Support Us

ވަލުތަކުގައި ރޯވުމުން އެރި ދުމުގެ ސަބަބުން އިންޑޮނޭޝިޔާގައި މި ދިޔަ މަހު 3،560 މަރު: ރިޕޯޓް

ވަލުތަކުގައި ރޯވުމުން އެރި ދުމުގެ އަސަރުކޮށްގެން އިންޑޮނޭޝިޔާގައި މި ދިޔަ މަހު 3،560 މީހުން މަރުވިކަމަށް ރިޕޯޓަކުން ހާމަވެއްޖެއެވެ.

ފިންލެންޑަށް ނިސްބަތްވާ، ހަކަތައާއި ސާފު ވައި ދިރާސާކުރާ ތިންކް ޓޭންކް، ސެންޓަރު ފޯ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާ (ސީ.އާރު.އީ.އޭ)އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނީ އޮގަސްޓާ އަޅައިބަލައިއިރު މި ދިޔަ މަހު "އެއާ ޕޮލިއުޝަން" ނުވަތަ ވައި ނުސާފުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދުވަނީ 42 ޕަސެންޓް އިތުރުވެފައިކަމަށެވެ. އޮގަސްޓްގައި 3،740 މީހުން މަރުވިއިރު މި ދިޔަ މަހު މަރުވި މީހުންގެ އަދަދުވަނީ 5،310 އަށް އަރައިފައެވެ. ސަހަރުތަކާއި ކާރުހާނާތަކުގެ ނުސާފު ވައިގެ ސަބަބުން އިތުރު 1،750 މީހުން މަރުވިއެވެ.

ކާލިމަންތަންގެ ބައެއް ސަރަހައްދުތަކުގެ ވަލުތަކުގައި ރޯވުމުން ވައި ނުސާފުވުމުގެ ސަބަބުން މަރުވި މީހުންގެ ނިސްބަތަކީ 99 ޕަސެންޓެވެ. އަދި ސުމާޓްރާގެ ގިނަ ސަރަހައްދުތަކުގައި މަރުވި މީހުންގެ ނިސްބަތް 80 ޕަސެންޓަށްވުރެ މައްޗެވެ.

ރިޕޯޓުގައި ބުނެފައިވަނީ މި ދިޔަ މަހު އިންޑޮނޭޝިޔާގެ 290 މިލިއަން އާބާދީގެ ތެރެއިން 58 މިލިއަން މީހުންނަށްވަނީ ސިއްހަތަށް ނުރައްކާތެރި ނުވަތަ ވިހަ ވައިގެ އަސަރުކޮށްފައިކަމަށެވެ. މިއީ އާބާދީގެ 20 ޕަސެންޓް ނުވަތަ ފަސްބައިކުޅަ އެއްބައި މީހުންނެވެ.

"ކާލިމަންތަންގައި ވިހަ ވަޔަށް ހުށަހެޅުނު މީހުންގެ އަދަދު 2.8 މިލިއަނުން 6.4 މިލިއަނަށް އުފުލުނު. އެއީ ގާތްގަނޑަކަށް ތިންގުނައަށް އިތުރުވުން،" ރިޕޯޓްގައި ބުނެފައިވެއެވެ.

އެލް ނީނޯ މޫސުމީ ނިޒާމާ ގުޅިގެން ކުރިމަތިވި ހަނަފަސްކަމުގެ ސަބަބުން އިންޑޮނޭޝިޔާގެ އެކި ހިސާބުތަކުގައި ވަލުތަކުގައިވަނީ އަލިފާން ފެތުރިފައެވެ. މީގެ ސަބަބުން އުފެދުނު ދުންފުހުގެ އަސަރު މެލޭޝިޔާ، ސިންގަޕޫރު، ފިލިޕީންސް އަދި އީސްޓް ޓިމޯއަށްވެސްވަނީކޮށްފައެވެ.

އިންޑޮނޭޝިޔާ ސަރުކާރުން ބުނީ އަލިފާން ނިއްވުމާއި "ކްލައުޑް ސީޑިން" ނުވަތަ ވާރޭ ވެއްސުމުގެ އޮޕަރޭޝަންތަކުގައި 72،000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ. އަދި އިންޑޮނޭޝިޔާގެ ސަރުކާރުންވަނީ 2،100 އަށްވުރެ ގިނަ ސިއްހީ އެހީތެރިން މަސައްކަތަށް ނެރެ، 5.3 މިލިއަން މާސްކު އާންމުންނަށް ބަހައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *