އެސްޓީއޯގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖުމްލަ ފައިދާ ދަށްވި ނަމަވެސް ސާފު ފައިދާގެ ގޮތުގައި 352 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯގެ ވެބްސައިޓްގައި މިއަދު ޝާއިޢުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި 352 މިލިއަން ރުފިޔާ އަކީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު ފަސް އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 281 މިލިއަން ރުފިޔާ ލިބިފައެވެ. މި ފައިދާ އިތުރުވީ އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާ ގުޅިގެން ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
އެސްޓީއޯގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ އާމްދަނީ އަކީ 6.48 ބިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު ހަތް އިންސައްތައިގެ ދަށްވުމެކެވެ.
"އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއެކު ތެލުގެ އަގު މި ކުއާޓަރުގައި ދަށްވުމެވެ. ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިކުނު އަދަދު ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ ކުއާޓަރުގައި ވަނީ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 738 މިލިއަން ރުފިޔާ ލިބިފައެވެ." އެސްޓީއޯގެ ބަޔާނެއްގައިވެއެވެ.
ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ވަނީ 400 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 23 އިންސައްތައިގެ އިތުރުވުމެކެވެ.
"މީގެ މައިގަނޑު ސަބަބަކީ މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗަރ އާ ގުޅިގެން ހަރަދު ކުޑަކުރެވުމާއި އަދި އެހެނިހެން ހަރަދުތައްވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުމެވެ." އެސްޓީއޯގެ ބަޔާނުގައިވެއެވެ.
"ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއެކު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 352 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު ފަސް އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 281 މިލިއަން ރުފިޔާ ލިބިފައެވެ."



advertisment

