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރ"އެއްގެ ހައިސިއްޔަތަށް ބަދަލުވުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ފެށިގެން ކުރިއަށްދާން ފެށީއެވެ.

މިނިސްޓްރީގެ ލީގަލް ރިފޯމް ދާއިރާގެ އެންމެ އިސް ކަމަކަށް ވެގެންދިޔައީ، ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރެއްގެ ޤާނޫނެއްގެ ދަށުން، ދައުލަތުގެ މީޑިއާ މަސައްކަތް ކުރާނެ ޤާނޫނެއް އުފެއްދުމެވެ. މި މަސައްކަތް ކުރެވިގެން ދިޔައީ، އިންފޮމޭޝަން މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް އާއި މިނިސްޓްރީގެ ކުޑައިގެ ދަށުގައި ހުރި އެހެން އޮފީސްތަކުގެ މަޝްވަރާއާއި ލަފައާ އެކުގައެވެ.

މިނިސްޓްރީގެ ލީގަލް ބައިގައި އިސްކޮށް ހުންނެވީ، އަލްއުސްތާޒް މުޙަންމަދު އަނިލްއެވެ. އަނިލް އާއި ނަޝީދަކީ، ޤާނޫނީ ގޮތުން އެވަރެއް ނެތޭ ދެންނެވޭވަރުގެ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުން ތިއްބަވައިގެން، އަޅުގަނޑުމެން، އޮފީސްތަކާއި ޑިޕާޓްމަންޓްތައް ހިންގަން ތިބި މީހުންގެ ފަންނީ މަޝްވަރާއާ އެކު، ހަމަ އިސާހިތު، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ބިލެއް ޑްރާފްޓްކޮށް ނިމިއްޖެއެވެ.

ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ބިލް ނިންމާ، އެބިލް ރައްޔިތުންގެ މަޖްލިސް އަށް ފޮނުވުނީ، އަޅުގަނޑު ހަނދާންވާ ގޮތުން 2006 ގެ ފަހުކޮޅު ނުވަތަ 2007 ގެ ކުރީކޮޅުއެވެ.

މަޖްލިސް އިން ބިލް ފާސްކޮށްގެން ނައި ނަމަވެސް، ބްރޯޑްކާސްޓިންގގެ ގަވާއިދަށް ބަދަލުތަކެއް ގެނެވުނެވެ. އެއީ، ބްރޯޑްކާސްޓިންގ މިހާރުވެސް އޮތީ ބަދަލަކަށް ބޭނުންވެފައިކަން މިނިސްޓަރަށް އެވަގުތުވެސް ގަބޫލު ކުރެއްވިގެންނެވެ.

އަބުރު ރައްކާތެރި ކުރުމާއެކު، މީހުންގެ ޙައްޤުތަކަށް އަރައިނުގަނެ، ރިޕޯޓްކުރުމުގެ ފުރިހަމަ މިނިވަންކަން، މީޑިއާގައި މަސައްކަތްކުރާ ރިޕޯޓަރުންނަށް ލިބިއްޖެއެވެ. ހަމަ އެއާއެކު، އެޑިޓަރުންނާއި ޑިރެކްޓަރުންގެ ޒިންމާތައް ބޮޑުވެ، އަދި ހަރުދަނާ މިންގަނޑުތަކެއްގެ ދަށުން، ރޭޑިއޯ، ޓީވީގެ ހިންގުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ.

ދިވެހިރާއްޖޭގެ ހަތް ވަނަ ނޭޝަނަލް ޑިވަލޮޕްމަންޓް ޕްލޭން (2006 ން 2010 ށް) ގެ އިންފޮމޭޝަން ސެކްޓަރގެ ޕޮލިސީތަކާއި ސްޓްރެޓަޖީތައް ރޭވުމުގެ ހުރިހާ ކަމެއް ހިނގަމުންދިޔައީ، ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައެވެ. ސެކްޓަރގެ ހުރިހާ ބޭފުޅުންނާއި މިނިސްޓަރގެ އިތުރުން، ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންނާއި ބޭރުގެ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދުގެ ދަށުންނެވެ.

ތަރައްޤީގެ 7 ވަނަ މަޝްރޫޢުގެ ބައްދަލުވުންތަކުގެ ތެރެއިން

 

7 ވަނަ ނޭޝަނަލް ޑިވަލޮޕްމަންޓް ޕްލޭންގައި ދިވެހިރާއްޖޭގެއަޑުގެ ތަޞައްވުރު

ދިވެހި ރައްޔިތުންގެ ރޭޑިއޯގެ ކުރިއަށްއޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ރޭވުމުގައި، އަޅުގަނޑާއެކު ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ދާއިރާއަކުންވެސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތައް ޒަމާނީކޮށް، ތަރައްޤީ ކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭނެއް ވަނީ އެކުލަވައިލެވިފައެވެ. އެއީ 2006 ން 2010 ށް އަމާޒުކުރެވިފައިވާ ޕްލޭނެކެވެ. މި ޕްލޭނަށް އަމަލީ ސިފަ ގެނައުމަށްޓަކައި ބޮޑެތި މަޝްރޫޢުތަކެއް ވަނީ ކަނޑައެޅިފައެވެ. މި މަޝްރޫޢުތައް ކާމިޔާބުގެ އައްސޭރިއަށް ދަތުރުކޮށްފިނަމަ ފެނިގެންދާނީ ވަރަށް ޒަމާނީ، އަދި ރައްޔިތުންނާ ވަރަށް ގާތުން ހިންގަމުންގެންދާ، ބްރޯޑްކާސްޓިންގ ސްޓޭޝަނެކެވެ.

ފަސް އަހަރު ދުވަހުގެ ނޭޝަނަލް ޑިވޮލަޕްމަންޓް ޕްލޭންގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް މުޅި މުޖުތަމައުގެ ހުރިހާ ގިންތީއެއްގެ މީހުންނަށް ރޭޑިޔޯއިން ލާބައާއި މަންފާ ލިބި އަދި ބްރޯޑްކާސްޓް ކުރުމުގައި ވީހާ ގިނަ ބައެއް ޝާމިލްވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި ކަނޑައެޅޭ 16 އަތޮޅެއްގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށުމަށް ކަނޑައަޅާފައި ވެއެވެ.

ޑިސެންބަރު 26، 2004 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ މުއާސަލާތީ ގިނަ ޚިދުމަތްތަކެއް މެދުކެނޑިގެންދިޔައެވެ. މިއީ ހާލުގައި ޖެހުނު ފަރާތްތަކަށް، "އަވަސް އެހީ" ފޯރުކޮށްދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ހުރަހަކަށް ވެގެންދިޔަ ކަމެކެވެ. މި ހާދިސާގައި ދިވެހިރާއްޖޭގެ އަޑުގެ، ސިގުނަލު މާގިނަ ވަގުތުތަކަކަށް ކެނޑިގެންނުދިޔަ ނަމަވެސް، ދެ ގަޑިއެއްހާއިރު ޚިދުމަތް މެދުކަނޑާލަން ޖެހުނެވެ. ވުމާއެކު މިފަދަ ކޮންމެ ހާލަތެއްގައިވެސް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މުޅި ދިވެހިރާއްޖެއަށް މެދުނުކެނޑި، ލިބޭނެ މަގު ތަނަވަސް ކުރުމަކީ ދިވެހިރާއްޖޭގެ އަޑު ކުރަމުން އަންނަ އުއްމީދެކެވެ. މިކަމަށްޓަކައި ކަނޑުގައި ދުއްވާ އެކަށީގެންވާ އުޅަނދެއްގައި މޮބައިލްކޮށް ދިވެހިރާއްޖޭގެ ބޭނުން ސަރަހައްދަކުން ވަގުތުން އަޑު ފޮނުވޭ ގޮތަށް ތައްޔާރު ކުރުމަށް ޕްލޭންގައި ހިމަނުއްވައިފައި ވެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް އޭ.އެމް މެދުވެރިކޮށް 200 މީޓަރުން ރޭޑިޔޯ ބްރޯޑްކާސްޓް ކުރުމުގެ އިތުރުން، މޮބައިލް ފޯން، އައިޕޮޑް، އައިޕެޑް ފަދަ އާލާތްތަކަށް އިންޓަނެޓް މެދުވެރިކޮށް ސްޓްރީމްކޮށްގެން ލިބޭނެ މަގު ތަނަވަސްވެގެން ދިއުމަކީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމުތައް މިހާރަށްވުރެ ގިނަ ބަޔަކު އަޑުއެހުމަށް ހުޅުވިގެންދާނެ ދޮރެކެވެ. މި ފުރުޞަތު ތަނަވަސް ކޮށްދިނުމަށްޓަކައި އިންޓަނެޓް މެދުވެރިކޮށް ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމުތައް ލިބޭނެގޮތް ހެދުމަށް ފަސް އަހަރަށް އަމާޒުކުރެވިފައިވާ ޕްލޭންގައި ކަނޑައެޅިފައި ވެއެވެ.

ރިޕޯޓަރުންގެ މަސައްކަތްތައް ހަލުވިކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރާ ރިޕޯޓަރުންނަށް އިންޓަނެޓްގެ ޒަރީއާއިން ތަފާތު ރިޕޯޓްތައް ރާއްޖޭގެ އެކިދިމާލުން ބަލައި އެޑިޓްކޮށް، އަޕްޑޭޓް ކުރުމުގެ ގާބިލްކަން ތަނަވަސްކުރުން ހިމެނެއެވެ.

ދިވެހިރާއްޖޭގެއަޑުގެ ސްޓޫޑިޔޯތައް މިހާރަށްވުރެ ފަސޭހަ، އިތުބާރު ބޮޑު އަދި ރައްކާތެރި ގޮތަކަށް ހިންގުމަށްޓަކައި ޑިޖިޓަލް ބެކަޕް ސިސްޓަމެއް ގާއިމުކުރުމާއި، 2010 ވަނަ އަހަރުގެ ކުރިން ސްޓޫޑިޔޯތައް އަޕްގްރޭޑް ކުރުމަކީވެސް، މި މާސްޓަރ ޕްލޭންގައި ހިމެނިފައިވާ ކަމެކެވެ.

ދިވެހިރާއްޖޭގެ އަޑުގެ އެފް.އެމް ނެޓްވާރކް އަތޮޅުތަކަށް ފުޅާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް މާލެއެކޭ އެއް ފެންވަރެއްގައި، އެފް.އެމް ބޭންޑުން ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އެފް.އެމްގެ ޕްރޮގްރާމުތައް ވާޞިލްކޮށްދިނުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ނޫނީ ކައިރީ ރަށެއްގައި 60 މީޓަރުގެ މާސްޓެއް ޖަހާ ތިން ކިލޯވޮޓްގެ އެފް.އެމް ޓްރާންސްމީޓަރެއް އިންސްޓޯލްކޮށް މާލެ އަތޮޅަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި އަތޮޅުތަކުގައި އެފް.އެމް، ޓްރާންސްމީޓަރުތައް ބަހައްޓައިގެން "އަޑު"ގެ ޕްރޮގްރާމުތައް އެފް.އެމް މެދުވެރިކޮށް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދާ މަޝްރޫއު މި މުއްދަތުގައި ނިންމުމަށް ކަނޑައެޅިފައިވެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމުތަކާއި، އެފް.އެމް ޕްރޮގްރާމުތައް އަޕްލިންކް ކުރުމަށްޓަކައި ސްޓީރިއޯ 3ތިން ޗެނަލް ޤާއިމުކުރުމާއި، ހަމައެއާއެކު އިތުރު ޚިދުމަތެއްގެ ގޮތުގައި އެފް.އެމް ބޭންޑުން 89 މެގަހާޓްޒްއިން މާލެއާއި މާލެ ކައިރި ރަށްތަކަށް ސްޓޫޑެންޓް ޗެނަލްއެއް ގާއިމުކުރުމަކީވެސް ކުރަން ކަނޑައެޅިފައިވާ ކަމެކެވެ.

ދިވެހިރާއްޖޭގެ އަޑުގެ މަސައްކަތްތައް އިތުރުވުމާ ގުޅިގެން، މަސައްކަތްތައް އިތުރަށް ތަރައްގީ ކުރުމަށާއި، އެކަމަށް ބޭނުންވާ އިމާރާތުގެ ދަތިކަން ހައްލުކުރާނެ ގޮތްތަކެއްވެސް ރޭވިގެން ދިޔައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެކިއުރިޓީ ރަނގަޅުކުރުމަށް އަޑުގެ އިމާރާތުގެ ވަށާފާރުގައި ސެކިއުރިޓީ ފެންސް ޖެހުމާއި ސީސީ ޓީވީ ސިސްޓަމެއް ގާއިމުކުރުމާއި، ކަމަށް އެކަށޭނަ ގާބިލް މުވައްޒަފުން ތަމުރީނު ކުރުމަކީ ދިވެހިރާއްޖޭގެ އަޑުން މިހާރު އެންމެ އިސްކަން ދޭ އެއްކަންތަކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އަޑުގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމުރީނު ކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 34 ކޯހެއް ހިންގުމަށް ކަނޑައެޅިފައި ވެއެވެ.

ސްޓްރެޓީޖިކް ޕްލޭނުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް އަމަލީސިފަ ގެނައުމުގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ މުވައްޒަފުން، ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރެވުނެވެ. އަދި އޭގެ ތެރެއިން ކަންތައްތަކެއް ޙާޞިލް ކުރެވުނުވެސް މެއެވެ.

އިންޑިއާއަށް މިނިސްޓަރ ނަޝީދު (މ) ކުރެއްވެވި ދަތުރުފުޅުގައި ބަދުރުއްނަސީރު (ކ)

މިނިސްޓަރ ނަޝީދު އަރިހުގައި އެތެރެއާއި ބޭރުގައި

އަލްއުސްތާޒް މުޙަންމަދު ނަޝީދު، އިންފރމޭޝަންގެ މިނިސްޓަރު ކަމާ ހަވާލުވެގަތީ، ގައުމުގެ ހާލަތު ފައްތަރެއްގެ މަތީގައި އޮއްވައެވެ. ޑިމޮކްރަސީ އަކީ، ރައްޔިތުން އެދޭގޮތް ކަމުގައި ގިނަބަޔަކު ބުނަމުންދާއިރު، އެކަމާ ދެކޮޅުހަދާނެ ބަޔަކުވެސް، ހަމަ ގައިމުވެސް ތިބޭނެއެވެ. މިކަހަލަ ވަގުތެއްގައި، ރާއްޖެއިން ބޭރުންނާ ރާއްޖޭގެ އެތެރެއިންވެސް އެނގެންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އަދި އަންގައިދޭންޖެހޭ ކަންތައްތަކެއް ހަމަގައިމުވެސް ހުންނާނެއެވެ. މިނިސްޓަރ ނަޝީދުގެ ވިސްނުންފުޅުގައި މި ދެ ފަރާތްވެސް ދިރާސާ ކުރެއްވުމަށްފަހު، ނިންމަންޖެހޭ ނިންމުންތަކެއް ހުރި ކަމަށް ގަބޫލު ކުރައްވައިގެން، ރާއްޖެއިން ބޭރުގައި، ރާއްޖެއަށް އަންނަމުންމިދާ ބަދަލާ ބެހޭގޮތުން މަޢުލޫމާތު ހިއްޞާ ކުރެވެމުން ދިޔައެވެ.

އެ ދަތުރުތަކުގެ ތެރެއިން ގިނަ ދަތުރުގައި އަޅުގަނޑުވެސް ބައިވެރި ކުރެއްވިއެވެ.

މަތީގައި އެވަނީ، އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. އިންޑިޔާގެ ޓީ.ވީ ސްޓޭޝަންތަކަށް ކުރެއްވި ބައެއް ޒިޔާރަތްތަކާއެކު، ބައިނަލްއަޤުވާމީ ނޫސްތަކުގެ ރިޕޯރޓަރުންނާވެސް މިނިސްޓަރ ނަޝީދު ބައްދަލުކުރައްވާ، ރާއްޖޭގެ އެވަގުތުގެ ހާލަތު ފިސާރި ފުރިހަމައަށް ބަޔާންކޮށްދެއްވިއެވެ.

ހަމަ މިގޮތަށް ރާއްޖެތެރެއަށްވެސް އެމަނިކުފާނު ދަތުރުކުރައްވާ، ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތާއި ރައްޔިތުންގެ ޚިޔާލާއި ދިމާވާ ހިސާބެއް ބެއްލެވިއެވެ. އަދި އޮޅުންތަކެއްގެ ތެރޭގައި ކަމެއްވަނަމަ، އެކަމެއް ސާފުކޮށްވުމަށްވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.

ރާއްޖެތެރެއަށް މިނިސްޓަރ ކުރެއްވި ދަތުރުތަކުގައިވެސް، ދިވެހިރާއްޖޭގެ އަޑު ތަމްސީލުކޮށްދިނީ އަޅުގަނޑެވެ.

އެޑްމިން – އޯޑިޓް

ދިވެހިރާއްޖޭގެ އަޑުގެ މިވަގުތުގެ ޙާލަތު ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާރޓްސް އެންޑް ކަލްޗަރ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ދާއިރާއަކާއި މުއައްޒަފުން ހިމެނޭ ގޮތުން، އޯޑިޓެއް ކުރެވުނެވެ. ހީވާގޮތުން ބޭނުމަކީ، ވަގުތުންވަގުތަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، އަދި އެ ކަންތައްތައް ހަމަ ވަގުތުން އިޞްލާހު ކުރެއްވުމެވެ.

މި އޯޑިޓް ކުރުމަށް އިންފޮމޭޝަނުން ހޯއްދެވީ، ދާއިރާއިން ބޭރުގެ ކޮންސަލްޓޭޝަން ފާމެކެވެ. މި އޮޑިޓްގެ އެންމެ ފުރިހަމަ ބޭނުމެއް، ނުވަތަ އޮޑިޓްގެ ސަބަބުން ދިވެހިރާއްޖޭގެ އަޑަށް ގެނެވުނު ބަދަލެއް ނުފެނުނެވެ. ނަމަވެސް، މިއޮޑިޓް ކުރެވުނީ، އަޑުގެ އެންމެ މުއައްޒަފަކުވެސް ބާކީ ނުކޮށް ހަމަ ވަރަށް ޓްރާންސްޕޭރަންޓް ގޮތަކަށެވެ.

ކޮންސަލްޓޭޝަން ފާރމްގެ ބޭފުޅުންނާއެކު އޭޑީޖީ އަބުދުއްލަތީފު މުޙަންމަދު (މ)
މުއައްޒަފުން ދިވެހިރާއްޖޭގެ އަޑުގެ ގޯތިތެރޭގައި ފޯރމްތައް ފުރުމުގައި
ސެނެކޯ މާލަމްގައި މުއައްޒަފުން ފޯރމްތައް ފުރުމުގައި

ސެނެކޯ މާލަމްގައި މުއައްޒަފުން ފޯރމްތައް ފުރުމުގައިއާދެ މި އޮޑިޓްގެ ސަބަބުން، އިންފޮމޭޝަން މިނިސްޓްރީން ޙާޞިލް ކުރައްވަން ބޭނުންފުޅުވީ ކަމެއް ޙާޞިލް ވީކަމެއް ނުވަތަ ނުވާކަމެއް ނޭނގެއެވެ. ދިވެހިރާއްޖޭގެ އަޑު ހަމަ ހިނގަމުން ދިޔައީ ކުރިންވެސް ހިނގަމުންދިޔަ ގޮތަށެވެ.

ލޯކަލް އޭރިއާ ނެޓްވާރކަކުން "އަޑު"ގެ ހުރިހާ ސެކްޝަންތަކެއް ގުޅައިލުން

ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ސެކްޝަންތަކެއް ލޯކަލް އޭރިޔާ ނެޓްވޯކަކުން ގުޅައިލެވުނީވެސް 2005 ވަނަ އަހަރުގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ސްޓޫޑިޔޯތަކެއް ގުޅައިލުމަށްފަހު، ޕްރޮގްރާމުތަކާއި، ޚަބަރު ފޮނުވުމަށް ކޮންޕިއުޓަރ މެދުވެރިކޮށް އޮޓަމެޓިކުން ފޮނުވޭ ގޮތަށްވެސް މިއަހަރުގެ ތެރޭގައި ވަޞީލަތްތައް ގާއިމު ކުރެވުނެވެ. މީގެ އިތުރުން ހެންވޭރުގައި ހުންނަ، އަޑުގެ ޓްރާންސްމީޓިންގ ސްޓޭޝަނާއި މާފަންނުގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ މާސްޓަރ ކޮންޓްރޯލް ރޫމް، އޮޕްޓިކަލް ފައިބަރ ލިންކަކުން ގުޅައިލެވުނެވެ.

އައި.ޓީ ޑިޕަރޓްމަންޓްގެ އިސް ވެރިޔާ މުޙަންމަދު ޝާހު

މި ބުރަ މަސައްކަތް އަޑުގެ އައިޓީ ޑިޕާރޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި، މުޙަންމަދު ޝާހު އާއި އޭނާގެ ދަށުން ޑިޕާޓްމަންޓްގެ ހުރިހާ ކަމެއްގެ ޒިންމާ ކޮނޑުގައި އަޅުއްވައިގެން، މުރާލިކަމާއެކު މުއައްޒަފުންނާއެކު މަސައްކަތް ކުރައްވާ އެއް ވެރިއެއް ކަމަށްވާ، މުޙަންމަދު ނިޔާޒު އަޅުގަނޑު ފާހަގަކޮށްލަމެވެ. އަދި ހަމަ އެއާއެކު، ޑިޕާޓްމަންޓްގެ މުއައްޒަފުންގެ ހީވާގި މަސައްކަތް ފާހަގަކުރެވެނީ ހަމައެކަނި މި މަސައްކަތަކުން ނޫނެވެ. ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް ޓީމްގެ ކޮންމެ މަސައްކަތެއްގައިވެސް، އައިޓީ ޑިޕާޓްމަންޓްގެ މުއައްޒަފުން ފާހަގަކޮށްލެވެއެވެ.

ސްޓޭޝަންގެ ޓެކްނިކަލް ކަންތައްތައް ތަރައްޤީކުރުމުގެ މި މަސައްކަތްތައް ހިނގަމުންދިޔައިރު، ރޭޑިއޯއިން ބްރޯޑްކާސްޓްކުރާ ކޮންޓެންޓްވެސް އިތުރުކޮށް، މުއްސަނދިކޮށް ތަރައްޤީގެ މަސައްކަތްތަކެއް ކުރެވުނެވެ.

ޕްރޮގްރާމް ޑިޕާޓްމަންޓް

ކޮންމެ ރޭޑިއޯ ސްޓޭޝަނެއްގައި ވެސް، އެންމެމުހިންމު ޑިޕާރޓްމަންޓަކީ، ޕްރޮގްރާމް ޑިޕާރޓްމަންޓެވެ. ތަފާތު ދާއިރާތަކުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޤައުމުގައި ހިނގަމުންދާ ކަންތައްތަކުގެ ސީދާ ތެދު ޚަބަރު މުޖުތަމަޢުގެ ހުރިހާ ގިންތީއަކަށް ފޯރުކޮށްދިނުމާ، މުނިފޫހި ފިލުވައިދިނުމަކީ، ޕްރޮގްރާމް ޑިޕާޓްމަންޓްގެ އެންމެބޮޑު މަސައްކަތެވެ. މި މަސައްކަތުގައި އަޅުގަނޑާއެކު މަސައްކަތްކުރެއްވި ހަމަ ކޮންމެ ބޭފުޅަކީވެސް، ރޭޑިއޯ ޕްރޮގްރާމިންގގެ ޓްރޭނިންގ ލިބިފައިވާ ބޭފުޅުންނެވެ. އެހެންކަމުން، ޕްރޮގްރާމް ތަކަށްވެސް ބަދަލު ގެނައުމުގައި، އިތުރު ކޮންޓެންޓް ހޯދުމާއި ތައްޔާރުކުރުން ވެގެން ދިޔައީ، އެބޭފުޅުންގެ އެންމެ މުހިންމު މަސައްކަތެއް ކަމުގައެވެ.  

ރޭޑިއޯގެ އެހުންތެރިންނަކީ، ޕްރޮގްރާމް ޑިޕާރޓްމަންޓް އެންމެ އިސްކަމެއްދޭ ފަރާތެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތަކުން ތަފާތު ޕްރޮގްރާމްތައް އުފައްދާ، އެހުންތެރިންނަށް އެ ޕްރޮގްރާމް ތައް ފޮނުވުމުގައި، ޕްރޮޑިޔުސަރުން ފޫހިވުމެއްނެތި، މަސައްކަތްކުރަން ޖެހެއެވެ.

1449 ކިލޯހާރޓްޒް، 200 މީޓަރ ބޭންޑުން ދިވެހިރާއްޖޭގެ އަޑު ބްރޯޑްކާސްޓްކުރަމުންދަނީ 24 ގަޑިއިރުއެވެ. މި 24 ގަޑިއިރު ޚިދުމަތް ދިނުމަށްޓަކައި ހަފްތާއަކު 100 އަށްވުރެގިނަ ޕްރޮގްރާމް ބްރޯޑްކާސްޓް ކުރަމުންދެއެވެ. މިޕްރޮގްރާމްތައް ގެންދެވުނީ، ހަ ބަޔަކަށް ބަހާލެވިގެންނެވެ.

ޕްރޮގްރާމްތައް ބަހާލެވިފައިވަނީ ތިރީގައި މިވާ ބައިތަކަށެވެ.

  1. މަޢުލޫމާތުގެ ބައި Informative
  2. ދީނީ ބައި Religious
  3. ތަޢުލީމީ ބައި Educational
  4. ޚަބަރާ ގުޅުން ހުރި ބައި Current Affairs
  5. ބަހާއި ސަޤާފަތުގެ ބައި Language & Culture
  6. މުނިފޫހިފިލުވުމުގެ ބައި Entertainment
  7. މައުލޫމާތު އަދި މުނިފޫހިފިލުވުން Infotainment

މި ޕްރޮގްރާމްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕްރޮގްރާމް ޑިޕާޓްމަންޓްގައި ޙަރަކާތްތެރިވަމުންދާ 39 ޕްރޮޑިޔުސަރުންނެވެ. މި ޕްރޮޑިޔުސަރުންނަކީ ޕްރޮގްރާމް އުފައްދާ ހުށަހެޅުމުގެ އަސާސީ ތަމްރީން ލިބިފައިވާ ބޭފުޅުންނެވެ. ނަމަވެސް މީގެ ތެރޭން %40 އަކީ އެކި ދާއިރާތަކަށް ޚާއްޞަކޮށް ޕްރޮގްރާމް އުފެއްދުމުގެ ހުނަރާއި ތަޖުރިބާ އަދި ތަމްރީން ލިބިވަޑައިގެންފައިވާ ޕްރޮޑިޔުސަރުންނެވެ. ޕްރޮޑިޔުސަރުން ޕްރޮގްރާމް އުފައްދަމުން އަންނަނީ ޒަމާނާ އެންމެ އެކަށީގެންވާ، ވަޞީލަތްތަކުގެ އެހީގައެވެ. މިގޮތުން ކޮންމެ މުއައްޒަފަކަށް ކޮމްޕިޔުޓަރާއި އިންޓަރނެޓްގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެއެވެ.

24 ގަޑިއިރުގެ ތެރޭން ދެ ގަޑިއިރަކީ ކޮންމެ ދުވަހަކު އިނގިރޭސި ބަހުން ބްރޯޑްކާސްޓް ކުރުމަށް ޚާއްޞަ ވަޤުތެކެވެ. އެ ޕްރޮގްރާމްތައް ތައްޔާރުކުރަނީ އެކަމަށް ޝައުޤުވެރިކަން ހުންނަ، އެކަށީގެންވާ ފެންވަރު ހުރި ބޭފުޅުންނެވެ. މިގޮތުން މަސައްކަތްކުރައްވާ ބޭފުޅުންނަކީ، އެހެން ވަޒީފާތަކުގައި އުޅުއްވަމުންވެސް ދެވަނަ ވަޒީފާއެއްގެ ގޮތުގައި ޕްރޮގްރާމް އުފައްދާ ހުށައަޅުއްވާ ބޭފުޅުންނެވެ. މިބޭފުޅުން އުފައްދަވާ ޕްރޮގްރާމްތައް މޮނިޓަރކުރުމަށް ޚާއްޞަ ޕްރޮޑިޔުސަރެއް ކަނޑައަޅާފައި ހުރެއެވެ.

އަޅުގަނޑު 2004 ވަނަ އަހަރު، ދިވެހިރާއްޖޭގެއަޑާ ޙަވާލުވެގެން މަސައްކަތް ފަށައިގެންއިރު، އަޅުގަޑާއެކު ކުރިން މަސައްކަތް ކުރެއްވި ވަރަށް ގިނަ ބޭފުޅުން ނޫޅުއްވައެވެ. އެހެން ނަމަވެސް އެ ބޭފުޅުންނަކީ، އެބޭފުޅުންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ އަޑަށް ތަފާތު ރޮނގުރޮނގުން ގިނަ ޚިދުމަތްތަކެއް ލިބިފައިވާ ބޭފުޅުންނެވެ.

އޭގެ ތެރޭގައި މިންނާ ވަޖީހުގެ ނަން އަޅުގަޑު ފާހަގަކޮށްލާނެމެވެ. މިންނާ ބްރޯޑްކާސްޓިންގ އާ ވަކިވެވަޑައިގަންނަވަންދެންވެސް ހުންނެވީ، ޕްރޮގްރާމް ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިއެއްގެ ހައިސިއްޔަތުން، ޕްރޮޑިޔުސަރުންނާއި އެނައުންސަރުން އަދި އެމީހުން ހަދަމުންގެންދާ ޕްރޮގްރާމްތަކުގެ މޭސްތިރިއެއްގެ ގޮތުގައެވެ.

މިންނާ ވަޖީހު

ސިނެކޯ ރޭޑިއޯއިން ފެށިގެން، ބްރޯޑްކާސްޓިންގ ދާއިރާއިން، ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، 1996 ގައި، މިންނާ ވަޖީހު، ބްރޯޑްކާސްޓިންގއާ ވަކިވެވަޑައިގަތީ، ދިރިއުޅުއްވުމުގައި ދިމާވި މަޖުބޫރީ ޙާލަތެއްގެ ސަބަބުންނެވެ.

ބްރޯޑްކާސްޓިންގއާ ވަކިވެވަޑައިގެން ނަމަވެސް، މިއަދާ ހަމައަށްވެސް މިންނާ ހުންނެވީ، ރޭޑިއޯގެ މިންނާގެ އެކުވެރިންނާ އެކުގައެވެ.

ދެވަނަ ފަހަރަށް އަޅުގަނޑު ރޭޑިއޯއާ ގުޅުނުއިރު، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޑިޕާޓްމަންޓްގައި އެންމެ އިސްކޮށް ހުންނެވީ، މަރުޙޫމާ ޒާހިދާ އިބުރާހީމެވެ. އޭނާގެ އަރިހުގައި އެކުގައި މަސައްކަތް ކުރައްވާ ސީނިއަރ ޕްރޮޑިޔުސަރުންގެ އެހީއާއެކު، މުޅި ޕްރޮގްރާމް ޑިޕާޓްމަންޓް ބަލަހައްޓަވަމުން  ގެންދެވީ، މި ބޭފުޅުންނެވެ.

ޕްރޮގްރާމް ޑިޕާޓްމަންޓްގައި، ވަރަށް ކުރީއްސުރެ އަޅުގަނޑާއެކު، ރޭޑިއޯގައި މަސައްކަތްކުރެއްވި ގިނަ ބޭފުޅުންތަކެއް، މިއަދުވެސް ތިއްބެވިއެވެ. އަދި އެ ބޭފުޅުންނަށް އަޅުގަނޑު މީ އާ މީހަކަށް ނުވާނެއެވެ. އަދި އެބޭފުޅުން އަޅުގަނޑަކަށްވެސް އަލެއްނުވާނެއެވެ. އެހެންކަމުން، އަޅުގަނޑުގެ މަސައްކަތް ވަރަށް ފަސޭހަކަމާއެކު، އެއް ވިސްނުމެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ނަޞީބު ލިބުނެވެ.

އަޅުގަނޑުގެ ކުރީގެ އެކުވެރިންގެ ތެރެއިން ހަމައެކަނި މަދުވާ ބޭފުޅަކީ މިންނާ ވަޖީހެވެ. އެހެން ހުރިހާ ބޭފުޅުންނާ އަދި އިތުރު އާ މޫނުތައް ޕްރޮގްރާމް ޑިޕާޓްމަންޓްގައި ތިއްބެވިއެވެ.

ޕްރޮގްރާމް ޑިޕާޓްމަންޓް ސިސްޓަމެޓިކް އުޞޫލެއްގެ ތެރެއަށް ފައްތާލާކަށް އެއްގޮތަކަށްވެސް އުނދަގުލެއްނޫނެވެ.

ތިރީގައި މިވަނީ، ޕްރޮގްރާމް ޑިޕާޓްމަންޓް ބަލަހައްޓަވަމުން ގެންދެވި ބޭފުޅުންނެވެ. އެކި ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ، އެކި ދާއިރާތަކުންނެވެ.

(ކ-ވ) މަރުޙޫމާ ޒާހިދާ އިބުރާހީމް، ނަޖުމާ ޙުސޭން، ޙަފްޒާ ޢަލީ، މޫމިނާ އިބުރާހީމް
(ކ-ވ) ނަޞްރުﷲ އިދުރީސް، މޫމިނާ އާދަމް، ޢަލީ ޢަބުދުﷲ، ރުގިއްޔާ ވާފިރާ، މުޙަންމަދު ޝާކިރު

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކުގެ ތެރޭގައި 7 އަތޮޅެއްގައި ހުންނަ މީޑިޔާ ސެންޓަރތަކުން ތައްޔާރުކުރާ ޕްރޮގްރާމްތައް ހިމެނެއެވެ. މިއިން ކޮންމެ ސެންޓަރަކުން ހަފްތާއަކު ދެ ޕްރޮގްރާމް ބްރޯޑްކާސްޓްކުރަމުންދެއެވެ. އެތަންތަނުގައި ޕްރޮގްރާމް ޑިޕާޓްމަންޓްގެ ދަށުން ތިނެއް ނުވަތަ ދެ މުއައްޒަފުން މަސައްކަތްކުރަމުންދެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ އެފް.އެމް ޗެނަލް، "ރާއްޖެ އެފްއެމް"، ބްރޯޑްކާސްޓް ކުރަމުންދަނީ 91 މެގަހާރޓްޒްއިންނެވެ. ރާއްޖެ އެފްއެމްގެ ޕްރޮގްރާމްތައް މިހާތަނަށް ލިބެމުން އަންނަނީ ހަމައެކަނި މާލެއާއި މާލެ ކައިރި ސަރަޙައްދުގައިވާ ރަށްތަކަށެވެ.

ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރަމުންދަނީ ހުކުރުދުވަސް ފިޔަވާ ހަފްތާގެ އެހެން ދުވަސްތަކުގައި ހެދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00 ން 12:00 އަށެވެ. ހުކުރުދުވަހު ބްރޯޑްކާސްޓްކުރަނީ ހަމައެކަނި ރޭގަނޑު 8:00 ން 12:00 އަށެވެ. މީގެ ތެރޭން %98 ޕްރޮގްރާމްތަކަކީ އެހުންތެރިންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކެވެ. އަދި %2 އަކީ ލުއި، އަދި މުހިއްމު ޚަބަރުތަކެވެ. މިކަމުގައި ޢަމަލީ ގޮތުން މަސައްކަތްކުރައްވާ ޕްރޮޑިޔުސަރުންގެ ޢަދަދަކީ ހައެކެވެ. ޕްރޮޑިޔުސަރުން ޕްރޮގްރާމް އުފައްދަވަމުން ގެންދެވީ އެންމެ މިޒަމާނުގެ ވަޞީލަތްތަކުގެ އެހީގައެވެ. މިގޮތުން ކޮންމެ މުއައްޒަފަކަށް ކޮމްޕިޔުޓަރާއި އިންޓަރނެޓްގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެއެވެ.

އަޅުގަނޑަކީ، ފުރަތަމަ ޕްރޮޑިޔުސަރެކެވެ. ޑިރެކްޓަރަކަށް އަދި ޑިރެކްޓަރ ޖެނެރަލްއަކަށް ވުމަކުން، ޕްރޮޑިޔުސަރުގެ މަސްއޫލިއްޔަތު ހަނދާނެއް ނުނެތެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް، މަދުވެގެން އެއްގަޑިއިރު، ޕްރޮގްރާމްތަކާ ބެހޭގޮތުން ޕްރޮޑިޔުސަރުންނާއެކު ބައްދަލުވެ، ދިމާވާ އެކިއެކި މައްސަލަތަކާއި، އާ އުފެއްދުންތަކުގެ ޕްރޮޕޯސަލްތަކާއި، އަދި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ދޭތެރޭ މަޝްވަރާ ކުރަމެވެ.

އައި.ޓީ. ސެކްޝަނެއް އުފެއްދުން

ދިވެހިރާއްޖޭގެ އަޑުގެ މުއައްޒަފުންނަށް އިންޓަރނެޓް ޓެކްނޮލޮޖީ އިތުރަށް ފުޅާވެގެން ދިއުމުގެ ސަބަބުން، ޓެކްނިކަލް ޑިޕާޓްމަންޓްގެ ތެރޭގައި ވަކިން، އައި.ޓީ ސެކްޝަނެއް އުފެއްދީމެވެ. އެ ސެކްޝަނުގެ މެންޑޭޓްގެ ތެރޭގައި، އޮފީހުގެ ހުރިހާ ކޮމްޕިޔުރުތައް ބެލެހެއްޓުމާއި ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުމާ އަދި ކޮމިޔުނިކޭޝަންގެ ހުރިހާ ކަމެއް ބެލެހެއްޓުން ހިމެނެއެވެ. މުއައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމުގެ ގޮތުން، ތަމްރީން ދިނުންވެސް ހިމެނެއެވެ.

މި ސެކްޝަންގެ އެންމެއިސް ވެރިއަކަށް ހުންނެވީ، މުޙަންމަދު ޝާހެވެ. އޭނާގެ ބެއްލެވުމުގެ ދަށުން ހުރިހާ ޑިޕާޓްމަންޓް ތަކެއްގައި ކޮމްޕިޔުޓަރުތައް ބެހެއްޓި، ދިވެހިރާއްޖޭގެ އަޑުގެ އިންޓާރނަލް ނެޓްވާރކްއާ ގުޅުނެވެ. އަދި ބައެއް މުއައްޒަފުންނަށް މަސައްކަތަށް އަހުލުވެރިކުރުވުމުގެ ގޮތުން ގިނަ އޮން-ދަ-ޖޮބް ތަމްރީން ތަކަކާއި، މަސައްކަތްތަކެއް ހިންގަވައިދެއްވިއެވެ.

އެޓޯލް މީޑިއާ ސެންޓަރުތަކުގެ ދައުރު ފުޅާކުރުން

ދިވެހިރާއްޖޭގެ އަޑުގެ އޭ.އެމް ފްރިކްއެއްންސީގެ ސިގުނަލް ބައެއް އަތޮޅުތަކަށް ނުސާފުކޮށް ލިބޭތީ އެކަމަށް ހައްލެއް ހޯދުމުގެ ޚާއްޞަ މަސައްކަތެއް 2004 ވަނަ އަހަރު ފެށިފައި ވެއެވެ. މި މަސައްކަތުގެ ދަށުން އައްޑު އަތޮޅާއި، ފުވައްމުލަކުގައި އެފް.އެމް ޓްރާންސްމީޓަރު ބަހައްޓައިގެން ދިވެހިރާއްޖޭގެ އަޑުގެ އޭ.އެމްގެ ޕްރޮގްރާމުތައް އެފް.އެމް އިން، ރީ ބްރޯޑްކާސްޓް ކުރަން ފެށުނެވެ.

ކަނޑައެޅިފައިވާ ވަކި އަތޮޅުތަކެއްގައި އެފް.އެމް ޓްރާންސްމީޓަރ ބަހައްޓަންޖެހުނީ، ދިވެހިރާއްޖޭގެ އަޑު ފޮނުވަމުންގެންދާ އޭ.އެމް ފްރިކްއެންސީގެ ސިގުނަލް ނުފޯރާ ހިސާބަށް އެފް.އެމް ފްރިކްއެންސީ މެދުވެރިކޮށް އޭ.އެމް ސިގްނަލް ފޯރުކޮށްދިނުމަށެވެ.

މިނޫން ގޮތަކަށް ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް، މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ދަތިވާނެ ކަމަށް ޓެކްނިކަލް ލަފާ އަޅުގަނޑަށް ލިބިފައިވުމާއެކު، އަޅުގަނޑު ޙަވާލުވެފައި، 2005 ވަނަ އަހަރުގެ ތެރޭގައި ހއ. އަތޮޅާއި ހދ އަތޮޅުގައި އެފް.އެމް ޓްރާންސްމީޓަރ ބަހައްޓައިގެން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމުތައް ރީ-ބްރޯޑްކާސްޓް ކުރަން ފަށައިގަތީމެވެ.

މި ސެންޓަރު ތަކަކީ، ބޭނުންވެއްޖެ ހިނދެއްގައި، އެއިން ކޮންމެ ތަނަކުންވެސް ބްރޯޑްކާސްޓް ކުރެވޭ ފެންވަރަށް ތައްޔާރު ކުރަން ގަސްދުކޮށްފައިވާ ތަންތަނެވެ. ރާއްޖެއަށް "ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ" ތަޢާރަފުވެ، އެކަމުގެ ހުއްދަ ލިބޭ ދުވަހަކުން، މި ސެންޓަރުތަކުގެ ބޭނުން ހަމައެކަނި، ރި-ބްރޯޑްކާސްޓް ކުރާ ތަނެއްގެ އިތުރުން، ބްރޯޑްކާސްޓް ކުރާ ތަނަކަށްވެސް ބަދަލު ކޮށްލެވޭ ގޮތަށެވެ.

އަޅުގަނޑުގެ ވިސްނުމުގައި އޭރު ހުރީ، ދިވެހިރާއްޖޭގެއަޑުގެ ފަރާތުން އަތޮޅުތަކުގައި ބިނާކުރެވޭ މި ސްޓޭޝަންތައް، ފަހުން ކޮމިޔުނިޓީ ސްޓޭޝަންތަކެއްގެ ގޮތުގައި، އެދާއިރާއެއްގައި ދިރިއުޅުއްވާ ރައްޔިތުންގެ ބޭނުންތަކުގައި ބޭނުންކުރެވޭ ފެންވަރަށް ތައްޔާރު ކުރުމެވެ.

ރަށެއްގެ ނުވަތަ އަތޮޅެއްގައި އުފެދިފައިވާ ޖަމުއިއްޔާއަކުން، މުޖުތަމަޢުގެ ފައިދާއަށް، އެ އަތޮޅަކަށް ބްރޯޑްކާސްޓް ކުރަން ބޭނުންވެގެން އެދެފިނަމަ، އަޅުގަނޑުމެންގެ ސްޓޭޝަންތައް އެމީހުނަށް ހުޅުވާލެވޭ ގޮތަށެވެ.

މިކަން ފަށައިގަތުމުގައި، ސްޓޭޝަނުން ގަޑި ދޫކުރަން، ކަނޑައެޅިފައިވާ ކުޑަ ފީއެއް ނެގި ނަމަވެސް، ފަހުން މި ސްޓޭޝަންތައް ހަމަޖެހޭނީ، ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ ސްޓޭޝަންތަކެއްގެ ގޮތުގައި، އެ އަތޮޅެއް ނުވަތަ އެ ދާއިރާއެއްގެ އެއްޗެއްގެ ގޮތުގައެވެ. ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ އަކީ، ކޮން އެއްޗެއްކަމާއި، އޭގެ ފައިދާ މުޖުތަމަޢުއަށް ކުރާނީ ކިހިނެއްކަން، އަދި ބްރޯޑްކާސްޓިންގއާ ބެހޭ ތަފާތު ފެންވަރުގެ ގިނަ ކޯސްތަކެއް އަތޮޅުތަކުގައި ހިންގުމަށް ވިސްނައިފައިވެއެވެ.

(ނުނިމޭ)


އެޑިޓަރުގެ ނޯޓު:

މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.

"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

ޝުކުރިއްޔާ!

އެހެނިހެން ލިއުންތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޝުކުރިއްޔާ ބަދުރު އަދި ، އަދިވެސް ޓީމް. ދިވެހިރައްޖޭގެ އަޑަކީ ކޮބައިކަމާ މިހަހިސާބަށް ވާސިލުވުމުގައި ދިމާވެފަހުރި ހުރިހާ ހުރަސްތަކެއް ރަނގަޅަށް އެގި ފަހުމުވެއްޖެ. ފޫހިކަމެއްނެތި 1 ން 15 އާ ހަމަޔަށް ކިޔާ ނިއްމައިފިން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *