ޓެކްނިކަލް ޑިޕާޓްމަންޓް
މިއީ، ދިވެހިރާއްޖޭގެ އަޑުގެ އެންމެ މުހިންމު އެއް ޑިޕާޓްމަންޓެވެ. ޕްރޮގްރާމް ޑިޕާޓްމަންޓާއި ޓެކްނިކަލް ޑިޕާޓްމަންޓް ރަނގަޅުނުކޮށް، އެހެން ޑިޕާޓްމަންޓެއް ރަގަޅުކުރުމަށް މަސައްކަތްކުރުމަކީ، ރޭޑިއޯ ސްޓޭޝަނެއްގައި ބޭކާރު ކަމެކެވެ. ސަބަބަކީ، އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމުގައިވާތީއެވެ. ދިވެހިރާއްޖެ ފަދައިން، އެތުރިފައިވާ ރަށްތަކެއްގައި އުޅޭ ބަޔަކަށް، ރޭޑިއޯގެ ސިގުނަލް، ތަފާތު ކުރުމެއްނެތި ފޯރުކޮށްދެވޭނީ، މި ކުރަނީ ކީއްކަން ދަންނަ ބަޔަކު، ޓެކްނިކަލް ޑިޕާޓްމަންޓްގައި ތިބެގެންނެވެ. ޓެކްނިކަލް ޑިޕާޓްމަންޓްގެ އެންމެ އިސްވެރިންގެ ގޮތުގައި، އެންމެ ކުރީއްސުރެ އުޅުއްވަމުން ގެންދެވި ދެބޭފުޅުން ކަމުގައިވާ މައިޒާން އަހުމަދު މަނިކާއި ކޮނޑޭ ޢަލިމަނިކު، އަޅުގަނޑާއެކު މަސައްކަތް ކުރެއްވިކަން އެއީ، އަޅުގަނޑުގެ ނަޞީބެވެ. އެ ދެ ބޭފުޅުންގެ ޓީމްގައި ހިމެނޭ ޒުވާން އެހެން ބޭފުޅުންނަކީ، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް ޑިޕާޓްމަންޓުން ކުރެވެމުންދިޔަ، ހުރިހާ ކަމެއްގެ ޝުކުރު ޙައްޤުވާ ފަރާތްތަކެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މި ޚިދުމަތް މައިގަނޑު ގޮތެއްގައި ދެމުންދަނީ (1449 ކިލޯހާޓްޒް، 200މީޓަރ ބޭންޑް) އޭއެމް ބޭންޑުންނެވެ. މިގޮތުން އޭ އެމް ސިގްނަލް ދުރަށް ފޮނުވުމަށްޓަކައި ދެ ޓްރާންސްމީޓަރ ބޭނުންކުރެވެއެވެ. މިހާރު ބޭނުންކުރެވޭ އޭ.އެމް ދެ ޓްރާންސްމީޓަރަކީ އެމެރިކާގެ ހެރިސް އެލައިޑް ކުންފުނީގެ 10 ކިލޯވަޓްސްގެ ދެ ޓްރާންސްމީޓަރެވެ. އޭ.އެމް ބްރޯޑްކާސްޓް މުޅި ރާއްޖެއަށް، ޚާއްޞަކޮށް އެންމެ ދެކުނުގެ ބައެއް އަތޮޅުތަކަށް އެކަށީގެންވާ ވަރަކަށް ނުލިބޭތީ އޭ.އެމް އިން ފޮނުވާ ޕްރޮގްރާމްތައް ސެޓެލައިޓުން އަޕްލިންކްކޮށް، އެ އަތޮޅުތަކުގައި އެ ޕްރޮގްރާމްތައް އެފް.އެމް ބޭންޑުން ރީބްރޯޑްކާސްޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ޓެކްނިކަލް ޑިޕާޓްމަންޓްގެ އެންމެ އިސް ބޭފުޅަކީ، ޗީފް ޓެކނީޝަން ކޮނޑޭ ޢަލިމަނިކެވެ. އަލިބެގެ ދަށުން އުފެދިފައިވާ ސެކްޝަންތަކަށް ވެރިން ހަމަޖެހިފައިވެއެވެ.



އޭއެމްގެ ސިގްނަލް ފުދޭވަރަށް ނުލިބޭ ސަރަޙައްދުތަކަށް އެފް.އެމް ބޭންޑުން ސިގްނަލް ފޮނުވޭ އަތޮޅުތަކަކީ:
- ސ.އަތޮޅު: އެފް.އެމް 89 މެގަހާރޓްޒް
- ޏ.އަތޮޅު: އެފް.އެމް 90 މެގަހާރޓްޒް
- ހއ.އަތޮޅު: އެފް.އެމް 89 މެގަހާރޓްޒް
- ހދ.އަތޮޅު: އެފް.އެމް 99 މެގަހާރޓްޒް
އަޅުގަނޑު މިފޮތް ލިޔަން ފަށައިގެންއިރު، ގދ. އަތޮޅުގެ ސްޓޫޑިއޯއާއި ޓްރާންސްމިޝަންގެ މަސައްކަތް ކުރިއަށް ދަނީއެވެ.
ރީބްރޯޑްކާސްޓިންގ ޓްރާންސްމީޓަރުތައް އަތޮޅުތަކުގައި އިންސްޓޯލްކުރުމާއި އަތޮޅު މީޑިޔާ ސެންޓަރުތަކުގައި ސްޓޫޑިޔޯ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމާއި އެކަންކަން ކުރުމަށް ރާއްޖޭގައި އުފައްދަންޖެހޭ ބައެއް ތަކެތި އަމިއްލައަށް އުފެއްދުމާއި، ސެންޓަރުތަކުގައި މަސައްކަތްކުރާ މުއައްޒަފުން މަސައްކަތްތަކަށް އަހުލުވެރިކުރުވުމާއި ބޭނުންވާ ތަމްރީން ދިނުމާއި، ބްރޯޑްކާސްޓިންގއަށް ރާއްޖޭގައި ބޭނުންކުރަން އުފެއްދިދާނެ ތަކެތި އުފެއްދުމަށް ރިސަރޗްކޮށް، ބޭނުންކުރެވޭނެ ފެންވަރަށް އުފެއްދުމުގެ މަސައްކަތް، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި ކުރިއަށްދެއެވެ.
މެއިންޓަނެންސް އެންޑް ޓްރާންސްމިޓިންގ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %50 އަކީ ސެކަންޑްރީ ތައުލީމްގެ ފެންވަރުގެ މުވައްޒަފުންނެވެ. ނަމަވެސް %99 މުވައްޒަފުންނަކީ އެކިއެކި ފަހަރު މަތިން ވަޒީފާއާ ގުޅޭގޮތުން އިން-ހައުސް ތަމްރީނު ދެވިފައި ތިބި މުވައްޒަފުންނެވެ. އަދި ހުރިހާ މުވައްޒަފުންނަކީވެސް ކަމަށް އެކަށީގެންވާ، މަސައްކަތު މާހައުލުގައި ފާހަގަކޮށްލެވޭ މަސައްކަތް ކުރާ މުވައްޒަފެކެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް ރެކޯޑް ކުރުމަށް ޓަކައި އެންމެ ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ރެކޯޑްކުރާ އަށް ސްޓޫޑިއޯ އާއި އޮންއެއަރ ދެ ސްޓޫޑިއޯ ހުރެއެވެ. އޮންއެ އަރކުރާ ހުރިހާ ޕްރޮޤްރާމްތައް ރެކޯޑް ކުރެވޭ ސިސްޓެމެއް ބެހެއްޓި އޮންއެއަރ ކުރާ ހުރިހާ ޕްރޮގްރާމް ތަކެއް ރެކޯޑްކޮށް މޮނިޓްކުރެވެއެވެ.
ސްޓޫޑިޔޯ ޢިމާރާތާއި ޓްރާންސްމިޓިންގ ސްޓޭޝަންގައި ޖެނެރޭޓަރ ބެހެއްޓި، މެއިން ޕަވަރ ސިސްޓަމް ފެއިލްވެއްޖެ ކޮންމެ ޙާލަތެއްގައި ބްރޯޑްކާސްޓިންގއަށް ބުރޫނާރާނެ ފަދަ ގޮތަކަށް ކުރިއަށްގެންދެވޭ ގޮތަށް ތައްޔާރުކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ގަޑިއަކީ ދިވެހިރާއްޖެ ހުރިހާ ކަންކޮޅު ތަކުގައިވެސް ބޭނުންކުރާ ގަޑި ކަމުގައިވާތީ ޒަމާނީ ސިސްޓަމަކަށް ބަދަލުކުރެވި، ގްލޯބަލް ޕޮޒިޝަން ސިސްޓަމް (ޖީޕީއެސް)ގެ އެހީގައި އޮޓޮމެޓިކުން ސިންކްރޮނައިޒް ކުރެވިފައިވާ ގަޑިއަކަށް ހެދި އަދި މި ސިސްޓަމްގެ އެކްސްޓެންޝަނެއް ޓީވީ މޯލްޑިވްސްއަށް ދޫކުރެވިފައި ވެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ރިކޯޑް ލައިބްރަރީއަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ޒަމާންވީ ލަވަތަކާއި ޕްރޮގްރާމްތައް ހުރި ތަން ކަމުގައިވެފައި މީގެ ތެރެއިން ގިނަ ތަކެތި ހުރީ ގިނަ ދުވަހަށް ރައްކާކުރެވޭ ފަދަ ތަކެތީގައި ކަމަށް ނުވާތީ ޒަމާނީ އާލާތްތައް ބޭނުންކޮށްގެން އެތަކެތި ރެކޯޑްކޮށް ޑިޖިޓައިޒް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ. އާދެ މުޅި ރެކޯޑް ލައިބްރަރީ ޑިޖިޓައިޒް ކުރުމުގެ މަސައްކަތް ޙަވާލު ކުރެވުނީ، ރެކޯޑިން މަސައްކަތުގައި އެންމެ ތަޖުރިބާކާރު ދެބޭފުޅުން ކަމުގައިވާ މުޙަންމަދު ސަމީރު އަދި ޚާލިދު އިބްރާހީމާއެވެ.

މި ސެކްޝަން އުފެއްދުމާއެކު، މި ސެކްޝަނާ އެންމެ ގާތުން މަސައްކަތް ކުރަންޖެހޭ މުހިންމު ގުނަވަނަކީ، ދިވެހިރާއްޖޭގެ ރޭޑިއޯ އުފެދުނީއްސުރެ މިއަދާ ހަމައަށް ރެކޯޑްކުރެވިފައި ހުރި ހުރިހާ އެއްޗަކާއި ލަވަހޮޅިތަކާއި އަދިވެސް ހުރިހާ އޯޑިއޯތަކެއް، ރައްކާކުރެވެމުންދާ ތަނެވެ. އާދެ ރެކޯޑް ލައިބްރަރީއެވެ. ރެކޯޑް ލައިބްރަރީގެ ވެރިއެއްގެ ގޮތުގައި ހުންނެވީ މުޙަންމަދު ރަމީޒެވެ.

އިތުރަށް ގެންނަން ހުރި ބަދަލުތަކާއި ޒަމާނާ އެއްގޮތަށް ރާވަންޖެހޭ ކަންތައްތައް ހިންގާ ރޭވުމުގައި، 24 ގަޑިއިރު މަސައްކަތް ކުރަން ޖެހިފައިވެއެވެ. މިކަހަލަ ކަންތައްތަކެއްގެ ތެރޭގައި އުޅެނިކޮށް، 2008ގެ ރިޔާސީ އިންތިޚާބް އައިސް ބޯމަތިވެއްޖެއެވެ. ރޭޑިއޯ ސްޓޭޝަންގެ މުހިންމުކަން ބޮޑުވެ، އިންތިޚާބީ ޕްރޮގްރާމްތައް އުފެއްދުމާއި ބްރޯޑްކާސްޓް ކުރުން ކުރިމަތިވެއްޖެއެވެ.

2008ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މަލްޓި ޕާޓީ އިލެކްޝަންއެއް ބޭއްވުމަށް، ކަނޑައެޅުމާ ގުޅިގެން، މިނިސްޓްރީ އޮފް ލީގަލް ރިފޯރމް އިންފޮމޭޝަން އެންޑް އާޓްސް އަކީ، ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ބާރު ބޮޑުކޮށް މަސައްކަތްތަކެއް ކުރި ވުޒާރާއޭ ދެންނެވުމަކީ، ހަމަ ގައިމުވެސް ދޮގަކަށް ނުވާނެއެވެ.
މިނިސްޓަރ ނަޝީދުގެ ހުރިހާ ވިސްނުންފުޅެއްވެސް ބަހައްޓަވަމުން ގެންދެވީ، ރައްޔިތުންގެ ބައިވެރިވުމާއި، އެމީހުންގެ އަޑު ހުރިހާ ދިމާލަކުންވެސް އިންޞާފުވެރިކަމާއެކު، ބަލައިގަނެވޭނެ ގޮތަކަށް ކަންކަން ރޭއްވެވުމުގެ މައްޗަށެވެ. އެގޮތުން، އިންތިޚާބުގެ ކަންކަން ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ގެންދެވުމަށްޓަކައި، ދިވެހިރާއްޖޭގެއަޑާއި ޓެލެވިޒަން މޯލްޑިވްސް އަކީ، އެމަނިކުފާނު ޚާއްޞަ ޝައުޤުވެރިކަމަކާއެކު، ވިސްނަވަމުން ގެންދެވި ދެ މުއައްސަސާއެވެ.

އެއްވެސް ސިޔާސީ ވިސްނުމެއްނެތި، ދައުލަތުގެ މީޑިއާއިން ރައްޔިތުންނަށާއި ގައުމަށް ޚިދުމަތްކުރެއްވުމުގެ ޢަޒުމުގައި މިނިސްޓަރ ނަޝީދު ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އަދި އަޅުގަނޑުމެން ރޭޑިއޯ އާއި ޓެލެވިޒަންގެ ވެރިންނަށް އިރުޝާދު ދެއްވަމުންނެވެ.
ދައުލަތުގެ މީޑިއާ އޮތީ އަދިވެސް ހަމަ ދައުލަތުގެ މީޑިއާގެ ގޮތުގައެވެ. ދައުލަތުގެ މީޑިއާ ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރަކަށް ބަދަލުކުރުމަށް، ހޭބޯނާރާ މަސައްކަތް ކޮށްގެން އެކުލަވާލެވުނު ބިލް ވަނީ، އަދިވެސް ގޮތެއް ނުނިމި ރައްޔިތުންގެ މަޖްލިސްގައި ތާށިވެފައެވެ. އެހެންނަމަވެސް، މިނިސްޓަރ ނަޝީދު ނިންމެވީ، ވީހާވެސް ރައްޔިތުންނާ ގާތުން، ޕަބްލިކް ސާރވިސްއެއްގެ ގޮތަށް މީޑިއާގެ ހުރިހާ ކަމެއް ގެންދިއުމަށެވެ.

ސިޔާސީ ޕާޓީތަކުގެ މައުލޫމާތުތަކާއި ޚަބަރުތައް، ރޭޑިއޯ އާއި ޓީވީން ގެނެސް ދިނުމުގައި ވިސްނުން ބަހައްޓަންޖެހޭނެ މުހިންމު ކަންތައްތައް އަބަދުވެސް އެ ދެމުއައްސަސާގެ ވެރިންނަށް ހަނދާންކޮށް ދެއްވައެވެ. އަދި ހަމަ އެއާއެކު، ސިޔާސީ ޕާޓީތަކުން މީޑިއާ ބޭނުންކުރާއިރު، އެ ފަރާތްތަކަށް ވަގުތު ދޫކުރުމުގައިވެސް، ހަމަހަމަކަމާއި އިންޞާފު ހިފޭއްޓުމަށް ގަދައަޅާ އަންގަވަމުން ގެންދަވައެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މީޑިއާއިން ވަގުތު ދޫކުރުމާބެހޭ ގޮތުން، ޕާޓީތަކާއި އަދި މީޑިއާއާ ދޭތެރޭ ވަރަށް ވަރުގަދަ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
އެ ވަގުތު ރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކާ ބައްދަލު ކުރީ، ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައެވެ.

ދައުލަތުގެ މީޑިއާއިން ސިޔާސީ ޚަބަރާއި ސިޔާސީ ޙަރަކާތްތައް ގެނެސްދިނުމުގެ އެއްބަސްވުން
މި އެއްބަސްވުމަކީ، ސިޔާސީ ޚަބަރާއި ޙަރަކާތްތައް ދައުލަތުގެ މީޑިއާއިން ކަވަރުކުރުމުގަޔާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޚަބަރާއި ޙަރަކާތްތައް ކަވަރުކުރުމުގައި، ގެންގުޅޭނެ އުސޫލުތަކެއް ކަނޑައަޅައި ބަޔާންކޮށް، އެ އުސޫލުތަކަށް އެއްބަސްވާކަން ހާމަކުރުމުގެ ގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ބައިވެރިންގެ މެދުގައި، 25 ޖޫން 2008 ވީ ބުދަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.
- މިނިސްޓްރީ އޮފް ލީގަލް ރިފޯރމް، އިންފޮރމޭޝަން އެންޑް އާރޓްސް
- ދިވެހިރާއްޖޭގެ އަޑު
- ޓެލެވިޒަން މޯލްޑިވްސް
- ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ
- ދިވެހި ރައްޔިތުންގެ ޕާރޓީ
- ޢަދާލަތު ޕާރޓީ
- އިސްލާމިކް ޑިމޮކްރަޓިކް ޕާރޓީ
- ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރަޓިކް ޕާރޓީ
- ޕީޕަލްސް ޕާރޓީ
- މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް
- ސޯޝަލް ލިބަރަލް ޕާރޓީ މި ފަރާތްތަކެވެ.
މި އެއްބަސްވުމުގައި، ދައުލަތުގެ މީޑިއާގެ ޚިދުމަތް ލިބިގަނެވޭ ފަރާތްތަކުންނާއި އަދި ދައުލަތުގެ މީޑިއާއިން، ޢަމަލު ކުރަންޖެހޭނެ ގޮތްތައް ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްފައިވެއެވެ.
- "ސިޔާސީ ޕާޓީތަކަށް، ކަވަރޭޖު ދިނުމުގަޔާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެ އިންތިޚާބާ ގުޅިގެން ކަވަރޭޖު ދިނުމުގައި، ދައުލުތުގެ މީޑިއާއިން ޢަމަލު ކުރަންވާނީ އެއް އުސޫލަކުން، އެއް ހަމައަކުންނެވެ.
- ސިޔާސީ ޕާޓީތަކަށް ކަވަރޭޖު ދިނުމުގަޔާއި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެ އިންތިޚާބާ ގުޅިގެން ދައުލަތުގެ މީޑިއާއިން ކަވަރޭޖު ދިނުމުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށާއި ދައުލަތުގެ މީޑިއާއިން ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ޢާންމުކޮށްފައިވާ ސިޔާސަތަށާއި ދައުލަތުގެ މީޑިއާއިން ޢަމަލުކުރާ އިޝްތިހާރު ކުރުމުގެ ކޯޑަށާއި، އެކިއެކި ޕްރޮގްރާމްތައް ދަރަޖަކޮށް ގިންތިކުރުމުގެ ކޯޑަށް ދައުލަތުގެ މީޑިއާއާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން އިޙްތިރާމުކޮށް، ތަބާވާންވާނެއެވެ."
އަދި މީގެ އިތުރަށްވެސް، ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޒަން މޯލްޑިވްސްއިން، އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށްވެސް، ޝަރުތު ކޮށްފައިވެއެވެ.
- "ރިޔާސީ އިންތިޚާބާ ގުޅިގެން އެ އިންތިޚާބާއި އެ އިންތިޚާބުގައި ވޯޓުލުމާ ގުޅޭގޮތުން، ޢާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ދައުލަތުގެ މީޑިއާއިން ގެނެސްދޭންވާނެއެވެ. މިގޮތަށް މި ޕްރޮގްރާމްތައް ގެނެސްދިނުމުގައި ސިޔާސީ ޕާޓީތަކާ ގުޅިގެން ނުވަތަ އަމިއްލަ އުފެއްދުންތަކުގެ ގޮތުގައިވެސް ދައުލަތުގެ މީޑިއާއަށް އެ ޕްރޮގްރާމުތައް ގެނެސްދެވިދާނެއެވެ. އެހެން ނަމަވެސް، އެކަން ކުރަނީ ހަމައެކަނި ވަކި ޕާޓީއަކާ ގުޅިގެން ކަމުގައި ފެނިދާނެ ގޮތަކަށް، ދައުލަތުގެ މީޑިއާއިން ޢަމަލުކޮށްގެން ނުވާނެއެވެ. އެފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ޕާޓީތަކަކަށްވެސް ހަމަހަމަވާ އުސޫލަކުން ދައުލަތުގެ މީޑިއާއިން ދޭންވާނެއެވެ."
މަތީގައި މި ނަކަލުކޮށްލީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދައުލަތުގެ މީޑިއާ ތައްޔާރުވަމުންދިޔަ ދިޔުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ސްޓޭޝަންގެ ގަދަރާއި އިޙުތިރާމު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި، ކުރަމުންގެންދިޔަ މަސައްކަތުގެ ތެރެއިން ހަމަ ކުޑަކުޑަ ތަންކޮޅެކެވެ.
އަދި ހަމަ މިއާއެކު، އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، ސީދާ ޚަބަރު ފެތުރުމަށްވެސް އެއްބަސްވުމުގައި ވަރަށް ތަފްޞީލުކޮށް، އަލިއަޅުވާލެވިފައިވެއެވެ. އެ އުޞޫލުތައްވެސް، އަޅުގަނޑު ނޯޓްކޮށްލާނަމެވެ. އެގޮތުން ހަތަރު ޕޮއިންޓަކަށް އިސްކަންދެވުނެވެ.
އެއީ:
- "ސިޔާސީ ޚަބަރުތަކަކީ، ސިޔާސީ ޕާޓީތަކުން އެދުނު ކަމުގައި ވީނަމަވެސް، ނުވަތަ ނޭދުނު ކަމުގައި ވީނަމަވެސް، ދައުލަތުގެ މީޑިއާއިން، މި އެއްބަސްވުމުގެ ދަށުން ކަވަރުކުރާނެ ޚަބަރުތަކެވެ.
- ސިޔާސީ ޚަބަރަށް ކަވަރޭޖް ދޭނީ ޚަބަރުގެ ބުލެޓިނެއްގެ ތެރެއިން ކަމުގައިވާނަމަ ގިނަވެގެން ތިން މިނެޓަށެވެ. ކަރަންޓް އެފެއާރޒް ޕްރޮގްރާމެއްގެ ތެރެއިން ކަމުގައިވާނަމަ ގިނަވެގެން ފަސް މިނެޓަށެވެ.
- ސިޔާސީ ޚަބަރުތައް ގެނައުމުގައި، އެ ޚަބަރާ ނުވަތަ އެކަމަކާ ގުޅޭގޮތުން ޢާންމު ފަރުދުންގެ ތަފާތު ޚިޔާލުތައް ހިމެނުމާއި ނުހިމެނުމުގެ އިޚްތިޔާރު ދައުލަތުގެ މީޑިއާއަށް ލިބިގެންވެއެވެ. ނަމަވެސް އެފަދައިން ޚިޔާލު ހިމަނާނަމަ، އެ ޚަބަރުގައިވާ ކަމަކާ އެއްކޮޅު ޚިޔާލާއި އެކަމަކާ ދެކޮޅު ޚިޔާލުވެސް ހިމަނަންވާނެއެވެ.
- ސިޔާސީ ޚަބަރަކާ ގުޅިގެން އިތުރު ކޮމެންޓެއް އޮތްނަމަ، އެ ކޮމެންޓެއް ކުރުމުގެ ފުރުޞަތު އެ ޚަބަރު ނިސްބަތްވާ ޕާޓީއަކުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނަށް ދޭންވާނެއެވެ. އެފަދަ ކޮމެންޓެއް ކުރުމަށް ދެވޭނީ ގިނަވެގެން އެއް މިނެޓުގެ ވަގުތެކެވެ."
އަދި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އެއްބަސްވުމުގައި ފާހަގަކުރެވިފައިވާ ކަމަކީ، ރައީސުލް ޖުމްހޫރިއްޔާއަށް ދައުލަތުގެ މީޑިއާއިން ވަގުތު ދިނުމުގެ ޕޮއިންޓެވެ.
"ދައުލަތުގެ މީޑިއާއިން އިލެކްޝަން ކަވަރޭޖު ކުރިއަށްގެންދާއިރު، ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ނުވަތަ ސަރުކާރުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ކުރައްވާ ކަންކަން ކަވަރުކުރާއިރު، އެ ޚަބަރާ ގުޅޭ ކަންކަމަށް ކޮމެންޓުކުރުމުގެ ފުރުޞަތު ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިއާއިން ދޭންވާނެއެވެ."

ވޯޓުގެ ނަތީޖާ ވަގުތުން ގެނެސްދިނުމަށް
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެންމެ ބުރަކޮށް މަސައްކަތްތައް ކުރަން ޖެހިފައިވަނީ، ދިވެހިރާއްޖޭގެ އަޑުގެ ނިވްސް ޑިޕާރޓްމަންޓްގެ މުއައްޒަފުންނަށެވެ. މި ޑިޕާޓްމަންޓްގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ޕްރޮގްރާމް ޑިޕާޓްމަންޓްގެ ހީވާގި މުއައްޒަފުންވެސް އެހީތެރިކަން ދެމުން ގެންދިޔައެވެ.

ރިޔާސީ އިންތިޚާބުގެ ޚަބަރުތަކާއި ވޯޓުގެ ނަތީޖާ ވަގުތުން ގެނެސްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމް ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވުނެވެ. އިލެކްޝަންސް ކޮމިޝަނާ ސީދާ ގުޅޭނެ ގޮތް ހެދުމަށްޓަކައި، އައިޓީ ޑިޕާޓްމަންޓާއި ނިވްސް ޑިޕާޓްމަންޓް އެކުވެގެން ވަރަށް ގިނަ އަދި ބޮޑެތި މަސައްކަތް ތަކެއް ކުރަން ފެށިއްޖެއެވެ. ސެނެކޯ މާލަމްގައި ހުންނަ ބޮޑު ސްކްރީނުން ވޯޓްގެ ނަތީޖާ ފެންނަ ގޮތަށް ތައްޔާރުކޮށް، އެނައުންސަރުން މާލަމްތެރޭގައި ތިބެގެން ރޭޑިއޯއިން އެނައުންސް ކުރުމަށްޓަކައި، ބޫތެއް ތައްޔާރު ކުރެވުނެވެ.










މި ހުރިހާ ތައްޔާރީތަކަކާ އެކު، 2008ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ، ހިނދުންހިނދަށް އެހުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި، ކުރިން ދެންނެވި ދެ ޑިޕާޓްމަންޓުގެ ހީވާގި މުއައްޒަފުންނާއި، އަދި ޖުމުލަކޮށް ދިވެހިރާއްޖޭގެ އަޑުގެ އެހެން މުއައްޒަފުންވެސް ވަރަށް ފޯރިއާއެކު މަސައްކަތްކުރިކަން ފާހަގަ ކުރެވުނެވެ.
އާދެ 2008 ގެ ރިޔާސީ އިންތިޚާބަކީ، ދިވެހިރާއްޖޭގައި ފެށުނީއްސުރެ މިއަދާ ހަމައަށް ވެރިކަން ކުރަމުން ގެންދިޔަ ނިޒާމު މުޅިން ބަދަލުކޮށްލި އިންތިޚާބެކެވެ. މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން، ޑިމޮކްރަޓިކް ވެރިކަމެއް، ފުރަތަމަ ފަހަރަށް ރާއްޖެއަށް ތަޢާރަފު ވެގެންދިޔައީއެވެ. ތިރީސް އަހަރުގެ ދިގު ވެރިކަމެއްގައި ރާއްޖޭގެ ރައީސްކަން ކުރެއްވި އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމްގެ ވެރިކަން، ރައްޔިތުންގެ ވޯޓަކުން ބަދަލުކޮށް، ރައީސަކަށް މުޅިން އާ ބޭފުޅަކު ހަމަޖެހުނީއެވެ. ރައްޔިތުން ކުރަމުންގެންދިޔަ ފޮނި އުންމީދުތަކުގައި ކުލަޖެހި، ހުވަފެން ހަޤީޤަތަކަށް ބަދަލުވަނީއެވެ!

ގ. ކެނެރީގޭ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގެންތާ މާކަ ގިނަ ދުވަސްތަކެއްނުވެ، ދައުލަތުގެ މީޑިއާ، ސީދާ ރައީސްގެ ޤަރާރަކުން ކުންފުންޏެއްގެ ދަށުން ހިންގާ ގޮތަށް ހަމަޖައްސަވައިފިއެވެ. އޭރު ވަނީ، މިނިސްޓަރ ނަޝީދާއެކު ކުރެވުނު އެންމެ ބުރަ އަދި އެންމެ މުހިންމު އެއް މަސައްކަތުން ތައްޔާރުކޮށް ނިންމާލެވުނު، ދައުލަތުގެ މީޑިއާ، "ރައްޔިތުންގެ މީޑިއާ" (ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރ) އަކަށް ބަދަލުކުރުމުގެ ބިލް ރައްޔިތުންގެ މަޖްލިސަށް ހުށަހެޅިފައެވެ. ދައުލަތުގެ މީޑިއާއަށް ރައްޔިތުންގެ މީޑިއާގެ ގޮތުގައި މުޚާތަބު ކުރުމުގެ ފުރުޞަތު ނުލިބި، ބަދަލުވެގެން ދިޔައީ، ޕަބްލިކް ސާރވީސްގެ ނަމުގައި، ސަރުކާރުގެ ކޮންޓްރޯލުކުރާ ކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށަށެވެ.
ރައީސް ނަޝީދު އަބަދު ވިޑާޅުވަމުންގެންދެވި، "ދައުލަތުގެ މީޑިއާ"، މިފަހަރު މި ބަދަލުވަނީ، ކުންފުންޏެއްގެ މީޑިއާއަކަށެވެ. ރައްޔިތުންނާ އެއްވެސް ގުޅުމެއްނެތެވެ.
ކުންފުންޏަކަށް ދައުލަތުގެ މީޑިއާ ބަދަލުކުރުމުގެ ރޭވުންތައް ރޭވެމުން، ކަރުދާހަށް ނެގެމުން ދިޔައީ، ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމްގެ ތެރޭގައެވެ.
(ނުނިމޭ)
–
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 4
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 5
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 6
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 7
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 8
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 9
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 10
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 11
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 12
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 13
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 14
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 15
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 16



advertisment