Support Us

ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އީރާންގެ ރަހްމަތްތެރި ގައުމުތަކުގެ ތެޔޮ ޓޭންކަރުތަކާއި އާގުބޯޓުފަހަރު މި ދިޔަ ބުދަ ދުވަހު މަޑުކޮށްލައިގެން

ހުރުމުޒު ކަނޑުއޮޅި ހިމާޔަތްކުރަން ޓްރަމްޕްގެ ގޮވައިލުމަށް ދުނިޔެއިން ފިނި ތަރުހީބެއް

އީރާން ހަނގުރައިމައިގައި އެ ގައުމުގެ ދުޝްމިނުންނަށް ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވައިލެއްވުމުން އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުން މާކަ ބޮޑަކަށް އެ ކަމާ އަޅައެއް ނުލިއެވެ.

އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް އިއްޔެ ވިދާޅުވީ ޓްރަމްޕްގެ ގޮވައިލެއްވުމަށް އިޖާބަ ދޭތޯ ގައުމުތަކާ މަޝްވަރާކުރި ކަމަށެވެ.

ހުރުމުޒު ކަނޑުއޮޅީގެ ބާރު އީރާންގެ އަތުން ނެގުމަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވައިދިނުމަށް ޓްރަމްޕް އެދިވަޑައިގަތް ގައުމުތަކުގެ ތެރޭގައި ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސި ވިލާތް ހިމެނެއެވެ. ނަމަވެސް އީރާން ހަނގުރައިމައިގެ ތެރެއަށް ވަންނަން ބޭނުންވާ ކަމަށް އެއްވެސް ގައުމަކުން މިހާތަނަށް ނުބުނެއެވެ.

ޓްރަމްޕްގެ ގޮވައިލެއްވުމަށް ޖަވާބު ދިން ގައުމުތަކުން ބުނީ އަސްކަރީ ގޮތުން އީރާނާ ކުރިމަތިލުމުގެ ބަދަލުގައި ބޭނުންވަނީ ޑިޕްލޮމެޓިކް ގޮތުން ވާހަކަދައްކައިގެން ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އީރާނަށް ބާރުއެޅުން ކަމަށެވެ.

ޗައިނާއިން ބުނީ ހުރުމުޒުގެ މަސްލަހަތު ރައްކާތެރިކުރަން ހުރިހާ ގައުމަކުން ވެސް ޖެހޭނެ ކަމަށާއި އެ ހުރިހާ ގައުމުތަކާ ވާހަކަދައްކާނެ ކަމަށެވެ.

ފްރާންސުން ބުނީ ޓްރަމްޕްގެ ގޮވައިލެއްވުމަށް އިޖާބަދެވޭނީ އީރާން ހަނގުރާމަ ހުއްޓައިލައި، ފާރިސީ ކަނޑާއި ހުރުމުޒު ކަނޑުއޮޅިއަކީ ސަލާމަތްތެރިކަން އޮތް ސަރަހައްދަކަށްވުމުން ކަމަށެވެ.

ޖަޕާނުން ބުނީ އެ ގައުމުގެ ގާނޫނުއަސާސީން ހަނގުރާމަކުރުމަށް ތަންނުދޭތީ ޓްރަމްޕްގެ ގޮވައިލެއްވުމަށް އިޖާބަދިނުމަކީ "ވަރަށް އުނދަގޫ" ކަމެއް ކަމަށެވެ.

"ކަނޑުމަތީގެ ސަލާމަތީ އޮޕަރޭޝަނެއް ހިންގަން އަހަރެމެން މި ވަގުތަކު ނުވިސްނަން،" ޖަޕާންގެ ބޮޑުވަޒީރު ސަނައި ޓަކައިޗީ ވިދާޅުވިއެވެ.

ޖަރުމަނީން ދިނީ އަދި މާ ސީދާ ޖަވާބެކެވެ.

"މި ހަމަނުޖެހުން ތެރެއަށް އަހަރެމެން އަވަހަށް ވަންނަންވީތަ؟ ނޫން،" އެ ގައުމުގެ ހާރިޖީ ވަޒީރު ޔޮހަން ވަޑަފުލް ވިދާޅުވިއެވެ.

އީރާނުން ބުނީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ "ސީދާ ނަތީޖާ"އެއް ކަމަށެވެ.

"މި ކަނޑުއޮޅީގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަކީ އަހަރެމެންގެ ދާއިމީ ހައްގެއް،" އީރާނުން އދ.އަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަފަނީ ވިދާޅުވިއެވެ.

އީރާނުން ބުނީ ހުރުމުޒު ކަނޑުއޮޅި ވަކި ގައުމުތަކަކަށް ބަންދުކުރީ މުޅި ދުނިޔޭގެ އިގުތިސާދު އިނދަޖައްސައިލައިގެން އީރާން ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. މިހެންވެ ފާރިސީ ކަނޑުގައި ގާތްގަނޑަށް 1،000 ތެޔޮ ޓޭންކަރު ތާށިވެފައިވެއެވެ. އީރާނުން ބުނީ އެމެރިކާ އާއި އެ ގައުމުގެ ރަހްމަތްތެރިން ފިޔަވާ އެހެން ހުރިހާ ގައުމުތަކަށް ހުރުމުޒު ހުޅުވައިލައިފައިވާ ކަމަށެވެ.

އީރާން ހަނގުރާމަ ފެބްރުއަރީ 28 ގައި ފެށި ފަހުން މިހާތަނަށް ތެޔޮ އުފުލާ 25 އުޅަނދަށް އީރާނުން ހަމަލާދީފައިވެއެވެ.

ދުނިޔޭގެ 20 ޕަސެންޓް ތެޔޮ ގަލްފު ގައުމުތަކުން ބޭރުކުރާ މަގު ކަމަށްވާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުން މިހާރު ހުއްދަ ދެނީ ޗައިނާ އާއި އިންޑިއާ ފަދަ އީރާނާ ރަހްމަތްތެރި ގައުމުތަކަށެވެ.

އެމެރިކާ-އިސްރާއީލުގެ ގުޅުމުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އިސްރާއީލުގެ އިތުރުން ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ހަމަލާދޭތީ ގަލްފު ގައުމުތަކާ ގުޅުން ގޯސްވުމުން އެ ގައުމުތަކުގެ ތެޔޮ ބޭރުކުރުމަށް ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުން ގަލްފު ގައުމުތަކަށް އީރާނުން ވަނީ ހުރަސް އަޅައިފައެވެ. މި ކަމުގެ ސަބަބުން އީރާން ހަނގުރާމައިގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 71 ޑޮލަރު (1،097ރ.)ގައި ހުރިއިރު، މިހާރު އެ އަގު ވަނީ 40 ޕަސެންޓް މައްޗަށް ގޮސް، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރު (1،546ރ.)އަށްވުރެ މައްޗަށް އަރައިފައެވެ.

އީރާން ހަނގުރައިމައިގައި މިހާތަނަށް އީރާނުން 1،858 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ސިފައިން ހިމެނޭއިރު އާއްމުންގެ ތެރެއިން ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.

އެމެރިކާ ސިފައިންގެ 13 މީހުން މަރުވެފައިވާއިރު އިސްރާއީލުން ދެ ސިފައިންނާއި 12 އާއްމުން މަރުވެފައިވެއެވެ.

އީރާނުން ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ހަ މީހުން، ސައޫދީ އަރަބިއްޔާއިން ދެ މީހުން، އަދި ކުވައިތު، ބަހްރައިން ގެ އިތުރުން އުމާނުން ކޮންމެ ގައުމަކުން އެކަކު މަރުވެފައިވާ ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *