Support Us

އީރާން ހަނގުރާމަ ފުރޮޅިގެން ހިނގައިދާނެ 4 ގޮތެއް

އެމެރިކާ-އިސްރާއީލުގެ ގުޅުމުން އީރާނަށް ދޭން ފެށި ހަމަލާތައް މިއަދު ތިންވަނަ ހަފުތާއަކަށް ކުރިމަތިލާއިރު، އަސްކަރީ މާހިރުން އީރާން ހަނގުރާމަ ފުރޮޅިގެން ހިނގައިދާނެ ހަތަރު ގޮތެއް މިހާރު ވަނީ ދޭހަކޮށްދީފައެވެ.

މި ބަލައިލަނީ އެ ހަތަރު ގޮތަށެވެ:

  • ފުރަތަމަ އޮތީ ޑިޕްލޮމެޓިކް ގޮތުން މައްސަލަތައް ހައްލުކުރުމެވެ. މިއީ ކުރެވިދާނެ ކަމެއް ކަމަށް ވިޔަސް އެއް ގައުމުން އަނެއް ގައުމާމެދު އަދިވެސް ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.
  • ދެވަނަ ގޮތަކީ އީރާނުން ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމެވެ. އެ ގޮތުން މިސައިލާއި ޑްރޯން ބޭނުންކުރުމުގެ އިތުރުން މެދުއިރުމަތީގައި އީރާނުން ވާގިވެރިވާ ހަނގުރާމަވެރިންނަށް އެހީ ދީގެން އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އެސެޓްތަކަށް ހަމަލާދެމުން ގެންދިއުމެވެ.
  • ތިންވަނަ ގޮތަކީ އެމެރިކާ-އިސްރާއީލުގެ ގުޅުމުން ދޭ ހަމަލާތައް އަދިވެސް އިތުރަށް ވަރުގަދަކުރުމެވެ. އެ ގޮތުން އީރާންގެ އަސްކަރީ އަދި ނިއުކްލިއަ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތައް އަދިވެސް ފުޅާކުރުމެވެ.
  • ހަތަރުވަނަ ގޮތަކީ އެންމެ ނުރައްކާތެރި ގޮތަކަށް އީރާން ހަނގުރާމަ ފުރޮޅިގެން ހިނގައިދާނެ ގޮތެވެ. އެއީ މުޅި ސަރަހައްދުގެ ހަނގުރާމައަކަށް އީރާން ހަނގުރާމަ ބަދަލުވުމެވެ. އެ ގޮތުން ގަލްފު ގައުމުތަކުގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައްޖެނަމަ އެ ހިސާބުން މުޅި ދުނިޔެއަށް ލޮޅުން އަރައިގެންދާނެއެވެ. ސަބަބަކީ އީރާނުން ކޮންޓްރޯލްކުރާ ހުރުމުޒު ކަނޑުއޮޅި (ފޮޓޯ)އަކީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ނުވަތަ ދުނިޔޭގެ 20 ޕަސެންޓްގެ ތެޔޮ ގެންދާ މަގުކަމަށްވުމާއި އެ ތަނުން ދަތުރުކުރާ އުޅަނދުފަހަރު، ހަނގުރާމައާހެދި ދަތުރުކުރުން މިހާރު މަދުވުމެވެ.

މުޅި ދުނިޔެއަށް ލޮޅުން އެރުން އެންމެ ސީރިއަސް ކަމަކަށްވާ ހިސާބަކީ ތެލުގެ އަގު އުފުލުމެވެ. މިހެންވުން ކުރިމަތިވާނީ ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމައެވެ. މި ވަގުތު އީރާނާއި އެމެރިކާ-އިސްރާއީލުގެ ގުޅުމުން ވެސް ބުނަނީ އެ ބައެއްގެ ކޮޅު މޮޅުނުވަނީސް ހަނގުރާމަ ހުއްޓައިނުލައިނެ ކަމަށެވެ. އެހެންކަމުން މިއީ މުޅި ދުނިޔެއިން ވެސް ސީރިއަސްވާން ޖެހޭ ވަގުތެކެވެ.

އީރާން ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،097ރ.)ގައެވެ. ނަމަވެސް މިހާރު އެ އަގު 40 ޕަސެންޓް މައްޗަށް ގޮސް، ތެޔޮ ފީފާއެއްގެ އަގު މި ހަފުތާގައި ހުރީ 100 ޑޮލަރު (1،546ރ.)ގައެވެ.

އީރާންގެ އަސްކަރިއްޔާއިން ބުދަ ދުވަހު ބުނެފައިވަނީ ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރު (3،092ރ.)އަށް ވެސް އަރައިފައިނެ ކަމަށެވެ.

"ތެލުގެ އަގު ބިނާވެފައިވަނީ ސަރަހައްދުގެ ހަމަޖެހުމަށް. އެ ހަމަޖެހުން މި ވަނީ ގެއްލިފައި،" އީރާންގެ އަސްކަރިއްޔާގެ ތަރުޖަމާނެއް ކަމަށްވާ އިބްރާހީމު ޒުލްފަގާރީ ބުންޏެވެ.

އީރާންގެ އާ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު މުޖުތަބާ ހާމަނާއީ ވިދާޅުވީ "ދުޝްމިނުންނަށްކުރާ ޕްރެޝަރު ދެމެހެއްޓުމަށް ހުރުމުޒު ކަނޑުއޮޅި ބަހައްޓާނީ ބަންދުކޮށްފައި" ކަމަށެވެ.

ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުން މި ވަގުތު ހުއްދަ ދީފައިވަނީ ވިޔަފާރިކުރާ މަދު އަދަދެއްގެ ބޯޓުފަހަރަށެވެ. މިހެންވެ، ތެޔޮ ބަރާކޮށްފައިވާ ބޯޓުފަހަރު އޮތީ ގަލްފު ގައުމުތަކުގެ އައްސޭރިފަށުގައި ނަގިލި ލައިގެންނެވެ. އެހެންކަމުން މިއީ މެދުއިރުމަތީގެ ހަލަބޮލި މަސްރަހާމެދު މުޅި ދުނިޔެއިން ނޭވާހިފަހައްޓައިލައިގެން ތިބި ދަނޑިވަޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *