Support Us

ޖަލުގެ ތޭރިތަކުން ބޭރުވި ހުނަރުތައް- މޯލްޑިވްސް އެކްސްޕޯގައި މި ސްޓޯލަށް ބޮޑު ސަމާލުކަމެއް ލިބޭ ސަބަބަކީ މިއީ

މޯލްޑިވްސް އެކްސްޕޯއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ މީހުންގެ ފަންނުވެރި، އުފެއްދުންތެރި، އަދި ހުނަރުވެރި އުކުޅުތައް އެއް ފުރާޅެއްގެ ދަށަށް ޖަމާކޮށް، އާއްމުންނަށް ދައްކައިލައި އެންމެ ކުލަގަދަ މައުރަޒެވެ.

ކޮންމެ އަހަރަކުވެސް ތަފާތު އެތައް އުފެއްދުންތަކެއް މި މައުރަޒުން ފެނިގެންދާއިރު މި އަހަރުގެ އެކްސްޕޯގެ އިގްތިސާދީ ހޯލުގެ އެންމެ އެތެރޭގައި ހުރި ސްޓޯލަކީ ވަރަށް "ވައިގައި ހިފައިފައި"ވާ އަދި މީހުންގެ ލޯތައް އެ ދިމާލަކަށް ހުއްޓިގެންދާ ވަރަށް ފާހަގަކުރެވޭ ސްޓޯލެކެވެ.

އެ ސްޓޯލާ ދިމާއަށް ކުޑަކޮށް ކައިރިވެލުމުންވެސް އެ ތަނަށް އެހާ ބޮޑު ސަމާލުކަމެއް ލިބެމުންދާ ސަބަބު ވަރަށް ސާފެވެ. އެ ތަނުން ފެންނަން ހުރި ކޮންމެ އުފެއްދުމެއްގެ ފިނިޝިންއާއި ފަންނުވެރިކަން ހުރީ އާދައިގެ މިންގަނޑަކު ނޫނެވެ.

ކޮންމެވެސް ބަޔަކު ވަރަށް ފަރުވާތެރިކަމާއެކު އަތުން ކޮށައި މަށައި އޮމާންކޮށް އޮފުއަރުވައިފައިވާ ލަކުޑި ރާޒުވާ ކުޅިބައިތަކާއި ލަކުޑީގެ ހިތްގައިމު ސްކަލްޕްޗާތަކާއި ކޮފީ ސްޓެއިން އުކުޅުތައް ބޭނުންކޮށްގެން ކުރަހައިފައިވައި ބޮޑެތި ކެންވާސް ކުރެހުންތަކުގެ އިތުރުން ސަގާފީ ދޯނިފަހަރުގެ ކުދި މޮޑެލްތައް ފެނި، އެ ސްޓޯލަށް ޒިޔާރަތްކުރާ މީހުން ހައިރާންވެއެވެ.

ފަހަރުގައި އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް އެންމެ ބޮޑު ސަޕްރައިޒަކީ އެ ސްޓޯލަކީ މިނިވަންކަމާއެކު ދިރިއުޅެމުންދާ އާއްމުންގެ ފަރާތުން ފެނުނު ހުނަރުތަކަކަށްނުވުންކަން އެކަށީގެންވެއެވެ. އެ ސްޓޯލްގެ ފުރިހަމަ އުފެއްދުންތަކުގެ ފަހަތުގައި ތިބި "މާސްޓަ ކްރާފްޓްސްމަނުން"ނަކީ މާފުށީ ޖަލާއި ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންކަން އެނގުނު ހިސާބުންނެވެ.

ކުށުގެ ވެއްޓަށް ވެއްޓެމުންދާ މީހުންގެ އަދަދު މައްޗަށް ދާ ވާހަކަ އަބަދުމެ އިވެމުންދާ ދުވަސްވަރެއްގައި މި ފަދަ ހުނަރުތަކެއް ފެނުމުން އެންމެންގެ ހިތަށްވެސް ފިނިކަމެއް ލިބޭނޭކަން ގައިމެވެ. އެހެން ސްޓޯލްތަކާ އަޅައިބަލައިއިރު އަގުތައް ކުޑަކޮށް މަތިވި ނަމަވެސްމެއެވެ. އެއިން ކޮންމެ އުފެއްދުމަކުންވެސް ފެނިގެންދަނީ އެ މަސައްކަތްކުރި މީހުންގެ ކެތްތެރިކަމާއި ފަރުވާތެރިކަމާއި އާދަޔާ ހިލާފު މޮޅު ހުނަރެވެ.

ދެ އިނާމު ލިބުނު ފަންގަނޑު ހިބަރު ސްކަލްޕްޗާ

މި ކަމުގެ ފަހަތުގައިވާ އަސްލު ޓީމު

މި ފަދަ ހިތްގައިމު ސްޓޯލެއް އާންމުންނަށް ދައްކުވައިލަދެވުމަކީ އިއްތިފާގަކުން ނެރުނު ނަތީޖާއެއް ނޫނެވެ. މިއީ ގައިދީންނަށް އަމަލީ ދުނިޔޭގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމް.ސީ.އެސް)އިން އެކަށައަޅައިފައިވައި ހަތަރު މަރުހަލާގެ ހަރުދަނާ ރީހެބިލިޓޭޝަން އޮނިގަނޑުގެ ސީދާ ކާމިޔާބީއެވެ.

"އަޅުގަނޑުމެންގެ ރީހެބިލިޓޭޝަން ކަރިކިއުލަމް ފެށެނީ އެންމެ އަސާސީ މަރުހަލާއިން. އެއީ ގައިދީންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމުން. އޭގެ ފަހުން މުޖުތަމައަށް އެނބުރި ނުކުންނައިރު އާމްދަނީ ހޯދޭނެ ފަންނީ މަސައްކަތްތައް ދަސްކޮށްދިނުމާ ހަމައަށްދެވެނީ،" އެކްސްޕޯގައި އެމް.ސީ.އެސް ރެޕްރެޒެންޓުކުރައްވާ ސީނިއާ އެޑްމިނިސްޓްރެޓިވް އޮފިސަރު މައުވާ މުހައްމަދު ޝާފިއު "އަދިވެސް" މަޖައްލާއަށް މައުލޫމާތު ދެއްވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މި ފަދަ އުފެއްދުންތެރި މަސައްކަތްތަކުގެ ތެރެއަށް ވަނުމުން ގައިދީންގެ އުޅުމަށާއި އަހުލާގަށް ބޮޑެތި އެދެވޭ ބަދަލުތަކެއް އާދެއެވެ. ދިރިއުޅުން ވަކި ހަމައަކަށް ފެތި، އަމަލީ މަސައްކަތެއްގެ ތެރެއަށް ސަމާލުކަން ދެވުމުން އެ މީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ.

ގައިދީންގެ މި އާދަޔާ ހިލާފު ހުނަރުތައް އާންމުންގެ ކުރިމައްޗަށް ތިލަކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރީ އެމް.ސީ.އެސް ރެޕްރެޒެންޓުކުރި ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އިންނެވެ. ކަރެކްޝަންސްގެ މުވައްޒަފުންގެ ލާބައަށް 2018 ގައި ފެށި މި ކޯޕަރޭޓިވްގެ ދައުރު މިހާރުވަނީ މުޅިން އާ މިސްރާބަކަށް ފުޅާވެގެން ގޮސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖަލުތަކުގައި ތިބޭ ފަރާތްތަކުން ތައްޔާރުކުރާ ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް މާކެޓުކޮށް، އާންމު ބާޒާރަށް ނެރެދޭ މައިގަނޑު "ބްރިޖަ"ކީ މިހާރު ޕްރިސްކޯއެވެ. އަދި މި އެކްސްޕޯގައި ބައިވެރިކުރި ތަކެތި ހެދުމަށް ގައިދީންނަށް ތަމްރީން ދިނުމުގައި އިސް ދައުރެއް އަދާކުރީވެސް މި ސޮސައިޓީންނެވެ.

މި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޕްރޮގްރާމުގައި ބައިވެރިވާ ގައިދީންނަށް ހަމަޖައްސައިފައިވައި މުސާރައިގެ އިތުރުން ތަކެތި ވިއްކައިގެން ލިބޭ އާމްދަނީން ސީދާ ކޮމިޝަނެއްވެސް އެ މީހުންނަށް ލިބޭ ގޮތަށް ހަމަޖައްސައިފައިވައިކަމަށް މައުވާ ހާމަކުރެއްވިއެވެ.

ސުޕަރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ތޮލާލް "އަދިވެސް" މަޖައްލާއަށް ވިދާޅުވީ މާފުށީގައި ގައިދީންގެ މަސައްކަތް ދައްކައިލެވޭ ގޮތަށް ދާއިމީ ޑިސްޕްލޭ މަރުކަޒެއްވެސް މިހާރުވަނީ ގާއިމުކޮށްފައިކަމަށެވެ. މާފުށްޓަކީ ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމާއި ލޯކަލް ޓޫރިޒަމްގެ އެންމެ ބޮޑު ހަބަށްވުމާއެކު މިއީ ގައިދީންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ދައްކައިލުމަށާއި އިގްތިސާދީ މަންފާ ކަށަވަރުކުރުމަށް ހުޅުވުނު ރަނުގެ ފުރުސަތެކެވެ.

އިނާމު ލިބުނު އިހު ޒަމާނުގެ ފޭރޭ މީހުންގެ މަނަވަރެއްގެ ނަމޫނާ

ދުވާލަކު ހަތަރު ގަޑިއިރު ހަތަރު މަހުގެ ބުރަ މަސައްކަތް

މި ހުނަރުތައް ގައިދީންނަށް ދަސްކޮށްދިން މާސްޓާ ޓްރެއިނަރުންވެސް ތިބީ ނެރެވުނު ނަތީޖާއިން އާޝޯހުވެފައެވެ. އެކްސްޕޯގައި ދައްކައިލި ހުރިހާ މަސައްކަތަކީ ގާތްގަނޑަކަށް 30 މީހުންގެ ޓީމަކުން ދުވާލަކު އެންމެ ހަތަރު ގަޑިއިރުގެ ވޯކްޝޮޕް ވަގުތު ހޭދަކޮށްގެން އެންމެ ހަތަރު މަސް ތެރޭގައި ނެރުނު ނަތީޖާއެކެވެ.

ޓްރެއިނަރުން ބުނީ ގައިދީންގެ ކިބައިން ފެނުނު އަޒުމާއި ފޯކަސްއަކީ އާދަޔާ ހިލާފު ކަމެއްކަމަށެވެ. އެ މީހުން އާ އުކުޅުތައް ނަގައިގަތީ ނުހަނު ހަލުވިކަމާއެކު މުޅި ހިތާއި ޖާނު އެ ކަމަށް ފިދާވެގެންކަމަށެވެ.

ސްޓޯލުގައި އަމަލީ ގޮތުން މަސައްކަތް ދައްކައިލަން ހުރި ގައިދީއަކުވެސް އޭނާގެ ވާހަކަ ހިއްސާކުރިއެވެ.

"ކުރެހުމަކީ ކުޑައިރުއްސުރެ އަހަރެންގެ އެންމެ ބޮޑު ޕެޝަން (ފުން ޝައުގެއް). ހަޔާތުގައި ކުރެވުނު ކުށެއްގެ ސަބަބުން ޖަލަށް އަންނަން ޖެހުނު ނަމަވެސް މި ހުނަރު އިތުރަށް ތަރައްގީކުރަން ފުރުސަތު ލިބުމަކީ އަހަރެން ދެކޭ ގޮތުގައި ލިބުނު ވަރަށް ބޮޑު ނަސީބެއް. އެންމެ ބޮޑު އުއްމީދަކީ ސޮސައިޓީ (މުޖުތަމަ)އަށް ނުކުމެ، މި ފަންނުގެ ބޭނުން ހިފައިގެން ޑީސަންޓު (އިހްތިރާމް ލިބިގެންވާ) ދިރިއުޅުމެއް ބިނާކުރުން،" އޭނާ ބުންޏެވެ.

މުޅި އެކްސްޕޯއިން ވަނަތައް

މި ޕްރޮގްރާމުގެ ކާމިޔާބީއާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތްކަން ސާބިތުކޮށްދިނީ އެކްސްޕޯގެ ވަނަތައް ހާސިލުކުރިއިރުއެވެ. ގައިދީންނަށްވަނީ ގައުމީ ފެންވަރުގެ އެކި ބައިތަކުން ފަހުރުވެރި ވަނަތައް ލިބިފައެވެ. އެއީ:

  1. ސްކަލްޕްޗާ (ކަނޑައި، ކޮށައި، މަށައި) އެންޑް މޮނިއުމަންޓު ބައިން އެއް ވަނަ: ގައިދީއަކު ލަކުޑިން ހަދައިފައިވައި ފަންގަނޑު ހިބަރު ސްކަލްޕްޗާއަށް.
  2. ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ބައިން ދެ ވަނަ: ހަމަ އެ ފަންގަނޑު ހިބަރު ސްކަލްޕްޗާއަށް.
  3. ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލް ބައިން ތިން ވަނަ: ގައިދީއަކު ހަދައިފައިވައި އިހު ޒަމާނުގެ ފޭރޭ މީހުންގެ މަނަވަރެއްގެ ނަމޫނާއަކަށް.

ކުށުގެ ވެށްޓާއި އިސްލާހީ މަސައްކަތްތަކުގެ ވާހަކަ އާންމުކޮށް އިވެނީ ނުހަނު ނާއުންމީދީ ރާގެއްގައި ނަމަވެސް މި ސްޓޯލުން އާންމު ކުޑަބޮޑު އެންމެނަށް ދައްކުވައިދިނީ އާ މިސްރާބެކެވެ. މުޖުތަމައަށް ބޭނުންތެރި ފަރުދެއް ގޮތުގައި ނުކުންނަން އިރުޝާދު ދައްކައިދޭނޭ ބަޔަކު ތިބިނަމަ ޖަލުގެ ތޭރިތަކުގެ އެތެރެއިންނާއި ބޭރުންވެސް ފިޔަ ޖަހައިލައި ތަރިތައް ނުކުމެ ބިން ފުރައިލައިނޭކަން ކަށަވަރުކަމެވެ.

މޯލްޑިވްސް އެކްސްޕޯގައި ހުރި ގައިދީންގެ ބައެއް މަސައްކަތްތައް ތިރީގައި:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް