އިސްވެ އީރާނަށް ހަމަލާ ނުދޭނަމަ ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން މިއަދުން ފެށިގެން ހަމަލާނުދޭނެ ކަމަށް ރައީސް މަސްއޫދު ޕަޒަޝްކިއަން މިއަދު ވިދާޅުވި ނަމަވެސް ހަމަލާތައް އަދިވެސް ކުރިއަށް އެބަދެއެވެ. މިހެން ދިމާވެފައިވަނީ އީރާންގެ އަސްކަރީ ކޮމާންޑް ރޫޅިފައިވާތީ ކަމަށް އޮފިޝަލުން ބުންޏެވެ.
ޕަޒަޝްކިއަން މިއަދު ވަނީ ނާދިރު ގޮތަކަށް ގަލްފުގެ ގައުމުތަކުގެ ކިބައިން މާފަށް އެދިވަޑައިގަން، ގަލްފު ގައުމުތަކަށް ހަމަލާ ނުދޭން އާއްމުކޮށް އެނގޭނެ ގޮތަށް އީރާންގެ ކޮމާންޑަރުންނަށް އަމުރެއް ނެރުއްވައިފައެވެ.
"އަހަރެންނަށް ޖެހޭނެ އީރާނުން ހަމަލާދިން އަވަށްޓެރި ގައުމުތަކުގެ ކިބައިން މާފަށް އެދެން. މި ވަގުތުން ފެށިގެން އަހަރެމެންގެ އަސްކަރިއްޔާއިން އަވަށްޓެރި ގައުމުތަކަށް ހަމަލާދީ ނުވަތަ އެ ގައުމުތަކާ ދިމާއަށް މިސައިލްތައް ފޮނުވައިގެން ނުވާނެ. އެއީ އެ ގައުމުތަކުން އަހަރެމެންނަށް ހަމަލާ ނުދޭހާ ހިނދަކު،" ޓީވީން ދުރަށް ދެއްކި ތަގުރީރެއްގައި އޭނާ ވިދާޅުވިއެވެ.
އީރާންގެ އަސްކަރީ ކޮމާންޑް ރޫޅުމުން ވަކިވަކި ކޮމާންޑަރުންގެ އަމުރުގެ ދަށުން ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާން ސިފައިން އަދިވެސް ދަނީ ހަމަލާދެމުންނެވެ.
ސައޫދީ އަރަބިއްޔާއިން ބުނީ ޝައިބާ ތެޔޮ ވަޅު (ފޮޓޯ)އާ ދިމާއަށް އީރާނުން ފޮނުވައިލި ޑްރޯންތަކެއް ހުއްޓުވައިލި ކަމަށާއި ޝެހެޒާދު ސުލްތޯނަށް ނިސްބަތްވާ ވައިގެ ސިފައިންގެ މަރުކަޒަކަށް އީރާނުން ފޮނުވައިލި ބެލިސްޓިކް މިސައިލެއް ވެސް ހުއްޓުވައިލި ކަމަށެވެ.
ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިއަދު ވަރުގަދަ ގޮވުމެއް ހިނގުމުގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ބައެއް ފްލައިޓްތައް އުދުއްސައިލުން ވަގުތީ ގޮތުން މެދުކަނޑައިލިއެވެ.
އީރާނުން އަދިވެސް ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް ހަމަލާދިނުން ކުރިއަށްގެންދަނީ އީރާންގެ ދިފާއީ ކަންތައްތައް "މޮސައިކް ނިޒާމުން" ކުރިއަށްގެންދާތީ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެ ގޮތުން މިއީ "ޑިސެންޓްރަލައިޒް"ކޮށްފައިވާ ނިޒާމަކަށްވާތީ ވަކިވަކި ކޮމާންޑަރުންނަށް އެ މީހުންނަށް ފެންނަ އަމިއްލަ ގޮތަކަށް ހަމަލާދިނުމާމެދު މިނިވަންކޮށް ނިންމުންތައް ނިންމަން ފުރުސަތު ދީފައިވާ ކަމަށްވެއެވެ. ގަލްފުގައި ހުރި އެމެރިކާގެ އެސެޓްތަކަށް ހަމަލާދިނުން ހުއްޓައިލަން އީރާންގެ މައި ސަރުކާރުން އެންގި ނަމަވެސް އެ ގައުމުތަކާ ދިމާއަށް އީރާންގެ ޑްރޯންތަކާއި މިސައިލުތައް ފޮނުވަމުންދަނީ މިހެންވެ ކަމަށްވެއެވެ.
އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ކުރިން ވެސް ވަރަށް ސާފުކޮށް ވިދާޅުވެފައިވަނީ "އީރާންގެ ނިޔަތަކީ އަވަށްޓެރިން އަމާޒުފަތްގަނޑަކަށް ހެދުން ނޫން" ކަމަށާއި ނަމަވެސް "އީރާންގެ އަމާޒުފަތްގަނޑުތަކަކީ އެ ގައުމުތަކުގައި އެމެރިކާ ހުރި ހުރުން" ކަމަށެވެ.
ގަލްފު ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓާ ގަލްފު ކޫޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ)އިން ބޭއްވި ކުއްލި ބަދަލުވުމެއްގައި އެ ގައުމުތަކުގެ ހާރިޖީ ވަޒީރުން ވަނީ އީރާންގެ ހަމަލާތަކަކީ "ފާޅުގައި ލަދެއް ނެތި އަދި އިންސާފުވެރިކަމެއް ނެތި އެ ގައުމުތަކުގެ ސިޔާދަތަށް ހަމަލާދިނުން" ކަމަށް ވިދާޅުވެފައެވެ. މިހެންވެ، އީރާންގެ އަމާޒުފަތްގަނޑުތަކަކީ ހަމައެކަނި އެމެރިކާގެ އެސެޓްތައް ކަމަށް އީރާނުން ބުނާ ބުނުމާމެދު އެ މީހުން ވަނީ ދެކޮޅުހަދައިފައެވެ. އެ މީހުން ފާހަގަކުރީ އީރާންގެ ހަމަލާތައް އާއްމުން ދިރިއުޅޭ ތަންތަނާއި އިންފްރާސްޓްރަކްޗަރަށް އަރައިފައިވާކަމެވެ.
ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދިން ހަމަލާތަކުގައި މިއަދާ ހަމައަށް މަރުވެފައިވާ މީހުންގެ އަދަދު:
- ކުވައިތު: 4 މީހުން
- ޔޫ.އޭ.އީ: 3 މީހުން
- ބަހްރައިން: 2 މީހުން
- އުމާން: އެކަކު



advertisment