Support Us

ޖަޕާންގައި ފަތުރުވެރިންތަކެއް ލަގެޖާއެކު ހިނގައިފައި ދަނީ

ފަތުރުވެރިންގެ ފަރާތުން ޖަޕާނުން ދެކެން ބޭނުންނުވާ މައްސަލައެއް

ޖަޕާނަށް ފަތުރުވެރިކަމުގެ ބޮޑު މައްސަލައަކާ ކުރިމަތިވެއްޖެއެވެ. މަގުތަކަށާއި ޕާކުތަކަށާއި ހޮޓަލްތައް ދޮށަށް ފަތުރުވެރިން އެ މީހުންގެ "މުސްކުޅި" ލަގެޖް ފޮށިތައް އުކައިލުމުގެ ބޮލުގެ ރިހުމެވެ. މި ކަން ވެފައިވަނީ އާއްމުން ބިރުވެސްގަންނަ، އާއްމު އުނދަގުލަކަށެވެ. މި ފަދަ ފޮށިތައް މިހާރު ރަސްމީ އިދާރާތަކުންވަނީ ނަގަން ފަށައިފައެވެ.

ފަތުރުވެރިން ވިޔަފާރިކުރާއިރު އަގުހެޔޮ، ވަރުގަދަ ޖަޕާނު ފޮށިތައް ގަނެއެވެ. ދެން އެ މީހުން އެ މީހުންގެ ގައުމުން ގެނައި، އެ މީހުންގެ ނަޒަރުގައި "ބާވެފައިވާ" ފޮށިތައް އުކައިލައެވެ. އެއީ އެ މީހުން އެއާލައިންތަކުގެ އިތުރު ފީތަކުން ރެކޭށެވެ.

ވެރިރަށް ޓޯކިއޯގެ ބާރުބޮޑު ވިޔަފާރި ހަބެއްކަމަށްވާ ތޮޝިމާ އަވަށުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވެއްޖެއެވެ. އެއީ އުކައިލައިފައިވައި 290 ފޮށި ތޮޝިމާއިން މި ދިޔަ އަހަރު ފެނިފައިވައިކަމަށް ރަސްމީ ރެކޯޑުތަކުން ދެއްކުމުންނެވެ. ތޮޝިމާއިން އަންނަ އަހަރު އެޕްރިލްގެ ކުރިން އާ ގާނޫނީ ފިޔަވަޅުތަކެއް ތައާރަފުކުރަންވެސް ދަނީ ރައިވަމުންނެވެ.

އުކައިލައިފައިވައި ފޮށިތަކާމެދު އާންމު ރައްޔިތުން ބިރުގަނެއެވެ. އެ ފޮށިތަކުގައި ހުރި އެއްޗަކާމެދު ކަންބޮޑުވެއެވެ. އެ މީހުންނަށް އޭގައި ހުރި އެއްޗެއް ނޭނގޭތީއެވެ.

"މި އަވަށުގައި 'މިންޕާކު' (ކުރު މުއްދަތަށް ކުއްޔަށް ދޭ ތަންތަން) އިތުރުވި ފަހުން މަގުމައްޗަށް އުކައިލައިފައިވައި 50 އަށްވުރެ ގިނަ ފޮށި އަހަރެން ދުށިން. ބިދޭސީއަކު ފޮށްޓެއް ދޫކޮށްލައިފައި ދިޔަތަންވެސް އަހަރެން ދުށިން. އަހަރެން ބޭނުންވަނީ އެ މީހުން ގަވާއިދުތަކަށް ތަބާވުމަށް،" ތޮޝިމާގައި އާއްމުން ދިރިއުޅޭ ސަރަހައްދެއްކަމަށްވާ އިކެބުކުރޯ-ހޮންޗޯގެ މީހަކު އޭނާގެ ކަންބޮޑުވުން ހިއްސާކުރަމުން ބުންޏެވެ.

މިތްސުހިރޯ ތަކަކުވާއަކީ އެ އަވަށުގެ ސާފުކުރާ އޮފީހުގެ ޑިރެކްޓަރެވެ. އެ އޮފީހުގެ މުވައްޒަފުން ފުލުހުންނާ ގުޅިގެން ބަރު ފޮށިތައް ބަލައި ފާސްކުރެއެވެ. ތަކަކުވާ މި މަސައްކަތް ސިފަކުރީ "ވަގުތު ނަގާ" ކަމެއްގެ ގޮތުގައެވެ.

ތޮޝިމާއިން މިހާރު ހައްލުތަކެއް ފޯރުކޮށްދެއެވެ. ޤާނޫނާ އެއްގޮތަށް ފޮށި އުކައިލުމަށް އަމިއްލަ ދެ ކުންފުންޏަކުން ފަތުރުވެރިންނަށް އެހީތެރިވެދިނުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ޓޯކިއޯއިން މި ދިޔަ އަހަރު ފެނުނު އުކައިލައިފައިވައި ފޮށީގެ އަދަދަކީ 4،600 އެވެ. އޭގެ ކުރިން 2022 ގައި ޓޯކިއޯއިން އެ ފަދަ 2،600 ފޮށި ފެނިފައިވެއެވެ.

ތިން މަސް ދުވަހަށް އެ ފޮށިތައް ފުލުހުންގެ ބެލެމުގެ ދަށުގައި ބަހައްޓައެވެ. ނަމަވެސް އެ ފޮށިތަކުގެ 70 ޕަސެންޓް އެ ފޮށިތަކުގެ ވެރިން ބަލައިނައިދެއެވެ.

ވައިގެ ބަނދަރުތަކަށްވެސްވަނީ މި މައްސަލައާ ކުރިމަތިލާން ޖެހިފައެވެ.

ސަރުކާރާ ގުޅިގެން ފަތުރުވެރިކަން ބަލަހައްޓާ ޖަމިއްޔާ، ނޭޝަނަލް ޓޫރިޒަމް އޯގަނައިޒޭޝަނުން ބުނީ މި ދިޔަ އަހަރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޖަޕާނަށް ޒިޔާރަތްކުރިކަމަށެވެ. އެއީ 42.6 މިލިއަން ފަތުރުވެރިންނެވެ. މިއީ 2024 އާ އަޅައިބަލައިއިރު 15.8 ޕަސެންޓް އިތުރުވުމެކެވެ.

ޤާނޫނާ ހިލާފަށް ކުނި އުކައިލުމުން ޖަޕާނުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަބުތައް ލިބެއެވެ. ކުށްވެރިންނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 10 މިލިއަން ޔެން (63،372.96 ޑޮލަރު ނުވަތަ 977،211.04ރ.)ގެ ޖުރިމާނާއެއް އާދެއެވެ. ކުށްކުރި މީހަކަށް ދެ ހުކުމް އެއްފަހަރާވެސް ބައެއް ފަހަރު އިއްވައެވެ.

ބައެއް ވިޔަފާރިތަކުން މި މައްސަލައަށް އުފެއްދުންތެރި ހައްލުތައް ހޯދައެވެ. މިސާލަކަށް، އުކައިލައިފައިވައި ފޮށިތައް ހޮޓަލް ނިވާ ޓޯކިއޯއިން އެ ހޮޓަލްގެ ފުރާޅުމަތީ ބަގީޗާގެ ގަސް އިންދާ މުށިގަނޑުތަކަށް ބަދަލުކުރެއެވެ. އެ ހޮޓަލުން އެ ފޮށިތަކުގައި މޭވާއާއި ތަރުކާރީ ހައްދައެވެ. އަދި އެ ތަކެތި އެ ހޮޓަލްގެ ރެސްޓޯރަންޓްގެ ކާބޯތަކެތީގެ ތެރޭގައި ހިމަނައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް