ދާއިރާއިން ފުރިހަމަކުރި ބައެއް ކޯސްތަކުގެ ހަނދާންތައް




ޚިދުމަތުގެ ތެރެއިން ކުރަންޖެހުނު ބިރުވެރި ތަޖުރިބާއެއް
ސިލްވަރބީމްގެ ތާރީޚީ ދަތުރު
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިންތިޒާމު ކުރެވިގެން، 1977 ގެ ފަހުކޮޅު، އަތޮޅުތެރެއަށް ކުރި ދަތުރެކެވެ. ދަތުރުގައި ބައިވެރިންނަކީ، އޭރުގެ އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބު އަލްއުސްތާޒު މުޙަންމަދު ޒާހިރު ޙުސޭނާއި އެ މިނިސްޓްރީގެ އިތުރު ބައެއް މުއައްޒަފުންނެވެ. އޭގެ އިތުރަށް އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގައި މަސައްކަތް ކުރައްވާ ބޭރުގެ ކޮންސަލްޓެންޓުންގެ ތެރެއިން، މިސްޓަރ ކީތް ޖެކްސަނާއި އަދި ރާއްޖޭގައި އެވަގުތު ހިންގަމުންގެންދާ، ޔޫ.އެން އެޖެންސީތައް (ޔުނިސެފް، ޔުނެސްކޯ އަދި ޔޫ.އެން.ޑީ.ޕީ) ގުޅިގެން ރާއްޖޭގައި ހިންގަމުންގެންދިޔަ، "ޑިވަލޮޕްމަންޓް އޮފް އެޑިޔުކޭޝަން އިން ދަ މޯލްޑިވްސް" ޕްރޮގްރާމްގެ ވެރިއެއްގެ ގޮތުން ރާއްޖޭގައި އޭރު ހުންނެވި ޓީމް ލީޑަރ އަދި ޕްރައިމަރީ އެޑިޔުކޭޝަން އެކްސްޕާރޓެއް ކަމުގައިވާ، ޑޮކްޓަރ ހަންޓިންގޓަން ވެސް މި ދަތުރުގައި ބައިވެރިވެ ލެއްވިއެވެ. ރާއްޖޭގައި އެޑިޔުކޭޝަނަލް ރޭޑިއޯ ތަރައްޤީ ކުރުމަށް މަސައްކަތްތަކެއް ކުރުމަކީވެސް، މި ޓީމްގެ މަޤުޞަދެކެވެ. އަދި ހަމަ އެއާއެކު، އީޑީސީގެ ފަރާތުން، އަލްމަރުހޫމް ޙުސެން މުޙަންމަދު ވަޑައިގަތެވެ.
ރޭޑިއޯ މޯލްޑިވްސްގެ ފަރާތުން އަޅުގަނޑަށް މިދަތުރުގައި ބައިވެރިވުމުގެ ނަޞީބުވެސް ލިބުނެވެ.
މި ދަތުރަކީ، މިދަތުރުގެ ވާހަކަ ހަމަ ކޮންމެހެން ވެސް ތިޔަބޭފުޅުންނާ ޙިއްސާކޮށްނުލާ ކުރިއަށް ނުދެވޭ ވަރުގެ ދަތުރެކެވެ. ފަހަރެއްގައި މިވާހަކަ ތަންކޮޅެއް ދިގުވުންވެސް އެކަށީގެންވެއެވެ.
ޔޫ.އެން.ޑީ.ޕީގެ ދިރާސާތަކަކާ ބެހޭ ދަތުރެއް
އެއީ 1977 ގެ ފަހުކޮޅެވެ. ދިވެހި ޖުމްހޫރިއްޔާގެ ރައީސަކީ، ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނެވެ.
މި ދަތުރުގެ މައިގަނޑު މަޤުޞަދަކީ، ޔޫ.އެން.ޑީ.ޕީގެ ފަރާތުން އަތޮޅު ތެރޭގައި ބިނާކުރައްވަމުން ގެންދަވާ ކޮމިޔުނިޓީ ސްކޫލުތަކާ ބެހޭގޮތުން، ދެކުނުގެ ގިނަ ރަށްތަކެއްގައި ކުރައްވާ ދިރާސާތަކަކާ ބެހޭ ދަތުރެކެވެ. މި ދަތުރުގައި ރޭޑިއޯއަށް ފުރުޞަތު މި ލިބުނީ، އޭރު ސަރުކާރުން ހިންގަވާ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގެވުމުގައި ރޭޑިއޯ މޯލްޑިވްސް އަށް ހުރިހާ ދާއިރާއަކުންވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ގެންގުޅުއްވާތީއެވެ. ޚާއްޞަކޮށް މިނިސްޓްރީއޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ހެލްތް ފަދަ މިނިސްޓްރީތައް ފާހަގަ ކޮށްލެވެއެވެ.
އަލްއުސްތާޒް މުޙަންމަދު ޒާހިރު ޙުސޭނާއި އެޑިޔުކޭޝަންގެ ޓީމާއެކު، "ސިލްވަރބީމް"ގައި މާލެއިން ފުރައިގެން ދަތުރުކުރީ ދެކުނުގެ ބައެއް އަތޮޅުތަކަށެވެ. އައްޑުއަތޮޅާ ހިސާބަށް ރޭވިފައިވާ މި ދަތުރުގައި އަޅުގަނޑަށް ބައިވެރިވާން ލިބުނު ފުރުޞަތަކީ، ރޭޑިއޯ މޯލްޑިވްސްގެ ލައިބްރަރީ މުއްސަނދިކޮށް، ޕްރޮގްރާމް ތަކުގައި އަތޮޅުތަކުގެ މައުލޫމާތު ހިމަނައިލަން ލިބުނު ރަނުގެ ފުރުޞަތެއް ވެސް މެއެވެ.
ރާއްޖެތެރޭގެ ރަށްރަށަށް ރޭޑިއޯ މޯލްޑިވްސްގެ ފަރާތުން ދަތުރުކުރާއިރު ގެންގުޅޭ ޓޫލްސް ފޮއްޓެއް ހުރެއެވެ. ލަކުޑިން ހަދާފައިވާ އެ ފޮށީގައި ނުހުންނަ އެއްޗެއް ރޭޑިއޯ މޯލްޑިވްސްގެ ވާރކްޝޮޕް ތެރެއިން ނުވަތަ ސްޓޫޑިއޯ އަކުންވެސް ނުނެރެވޭނެއެވެ. ރެކޯޑްކުރަން ބޭނުންކުރާ ހުރިހާ ސާމާނެއް ހުންނާނެއެވެ. ޓޭޕް ރެކޯޑަރު، މައިކްރޯފޯން، ރޭޑިއޯސެޓް، ކަރަންޓް ބޯޑްތަކާއި އިލެކްޓްރިކް އަދި އިލެކްޓްރޮނިކް ވާވެލާވެލިވެސް އެ ފޮށީގައި ހުންނާނެއެވެ. އަދި އެ ދުވަސްވަރު ކުރި ދަތުރުތަކުގައި، ފަސް ކިލޯގެ ކުޑަ ޖެނެރޭޓަރެއްވެސް ގެންދިޔައީމެވެ.
މި ހުރިހާ ސާމާނެއް ހިފައިގެން ރޭޑިއޯ މޯލްޑިވްސްއިން ދިޔައީ އަޅުގަނޑު އެކަންޏެވެވެ. އަޅުގަނޑާއެކު ދެން އެހީތެރިއެއްގެ ގޮތުގައިވެސް، އެކުވެރިއެއްގެ ގޮތުގައިވެސް ހުންނެވީ އީޑީސީގެ ފަރާތުން ފޮނުވާ ޕްރޮގްރާމްތަކުގެ ޕްރޮޑިއުސަރ މަރުޙޫމް ހުސެން މުޙަންމަދެވެ.
މާލެއިން ހުވަދުއަތޮޅަށް
އަޅުގަނޑުމެން މާލެއިން ފުރައިގެން ހުވަދުއަތޮޅާ ހަމައަށް ކުރި ދަތުރު ކުރުކުރުކޮށް ދަންނަވާލާނަމެވެ. ދެކުނުގެ ބައެއް ރަށްރަށަށް ބަނދަރުކުރަމުން، އެ ރަށްރަށުގައި އެޑިޔުކޭޝަން މިނިސްޓްރީން ހިންގަވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހޯއްދަވަމުން، ސްކޫލުތަކުގެ ވެރިންނާއި ސްކޫލު ކުދިންނާއި އަދި ރަށްތަށުގެ ވެރިންނާއި ރައްޔިތުންނާވެސް ބައްދަލުކުރަމުން ކުރިއަށްދިޔަ ދަތުރެކެވެ. އަޅުގަނޑަށްވެސް ވަރަށް ގިނަ މަޢުލޫމާތު ލިބި އަދި ވަރަށް ބައިވަރު ބްރޯޑްކާސްޓިންގ މެޓީރިއަލްސްވެސް ރެކޯރޑް ކުރުމުގެ ފުރުޞަތު ލިބުނު ދަތުރެކެވެ.
އަޅުގަނޑުމެން ދަތުރު ކުރަމުންގޮސް ގއ. ކޮލަމާފުއްޓާ ހިސާބުން މޫސުން ގޯސްވެގެން މަޑުކުރަން ޖެހިއްޖެއެވެ. އަޅުގަނޑުމެން ދަތުރުކުރި އުޅަނދު "ސިލްވަރބީމް" އަކީ އެ ދުވަސްވަރު މާލޭގައި ގެންގުޅުނު ރަނގަޅު ފެންވަރެއްގެ ލޯންޗެކެވެ. މިއީ ސަރުކާރުގެ ރަސްމީ އެކިއެކި ދަތުރުތަކުގައި ބޭނުންކުރައްވާ ލޯންޗެކެވެ. ނިދުމާއި ކެއުމާއި އަދި ކޮޓަރީގައި އޭސީވެސް ހަރުކޮށްފައި ހުރި ދެކޮޓަރިއެއް ހުރެއެވެ. ނަމަވެސް އަޅުގަނޑުމެން ދަތުރުގެ ހުރިހާ ބައިވެރިންނަށް އެ ލޯންޗްގައި ނިދުމުގެ އިންތިޒާމް ހަމަޖެއްސެން ނެތިގެން އެއް ބަޔަކު ފޭބީ، ކޮލަމާފުއްޓަށެވެ. ރަށަށް ފޭބި ގްރޫޕްގައި އަޅުގަނޑާއި ޙުސެން މުޙަންމަދު ހިމެނެއެވެ.
އެނބުރި މާލެއަށް އައުން
ދަތުރުވެސް މި ހިސާބުން ނިމުނީއެވެ. ދެން އެނބުރި މާލެއަށް ދާންވީއެވެ.
"ސިލްވަރބީމް"ގެ މާލިމީ އަކީ، އެ ދުވަސްވަރު މާލޭގައި ތިއްބެވި ކުޅަދާނަ މާލިމީންގެ ތެރެއިން އެއްބޭފުޅެއް ކަމަށްވާ އަލްމަރުޙޫމު ޕާކަރު މުޙަންމަދު މަނިކެވެ. އާދެ، ޕާކަރު މާލިމީއެވެ. އިންޖިނޭރަކީ، ހ. ސީގަލް އިސްމާއީލް އިބުރާހިމެވެ. އާދެ، އިސްމާއިލް މަނިކެވެ. ފަޅުވެރިންގެ ތެރޭގައި އުނގުލު އިބްރާހިމްފުޅާއި އަދި ކިނބިދޫ ހުސޭން އަދި ގދ. ގައްދޫ ބޭފުޅެއް ކަމަށްވާ، މުޙަންމަދު ޖަމީލު ވެސް އަޅުގަނޑުގެ ހަނދާނަށް މިހާރުވެސް އާދެއެވެ.
ވިއްސާރައިގައި ޖެހިގެން، ގއ. ކޮލަމާފުށީގައި ގާތްގަނޑަކަށް ފަސް ރޭ ފަސް ދުވާ ހޭދަކުރަންޖެހުނެވެ. އެންމެ ފަހުން ވިއްސާރަ ކުޑަކޮށް މައިތިރިވީ ހިސާބުން، މިހާރު ދަތުރުކުރެވޭނެ ކަމަށް މާލިމީ ބުނުއްވުމުން، އަނެއް ދުވަހު ފުރަން ހަމަޖެހިއްޖެއެވެ. ނަމަވެސް ޒާހިރު ޙުސޭން، ރާއްޖެއިން ބޭރަށް މުހިންމު އެހެން ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި އޮތުމުގެ ސަބަބުން، ބޭނުންފުޅުވީ، ވީހާ އަވަހަކަށް މާލެ ވަޑައިގެންނެވޭނެ އެހެން ގޮތެއް އޮތްތޯ ބެއްލެވުމަށެވެ.
އެ ދުވަސްވަރު ދެކުނު އަތޮޅުތަކުން މަސް ގަތުމުގެ މަސައްކަތް ކުރަމުންގެންދިޔަ ކޮރެއާގެ މަސްބޯޓެއް، ގއ. ވިލިނގިލީ ބަނދަރުގައި އޮތް ކަމަށާއި، އެ ބޯޓް މާދަމާ މާލެދާން ފުރާކަމުގެ ޚަބަރު އަޅުގަނޑުމެނަށް އަތޮޅު އޮފީހުން ދެއްވިއެވެ. އެހެންކަމުން، އެ ބޯޓުން ޒާހިރު ޙުސޭނާއި އަދި މިސްޓަރ ހަންޓިންގޓަން އަދި މިސްޓަރ ކީތް ޖެކްސަން މާލެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެއާއެކު ޒާހިރުގެ އަރިހުގައި ވަޑައިގެން ހުރިހާ ބޭފުޅުންވެސް އެބޯޓުން މާލެވަޑައިގަންނަވަން ގަސްދު ކުރައްވައިފިއެވެ. އޭގެ ތެރޭގައި، އަޅުގަނޑުގެ އެކުވެރި ޙުސެން މުޙަންމަދު ވެސް ހިމެނެއެވެ.
ޒާހިރު ޙުސޭން އަޅުގަނޑު ގާތު މާލެ ނުދާނަންތޯ އެއްސެވުމުން އަޅުގަނޑު ދެންނެވީ، އަޅުގަނޑު ދަތުރުކުރާނީ ސިލްވަރބީމްގައި ކަމަށެވެ. އެ ލޯންޗް ދަތުރުކުރާއިރު މަޑުކުރާ ރަށްރަށުން އަދިވެސް ބްރޯޑްކާސްޓިންގ މެޓީރިއަލްސް ހޯދަން އަޅުގަނޑު ބޭނުންކަމުގައި ދެންނެވީމެވެ. ރާއްޖެތެރެއަށް ދަތުރެއް ކޮށްލަން މި ލިބެނީ މަދު ފަހަރަކުއެވެ. އެހެންކަމުން މި ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ފިސާރި ފުރިހަމައަށް ހިފޭނެކަމުގެ އުންމީދު ވަރަށް ބޮޑެވެ. އަދި އަމުދުން، ދަތުރުގެ ރަސްމީގޮތް ކުޑަވީމާ އަޅުގަނޑު މަސައްކަތަށް ފަސޭހަތަކެއް ވެގެންދާނެކަމުގެ އުންމީދުގައިވެސް މެއެވެ.
ޒާހިރު ޙުސޭން މިގޮތް ގަބޫލު ކުރައްވައި މާލިމީއާ އަޅުގަނޑު ބައްލަވަން ހަވާލުކުރެއްވިއެވެ.

ގއ. ވިލިނގިލީ ބޭރުގައި އޮތް ކޮރެއާގެ މަސްބޯޓް "ސޫގޮންގ 303″ މާލެއަށް ފުރުމަށް ހަމަޖެހިފައި އޮތީ އަނެއް ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމުން، އެރޭ އަޅުގަނޑުމެން ސިލްވަރބީމްގައި ކޮލަމާފުށިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކޮށް، މާލެ ވަޑައިގަންނަވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުން ވިލިނގިއްޔަށް ފައިބައިވަޑައިގަތީއެވެ. އަދި އަޅުގަނޑު ސިލްވަރބީމްގައި އަނބުރާ ކޮލަމާފުއްޓަށް ދިޔައީއެވެ. ކޮލަމާފުއްޓަށް ދިޔައީ، މާދަމާ ފަތިހު އަޅުގަނޑުމެންވެސް ފުރަންޖެހޭތީ، ހުވަދޫކަނޑަށް ނިކުންނަން އެންމެ ކައިރިވާނީ، ކޮލަމާފުށީ ކަނޑުން ކަމަށް މާލިމީ ބުނުއްވުމުންނެވެ.
ވަރަށް ވިއްސާރައެވެ. އުޑުމަތި ބަނައެވެ. ނަމަވެސް ދަތުރު ކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ލޯންޗްގައި ހުރި ކާބޯތަކެތިވެސް ހުރީ ވަރަށް މަދުވެފައެވެ. އަނެއްކޮޅުން، ވީހާ އަވަހަކަށް މާލެ ދިއުމަށް ކަނޑައެޅިފައި އޮތުމާއެކު، އެރޭގެ ފަތިހު ސިލްވަރބީމްގައި ކޮލަމާފުށިން ފުރައިފީމެވެ. ހުވަދޫ ކަނޑަށް ނުކުތީ، ކޮލަމާފުށީ ކަނޑުންނެވެ.
ސިލްވަރބީމްގެ އިންޖީނު ހުއްޓުން
ސިލްވަރ ބީމްގައި އެ ލޯންޗްގެ ކްރޫންގެ އިތުރަށް ހުރީ ހަމަ އަޅުގަނޑު އެކަނިމާއެކަންޏެވެ. ލޯންޗް ކަނޑުން ނުކުމެގެން ދުއްވާފައި ދަނިކޮށް، ލޯންޗުގެ އެއް އިންޖީނަށް ކޮންމެވެސް ކަހަލަ މައްސަލައެއް ދިމާވެއްޖެއެވެ. އިންޖީނަށް ދިމާވި ކަންތައް ޙައްލުކުރެވޭތޯ އިރުގަނޑެއް ވަންދެން މަސައްކަތް ކުރުމަށްފަހު، އިންޖިނޭރު ވިދާޅުވީ، އިންޖީނު ރަނގަޅު ނުކުރެވުނު ކަމަށެވެ. އެހެންކަމުން އެއް އިންޖީނުގައި ދެން ސިލްވަރބީމް ދުއްވަމުން ގެންދިޔައީ، އާދައިގެ ދުވެއްޔެއްގައެވެ. އިންޖިނޭރު އިސްމާއީލް މަނިކު ބުނުއްވީ، ތެޔޮ މަދުވެފައި ހުރުމާއި އެއް އިންޖީނުގައި ދުއްވަންޖެހޭތީ، ފުލްސްޕީޑްގައި ނުދުއްވަނީ ކަމަށެވެ. ނަމަވެސް މެންދުރު 2.00 ޖަހާއިރު ލ. ހިތަދޫ ކަނޑުން ވަދެވޭނެ ކަމުގައެވެ. ހިތަދޫއަށް ދެވުނީމާ، އިންޖީނު ރިޕެއަރކޮށް، ޓޭންކް ފުލްކޮށްލައިގެން ދަތުރުފަށާނީ ކަމަށެވެ.
ކުރީ ރޭ ގިނަ ވަގުތު ނުނިދާ ހުރުމުގެ ސަބަބުންނާއި، ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށް، ދަތުރަށް ފެއްޓުމާއެކު އަޅުގަނޑުވެސް އަޅުގަނޑުގެ ބަންކްގައި ޖައްސާލައިފީމެވެ. އަޅުގަނޑުގެ ބަންކް އެނދުގެ އިތުރަށް އެތަނުގައި އިތުރު އެހެން ބަންކް އެނދެއް ހުރެއެވެ. އަޅުގަނޑުގެ އެނދު ހުންނަނީ، ބޭރަށް ނިކުންނަ ދޮރާ އެންމެ ކައިރީގައެވެ. އެބަންކުގެ މަތީ އެނދު އެއީ އަޅުގަނޑުގެ ބަންކެވެ. އިރުކޮޅެއް ނުވަނީސް، ލޯންޗްގައި ކެއްކުމުގެ މަސައްކަތުގައި އުޅޭ ތ. ކިނބިދޫ ހުސޭން އަޅުގަނޑަށް ގޮވާލާފައި ސައިތައްޓެއް ދިއްކޮށްލުމުން، އެ ހިފައިގެން ބޭރަށް ނުކުތީއެވެ. އެތަނުން ބޭރަށް ނިކުމެވޭނީ، މަތިންދާބޯޓެއްގައި ނަމަ، ކޮކްޕިޓް ތެރެއަށެވެ. ވީލް ހައުސްގެ އެއް ފަރާތުގައި ހުންގާނާއި މާލިމީއެވެ. އަނެއް ފަރާތުގައި އިންޖިނޭރުގެ ގޮނޑިއާއި އޭނާގެ ޕެނަލްބޯޑެވެ.
ހަމަ އެތަނުގައި ސޯފާ ޖަހާފައި ވަށައިގެން އިށީނދެވޭނެ ގޮތަށް ވަނީ ހަދާފައެވެ. އެއީ މެސްރޫމްގެ ގޮތުގައިވެސް ބޭނުންކުރާ ތަނެވެ. އަދި ތަންކޮޅެއް ފަހަތުގައި ހަމަ އެ ލެވެލްގައި އިތުރު ސޯފާއެއް ހުރެއެވެ. އެ ސޯފާގެ ކަނާއަތްފަރާތުން ހުންނަ ދޮރަކުން ވަދެގެން ދެވޭނީ އަނެއްކާވެސް އެކޮމޮޑޭޝަން ބްލޮކަކަށެވެ. އެތަނުގައި ދެކޮޓަރި ހުރެއެވެ. އެއީ ސިލްވަރ ބީމްގެ ފަހަތު ކޮޓަރިތަކެވެ.
އަޅުގަނޑު މިހާ ތަފުޞީލުކޮށް ސިލްވަރ ބީމްގެ ހަނދާންތައް މިހާ ފަހުންވެސް މި އާވެގެން އަންނަނީ، އަޅުގަނޑާއި އެ ލޯންޗާ ހުރި ގުޅުމެއްގެ ސަބަބުންނެވެ. އަދި ދަތުރުގެ ބިރުވެރިކަމުގެ ސަބަބުންނެވެ.
ސޯފާ ޖަހާފައި ހުރި ސިޓިންގރޫމް-ކަމް-ވީލްހައުސް އިން ބޭރަށް ނިކުމެ، ލޯންޗްގެ އަރިމަތިން ހިނގާފައި ކުރިއަށް ގޮސް، ލޯންޗްގެ ކުރީކޮޅުގައި ހުންނަ ގޮޅިއަކުން ފޭބޭނީ އަނެއްކާވެސް ދެތިން މީހުންގެ އެކަމޮޑޭޝަނަކަށެވެ. އަޅުގަނޑު ގެންގުޅޭ ޓޫލްސްފޮށި އެތަނުގެ ތެރެއަށް ބޭލީ ކިހިނެއް ކަމެއް ހަނދާނެއްނެތެވެ. ނަމަވެސް އެ ފޮށިވެސް ބަހައްޓާފައި ހުންނާނީ އެތަނުގައެވެ.
ހުސޭނު ދިން ސައިތަށި ހިފައިގެން ބޭރަށް ނިކުތްއިރު، މުހަންމަދު ޖަމީލުވެސް ސައިތައްޓެއް ހިފައިގެން، ސޯފާއެއްގައި ޖައްސާލައިގެން އިނެވެ. އަޅުގަނޑު ނިކުމެ ޖަމީލު ކައިރީގައި އިށީނދެއްޖައީމެވެ. އަދިވެސް މޫސުން މާ ރަނގަޅެއް ނޫނެވެ. ސައިތަށިވެސް ތަނެއްގައި ބެހެއްޓޭވަރެއް ނޫނެވެ.
ޖަމީލު ސައިބޮއި ނިމިގެން، މާލިމީ ސައިބައްލަވާށޭ ބުނެފައި، ހުންގާނާ ހަވާލުވުމުން، މާލިމީއާއި އިންޖިނޭރުވެސް ސައިބައްލަވަން، އަޅުގަނޑު ކައިރީ ސޯފާގައި އިށިންނަވައިފިއެވެ. ހީވާގޮތުން ޖަމީލަކީ، މި ހިސާބު މީހަކަށްވެފައި، ދަތުރުގެ ގިނަ ކަންތަކުގެ ތަންދޮރު ފިލާފައި ހުރިލެއް ރަނގަޅުކަމުން، ގިނަ ވާހަކަ ދައްކަނީ ޖަމީލެވެ. އިރުކޮޅަކުން، ލ. އަށް ވެދެވޭނެ ވާހަކައާއި މޫސުމުގެ ވާހަކައެވެ.
ގަޑިން އޭރު ބާރަޖެހުމަކާ ގާތްވެދާނެއެވެ. އިރުފެންނާކަށް ނެތެވެ. ބަނަކަމުންނެވެ. ކިހާ އިރަކުން ލ. އަތޮޅަށް ދެވޭނެތޯ އަހައިލުމުން ޖަވާބުދިނީ ޖަމީލެވެ. އޭނާ ބުނީ "އިސާހިތު ހިތަދޫ ފެންނާނެ" ކަމުގައެވެ. މާލިމީވެސް ބުނުއްވީ 2 ޖަހާކަންހާއިރު، ހިތަދޫގެ މަލަ ފެންނާނެ ކަމަށް ލަފާކުރާ ކަމަށެވެ.
ނެވިގޭޝަނަލް އިންސްޓްރޫމެންޓަކަށް ސަމުގާއަކާއި އަދި ރާޑަރެއް ހުރި ހަނދާނެއް އަޅުގަނޑު ނެތެވެ. ނަމަވެސް، ފަހުން ޙުސެން މުޙަންމަދާ މަޝްވަރާ ކޮށްލުމުން، ރާޑަރެއް ހުރި ހަނދާނެއް ވާކަމަށް އޭނާ ބުނުއްވިއެވެ. ދެން ހުރީ ކޮމިޔުނިކޭޝަން އިކްވިޕްމަންޓްއެކެވެ. އެއީ، މާލެއާއި އަތޮޅުތަކާ ގުޅަން ގެންގުޅޭ ވައްތަރުގެ ކުޑަ ސީބީ ސެޓެކެވެ. ސަމުގާއެއް ކީއްކުރަންތޯއެވެ، ރޭޑިއޯގަނޑެއްހާ ހިސާބުވެސް ނެތެވެ!
އަނެއްކާވެސް އެތެރެއަށް ވަދެ އަޅުގަނޑުގެ ބަންކްގައި ޖައްސާލައިފީމެވެ.
ކިނބިދޫ ހުސޭނު ކައްކަން އުޅެއެވެ. އޭނާ ކައިރީގައި ކުޑަ އިރުކޮޅަކު އިނދެލުމަށްފަހު އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ނިދުނީހެނެވެ. ހޭލެވުނީ ހުސޭނު ކާންހަދާފައި ގޮވީމައެވެ.
ބޭރަށް ނިކުތްއިރު ހުންގާނުގައި ހުރީ ޖަމީލެވެ. މާލިމީ އިންނެވީ ކާމޭޒު ކައިރީގައެވެ. އިސްމާއިލްވެސް އިންނެވިއެވެ. އަޅުގަނޑުވެސް ގޮސް އެމީހުނާއެކު ކައިގެން، އަނެއްކާވެސް ބޭރުގައި މަޑުކޮށްލީއެވެ. މިހާރު ގަޑިން ދެ ގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. އަޅުގަނޑު ތެދުވެ ވަށައިގެން ހޯދާލިއިރު އެއްވެސް ތަނެއް ފެންނަން ނެތީމާ، މާލިމީ ގާތުން އަހާލީމެވެ. މާލިމީ، ޖަމީލު ކައިރީގައި އަދިވެސް ނުފެނޭތޯ އެއްސެވިއެވެ. ހީވާ ގޮތުން ލޯންޗްގެ މިވަގުތުގެ ކެޕްޓަނަކީ ޖަމީލެވެ.
ދެން މާ ގިނައިރެއްނުވެ ހިތަދޫ ފެންނާނެ ކަމަށް ޖަމީލު ބުނުއްވުމުން އަޅުގަނޑުވެސް ހިތްހަމަޖެހިއްޖެއެވެ. ނަމަވެސް މާލިމީގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. މިހާރު ފެންނަންޖެހޭނެ ކަމަށް މާލިމީއަށް ފެނިލައްވަނީއެވެ. އޭނާއާއި އިސްމާއިލް (އިންޖިނޭރު) އާ ވާހަކަ ދައްކާލުމަށްފަހު، ޖަމީލު ކައިރިން މާލިމީ ސުވާލުކުރެއްވީ ލޯންޗް މި ދުއްވަނީ ރަނގަޅު މިޞްރާބަށް ހެއްޔޭއެވެ؟
ލޯންޗްގެ ސްޕީޑް ދަށްކަމުން މާބާރަށް ނުދުވާ ކަމަށާއި، ވަޔާއި އޮއި ގަދަކަމުން އަދި ނުފެނިގެން އުޅެނީ ކަމަށް ޖަމީލު ބުންޏެވެ. ނަމަވެސް ލޯންޗްގެ މިޞްރާބު ހުރީ ލ. އަތޮޅާ ދިމާއަށް ކަމުގެ ޔަގީންކަން އޭނާ ދިނެވެ.
އަޅުގަނޑުވެސް ދެން އެތެރެއަކަށް ނުވަންނަމެވެ. ލ. އަތޮޅު ފެންނާނެކަމުގެ އުންމީދުގައި ވީލްހައުސް ތެރޭގައި ހުރީއެވެ. އޭރު އެތަނުގައި ލޯންޗްގެ އެންމެން ތިއްބެވެ.
މިނިޓެކަށްފަހު މިނިޓެއް ފާއިތުވަމުން ގޮސް، 3.30 ހިނގައިފިއެވެ. މަޑުމަޑުން އެކަކު އަނެކަކާ ސުވާލުކުރަން ފަށައިފިއެވެ. "މިހާރު ފެންނަން ޖެހޭނެއެވެ." ލޯންޗް މިދުއްވަނީ ރަނގަޅު މިޞްރާބަށް ހެއްޔެވެ؟"
ދެވޭ ނުދެވޭ ތަނެއް ނޭނގޭ
އަޅުގަނޑު ހާސްވާން ފަށައިފިއެވެ. އިރުވެސް އޮއްސެން ކައިރިވަނީއެވެ.
މޫސުންވެސް ރަނގަޅެއް ނޫނެވެ. މިހާރު ހުންގާނުގައި ހުންނެވީ، މާލިމީ މުހަންމަދު މަނިކެވެ. އޭނާ ޖަމީލު ކައިރިން އަނެއްކާވެސް އެއްސެވީ، މިލޯންޗް މިހުރީ ރަނގަޅު މިސްރާބުގައި ހެއްޔެވެ؟
ދެން ޖަމީލު ދެއްވި ޖަވާބުން އަޅުގަނޑު ވަރަށް ދެރަވިއެވެ. ޖަމީލު ބުނުއްވީ "ތިޔެއް އެނގޭނީ ކަލެއަށެވެ. މާލިމީއަކީ ކަލޭ ނޫން ހެއްޔެވެ؟"
ތެދެކެވެ. ލޯންޗްގެ މާލިމީއަކީ ޕާކަރު މުޙަންމަދު މަނިކެވެ. ނަމަވެސް ހުރިހާ ވަގުތެއްގައި ހުންގާނުގައި ހުންނަވާނީ އޭނާއެއް ނޫނެވެ. އިތުބާރު ކުރެވޭ، ތަންދޮރު ދަންނަ މީހަކާ ހުންގާނު ހަވާލުކޮށްލުން އެއީ، ހަމަ ކޮންމެ މާލިމީއަކުވެސް ދިގު ދަތުރު ކުރެއްވުމުގައި ގެންގުޅުއްވާ އުޞޫލެކެވެ. ނަމަވެސް އޮޑި ދުއްވާނީ، މާލިމީ ދެއްވާ މިޞްރާބަކަށެވެ. މިދަތުރުގައި ގިނަ ފަހަރު މާލިމީއާއި ޖަމީލާ ދެބޭފުޅުންވެގެން ކަންކަން ނިންމެވިތަން އަޅުގަނޑު ދުށީމެވެ. އެހެންކަމުން މިކަހަލަ ވަގުތެއްގައި ޖަމީލު އެ ދެއްވި ޖަވާބު އަޅުގަނޑަކަށް ކަމަކު ނުދެއެވެ.
އެ ޖަވާބު ޖަމީލުގެ ފަރާތުން ލިބުނީމާ، މާލިމީގެ އިހުސާސްތައް މާލިމީގެ ލޮލުން ފިސާރި ރަނގަޅަށް ފާޅުވެގެންދިޔައެވެ.
އަޅުގަނޑަށް އިވިފައި އޮންނަ ގޮތުން، އޭ.އެމް. ފްރިކްއެންސީއަކުން ބްރޯޑްކާސްޓް ކުރަމުންގެންދާ ޗެނެލަކަށް ރޭޑިއޯ ޓިޔުންކޮށްފައި، ރޭޑިއޯ ގޮތްގޮތަށް އަބުރާލުމުން، ރޭޑިއޯގެ އަޑު އެންމެ ސާފުކޮށް، ބާރަށް ލިބޭނީ އެ ޗެނެލެއް ބްރޯޑްކާސްޓް ކުރަމުންދާ އެންޓެނާ ހުންނަ ދިމާލަކަށް ސީދާވީމައެވެ. އެހެންވީމާ އަޅުގަނޑުމެން މި ދަތުރުކުރަނީ މާލެއާ ދިމާއަށްތޯ ބަލައިލަން ރޭޑިއޯއަކުން، އަޅުގަނޑުމެންގެ ސްޓޭޝަން، "ރޭޑިއޯ މޯލްޑިވްސް"ގެ އަޑު ހޯދަނިކޮށް އެކަން ސާފުވާނެ ކަމަށް ކޮންމެވެސް ގޮތަކުން އަޅުގަނޑަށް ވަނީ އެނގިފައެވެ. މި ވާހަކަ މާލިމީއަށް ނަންގެނެފީމެވެ. މާލިމީވެސް ބުނުއްވީ އެއީ ރަނގަޅު ވާހަކައެއް ކަމަށެވެ. ނަމަވެސް މި ލޯންޗްގައި ރޭޑިއޯއެއް ނެތެވެ.
އަޅުގަނޑު ގެންގުޅޭ ރޭޑިއޯ އޮންނާނެއެވެ. ނަމަވެސް، އެ ރޭޑިއޯ ބާއްވާފައި އޮތީ އަޅުގަނޑުގެ ޓޫލް ބޮކްސްގެ ތެރޭގައެވެ. އެ ބޮކްސް މިހާރު ތިރިކޮށްފައި ހުރީ، ސިލްވަރބީމްގެ ކުރީގައި ހުންނަ، ކްރޫ އެކަމޮޑޭޝަން އަށެވެ. އެތަނަށް ދާންޖެހޭނީ، ލޯންޗްގެ ބޭރު ކައިރި ފަށުން ލޯންޗްގެ އަރިމަތީގައި އަޅާފައި އޮންނަ ދަގަނޑެއްގައި ހިފަހައްޓައިގެން، ވަރަށް ހާލުންނެވެ.
އެ ހިސާބަށް މިވަގުތު ދިއުން މާފަސޭހައެއް ނޫނެވެ. ކަނޑުގެ ރާޅުތައް ބިޔަވެފައި، އެ ރާޅުތަކުގެ ތެރޭގައި ސިލްވަރބީމް ފުރޮޅާ ވަރުންނެވެ. ލޯންޗްގެ ކްރޫން ތިބީ، އުންމީދު ގެއްލި އެކި ތަނަށް އެކި މީހުން ވެއްޓިފައެވެ. ހަމައެކަނި ހެލިފެލިވާ މީހަކަށް އުޅެނީ، ބަދިގޭގައި އުޅޭ ކިނބިދޫ ޙުސޭނެވެ.
ހިތްވަރުކޮށްފައި އަޅުގަނޑު ހިނގައިގެންފީމެވެ. ބަދުރަށް ވާނެހޭ މާލިމީ އެއްސެވިއެވެ. އަޅުގަނޑު އާދޭހޭ ދަންނަވާފައި މަޑުމަޑުން ލޯންޗްގެ އަރިމަތީގައި އަޅާފައި އޮތް ހޮޅީގައި ހިފަހައްޓައިގެން، ހިނގާފައި ގޮސް ލޯންޗްގެ ކުރިއަށް އަރައިފީމެވެ. އަދި މަތީގައި ހުރި ހަތަރެސްކަން ދޮރު ހުޅުވައިގެން އަޑިއަށް ފައިބައިފީމެވެ.
އެތަނުގެ އެތެރޭގައި ބައިވަރު ސާމާނު ހުއްޓެވެ. އަޅުގަނޑު ގެންގުޅޭ ފޮށިވެސް އެބަހުއްޓެވެ. ފޮށި ހުޅުވައިގެން ރޭޑިއޯ ނަގައިފީމެވެ. ބަލައިލިއިރު ރޭޑިއޯގައި ބެޓެރީއެއް ނެތެވެ. ނަމަވެސް ފޮށިގަނޑު ތެރޭގައި އަޅުގަނޑުމެން ރެކޯޑް ކުރާއިރު، ކަރަންޓް ނަގަން ގެންގުޅޭ ފަސް ކިލޯވޮޓްގެ ކުޑަ ޖެނެރޭޓަރާއި އެއާ ގުޅޭ ކަރަންޓް ބޯޑްތައް ހުއްޓެވެ.
މިކުރެވެނީ ކިހާވަރެއްގެ ރައްކާތެރިކަމެއްތޯ ނުވަތަ ނޫންތޯވެސް ވިސްނައިނުލައި، ޖެނެރޭޓަރު ހުރި ތަނުގައި ބަހައްޓާފައި ސްޓާރޓް ކޮށްލައިފީމެވެ. އަދި ބޯޑްތައް ގުޅާ، ރޭޑިއޯއަށް ކަރަންޓް ލިބޭތޯ ބަލައިލީމެވެ. ބަރާބަރެވެ.
ދެންއޮތީ، އަނެއްކާ އައިމަގުން އަނބުރާ ވީލް ހައުސްއަށް ދަތުރުކުރުމެވެ. ކަރަންޓްބޯޑާއި ރޭޑިއޯ ހިފައިގެން މައްޗަށް އަރާ ފުރަތަމަ ވާގަނޑު ގެންގޮސް ވީލްހައުސް ތެރެއަށް ލީއެވެ. ރޭޑިއޯ ހިފައިގެން ދިޔައީ، އެއްކަލަ ހަތަރެސްކަން ދޮރު ހުޅުވާފައި ބަހައްޓާފައެވެ. އެތެރެއިން ޕެޓްރޯލް ވަސްގަނޑު ދުވާވަރުންނެވެ. ރޭޑިއޯ ހިފައިގެންގޮސް ވީލްހައުސްގެ ތެރޭގައި ބަހައްޓާފައި ހުޅުވާލައިފީމެވެ. އަދި ގޮތްގޮތަށް އަނބުރާލާއި އެންމެ ބާރަށް އަދި އެންމެ އަޑުގަދަކޮށް ރޭޑިއޯ މޯލްޑިވްސްގެ ސިގްނަލް ލިބޭ ދިމާއަށް ރޭޑިއޯ ސީދާކޮށްލީމެވެ.
ސިލްވަރބީމްގެ ކުރި ހުރީ، ރޭޑިއޯއިން އެންމެ ބާރަށް އަޑު ލިބޭ ދިމާއަށެވެ! އަޅުގަނޑު ވަރަށް އުފާވިއެވެ. މާލިމީ ބުނުއްވީ ލޯންޗް ދަތުރުކުރަމުން މިދަނީ، މާލެއާ ދިމާއަށް ކަމަށެވެ. ނަމަވެސް ހުވަދޫ ކަނޑުގައި އެވަގުތު އޮތް އޮޔާއި ޖެހެމުންދާ ބާރު ވައިގެ ސަބަބުން، ލޯންޗް މިހުރީ ކޮން ހިސާބެއްގައިކަން އެނގޭނެ ގޮތެއް ނެތެވެ.
މާލެއާ ގުޅޭތޯ ބެލުން
ގަޑިން މިހާރު ހަތަރެއް ޖަހާ ބޮޑުވެއްޖެއެވެ. މި ހިސާބުން މާލިމީ ދެން ނިންމެވީ މާލެއާ ގުޅުއްވާށެވެ. ވެގެން އުޅޭ ގޮތް މާލޭގެ ޓެލެކޮމިޔުނިކޭޝަން އޮފީހުގައި އެވަގުތު އިންނެވި އޮޕަރޭޓަރަށް ކިޔައިދެއްވިއެވެ. އަދި ކަމާބެހޭ ފަރާތްފަރާތަށް އެންގުމަށްވެސް މާލިމީ ބުނުއްވިއެވެ. ގުޅުއްވުމަށްފަހު، ބުނުއްވީ މާލެއިން ދެކުނުގެ ހުރިހާ އަތޮޅެއްގެ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރުން، ސިލްވަރބީމަށް ވާގޮތެއް އޮޅުންފިލުވަން މަސައްކަތް ކުރުމަށް މާލެއިން އަންގަވައިފި ކަމުގައެވެ.
ކަންތައްތައް ދިމާކުރި ގޮތުން، މާލޭގައި ޓީސީޑީގައި އެވަގުތު އިންނެވި އޮޕަރޭޓަރަކީ، ޕާކަރު މާލިމީގެ އަންހެން ބޭފުޅަކާ ކައިވެނި ކުރައްވައިގެން ހުންނެވި، ތ. ތިމަރަފުށީ ޢަބުދުއްނާޞިރު ކިޔާ ބޭފުޅެކެވެ. އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެނާ އޭނާ ގުޅުން ކަނޑައެއް ނުލައްވައެވެ. އަޅުގަނޑުމެނާ ގުޅުއްވަމުން އަދި މާލެއިން ދެއްވާ އިރުޝާދާ އެއްގޮތަށް ކައިރީ އެހެން އަތޮޅުތަކަށް އެންގެވުންތައް އަންގަވަމުން ގެންދަވައެވެ.
އަޅުގަނޑު ހަދާނެ ގޮތް ހުސްވެއްޖެއެވެ. ރޭޑިއޯ ނިއްވާލާފައި އަނެއްކާ އެއްކަލަ ދަތުރުކޮށް، ކުރީގައި ހުރި ޖެނެރޭޓަރު ވެސް ނިއްވާލާ، ވާތައް ފޮއްޓަށް އަޅާ ފޮށި ތަޅުލައިފީމެވެ. ކަމެއް ކުރަމުންދާއިރު މާގިނަ އެހެން ފިކުރުތަކެއް ނުހުރެއެވެ. މިކަން ކޮށްފައި އެނބުރި ވީލް ހައުސްއަށް އައިއިރު، އެތަނުގައި ހުރިހާ އެންމެން ތިއްބެވެ. މާލިމީ ހުންނެވީ މާލެއާ ގުޅުއްވައިގެންނެވެ.
އިރު އޮއްސެނީއެވެ. ވަށައިގެން އެއްވެސް ތަނެއް ނުފެނެއެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި ސިލްވަރބީމް ހީވަނީ ކަރުދާސްކޮޅެއް ހެނެވެ. ސިލްވަރބީމް އަކީ، ފައިބަރުން ބަނދެފައި އޮތް ހުދުކުލައިގެ ލޯންޗެކެވެ. ވީލްހައުސްގެ ފަހަތުގައި، ހުދު ސަތަރިއެއް ދަމާފައި އޮވެއެވެ. އެ ސަތަރީގެ ސަބަބުންވެސް ލިބޭނެހެން ހީވަނީ އެހީތެރިކަމެއް ނޫނެވެ. ބޮޑަށް އޭގައި ވައި އަޅާނީއެވެ. ލޯންޗްގައި ކުރިއަށް ދުއްވާ ސްޕީޑް ރަނގަޅަށް ދެވިފައި ނެތިއްޔާ، ލޯންޗް ވަޔާ ގެންދިއުން މާގާތެވެ.
ސީބީ ސެޓުން އެއްއަޑަކަށް އިވެނީ، "ސިލްވަރ ބީމް! ސިލްވަރ ބީމް! ސިލްވަރ ބީމް!" އޭ ކިޔާފައި އަތޮޅުތަކުން ގުޅަން އުޅޭ އަޑެވެ. (މިހާރުވެސް އަޅުގަނޑުގެ ކަންފަތުގައި އެ ރާގާއި އެ އަޑު ހަރުލާފައި އެބަހުއްޓެވެ.) މާލިމީ ހަމަ ކޮންމެ އޮޕަރޭޓަރަކާ ވާހަކަދައްކަވަމުން، ވެގެން އުޅޭގޮތް އޮޅުންފިލުވައި ދެއްވަމުން ގެންދަވައެވެ. ކޮންމެ އަތޮޅަކުން، ކޮންމެ އޮޕަރޭޓަރެއްވެސް ފުރަތަމަ ކުރާ ސުވާލަކީ، "ސިލްވަރބީމް މިހާރު ހުރީ ކޮން ހިސާބެއްގައި ހެއްޔެވެ؟" އެކަމަކު އެއީ އަޅުގަނޑުމެން ލޯންޗްގައި ތިބި އެކަކަށްވެސް ބުނެދޭން ނޭނގޭ އެއްޗެކެވެ. އެކަން އެނގޭނެ އެއްވެސް އިކްވިޕްމަންޓެއް ލޯންޗްގައި ނެތެވެ.
ލ. އަތޮޅުގައި އޮތް ބޯޓަކުން މައްޗަށް ފްލެއަރއެއް ފޮނުވުން
މާލޭގެ ޓީސީޑީގައި އިންނެވި އޮޕަރޭޓަރު ގުޅުއްވައިފިއެވެ. މާލެއިން އެންގީ މިރޭ 7.00 ގައި، ލ. އަތޮޅުގައި އޮތް ބޯޓަކުން މައްޗަށް ފްލެއަރއެއް ފޮނުވާނެ ކަމަށެވެ. އެ ފްލެއަރ އަކީ ވަރަށް މައްޗަށް އަރާ އައްޔެކެވެ. ލޯންޗްގެ ހުރިހާ އެންމެންވެގެން، ރަނގަޅަށް އުދަރެސް ބަލަންތިބޭށެވެ. އަދި ފްލެއަރގެ އަލި ފެނުނު ދިމާލެއް އަންގާށެވެ!
ހަތެއްޖަހަން މާ ގިނައިރެއް ނެތެވެ. އެންމެން ތަންތަނުގައި ހިފަހައްޓައިގެން ލޯންޗްގެ ވަށައިގެން އެތުރިލައިފިއެވެ. އަޅުގަނޑުވެސް މާލިމީ ކައިރީގައި ހުރީމެވެ. މާލިމީ ހުންނެވީ، ސީބީ ސެޓުން ވާހަކަ ދައްކަވާށެވެ. މާލެއިން އެންގި ގޮތުން ލ. އަތޮޅުގައި އޮތް ބޯޓުން ފޮނުވައިލާ އަލި، ގާތްގަނޑަކަށް ފަސް މިނިޓް ވަންދެން ދިއްލިފައި ހުންނާނެއެވެ. ފަސް މިނިޓަކީ، އެހާ މައްޗަށް އަރާ އައްޔެއް ހޯދައިލުމަށް މަދު ވަގުތުކޮޅެއް ނޫނެވެ. ޓީ.ސީ.ޑީ އާއި ލ. އަތޮޅުގައި އޮތް ބޯޓާ ހުރީ ގުޅިފައެވެ. ވަގުތު ޖެހެން ކައިރިވުމުން ސީބީ ސެޓުން ގޮވަމުން ގޮސް، އެންމެފަހުގެ ކައުންޓް ޑައުން ފެށިއްޖެއެވެ. 05………….04………..03……….02……….01……….00….
ހުރިހާ އެންމެން ވަށައިގެން ހޯދަންފަށައިފީމެވެ. އުދަރެސް ކައިރިން އެއްވެސް ކަހަލަ އަލިކަމެއް މައްޗަށް އަރާތަން ފެނޭތޯ އަޅުގަނޑުވެސް ފަރާތްފަރާތް ބަލަމުން ގެންދިޔައީމެވެ. ހުރިހާ ފަޅުވެރިންވެސް ލޯންޗްގެ ބޭރުގައި ހިފަހައްއްޓައިގެން ތިބެ، ވަށައިގެން ހޯދަމުން ގެންދިޔައެވެ.
ގާތްގަނޑަކަށް މިނިޓެއްހާއިރު ވީއިރުވެސް އެއްވެސް އައްޔެއް ނުފެނެއެވެ….
އެއް މިނިޓް ދެ މިނިޓަށް ވެއްޖެއެވެ. އަދިވެސް ހަމަ އެންމެން އުދަރެސް ކައިރިން އައްޔެއް ފެނޭތޯ ހޯދަނީއެވެ. އުޑުމަތި ހަމަ ބަނައެވެ. އާންމުކޮށް ރާއްޖޭގެ އިރުއޮއްސޭ މަންޒަރުގެ އެއްވެސް އަސަރެއް ނެތެވެ. ވަށައިގެން ވަނީ، ވިލާތަކުން އުދަރެސް ބެދިފައެވެ. އެހެން އޮތް ޖައްވެއްގެ ތެރެއަށް ކައިރިން އައްޔެއް މައްޗަށް ފޮނުވައިލައިފިނަމަ، ވަރަށް ރީއްޗަށް ފެންނާނެ ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް، ލ. އަތޮޅުގައި އޮތް ބޯޓުން މައްޗަށް ފޮނުވި ފްލެއަރގެ އަލި އަޅުގަނޑުމެންގެ ލޯންޗް ސިލްވަރބީމްގެ އެއްވެސް ފަޅުވެރިއަކަށްވެސް އަދި މާލިމީއާއި އަޅުގަނޑަކަށްވެސް ނުފެނުނެވެ.
މާލޭގައި އޮޕަރޭޓަރަކަށް އިންނެވީ، އަޅުގަނޑުމެންގެ މާލިމީގެ ދަނބިދަރިކަލުންނެވެ. އޭނާގެ ވިންދުވެސް އަޅުގަނޑުމެންގެ ހާލަތާ އެކު ބަދަލުވަމުންދާކަން، ދައްކަވާ ވާހަކައިން ދޭހަވެއެވެ. ލ. އަތޮޅުން ފޮނުވާލި އަލި، ފެނޭތޯ ބަލަންތިބެ ފަސް މިނިޓް ވީމާ، މާލިމީ ސެޓުން އެންގެވީ އެއްވެސް އައްޔެއް ނުފެނުނު ކަމުގައެވެ.
"ކޮއްތުދަރު ބޯފެން" ހުސްވެ އަޅުގަނޑުމެން ބެހިފައި
ހުސް ވަގުތު ކޮޅެކެވެ. މާލެއިން ބުނީ "ބައްޕަމެންގެ ލޯންޗް ތިވަނީ ވަރަށް ދުރަށް ސޮއްސައިލައިފައޭ" އެވެ. ދިޔައީ ކޮން ދިމާއަކަށް ކަމެއް ނޭނގެއެވެ. ލ. އަތޮޅުން ފޮނުވާލި ފްލެއާރަކީ، 50 މޭލު ދުރަށް ފެންނަންވާނެ އައްޔެއް ކަމުގައި ޓީސީޑީން އަޅުގަނޑުމެނަށް މައުލޫމާތު ދެއްވިއެވެ.
އަޅުގަނޑުގެ ޙާލު ދަންނަވާކަށް ނޭނގެއެވެ. ސިކުނޑީގައި އެކައްޗެއްވެސް ހުރިހެނެއް ހިއެއް ނުވެއެވެ. މިއީ، އަޅުގަނޑަށް އެނގޭ ކަންތައްތަކެއް ނޫނެވެ. އަޅުގަނޑުމެން ބެހުނީއެވެ! ބެހުނީ ކޮން ދިމާއަކަށް ކަމެއް، ބަޔަކަށް އަޅުގަނޑުމެން ފެންނާނެ ކަމެއް، ހިކިފަސް ތަނެއް އޮތީ ކޮން ހިސާބެއްގައި ކަމެއްވެސް އަޅުގަނޑަކަށް އެނގެނީއެއް ނޫނެވެ.
އެންމެން އެތެރެއަށް ވަދެ، ސީބީ ސެޓަށް ކަންފަތް ދިއްކޮށްގެން ދެން ހަދާނެ ގޮތެއް ނޭނގިފައި ތިބީއެވެ.
ލޯންޗްގައި ތެލެއް ނެތެވެ. އެއް އިންޖީނު މިހުރީ ހަލާކުވެފައެވެ. ކާއެއްޗެއްވެސް ހުރިކަމާ ދޭތެރޭ ޝައްކެވެ. ދަތުރު ނިންމައިލައިފައި މާލެ ދަނިކޮށް މި ޙާދިސާ ދިމާވީމާ، މުޅި އޮޑިން މިވަނީ، "ކޮއްތުދަރު ބޯފެން" ހުސްވެފައެވެ. އެންމެ ކަންބޮޑުވާ ކަމަކީ، އިންޖީނަށް ދިމާވެފައިވާ ޙާލެވެ.
މާލެއިން ވިދާޅުވީ މިހާރު އަޅުގަނޑުމެން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. މަތިންދާބޯޓް ފޮނުވާ ކަހަލަ ވާހަކައެއްވެސް ދެކެވެމުން ދާކަމުގައި މާލެއިން ޚަބަރު ލިބުނެވެ. ހަމަ އެއާއެކު، މަތިންދާ ބޯޓަކީ، ކުޑަ ބޯޓަކަށް ވެފައި، ކަނޑުމަތީގައި ބަޔަކު ހޯދަން ދަތުރުކުރެވޭނެ ބޯޓެއް ނޫން ކަމަށާއި، މިހާރު އަޅުގަނޑުމެން ތިބޭނެ ކަމަށް ލަފާކުރެވޭ ހިސާބަށް އައިސްފައި އަނބުރާ ދެވޭހާ ތެލެއް ބޯޓުގައި ނުހުންނާނެ ކަމަށް ދެކެވޭ ވާހަކަތަކެއްވެސް އިވެއެވެ. މަތިންދާބޯޓް (އެ ދުވަސްވަރު ގެންގުޅުނު ސެނެކާ މަރުކާގެ ކުޑަ ބޯޓެއް) ފޮނުވުމަކީ، ދެބައިމީހުންގެ ފުރާނައާ ގުޅިފައިވާ ކަމެއްކަމުގައި ޚަބަރު ލިބެއެވެ. މި ޚަބަރުތައް މިހާ ތަފުޞީލުކޮށް އަޅުގަނޑުމެނަށް ލިބެނީ، އޮޕަރޭޓަރަށް އިންނެވީ މާލިމީގެ ދަރިފުޅަކަށް ވާތީއެވެ.
އަޅުގަނޑުގެ ހަށިގަނޑުން ވަރު ހުސްވެއްޖެއެވެ. މަޑުމަޑުންގޮސް އެނދުގައި ޖައްސާލައިފީމެވެ. މާލިމީ އާއި އިންޖިނޭރު އިސްމާއީލް މަނިކު ފިޔަވާ އެހެން މީހުންވެސް، އެމީހަކު ތިބިތަނަކަށް ތިރިވެއްޖެއެވެ. މާލިމީ ހުންނެވީ، ހުންގާނުގައެވެ. ސީބީ ސެޓްގެ މައިކް ހިއްޕަވައިގެންނެވެ. އިސްމާއިލް މަނިކު އޭނާގެ ގޮނޑީގައި އިންނެވިއެވެ.
އަނެއްކާވެސް އެއްކަލަ ކިނބިދޫ ޙުސޭނު، ކަޅުސައިތައްޓެއް ހިފައިގެން އަޅުގަނޑު ކައިރިއަށް އަތުވެއްޖެއެވެ. އޭނާ ސައިކައްކަނީ، ސައިކުރާ އުނދުނާ ދިމާގައި އަތުން ހިފަހައްޓައިގެން ހުރެގެންނެވެ. އުނދުންމަތީ ބެހެއްޓޭވަރެއް ނޫނެވެ. ލޯންޗް ފުރޮޅާވަރުންނެވެ. "މިރޭ ނުވެސް ކެއްކުނެވެ." އޭނާ ބުންޏެވެ. އެއްވެސް މީހަކު ކާކަށް ނުވެސްއުޅެއެވެ.
އަނެއްކާވެސް ސައިތަށި ހިފައިގެން އަޅުގަނޑު ވީލްހައުސް ތެރެއަށް ނުކުމެއްޖައީމެވެ.
މަތިންދާބޯޓް ކުއްޔަށް ހިފުމުގެ ޚިޔާލު
އަޅުގަނޑުގެ ސިކުނޑީގައި ފާޑެއްގެ ޚިޔާލެއް އެނބުރޭތީ، މާލިމީއާ މަޝްވަރާކޮށްލާން ހިތަށްއެރައެވެ. އަޅުގަނޑުގެ ވަޒީފާގެ ގޮތުން، ރޭޑިއޯއިން ކިޔާ ކޮންމެ އެއްޗެއް ޗެކްކުރަންޖެހޭ މީހަކީ، އަޅުގަނޑެވެ. މިދަތުރު މާލެއިން ފުރި ދުވަހުގެ ކުރީ ދުވަހު، އަޅުގަނޑު ޗެކްކުރަން ގެނައި ތަކެތީގެ ތެރޭގައި އޮތް އިޢުލާނެއް އަޅުގަނޑުގެ ސިކުނޑިއަށް އުނދަގޫ ކުރަންފެށިއެވެ. އެ އިއުލާނުގައި އޮތީ، ސެނެކާ ބޯޓް ކުއްޔަށް ދަތުރުކޮށްދޭ ވާހަކައާއި އެކަންކޮށްދޭ އަގުތަކެވެ. މިކަން ހަނދާންވުމާއެކު، އަޅުގަނޑުގެ ސިކުނޑީގައި އެނބުރެންފެށީ، ސެނެކާ ބޯޓް ކުއްޔަށް ހިފޭނެކަމުގައެވެ. ދެން ކުރަންވީ އެއްވެސް ކަމެއް، ހަދަންޖެހޭނެ ގޮތެއްވެސް ހިތަކަށް ނާދެއެވެ.
އަޅުގަނޑަށް ޔަގީންވީ، ނުއެނގުމުގެ ތެރެއަށް ގެއްލެމުން މިދާ އަޅުގަނޑުމެންގެ ފުރާނަތައް ސަލަމާތުގެ އައްސޭރިއަކަށް ގެންދެވޭނެ ހަމައެކަނި ވާފަށަކީ، ސެނެކާ ބޯޓްކަމެވެ.
އަޅުގަނޑު މި ޚިޔާލު މާލިމީއަށް ކިޔައިދީފީމެވެ. މާލިމީ ބުނުއްވީ ތިޔައީވެސް މަސައްކަތް ކޮށްލުން ރަނގަޅު މަގެއް ކަމުގައެވެ. އެކަމަކު ދެން އަޅުގަނޑުމެނަށް ކުރިމަތިވި އަނެއް ގޮންޖެހުމަކީ، ބޯޓަށް ދައްކަންޖެހޭ ކުލި ދައްކާނެ ގޮތަކާ މެދުގައެވެ.
ގެ ވިއްކައިލައިގެން ނަމަވެސް ފުރާނަ ސަލާމަތްކުރަން ބޭނުން
އަޅުގަނޑު މާލިމީއަށް ދެންނެވީ، އަޅުގަނޑުގެ ގެ ވިއްކައިލައިގެން ނަމަވެސް، އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރަން އަޅުގަނޑުގެ ޢާއިލާއިން ބޭނުންވާނެ ކަމުގައެވެ. އެކަމުގެ އެއްވެސް ޝައްކެއް ނެތެވެ. ހަގީގަތުގައި އަޅުގަނޑަކީ، އެއްވެސް ގެއެއް ގެދޮރެއް ހުރި މީހެއްނޫނެވެ. ނަމަވެސް، އަޅުގަނޑުގެ ބައްޕަގެ ގޯތި މ. ތިބުރޯޒުގެ، އަޅުގަނޑުގެ ފުރާނައިގެ ބަދަލުގައި ދޭން، އަޅުގަނޑުގެ ޢާއިލާއިން ތައްޔާރަށް ތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އޮތެވެ.
މާލެއަށް މެސެޖެއް ފޮނުވަން ތައްޔާރުކުރަން ފަށައިފީމެވެ. މެސެޖް ޑްރާފްޓްކުރީ އަޅުގަނޑެވެ. މާލިމީވެސް ބުނުއްވީ، ތިމަންނާގެ އަމިއްލަގެވެސް ވިއްކާލަން ޖެހިއްޖިއްޔާ ވިއްކާލަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަޅުގަނޑު މެސެޖް ޑްރާފްޓް ކޮށްފީމެވެ. އަޅުގަނޑުގެ މެސެޖް އަކުރުން އަކުރަށް ހަނދާން ނެތް ކަމުގައި ވީނަމަވެސް، މެސެޖްގެ މައިގަނޑު މަފްހޫމްއަކީ މިއީއެވެ.
"އަޅުގަނޑުމެންގެ ފުރާނަ ސަލާމަތްކުރުމަށް، ސެނެކާ މަތިންދާ ބޯޓްގެ އެހީތެރިކަން ހޯއްދަވައި ދެއްވާށެވެ! މިކަމަށް ޚަރަދެއް ދާކަމުގައި ވާނަމަ، އަޅުގަނޑުމެންގެ ގެދޮރު ވިއްކާފައި ނަމަވެސް، އަގު އަދާކުރާނަމެވެ!"
އެ މެސެޖް އަޅުގަނޑުމެން ފޮނުވަން އެދުނީ، ހަތަރު ފަރާތަކަށެވެ. އެއީ، މިދަތުރާ އެންމެގާތުން މަސައްކަތްކުރައްވާ ދެ މިނިސްޓްރީއަށާއި، ރޭޑިއޯ މޯލްޑިވްސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޞާޙިބުއްދައުލާ އިބުރާހިމް ނާޞިރު އަށެވެ.
މެސެޖް ފޮނުވި ތަންތަނަކީ:
- ރައީސުލްޖުމްހޫރިއްޔާ ޞ. ދ. އިބްރާހިމް ނާޞިރު
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން
- ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ
- ރޭޑިއޯ މޯލްޑިވްސް
އަޅުގަނޑު މެސެޖް ޑްރާފްޓްކޮށްފައި މާލިމީއަށް ދައްކައިލުމުން، ރަނގަޅު ކަމުގައި ބުނުއްވިއެވެ. އަދި މާލޭގެ އޮޕަރޭޓަރަށް މެސެޖް ފޮނުއްވީ މާލިމީއެވެ. މެސެޖް ފޮނުވައިލުމަށްފަހު، ދެން ތިބީއެވެ. ލޯންޗްގެ ތެރޭގައި އެއްވެސް ރޫޙެއްނެތެވެ. ކޮންމެ މީހަކުވެސް ގޮތްހުސްވެ، ވާނުވާ ނޭނގޭ ޙާލެއްގައި މިނިޓްތައް ގުނަމުން ދަނީއެވެ.

އެންމެ ބޮޑަށް މާޔޫސްވާން ދިމާވީ، އަޅުގަނޑުމެން ހޯދުމަށް މަތިންދުއްވާބޯޓް ފޮނުއްވުމާ ބެހޭގޮތުން މާލެއިން ލިބުނު ޚަބަރުންނެވެ. އެވަރުގެ ބޯޓެއްގައި، ސިލްވަރބީމް ހޯދަން ދަތުރުކުރުމަކީ، ދެބައިމީހުންގެ ފުރާނަވެސް ގެއްލިދާވަރުގެ ކަމެއް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އެރޭގެ ހަތަރުދަން ލޯންޗްގެ ތެރޭގައި އަޅުގަނޑުމެން ހޭދަކުރި ގޮތް ދަންނަވާކަށް ނުވެސް އެނގެއެވެ. ކަނޑު، އެހާ ގަދައެވެ. ރާޅު އެހާ ބިޔައެވެ. ވައި އެހާ ގަދައެވެ. ރާޅުތަކާއެކު ސިލްވަރބީމް ދަނީ ކޮން ދިމާއަކަށްކަން ވެސް އެނގެނީއެއްނޫނެވެ. މާލެއާ ދިމާލަށް ލޯންޗްގެ ކުރި ބަހައްޓައިގެން، މަޑުމަޑުން ބެހެނީއެވެ. ނަޞީބު ރަނގަޅުކަމުން، ލޯންޗް އަދި ހުރީ ފެންމަތީގައެވެ.
މާލޭގައި ތިބި އަޅުގަނޑުގެ އަނބިދަރިންގެ މަތިން ހަނދާންކުރުމުގައި، ނިތްކުރިމަތީ އަތްބާއްވާލައިގެން އަޅުގަނޑުވެސް އަޅުގަނޑުގެ ބަންކްގައި އޮތީއެވެ. އަޅުގަނޑުމެން އުޅެނީ، ވިއްސާރައިގައި ބެހިގެންކަން އާއިލާއަށް އެނގިއްޖެނަމަ، އެމީހުނަށް ވާނެގޮތެއް އަޅުގަނޑުގެ ހިތަށް އަރުވަންވެސް ނޭނގެއެވެ. އަޅުގަނޑުގެ އަނބިދަރިންނާ ދެން ބައްދަލުވާނެ ކަމެއްވެސް ނޭނގެއެވެ! މާތް ﷲ އާ ވަކީލު ކޮށްލައިގެން، ދަންނަހާ ހެޔޮ އެއްޗެއް ކިޔާލަކިޔާލަ އޮތީއެވެ.
"އިތުރު ރަށަކަށް މަޑުކޮށްލާ، ރޭޑިއޯއަށް ބޭނުންވާނެ އެއްޗެއް ހޯދައިލެވޭނެގޮތްވެސް ނުވީތާއެވެ! މިނިސްޓަރު އަރިހުގައި ދެވުނުނަމަ……"
ސިނކުޑީގައި އެނބުރެމުންދާ ޚިޔާލާއި ފިކުރުތަކުގެ ތެރޭގައި އަޅުގަނޑަށް ނިދުނީތާއެވެ! އަޅުގަނޑަށް ހޭލެވުނީ، އަނެއްކާވެސް ހުސޭނު ސައިތައްޓެއް ހިފައިގެން އައިސް ގޮވާލީމައެވެ. ހެނދުނު ވެއްޖެއެވެ. ވާރޭއެއް ނުވެހެއެވެ. ނަމަވެސް ދުނިޔެމަތި އޮތީ ބަނަކޮށެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި ލޯންޗް އޮތީ ފުރޮޅަފުރޮޅައެވެ.
އަނެއްކާވެސް ސައިތަށި ހިފައިގެން ނިކުމެ، މާލިމީމެން ކައިރީގައި ބޭރުގައި ޖައްސާލީއެވެ. ތަނެއް ފެންނާނެ ކަމުގެ އެއްވެސް އުންމީދެއްނެތެވެ. ނަމަވެސް، ކޮޅަށް ތެދުވެ ވަށައިގެން ބޭރު ހޯދާލީމެވެ. ހަތަރު އުދަރެސް ފެނުޖެހިފައި އޮތުމަކީ، މިއީ ބާވައެވެ؟ ވަށައިގެން އުދަރެސް ވަނީ، ބަނަވެފައެވެ. އުދަރެހާއި ކަނޑާ ވަކިވަނީ، ކަނޑުން އުފުލެމުން އަންނަ ބިޔަ ރާޅުތަކުގެ ސަބަބުންނެވެ. އުދަރެސް މިވަނީ، ފެނުޖެހިފައެވެ.
ސިލްވަރބީމް ހޯދަން މަތިންދާބޯޓް ފޮނުވަން ހަމަޖެއްސެވުން
ސީބީ ސެޓުވެސް ހިމޭން ވަގުތުކޮޅެކެވެ. މާލިމީ އާއި އިންޖިނޭރު އިސްމާއިލް މަނިކު މޭޒު ކައިރީގައި ތިއްބެވިއެވެ. ހުންގާނުގައި މިވަގުތު ހުންނެވީ، އުނގުލު އިބްރާހިމްފުޅެވެ. އަޅުގަނޑާ އެކުގައި ކަހަލަ ގޮތަކަށް ކިނބިދޫ ހުސޭނުވެސް، އެތަނަށް އަތުވެއްޖެއެވެ.
ހުސޭނު ކައިރީގައި މާލިމީ އެއްސެވީ، ކެއުމާ ބެހޭ ސާމާނު ކިހާ ދުވަހަކަށް ހިފޭއްޓި ދާނެތޯއެވެ. ހުސޭނު ބުނީ، ހަނޑޫކޮޅާއި ހަކުރުކޮޅުވެސް ހުރީ ހުސްވުމަކާ ދާދި ގާތްވެފައި ކަމުގައެވެ. ލައިގެންކާނެ އެކައްޗެއްވެސް ނެތްކަމުގައި ހުސޭނު ބުންޏެވެ.
ކުއްލިއަކަށް ސީބީ ސެޓުން ގޮވަން ފަށައިފިއެވެ. "ސިލްވަރ ބީމް، ސިލްވަރ ބީމް، ސިލްވަރ ބީމް." ގެ މިޔުޒިކީ އަޑެވެ. މިގޮވަނީ، ޓީސީޑީންނެވެ. އަޅުގަނޑުމެން ހޯދަން ސެނެކާ ބޯޓް ފޮނުވަން ހަމަޖެހިއްޖެ ކަމަށާއި، މިހާރު ބޯޓް ނައްޓާލަން ތައްޔާރުވާކަމުގެ ޚަބަރެވެ.
އަޅުގަނޑުމެން އެންމެނަށްވެސް ހީވީ، އަލުން ދުނިޔެއަށް އާދެވުނު ހެންނެވެ. ނިވެމުންދިޔަ އުންމީދުގެ ހުޅުކޮޅު އަލުން އުޖާލާކަމާއެކު ދިއްލެން ފަށައިފިއެވެ.
ޓީސީޑީން އަދި އެހެން އެންގުމެއްވެސް އެންގެވިއެވެ. ސީބީ ސެޓުން، މަތިންދާބޯޓާ ވާހަކަ ދައްކާނީ، ބަދުރުކަމުގައި ވިދާޅުވެއްޖެއެވެ. ސަބަބަކީ، މަތިންދާބޯޓް ދުއްވަން އިންނާނީ، ކެޕްޓަން ބައްލާ ކަމުގައި ވިދާޅުވިއެވެ. ކެޕްޓަން ބައްލާއަކީ، ސްރީލަންކާ ބޭކަލެކެވެ.
ކޮންމެއަކަސް އެވަގުތުން ފެށިގެން މާލިމީ، އަޅުގަނޑާ ސީބީ ސެޓް، ހަވާލު ކުރައްވައިފިއެވެ. ވާހަކަ ދައްކަންވީމާ ހަދަންވާ ގޮތާއި، ވާހަކަ ދައްކާ ނިމުނީމާ ބުނަންވާ އެއްޗެއްވެސް މާލިމީ ބުނުއްވައި ދެއްވައިފިއެވެ. އަޅުގަނޑަށް ނޭނގޭނިތީއެއް ނޫން ކަމުގައި ބުނުއްވިއެވެ. ނަމަވެސް ޕްރޮސީޖަރ ފުރިހަމަ ކޮށްލެއްވީއެވެ. ސީބީ ސެޓުން ގޮވާއަޑު ފިޔަވާ އެހެން އަޑެއް އިވެނީއެއް ނޫނެވެ. އެހެންވީމާ، އަޅުގަނޑުވެސް އެކަމަށް ފިސާރި ފަރިތައެވެ.
އިސާހިތު ސެނެކާ ބޯޓުން ގޮވަންފަށައިފިއެވެ. ސިލްވަރބީމުން ޖަވާބުދެނީ އަޅުގަނޑެވެ. ބޯޓުން ބުނީ، އަދި ހުޅުލެއިން މި ފުރީ ކަމުގައެވެ. އަޅުގަނޑުމެން ތިބި ހިސާބުކަމަށް ލަފާކުރާ ހިސާބަށް އާދެވޭނީ، އިރުކޮޅަކުން ކަމަށާއި، މިހާރުއްސުރެ ސަމާލުވެގެން ތިބުމަށެވެ.
އަޅުގަނޑުމެންގެ ހިތްވަރު ވަރަށް ގަދަވެއްޖެއެވެ. ދިވެހި ސަރުކާރުން އަޅުގަނޑުމެންނާ ދޭތެރޭ ބެހެއްޓެވި އޯގާތެރިކަމާއި، މަތިންދާބޯޓް ފޮނުއްވައިގެން އަޅުގަނޑުމެން ފެނޭތޯ ބައްލަވަމުން ގެންދަވާ ގެންދެވުމަށް، ސިލްވަރބީމްގައި ތިބި އެންމެން ޝުކުރުވެރިކަމާއެކު، އުފަލުން ތަރުޙީބުދިނެވެ.
ރޭޑިއޯ ސެޓުން އަނެއްކާވެސް ގޮވަން ފަށައިފިއެވެ. މިފަހަރު ގޮވަނީ، އިނގިރޭސި ބަހުންނެވެ. މާލިމީ މުޙަންމަދު މަނިކު، އަޅުގަނޑަށް އިޝާރާތް ކުރައްވާފައި ޖަވާބުދިނުމަށް އެދިލެއްވުމުން އަޅުގަނޑު ސީބީ ސެޓާ ހަވާލުވެއްޖައީމެވެ.
ބޯޓުން ގޮވަނީ ކެޕްޓަން ބައްލާއެވެ. އޭނާ ބުނީ، މިހާރު ހުވަދޫކަނޑު މަތިން ބޯޓް ދަތުރުކުރަމުންދާ ވާހަކައާއި، އަޅުގަނޑުގެ އަޑު ލިބޭލެއް ބާރުކަމުން، އަޅުގަނޑުމެނަށް މިހާރު މަތިންދާބޯޓް ފެންނަންޖެހޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. ނަމަވެސް ހިތާމައަކީ، އަޅުގަނޑުމެން ބޯޓްގައި ތިބި އެކަކަށްވެސް، ބޯޓެއް ނުފެނެއެވެ. އަދި ބޯޓުގެ އަޑެއްވެސް ނުއިވެއެވެ. އަޅުގަނޑު ހުރީ ހަމަ ސީދާ ބޯޓްގެ ކުރިއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
މަތިންދާބޯޓެއް ސިފައިގައި ފެނުނީ ދޫންޏެއް!
ކުއްލިއަކަށް އަޅުގަނޑަށް ދުރުން، ވަރަށް ކުޑަކޮށް ބޯޓް ފެނިއްޖެއެވެ. އަންނަނީ، ވަރަށް ތިރިން ސީދާ އަޅުގަނޑުމެނާ ދިމާއަށެވެ. އަޅުގަނޑު އަތުގައި އޮތް މައިކްގެ ބަޓްން އަށް ފިއްތާލާފައި "އައި ކޭން ސީ! އައި ކޭން ސީ!" އޭ ދެ ފަހަރަކު ގޮވާލައިފީމެވެ. އުފަލުން މާލިމީއާ ދިމާލަށް ބަލައިލާފައި، ދެން ކުރިމައްޗަށް ބަލައިލިއިރު، ބޯޓު ގެއްލިއްޖެއެވެ.
ބޯޓް އަޅުގަނޑުމެނަށް ފެނުނީ ކޮން ދިމާއަކުންތޯ އާއި، ކިހާ އުސްމިނަކުންތޯ، މަތިންދާބޯޓުން ކެޕްޓަން ބައްލާ ސުވާލު ކުރަން ފަށައިފިއެވެ. މަޑުކޮށްލާށޭ ކިޔާފައި، އަނެއްކާވެސް އަޅުގަނޑުމެންގެ ބޯޓުގެ ކުރިމަތިން އުދަރެހަށް ސަމާލުވެ ބަލަން ފަށައިފީމެވެ.
ކުއްލިއަކަށް ފެނުނީ، އަޅުގަނޑަށް ކުރިން މަތިންދާބޯޓް ފެނުނު ދިމާލުން، ކަނޑުން ދޫންޏެއް އުދުއްސައިގެންދިޔަ ތަނެވެ. މި ހިސާބުން އެނގުނީ، ކުރިން އެފެނުނު ބޯޓަކީ ވެސް މިފެނުނު ދޫނިކަމެވެ. މަތިންދާބޯޓް އެހާ ތިރިން ނާންނާނެކަން ވެސް އެނގުނީ، ދެނެވެ.
"ސޮރީ ސަރ! އިޓް ވޯޒް އަ ބާރޑް!" އަޅުގަނޑު މައިކުން ކެޕްޓަން ބައްލާއަށް ބުނެދިނީމެވެ.
ކެޕްޓަން ބައްލާ ވަރަށް އޯގާވެރިކޮށް ބުންޏެވެ.
"އޯކޭ! ނެކްސްޓް ޓައިމް މޭކް ޝުއަރ އިޓް އިޒް ނޮޓް އަ ބާރޑް!"
ކޮންމެއަކަސް މަތިންދާބޯޓްގެ އެ ބުރުގައި އަޅުގަނޑުމެނެއް ނުފެނުނެވެ. އިރުކޮޅަކުން މަތިންދާބޯޓުން ގޮވާފައި ބުނީ، އެމީހުން ތެޔޮ އަޅަން ސ. ގަމަށް ދަނީ ކަމުގައެވެ. ތެޔޮ އަޅައިގެން އަންނާނަމޭވެސް ބުންޏެވެ.
އަޅުގަނޑުގެ ދަތުރުގެ އަނެއް ބައިވެރިންނާއި މުޙަންމަދު ޒާހިރު ޙުސޭން، ދަތުރު ކުރައްވަމުން ގެންދަވާ މަސް ބޯޓް "ސޫގޮންގ 303″ ވެސް މިހާރު ސިލްވަރބީމް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމެއް އަޅުގަނޑުމެނަކަށް ނޭނގެއެވެ. އަޅުގަނޑުމެންގެ ލޯންޗާއި އެ ބޯޓާ އެއްވެސް ގުޅުމެއް ނެތީމައެވެ.
ޙުސެން މުޙަންމަދުގެ ފަރާތުން ފަހުން އެނގުނު ގޮތުގައި، ސިލްވަރބީމްގެ ސީބީސެޓްގެ އަޑު ސާފުކޮށް "ސޫގޮންގޮ 303″ އަށް ލިބެއެވެ. އެހެންކަމުން، މަސްބޯޓް ދަތުރުކުރަމުން އަންނަނީ، ސީދާ އަޅުގަނޑުމެނާ ދިމާއަށެވެ. މިކަމެއް އަޅުގަނޑުމެނަކަށް ނޭނގެއެވެ. އެ ބޯޓްގައި ހުރި ޑައިރެކްޝަން ފައިންޑަރެއްގެ އެހީގައެވެ.
މަތިންދާބޯޓް ތެޔޮ އަޅަން ގަމަށް ދާން އަނބުރާލުމުން އަނެއްކާވެސް، އަޅުގަނޑުމެން ކުރިން ތިބި ޙާލަތަށް އެނބުރި އައީއެވެ. އެކި މީހުން އެކިތަނަށް ތިރިވެއްޖެއެވެ.
އަޅުގަނޑުވެސް، ސިލްވަރބީމްގެ ފަހަތުގައި ބަހައްޓާފައި ހުރި ގޮނޑީގައި ޖައްސާލީއެވެ. ސިނކުޑީގައި އެނބުރެނީ، މަތިންދާބޯޓެވެ! އަޅުގަނޑުމެންގެ ސަލާމަތް އޮތީ، ހަމަ މި މަތިންދާ ބޯޓް އައިސްގެން ކަމުގައި ހިތަށް އަރަނީއެވެ. އަދި ދޫންޏެއް ފެނިގެން މަތިންދާބޯޓް ކަމަށް ހީވި ހީވުން، ހަދާންވީމާ ކުޑަކޮށް ހިނިވެސް އާދެއެވެ. ނަމަވެސް އަޅުގަނޑުވެސް އިނީ، ހަމަ އެހެން ފަޅުވެރިންނެކޭ އެއްފަދައިން، ހެދޭނެ ގޮތެއް، ހަދާނެ ގޮތެއް ނޭނގި، ގޮތްހުސްވެފައެވެ.
ވަށައިގެން އުދަރެސް ބަލައިލީމެވެ. އަޅި ކުލައިގެ އުޑަކާއި ކައިރިން ނޫކުލަ މަޑުމަޑުން ދުރުން ކަޅުކުލައަށް ބަދަލުވެފައިވާ މާސިންގާ ކަނޑެވެ. މިހާރު ދޫންޏެއްވެސް ނުފެނެއެވެ. ކަނޑުގެ ބިޔަ ރާޅުތައް ފިޔަވައި، ދެން އިވޭހާވެސް އަޑަކީ، ސިލްވަރބީމްގެ ފައިބަރ ހަލް، ކަނޑުގެ ރާޅުތަކުގައި ކޭއްތެމުން މަޑުމަޑުން ކުރިއަށްދާ އަޑެވެ. އިންޖީނުގެ އަޑު މަޑުމަޑުން ދުރުން އިވެއެވެ. އެ އަޑަށް ހޭނިފައި ހުރުމުގެ ސަބަބުން، އެ އަޑު ވެފައިވަނީ، ބެކްގްރައުންޑް އަށެވެ.
އަނބިދަރިންނާއި ޢާއިލާގެ މަތިން ހަދާންކޮށްލަކޮށްލާ އިނީއެވެ. މަތިންދާބޯޓް ތެޔޮއަޅައިގެން އަންނާނީ ކިހާއިރަކުންބާވައޭ ހިތަށް އަރުވައިލަ އަރުވައިލާ، އެ ބޯޓްގެ އިންތިޒާރުގައެވެ.
ގޮނޑީގައި އިނދެފައި، ލޯންޗްގެ ފަހަތަށް އަނެއްކާވެސް ބަލައިލީމެވެ.
ކުނބެއް ކަހަލަ އެއްޗެއް ކަނޑުތެރެއިން ފެނުން
ފަހަތުން، ކުނބެއް ކަހަލަ އެއްޗެއް ފެނުނުހެން ހީވިއެވެ. އެކަމަކު ދެރާޅު ދޭތެރެއިން ގެއްލިއްޖެއެވެ. އެ ފެނުނު އެއްޗެއް އަޅުގަނޑަށް ފެނުނީ، ގާތްގަނޑަކަން ކައިވަތެއްހާ އުސްމިނުގައެވެ. އަނެއްކާ، ދޫންޏެއް ފެނިގެން މަތިންދާ ބޯޓްކަމަށް ހީވި ގޮތަށް، އެއްޗެއް ފެނުނީބާވައެވެ؟ އަޅުގަނޑުމެން އެންމެންގެ ސިނކުޑިތައްވެސް މިވަގުތު މިވަނީ، ވަރަށް ޕްރެޝަރުގައެވެ. ސިނކުޑިއަށް ވަރަށް ތަފާތު ގޮތްގޮތަށް އެއްޗިހި މިހާލަތުގައި ފެނިދާނެއެވެ! މިފަހަރު އެހެން މީހެއް ކައިރީގައި ބުނާނީ، ރަނގަޅަށް ޔަޤީންވީމައެވެ.
އަޅުގަނޑު ހަމަ ކަޅި ޖަހާވެސްނުލާ، ލޯންޗްގެ ފަހަތުން އުދަރެހާ ދިމާއަށް ބަލަން އިނީމެވެ. އުޑުމަތި އޮތީ ބަނަކޮށްކަމުގައި ވީ ނަމަވެސް، މެންދުރު ފަހުގެ ވަގުތެއް ކަމުން، ވަރަށް ދުރުން އުދަރެސް ފެނެއެވެ.
އަނެއްކާވެސް، އެއްކަލަ ކުނބު، ކަމަށް އަޅުގަނޑަށް ހީވި ދަނޑިކޮޅު ފަހަތުން ފެނިއްޖެއެވެ. މިފަހަރު ތަންކޮޅެއް އުސްހެން ހީވިއެވެ. އަޅުގަނޑު އެއްޗެކޭ ނުބުނެ، ލޯންޗްތެރެއަށް ބަލައިލިއިރު، މާލިމީވެސް ހުންނެވީ، އެދިމާ ބައްލަވާށެވެ. އެ ފެންނަނީ ކޮން އެއްޗެއްތޯ އަޅުގަނޑު މާލިމީއަށް ދަންނަވާލީމާ، ބުނުއްވީ ހީވަނީ، ކަނޑުބޯޓެއްގެ ކުނބުހެން ކަމަށެވެ. އެކަމަކު އަދި ޔަގީނެއް ނުވެއެވެ.
ކޮންމެއަކަސް، މާލިމީ އަށްވެސް ހަމަ އެގޮތަށް ހީވެލެއްވީމާ، އަޅުގަނޑު ވަރަށް ހިތްހަމަޖެހުނެވެ. މިފަހަރު ދެމީހުންނަށް އެއްގޮތަކަށް އެކައްޗެއް ފެނުނީތީއެވެ. ލޯންޗްގެ ހުރިހާ ފަޅުވެރިންވެސް މިހާރު އެފެންނަ އެއްޗަކަށް ބަލަންފަށައިފިއެވެ. އެންމެނަށްވެސް އެ އަންނަނީ، ކަނޑުބޯޓެއްކަން ޔަގީންވާވަރަށް ސިފަ ފެންނަން ފަށައިފިއެވެ.
އެބޯޓް އަންނަނީ، ސީދާ އަޅުގަނޑުމެންގެ ލޯންޗާ ދިމާއަށެވެ. އެހެން ނަމަވެސް، ލޯންޗް ކުޑަވީމާ، ލޯންޗް ނުފެނި، ލޯންޗް ކައިރިން ބޯޓް، ހިނގައިދާނެކަމުގެ ބިރު ހީވުމާއެކު، އެމީހެއްގެ އަތުގައި އޮތް އެއްޗެއް އެމީހަކު ހޫރަން ފަށައިފިއެވެ. ބައެއް މީހުން ހަޅޭއްވެސް ލަވައެވެ. އެކަމަކު އެއަޑު އިވޭ ހިސާބަށްވުރެ، ބޯޓް އޮތީ މާދުރުގައެވެ.
ބޯޓަށް ބަދަލުވުން
އައި ގޮތަށް އައިސް ބޯޓް ލޯންޗާ ވަކި ހިސާބަކަށް ކައިރިވެފައި މަޑުކޮށްލައިފިއެވެ. ކަނޑުގެ ރާޅު ބިޔަކަމުން، ލޯންޗާ ކައިރިކުރެވޭކަށް ނެތެވެ. ނަމަވެސް، ވަކި ހިސާބަކަށް ކައިރިއަށް އައިމާ، ރަނގަޅަށް ބަލައިލިއިރު، ބޯޓްގެ ޑެކްމަތީގައި، މިނިސްޓަރުގެ ނައިބުގެ އުސްތާޒް ޒާހިރު ޙުސޭން، ޑޮކްޓަރ ހަންޓިންގޓަން، މިސްޓަރ ކީތް ޖެކްސަން ތިއްބެވިއެވެ. ތަންކޮޅެއް ދުރުގައި، ހުސެން މުޙަންމަދު ހުންނެވިތަން ފެނުނެވެ.
އުފާވެރިކަމުގެ ފުން ނޭވާއަކާ އެކު، އަޅުގަނޑަށް ރޮވިއްޖެއެވެ. މާތް ﷲގެ އިރާދަފުޅުން، އަޅުގަނޑުމެން ސަލާމަތްވީކަމުގެ ޔަޤީންކަން ލިބުނީއެވެ. މިއީ ކޮރެއާގެ މަސްބޯޓް "ސޫގޮންގް 303″ އެވެ. މިނިސްޓަރުގެ ނައިބުގެ ޓީމް މާލެ ވަޑައިގަންނަވަން، ގއ. ވިލިގިލީ ބަނދަރުން ފުރާވަޑައިގެން ބޯޓެވެ.
އިސާހިތު، ބޯޓުން އެއްލި ފަލަ ވަލެއް، ސިލްވަރބީމް ވަށައިގެން އޮޅާލާ، މަސްބޯޓްގެ ކަފުގައި ސިލްވެރބީމް ޖަހައިފިއެވެ. އެދުވަހުގެ ބާކީ އޮތް ތަނާ އެރޭގެ ހަތަރުދަމު ބޯޓްގެ ކަފުގައި، ތަޅުވަމުން ފޮޅުވަމުން ދުއްވާފައި، މާލޭގެ ބަނދަރަށް އާދެވުނީ، އަނެއް ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އިތުރަށް މިވާހަކަ ދަންނަވާލެވޭނީ، އަޅުގަނޑުމެން މާތްﷲ ގެ އިރާދަފުޅާއެކު ސަލާމަތްވުމުގައި މެދުވެރިވި ކަންތައްތަކަށް ކުރުކޮށް ނަމަވެސް ބަލައިލުމަށްފަހުގައެވެ.
އާދެ، "ސޫގޮންގް 303″ އިން، މިނިސްޓަރ ޒާހިރު ޙުސޭން މާލެވަޑައިގަންނަވަން ފުރާވަޑައިގަތްތަނާއި ސަބަބު ދަންނަވާލެވިއްޖެއެވެ. އެބޯޓުން، އަޅުގަނޑުމެންގެ "ރޭޑިއޯ ހަވީރު" ސިލްސިލާގެ އީ.ޑީ.ސީގެ ޕްރޮޑިއުސަރ ޙުސެން މުޙަންމަދު ވަޑައިގެން ވާހަކަވެސް ދަންނަވާލެވިއްޖެއެވެ.
ހުސެން މުހަންމަދު އަޅުގަނޑު ގާތުގައި ފަހުން ވިދާޅުވި ގޮތުން، އަޅުގަނޑުމެން ދަތުރުކުރަންމުންދިޔަ ލޯންޗް "ސިލްވަރބީމް" އިންޖީނަށް މައްސަލަ ޖެހިގެން ބެހެމުން ދިޔަ ހިސާބުންވެސް، "ސޫގޮންގް 303″ އަށް އެކަން އެނގެއެވެ. ސަބަބަކީ، މާލޭގެ ޓީސީޑީ އާއި ސިލްވަރބީމްއާ ދޭތެރޭ ސީބީ ސެޓުން ދައްކަމުންގެންދިޔަ ހުރިހާ ވާހަކައެއްގެ އަޑު، "ސޫގޮންގް 303″ އަށް ލިބޭތީއެވެ. ނަމަވެސް ހިތާމައަކީ، އެބޯޓުގެ ސީބީ ސެޓުން، ނުވަތަ ކޮމިޔުނިކޭޓް ކުރަން ގެންގުޅޭ ސެޓުން، އަޅުގަނޑުމެންގެ ބޯޓް "ސިލްވަރބީމް"ގެ ސީބީ ސެޓާ ނުގުޅޭތީއެވެ.
ހުސެން ދެން ހެއްދެވި ގޮތަކީ، ކޮރެއާ ބޯޓްގެ ރޭޑިއޯ އޮފިސަރާއެކު، ރޭޑިއޯ ރޫމް އަށް ދުރުވެ، ރޭޑިއޯ ޑައިރެކްޝަން ފައިންޑަރ (RDF) އެއް ބޯޓުގައި ހުރިތޯ ބެއްލެވީއެވެ. ރޭޑިއޯ ރޫމްގައި ތަފާތު އިކްވިޕްމަންޓްސް ހުއްޓެވެ. ނަމަވެސް ހުރިހާ އެއްޗެއްގައިވެސް ލިޔެފައި ހުރީ ކޮރެއާ ބަހުން ކަމަށްވާތީ، ހުސެން ހޯއްދަވަން އުޅުއްވާ އިކްވިޕްމަންޓް ފެނުމަށް އުދަނގޫތަކެއް ކުރިމަތިކަމަށް ހުސެން ބުނުއްވިއެވެ.

ޙުސެންއަކީ، ކޮންމެވެސް ޒަމާނެއްގައި، ހުޅުލޭ އެއާރޕޯޓްގެ ކޮމިޔުނިކޭޝަން ދާއިރާގައި އުޅުއްވާފައި ހުންނެވި ބޭކަލެއް ކަމުން، ހޯއްދަވަމުން ގެންދެވި ޑައިރެކްޝަން ފައިންޑަރ ފެނިލެއްވުމުން، ކޮރެއާ ބޯޓްގެ އިންޖިނޭރުގެ އެހީގައި، ޑައިރެކްޝަން ފައިންޑަރ އޮން ކޮށްލެއްވީއެވެ. ހަމަ ވަގުތުން، "ސިލްވަރބީމް" އިން މާލެއާ ގުޅާ އަޑުގެ ސިގްނަލް، ރަތްތިއްކެއްގެ ސިފައިގައި ފެނިއްޖެއެވެ. ހަމަ ފެނުމާއެކު، މިނިސްޓަރުގެ ނާއިބު ޒާހިރު ޙުސޭން އެދިވަޑައިގަތީ، އެ ސިގްނަލާ ދިމާއަށް ދަތުރުކޮށްދިނުމަށެވެ. ޙުސެން ވިދާޅުވި ގޮތުން، "ސިލްވަރބީމް" ފެނުނުއިރު ލޯންޗް ހުރީ، ރާއްޖެއާ ގާތްގަނޑަކަށް 100 ވަރަކަށް މޭލު ދުރުގައެވެ. ނަމަވެސް ލޯންޗް ދުއްވަމުން އަންނަނީ، މާލެއާ ދިމާއަށެވެ. ކަނޑުގެ އޮޔާއި ވައި ގަދަކަމުން، ލޯންޗް ގެންދަނީ ހައްތާވެސް ދުރަށެވެ.
އާދެ، އަޅުގަނޑުގެ ރަޙްމަތްތެރި އަދި މަސައްކަތުގެ ބައިވެރިޔާ މަރުހޫމް ޙުސެން މުޙަންމަދަށް މިހާރުވެސް އަޅުގަނޑުގެ ޝުކުރުގެ އިންތިހާ، ރައްދުކުރަމެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަހުމަތް ލައްވާށިއެވެ. އާމީން! އަދި އޭރުގެ އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބު އަލްއުސްތާޒް މުޙަންމަދު ޒާހިރު ޙުސޭނަށް ހިތުގެ ލޯތްބާއި އިޙްތިރާމް އަދާކުރަމެވެ.
މާލެ އައުމާއެކު ވަގުތުން ބަނޑޭރިގެއަށް
އަޅުގަނޑާއި މާލިމީ މާލޭގެ ތޮށިގަނޑުމައްޗަށް ފޭބިއިރު، ސިފައިންގެ ދެބޭކަލުން ތިއްބެވިއެވެ. އެބޭކަލުން ބުނުއްވީ، އެ ބޭކަލުންނާއެކު، ސީދާ ބަނޑޭރިގެ (އޭރުވެސް އަދި މިހާރުވެސް، ޑިފެންސް މިނިސްޓްރީގެ އިމާރާތް) އަށް ދިއުމަށެވެ. މަގުމަތީގައި އެއްވެސް މީހަކު ނެތެވެ. ހީވާ ގޮތުން، މަގުމަތިން ވަނީ މީހުން ދުރުކޮށްފައެވެ. ކުއްލިއަށް އަލްމަރުހޫމް ޢުމަރު ޒާހިރު، ބައިސްކަލެއްގައި ދުރުވެ، އަޅުގަނޑާ ސަލާންކުރައްވައިފިއެވެ. އަދި ދުރުގައި އަޅުގަނޑުގެ ޢާއިލާ އެބަތިބިކަމުގެ ޚަބަރު ދެއްވިއެވެ. ބަލައިލިއިރު، މަގުގެ ތަންކޮޅެއް ދުރުގައި އަޅުގަނޑުގެ އާއިލާ ތިއްބެވެ. އެމީހުނަކަށް އަޅުގަނޑާ ބައްދަލުކޮށް ސަލާންކޮށްލާކަށް ނާދެވުނެވެ. އަޅުގަނޑުމެން ކައިރީގައި ތިއްބެވި ސިފައިގެ ބޭކަލުންގެ އިޝާރާތަށް އުމަރު ޒާހިރުވެސް، އަވަހަށް ދުރަށް ވަޑައިގެންފިއެވެ. މިބައި މާދިގުކޮށް ލިޔާނެކަމެއް ނެތެވެ. ސިފައިންގެއިން އަޅުގަނޑާ ސުވާލުކުރެއްވީ، އަޅުގަނޑުގެ ކްލާސްމޭޓް، އޭރުގެ ސިފައިންގެ ކާރނަލް މަރުޙޫމް ޝައުކަތު އިބްރާހީމެވެ.
ސުވާލުތަކުގެ އަމާޒަކީ، ފުރާނަ ސަލާމަތް ކުރުމަށް މަތިންދާބޯޓް ފޮނުވައިދޭން އެދި، އަޅުގަނޑުމެން ފޮނުވި މެސެޖެވެ. ގެދޮރު ވިއްކާލާފައިވެސް އަގު އަދާކުރާނަމޭ މެސެޖްގައި ލިޔުނީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ.
"ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތަކަށް އަގެއް ނަގައިގެން ނުވާނެ ކަމަށް، ގާނޫނު އަސާސީގައި އޮންނަކަން ބަދުރަށް ނޭނގެނީހެއްޔެވެ؟" ކާރނަލް ޝައުކަތު އެއްވެސް ކަހަލަ ހިނިތުންވުމެއް، ރައްޓެހިކަމެއް ނެތި، ސުވާލުކުރެއްވިއެވެ. "އަޅުގަނޑަކަށް ނޭނގޭ" އަޅުގަނޑު ދެންނެވީމެވެ.
"ކޮންމެ ދިވެހި ރައްޔިތަކަށްވެސް ގާނޫނު އަސާސީ އެނގެންޖެހޭނެއެވެ!" ޝައުކަތު ވިދާޅުވިއެވެ.
ފޮނުވި މެސެޖުގެ ސަބަބުން ގޭބަންދަށް
އަޅުގަނޑު ދަންނަވާނެ އެއްޗެއް ނެތެވެ. ޝައުކަތު މިއީ އަޅުގަނޑުގެ ކްލާސްމޭޓެއް ނަމަވެސް މިވަގުތު އެއީ ސިފައިންގެ އޮފިސަރެކެވެ. އަޅުގަނޑު މިއިނީ، އޭނާގެ ކުރިމައްޗަށް ޙާޒިރު ކޮށްފައެވެ. އާދެ، އަޅުގަނޑާއި މާލިމީއާ ދެމީހުން، މި ބިރުވެރި ދަތުރުން ސަލާމަތްވެގެން، ހިކިފަސްތަނަކަށް، އަމިއްލަ ފަސްގަނޑަށް އާދެވުމުގެ އުފަލާއެކު، ދެން ދާން މިޖެހުނީ، ގޭބަންދަށެވެ. ގޭބަންދުގައި ފަސް ދުވަހު ތިބީމެވެ.
އަޅުގަނޑަށް އެނގުނުހާވެސް އެއްޗަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ހިތުދަސްވެފައި ނެތުމުގެ ސަބަބުން، އަޅުގަނޑު ގޭބަންދަށް ދާންޖެހުނީ ކަމަށެވެ.
ގޭބަންދުގައި ގާތްގަނޑަކަށް ފަސް ދުވަސްވީ ފަހުން، އެއް ދުވަހަކު އަޅުގަނޑު ޑިފެންސް މިނިސްޓްރީއަށް ގެންދަވައިފިއެވެ. އަޅުގަނޑާ ބައްދަލު ކުރެއްވީ، ޑިފެންސް މިނިސްޓަރުގެ ނާއިބު އޮނަރަބަލް އަބުދުލް ޙައްނާނު ޙަލީމެވެ. އޭނާ ހިނިފުޅުވަޑުވާފައި ވިދާޅުވީ، ބަދުރު މިގެނައީ ގޭބަންދުން ދޫކޮށްލަން ކަމުގައެވެ. ދެންވެސް ކުރިން އުޅުނު ގޮތަށް އުޅެންދާށޭއެވެ.
ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި، ނިކުމެގެން ގެއަށް އައީއެވެ.
އާދައިގެ މަތިން އަނެއް ދުވަހު، އޮފީހަށް ނިކުމެ މަސައްކަތް ފަށައިގަތީއެވެ.
(ނުނިމޭ)
—
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 4
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 5
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 6
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 7



advertisment