Support Us

ކޮލަމް މީތިނުކިޔާތި: އީރާނުން ހުރުމުޒު ބަންދުކޮށްލައިފި ނަމަ މުޅި ދުނިޔެއަށް ނުރައްކާ

އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ހުރުމުޒު ސްޓްރެއިޓް ބަންދުކޮށްލަފާނެ ކަމަށް ނުސީދާ ގޮތެއްގައި އިންޒާރު ދީފައެވެ.

ހުރުމުޒަކީ ޕާޝިއަން ގަލްފު ކަނޑުގެ ވަށައިގެންވާ، ތެލުގެ މުއްސަނދިކަން ލިބިފައިވާ މުހިންމު ގައުމުތަކެއް ކަމަށްވާ އީރާން، އިރާގު، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)، އިންޑިއާ ކަނޑަށް ހުޅުވައިލަދޭ ހަމައެކަނި ކަނޑުމަގު ނުވަތަ "ސްޓްރެއިޓް"އެވެ. އެހެންކަމުން ހުރުމުޒު ސްޓްރެއިޓަކީ މުޅި ދުނިޔެއަށް ވެސް "ފިއްތައިލަން ނުކެރޭނެ ނޭވާހޮޅި"އެކެވެ.

އީރާނުން މި ދިން އިންޒާރަކީ ހަމައެކަނި ސަރަހައްދުގެ ގައުމުތައް "ހައްދާލަން" ނުވަތަ އެ ގައުމުތަކަށް "އޮޅުވާލަން" ދިން އިންޒާރެއް ނޫނެވެ. މިއީ ބަވަނަވެފައިވާ މުޅި ދުނިޔޭގެ ސަމާލުކަމަށް ހިއްލައިލި އިންޒާރުގެ "ރަތް ދިދަ"އެކެވެ. ސަބަބަކީ މިހެން ހަދައިފި ނަމަ މި ކަން ވެގެންދާނީ ދުނިޔޭގެ އެންމެ މުހިންމު ތެލުގެ "ނޭވާހޮޅިއަށް ފިތައިލައި ހާސްކޮށްލުމަކަ"ށެވެ.

މި ކަމުގެ ސަބަބުން ހަކަތައިގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ރޮކެޓެއްހެން ކުއްލިއަކަށް އުދުއްސައިގެން އަރާނެއެވެ. ވިޔަފާރީގެ މަގުތައް ބަންދުވެ، އެ މަގުތައް މާނަވީ ގޮތެއްގައި "ސުންނާފަތި"ވެގެންދާނެއެވެ. އަދި މި ކަމުގެ ސަބަބުން އެމެރިކާގެ ބަދަލުހިފުމަކާ ކުރިމަތިލާން ޖެހޭނެއެވެ.

އެހެންކަމުން އީރާނުން މި ދިން އިންޒާރުން ދޭހަވަނީ، މުޅި ދުނިޔެ، ފުޅާ ދާއިރާއެއްގެ ހަނގުރާމައަކަށް ސީދާ ނުވައްޓަައިލައި ނަމަވެސް އީރާންގެ "ދިރިހުރުމަށް" އެންމެ ފުޅާ ދާއިރާއަކަށް މަސައްކަތް ކުރެވެން އޮތް ހިސާބު އީރާނުން "އަޖުމަ ބަލައިލަން" ބޭނުންވާކަމެވެ.

ނަމަވެސް ތެޔޮ "ޓްރާންސިޓް" ކުރާ ހުރުމުޒު ފަދަ ކަނޑުމަގުތައް "ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ" އީރާންގެ ބާރު ހުރިކަން ހަމައެކަނި ދައްކައިލުމެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ އެންމެންނަށް ނުރައްކާކުރާނެ "ބްރިންކްމަންޝިޕް" ސިޔާސަތެކެވެ. ބްރިންކްމަންޝިޕަކީ، ހާއްސަކޮށް ސިޔާސީ ދާއިރާގައި، ރައްކާތެރިކަމުގެ އެންމެ ދުރު އިމަށް ނުރައްކާތެރި ސިޔާސަތެއް ކޮއްޕުމަށް ފަހު، އެ އަމަލު ހުއްޓައިލުމުގެ "އާޓެއް" އަދި "ފަރިތަކުރުމެ"ކެވެ.

ހުރުމުޒު ބަންދުކޮށްލައިފި ނަމަ އެ ކަމުން ނުކުންނާނެ މި ފަދަ ސީރިއަސް އެތައް މައްސަލައެއް ހައްލުކުރަން ކަނޑުމަގުން އަޅާނެ "ދެވަނަ ފިޔަވަޅެއް" ނުވަތަ "ޕްލޭން ބީ"އެއް ދުނިޔޭގެ އެއްވެސް ގައުމަކަށް ލިބިފައެއް ނެތެވެ. އީރާންގެ ބޯދާ ނަން ކަމަށްވާ "ޕާޝިއާ"ގެ ނަމުން ނަން ދީފައިވާ ޕާޝިއަން ގަލްފު ކަނޑާ ގުޅިފައިވާ ގައުމުތަކުގެ ތެޔު ނުގަންނަ މީހުންނަށް ވެސް ޕެޓްރޯލް އަޅާ ތަނަށް ގޮސް ޕަމްޕުގައި ހިފާއިރު މި ކަން އިހުސާސް ކުރެވޭނެއެވެ.

އެހެންކަމުން އިސްރާއީލާއި އެމެރިކާއިން ކުޅޭ ދުނިޔަވީ ނާމާން އަދި މުޑުދާރު ސިޔާސީ ކުޅިވަރުތައް މިހާ ހިސާބުން ޖެހޭނީ ހުއްޓައިލައިށެވެ. ސަބަބަކީ އީރާންގެ މި ފަދަ ސިޔާސަތެއް ވެގެންދާނީ މުޅި ދުނިޔޭގެ "ކަރުގައި އައްސާލާ ދަންމަޅި"އަކަށެވެ. އަދި ތާރީހުން ފިލާވަޅެއް ލިބެން އޮތް ނަމަ ހާމަވެގެން އަންނަނީ ކަނޑުމަގުގެ ދަތުރުފަތުރުގެ މަގުތަކާ "ކުޅުމަކީ" ނުރައްކާތެރި، އަދި އާހިރުގައި، އެންމެން މަރުގެ ތުންފަތްމައްޗަށް ވައްޓާލާ "ޖުވާ ކުޅުމެއް"ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *