ނުވަ މަސް ދުވަހު ޖައްވުގައި ތާށިވެފައި ހުރުމަށް ފަހު މި މަހު 18 ގައި އެނބުރި އައި އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އަންހެން އެސްޓްރޮނޯޓު ސުނީތާ ވިލިއަމްސްއަށް އެތައް ސިއްހީ މައްސަލައެއް ކުރިމަތިވެފައިވެއެވެ.
މިހާރު އާއްމުވަމުން އަންނަ ވީޑިއޯތަކާއި ފޮޓޯތަކުން އާދަޔާހިލާފު އެހެން ކަމެއް ވެސް ވަނީ ފާހަގަކުރެވިފައެވެ. އެއީ އޭނާގެ ދަތްދޮޅި ދިގުވެފައި އޭގެ ސިފައަށް އުނިކަމެއް އައިސްފައިވާކަމެވެ.
ޖައްވުގައި އާދަޔާހިލާފު ތަޖުރިބާތަކާއި ރެކޯޑުތަކެއް ގާއިމުކޮށްފައިވާ އުމުރުން 59 އަހަރުގެ ސުނީތާ، ފިރިހެން އެސްޓްރޮނޯޓެއް ކަމަށްވާ ބަޗް ވިލްމޯރްއާއެކު ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން އައި.އެސް.އެސްއަށް ދިޔައީ މިދިޔަ އަހަރު ޖޫން މަހު ފަހެއްގައި އެންމެ އަށް ދުވަހަށެވެ. ނަމަވެސް ބޮއިންގް ކުންފުނީގެ ޖައްވީ އުޅަނދު ސްޓާލައިނާއަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެގެން އެ އުޅަނދު ދުނިޔެއަށް އައީ ސުނީތާ އާއި ބަޗް އައި.އެސް.އެސްގައި ބައިތިއްބައިފައެވެ. ސުނީތާމެން ގެނައީ އޭގެ 286 ދުވަސް ފަހުން ސްޕޭސް-އެކްސް ކުންފުނީގެ ޖައްވީ އުޅަނދު "ކްރޫ ޑްރެގަން"ގައެވެ.

ޑޮކްޓަރުން ކުރީއްސުރެ ވެސް ބުނެފައިވަނީ ޖައްވުގައި ދަމާބާރު ނުވަތަ ގްރެވިޓީ ނެތުމުން ކަށިތައް މަޑުވެ، މުރަނަވެ، އަދި ފީވާނެ ކަމަށެވެ.
"ސުނީތާގެ ކަތުރުކަށިގަނޑު ވެސް ވަނީ ވަޅުވަދެ، އައިބުވެފައި،" ސިއްހީ ހިދުމަތްތެރިޔަކު ބުންޏެވެ.
"މަސްތައް ކަސްރަތު ކުރުވަން ދަމާބާރު ބޭނުންވާނެ. އެ ނެތް ނަމަ މަސްތަކަށް ޕްރެޝަރު ކުރާނެ ބާރެއް ނޯންނާނެ،" މޭލް އޮންލައިނަށް ޑރ. ވިނޭ ގުޕްތާ ބުންޏެވެ.
ދަމާބާރު ނެތުމުން އެ އުފެދޭ މައިކްރޯގްރެވިޓީގައި ޖައްވުގައި އެއްޗެހީގެ ބުރަދަނެއް ނުހުރެއެވެ. މިހެންވުމުން އެ ތަކެތި އުޅެނީ "އުދުހިފަ"އެވެ.
"މި ކަމުގެ ސަބަބުން ކަށިތަކުގެ ބުރަދަން މަދުވަމުންދާނީ. އަދި މަސްތައް ވިރުމުގެ އިތުރުން ހަށިގަނޑުގައި ދިޔާ ތަކެތި ދައުރު ކުރާ ގޮތަށް ވެސް ބަދަލު އާދޭ،" ނާސާއިން ބުންޏެވެ.
"ދަމާބާރު ނެތުމުން ކާބޯތަކެތި އެހާ ރަނގަޅަކަށް ހަޖަމެއް ވެސް ނުވާނެ. ހަޖަމު ކުރުމަށް އަސަރު ކުރުމުން މަސްތައް ވިރި އަދި ކަށިތައް ވެސް ނިކަމެތިވާނެ،" އެހެން ޑޮކްޓަރަކު މޭލް އޮންލައިނަށް ބުންޏެވެ.
ސުނީތާ އެ ހުރިހާ ދުވަހަކު ވަނީ އޭނާގެ ޓީމާއެކު ސައިންސް ތަހުލީލުތަކާއި ސްޕޭސްވޯކް ނުވަތަ އައި.އެސް.އެސްގެ ބޭރަށް ނުކުމު ޖައްވުގައި "ހިނގުމާއި" އަދި އައި.އެސް.އެސްގެ ހިންގުމަށް ކޮންމެހެން ބޭނުންވާ މެއިންޓެނަންސްގެ މަސައްކަތްތައްކޮށްފައެވެ.
ސުވާލަކީ މީގެ އިތުރުން ސުނީތާއަށް ކަސްރަތުކޮށްގެން ފިޓުކޮށް ހުރުމަށާއި އޭނާގެ ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ލިބުނީ އިތުރު ކޮން ފުރުސަތުތަކެއް ހެއްޔެވެ؟
އައި.އެސް.އެސްގެ މެނޭޖަރު ޑޭނާ ވައިގެލް މި ދިޔަ އަހަރު ބުނެފައިވަނީ ކުޑަ މުއްދަތުގެ މިޝަނެއް ދިގު މުއްދަތަކަށް ބަދަލުވުމުން ސުނީތާ އާއި ބަޗްގެ ދުވަހުގެ އާދަތަކަށް ބަދަލުގެންނަން ޕްރޮގްރާމްތަކަށް ބަދަލުގެނައި ކަމަށެވެ.
"އެންމެ ކުރު މުއްދަތުގެ މިޝަންތަކުގައި ކަސްރަތު ކުރުމާއި ނުކުރުން ދޫކޮށްލައިފައިވަނީ އެސްޓްރޮނޯޓުންނަށް ދޭ އިހުތިޔާރެއްގެ ގޮތުގައި. ނަމަވެސް ސުނީތާ އާއި ބަޗް އައި.އެސް.އެސްގައި ގިނަ ދުވަހު ހުންނަން ޖެހުމުން އެ ދެ މީހުންގެ ޖައްވީ ޕްރޮގްރާމްތައް ވަނީ ދިގު މުއްދަތުގެ ޕްރޮގްރާމްތަކާ އެއްގޮތަށް ބަދަލުކޮށްފައި،" ޑޭނާ ބުންޏެވެ.
