Support Us

ހެރީ ކޭން (ކ) އަދި އަލެކްސިއާ ޕުތޭޔާސް އިއްޔެ ބެލޯން ދޯ އެވޯޑާއެކު

ބެލޯން ދޯ ލިބުމާއެކު ކޭން، ޕުތޭޔާސްގެ ފަރާތުން ކުޑަކުދިންނާއި ޒުވާނުންނަށް ހިތްވަރު ދޭ މެސެޖުތަކެއް

ފުޓުބޯޅައިގައި ދޭ އެންމެ މަގުބޫލު އިނާމު ބެލޯން ދޯ ލިބުމާއެކު ހެރީ ކޭން އާއި އަލެކްސިއާ ޕުތޭޔާސް ހިތްވަރުގެ މެސެޖުތަކެއް ކުޑަކުދިންނަށާއި ޒުވާނުންނަށް ދީފިއެވެ.

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ބޭއްވި މި އަހަރުގެ ބެލޯން ދޯ ދިނުމުގެ ހަފުލާގައި އުމުރުން 33 އަހަރުގެ ކޭން އިއްޔެ ވެގެންދިޔައީ މީގެ 25 އަހަރު ކުރިން 2001 ގައި މައިކަލް އޯވަނަށްފަހު ބެލޯ ދޯ ލިބުނު އިނގިރޭސި ވިލާތުގެ ފުރަތަމަ ފިރިހެން ކުޅުންތެރިޔާއަށެވެ. އަދި މިއީ ބެލޯން ދޯ އޭނާއަށް ލިބުނު ފުރަތަމަ ފަހަރެވެ.

ބަޔާން މުންޗެންގެ ފޯވާޑްވަނީ ފާއިތުވި ސީޒަނުގައި ކްލަބަށާއި ގައުމީ ޓީމަށް 73 ލަނޑު ޖަހައިފައެވެ.

"ވާވް، ވާވް، ވާވް! އުފަލުން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގެ. މި ރޭ ލަންޑަނުގައި ހުރުމުން މި ކަން އިތުރަށް ހާއްސަވެގެން ދޭ. މިވީ އަހަރެންނަށް ރަނގަޅު އަލާމާތަކަށް. އަހަރެންނަށް ވޯޓު ދިން އެންމެނަށް ޝުކުރު އަދާކުރަން. މި އަހަރު ވާދަވެރިކަން ބޮޑުވިކަން އިހުސާސްކުރެވޭ،" ކޭން ބުންޏެވެ.

ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭނާ ޒުވާނުންނަށް ހިތްވަރު ދިނެވެ.

"ހުވަފެންތައް ހަގީގަތަކަށް ހަދަން ބޭނުންވާ ކޮންމެ ފިރިހެން އަދި އަންހެން ކުއްޖަކަށްވެސް ކޮންމެ ކަމެއްވެސް ހާސިލުކުރެވިދާނެ. އަހަރެންނަކީ ސީދާކޮށް އެންމެ މައްޗަށް ދެވުނު ކުއްޖެއް ނޫން. އަހަރެންނަށްވެސް އެކި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހުނު. މިހާރު މި ހުރި އެންމެ އުސްމިނަށް އައުމަށް އަހަރެންނަށް މަގު ހޯދަންޖެހުނު،" ކޭން ބުންޏެވެ.

ސްޕެއިންގެ އުމުރުން 32 އަހަރުގެ ޕުތޭޔާސަށް މިއީ އަންހެނުންގެ ބެލޯން ދޯ ލިބުނު ތިން ވަނަ ފަހަރެވެ. އޭނާއަށް މީގެ ކުރިން މި އެވޯޑު ލިބުނީ 2021 އަދި 2022 ގައެވެ.

"ދުނިޔޭގެ އެންމެހައި އަންހެން އަދި ފިރިހެން ކުދިންނަށް ބުނެލަން އޮތީ ފުޓްބޯޅަ ކުޅެން ބޭނުންނަމަ ފުޓްބޯޅަ ކުޅޭށޭ. ތިޔައީ އަންހެން ކުއްޖެއްތޯ، ފިރިހެން ކުއްޖެއްތޯ ނުވަތަ އައީ ކޮން ތަނަކުންތޯ މުހިންމެއް ނޫން. ތިޔަ ކަމެއް ނުކުރެވޭނެއޭ މީހަކު ބުންޏަސް އެ ވާހަކަ އަޑުނާހާ. އެ ކަން ކުރޭ. އަމިއްލަ ނަފްސަށް އިތުބާރުކުރޭ. އެއީ އެންމެ މުހިންމު ކަންތައް. ހުވަފެނެއް އޮތްނަމަ އެ ކަމަށް އިތުބާރުކުރޭ. ބައެއް ފަހަރު ސުމަކުން ފަށަންޖެހުނުކަމަށްވިޔަސްމެ. އަދި އެންމެ މުހިންމު ކަމަކީ ލޯތްބާއި ޝައުގުވެރިކަމާއެކު އެ ކަން ކުރުން،" ޕުތޭޔާސް ބުންޏެވެ.

ފްރާންސްގެ ފުޓްބޯޅަ މަޖައްލާ ފްރާންސް ފުޓްބޯލުން ދޭ ބެލޯން ދޯއަކީ ފުޓުބޯޅަ ކަވަރުކުރާ ނޫސްވެރިންގެ ވޯޓުން ދޭ އެވޯޑަކަށްވާތީ މިއީ ފުޓުބޯޅަ ދާއިރާގެ އެންމެ ޝަރަފުވެރި އިނާމެވެ.

މި އަހަރު މި އެވޯޑު ލިބުނު ފަރާތްތަކަކީ:

ބެލޯން ދޯ: ހެރީ ކޭން (ބަޔާން މުންޗެން / އިންގްލެންޑް)

ބެލޯން ދޯ (އަންހެން): އަލެކްސިއާ ޕުތޭޔާސް (ބާސެލޯނާ / ލަންޑަން ސިޓީ ލަޔަނެސަސް / ސްޕޭން)

އަހަރުގެ އެންމެ މޮޅު ފިރިހެން ސްޓްރައިކަރު: ހެރީ ކޭން (ބަޔާން މުންޗެން / އިންގްލެންޑް)

އަހަރުގެ އެންމެ މޮޅު އަންހެން ސްޓްރައިކަރު: ޗާރްލިން ކޮރާލް (ސީއެފް ޕަޗޫކާ / މެކްސިކޯ)

އަހަރުގެ އެންމެ މޮޅު ފިރިހެން ކްލަބް: ޕާރީ ސެން-ޖާމެން

އަހަރުގެ އެންމެ މޮޅު އަންހެން ކްލަބް: ބާސެލޯނާ

ސޮކްރާޓޭސް އެވޯޑް: ބުކާޔޯ ސާކާ (އާސެނަލް / އިންގްލެންޑް)

އަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރު: އުނައި ސިމޯން (އަތުލެޓިކް ކްލަބް / ސްޕޭން)

އަހަރުގެ އެންމެ މޮޅު އަންހެން ގޯލްކީޕަރު: ކާތާ ކޯޔު (ބާސެލޯނާ / ސްޕޭން)

އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗު: ލުއިސް ދެ ލާ ފުއެންތޭ (ސްޕޭން)

އަހަރުގެ އެންމެ މޮޅު އަންހެން ކޯޗު: ޕެރެ ރޮމެއު (ބާސެލޯނާ)

އަހަރުގެ އެންމެ މޮޅު އަންހެން ޒުވާން ކުޅުންތެރިޔާ: ވިކީ ލޯޕޭޒް (މިޑްފީލްޑަރު، ބާސެލޯނާ / ސްޕޭން)

އަހަރުގެ އެންމެ މޮޅު ފިރިހެން ޒުވާން ކުޅުންތެރިޔާ: ލަމީން ޔަމާލް (ފޯވަޑް، ބާސެލޯނާ / ސްޕޭން)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް