ދުނިޔޭގެ 20 ޕަސެންޓް ތެޔޮ ގެންދާ ހުރުމުޒު ކަނޑުއޮޅި ހިމާޔަތްކުރަން ބައިވަރު ގައުމުތަކުން އެއްބަސްވެއްޖެ ކަމަށާއި އެ ގައުމުތަކުގެ އުޅަނދުފަހަރު އެ ދިމާއަށް އެބަ ދޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އީރާންގެ ބާރުގެ ދަށުގައިވާ ހުރުމުޒު އެމެރިކާގެ ރަހްމަތްތެރި ގައުމުތަކަށް އީރާނުން ބަންދުކޮށްލީ މި ދިޔަ މަހު 28 ގައި އެމެރިކާ-އިސްރާއީލުގެ ގުޅުމުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީމާ އެ ކަން ހުއްޓުވައިލުމަށް ދުނިޔޭގެ އިގުތިސާދު އިނދަޖައްސައިލައިގެން އެމެރިކާއަށް ޕްރެޝަރުކުރުމަށެވެ. އެ ގޮތުން އެމެރިކާގެ ރަހްމަތްތެރި ގަލްފު ގައުމުތަކުގެ 1،000 އެއްހާ ތެޔޮ ޓޭންކަރު ފާރިސީ ކަނޑުގައި ތާށިވެފައިވާއިރު އީރާނުން މިހާތަނަށް 25 ތެޔޮ ޓޭންކަރަށް ހަމަލާ ވެސް ދީފައިވެއެވެ.
ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވީ އެމެރިކާއަށް "އެހީވުމަށް ގިނަ ގައުމުތަކެއްގެ އުޅަނދުފަހަރު އެބައާދޭ" ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން އޭނާ ހާމައެއް ނުކުރައްވައެވެ.
"އެއީ ކޮން ގައުމުތަކެއްކަން ބުނަން އަހަރެން އަދި ބޭނުމެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ފަހުން ރަސްމީ ބަޔާނެއް ނެރުއްވާނެ ކަމަށެވެ.
"ބައެއް ގައުމުތަކުން ވަރަށް ބޮޑަށް ޝައުގުވެރި. ނަމަވެސް އަނެއް ބައި ގައުމުތަކުން އެހާ ޝައުގުވެރިއެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއާ ރަހްމަތްތެރި ގައުމުތަކުގެ އުޅަނދުފަހަރު ހުރުމުޒު ހުރަސްކުރުމަށް ހިމާޔަތް ދޭން ގިނަ ގައުމުތަކެއްގެ އުޅަނދުފަހަރު މިހާރު ވެސް އެ ދިމާއަށް ދާން ފަށައިފި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"ނަމަވެސް އެ ތަނަށް ދާން ވަގުތު ނަގާނެ،" އޭނާ ވިދާޅުވިއެވެ.
ހުރުމުޒަށް ފޯރަން ބައެއް އުޅަނދުފަހަރަށް ކަނޑެއް ވެސް ހުރަސްކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ހުރުމުޒު ހިމާޔަތްކުރަން ޓްރަމްޕް ކުރިން އެދިވަޑައިގަތް ގައުމުތައް ކަމަށްވާ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސި ވިލާތުން ބުނެފައިވަނީ ހަނގުރާމައެއްގެ ތެރެއަށް ވަނުމުގެ ބަދަލުގައި ބޭނުމީ ޑިޕްލޮމެޓިކް ހައްލެއް ކަމަށެވެ.
އެ ގައުމުތަކުން އެހެން ބުނުމުން ޓްރަމްޕް ވިދާޅުވީ ހުރުމުޒުން ގެންދާ ތެޔޮ ބޭނުންކުރާ ހުރިހާ ގައުމަކުން ވެސް ހުރުމުޒު ހިމާޔަތްކުރަން ދާން ޖެހޭނެ ކަމަށެވެ. އެ ގޮތުން އެ ކަން ކުރަން އޭނާ ހާއްސަ ގޮތެއްގައި ގޮވައިލީ ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ޖަމިއްޔާ ނޭޓޯގެ މެންބަރު ގައުމުތަކަށެވެ.
ހުރުމުޒު ހިމާޔަތް ކުރަން އެބަ ދޭ ކަމަށް ރަސްމީކޮށް އަދި އެއްވެސް ގައުމަކުން ނުބުނެއެވެ.
އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުގެ ތެޔޮ ޓޭންކަރުތަކާއި އާގުބޯޓުފަހަރަށް އީރާނުން ހުރުމުޒު ބަންދުކޮށްލުމުން އީރާން ހަނގުރާމައިގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 71 ޑޮލަރު (1،097ރ.)ގައި ހުރިއިރު، މިހާރު އެ އަގު ވަނީ 40 ޕަސެންޓް މައްޗަށް ގޮސް، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރު (1،546ރ.)އަށްވުރެ މައްޗަށް އަރައިފައެވެ.
އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށެވެ. ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރުފަތުރާ ނޫސް އެޖެންސީ އަލްޖަޒީރާއިން ބުނީ މިހާތަނަށް އީރާނުން 1،444 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
އެމެރިކާގެ 13 ސިފައިން މަރުވެފައިވާއިރު އިސްރާއީލުން މަދުވެގެން 15 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.
ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން 20 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ. އެއީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ހަތް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ސައޫދީ އަރަބިއްޔާއިން ދެ މީހުން އަދި ބަހްރައިނުން ދެ މީހުންނެވެ.



advertisment