Support Us

ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 6

އުތުރުން އިވުނު އަޑެއް

އެއީ 1979ގެ ފަހުކޮޅެވެ. އެއް ދުވަހަކު އަޅުގަނޑު އޮފީހަށް ގެންދަވައިފައި އެންގެވީ، ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް، ސިފައިންގެ ބޭކަލުން ކުރައްވާ ދަތުރެއްގައި އަޅުގަނޑު ފޮނުއްވަން ބޭނުން ކަމުގައެވެ. އަދި އަޅުގަނޑު ދާއިރު، ރެކޯޑް ކުރެވޭނެ ގޮތަށް ހުރިހާ ކަމެއް އިންތިޒާމު ކޮށްގެން ދާން އެންގެވިއެވެ.

މި ދަތުރަކީ، ކޮން ކަހަލަ ދަތުރެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެން ނަމަވެސް، ރާއްޖެތެރެއަށް ދާންޖެހޭ ކަމަށް ވަންޏާ އަޅުގަނޑުގެ މައްސަލައެއް ނެތެވެ. ރޭޑިއޯއަށް ބޭނުންވާ ހުރިހާ މެޓީރިއަލްއެއް ހުރީ ރާއްޖެތެރޭގައެވެ.

ހަމަ އެ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ފުރަންޖެހޭތީ، އަވަސްއަވަހަށް ގެއަށްގޮސް ތައްޔާރު ވެލައިގެން އަތުވެއްޖައީމެވެ. އޭރު އަޅުގަނޑާ އެކުގައި ދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޓަރ ހ. ބާޣްބަހާރު މޫސާ ރުޝްދީ ވެސް ތައްޔާރަށް ހުންނެވިއެވެ. އަޅުގަނޑުމެނަށް އަންގަވާފައި އޮތީ، "ޖަމާހިރިއްޔާ" ކިޔާ ލޯންޗަކަށް ދިއުމަށެވެ.

އެ ދަތުރުގައި ސިފައިންގެއިން ވަޑައިގަތީ، ކެޕްޓަން ކަރޯ ޢައްބާސް އިބުރާހީމް، މަރުޙޫމް ސާރޖެންޓް ފިއްލަދޫ ޙުސެންމަނިކު، ސާރޖެންޓް ރަންވިއްކާ އާދަމް މަނިކުގެ އިތުރުން އަދި ދެ ޕްރައިވެޓެކެވެ. "ޖަމާހިރިއްޔާ"ގެ އިންޖިނޭރެއްގެ ގޮތުގައި ހުންނެވީ މަނާގޭ އަލީ ފާއިޒެވެ. ހަނދާންވާ ގޮތުން ޖަމާހިރިއްޔާގެ މާލިމީއަކީ ހދ. ކުޅުދުއްފުށީ މަރުޙޫމް އުމަރު ކަތީބެވެ.

އަޅުގަނޑާއި ރުޝްދީ ކުރަންޖެހެނީ ކޮން ކަމެއްކަންވެސް ދަތުރުގެ ވަކި ހިސާބަކުން ސާފުވެއްޖެއެވެ. އާދެ އެއީ، މި ދަތުރަކީ، ރާއްޖޭގެ އުތުރުގެ ބައެއް ހިސާބުހިސާބުގެ ކަނޑުގެ އަޑިން، ބާރު އަޑެއް އިވޭތީ، އެ އަޑެއް ބަލަންވެގެން ސިފައިން ކުރާ ދަތުރެކެވެ. އަޅުގަނޑުމެންގެ މަސައްކަތަކީ، އެ އަޑު ރެކޯޑް ކުރެވޭތޯ ބެލުމެވެ. އަދި އެ އަޑެއް އިވިފައި ތިބި މީހުންނާ އިންޓަވިޔުކޮށް، އެ މީހުނަށް އެ އަޑެއް އިވުނު ގޮތެއްގެ ވީހާ ގިނަ ތަފުޞީލެއް ހޯދުމެވެ. އަޅުގަނޑަށް އަންގަވާފައި ވަނީ، ސިފައިންގެ ބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މި ދަތުރުގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރަމުން، އަޅުގަނޑުގެ ދެން އެންމެ އިސް މަސައްކަތެއް ކަމުގައި ހެދީ، ރޭޑިއޯ މޯލްޑިވްސް އަށް ބޭނުންވާނެ ވީހާ ގިނަ މެޓީރިއަލެއް ހޯދުމެވެ.

މި ދަތުރުގައި، ހއ. އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށްވެސް ދަތުރުކޮށް، މަޢުލޫމާތު ހޯދީމެވެ. އަދި މާލެއަށް އަނބުރާ އައި ދަތުރުމަތީގައި، ބައެއް އެހެން އަތޮޅުއަތޮޅަށް މަޑުކުރާއިރު، ރޭކުރާ ގޮތަށް މަޑުކުރެވިއްޖެނަމަ، އެތަނަކުންވެސް، ރޭޑިއޯއަށް ބޭނުންވާނެ ކަމަށް ފެންނަ މެޓީރިއަލް އެއްކުރީމެވެ.

ސިގްނޭޗަރ ޓިޔުން

ސިގްނޭޗަރ ޓިޔުން އަކީ، ރޭޑިއޯ ސްޓޭޝަން ކޮންމެ ދުވަހަކުވެސް ފައްޓާއިރު ފޮނުވާ ފަސް މިނިޓްގެ ޚާއްޞަ މިޔުޒިކްކޮޅެކެވެ. ސީދާ ގަޑިޖެހުމުގެ ފަސް މިނިޓް ކުރިން މި މިޔުޒިކްކޮޅު ބްރޯޑްކާސްޓް ކުރަމުން ގެންދާނެއެވެ. ރޭޑިއޯ ސްޓޭޝަނެއްގެ ސިގްނޭޗަރ ޓިޔުނަކީ އެހުންތެރިން، ސްޓޭޝަނަށް ޓިޔުންކުރަން ފަސޭހަ ކޮށްދިނުމަށްޓަކައި، ހުރިހާ ރޭޑިއޯ ސްޓޭޝަނަކުންވެސް ފޮނުވަމުންގެންދާ އެއްޗެކެވެ. މިއީ، ރޭޑިއޯ ބްރޯޑްކާސްޓިންއާ ބެހޭ ގޮތުން، ދުނިޔޭގެ ފެންވަރުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންވެސް، ކުރަންޖެހޭ ކަމެކެވެ. ބޭނުމަކީ، މީ ކޮން ރޭޑިއޯ ސްޓޭޝަނެއްކަން، އެހުންތެރިޔާއަށް އަންގައިދިނުމެވެ.

ސްޓޭޝަން އައިޑެންޓިފިކޭޝަނެއްގެ ގޮތުން ދުނިޔޭގެ ރޭޑިއޯ ސްޓޭޝަންތަކުގައި ބޭނުންކުރާ، ސިގްނޭޗަރ ޓިޔުންތައް ރެކޯޑްކޮށްފައިވާ ސީޑީއެއްވެސް ރޭޑިއޯ މޯލްޑިވްސްގެ ލައިބްރަރީގައި އޮންނާނެއެވެ.

ސިގްނޭޗަރ ޓިޔުނަކީ އޭގެ އަޑު އިވޭއިރަށް އެއީ މިވެނި ސްޓޭޝަނެއްކަން އެހުންތެރިޔާއަށް ދެނެގަނެވޭ ފަދަ ރީތި، އެ ގައުމެއް ނުވަތަ އެ ހިސާބުގަނޑެއްގެ ގިނަ މީހުން ދަންނަ، އެ އަޑަކުން އެންމެނަށްވެސް އެއީ ކޮން އަޑެއްކަން އެނގޭނެ ކަހަލަ އަޑުކޮޅަކުން ތައްޔާރު ކޮށްފައިވާ ރާގު ކޮޅެކެވެ. އެއީ މިޔުޒިކް ކޮޅަކަށްވެސް ވެދާނެއެވެ. ނޫނީ، އެންމެނަށް އެނގޭ ޚާއްޞަ އެހެން އަޑުކޮޅަކަށްވެސް ވެދާނެއެވެ. އެންމެ ފުރަތަމަ މާލޭ ރޭޑިއޯގެ ނަމުގައި ސްޓޭޝަން ހިންގިއިރު މިދެންނެވި ގޮތަށް ބޭނުންކުރަމުން ގެންގޮސްފައި ވަނީ، ބެރުދުންމާރި ތާޅަފިލީގެ އަޑެވެ. ރޭޑިއޯ މޯލްޑިވްސް ކޮންމެ ދުވަހަކުވެސް ފަށާނީ ފަތިހުއެވެ. ފަތިސްވެގެން އަންނައިރު، މުޅި ރާއްޖެއިން އެންމެ އާދައިގެ އަޑެއްގެ ގޮތުގައި އިވޭނީ، ހައު ގޮވާ އަޑާއި ކޮވަލި ގޮވާ އަޑެވެ.

ސަރުކާރުގެ ދަށަށް ބަދަލުވެ، އެމް.އައި.ބީ.އެސް.ގެ ދައުރުން ފެޢްޓިގެން، ސިގްނޭޗަރ ޓިޔުން ވަނީ ބަދަލުކުރެވިފައެވެ. ބަދަލު ކުރެވުނީ، އަލްމަރުޙޫމް އުސްތާޒް ނ.ތ. ޙަސަންދީދީ ޓޭޕަކަށް އަޅުއްވައިގެން ސްރީލަންކާއިން ގެންނަވާފައިވާ ހައު ގޮވާ އަޑަކަށެވެ. އެ ޓިޔުންވެސް ގޯހެއްނޫނެވެ. ނަމަވެސް އޭގައިވެސް ދިވެހިވަންތަކަން ކުޑަވެފައި، ކޮވަލީގެ އަޑުގައިވެސް ތަންކޮޅެއް ބީރައްޓެހި ގޮތެއް ހުންނަ ކަމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވެއެވެ. އަދި ރާއްޖެއިން ނުއިވޭ ބައެއް އެހެން އަޑުއަޑުވެސް އެ ޓޭޕުން އިވެއެވެ. ނަމަވެސް އެއަށްވުރެ ރަނގަޅު އެހެން އެއްޗެއް ނެތީމާ އަޅާނުލާ ތިބީއެވެ.

މިކަންތައް މިހެން އޮތުމާއެކު، ސިފައިންނާއެކުގައި ކުރަން މި ލިބުނު ދަތުރުގައި، އަޅުގަނޑު ގަސްދުކުރީ، ފަތިހު ތެދުވެގެން ކޮވެއްޔާއި ހާލުގެ އަޑު ރާއްޖޭގެ ރަށަކުން ރެކޯޑް ކުރާށެވެ. މި ފުރުޞަތު އަޅުގަނޑާއި ރުޝްދީ ވަރަށް ގިނަ ރަށްރަށުން ހޯދީމެވެ. ހއ. ބާރަށް، އުތީމު ކަހަލަ ރަށްރަށުގައި ފަތިހު ތެދުވެގެން، ޓޭޕްރިކޯޑަރު ހިފައިގެން ވަންނަނީ ވަލަށެވެ. މިކަމުގައި އާދަމް ޢަބުދުއްރަޙުމާން (އުތީމު އާދަމްބެ)ގެ ވަރަށް ބޮޑު އެހީތެރިކަމެއްވެސް އަޅުގަނޑުމެނަށް ލިބުނެވެ. ވަލުތެރެއިން ރެކޯޑް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮވަލީގެ އަޑު ހޯދުމެވެ. ކުކުޅު ހައު، ގޭތެރޭގައި ގެންގުޅުނަސް، ކޮވަލި އުޅޭނީ ގަސްގަހުގައެވެ. ދެއަޑު އެކުގައި ރެކޯޑް ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ، ފަތިސްވަމުން އަންނައިރު، އެ އިވޭ އަޑުތައް ވަގުތުން ރެކޯޑް ކުރުމެވެ. ހަމަ ގައިމުވެސް، އޭރުން އެ އަޑުތަކުން އިވޭނީ، ރާއްޖޭގައި އުޅޭ ދޫނިސޫފާސޫތްޕާއެކު، ކުކުޅު ހައުލުގެ އަޑެވެ.

ދަތުރު ނިންމާފައި މާލެ އާދެވުމާއެކު، އަޅުގަނޑުމެން ދެމީހުން ސްޓޫޑިއޯ ތެރޭގައި ސިގްނޭޗަރޓިޔުން ތައްޔާރުކޮށްފައި، ޑިރެކްޓަރ ޙަސަންދީދީ އަށް އިއްވާލީމެވެ. ޙަސަންދީދީ ވަރަށް ހިތްޕުޅު ހަމަޖެހުނެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، ދިވެހިރާއްޖޭގެ ދައުލަތުގެ ރޭޑިއޯ، (ކޮންމެ ނަމެއްގައި ކުރިއަށް ދިޔަކަމުގައި ވިއަސް) ސްޓޭޝަން ފައްޓާނީ، މި ދެންނެވި ސިގްނޭޗަރ ޓިޔުނުންނެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ފަރާތުން ކުރި އެ ދަތުރުގައި ރޭޑިއޯ މޯލްޑިވްސް ބައިވެރިކޮށްދެއްވި ކަމަށްޓަކައި ނިހާޔަތަށް ޝުކުރުވެރިވަމެވެ. އަދި ޚާއްޞަކޮށް ކެޕްޓަން ކަރޯ ޢައްބާސްއަށާއި، ސާޖެންޓް ރަންވިއްކާ އާދަމް މަނިކަށް އަދި ސާޖެންޓް މަރުޙޫމް ފިއްލަދޫ ޙުސެންމަނިކަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަމެވެ. މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް ﷲ ހަޒުރަތުން ދުޢާ ދަންނަވަމެވެ.

"ޖެހިމިތާރައިގެ ކުޅިބަލަންދާން…."

ހއ. ފިއްލަދޫއަށް ކުރި ދަތުރެކެވެ. ފިއްލަދޫގައި އަޅުގަނޑުގެ ކްލާސްމޭޓެއް ހުންނަވައެވެ. އެއީ، ޤާސިމް މުޙަންމަދެވެ. މަޖީދިއްޔާ ސްކޫލްގެ އަޅުގަނޑުމެން ކްލާހުގެ ފަރާތުން ނެރޭ މަޖައްލާގައިވެސް، ލިޔުއްވާ ލިޔުންތަކުންވެސް، ޤާސިމަކީ ކުޅަދާނަ ލިޔުންތެރިއެއްކަން އަޅުގަނޑަށް އެނގެއެވެ. އަދި ހަމަ ގައިމުވެސް އަޅުގަނޑުމެން އެހެން ކުދިންނަށްވުރެ ދުލާއި ގަލަމަށްވެސް މާ ކުޅަދާނަކަން އެނގެއެވެ.

އަޅުގަނޑު ރާއްޖެތެރޭގެ ރަށްރަށަށް ދަތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ރޭޑިއޯ މުއްސަނދިވާނެ ކަހަލަ މެޓީރިއަލް ހޯދަން މަސައްކަތްކުރުމެވެ. އަޅުގަނޑަށް ދެވޭ ހަމަ ކޮންމެ ރަށަކުން، މީހުނާ ވާހަކަދައްކައިގެން، ރަށުގެ ޢާންމު ޙާލަތު ދެނެގަނެވޭތޯ ބަލަމެވެ. އަދި ލަވައެއް، ރައިވަރެއް، ބަންޖެއް ފަރިއްސެއް ލިބޭތޯވެސް ބަލަމެވެ. ދިވެހިންގެ ޒަމާންވީ އާދަކާދައާއި މިޔުޒިކާ ގުޅިފައި ހުރި ގުޅުން އޮޅުންފިލުވުމަށެވެ. އަދި ހަމަ އެއާއެކު، ދިވެހި ތާރީޚްގެ ތެރެއިން ތުންތުންމަތިން ދެކެވެމުން އަންނަ ވަރަށް ގިނަ ވާހަކަވެސް، އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރީމެވެ. އެކަހަލަ ބައިވަރު މެޓީރިއަލް ލިބުނުވެސް މެއެވެ.

ފިއްލަދޫއަށް ގޮސް، ޤާސިމާ ބައްދަލުކޮށް ދިވެހި މުސްކުޅި ލަވަ ހޯދަން ބޭނުން ކަމުގައި ދަންނަވާ، އެކަމަށް މަސައްކަތް ކޮށްދެއްވުމަށް އެދުނީމެވެ. ގާސިމް ބުނުއްވީ ތިކަމާ ހާސްނުވާށެވެ. ހޯދަންވެގެން ތިޔަ އުޅެނީ ކޮންކޮން ލަވަ ލަވައެއްތޯ އައްސަވާލެއްވިއެވެ. އަޅުގަނޑު ދެންނެވީ، "ޖެހި މި ތާރައިގެ ކުޅިބަލަން ދާން…" މިލަވަ ބޭނުން ކަމުގައެވެ. ބައެއް ރަށްރަށުން ދަންނަ މީހުންލައްވާ އެލަވަ ކިޔުއްވި ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، އެމީހުންނަށްވެސް އެކުގައި ލަވަ ފުރިހަމަކުރަން ނޭނގޭތީ، ރެކޯޑްކުރެވިފައިވަނީ، އެއްބައި ކަމުގައި ދެންނެވީމެވެ. މިއުޅެނީ ފުރިހަމައަށް އެލަވަ އެކުގައި ހޯދޭތޯ ކަމުގައިވެސް ޤާސިމަށް ދެންނެވީމެވެ. ޤާސިމް ބުނުއްވީ، ވަރަށް ގިނަ ބައިތު އޭނާއަށްވެސް އެނގިލައްވާ ކަމުގައެވެ. އެ ބައިތުތައް ހުރީ ތަރުތީބުންކަމެއް މާރަނގަޅަކަށް ސާފެއް ނުވެއެވެ.

ކޮންމެއަކަސް އެރޭ އެ ލަވައާއި އަދި އިތުރު އެހެން ލަވަވެސް، އަޅުގަނޑުމެނަށް ކިއުއްވައިދެއްވީ ޤާސިމެވެ. ދަންނަވަންތޯއެވެ؟ އެރޭގެ ކުރިއަކުން ޤާސިމްގެ ގިނަ ހުނަރުތަކުގެ ތެރޭގައި، ލަވަކިޔުމާއި މިޔުޒިކް، ހުންނަ ކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. މަޖީދިއްޔާގައި އުޅުއްވިއިރު، އޭނާއަކީ މޮޅު އަދީބެކެވެ. ޝާޢިރެކެވެ. އަދި އަތުލިޔުން ރީތި، ކުޅަދާނަ ލިއުއްވުންތެރިއެއްވެސް މެއެވެ. ނަމަވެސް، މީނާއަކީ، މިހާ ރީއްޗަށް ލަވަކިޔުއްވާ ބޭކަލެއް ކަމެއް އޭރަކު އަޅުގަނޑަކަށް ނޭނގެއެވެ.

މި ލަވަ ހިފައިގެން މާލެއައިސް ރޭޑިއޯއިން ފުރަތަމަ ފޮނުވާލި ދުވަހުސް، ވެގިނަ ބަޔަކަށް ޤާސިމްގެ ކިޔުއްވުމާއި، ކިޔުއްވުމުގެ ފަށުވިކަމުގެ މައްޗަށް ބޮޑު ތަރުޙީބެއް ލިބުނެވެ.

ރާއްޖެތެރެއިން ލިބުނު ޚާއްޞަ ދެ ހަދިޔާއެއް

މ. މުލިން– "ޑްރާމާ ވަގުތުން"

މިއީ އެހެން ދަތުރެކެވެ. މ. މުއްޔަށް އަޅުގަނޑު ކުރި ދަތުރެކެވެ. މ. މުލި މިއީ، އަޅުގަނޑުގެ ޢާއިލާއާ ވެސް ވަރަށް ބޮޑު ގުޅުމެއް އޮންނަ ރަށެކެވެ. އެރަށު އިރުމަތީގޭ ދެބެއިން ކަމަށްވާ އަލްމަރުޙޫމް ޢަބުދުﷲ ދީދީ އާއި ޢަބުދުލް ހާދީ އަކީ، އަޅުގަނޑުމެންގެ ވަރަށް ގާތް ބައެކެވެ. އެގޮތުން މުއްޔަށް މި ކުރި ދަތުރަކީ، ޢާއިލީ ދަތުރެއް ނަމަވެސް، އަޅުގަނޑު ދިޔައީ، ރެކޯޑް ކުރެވޭ ގޮތަށް ތައްޔާރުވެގެންނެވެ.

އެރަށުގެ މަޝްހޫރު ކެޔޮޅެއް ކަމުގައިވާ، ވާރުގޭ އާދަންފުޅުގެ ގެއަށް ދިޔައީ، ކޮންމެވެސް ކަހަލަ ވާހަކައެއް ނުވަތަ ލަވައެއް ލިބޭތޯ ބަލާށެވެ. ރާއްޖެތެރެއިން ރަށަކަށް ދެވިއްޖިއްޔާ އަޅުގަނޑުގެ އާދައިގެ މަތިންނެވެ. ކޮންމެވެސް މީހެއްގެ ފަރާތުން، އާދަންފުޅުގެ އަނބިކަބަލުން ޝާފިއަތު އަކީ، ވަރަށް ރީއްޗަށް ލަވަ ވިދާޅުވާ ބޭކަނބަލެއްކަން އެނގިގެންނެވެ. އަޅުގަނޑު މިހާރު މިއުޅެނީ ޝާފިއަތު ކިޔައިދެއްވި ލަވަތަކުގެ ވާހަކަ ދައްކާކަށް ނޫނެވެ. ޝާފިއަތު ލަވަވެސް ކިޔައިދެއްވިއެވެ. އެކަމަކު މިހާރު މިއުޅެނީ، ޝާފިއަތުގެ ފިރިކަލުން މަރުޙޫމް ވާރުގޭ އާދަންފުޅު ރޭޑިއޯ މޯލްޑިވްސްއަށް ކުރެއްވި އާދަޔާ ޚިލާފު ހަދިޔާއެއްގެ ވާހަކަ ދަންނަވާށެވެ.

އަޅުގަނޑު އާދަންފުޅު އަރިހުން އެދުނީ، މަސްވެރިއެއްގެ ޙަޔާތުން ދުވަހެއް، އަޅުގަނޑަށް ކިޔައިލަދެއްވުމަށެވެ. ފަތިހު ފުރައިގެން މަހަށް ގޮސް، މަސްބާނައިގެން ނުވަތަ ނުބާނާ ނަމަވެސް ރަށަށް އާދެވޭ ހިސާބަށެވެ. އެދޭތެރޭގައި ކުރަންޖެހޭނީ ކޮންކޮން ކަންތަކެއްތޯއެވެ؟

ތިޔަބައި އަހަރުމެން ކުޅެލައިފާނަމޭ ކިޔުއްވާފައި އެ ފެއްޓެވީއެވެ. ވާހަކައެއްހެން ކިޔައިދެއްވީކީ ނޫނެވެ. އާދަންފުޅާ އޭނާގެ އަންހެނުން ޝާފިއަތު އަދި އެމީހުންގެ އެކުވެރިއެއް ކަމަށްވާ އަޙުމަދުފުޅު، ރޭޑިއޯ މޯލްޑިވްސްއަށް ދިނީ، "މަސްވެރިއެއްގެ ޙަޔާތުން ދުވަހެއް"ގެ ޑްރެމަޓައިޒްޑް ވާރޝަންއެކެވެ. އަޅުގަނޑަށް ޖެހުނީ، ހަމައެކަނި، ބައެއް ޓެކްނިކަލް ކަންތައްތައް ބުނެދޭށެވެ.

އެންމެ މައިކްރޯފޯނެއް ހިފައިގެން އަޅުގަނޑު އުޅޭތީ، އަޑުތައް ސެޓްކުރަންޖެހޭނެ ގޮތް ބުނެދިނީމެވެ. ޑްރާމާގެ ހުރިހާ ޑަޔަލޯގަކާއި ސައުންޑް އިފެކްޓްސްއެއް، މި ތިން މީހުން ހަމަޖެއްސިއެވެ.

ދަންނަވަންތޯއެވެ؟ މަސްވެރިޔާ ފަތިހު މަހަށްދާން ފިރިމީހާއަށް ގޮވާ ހިސާބުން ޑްރާމާ ފެށެނީ ޝާފިޢަތުގެ އަޑުންނެވެ. ފިރިމީހާ ހޭލައިގެން އަންހެނުން ދިން ކާއެއްޗެއް ހިފައިގެން، އެއް ދޯނިން މަހަށްދާ އެކުވެރިޔާ ގޮވައިގެން މަހަށް ފުރާ ހިސާބުން، ކަނޑުމަތީގައި ދިމާވާ ބައެއް ޙާދިސާއާއި މަސްއައިން ފެނިގެން ދެން އެކުރާ ކަންތައްތަކާއި އައިނަށް އަރާ އެން އުކާގޮތާއި މަސްބާނާ ގޮތް، ވަރަށް ރީއްޗަށް ފޯރިއާއެކު އާދަންފުޅާއި އަހުމަދުފުޅު ތަމްސީލް ކޮށްދިނެވެ. އަޅުގަނޑަށް ޖެހުނުހާވެސް މަސައްކަތަކީ، ރެކޯޑަރުގެ ސްވިޗް އޮންކޮށް އޮފްކޮށްލުމެވެ. އެދުވަހުގެ މަސްވެރިކަންވެސް ވަރަށް ރަނގަޅެވެ. މަސްބާނާ ނިމިގެން ރަށަށް އައިސް މަސްބަހައިގެން، އާދަންފުޅަށް ވީބައި ހިފައިގެން ގެއަށްއައިސް އަންހެނުންނާ ޙަވާލުކުރެއެވެ.

ދެން އެ ޖެހުނީ، އަންހެނުންގެ ބައެވެ. ޝާފިޔަތު ގޭ ދޮރާއްޓާ ހިސާބުން ޑްރާމާގައި ބައިވެރިވެއްޖެއެވެ. މަސް ކެނޑުމާއި މަސް ކެއްކުމަށް ދަންދެން ޝާފިޔަތުގެ ކުޅަދާނަކަން އިވިގެންދެއެވެ. ޑްރާމާ ނިމެނީ، ދެމަފިރިން ކައިގެން އޮށޯންނަ ހިސާބުންނެވެ.

އާދެ މިއީ، ހަމަ އާދަޔާ ޚިލާފު އުފެއްދުމެކެވެ. އެޑިޓް ކޮށްލަންޖެހޭ ބައެއް ތަންތަން ހުރި ކަމުގައިވީ ނަމަވެސް، ޖުމްލަކޮށް ރަނގަޅެވެ. މާލެއައިސް ޑްރާމާ އެޑިޓްކޮށް ނިމިގެން އަޑުއަހާލީމެވެ. އެ ދުވަސްވަރު ރޭޑިއޯ މޯލްޑިވްސްގެ ޙާލަތާއި، ރެކޯރޑް ކުރަން ގެންގުޅުނު އިކްވިޕްމަންޓްގެ ގޮތުން ދިމާވި ކަމެއްނޫން އެހެން އެއްވެސް ގޯހެއް ނެތެވެ.

އޭގެ އަހަރުތަކެއް ފަހުން، އަޅުގަނޑު ހޮލެންޑްގައި ޑްރާމާ ކިޔަވަމުން ދިޔަ ދުވަސްވަރު، އަޅުގަނޑުމެން ލައްވާ މި ވައްތަރުގެ ޑްރާމާއެއް ކުޅުވިއެވެ. އެމީހުން ދަސްކޮށްދިން ގޮތުން، ސްޕޮންޓޭނިއަސް ޑްރާމާ ނުވަތަ ވަގުތުން ކުޅޭ ޑްރާމާއަކީ، ވަރަށް މޮޅު ރޭވުމެއްގެ ދަށުން، ވަރަށް ބޮޑަށް ފަރިތަކޮށްގެން މެނުވީ، ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ޕްރޮޑިޔުސަރުގެ އަތުން މުޅި ޑްރާމާގެ ކޮންޓްރޯލް ގެއްލިގެން ދިއުމެވެ.

މުލީ ވާރުގޭ އާދަންފުޅާއި އޭނާގެ އަންހެނުން ޝާފިއަތު އަދި އެމީހުންގެ އެކުވެރި އަޙުމަދުފުޅު ރެކޯޑްކޮށްދިން ޑްރާމާގައި، ޕްރޮޑިޔުސަރު އަތުގައި ކޮންޓްރޯލް އޮތް އެންމެ ހިނދުކޮޅެއްވެސް އައިހެނެއް ހިއެއް ނުވެއެވެ. ޕްރޮޑިޔުސަރު އަތުގައި އޮތީ، ޓޭޕް ރެކޯޑަރާއި މައިކްރޯފޯނެވެ. ޕްރޮޑިޔުސަރު ހުރީ ޙައިރާންވެގެން އަންތަރީސްވެފައެވެ. މި ތިން މީހުނަށް އެމީހުންގެ މަސައްކަތް އެނގޭލެއް ފުރިހަމަކަމުންނެވެ. ލިޔެފައިވާ ހަމަ އެންމެ އަކުރެއްވެސް ނެތި، އަދި ހަދަންވީ އެއްވެސް ގޮތެއް ބުނެދިނުމަކާ ނުލާ، ބައިގަޑިއިރުގެ ރޭޑިއޯ ޑްރާމާއެއް ކުޅެލީއެވެ. ބޭއަދަބީ އެންމެ ލަފުޒެއްވެސް އަނގައިން ބޭރުނުކޮށް، މުޅި ދުވަސް ޑްރާމާއަކަށް ހަދައިދިނެވެ. އަޅުގަނޑު ކުރިހާވެސް ކަމަކީ، އެ ޑްރާމާ ރެކޯޑްކުރުމެވެ.

މިއަދުވެސް، އަޅުގަނޑުގެ ހިފެހެއްޓުމެއް ނެތް ޝުކުރު، މުލީ ވާރުގޭ އަލްމަރުޙުމް އާދަންފުޅާއި އޭނާގެ އަނބިކަބަލުން މަރުޙޫމާ ޝާފިޔަތު އަދި އެމީހުންގެ ރަޙުމަތްތެރިޔާ އަހުމަދުފުޅަށް ފޮނުވަމެވެ. އެބޭފުޅުންގެ ތެރެއިން، މިއަދު ދުނިޔޭގައި ނެތް ބޭފުޅުންނަށް މާތް ﷲ ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން….

މި މައުޞޫޢު އިން ދުރަށް ދެވޭނީ، ޝާފިޔަތު ކިޔައިދިން ލަވައިގެ ވާހަކަވެސް ދަންނަވައިލާފައެވެ. "ޖެހިމިތާރައިގެ ކުޅިބަލަން ދާން…" ފުރަތަމަ ރޭޑިއޯ މޯލްޑިވްސްއަށް ކިޔައިދިނީ ޝާފިއަތުއެވެ. ނަމަވެސް އެލަވައިގެ ހުރިހާ ބައިތުތައް ހަނދާންނުވުމުގެ ސަބަބުން އެލަވަ އެއްކޮށް ފުރިހަމައެއް ނުވެއެވެ. ނަމަވެސް އަޅުގަނޑު އެލަވަ ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތަކުގައި ބޭނުންކުރީމެވެ.

ފަހުން އަޅުގަނޑު މުއްޔަށް ކުރި ރަސްމީ ދަތުރެއްގައި ޓީވީ މޯލްޑިވްސްގެ ބައެއް ބޭފުޅުންވެސް ވަޑައިގަތެވެ. އެ ފަހަރު ޝާފިޔަތު ޓީވީ އަށްވެސް އެ ލަވަ ކިޔުއްވައިދެއްވިއެވެ.

ރ. ކަނދޮޅުދޫން- "ކެޔޮޅާ ބޭބޭ ދޫންޏާ…"

ރ. ކަނދޮޅުދޫގައި އެންމެ ފަހުން ބޭއްވި ބޮޑު މައުލޫދަށް ދަޢުވަތު ލިބިގެން ކުރިދަތުރެކެވެ. އަތޮޅުވެރިކަމުގައި ހުންނެވީ މަރުޙޫމް މަންދޫ ޢަބުދުﷲ ވަޙީދެވެ. އަޅުގަނޑުމެން ދަތުރުކުރީ، އެ މައުލޫދަށް ދަޢުވަތު އެރުވިގެން މާލެއިން ވަޑައިގެން ބޭފުޅުންނާ އެކުގައެވެ. މާލެއިން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގަތީ ފަޟީލަތުއް ޝައިޚު އަލްމަރުޙުމް މުޙަންމަދު ޖަމީލުދީދީ އެވެ.

މައުލޫދުގެ ކަންތައްތަކުގެ ތެރޭގައި، މާގިނަ ރެކޯޑިންގ އަޅުގަނޑަށް އެއްނުކުރެވުނަސް، އެދަތުރުގައި ރެކޯޑްކޮށް ރޭޑިއޯއިން ފޮނުވަން ފެށި ލަވައެއް، ޗާޓްގެ އެއްވަނައިގައި ދުވަސްގަނޑެއް ވަންދެން އޮތެވެ. އެ ލަވައަކީ، އެރަށު ތިން އަންހެން ކުދިން ކިޔައިދީފައިވާ، "ކެޔޮޅާ ބޭބޭ ދޫންޏާ، ހިނގާށެ ބޭރަށް ދާން…" މިލަވައެވެ.

މިނޫނަސް ވަރަށް ގިނަ ހަދިޔާ އަތޮޅުތެރެއަށް ދަތުރުކުރާ ކޮންމެ ފަހަރަކު ލިބެއެވެ. އެގޮތުން ލިބޭ މެޓީރިއަލް ރައްކާކުރާނެ ޚާއްޞަ ހަރުގަނޑެއް ރެކޯޑް ލައިބްރަރީގައި އުފެއްދީމެވެ.

ކީރިތި ރަސޫލާގެ ސީރަތު ރެކޯޑްކުރުން

އަޅުގަނޑު ރޭޑިއޯއާ ގުޅުނު އިރުވެސް ކޮންމެ ރަމަޟާން މަހެއްގައި، ރޭޑިއޯއިން ކީރިތި ރަސޫލާގެ ސީރަތު ފޮނުވަމުން ގެންދެއެވެ. އެދުވަސްވަރު ސީރަތު ފޮނުވަމުން ގެންދިޔައީ ސީދާ ލައިވްކޮށެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ރޭޑިއޯއިން ސީރަތު ވިދާޅުވެދެއްވީ، މ. އެންދެރިމާގޭ ޢައްބާސް އިބުރާހީމާއި ގ. ރެޑިއަމްގޭ ވަޙީދު އަޙުމަދުއެވެ. ބައިގަޑިއިރު ވަންދެން ލައިވްކޮށް މިކަހަލަ ޕްރޮގްރާމެއް އޭރު ގެންގޮސްފައިވަނީ، އެކަން ރަނގަޅުވެގެން ނުވަތަ ފަސޭހަވެގެންނެއް ނޫނެވެ. އެނޫން ގޮތަކަށް އެކަން ކުރެވެން ނެތުމުންނެވެ. ރެކޯޑް ކުރާނެ ސްޓޫޑިއޯއެއް، ރެކޯޑްކުރާނެ އޯޑިއޯ ޓޭޕެއް އަދި އެކަމަށް ޚާއްޞަކުރާނެ އިކްވިޕްމަންޓްވެސް ނެތުމުގެ ސަބަބުންނެވެ.

ބައިގަޑިއިރު ވަންދެން ހުއްޓާނުލާ އެއްޗެއް ކިޔަމުން ގެންދިއުމަކީ، ފަސޭހަކަމެއް ނޫނެވެ. އަނެއްކޮޅުގައި ރޭޑިއޯއިން އަޑުއަހަން ތިބޭ އެހުންތެރިންނަށް އުދަނގޫވެދާނެ ކިތަންމެ ކަމެއްވެސް، ދިމާވެދާނެއެވެ. ހަމަ ކުއްލިއަކަށް ކިނބިއްސެއް އަޅަން ޖެހިދާނެއެވެ. ކެއްސައިގަނެފާނެއެވެ. އަދި އެނޫނަސް އިތުރު އެތައްއެތައް ކަމެއް ކުރިމަތި ވެދާނެއެވެ. މިގޮތަށް ނޭނގި ދިމާވެދާނެ ކަންތައްތަކަކީ، އެވަގުތު އޮޕަރޭޓް ކުރަން އިންނަ އޮޕަރޭޓަރަށްވެސް ޙައްލު ކުރެވޭނެ ކަންތައްތަކެއް ނޫނެވެ.

މި ހުރިހާ އުދނގޫތަކަކާ އެކުވެސް، ލައިވްކޮށް ސިޔަރަތު ރޭޑިއޯއިން ފޮނުވިކަން އެއީ، އެކަން ކޮށްދެއްވި ބޭފުޅުން، ރައްޔިތުންނަށް ކޮށްދެއްވި ވަރަށް ބޮޑު ހެޔޮ ކަމެއްގެ ގޮތުގައި މެނުވީ ފާހަގަ ނުކުރެވެއެވެ. އަދި ޚާއްޞަ ގޮތެއްގައި ކީރިތި ރަސޫލާގެ ސީރަތު ލައިވްކޮށް ރޭޑިއޯއިން ކިޔުއްވައިދެއްވި، ޢައްބާސް އިބުރާހީމާއި ވަޙީދު އަޙުމަދަށް އިޚްލާޞްތެރިކަމާއެކު، މިއަދުވެސް ޝުކުރު ދަންނަވަން ޖެހެއެވެ. އެބޭފުޅުން އެކަން ކޮށްދެއްވީ، އެކަމަށް އެއްވެސް އުޖޫރައެއް ލިބޭތީއެއް ނޫނެވެ. ހަމަ އެކަން ކޮށްދެއްވާ ހިތްޕުޅުންނެވެ.

ދެ ވަނަ ފަހަރަށް ރޭޑިއޯއިން ސީރަތު ފޮނުވިއިރު ސީރަތު ކިޔައިދެއްވީ މުޅިން އެހެން ބޭފުޅުން ތަކެކެވެ. އަދި މުޅިން އެހެން ގޮތަކަށެވެ.

ރޭޑިއޯ މޯލްޑިވްސްގެ ޙަޔާތުގެ ވަރަށް ކުރީކޮޅު، އަޅުގަނޑުގެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި، ކީރިތި ރަސޫލާގެ ސީރަތު، ރެކޯރޑްކޮށްގެން، ފޮނުވާ ގޮތަށް ޚިޔާލު ކުރެވުނެވެ. އެގޮތުން ފުރަތަމަ ކުރިކަމަކީ، ސީރަތު ކިޔައިދެއްވާނެ ބޭފުޅުން ހޯދުމެވެ. އެ ދުވަސްވަރު މާލޭގައި އަޑު ރީތިކަމަށް މަޝްހޫރު ބޭފުޅުން ތިއްބަވާނީ ކޮންމެވެސް މައުލޫދު ގުރޫޕެއްގައި ނުވަތަ ކޮންމެވެސް މިޔުޒިކު ގުރޫޕެއްގައެވެ. މާލޭގައި މައުލޫދު ކިޔުމަށް އެންމެ މަޝްހޫރު ދެ ގްރޫޕަކީ، "މިސްކިއްޔާ" މައުލޫދު ގްރޫޕާއި "ޢަންބަރިއްޔާ" މައުލޫދު ގްރޫޕެވެ.

ކީރިތި ރަސޫލާގެ ސީރަތު ރެކޯޑްކުރުމަށް ބޭފުޅުން ހޮވުމަށް އަޅުގަނޑު މަޝްވަރާ ކުރީ، އައްޝެއިޚް މުޙަންމަދު ޖަމީލުދީދީ އާއެވެ. އެމަނިކުފާނުން ލަފާދެއްވީ، އަޑު ރަނގަޅު ކަމަށް ފާހަގަކުރެވޭ ދެތިން ބޭފުޅުން ހޮވައިގެން ކުރިއަށް ދިއުމަށެވެ. ޝެޢިޚްޖަމީލް ދީދީ ލަފާދެއްވީ، އަޅުގަނޑުގެ ބައްޕަ އަލްމަރުޙޫމް އަލީ ނަޞީރު ލައްވާ އެކަން ކުރުވުމަށެވެ. ނަމަވެސް، އަޅުގަނޑުގެ ބައްޕަ ވެފައި، އަޅުގަނޑު އެވަގުތު ރޭޑިއޯގައި އަދާކުރަމުންގެންދާ މަގާމުގެ ގޮތުން، ހަމައެކަނި ބައްޕަ ލައްވާ އެކަން ކުރުވާކަށް ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން، އަޅުގަނޑުމެން (ޖަމީލު ދީދީއާއި އަޅުގަނޑު) ހޮވި ޓީމަކީ ތިރީގައި އެވަނީއެވެ.

  1. އަލްމަރުހޫމް މަރުޙޫމް ޢަލީ ނަޞީރު (އަޅުގަނޑުގެ ބައްޕަ)
  2. އަލްމަރުހޫމް މުޙަންމަދު ތައުފީޤް (ހާޖަރާގެ)
  3. ވަޙީދު އަޙުމަދު (ރެޑިއަމް ވަޙީދު) އެވެ.

ވަޙީދު އަޙުމަދަކީ އަޅުގަނޑުމެންގެ މުއައްޒަފެކެވެ. އޭނާއަކީ، ރީތި އަޑެއްގެ ވެރިއެކެވެ. އެހެންކަމުން ވަޙީދު އަޅުގަނޑުމެން ހޮވީ، އޭނާވެސް އެކަމަށް އެދިވަޑައިގަތުމާ އެކުގައެވެ.

އާދެ މިފަހަރު ތަޖުރިބާ ކުރުމުގެ ގޮތުން، ސިޔަރަތުގެ އެކި ހިސާބުހިސާބުގައި އަންނަ ޙާދިސާތަކާ ގުޅޭގޮތަށް މަދަޙަ ތައްޔާރުކޮށް، ސިޔަރަތުގެ ތެރޭގައި މަދަޙަ ފޮނުވުނެވެ. މިކަމަކީ، ވަރަށް އުނދަގޫ، އަދި އެހާމެ އާކަމަކަށް ވިއެވެ. ފުރަތަމަ ކަމަކަށް މެދުވެރިވީ، ތިން ބޭފުޅުން އެއްކޮށް ބައިތިއްބައިގެން، 15 މިނިޓަކުން ބޭފުޅަކުގެ އަޑު ރެކޯރޑް ކުރުމުގައި އެރި ދަތިތަކެވެ. އެހެން ނަމަވެސް، އެފަހަރު އެރެކޯޑިން ހެދުނެވެ. ފަހުންފަހުން އައިސް، ހަމައެކަނި އެއް ބޭފުޅަކު ކިޔުއްވާފައިވެސް ހުންނާނެއެވެ. އަޅުގަނޑު މަސައްކަތް ކުރީ، ތަރުތީބަކުން، ކޮންމެ ބޭފުޅަކު ލައްވާވެސް އެއް ދިގުމިނެއްގެ ކިޔުންތަކެއް ރެކޯޑް ކުރާށެވެ.

ސިޔަރަތު ކިޔަމުންދާއިރު ދޭތެރެ ދޭތެރެއިން މަދަޙަ ފޮނުވުމަކީ، ދިވެހިންގެ ދީނީ ސަގާފަތާ ނުގުޅޭ ކަމެއް ކަމަށް ފެންނާތީ، ދެވަނަ އަހަރުގެ ރަމަޟާންމަހު، ސިޔަރަތު ބްރޯޑްކާސްޓް ކުރީ މަދަޙަ ނުހިމަނައެވެ. އަދި އެ އަހަރު ސިޔަރަތު ވިދާޅުވެދެއްވީ، ހަމައެކަނި، އެއް ބޭފުޅެއްގެ އަޑުންނެވެ. އެއީ، އަލްމަރުޙޫމް ހާޖަރާ މުޙަންމަދު ތައުފީޤެވެ.

ކީރިތި ޤުރުއާންގެ ތަރުޖަމާ ރެކޯޑްކުރުން

ކީރިތި ޤުރުއާންގެ ތަރުޖަމާއަކީ، ދެ ފަހަރުމަތިން ރެކޯރޑްކުރެވުނު އެއްޗެކެވެ. ފުރަތަމަ ތަރުޖަމާ ކިޔައިދެއްވީ، ދެތިން ބޭފުޅެކެވެ. އެއީ:

  1. އަލްމަރުޙޫމް އިބްރާހީމް ޙަލީމް (ބަޑިއަލިބޭގެ މެދުސީދި)
  2. އަލްމަރުޙޫމް އަލްއުސްތާޒު މުޙަންމަދު ޖަމީލު ދީދީ
  3. އަލްމަރުޙޫމް އަލްއުސްތާޒު ފަތުހުﷲ ޖަމީލް އެވެ.

އެ ފަހަރު ރޭޑިއޯއިން ބްރޯޑްކާސްޓްކުރި ތަރުޖަމާއަކީ، ރައީސް އޮފީހުން ހަވާލުކުރައްވައިގެން، ދެތިން ބޭފުޅަކު ތަރުޖަމާ ކުރައްވާފައިވާ، ތަރުޖަމާއެކެވެ. އޭގެ ތެރޭއިން އެއް ބޭފުޅަކީ، އަލްމަރުޙޫމް އިބްރާހީމް ޙިލްމީ ދީދީ (ގ. އާކަކާގެ) އަދި އަނެއް ބޭފުޅަކީ، މަރުޙޫމް މުޙަންމަދު ޖަމީލު ދީދީ އަދި އަނެއް ބޭފުޅަކީ، އަލް މަރުޙޫމު އަލްއުސްތާޒު ފަތުޙުﷲ ޖަމީލްއެވެ.

މި ތަރުޖަމާގައިވެސް ބައެއް ކަހަލަ މައްސަލަ ހުރުމާއި އަދި ގިނަ ބޭފުޅުން ލައްވާ ރެކޯޑް ކުރުވަން މަސައްކަތް ކުރުމުގެ ސަބަބުން ލަސްވާން ފެށުމާއި، މިކަހަލަ ކަންތައްތަކަކާ ހެދި، މެދުކަނޑާލަންޖެހުނެވެ. ތަރުޖަމާގައި ހުރި މައްސަލަތައް ހައްލުކޮށް، ހަމައެކަނި އަލް މަރުޙޫމް ޝެއިޚް މުޙަންމަދު ޖަމީލު ދީދީގެ އަޑުފުޅުން ރެކޯޑް ކުރުވީއެވެ. (އެކަމަކު މިހާރު އެ ތަރުޖަމާގެ އަޑެއް ރޭޑިއޯއަކުން ނުފޮނުވައެވެ.)

މި މަސައްކަތުގައި އުޅުއްވި އޮޕަރޭޓަރުންނަކީ މުޙަންމަދު ސަމީރާއި މޫސާ ރުޝްދީއެވެ. ސިޔަރަތުގެ ރެކޯޑިންގ ފެށުނުތާ މާ ގިނަ ދުވަހެއްނުވެ، ސަމީރު ވަޒީފާއިން ވަކިވެ، ރާއްޖެއިން ބޭރުން ވަޒީފާއެއް ހޯއްދަވައިގެން ފުރުއްވައިފިއެވެ. ދެން، މިކަމަށް ޚާއްޞަ ކުރީ އޮޕަރޭޓަރ މޫސާ ރުޝްދީއެވެ. ގިނަ އޮޕަރޭޓަރުން ބައިވެރި ނުކުރީ، އެކަކު މިކަމުގައި އުޅުމުން އެތައް ތަނެއް ފަސޭހަވެ، އޮޅުންބޮޅުން މަދުކޮށްލުމަށެވެ.

މަރުޙޫމް ހީނާ އިބުރާހީމް އިސްމާޢީލް (ހީނާބެ)

"ޚިޔާލީ ފޮލާ"

މި ޕްރޮގްރާމަކީ އަލްމަރުހޫމް ހީނާ އިބްރާހިމް އިސްމާއިލް (ހީނާބެ) އާއި އަޅުގަނޑާ ދެ މީހުން ވެގެން އުފެއްދި މުނިފޫހިފިލުވުމުގެ ޕްރޮގްރާމެކެވެ. މާ އާރުލާ، އޮއްޓަރު ހުރި އެއްޗެއް ގެނެސްދިނުމުގެ މަޤުޞަދުގައި އުފެއްދި ޕްރޮގްރާމެއް ނޫނެވެ. ހިންދީ ފިލްމީ ލަވައިގެ ތަރުޖަމާގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ކިޔައިދެނީއެވެ. ހިންދީ ލަވަ ތަރުޖަމާ ކޮށްދެއްވަނީ ހީނާބެއެވެ. ވާހަކަ ލިޔަނީ އަޅުގަނޑެވެ.

ވާހަކައިގެ ހިސާބުހިސާބުން ލަވަވެސް ހިމަނައިގެންނެވެ. މި ޕްރޮގްރާމްގައި އެނައުންސް ކޮށްދެއްވީ ޒުހައިރާ ޢުމަރާއި މިންނާ ވަޖީހުއެވެ. އެ ދެ ބޭފުޅުންގެ އަޑުފުޅުން މި ޕްރޮގްރާމް ގެނެސްދޭން ފެށުމާއެކު، އެހުންތެރިންގެ ތެރޭގައި ވަރަށް މަޤުބޫލުކަން ލިބިއްޖެއެވެ. އަދި "ހީނާއާއި ބަދުރު" އަކީ، އެ ދުވަސްވަރުގެ "ހިޓް" އަކަށްވެސް ވެއްޖެއެވެ.

މިކަމުގެ ސަބަބުން، އެ ދުވަސްވަރު ރާއްޖޭގައި އޭރު ނުކުތް ހަފްތާ ނޫހެއް ކަމުގައިވާ "މޫންލައިޓް"ގެ ކުޑަކުދިންގެ ކޮލަމްވެސް "ހީނާއާއި ބަދުރު"ގެ ނަމުން ހިނގަން ފެށިއެވެ.

"މޫންލައިޓް" އަކީ، އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމުގެ އެޑިޓަރުކަމުގެ ދަށުން ހެންވޭރު ވެލާނާގޭ ތެރެއިން އުފަންވެގެން ނިކުތް ނޫހެކެވެ. މި ނޫހާއެކު، ސަރުކާރުން ނެރުއްވަމުން ގެންދަވާ، "ވިޔަފާރި މިއަދު" ކިޔާ ދުވަހު ނޫހެއްވެސް އެ ދުވަސްވަރު މާލޭގައި ނެރުނެވެ.

ބަދުރުއްނަސީރު (ކުރީގައި) ހިނގާލުން ލީޑްކުރަނީ

ފުރަތަމަ "ނޯވެހިކަލް ޑޭ"ގެ ލައިވް

މިއީ އަނެއްކާވެސް، ރޭޑިއޯގެ މުއައްޒަފުން ކޮށްފައިވާ އަގުނުކުރެވޭ ފަދަ ޚިދުމަތެއްގެ ހަނދާންތައް އާކޮށްދޭ ފޮޓޯތަކެކެވެ. އެއީ، މާލޭގައި ހިނގާފައި އުޅުމުގެ ދުވަހެއް ފުރަތަމަ ފަހަރަށް ފާހަގަކުރި މުހިންމު ދުވަހެވެ. އެ ދުވަހުގެ ކަންތައް ރޭވިގެންދިޔައީ ރޭޑިއޯގެ ވަރަށްބޮ ޑު އެއްބާރުލުމާއެކުގައެވެ.

އެނައުންސަރު މިންނާ (މ) އަދި ޓެކްނިކަލް ހުރިހާ ސާމާނު (މިކްސަރ، އެންޓެނާ، އަދި ބެޓެރީ) އާއެކު ހިނގާލުމުގައި

އެނައުންސަރު މިންނާ ވަޖީހު، ވަގުތުން އެ މުނާސަބާ ރިލޭކުރަމުންގެންދެވީ، ހިނގަމުންދިޔަ މީހުންގަނޑުގެ ތެރޭގައި ހުންނަވައިގެންނެވެ. އެދުވަސްވަރުގެ ޓެކްނޮލޮޖީ ހުރި ގޮތުން، އެކަމަށް ބޭނުންވާނެ ހުރިހާ ސާމާނެއް ކައިރީގައި ބަހައްޓައިގެންނެވެ. އެންޓެނާ، ބެޓެރީ އަދި މައިކާ ގުޅާފައިހުރި މިކްސަރުވެސް އެހެރީ އެނައުންސަރު ކައިރީގައެވެ.

ނަޖްމާ އަދި އިބުރާހިމް މަނިކު (ވ) ތަފާތު ދިމަދިމާލުން މީހުންގެ އިންޓަވިޔު ނަންގަވަނީ

(ނުނިމޭ)


އެޑިޓަރުގެ ނޯޓު:

މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.

"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

ޝުކުރިއްޔާ!

އެހެނިހެން ލިއުންތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ބަދުރުގެ ހަނދުމަފުޅު ވަރަށްގަދަކަން ގަބޫލުކުރަންޖެހެއެވެ. ކިތަންމެ ހަނދާން ގަދަ މީހަކަށް ވެސް ޒަމާންތަކެއް ފަހުން ލިޔާ ލިޔުމެއްގައި ބައެއް ކުދިކުދި ތަންތަންކޮޅު ހަނދާނުން ކައްސައިލައިގެން ދިޔުމަކީ ހަމަ ވެދާނެކަމެއް ކަމަށް ވެސް ގަބޫލުކުރަންޖެހެއެވެ. މި ލިޔުން ކިޔަމުން ދިޔަ އިރު އަޅުގަނޑު އަޅައިގަތް ދެތިން ތަންކޮޅެއް، ބަދުރަށް ހައްގުވެގެންވާ އިހުތިރާމު އަދާކުރުމާ އެކު، ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ، "މޫންލައިޓް" ނޫހަކީ ހަފުތާނޫހެއް ކަމަށް އޮތް ނަމަވެސް، "މޫންލައިޓް"އަކީ، މޫންލައިޓް ކްލަބުގެ ފަރާތުން ނެރުއްވަމުން ގެންދެވި ދުވަހުނޫހެއް ކަމެވެ. ދެވަނަ ކަމަކީ، "މޫންލައިޓް" ނުކުންނަމުން ދިޔަ އިރު، ސަރުކާރުން "ވިޔަފާރި މިއަދު" ނެރުއްވަމުން ގެންދެވި ކަމަށް އޮތް ނަމަވެސް، "މޫންލައިޓް" ނެރުއްވަން ފެށްޓެވި އިރު، "ވިޔަފާރި މިއަދު" ނުކުތުން ހުއްޓިފައިވާ ކަމެވެ. އަޅުގަނޑު ވެސް ހަނދާނުގެ މައްޗަށް ބުރަވެ، ދަންނަވާލާނަަމަ، އެ ދުވަސްވަރު، ސަރުކާރުން ނެރުއްވަމުން ގެންދެވީ، "ރާއްޖޭގެ ޚަބަރު" (ނުވަތަ "ސަރުކާރުގެ ޚަބަރު"؟) ގެ ނަމުގައި ނެރުއްވަމުން ގެންދެވި ނޫހެކެވެ. އެއިގައި މައިގަނޑު ގޮތެއްގައި ހުންނަނީ، ސަރުކާރު ތަންތަނުން ކުރައްވާ އިޢުލާނުތަކެވެ. ވަރަށް ބޮޑަށް ހަނދާންވާ ގޮތުގައި، އެ ނޫހެއް ނެރުއްވަމުން ގެންދެވީ، އަލްއުސްތާޛު ނ.ތ. ޙަސަން ދީދީގެ އެޑިޓަރުކަމުގެ ދަށުން، އޭރުގެ ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޮޑްކާސްޓިންގއިންނެވެ. އެ ޑިޕާޓްމަންޓާއި ރޭޑިއޯ މޯލްޑިވްސް އޭރު ހިނގަމުން ދިޔައީ އެއް އިމާރާތެއްގައެވެ. މިހާރު ސެނަހިޔަ ހޮސްޕިޓަލް ހިނގަމުންދާ އިމާރާތުގައެވެ. މައުލޫމާތުގެ ކުށެއް ހިމެނިފައިވާނަމަ، ކޮންމެވެސް ފަރާތަކުން އިސްލާހުކޮށްލަދެއްވާނެ ކަމަށް އުންމީދުކުރަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *