އަމިއްލަ ޝައުގުވެރިކަމަށް ރަން ހޯދާ މީހަކަށް އޮސްޓްރޭލިއާގެ ހަނަފަސް ހިސާބަކުން ފެނުނު "ރީނދޫ ހިލަކޮޅެއް" ކޮނުމުން އޭނާއަށް 200،000 ޑޮލަރު (3.08 މިލިއަން ރުފިޔާ)ގެ އަގު ހުރި ރަންކޮޅެއް ލިބިއްޖެއެވެ.
"އައުޓްބެކް" ނަމުން މަޝްހޫރު އޮސްޓްރޭލިއާގެ ފަޅު ސަރަހައްދުން އޭނާ ދިޔައީ ރަން ހޯދުމުގެ މަސައްކަތް އާއްމުކޮށްކުރަމުންނެވެ.
ރަންކޮޅު ފެނުނީ ނިއު ސައުތު ވޭލްސް ސްޓޭޓުގެ ހުޅަނގުއުތުރު ސަރަހައްދެއްގެ ރަތް ކުލައަކަށް ދާ ވެލިގަނޑުގެ ތެރެއިން ކުޑަ ތަންކޮޅެއް ފާޅުވެފައި އޮއްވައެވެ.
މައުދަން ހޯދާ އޭނާގެ މެޓަލް ޑިޓެކްޓަރަށް ބިމުގެ ސަތަހައިގެ 100 މިލިމީޓަރު އަޑިން ވަރުގަދަ ސިގްނަލެއް ލިބުނެވެ. އެއަށްފަހު އޭނާ ކޮނެގެން ނެގީ ކުއާޓްޒް އެކުލެވޭ، 1.21 ކިލޯގެ ބަރުދަން ހުރި އެ ރަންކޮޅެވެ.
ހެދި ޓެސްޓްތަކުން ކަށަވަރުވީ ރަންކޮޅުގައި ގާތްގަނޑަކަށް 940 ގްރާމްގެ ސާފު ރަން އެކުލެވިގެންވާކަމެވެ.
"މީގައިވާ ރަނުގެ އަގު 150،000 ޑޮލަރު (2.31 މިލިއަން ރުފިޔާ) އާއި 160،000 ޑޮލަރު (2.46 މިލިއަން ރުފިޔާ)އާ ދޭތެރޭގެ އަދަދަކަށް އަރައިނެކަމަށް އަންދާޒާކުރެވޭ. ނަމަވެސް މި ފަދަ ނާދިރު އެއްޗަކަށް ރަން އެއްކުރާ އަމިއްލަ މީހަކު 200،000 ޑޮލަރާ ހަމައަށް އަރައި އަގެއް ދީފައިނެ،" މާހިރަކު ބުންޏެވެ.
ރަންކޮޅު ހޯދި މީހާ ނިންމީ އޭނާގެ ނަން މީޑިއާއަށް ހާމަނުކުރުމަށާއި ރަންކޮޅު އަމިއްލަ މީހަކަށް ވިއްކައިލައިށެވެ.



advertisment