Support Us

އީރާންގެ އާ ސުޕްރީމް ލީޑަރަކަށް ހާމަނާއީގެ ދަރިކަލުން އިންތިހާބުކުރީ "އެމެރިކާގެ ދުޝްމިނަކަށްވާތީ"

އީރާންގެ އާ ސުޕްރީމް ލީޑަރު ނުވަތަ އެންމެ މަތީ ވެރިޔާ އަދި ރޫހީ ލީޑަރު ކަމަށް، އެމެރިކާ އާއި އިސްރާއީލުގެ ގުޅުމުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އަވަހާރަކޮށްލި، ކުރިން އެ މަގާމުގައި ހުންނެވި އަލީ ހާމަނާއީގެ ދަރިކަލުން މުޖުތަބާ މިހާރުވަނީ އިންތިހާބުކޮށްފައެވެ. ސަބަބަކީ މުޖުތަބާއަކީ "އެމެރިކާގެ ދުޝްމިނަކަށްވާތީ" ކަމަށް މުޖުތަބާ އެ މަގާމަށް "ދެވަނަ ވިސްނުމަކަށް ނުގޮސް އިންތިހާބުކުރި" ކަމަށް ބުނި، އީރާންގެ 88 މެންބަރުން ހިމެނޭ ދީނީ އިލްމްވެރިންގެ ކައުންސިލުން ބުންޏެވެ.

"މުޖުތަބާ (ފޮޓޯ) އިންތިހާބުކުރީ ހާމަނާއީ ކުރިން ދެއްވައިފައިވާ އިރުޝާދުގެ ދަށުން. އެއީ އީރާންގެ އެންމެ މަތީ ވެރިޔަކަށް ވާން ޖެހޭނީ ދުޝްމިނުން ނަފުރަތުކުރާ މީހެއް ކަމަށް. އެންމެ ބޮޑު ޝައިތާނު ކަމަށްވާ އެމެރިކާއިން ވެސް ވަނީ އޭނާގެ ނަންގަންފައި،" ކައުންސިލްގެ މެންބަރު މުހްސިން ހައިދަރީ އަލަކަސީރު އިއްޔެ ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވަނީ މުޖުތަބާއަށް ނަފުރަތު އޮތްކަން ހާމަކުރައްވައިފައެވެ. އެއީ ކުރިން ވެސް މުޖުތަބާއަކީ "އޮށްޓަރު ހުރި މީހެއް ނޫން" ކަމަށް ވިދާޅުވެފައެވެ.

"އޭނާއަށް ޖެހޭނެ އަހަރެމެންގެ ރުހުން ހޯދަން. އަހަރެމެންގެ ރުހުން އޭނާއަށް ނުލިބިއްޖެނަމަ، އޭނާއަށް އެ މަގާމުގައި މާ ގިނަ ދުވަހަކު ދެމިއެއް ނުހުރެވޭނެ،" ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީރާންގެ ވެރިކަން ބަދަލުކުރެވެންދެން އެމެރިކާ އާއި އިސްރާއީލުގެ ގުޅުމުން އީރާނަށް ހަމަލާދެމުންދާނެ ކަމަށެވެ.

މުޖުތަބާއަކީ މީޑިއާއާ އެހާ ރައްޓެހި މީހެއް ނޫނެވެ. އަދި އީރާންގެ އިންގިލާބީ ސިފައިން ނުވަތަ ތަފާތު ހިދުމަތްތައް ދޭ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އާ ވެސް ނުފޫޒުގަދަ ގުޅުމެއް އުފެއްދެވީ އެހާ ހާމަކަންބޮޑު ގޮތެއްގައެއް ނޫނެވެ.

މުޖުތަބާ އީރާންގެ ސުޕްރީމް ލީޑަރަކަށް އިންތިހާބުވެ ވަޑައިގަތުމުން އެ ކަމާ ގުޅޭ ގޮތުން އޭނާ އަދި އެއްޗެއް ވިދާޅެއްނުވެއެވެ.

އުމުރުން 56 އަހަރުގެ މުޖުތަބާ އެ މަގާމަށް ދީނީ އިލްމްވެރިންގެ ކައުންސިލުން އިންތިހާބުކޮށްފި ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރީ އިއްޔެއެވެ.

އިންތިހާބުކުރީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ފުރަތަމަ ދުވަސް ކަމަށްވި މި ދިޔަ މަހުގެ 28 ގައި އެ މަގާމުގައި ހުންނެވި އުމުރުން 86 އަހަރުގެ އަލީ ހާމަނާއީ އަވާހަރަކޮށްލުމުންނެވެ.

އީރާންގެ ތިން ވަނަ ސުޕްރީމް ލީޑަރަކަށް ވެވަޑައިގަތް މުޖުތަބާއަކީ ހާމަނާއީގެ ހަތަރު ދަރިކަލުން ކުރެ ދެވަނަ ދަރިކަލުންނެވެ. ހާމަނާއީގެ އިތުރުން އޭނާގެ ބައެއް އާއިލާ މެންބަރުން ވެސް އަވަހާރަކޮށްލި ނަމަވެސް އީރާން ސަރުކާރުންނާއި އެ ގައުމުގެ މީޑިއާއިން އެ ކަމާ ބެހޭ ކަށަވަރު ތަފުސީލުތަކެއް، ހަނގުރާމަ 10 ވަނަ ދުވަހަށް ދެމިގެންދިޔައިރު ވެސް އަދިވެސް ހާމައެއް ނުކުރެއެވެ. ސަބަބަކީ ހާމަނާއީގެ އާއިލާގެ މެންބަރުންނާ ބެހޭ މައުލޫމާތު އާއްމުގޮތެއްގައި އީރާނުން ހާމަނުކުރާތީއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން މުޖުތަބާގެ މަންމަ، އަނބިކަނބަލުން އަދި ދަރިކަލަކު ޝަހީދުވިއެވެ. މުޖުތަބާގެ ތިން ދަރިން ތިބޭ ކަމަށް ރިޕޯޓްކުރެވިފައިވާއިރު އެކަކަކީ ދަރިކަނބަލެއް ކަމަށް ހާމަކޮށްފައިވާއިރު އަނެކަކުގެ ޖިންސު ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާ އާއި އިސްރާއީލުން ދިން ފުރަތަމަ ދުވަހުގެ ހަމަލާގައި މުޖުތަބާ ސަލާމަތްވެ ވަޑައިގަތީ ހާމަނާއީގެ އާއިލާ ދިރިއުޅޭ ތަނަށް އެމެރިކާ އާއި އިސްރާއީލުގެ ގުޅުމުން ހަމަލާދިން އިރު މުޖުތަބާ އެ ތަނުގައި ނެތުމުންނެވެ. އަދި މިއަދު ވެސް އީރާނަށް ދެމުންދާ ހަމަލާތަކުގައި އޭނާ ހުންނެވީ ސަލާމަތުންނެވެ.

އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން އާއި އަސްކަރިއްޔާގެ އިތުރުން ފުލުހުން ވަނީ މުޖުތަބާއަށް ވަފާތެރިވާނެ ކަމަށް ބުނެފައެވެ. އަދި ދީނީ އިލްމްވެރިންގެ ކައުންސިލުންވަނީ މުޖުތަބާއަށް ވަފާތެރިވެ، މުޖުތަމައުގެ އެއްބައިވަންތަކަން ދަމަހައްޓަން ރައްޔިތުންނަށް ގޮވައިލައިފައެވެ.

"މުޖުތަމައުގެ މަތީ ހަރުފަތުގެ މީހުންނަށާއި އިލްމްވެރިންނަށާއި އަދި ޔުނިވާސިޓީތައް ހިންގާ ފަރާތްތަކަށް ވެސް ހާއްސަ ގޮތެއްގައި މި ގޮވައިލަނީ މުޖުތަބާއަށް ވަފާތެރިވެ، ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓަން،" އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މުޖުތަބާއަކީ އެއް އިރެއްގައި ވެސް ސަރުކާރުގެ މަގާމަކަށް ކުރިމަތިލެއްވި މީހެއް ނޫނެވެ. އަދި މީގެ ކުރިން އޭނާއަކީ ވޯޓަކަށް ވެސް ހުށަހެޅުނު މީހެއް ނޫނެވެ. ނަމަވެސް އެތައް ދަހަރެއް ވަންދެން އޭނާއަކީ ހާމަނާއީގެ ވެރިކަން ހިންގެވުމުގައި ނުފޫޒުގަދަ ދައުރެއް އަދާކުރެއްވި މީހެކެވެ. އިންގިލާބީ ސިފައިންނާ ގުޅުން އުފެއްދެވީ އެ ގޮތަށް އޭނާގެ ޒުވާން އުމުރުން ފެށިގެންނެވެ. އެ ގޮތުން 1980 ގެ އަހަރުތަކުގައި އިރާގާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގައި ވެސް މުޖުތަބާ ބައިވެރިވެ ވަޑައިގަތެވެ.

ހާމަނާއީއަށްފަހު ސުޕްރީމް ލީޑަރަކަށްވެ ވަޑައިގަތުމަށް އެންމެ ރަނގަޅު މީހަކީ މުޖުތަބާ ކަމަށް ފަހުގެ އަހަރުތަކުގައި އީރާންގެ ތެރޭގައި ވަނީ ބެލެވިފައެވެ. ނަމަވެސް އެ ކަމާ ބެހޭ ގޮތުން އޭނާ އާއްމުންނަށް އެނގޭނެ ގޮތަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އޭގެ ބަދަލުގައި މުޖުތަބާ އުޅުއްވަނީ އާއްމުންނަށް އެހާ ބޮޑަށް ހާމަނުވާ ގޮތަށެވެ. އާއްމު ތަގުރީރާއި ހުކުރު ހުތުބާ އަދި ސިޔާސީ ތަގުރީރު ވެސް ނުދެއްވައެވެ. މީގެ ސަބަބުން ގިނަ ރައްޔިތުންނަށް އޭނާގެ އަޑު ވެސް ނޭނގެއެވެ. އެއީ އީރާންގެ ވެރިކަމުގެ ދާއިރާގައި އަރަމުން އަންނަ ތަރިއެއްކަން އެނގުނު ނަމަވެސްމެއެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ މުޖުތަބާ ވެރިކަމަށް ވަޑައިގަތުމުން ބެލެވެނީ އީރާންގެ ވެރިކަމުގެ ދާއިރާގެ ހަރުކަށިކަން ދެމެހެއްޓޭނެ ކަމަށެވެ. އެ ގޮތުން އެމެރިކާއާއެކު ނިއުކްލިއަ މުއާހަދާއެއް ނުހައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ ހަނގުރާމައިގައި އީރާނުން އަމާން ދިނުން ނޫން ގޮތެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވުމުން ވެސް، މުޖުތަބާ ވިދާޅުވީ ދުވަހަކު ވެސް އަމާން ނުދެއްވާނެ ކަމަށާއި އީރާނަށް ހަމަލާދޭ ފަރާތްތަކަށް އަދަބުދެއްވާނެ ކަމަށެވެ.

މުޖުތަބާ އީރާންގެ ސުޕްރީމް ލީޑަރަކަށްވެ ވަޑައިގަތްތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި، އީރާނުން ވަނީ އިސްރާއީލަށް ބެލިސްޓިކް މިސައިލާއި ޑްރޯނުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. އަދި އެމެރިކާގެ އެސެޓްތައް ހުރި ގަލްފު ގައުމުތަކަށް ދެމެންދިޔަ ހަމަލާތައް ކުރިން ހުއްޓައިލި ނަމަވެސް އަލުން އެ ކަން ފަށައިފައެވެ. އެ ގޮތުން ބަހްރައިނަށް ޑްރޯނުން އަދި ސައުދީ އަރަބިއްޔާ އާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ވަނީ ޕްރޮޖެކްޓައިލުން ހަމަލާދީފައެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށައި މުޅި މެދުއިރުމަތި ހަލަބޮލިކޮށްލައިފައިވާ ދަނޑިވަޅެއްގައި އީރާންގެ ވެރިކަމުގެ ދާއިރާއަށް އައި ހުސްކަން ފިލައި، ސުޕްރީމް ލީޑަރަކަށް މުޖުތަބާ އިންތިހާބުކުރުމުން އީރާނަށް ހަމަޖެހުން އަންނާނެ ކަމަށް ބެލެވެއެވެ.

މެދުއިރުމައްޗަށް ފެތުރިފައިވާ މި ހަނގުރައިމައިގައި މިހާތަނަށް އީރާނުން 1،332 އާއްމުންނާއި ގާތްގަނޑަކަށް 3،000 އަސްކަރީ މުވައްޒަފުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި އިންގިލާބީ ސިފައިން ވެސް ހިމެނެއެވެ.

އެމެރިކާގެ އަށް ސިފައިން މަރުވެފައިވެއެވެ. އިސްރާއީލުން ބުނީ އިސްރާއީލުގެ 16 އާއްމުންނާއި ދެ ސިފައިން މަރުވެފައިވާ ކަމަށެވެ.

ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 16 މީހުން މަރުވެފައިވެއެވެ. އެއީ ކުވައިތުން އަށް މީހުން، ޔޫ.އޭ.އީއިން ތިން މީހުން، ސައޫދީ އަރަބިއްޔާއިން ދެ މީހުން، ބަހްރައިނުން ދެ މީހުން އަދި އުމާނުން އެކަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *