އަޑު ބޭނުންކޮށްގެން އަލިފާން ނިއްވައި އާލާތެއް އީޖާދުކޮށްގެން ފުރާވަރު އުމުރުގެ މެކްސިކޯގެ އަންހެން ދަރިވަރެއް މި މަހު 19 ގައިވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.
އާންހެލާ ކާރީމޭ ހެރްނާންޑޭޒް ވެނޭގާސްވަނީ އިންޑޮނޭޝިއާގައި ބޭއްވި ސައިންސާއި އީޖާދުކުރުމާ ގުޅޭ ބައިނަލްއަގުވާމީ މައުރަޒުން ރަން މެޑަލް ހޯދައިފައެވެ.
މުބާރާތް އިންތިޒާމްކުރި ފަރާތުން އާންހެލާގެ އުމުރު ހާމައެއްނުކުރެއެވެ. ބައެއް މީޑިއާއިން އޭނާގެ އުމުރުކަމަށް ރިޕޯޓްކޮށްފައިވަނީ 17 ކަމަށްވާއިރު އަނެއް ބައި މީޑިއާއިން ބުނަނީ އޭނާގެ އުމުރަކީ 16 ކަމަށެވެ.
އާންހެލާ އީޖާދުކުރި އާލާތުން ކުދި އަލިފާންގަނޑު ނިއްވައިލަނީ ސައުންޑް ވޭވްސް ނުވަތަ އަޑުގެ "ރާޅު"ތަކުންނެވެ.
އާންހެލާ ކިޔަވަނީ މެކްސިކޯގެ ސްޓޭޓެއްކަމަށްވާ ތަމައުލީޕަސްގެ އަލްތާމީރާ ސިޓީގައި ހުންނަ ސެޓިސް 78 ގައި އިލެކްޓްރޯނިކްސްގެ ދާއިރާއިންނެވެ. އޭނާ "ވޯޓެކްސް ޓެކް"ގެ ނަން ދީފައިވާ އަޖުމަ ބެލުމުގެ ގޮތުން ހެދި ނަމޫނާ ނުވަތަ ޕްރޮޓޯޓައިޕް އުފެއްދީ އޭނާގެ މުދައްރިސް އަދި ނަސޭހަތްތެރިޔާ ހޯސޭ އަރްތޫރޯ ހެރްނާންޑޭޒް މުނިއޯޒްގެ އިރުޝާދުގެ ދަށުންނެވެ.
"އެންމެ މުހިންމު މަގުސަދަކަށްވީ 'ވޯޓެކްސް ރިންގްސް’ގެ ފިޒިކަލް އުސޫލުން އުއްބައްތިއެއް ނިއްވައިލެވިދައިނެކަން ސާބިތުކޮށްދިނުން. 'ސޯނިކް ކެނަން’އިން ދެއްކީ މި ގޮތަށް އެ ކަން ކުރެވިދާނެކަމަށް،" އާންހެލާ ކިޔައިދިނެވެ.
އޭނާގެ ޑިވައިސް ކުދި އަލިފާންގަނޑުތައް ނިއްވައިލަން ބޭނުންކުރަނީ ލޯ-ފްރީކުއެންސީ އަޑުގެ ރާޅުތަކެވެ. އެ އާލާތުގެ އަމާޒަކީ ފެން ނުވަތަ އާންމުކޮށް އަލިފާން ނިއްވަން ބޭނުންކުރާ ތަކެތި ނުލައި އަލިފާން ކޮންޓްރޯލްކުރުމެވެ. މިއީ އަދި ތަޖުރިބާކުރުމުގެ މަރުހަލާގައިވާ ޕްރޮޓޯޓައިޕެކެވެ. އެހެންކަމުން މިއީ ސެޓިފައިކޮށްފައިވާ އަލިފާން ނިއްވައި އާލާތްތައް ނުވަތަ އެކްސްޓިންގުއިޝާގެ ބަދަލުގައި އަދި ބޭނުންކުރާނެ ވަސީލަތެއް ނޫނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާންހެލާވަނީ މި އާލާތް 100 އަށްވުރެ ގިނަ ފަހަރު ޓެސްޓްކޮށްފައެވެ. އޭނާ ސިފަކުރި ގޮތުގައި މި އާލާތް ތަރައްގީކުރުމަކީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
"މިއީ ތަޖުރިބާކުރުމުގެ މަރުހަލާގައިވައި ޕްރޮޓޯޓައިޕެއް. މިއިން ލަކުޑިއާއި ރޯވާ ދިޔާ ތަކެއްޗާއި އިލެކްޓްރޯނިކް އާލާތްތަކާއި އަދި ކައްކާ ތެލުގެ ދިޔައިގައި ރޯވުމުން އެ އަލިފާން ނިއްވައިލެވޭ،" އެންޕްލަސްއަށް ދިން އިންޓަވިޔުއެއްގައި އާންހެލާ ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި އޭނާގެ މަސައްކަތަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބުނީ ޓެކްނޯލޮޖީ ދާއިރާއިންނެވެ. އަދި އޭނާއަށްވަނީ ބައިނަލްއަގުވާމީ އެހެން ސައިންސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ހާއްސަ އެވޯޑެއްވެސް ލިބިފައެވެ.
ރަން މެޑަލް ލިބުމުން މި ޒުވާން އުފެއްދުންތެރިޔާއަށް އަސަރުން ފުރިގެންވީ ވަގުތުކޮޅެއް ކުރިމަތިވިއެވެ.
"އަހަރެންނަށް 78 ކިޔާ އަޑު އިވުމުން ތެދުވެ ދިދަ ހިފައިގެން ދުއްވައިގަތިން. އެ މީހުން އަހަރެންގެ ނަން އިއުލާންވެސް ނުކުރަނީސް އަހަރެން ހުރީ އެ ކޮޅަށް ގޮސްފައި. އަހަރެމެންނަށް ކާމިޔާބުވުމުން ޖަޒުބާތާއެކު ރޮއިލަން ބޭނުންވި،" އޭނާ ހަނދާން އާކުރިއެވެ.
އާންހެލާ އޭނާގެ ނަސޭހަތްތެރިޔާއަށް ޝުކުރު އަދާކުރިއެވެ.
"އޭނާވަނީ ގިނަ ވަގުތުތަކެއް ހޭދަކޮށް، ބޮޑު މަސައްކަތަކާއި ޒިންމާއެއްގައި ބަނދެވި، ކެތްތެރިކަމާއެކު އަހަރެންނާ މުއާމަލާތްކޮށްފައި. އަހަރެން އޭނާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އާންހެލާ ބުންޏެވެ.
މި ބައިނަލްއަގުވާމީ މުބާރާތުން ދަރިވަރުންނާއި މުދައްރިސުންގެ ޝައުގުވެރިކަންވެސް އާންހެލާގެ މަޝްރޫއަށް ލިބުނެވެ.
"މި މަޝްރޫއުގެ މައުލޫމާތު ކުރިންވެސް އެނގޭ މީހުން އިންޑޮނޭޝިއާގައި ތިބި. އެ މީހުން މި ކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވި އަދި އަހަރެމެން އެ ތަނުގައި ތިބުމުން އެ މީހުންނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނު،" އޭނާ ބުންޏެވެ.
"މި ރަން މެޑަލް ލިބުމަކީ ހަމައެކަނި މީހުންގެ ބަލައިގަތުން ލިބުމެއް ނޫން. މިއީ އުއްމީދު ކަނޑައިނުލައި އަހަރެމެންގެ ހިޔާލުތަކަށް އިތުބާރުކޮށް، އެ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް ކުރި މަސައްކަތުގެ ނަތީޖާ،" އާންހެލާ ބުންޏެވެ.
އުނގެނުމުގެ ޝައުގުވެރިކަމާއި ކެތްތެރިކަމާއި އަދި ދަރިވަރުން އިސްނަގައިގެންކުރާ ސައިންސްގެ ދިރާސާތަކުގެ އަގު އާންހެލާގެ މި ކާމިޔާބީން ހާމަކޮށްދެއެވެ.



advertisment