Support Us

ސުނީތާ ވިލިއަމްސް (ވ) އާއި ބެރީ "ބުޗް" ވިލްމޯއަށް މަހާއި ކައްޓާއި ހިތާއި ލޮލާއި ގުރުދާ ހިލައިގެ މައްސަލަތައް ކުރިމަތިވާނެ

ޖައްވުގައި ތާށިވި ދެ އެސްޓްރޮނޯޓުންނަށް ކުރިމަތިވާނެ ސިއްހީ ސީރިއަސް މައްސަލަތައް

މިދިޔަ ޖޫން މަހު އެންމެ ހަފުތާއަކަށް ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ދިޔަ ދެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އާއި ބެރީ "ބުޗް" ވިލްމޯ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ޖައްވުގައި ތާށިވުމުން ކުރިމަތިވާނެ ބައިވަރު ސިއްހީ މައްސަލަތައް އެބަހުރި ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

"މިއީ މުޅި 'ހަޔާތް ބަދަލު’ކޮށްލާނެ ސިއްހީ މައްސަލަތަކެއް،" ނާސާއިން ބުންޏެވެ.

ސުނީތާ އާއި ބުޗް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)ގައި ތާށިވެފައިވަނީ އެ ދެ މީހުން އެ ތަނަށް ގެންދިޔަ ބޮއިންގް ސްޓާލައިނާގެ ކެޕްސޫލަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުންނެވެ. ނާސާއިން މިހާރު އުއްމީދު ކުރަމުން އަންނަނީ ސުނީތާ އާއި ބުޗް އަނބުރާ ދުނިޔެއަށް ގެނައުމަށް ބިލިއަނަޔަރު އީލޮން މަސްކުގެ ސްޕޭސް އެކްސްގެ އުޅަނދެއް ބޭނުން ކުރުމަށެވެ.

ނާސާގެ އިލްމްވެރިން ވިދާޅުވީ ޖައްވުގައި ގިނަ ދުވަސްވާ ނަމަ ކައްޓާއި މަސްތަކަށް މައްސަލަތައް ކުރިމަތިވެ، ޖައްވުގައިވާ ރޭޑިއޭޝަންއަށް އެ ދެ މީހުން ހުށަހެޅި، ލޮލުގެ ފެނުމަށް ވެސް ގެއްލުން ލިބޭނެ ކަމަށެވެ.

ސުނީތާ ވިލިއަމްސް (ކ) އާއި ބެރީ "ބުޗް" ވިލްމޯއަށް ސީރިއަސް ސިއްހީ މައްސަލަތަކާ ކުރިމަތިވާނެ

"އެސްޓްރޮނޯޓުން ތަމްރީންކުރަނީ ޖައްވުގައި ހޭދަކުރަން ހަމަޖެހިފައިވާ މުއްދަތާ އެއްގޮތްވާ ގޮތުގެ މަތިން. މިހެންވެ، ސުނީތާ އާއި ބުޗްއަށް މި ކަންތައްތަކަށް ތައްޔާރުވާނެ ފުރުސަތެއް ނެތް. ޖައްވުގައި ގިނަ ދުވަސްވާ ވަރަކަށް، ހަށިގަނޑަށް އަންނަ ބަދަލުތައް ވެސް ބޮޑުވާނެ،" ޖައްވީ ތަޖުރިބާކާރަކު އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހަށް ވިދާޅުވިއެވެ.

ޖޫން 5 ގައި އައި.އެސް.އެސް.އަށް ސުނީތާ އާއި ބުޗް ފޮނުވީ ޖޫން 14 ގައި ދުނިޔެއަށް އެނބުރި އަންނަ ގޮތަށެވެ. ނަމަވެސް މިހާރު ވެސް އެ ދެ މީހުން އައި.އެސް.އެސް.ގައި ތާށިވެފައި ހުންނަތާ ދެ މަސް ވީއެވެ.

ބޮއިންގްގެ ސްޓާލައިނާ އުޅަނދުގެ އުދުހުން ކޮންޓްރޯލްކުރާ އިންޖީން ނުވަތަ "ތްރަސްޓަރ"ގެ 18 ތްރަސްޓަރގެ ތެރެއިން ފަސް ތްރަސްޓަރއަށް ވަނީ މައްސަލަޖެހިފައެވެ. މީގެ އިތުރުން ހީލިއަމް ގޭސް ވެސް ވަނީ ލީކުވާން ފަށައިފައެވެ. މިހެންވެ ބޮއިންގްގެ ސްޓާލައިނާގައި ދުނިޔެއަށް އެނބުރި އައުން ވެގެންދާނީ ބޮޑު ނުރައްކަލަކަށް ކަމަށް ނާސާއިން ބުންޏެވެ.

"ސުނީތާ އާއި ބުޗްއަށް މިހާރު ވެސް ވަނީ ސިއްހީ ނުރައްކަލާ ކުރިމަތިލާންޖެހިފައި. އެ ދެ މީހުންގެ ހަށިގަނޑުގެ ގުނަންތަކުގައި މައްސަލަތައް ޖެހެން ފަށާނެ،" އެމެރިކާގެ ފްލޮރިޑާ ޔުނިވާސިޓީގެ ޕްރޮފެސަރު ރޭޗެލް ސައިޑްލަރ ވިދާޅުވިއެވެ.

ޓެކްނިކަލް މައްސަލަތައް ޖެހިފައިވާ ބޮއިންގްގެ ޖައްވީ އުޅަނދު ސްޓާލައިނާ ކެޕްސޫލް

އައި.އެސް.އެސް.ގައި ހުންނަނީ ދުނިޔޭގެ ދަމާބާރު ނުވަތަ "ގްރެވިޓީ"ގެ 90 ޕަސެންޓް ގްރެވިޓީއެވެ. ދަށް ގްރެވިޓީއެއްގައި އުޅުމުން ކައްޓަށާއި މަސްތައް ހަރަކާތްތެރިވާންޖެހޭ ވަރަކަށް ހަރަކާތެއް ނުކުރެއެވެ. މިހެން ވުމުން ކަށި ނުވަތަ ބޯންގެ "ޑެންސިޓީ" ދަށްވެ، މަސް ނުވަތަ "މަސްލް" އެޓްރޮފީ ނުވަތަ "ވިރެން" ފަށައެވެ.

"ދުނިޔޭގައި އެންމެ ސީރިއަސްކޮށް 'އޮސްޓިއޮޕޮރޮސިސް' ކުރިމަތިވާ މިންވަރަށްވުރެ 12 ގުނައަށް އޮސްޓިއޮޕޮރޮސިސްގެ ހާލަތު ދިމާވާނެ،" ބޯން ހެލްތު ކްލިނިކްގެ ފައުންޑަރު ކައިލް ޒެގްރާޑްސްކީ ނިއުސްވީކްއަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮސްޓިއޮޕޮރޮސިސްގެ ސަބަބުން ކަށީގައި ރެނދުލުން ނުވަތަ "ފްރެކްޗަރ"ލުން ފަދަ "ހަޔާތް މުޅިން ބަދަލުވެގެންދާ ފަދަ ޒަހަމްތައް ގިނަ ފަހަރަށް ކުރިމަތިވާނެ" ކަމަށެވެ.

"ހިޕް (އަރިކަށި)ގައި ފްރެކްޗަރ (ރެނދު)ލުމަކީ ސީރިއަސް މައްސަލައެއް. މީހާގެ މިނިވަންކަން ގެއްލި، ފުރާނައަށް ވެސް ނުރައްކާވެދާނެ،" ކައިލް ވިދާޅުވިއެވެ.

ދުނިޔެއިން ފުރި ދުވަހު ވެސް ބޮއިންގްގެ ޖައްވީ އުޅަނދު ސްޓާލައިނާއަށް ޓެކްނިކަލް މައްސަލަތަކާ ކުރިމަތިވި

ޖައްވުގައި ގިނަ ދުވަސް ހޭދަކުރަންޖެހޭ ސްޕޭސް މިޝަންތަކުގައި އުޅޭ އެސްޓްރޮނޯޓުންގެ މަސްތަކުގެ 50 ޕަސެންޓް ގެއްލިގެން ހިނގައިދާނެކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީ.އެސް.އޭ)އިން ބުންޏެވެ.

"މި ކަމުގެ ސަބަބުން ޖައްވުގައި އަދި އޭގެ ފަހުން ދުނިޔޭގައި ވެސް ކުރަން ޖެހޭ ޖިސްމާނީ ހަރަކާތްތައް ކުރުމުގައި ދަތިތަކާކުރިމަތިވެ، ވޭނާއި އުނދަގޫ ލިބެން ފަށައިފާނެ،" އީ.އެސް.އޭ.އިން ބުންޏެވެ.

ދަމާބާރު ދަށް ތަންތަނުގައި އުޅުމުން އެސްޓްރޮނޯޓުންގެ ހިތުގެ ބައްޓަމަ އާއި ހިތް މަސައްކަތްކުރާ ގޮތް ވެސް ބަދަލުވާކަމަށް ނާސާއިން ބުންޏެވެ.

"ޖައްވުގައި ހުންނަ އިރު ހިތުގެ ބައްޓަން 'އޯވަލް' (މުޅިއަކުން ވަށްކޮށެއް ނޫން) ބައްޓަމައަށް ހުރެފައި 'ރައުންޑް' (ވަށް ބުރަކަށް) ބަދަލުވޭ،" ނާސާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ލޭ ދައުރުކޮށްދޭ "ވެސެލް"ތައް ވެސް "ވިރެން" ފަށައި، ލޭގެ ދައުރުކުރުން ކޮންޓްރޯލުން ނެއްޓޭ ކަމަށެވެ.

ޖައްވުގައި ގިނަ ދުވަސްވުމުން މީހާގެ ކާޑިއޮވަސްކިއުލަރ ނުވަތަ ހިތުގެ ހިނގުމާއި ލޭ ދައުރުކުރާ ނިޒާމުގެ ހަރަކާތްތެރިކަން 50 ޕަސެންޓް ދަށް ވާ ކަމަށް ދިރާސާއަކުން ދެއްކިއެވެ.

"ޖައްވަށް އުދުއްސައިލުމުން ހަށިގަނޑުގައި ހުންނަ ދިޔާ އެއްޗެހި މައްޗަށް އަރާ ގޮތްވޭ. މި ކަމުގެ ސަބަބުން ލޮލުގެ ފެނުމަށާއި ވަށައިގެންވާ މާހައުލު އެނގުމަށާއި ހަށިގަނޑު ބެލެންސް ކުރުމަށާއި ގުނަންތަކުގެ ހަރަކާތްތައް ވިލަރެސް ކުރުމުގައި މައްސަލަތައް ކުރިމަތިވޭ،" ޑެއިލީ މެއިލްއަށް ސައިޑްލަރ ވިދާޅުވިއެވެ.

ދިގު ޖައްވީ މިޝަންތަކުގައި އުޅޭ އެސްޓްރޮނޯޓުން ރިޕޯޓްކުރާ ތަޖުރިބާތަކުގެ ތެރޭގައި "ސްޕޭސް ފޮގް" ހިމެނެއެވެ. މިއީ ސިކުނޑިއަށް ރަނގަޅަށް ކަންތައްތައް ނޭނގުން ކަމަށްވާ "ބްރެއިން ފޮގް" ކަހަލަ މައްސަލައެކެވެ. އެހާ ރަނގަޅަށް މި ކަމާ ގުޅޭ ދިރާސާތައް އަދި ހެދިފައި ނެތް ނަމަވެސް ސްޕޭސް ފޮގްގެ މައްސަލަ ކުރިމަތިވުމުން އެސްޓްރޮނޯޓުންނަށް "ވާނުވާ" ނޭނގުމާއި ހޮޑުލަވާ ގޮތް ވުމާއި ހޮޑު ލެވުމާއި އަދި މޫޑަށް ބަދަލު އައުން ހިމެނެއެވެ.

ދަށް ގްރެވިޓީގައި އުޅުމުން "ސްޕޭސްފްލައިޓް އެސޯސިއޭޓެޑް ނިއުރޯ-އޮކިއުލަރ ސިންޑްރޯމް"ގެ މައްސަލަ ވެސް ކުރިމަތިވެއެވެ. މިހެން ދިމާވުމުން ކައިރީގައި ހުންނަ އެއްޗެހި ނުވަތަ ތަންތަން ލޮލަށް ސާފުކޮށް ނުފެނެއެވެ. އައި.އެސް.އެސް.ގައި ދިގު މުއްދަތުގެ މިޝަންތަކުގައި އުޅެފައި އަންނަ އެސްޓްރޮނޯޓުންގެ ތެރެއިން ދެބައިކުޅައެއްބައި މީހުންނަށް މި މައްސަލަ ކުރިމަތިވާ ކަމަށް އެ މީހުން ރިޕޯޓްކުރާ ކަމަށް އެމެރިކާގެ ލޮލުގެ ބަލިތަކާ ބެހޭ އެމެރިކަން އެކެޑަމީ އޮފް އޮފްތަލްމޮލޮޖީން ބުންޏެވެ.

"ޖައްވުގައި ގިނަ ދުވަސް ހޭދަކުރި ވަރަކަށް، އެނބުރި ދުނިޔެއަށް އައިސް މި މައްސަލަތައް ރަނގަޅު ވުމަށް ނަގާ ދުވަސް ވެސް ގިނަ،" ސައިޑްލަރ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ރައްކާތެރިކަމާއެކު ކާރު ދުއްވަން ގިނަ ހަފުތާތަކެއް ނަގާފާނެ ކަމަށެވެ.

މި ހުރިހާ މައްސަލަތަކުގެ ނުރައްކާ އޮއްވައި ގުރުދާގައި ހިލަ އުފެދުން ނުވަތަ "ކިޑްނީ ސްޓޯންސް" މައްސަލަ ވެސް ކުރިމަތިވެއެވެ.

ދަށް ގްރެވިޓީގައި އުޅުމުން ކުރިމަތިވާ ސިއްހީ މައްސަލަތައް ހައްލުކޮށްދޭ ބައެއް ކަންތައްތައް އެސްޓްރޮނޯޓުންނަށް ހަމަޖައްސައިދީފައިވެއެވެ. އެ ގޮތުން ކައްޓާއި މަހުގެ ޑެންސިޓީ ދަށްވުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ކޮންމެ ދުވަހަކު ދެ ގަޑިއިރު ކަސްރަތު ކުރާނެ ހާއްސަ އާލާތް އައި.އެސް.އެސް.ގައި ގާއިމުކޮށްފައިވެއެވެ.

އެމެރިކާއިން 1970 ގެ އަހަރުތަކުގެ ތެރޭގައި ގާއިމު ކުރި އެ ގައުމުގެ ފުރަތަމަ ޖައްވީ ސްޓޭޝަންކަމަށްވާ ސްކައިލެބްގައި މަސައްކަތްކުރި ފަޅުވެރިންގެ ހަށިގަނޑުގައި ނައިޓްރިޖަން ގޭސް ހުރީ "ނެގަޓިވް ބެލެންސް"އެއްގައި ކަމަށް ދެއްކިއެވެ. އެ އެސްޓްރޮނޯޓުން ސްކައިލެބްގައި ތިބީ 171 ދުވަހުއެވެ. އަންނަ ފެބްރުއަރީ މަހާ ޖެހެންދެން ސުނީތާ އާއި ބުޗް އައި.އެސް.އެސް.ގައި ތިބެން ޖެހިއްޖެ ނަމަ، ސްކައިލެބްގައި އެސްޓްރޮނޯޓުން ތިބި ދުވަހުގެ އަދަދަށްވުރެ ސުނީތާ އާއި ބުޗް އައި.އެސް.އެސް.ގައި ތިބެންޖެހިފައިވާ ދުވަސްތައް ގިނަވާނެއެވެ.

ސުނިތާއަށާއި ބުޗްއަށް އެއްގޮތަކުން ވެސް ސަލާމަތް ނުވެވޭނެ ކަމެއް އެބައޮތެވެ؛ އެއީ ރޭޑިއޭޝަންއެވެ.

ޖައްވުގެ ރޭޑިއޭޝަން ފޯރާ މިންވަރު މަދުކުރުމަށް އައި.އެސް.އެސް.ގެ ބޭރުގައި ފަށަލައެއް ލައިފައިވެއެވެ. ނަމަވެސް ދުނިޔޭގައި އަހަރެމެން ހުށަހެޅިފައިވާ ރޭޑިއޭޝަންގެ 365 ގުނަ ރޭޑިއޭޝަން ސުނީތާ އާއި ބުޗްއަށް ފޯރާނެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ދުނިޔޭގައި އެއް އަހަރު ދުވަހުން ހަށިގަނޑަށް ފޯރާނެ ރޭޑިއޭޝަން، އައި.އެސް.އެސް.ގައި އެސްޓްރޮނޯޓަކު ހޭދަ ކުރާ އެންމެ ދުވަހަކު ވެސް އެއިން މީހަކަށް ފޯރާނެއެވެ.

"މިހެންވުމުން، ހަޔާތުގެ ފަހުކޮޅު ކެންސަރު ބައްޔަށް މީހާ ހުށަހެޅުމުގެ ފުރުސަތު އިތުރުވޭ،" ނާސާއިން ބުންޏެވެ.

މީގެ މާނައަކީ ސުނީތާ އާއި ބުޗް އަނބުރާ ދުނިޔެއަށް ވީ އެންމެ އަވަހަކަށް ގެނައުމަކީ މުހިންމު ކަމެއް ކަމެވެ. އައި.އެސް.އެސް.ގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ ދެ މީހުންގެ ހަށިގަނޑު "ހަލާކު"ވަމުންދާ ދުވަހެކެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހު ސުނީތާ އާއި ބުޗް އަނބުރާ ދުނިޔެއަށް ގެންނަ ނަމަ އޭގެ މާނައަކީ އެ ދެ މީހުން ޖައްވުގައި ނުވަ މަސް ދުވަސް ހޭދަކުރަންޖެހުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *