Support Us

ސައޫދީން އީރާނަށް: "ގަލްފު ގައުމުތަކުގެ ކެތްތެރިކަމަށް ހައްދެއް ވޭ"

ގަލްފު ގައުމުތަކުގައި ހުރި ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް އީރާން ހަނގުރައިމައިގައި އީރާނުން ދެމުންދާ ހަމަލާތަކަށް ގަލްފު ގައުމުތަކަށް ކެތްކުރެވޭނީ ވަކި ވަރަކަށް ކަމަށް ސައޫދީ އަރަބިއްޔާއިން މިއަދު އިންޒާރުދީފިއެވެ.

"އަހަރެންގެ ގައުމާއި ގަލްފު ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކަށް ކެތްކުރެވޭނީ ވަކި ހައްދެއްގެ ތެރޭގައި. އީރާންގެ ވިސްނުން ބަދަލުކުރަން އަހަރެން ގޮވައިލަން،" ސައޫދީގެ ހާރިޖީ ވަޒީރު، ޝެހެޒާދު ފައިސަލް ބިން ފަރްހާން އަލް ސައުދު (ފޮޓޯ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އަރަބި އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމެއް އޭގެ ކުރިން މިއަދު ސައޫދީގެ ވެރިރަށް ރިޔާޒްގައި ބޭއްވުމަށްފަހުއެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކީ މެދުއިރުމައްޗަށް މިހާރު ފެތުރިފައިވާ އީރާން ހަނގުރާމައާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން ގަލްފު ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރިއެވެ. އޭގެ ތެރޭގައި ގަތަރުގެ ރާސް ލައްފަން މަރުކަޒާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ހަބްޝާން މަރުކަޒަށް އީރާނުން ދިން ހަމަލާތައް ކުށްވެރިކުރިއެވެ. ރާސް ލައްފަންއަކީ ކައްކާ ގޭހުގެ ގޮތުގައި ވެސް ބޭނުންކުރާ ގޭސް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) އުފައްދާ މަރުކަޒެވެ. އެ ތަނުން ދުނިޔޭގެ 20 ޕަސެންޓް އެލް.އެން.ޖީ އުފައްދައެވެ.

އީރާނުން ބުނީ ސައޫދީ އާއި ގަތަރާއި ޔޫ.އޭ.އީގެ ހަކަތަ މަރުކަޒުތަކަށް ހަމަލާދިނީ އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން މި ދިޔަ މަހު 28 ގައި ފެށި އީރާން ހަނގުރާމައިގައި، އީރާންގެ ދެކުނު ފަރުސް ހަކަތަ މަރުކަޒަށް އިސްރާއީލުން ހަމަލާދިނުމުން އެ ކަމަށް ބަދަލުހިފުމަށް ކަމަށެވެ. ދެކުނު ފަރުސްއަކީ ދުނިޔޭގެ އެންމެ ބޮޑު ގޭސް މަރުކަޒެވެ. އެ މަރުކަޒު އޮންނަނީ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ރިޒާވް ހުންނަ ސަރަހައްދުގައެވެ. އީރާނާއި ގަތަރުން، ދެ ގައުމުގެ ދެމެދުގައި ބަހައިލައިގެން އެ ތަނުން ގޭސް ނަގައެވެ.

އީރާން ހަނގުރާމަ ފެށިއިރު އީރާނުން ހަމަލާދޭން ފެށީ އިސްރާއީލަށާއި ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށެވެ. ނަމަވެސް މިހާރު ގަލްފު ގައުމުތަކުގެ ހަކަތަ އިންފްރާސްޓްރަކްޗަރަށް އީރާނުން ހަމަލާދެނީ، ދުނިޔޭގެ އިގުތިސާދު އިނދަޖައްސައިލައިގެން، އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން ދެމުންދާ ހަމަލާތައް ހުއްޓުވައިލުމަށް މުޅި ދުނިޔެއަށް ޕްރެޝަރު ކުރުމަށެވެ. އެ ގޮތުން އީރާނުން ވަނީ ސައޫދީގެ ޝައިބާ ތެޔޮ މަރުކަޒަށް ކުރިން ހަމަލާދިނުމުގެ އިތުރުން އަދި މިއަދު ވެސް ސައޫދީގެ ތެޔޮ ސާފުކުރާ ދެ މަރުކަޒަށް ހަމަލާދީފައެވެ.

ސައޫދީން ބުނީ ރިޔާޒަށް އީރާނުން އިއްޔެ ފޮނުވައިލި ހަތަރު ބެލިސްޓިކް މިސައިލާއި ސައޫދީގެ ދެކުނަށް އީރާނުން ފޮނުވައިލި ދެ ބެލިސްޓިކް މިސައިލް އިންޓަސެޕްޓްކުރި ކަމަށެވެ.

ޔޫ.އޭ.އީން ބުނީ އީރާނުން ފޮނުވައިލި 13 ބެލިސްޓިކް މިސައިލާއި 27 ޑްރޯން އިންޓަސެޕްޓްކުރި ކަމަށެވެ.

އީރާންގެ ހަމަލާތަކަށް ރައްދު ދޭނެ ގާބިލުކަން ފާހަގަކުރެވޭ މިންވަރަކަށް ސައޫދީ އާއި ގަލްފު ގައުމުތަކުގައި އެބަ ހުރި ކަމަށާއި ބޭނުންނަމަ އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައިފައިނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އީރާނަކީ ސުލްހައަށް ލޯބިކުރާ ގައުމެއް ކަމަށް އެ ގައުމުގެ ޑިޕްލޮމެޓުން ބުންޏަސް އީރާނުގެ އަވަށްޓެރިންނަށް ހަމަލާދޭން އީރާނުން ވަނީ ދުރާލާ ރާވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ސައުދީއަށާއި އަހަރެމެންގެ އަވަށްޓެރި ގައުމުތަކުގެ ތަންތަނަށް އީރާންގެ ހަމަލާތައް ވަރަށް ސީދާކޮށް ދެމުންދާތީ އެބަ އެނގޭ އީރާނުން އަހަރެމެންނަށް ހަމަލާދެމުންދަނީ ވަރަށް ވިސްނުންތެރިކަމާއެކު ދުރާލާ ރާވައިގެންކަން،" ފައިސަލް ވިދާޅުވިއެވެ.

ސައޫދީއަށް އީރާނުން ދެމުންދާ ހަމަލާތަކަށް ފިޔަވަޅުއަޅާނީ ކޮން އިރަކުންތޯ އަދި ކޮން ގޮތަކަށްތޯ ހާމަނުކުރާނެ ކަމަށާއި ހާމަކޮށްފިނަމަ ދުރާލާ ދިފާއުވުމަށް އީރާނަށް ފުރުސަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެމެން މި ވަގުތު މި ތިބީ ކެތްކޮށްލައިގެން. ނަމަވެސް އެ ކެތްތެރިކަން ދާދި އަވަހަށް ކޮޅުންލައިގެންދާނެ. އީރާނާ ދެކޮޅަށް އަހަރެމެން ފިޔަވަޅުއަޅާނެ ސުންގަޑިއެއް ނުބުނާނަން. އެއީ މާދަމާ ނުވަތަ އަންނަ ހަފުތާގައިކަމެއް. ސަބަބަކީ، އީރާނުން އެ ގައުމުގެ އަމަލުތައް ބަދަލުކުރަން އެ ގައުމަށް އޮތީ ކިހާ ވަގުތެއްކަން އެ ގައުމަށް ނޭނގުމުގެ ޕްރެޝަރު އެ ގައުމަށް އޮންނަން އަހަރެން ބޭނުން،" ފައިސަލް ވިދާޅުވިއެވެ.

"އަހަރެން އުއްމީދުކުރަން މި (އަރަބި އިސްލާމީ ހާރިޖީ ވަޒީރުންގެ) ބައްދަލުވުމުން އަހަރެމެން މި ދޭ މެސެޖް އީރާނަށް ފަހުމްވާނެ ކަމަށާއި އަދި އަވަށްޓެރިންނަށް ދެމުންދާ ހަމަލާތައް އީރާނުން އަވަހަށް ހުއްޓާލާނެ ކަމަށް. އެކަމަކު އަހަރެންނަށް ޝައްކު އީރާންގައި އެ ވަރުގެ ވިސްނުންތެރިކަމެއް ހުރި ކަމަށް،" އޭނާ ވިދާޅުވިއެވެ.

ހަނގުރާމަ ކޮންމެވެސް ދުވަހަކުން ނިމޭނެ ނަމަވެސް އީރާނާ ގުޅުން ގާއިމުކުރަން ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ސަބަބަކީ އީރާންގެ އަވަށްޓެރި ގައުމުތަކަށް އީރާނުން ހަމަލާދެމުންދާތީ "އީރާނަށް ކުރެވުނު އިތުބާރު މިހާރު މުޅިން ފުނޑުފުނޑުވެފައިވާތީ" ކަމަށެވެ.

"އަހަރެމެންނަށް ކަށަވަރުކަމާއެކު އެނގޭ އީރާންގެ އަސްކަރީ ސިޔާސަތު މި ދިޔަ ދަހަރާއި އޭގެ ކުރިން ވެސް ރާވައިފައިވަނީ އަހަރެމެންނަށް ހަމަލާދޭ ގޮތަށްކަން،" އޭނާ ވިދާޅުވިއެވެ.

"އީރާނުން ދަނީ ބަދަލުވަމުންދާ ހާލަތްތަކާ އެއްގޮތަށް އެ ވަގުތަކަށް ބޭނުންވާ ފިޔަވަޅު ބަދަލުކުރަމުންނެއް ނޫން. މިއީ އީރާންގެ ހަނގުރާމަމަތީ ރޭވުމުގައި ހިމަނައިފައިވާ ކަންކަން. އެއީ އީރާންގެ އަވަށްޓެރިން އަމާޒުފަތްގަނޑަކަށް ހެދުމާއި އެ ކަން ބޭނުންކޮށްގެން ބައިނަލްއަގުވާމީ މުޖުތަމައަށް ޕްރެޝަރުކުރަން،" ފައިސަލް ވިދާޅުވިއެވެ.

"އެހެންވީމާ އެންމެ ފަހުން މި ހަނގުރާމަ ނިމޭއިރު، އީރާނަށް އަލުން އިތުބާރުކުރަން ވަރަށް ގިނަ ދުވަސް ނަގާނެ. އީރާނުން އަހަރެމެންނަށް ހަމަލާދިނުން މި ވަގުތުން ވަގުތަށް ނުހުއްޓައިފިނަމަ، އަހަރެންނަށް ހީވަނީ އީރާނަށް އިތުބާރުކުރެވޭނެ އެއްވެސް ގޮތެއް ދެން ނޯންނާނެހެން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ދެކުނު ފަރުސަށް އިސްރާއީލުން ދިން ހަމަލާއަށްފަހު ދުނިޔޭގައި ތެލުގެ އަގު ވަނީ އަނެއްކާވެސް މައްޗަށް ޖެހިލައިފައެވެ. އީރާން ހަނގުރާމައިގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށުމުން އަގު އެރީ 100 ޑޮލަރު (1،542ރ.)އަށެވެ. މިއަދު ހުރީ 112 ޑޮލަރު (1،727ރ.)ގައެވެ.

އީރާނުން ކުރިން ބުނެފައިވަނީ ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރު (3،084ރ)އަށް ވެސް އަރައިފައިނެ ކަމަށެވެ. ދިރާސާވެރިން މިހާރު ބުނާ ގޮތުގައި މިއީ ވުން އެކަށީގެންވާ ކަމެކެވެ.

ދުނިޔޭގެ ތެލުގެ 20 ޕަސެންޓް ދަތުރުކުރާ އީރާންގެ ހުރުމުޒު ކަނޑުއޮޅި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކަށް އީރާނުން ބަންދުކޮށްލުމުން ހާހެއްހާ ތެޔޮ ޓޭންކަރު ވަނީ ފާރިސީ ކަނޑުގައި ތާށިވެފައެވެ. ހުރުމުޒު ހިމާޔަތްކުރަން އެތައް ގައުމެއްގެ އުޅަނދުފަހަރު އެ ތަނަށް އެބަ ދޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ވުޒާރާ ކަމަށްވާ ޕެންޓަގަންއިން ބުނެފައިވަނީ ތެޔޮ ޓޭންކަރުތަކާއި އާގުބޯޓުފަހަރަށް ހިމާޔަތް ދީގެން ނުވަތަ އެ އުޅަނދުފަހަރު "އެސްކޯޓް"ކޮށްގެން ހުރުމުޒުން ނެރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެއީ އީރާނުން އަސްކަރީ ގޮތުން އެ ތަން ހިމާޔަތްކުރާތީއެވެ. މިހެންވެ ގިނަ ގައުމުތަކަކުން ވަނީ، އީރާން ހަނގުރާމަ ނުނިމެނީސް، ހުރުމުޒު ހިމާޔަތްކުރަން ނުދާނެ ކަމަށް ބުނެފައެވެ.

ހުރުމުޒު ބަންދުކުރުމުން ގަލްފު ގައުމުތަކުން މިހާރު އުފައްދަނީ ދުވާލަކު 10 މިލިއަން ތެޔޮ ފީފާއެވެ. އެއީ ދުނިޔޭގައި ތެލަށް އޮތް ޑިމާންޑްގެ އެންމެ 10 ޕަސެންޓެވެ. ދިރާސާވެރިން ބުނަނީ ތެލާއި ގޭހުގެ އަގު ބޮޑުވެފައި އޮތްއޮތުން ދިގުލައިގެން ހިނގައްޖެނަމަ މުޅި ދުނިޔޭގެ އިގުތިސާދުގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު މައްޗަށް ދާނެ ކަމަށެވެ.

އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށެވެ. ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން ބުނީ މިހާތަނަށް އީރާނުން 1،444 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އެމެރިކާގެ 13 ސިފައިން މަރުވެފައިވާއިރު އިސްރާއީލުން 17 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

ގަލްފު ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން 21 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ. އެއީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ސައޫދީން ދެ މީހުން އަދި ބަހްރައިނުން ދެ މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *