ފުވައްމުލަކު މީޑިއާ ސެންޓަރުގެ ބައެއް ކުލަ ހަނދާންތައް
އައްޑު އަތޮޅާއި ފުވައްމުލައް އަދި ހއ، ހދ، ބ. މި އަތޮޅުތަކުގެ މީޑިއާ ސެންޓަރުތަކުގެ ކޮންމެ ސްޓޫޑިޔޯއެއްގައި ކޮންޕިއުޓަރުން ރެކޯޑުކޮށް އެޑިޓް ކުރެވޭގޮތަށް ޒަމާނީ ރެކޯޑިން ސިސްޓަމް 2005 ވަނަ އަހަރުގެ ތެރޭގައި ގާއިމު ކުރެވުނެވެ.

ދިވެހިރާއްޖޭގެ އަޑުގެ މަޤުޞަދުތަކުގެ ތެރޭގައި، ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ އަކީވެސް، ޤާނޫނެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހިމެނިފައިވާ ކަމަކަށްވުމުގެ ސަބަބުން، މި ބިނާކުރެވޭ މީޑިއާ ސެންޓަރު ތަކަކީ، އެކަމަށް މަގުފަހިކޮށްދޭނެ ތަންތަން ކަމުގައި ވާނެކަމުގެ އުންމީދެއްވެސް ކުރެވޭތީއެވެ.

2004 ވަނައަހަރުގެ ފަހުކޮޅު އަލުން ދިވެހިރާއްޖޭގެ އަޑު ހިންގުމާ ޙަވާލުވެގެން އަޅުގަނޑު އައިސް، އެޓޮލް ޕްރޮޑަކްޝަން ސެންޓަރުތައް އިމާރާތްކުރުމުގެ ޕްރޮޖެކްޓްގެ ދަށުން، ހަތރު އަތޮޅެއްގެ ސެންޓަރުތައް ނިންމައި، އެ ތަންތަނުން ޕްރޮގްރާމްތައް ދިވެހިރާއްޖޭގެ އަޑަށް ލިބޭނެ ގޮތަށް ފުރިހަމަ ކުރީމެވެ. އެ ހަތަރު އަތޮޅަކީ، ހއ، ހދ، ބ. އަދި ގއ. އަތޮޅެވެ.

ރާއްޖޭގެ ރަށްތައް އިންޑިޔާ ކަނޑުގައި ފެތުރިފައި އޮތްގޮތުން، މިހާރު ވެސް އަތޮޅުތެރޭގެ ޙާލަތު ދެނެގަތުމަށް ގިނަގުނަ ދަތިތަކެއް ކުރިމަތިވެއެވެ. އެކަށީގެންވާ ޓްރާސްޕޯޓް ސިސްޓަމެއް ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މި ސިސްޓަމް، އާދެ އެޓޯލް މީޑިއާ ސެންޓަރުތަކަކީ، ދިވެހިރާއްޖޭގެ އަޑަށް ނުލާހިކު މުހިންމުވީ ސިސްޓަމެކެވެ.

ހަމައެކަނި 7 އަތޮޅުގައި މީޑިއާ ސެންޓަރ ބިނާކުރުމުން ފުދުނީ ނޫން ކަމަށް އަޅުގަނޑު އެއްބަސްވަމެވެ. ނަމަވެސް ކުރިއަށް ދެވޭނީ ފެށިގެންނެވެ. މިއީ ފެށުމެކެވެ.

އަތޮޅުތެރޭގައި މީޑިއާ ސެންޓަރުތައް ބިނާކުރަމުން ގެންދިޔަ މަސައްކަތުގެ ތެރެއިން
އެފް.އެމް ބްރޯޑްކާސްޓިންގ ތަރައްޤީކުރުމުގައި، އަޅުގަނޑަށް އެހީތެރިވެދެއްވި ޓެކްނީޝަނުންގެ ތެރެއިން މުޙަންމަދު ޒަހީންގެ ނަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުމެވެ. ޒަހީންގެ ޝައުޤުވެރިކަން އެފްއެމް އަށް ވަރަށް ބޮޑަށް ހުރުމުގެ ސަބަބުން، އަޅުގަނޑު ނިންމީ، އޭނާއަކީ އެފްއެމް ބްރޯޑްކާސްޓިންގއާ ގުޅޭ ހުރިހާ ކަމެއްގެ އެންމެ އިސް މީހާ ކަމަށް ހެދުމަށެވެ.

ޓްރާންސްމީޓަރުތައް އޯޑަރކުރުމުން ފެށިގެން، މީޑިއާ ސެންޓަރުތަކުގައި ބަހައްޓާ، ރެކޯޑްކޮށް ބްރޯޑްކާސްޓް ކުރެވޭ ފެންވަރަށް ގެނެސްދިނުމާއި، އަދި އެ ސާމާނު ބެލެހެއްޓުމުގެ ހުރިހާ ކަމެއްވެސް ޒަހީންގެ ލީޑަރޝިޕްގެ ދަށުން، ބަލަހައްޓަމުން ގެންދިޔައީ ދިވެހިރާއްޖޭގެ އަޑުގެ ހީވާގި ޓެކްނިކަލް ޓީމުންނެވެ.




މި މަޝްރޫޢުގެ ދަށުން ގއ. ވިލިގިނލީގެ މީޑިއާ ސެންޓަރު ހުޅުވުނެވެ. މި ރަސްމިއްޔާތަށް ދަޢުވަތު ދެވިގެން ގެންދެވުނީ، އޭރުގެ ޖަސްޓިސް މިނިސްޓަރ އަޙުމަދު ޒާހިރެވެ. އާދެ ސީނާ ޒާހިރެވެ.



ރޭޑިއޯ ކްލަބް އުފެދުން
ދިވެހިރާއްޖޭގެ އަޑުގައި، ވަރަށް ކުރިންވެސް، މުއައްޒަފުންގެ އެކުވެރިކަމާއި ގުޅުމުގެ މުހިންމުކަން ދަނެގެން، މުއައްޒަފުންގެ ރިކްރިއޭޝަން ކްލަބެއް އުފައްދާފައިވެއެވެ. ނަމަކީ، "ރޭޑިއޯ ކްލަބް" އެވެ. އެ ކުލަބުގެ ފަރާތުން، މުއައްޒަފުންގެ މެދުގައި ތަފާތު އެކިއެކި ޙަރަކާތްތައް ރޭވެމުން، ކުރެވެމުން ދިޔައެވެ. އޭގެތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އެހުންތެރިން ރޭޑިއޯއާ މެދު ދެކޭގޮތް ރަނގަޅު ކުރުމަށްޓަކައި، އެހުންތެރިންނާ ބައްދަލުކޮށް މަޝްވަރާއާ އެކު ކުރިއަށް ދިއުމަށްޓަކައި، ތަފާތު ބައްދަލުވުންތައް ބާއްވަމުން ގެންދެވެއެވެ.

ދިވެހިރާއްޖޭގެ އަޑަށް ނަން ބަދަލުވެފައިވާ ހިސާބަށް ރޭޑިއޯ ދަތުރުކުރީ، އެހުންތެރިންނާ ވަރަށް ގާތުންނެވެ. އެހުންތެރިންގެ ޚިޔާލުތަކާއި ފިކުރުތައް، އެމީހުންގެ ޝަކުވާތަކާއި އުންމީދުތައް ވަރަށް ގާތުން އަޑުއަހަމުންނެވެ.
ކުރިންވެސް، ދޭތެރެ ދޭތެރެއިން، ކޮންމެވެސް ބޮޑު ހޯލެއްގައި، ރޭޑިއޯ ހަފްތާގެ ނަމުގައި ޙަފްލާއެއް ބާއްވަމުއެވެ. އެ ޙަފްލާގެ ބޭނުމަކީ، ރޭޑިއޯއިން ފޮނުވޭ ޕްރޮގްރާމްތަކަކީ، މުޖުތަމަޢުއަށް ބޭނުންތެރި، މުޖުތަމަޢުގެ ބޭނުންތަކަށް އަމާޒުކުރެވިގެން ފޮނުވޭ ޕްރޮގްރާމްތަކެއްކަން ދެނެގަތުމެވެ. މި ޙަފްލާތަކަށް ދަޢުވަތުދެވިގެން ވަޑައިގަންނަވާ ބޭފުޅުންނަކީ، ރޭޑިއޯގެ އެކިއެކި ޕްރޮގްރާމްތަކާއި ގުޅުން ހުރި ދާއިރާތަކުން ގެނެވޭ ބޭފުޅުންނާއި، ރޭޑިއޯގެ އެހުންތެރިންގެ ތެރެއިން ޖަލްސާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅެކެވެ.
ޢާންމު ގޮތެއްގައި މި ޖަލްސާގައި އޮންނާނީ، ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުންގެންދާ ޕްރޮގްރާމްތަކަށް ބިނާކުރުވަނިވި ގޮތެއްގައި ފާޑުކިޔާ، އިޞްލާޙީ ނަޒަރަކުން ލަފައާއި އިރުޝާދު ދިނުމެވެ. އަޅުގަނޑުމެން ދިވެހިރާއްޖޭގެ އަޑުގެ ޓީމްގެ ބޭނުމަކީ، ޖަވާބުދާރީވުން އެކަންޏެއްނޫނެވެ. ވިސްނުންތެރިކަމާ އެކު އަޑުއެހުމެވެ. އަދި މުޅި ސެޝަން ރެކޯޑްކޮށްގެން ގެންގޮސް، އަޑުއަހާ، އެކަށީގެންވާ އިޞްލާހު ޕްރޮގްރާމްތަކަށް ގެނައުމެވެ.
"ރޭޑިއޯގަޑި" މިނަމުގައި، ޕްރޮގްރާމް ޝެޑުއަލްތަކާއި އަދި އެހުންތެރިންނަށް ރޭޑިއޯއާ ބެހޭ ގޮތުން އެނގެން ބޭނުންވާނެ ގިނަ މައުޟޫޢު ތަކެއް ހިމަނައިގެން ކުޑަ ފޮތެއްވެސް ނެރެމުން ގެންދެވުނެވެ.

"ރޭޑިއޯ ހަފްތާ" ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދެވުނެވެ. ރާއްޖެތެރޭގެ ބައެއް ހިސާބުތަކުގައިވެސް، ރޭޑިއޯ ހަފްތާގެ ހަފްލާތައް ބޭއްވުނެވެ. ނަމަވެސް، ފަހުންފަހުން އައިސް، ރޭޑިއޯކްލަބާއި ރޭޑިއޯ ހަފްތާގެ އަޑު އޮތީ ވަރަށް މަޑުވެފައެވެ.

ރޭޑިއޯ ކްލަބް ދެވަނަ ފަހަރަށް ދުނިޔެއަށް އައުން
އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރާ ގޮތުގައި، އެއްވެސް އޮފީހެއް، މިނިސްޓްރީއެއް އަދި މުއައްސަސާއެއް ކަމުގައި ވިނަމަވެސް، އެތަނެއްގެ ފަރާތުން ކުރާ މަސައްކަތަކާއި، އެ މަސައްކަތުގެ ކާމިޔާބީއަކީ، ހަމައެކަނި އެތަނެއްގެ ވެރިއެއްގެ މަސައްކަތުން ހޯދޭ އެއްޗެއް ނޫނެވެ. އެއީ، ތަނުގެ މުއައްޒަފުންގެ ހިތްވަރާއި މަސައްކަތުން ލިބޭ ކާމިޔާބެކެވެ. މުއައްޒަފުންގެ ހިތްވަރާއި މަސައްކަތުގެ އެއްބާރުލުން ލިބޭނީ، އެ މުއައްޒަފުންވެސް ހިތްހަމަޖެހިގެން، އުފަލުގައި އޮފީހުގައި އުޅެވޭ ކަމުގައި ވާނަމައެވެ. އެމީހުން އޮފީހާ ދޭތެރޭ "އަމިއްލަވަންތަ" އިޙުސާސެއް ކުރެވޭނަމައެވެ. އޭރުން އޭނާ އޮފީސް ދެކެ ލޯބިވާނެއެވެ. އޮފީހަށް ލިބޭ ކޮންމެ ރީތިނަމަކީ، ޙާޞިލްކުރާ ކޮންމެ ކާމިޔާބީއަކީ، އޭނާއަށް ލިބޭ ކާމިޔާބީއެކެވެ. އަދި ލިބޭ ކޮންމެ ރީތި ނަމެއް އޭނާއަށް ލިބޭ ރީތި ނަމެއްކަމުގެ އިޙްސާސް އޭނާ ކުރާނެއެވެ.

މުއައްޒަފުންގެ މެދުގައި މިގުޅުމާއި ގާތްކަން ޙާޞިލް ކުރުމަށްޓަކައި، އޮފީހެއްގެ ވެރިޔަކަށް ވަރަށް ގިނަ ކަންތައްތައް ކުރެވޭނެއެވެ. ހިނިތުންވެލުމާއެކު، ހުރިހާ މުއައްޒަފުންނާ ވާހަކަ ދައްކާލުމަކީ، ހަމަ ގައިމުވެސް ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. ކައިރީގައި އުޅޭ މުއައްޒަފުންނާ އެކަންޏެއް ނޫނެވެ. އެންމެ ދުރުގައި، އެންމެ ދެރަ މަޤާމުގައި ހުންނަ މުއައްޒަފުވެސް މިއީ، އޮފީހުން ކުރާ ކޮންމެ ކަމެއްގެ ޙިއްޞާދާރެކެވެ.
ދައުލަތުގެ ރޭޑިއޯ/ ޓީވީ ސްޓޭޝަން ފަދަ، ގިނަ ވަގުތުތަކުގައި މުއައްޒަފުން އޮފީހުގައި އުޅެންޖެހޭ މުއައްސަސާ ތަކުގައި އުޅޭ މުއައްޒަފުންގެ ކިބައިގާ މި ދެންނެވި ސިފަ އަށަގެންނެވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ. މިކަން ކުރުމަކީ ވެރިންގެ ވާޖިބެކެވެ. އެހެން ނޫންނަމަ އެ މުއައްޒަފުން މަސައްކަތް ކުރާނީ، "އަމާ ބުނީތީ ފަރަށްދާ" ގޮތަށެވެ.
އަޅުގަނޑު 2004 ވަނައަހަރު ދިވެހިރާއްޖޭގެ އަޑަށް އައިއިރު، ރޭޑިއޯ ކްލަބްގެ އެއްވެސް ހަރަކާތެއް ނެތްތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކްލަބެއް ރަޖިސްޓްރީ ކޮށްފައިވާކަން ދަންނަ މުއައްޒަފުން ތިއްބެވެ. ނަމަވެސް، ކްލަބު އޮތް ޙާލަތެއް އެނގޭ ހަމަ އެކަކުވެސް ނެތެވެ.

ރޭޑިއޯ ކްލަބް އަލުން ދިރުވުމަށް އަޅުގަނޑު ފުރަތަމަ ކުރި ކަމަކީ، ކްލަބް އަދިވެސް އުވާނުލާ އެބައޮތްތޯ މިނިސްޓްރީ އޮފް ހޯމްއެފެއާރޒް އިން ސާފުކުރުމެވެ. ނަޞީބަކުން ކްލަބު އަލުން ރަޖިސްޓްރީ ނުކޮށް ފަރުޖެހޭ ގޮތަކަށް ހޯމް މިނިސްޓްރީއިން ހަމަޖައްސަވައިދެއްވައިފިއެވެ. ކުރަން ޖެހުނުހާވެސް ކަމަކީ، ކްލަބުގެ ހިންގާ ކޮމިޓީ އަލުން ޢައްޔަނު ކުރުމެވެ. އިސާހިތު މިކަން ނިންމާލުމަށްފަހު، މިނިސްޓްރީއަށް އެންގުމުން، އަލުން ރޭޑިއޯ ކްލަބު ހިންގުމުގެ ހުއްދަ މިނިސްޓްރީން ދެއްވައިފިއެވެ.

ރޭޑިއޯ ކްލަބްގެ މަޤުޞަދަކީ، މުއައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، މަސައްކަތުގެ މާޙައުލު ތާޒާކޮށްދިނުމެވެ. ކްލަބްގެ ފަރާތުން، ދިވެހިރާއްޖޭގެ އަޑުގެ ގޯތިތެރޭގައި ބެޑްމިންޓަން ކޯޓެއް އަޅައިގެން، ކްލަބްގެ މެންބަރުން ޓީމްތަކަކަށް ބަހާލައިގެން މުބާރާތް ބޭއްވުން ފަދަ ކަންތައް ރޭޑިއޯ ކްލަބްގެ ފަރާތުން ކުރެވުނެވެ.

އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާ ހަވާލުވެގެން ދިޔަ ފުރަތަމަ ދުވަހުވެސް ފާހަގަކުރެވުނު ކަމަކީ، މުއައްޒަފުން ހެނދުނު އައިސް ސޮއިކޮށްލުމަށްފަހު، ބޭރަށް ދާދިއުމެވެ. އެމީހުން މިދަނީ ކައިރީގައި ހުންނަ ސައިކަޑަ ތަކަށެވެ. ހުރިހާ މުއައްޒަފުންވެސް ގަޑިނުޖެހި އޮފީހަށް އާދެއެވެ. ހާޒިރީ ހަމަ ބަރާބަރެވެ. ނަމަވެސް، އޮފީހުގެ ސެކްޝަންތަކުގެ މަސައްކަތްތައް ފަށައިގަނެވޭވަރު ވާނީ، ހެނދުނު 10.00 ނުވަތަ 10.30 ހާއިރުއެވެ. މިއީ ރޭޑިއޯ ސްޓޭޝަނެކެވެ. 24 ގަޑިއިރު ޚިދުމަތްދޭ ދައުލަތުގެ ރޭޑިއޯ ސްޓޭޝަނެވެ. މިތަނުގެ ކަންތައްތައް މިނޫންގޮތެއް ވާންޖެހޭނެއެވެ.

މުއައްޒަފުންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމުން މިކަމުގެ ޙައްލު ފެނިއްޖެއެވެ. އޮފީހުން ސައި ލިބޭނެ އިންތިޒާމެއް ހަމަޖެހެނިކޮށް، ސައިބޯން ބޭރަށް ދާކަށް ނުޖެހޭނެއެވެ.

ރޭޑިއޯ ކްލަބުން މިކަމަށް ޙައްލެއް ހޯދޭނެއެވެ. ކްލަބުގެ ހިންގާ ކޮމެޓީއާ މަޝްވަރާ ކޮށްލުމުން، ވަރަށް ފަސޭހައިން މިކަންމަށް ޙައްލެއް ލިބިދާނެކަން އެނގިއްޖެއެވެ. ކްލަބްގެ ފަރާތުން ދިވެހިރާއްޖޭގެ އަޑުގައި ކެންޓީނެއް ހިންގަން ޚިޔާލު ކުރެވި، އެއްބަސްވެވިއްޖެއެވެ. އަޅުގަނޑު ކުރަންވީހާ ވެސް ކަމަކީ، ކެންޓީނު ހިންގާނެ ކޮޓަރިއެއް، ގްރައުންޑް ފްލޯއިން ހުސްކޮށްދިނުމެވެ. ހުރިހާ މުއައްޒަފުންނަށް ފައިދާ ކުރާނެ މިކަހަލަ ޕްރޮޖެކްޓެއްގައި، މި ކަމަކީވެސް އުދަނގޫ ކަމަކަށް ނުވިއެވެ. އިސާހިތު، އޮފީހުގެ ތިރިން ގުދަނެއްގެ ގޮތުގައި ބަހައްޓާފައި ހުރި ދެކޮޓަރި ހުސްކޮށް، ތައްޔާރު ކޮށްލެވިއްޖެއެވެ. އޭރު، ރޭޑިއޯ ކްލަބުގެ ފަރާތުން، ކައިރީގައި ކެފޭ ހިންގާ މީހުންނާ ވާހަކަ ދައްކައިގެން، އެތަނުން ކޮންމެވެސް ސައިކަޑައެއްގެ ގޮތްޕެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ އަޑުގެ ކެންޓީން ހިންގައިދޭން އެއްބަސްވެއްޖެއެވެ. މުއައްޒަފުން، ސޮއިކޮށްލާފައި، އޮފީހުން ބޭރަށް ސައިބޯންދާ ދިއުމަށް ހައްލެއް ގެނެވިއްޖެއެވެ.

ދިވެހިރާއްޖޭގެއަޑުގެ ނިއުސް ރޫމް
ކުރިންވެސް ދެންނެވި ފަދައިން، ދިވެހިރާއްޖޭގެ އަޑުގެ ނިއުސް ރޫމަކީ، ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ތަނެކެވެ. ޙަޤީޤަތުގައި އެތަނަކީ، ޕްރޮގްރާމް ޑިޕާޓްމަންޓްގެ ޔުނިޓެއްގެ ގޮތުގައި ހިނގަމުން އައި ތަނެއް ކަމުގައިވިޔަސް، އެތަން، ވަނީ ވަރަށް ބޮޑަށް ހަނދާން ނައްތާލެވިފައެވެ. ޕަބްލިކް ސާރވީސް ރޭޑިއޯ ސްޓޭޝަނެއްގެ ތިން މަޤުޞަދުގެ ތެރެއިން އެންމެ މުހިންމު އެއް މަޤުޞަދަކީ، ރައްޔިތުންނަށް ވީހާ ރަނގަޅަކަށް، ވީހާ ސާފުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މިކަން ކުރެވޭނީ، އެ ސްޓޭޝަނެއްގެ ނިއުސް ރޫމް ފުރިހަމަވީ ވަރަކަށެވެ. އެތަނުން ތައްޔާރުކުރާ ޚަބަރުތަކަށް މުޖުތަމަޢުގެ އިތުބާރު ލިބޭ މިންވަރެއްގެ މައްޗަށެވެ. ޚަބަރު ތައްޔާރު ކުރުމުގައި، ޙަޤީޤަތުގެ މައްޗަށް ސަމާލުކަންދޭ މިންވަރެއްގެ މައްޗަށެވެ. ރިޕޯޓަރުންގެ ޝައުޤުވެރިކަން ހުރި މިންވަރަކަށެވެ. އަދި ޚާއްސަކޮށް ޚަބަރު ތައްޔާރުކޮށް، މުޖުތަމަޢުއަށް ނެރެވޭ މިންވަރެއްގެ މައްޗަށްވެސް މެއެވެ.
ނިއުސް ރޫމަކީ، ޕްރޮގްރާމް ޑިޕާރޓްމަންޓްގެ ސެކްޝަނެއް ކަމުގައިވީ ނަމަވެސް، މުޅިން ތަފާތު ގޮތަކަށް މަސައްކަތް ކުރަންޖެހޭ ސެކްޝަނެކެވެ. ސްޓޭޝަނާ ދޭތެރޭ އެހުންތެރިންގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑުބާރު ލިބިގެންވާ ސެކްޝަނެވެ. އެހެންކަމުން، ނިއުސް ރޫމަކީ، ކޮޓަރިއެއްގެ ތެރޭގައި ތާށިވެގެން ތިބެ، މަސައްކަތްކުރަން ޖެހިފައިވާ ކުޑަ ސެކްޝަނެއްގެ ގޮތް ކެނޑި، މާ މުހިންމު، މާ ވަރުގަދަ ތަނަކަށް ހަދަން އެބަޖެހެއެވެ.
އެހެންކަމުން، ނިއުސްރޫމް، ޑިޕާޓްމަންޓެއްގެ ދަރަޖައަށް ގެނެސް، ޑިޕާޓްމަންޓް އޮފް ނިއުސް އެނޑް ކަރަންޓްއެފެއާރޒްގެ ނަން ދެވި، އެ ހައިސިޔަތުން މަސައްކަތް ކުރެވޭނެ ހުރިހާ ކަމެއް ހަމަޖައްސައިދިނީމެވެ.
ޑިޕާރޓްމަންޓް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާރޒް ހިންގުމުގެ އިސް ވެރިން


މި ޑިޕާޓްމަންޓަކީ،ވަރަށް ފުރިހަމަ ކުރެވިފައިވާ ތަނަކަށް ބަދަލުކުރަން އެބަޖެހެއެވެ. ޚަބަރުތައް ދުނިޔޭގެ ހުރިހާ ދިމާއަކުން ފަސޭހައިން ލިބޭނެގޮތް ހޯދައިދޭން ޖެހެއެވެ. ރިޕޯޓަރުންނަށް ތަންތަނަށް ގޮސްގެން ޚަބަރު ހޯދޭނެ އިންތިޒާމެއް ކުރެވިފައި ހުންނަން ޖެހެއެވެ. އެ ރިޕޯޓަރުންނާއި އެޑިޓަރުންގެ މަސައްކަތް ގާތުން، ފަސޭހައިން ކުރެވޭނެ ގޮތަށް، ރެކޯޑްކޮށް، އަޑުއަހާ އަދި އެޑިޓްކުރެވޭނެ ގޮތް، ސީދާ ނިވްސް ޑިޕާޓްމަންޓްގައި ހުރީމައެވެ.
މިކަން ޙައްލުކުރުމަށް އަޅުގަނޑު ގަސްދުކުރީމެވެ. އިމާރާތުގެ އެންމެ މަތީ ފްލޯ އަކީ، ޑިޕާޓްމަންޓް އޮފް ނިއުސް އެންޑް ކަރަންޓްއެފެއާރޒް ކަމުގައި ހަމަޖެއްސީމެވެ. އެތަނުގައި ހުރީ، މަދު ފޮތްކޮޅަކާއެކު ހުރި ލައިބްރަރީއެކެވެ.
ރާއްޖޭގެ ޙާލަތާއި މާލޭގެ ކުޑަ ކަމަށް ވިސްނާފައި، ޒަމާނުއްސުރެ ރާއްޖޭގައި ހިންގަމުން އަންނަ، ގައުމީ ކުތުބުޚާނާގެ އެހީތެރިކަން، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮޑިއުސަރުން ބޭނުންވެއްޖެ ޙާލަތެއްގައި ލިބޭނެ ފަދަ އިންތިޒާމެއް ޤާއިމުކުރުމަށް ނިންމީއެވެ. އަދި ޢިމާރާތުގެ ތިން ވަނަ ފްލޯ ހުސްކޮށް އެ ފްލޯއަކީ، ޑިޕާޓްމަންޓް އޮފް ނިއުސް އެންޑް ކަރަންޓްއެފެއާރޒް ކަމަށް ބަދަލުކޮށްލީމެވެ.

މި ފްލޯގައި ވަކިން ސްޓޫޑިއޯއެއް ޤާއިމުކޮށް އެޑިޓްކޮށް، އަޑުއަހާ ހަދަން ޖެހިއްޖެނަމަ، އެކަން ކުރެވޭނެ ގޮތަށް އެ ފްލޯގައި، ރެކޯޑިންގ އަދި އެޑިޓިންގ ފެސިލިޓީ ހަމަކުރީމެވެ. ކަރަންޓް އެފެއާރޒް ޕްރޮގްރާމްތަކަށާއި އަދި އެނޫންވެސް، ޚަބަރާ ގުޅުން ހުރި ޕްރޮގްރާމްތައް ރެކޯޑްކޮށް ސީދާ އެތަނުން ބްރޯޑްކާސްޓް ކުރެވޭގޮތް ހަމަޖައްސައިދިނީމެވެ.
ޚަބަރުތައް ކިޔާ ގަޑިތައް އިތުރު ކުރެވިފައިވުމާ އެކު، ކުއްލި މުހިންމު ކަމެއް ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައިވެސް ހިނގައިފި ނަމަ، އެ ޚަބަރެއް ވީހާ އަވަހަކަށް އެހުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ، ދިވެހިރާއްޖޭގެ އަޑުގެ މުހިންމު ރޯލެއްކަން ނިވްސްގައި މަސައްކަތް ކުރަމުންދާ ހީވާގި މުއައްޒަފުން ދަނެއެވެ. އެހެންކަމުން، ބްރޭކިންގ ނިވްސް އަށްޓަކައި، އެޑިޓަރުންނާއި ޖާނަލިސްޓުން 24 ގަޑިއިރު ތިބެނީ، ތައްޔާރުގައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުންނާއި، ރައްޔިތުންގެ ވިންދު ޖަހަމުންދާ ނިސްބަތަށް ވިސްނާއިރު، ހަމަ އިރުއިރުކޮޅާހެން ބްރޭކިންގ ނިވްސް ގެނެސްދޭން ޖެހިދާނެ ކަމަށް ލަފާކުރެވޭތީ، ނިވްސް ޑިޕާޓްމަންޓަކީ، އެންމެ ރަނގަޅަށް މަސައްކަތްކުރެވޭ އަދި ރައްޔިތުންނަށް އެންމެ އަވަހަށް، ޚިދުމަތްދެވޭ ތަނެއްގެ ގޮތުގައި ހެދުމުގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ.

ކުރިމަތިވަމުން އަންނަ އިންތިޚާބަށް ފިސާރި ރަނގަޅަށް ދިވެހިރާއްޖޭގެ އަޑު ތައްޔާރުވާން ޖެހެއެވެ. އަދި ހަމަ އެއާއެކު، މުޅި ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ޑިޕާޓްމަންޓްތަކަކާއި ޔުނިޓްތަކެއްވެސް، ނިވްސް ޑިޕާޓްމަންޓްގެ ގޮވައިލުމަކަށް ތައްޔާރުވެގެން ތިބޭނެ ފަދަ ނިޒާމެއް ޤާއިމުކުރަން ޖެހެއެވެ. މީގެ މާނައަކީ، ތަފާތު ކުރުމެއް ނޫނެވެ. ނަމަވެސް، ފުއްދުންތެރިވުމެވެ.
މި މަގުޞަދު ޙާޞިލު ކުރުމުގައި، ނިވްސްރޫމްގެ ވެރިއެއްގެ ގޮތުގައި ހުންނެވި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޢުމަރު މަނިކުގެ ފަރާތްޕުޅުން، އަޅުގަނޑަށް ލިބުނު އެހީތައް ގިނަގުނައެވެ. އޭނާގެ ޓީމުގައި ދެން މަސައްކަތް ކުރައްވަން ތިއްބެވި މުއައްޒަފުންނަކީވެސް، ހަމަ އެހާ ޤާބިލު ބޭފުޅުންކޮޅެކެވެ. ނިވްސް ޑިޕާޓްމަންޓްގެ ރޭވުންތައް ގާތުން ބަލައިލުމުން، މިކަން ފިސާރި ރަނގަޅަށް ދޭހަވެއެވެ. ނިވްސްރޫމްގައި މަސައްކަތްކުރާ ހަމަ ކޮންމެ މުއައްޒަފެއްގެވެސް އެންމެ ބޮޑު އެއް އަމާޒަކީ، ދިވެހިރާއްޖޭގެ އަޑުން ކިޔާ ޚަބަރަކީ، އެންމެ އިތުބާރު ކުރެވޭ، އެންމެ ތެދު ބަހުން ގެނެސްދެވޭ އަދި ކޮންމެވެސް ހިސާބަކުން، ހުރިހާ އެންމެނާވެސް ގުޅޭ ޚަބަރެއް ކަމުގައިވުމެވެ.
ނިވްސްރޫމްގެ ޚަބަރު ގަޑިތައް ހަމަޖެހިފައިވާ ގޮތް ދަންނަވައިލާނަމެވެ.

ދިވެހިރާއްޖޭގެ އަޑުން ދުވާލަކު 7 ފަހަރު ޚަބަރު ބްރޯޑްކާސްޓްކުރެއެވެ. އެއީ:
- ހެނދުނު 7:00 (އަސްލު)
- ހެނދުނު 10:00 (ރިޕީޓް)
- މެންދުރު 1:30 (އަސްލު)
- ހަވީރު 4:00 (ރިޕީޓް)
- ހަވީރު 6:00 (އިގިރޭސިބަހުން)
- ރޭގަނޑު 7:00 (އަސްލު)
- ރޭގަނޑު 10:00 (ރިޕީޓް)
މީގެ އިތުރުން ކޮންމެ ރެއަކު 11:00އިން 12:00އަށް "ޚަބަރުގަޑި"ގެ ނަމުގައި ޚަބަރު މެގެޒިންއެއް ބްރޯޑްކާސްޓް ކުރަމުން ދެއެވެ. އަދި ހަފްތާއަކު 1 ފަހަރު "ވޭތުވެދިޔަ ހަފްތާގެ ދުނިޔެ"ގެ ނަމުގައި އުފައްދާ ދުނިޔޭގެ ޚަބަރުތަކުގެ ޕްރޮގްރާމަކާއި "ހަފްތާ ޚަބަރު"ގެ ނަމުގައި ރާއްޖޭގެ އަތޮޅުތަކުގެ ޚަބަރު ޕްރޮގްރާމެއް ބްރޯޑްކާސްޓް ކުރަމުންދެއެވެ.
ޚަބަރު ކަވަރޭޖް ވަނީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން ފުޅާކުރެވިފައެވެ. ދުނިޔޭގެ އިތުބާރު ހުރި ޚަބަރު ފަތުރާ ވަޞީލަތްތަކުން ޚަބަރު ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އަދި އިތުރަށް މި މަސައްކަތް ހަރުދަނާކޮށް މީހުންނަށް ތަމްރީންދިނުމާއި އިތުރު މުއައްޒަފުން ލައިގެން މަސައްކަތްތައް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގައި "ބްރޭކިންގ ނިއުސް"ގެ ގޮތުގައި ގެނެސްދޭންޖެހޭ ފަދަ ޙާދިސާއެއް ހިނގައިފިނަމަ އެ ޙާދިސާއެއް ވީއެންމެ އަވަހަކަށް ގެނެސްދިނުމުގެ ޤާބިލްކަން ނިވްސް އެންޑް ކަރަންޓްއެފެއާރޒް ޑިޕާޓްމަންޓަށް ލިބިފައިވެއެވެ.
މީޑިޔާ ސެންޓަރުތައް ހުރި އަތޮޅުތަކުން އެ ސެންޓަރތަކުގެ މުއައްޒަފުން މެދުވެރިކޮށް ޚަބަރުތަކާއި ރިޕޯޓްތައް ގެނެސްދެމުންދެއެވެ. ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޑިޕާޓްމަންޓްގައި 22 މުއައްޒަފުން މަސައްކަތް ކުރަމުން ގެންދިޔައެވެ. އޭގެ ތެރޭގައި ޖަރނަލިޒްމް ޑިޕްލޮމާ ފެންވަރުގެ ތިން މީހުންނާއި ޕްރޮޑަކްޝަން ޑިޕްލޮމާ ފެންވަރުގެ މީހަކާއި ޖަރނަލިޒަމްއާ ގުޅޭ އެކި ފެންވަރުގެ ކޯސްތައް ފުރިހަމަކޮށްފައިވާ މުއައްޒަފުން ހިމެނެއެވެ.
ޚަބަރުގެ މަސައްކަތްކުރުމަށްޓަކައި ކޮންމެ މުއައްޒަފަކަށްވެސް މިޒަމާނުގެ ވަޞީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، ކޮމްޕިޔުޓަރާއި އިންޓަރނެޓްގެ ޚިދުމަތާއި ޚަބަރަށް ބޭނުންވާ އެކިއެކި ރިކޯޑިންތައް ތައްޔާރު ކުރުމުގެ ޤާބިލްކަން ހުރި ވަރކް ސްޓޭޝަންތައް ރިޕޯރޓަރުންނަށް ހަމަޖައްސައިދިނީމެވެ. މީގެ އިތުރުން ޚަބަރުގެ މަސައްކަތަށް ޚާއްޞަ ސްޓޫޑިޔޯއެއް، ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޑިޕާޓްމަންޓްގައި ޤާއިމް ކުރީމެވެ.
ބައިވެރިވި ބައެއް ރަސްމީ ޖަލްސާތަކާއި ދަތުރުތައް








ވިޒުއަލް ރޭޑިއޯ
ޒަމާނީ ތަރައްޤީގެ ތެރެއިން، ދިވެހިރާއްޖޭގެ އަޑަށް ދިމާވި އެންމެ ހިތްދަތި، އަދި އުދަގޫ ދުވަސްވަރަ ކީވެސް، 2000 ގެ އަހަރުތަކުގެ ފަހުކޮޅެވެ. އިންފޮރމޭޝަން މިނިސްޓްރީގެ ދަށުން ޓެލެވިޒަން ސްޓޭޝަންއާއި ރޭޑިއޯ ސްޓޭޝަން، ތަފާތު ދެ މުއައްސަސާގެ ގޮތުގައި ހިނގަމުން އައިސް، މިދެންނެވި ފަދައިން، ތަރައްޤީގެ އާ ވިސްނުންތަކާއެކު، މިނިސްޓްރީ ހިންގަވަން ތިއްބެވި ބޭފުޅުންގެ ވިސްނުންފުޅު ދަތުރުކުރަން ފެށީ، ދެ ސްޓޭޝަނަށް ޚަރަދު ކުރުމަށްވުރެ، އެއް ސްޓޭޝަނަށް ޚަރަދު ކުޑަކޮށްލުމަށްފަހު، ރޭޑިއޯ އަކީވެސް، ޓެލެވިޒަން ކަހަލަ މީޑިއަމްއަކަށް ބަދަލު ކުރެވިދާނެކަމުގެ ވިސްނުންތަކެވެ.

އެ ބޭފުޅުންގެ ހުރިހާވެސް އަމާޒެއް ހުރީ، ޚަރަދު ކުޑަކޮށް ކަންކުރެއްވުމަށެވެ. އެހެންކަމުން، ދެހާހުގެ ފަހުގެ އަހަރުތަކުގެ ތެރޭގައި، މިނިސްޓްރީގެ މެނޭޖްމަންޓަށް ގެނެވުނު ބަދަލަކާއެކު، ދެ މީޑިއަމްގެ ތަފާތާއި ބާރު، އަދި މި ދެ މީޑިއަމުން މުޖުތަމަޢުއަށް ކޮށްދެވޭނެ ކަންތަކަށްވުރެ އިސްކަން ދެވެން ފެށީ، ޚަރަދު ކުޑަކޮށް، މުއައްޒަފުންވެސް މަދުކޮށްގެން ދެ މީޑިއަމް ހިންގުމެވެ.
ދިވެހި ރާއްޖޭގެއަޑު ހިންގުމާ ހަވާލުވެ ހުރީ، އަޅުގަނޑެވެ. އަޅުގަނޑު އަމިއްލަ ކުންފުންޏެއްގެ ވަޒީފާގައި ހުއްޓާ ސަރުކާރުން ގެންނަވާ، ދިވެހިރާއްޖޭގެ އަޑު ހިންގުމާ ހަވާލުކުރެއްވި ގޮތަށެވެ.
ސަރުކާރުގެ ތަފާތު އިދާރާތަކަށް ގެނެވުނު ބަދަލުގެ ތެރޭގައި، މިނިސްޓްރީ އޮފް އިންފޮމޭޝަން ވެސް ވަނީ ވަރަށް ބޮޑަށް "ޒުވާން"ވެފައެވެ. ނަމަވެސް، މިނިސްޓްރީގެ ދަށުގައި ހުރި މުހިންމު އެއް މުއައްސަސާ ކަމުގައިވާ، ދިވެހިރާއްޖޭގެ އަޑުގައި އަދިވެސް ހުރީ، އެތައް ދުވަހެއް ވަންދެން ރޭޑިއޯގެ ހިންގުމުގައި އުޅެމުން އައިސްފައިވާ، އަޅުގަނޑެވެ.
މިނިސްޓްރީގައި ބާއްވަވަމުން ގެންދަވާ މީޓިންގތަކުގައި، ރޭޑިއޯއާއި ޓީވީ އެއްކޮށްލާ ވާހަކަ، އަޅުގަނޑަށް ހަޖަމުކުރަން ދަތިވެއްޖެއެވެ. ދެ ސްޓޭޝަންގައި އެއް ނިވްސް ރޫމެއް ހުރެގެން، ރޭޑިއޯއިން ޚަބަރު ގެނެސްދިނުމުގައި ހުންނާނެ އުދަނގޫތަކާ ދޭތެރޭ އަޅުގަނޑަށް ވާހަކަ ދެކެވެން ފަށައިފިއެވެ. ރޭޑިއޯ އެނައުންސަރު އިންނަ ކޮންޓިނިޔުޓީ ސްޓޫޑިއޯއަކަށް، ޓީވީ ކެމެރާ ވައްދައިގެން، ރޭޑިއޯ އެނައުންސަރު، ޓީވީތަކުން ފެންނަން ފެށުމުން، ރޭޑިއޯ ބްރޯޑްކާސްޓިންގގެ މުޅި ވިސްނުން ހަލާކުވެ، ރޭޑިއޯ ފޫހިވިގެން ދާނެކަމުގެ ހެކިތަކާއެކު ބަހުސްތައް ކުރަން ފަށައިފީމެވެ. މިއީ މިއަދުގެ ދުނިޔޭގައި ކުރިއަރަމުން އަންނަ ކަމަށް މިނިސްޓްރީގައި ވާހަކަ ދެކެވެމުންދާ، "ވިޒުއަލް ރޭޑިއޯ" އެވެ. ޓީވީ އާއި ރޭޑިއޯއަށް އެއް ނިވްސް ރޫމެކެވެ. އަދި، ރިޕޯޓަރުންނާއި ޚަބަރުގައި ޙަރަކާތްތެރިވާ އެހެނިހެން މީހުންނަކީވެސް، ދެތަނަށް މަސައްކަތް ކުރާ މީހުންކަ މުގައި ހަމަޖެހެން ޖެހެއެވެ.

ވިޒުވަލް ރޭޑިއޯ އަކީ، މިއަދުވެސް އަޅުގަނޑު ދެކޮޅުހަދާ ކަމެކެވެ. ޓެކްނޮލޮޖީއާ ދެކޮޅުހަދަނީއެއް ނޫނެވެ. ނަމަވެސް އެ ވިސްނުން އަޅުގަނޑަށް ގަބޫލު ނުކުރެވެނީއެވެ. "ވިޒުއަލް ރޭޑިއޯ" އަކީ، ހަމައެކަނި ކަމެއް ކުރުމުގެ ނަމުގައި ކުރަން ފެށި ކަމެކެވެ. މިކަމުގެ ސަބަބުން ރޭޑިއޯގެ ފަރާތުން މުޖުތަމަޢުއަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އަދި ކީއްތޯއެވެ؟ ވިއްޔާ ވާނީ، ގެއްލުމެކެވެ. ރޭޑިއޯގެ މުޅި އަޞްލު ނެތިކޮށް ހަލާކު ކޮށްލެވެނީއެވެ.
ރޭޑިއޯއަކީ، އިންސާނާގެ އިވުމުގެ ޙިއްސު ބޭނުންކޮށްގެން، ސިނކުޑިއަށް މެސެޖްތަކެއް ފޮނުވައިދިނުމެވެ. މިކަންކުރާ މީހުން (ރޭޑިއޯ ޕްރޮޑިއުސަރުން) އެމީހުންގެ ޕްރޮގްރާމްތައް ބައްޓަންކުރަނީ، ތަފާތު ގޮތަކަށެވެ. އެއާ ޚިލާފަށް ޓެލެވިޒަންއަކީ، އިންސާނާގެ ފެނުމުގެ ޙިއްސަށް ފޮނުވައިދޭ މެސެޖްތަކެކެވެ. ސިކުނޑިއަށް ދާނީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ޓީވީގެ ޕްރޮޑިއުސަރުން ޕްރޮގްރާމް އުފައްދާނީ، އިންސާނާގެ ލޮލަށެވެ.
ވިޒުވަލް ރޭޑިއޯއަކީ ޚަރަދުތައް ކުޑަކޮށްގެން ކަމެއް ކުރަންކުރާ ބޭކާރު ކަމެއްގެ ގޮތުގައި އެ ދުވަހު އަޅުގަނޑު ދެއްކި ވާހަކަ، މިއަދުގެ ދުނިޔޭގެ ގިނަ ވިޒުވަލްރޭޑިއޯ ތަކުން ފެންނަމުން އެބަދެއެވެ. ގިނަ ތަންތަން މިހާރު އުވިއްޖެއެވެ. ރޭޑިއޯއިން މުޖުތަމައުއަށް ކުރަންޖެހޭ ހަޤީޤީ އަސަރު ނުގެނެސްދެވޭތީއެވެ.
ރޭޑިއޯގައި ޒަމާނުއްސުރެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތިބި އެނައުންސަރުންނާއި، ޕްރޮޑިއުސަރުން، ރޭޑިއޯ ދޫކޮށް ޓެލެވިޒަންއަށް ދިއުމުގެ މަގު ފަހިކޮށްދެވެނީއެވެ.
މިނިސްޓްރީގެ ތެރޭގައި މިވަގުތު ތަރައްޤީގެ ޚިޔާލާތު ހުރި ގޮތުން، އަޅުގަނޑު މިގޮތުން ދައްކާ އެއްވެސް ވާހަކައަކީ، (ރޭޑިއޯ ބްރޯޑްކާސްޓިންގ އަކީ، ކޮން އެއްޗެއްކަމާއި މުޖުތަމައަކަށް އޭގެ ސަބަބުން ކޮއްފާނެ އަސަރަކަށް ކުޑަވެސް ހޭލުންތެރިކަމެއް ނެތް،) ޒުވާން އެޑްމިނިސްޓްރޭޓަރުންނާއި ފައިނޭންސަރުން، ޤަބޫލުކުރަން ބޭނުންވާނެ ވާހަކައެއް ނޫންކަންވެސް އަޅުގަނޑަށް އެނގެއެވެ. ނަމަވެސް، އަޅުގަނޑަކީ، ރޭޑިއޯ ބްރޯޑްކާސްޓް ކުރުމަކީ ކޮން ކަހަލަ ކަމެއްކަން، ކޮންމެވެސް ވަރަކަށް އެނގޭ މީހެއް ކަމުން، ރޭޑިއޯ ހަލާކުގެ ތެރެއަށް ވަދެގެން ދާތަން ބަލަން، އެއްޗެއް ނުބުނެ އިނުން އަޅުގަނޑުގެ ޒަމީރު ޤަބޫލު ނުކުރާތީ، މީޓިންގ ތަކުގައި އަޅުގަނޑުގެ ޚިޔާލު ހުށައަޅަމުން ގެންދިޔައީމެވެ.
އެ ހިސާބުން ފެށިގެން، އަޅުގަނޑަކީ ހުނިޖެހިފައި ހުރި މީހަކަށް ވެއްޖެއެވެ. މިނިސްޓްރީގެ ޕޮލިސީއާ ސީދާ ދެކޮޅު ހަދާ، މިނިސްޓްރީން ކުރަންބޭ ނުންވާ ކަންތައްތައް ކުރިއަށް ގެންދިޔަ ނުދޭން މަސައްކަތްކުރާ މީހެއްގެ ގޮތުގައި ފާހަގަކުރެވިއްޖެއެވެ. މި ހިސާބުން، ދިވެހިރާއްޖޭގެ އަޑުގެ މުހިންމުކަންވެސް ކެނޑެން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އަޑު، ރޭޑިއޯ ބްރޯޑްކާސްޓިންގ ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑު ގަދައަޅާ މަސައްކަތް ކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އަޑަކީ، "ބަންދުކުރެވި، ވަށާ ބޮޑުފާރު ރޭނިފައިވާ ކިއްލާ"އެއްގެ ސިފައިގައި ވެސް ބައެއް މުހިންމު ބޭފުޅުން ވިދާޅުވަމުން ގެންދެވިއެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގެ ނިވްސްރޫމް އެއްކޮށްލާ، އެއް ތަނަކުން ދެ ސްޓޭޝަނަށް ނިވްސް ފޮނުވާ ގޮތަށް، އިތުރު ޢިމާރާތެއް ކުއްޔަށް ހިފާ، އެތަނަށް ބޭނުންވާނެ އިކްވިޕްމަންޓާއި މުއައްޒަފުން ޢަންޔަން ކުރެވުނެވެ. އެއާއެކު، ނިވްސްރޫމްގެ މުއައްޒަފުންގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމަކީ، އެއް ރިޕޯޓަރެއް ދެ މުއައްސަސާއަށް ޚަބަރު ހޯދާ ފޮނުވުމުގައި އޭނާ އިސްކަންދޭނީ، ކޮން މުއައްސަސާއަކަށް ކަމާމެދުއެވެ.
އަޅުގަނޑު ލަފާކުރާ ގޮތުގައި، ދިވެހިރާއްޖޭގެ އަޑާ މެދު މިނިސްޓްރީގެ އަޅާލުން ކުޑަވާން ފެށި ހިސާބަކީ، އެއީއެވެ.
ދިވެހިރާއްޖޭގެ އަޑަކީ، ކިހިނެއް މި ހިސާބަށް ދަތުރުކުރި ރޭޑިއޯ ސްޓޭޝަނެއް ކަމާއި، ސްޓޭޝަންގެ މަސައްކަތް ބެހިފައިވާ ގޮތާއި އަދި ސްޓޭޝަނުން ކުރަމުން އަންނަ މަސައްކަތް ކުޑަކޮށް ނަމަވެސް ބުނެދެވޭތޯ އަޅުގަނޑު ބެލީމެވެ. ހަމަ އެއާއެކު، ޒަމާނާ އެއްގޮތަށް ޚިޔާލުތައް ބައްޓަންވެގެން އައިކަމުގައިވީ ނަމަވެސް، ބަދަލުކުރަން އުނދަގޫ، ނުވަތަ ބަދަލު ނުކުރެވޭނެ ކަންތައްތަކެއް ވާކަންވެސް ބުނެދޭން މަސައްކަތް ކުރީމެވެ.
ދިވެހިރާއްޖޭގެ އަޑުން ކުރަމުންގެންދިޔަ މަސައްކަތްތަކުގެ ކުރު ތަޢާރަފެއް މިތަނުގައިވެސް ދެވޭތޯ ބަލާނަމަވެ. ދިވެހިރާއްޖޭގެ ރޭޑިއޯގެ ޚިދުމަތް "މާލޭ ރޭޑިޔޯ"ގެ ނަމުގައި ފެށީ 29 ޑިސެމްބަރ 1962ގައެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމަކީ ރޭޑިއޯގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ދިވެހިރާއްޖޭގެ ރޭޑިއޯގެ ތަޞައްވުރަކީ އަދި މުއައްޒަފުންގެ ވަރުގަދަ އަޒުމަކީ، ދިވެހި ކޮންމެ ފަރުދެއްގެ ހިތުގައި ޤަދަރާއި އިތުބާރާއި ލޯބި ލިބިގެންވާ ރޭޑިޔޯ ސްޓޭޝަނަކަށް ދިވެހިރާއްޖޭގެ އަޑު ހެދުމެވެ. ދިވެހިރާއްޖޭގެ ރޭޑިއޯގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށް ވުޒާރަތުލްމާލިއްޔާ (ބ) ގެ ދަށުން ސަރުކާރު ހިއްސާވާ އިދާރާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ރޭޑިއޯ ހަމަޖެހިގެންދިޔައީ 11 ސެޕްޓެމްބަރ 1966ގައެވެ. ނަމަވެސް އޭރު ޚިދުމަތް ދެމުން ގެންދިޔައީ އިނގިރޭސި ނަންނަމުގައެވެ. ދިވެހި ދައުލަތުގެ ރޭޑިޔޯ ސްޓޭޝަންގެ ނަން، "ދިވެހިރާއްޖޭގެއަޑު"ގެ ނަމަށް ބަދަލުކުރެވުނީ 19 ޖެނުއަރީ 1980ވަނަ އަހަރުއެވެ.
(ނުނިމޭ)
–
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 4
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 5
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 6
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 7
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 8
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 9
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 10
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 11
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 12
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 13
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 14
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 15



advertisment