ޖައްވުގައި ނުވަ މަސް ދުވަސް ހޭދަކުރުމަށް ފަހު މިދިޔަ އަންގާރަ ދުވަހު އެނބުރި އައި ސުނީތާ ވިލިއަމްސްއަކީ އާދަޔާ ހިލާފު އެސްޓްރޮނޯޓެކެވެ. އަދި ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން ކަމަށްވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)ގައި ނޫނީ އިންސާނުންނަށް ނުކުރެވޭ އެތައް ތަޖުރިބާއެއް 286 ދުވަހު ކޮށްފައި އެނބުރި އައި އަންހެނެކެވެ.
އެ ގޮތުން ފާހަގަ ކުރެވޭ އެއްކަމަކީ އިންޑިއާ އަދި ސްލޮވީނިއާ ނަސްލަށް ނިސްބަތްވާ އުމުރުން 59 އަހަރުގެ ސުނީތާ ވަނީ ކޮންމެ ދޮޅު ގަޑިއިރަކުން ދުނިޔޭގެ އެއް ދުވަސް ތަޖުރިބާކޮށްފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދުނިޔޭގެ ކޮންމެ 90 މިނެޓަކުން އައި.އެސް.އެސް ދުނިޔެ ވަށައި ބުރު ޖަހައެވެ. މިހެންވެ އެ ސްޓޭޝަންގައި ކޮންމެ ދޮޅު ގަޑިއިރަކީ މި ދުނިޔޭގެ 24 ގަޑިއިރެވެ.
މިހެން ދިމާވަނީ އައި.އެސް.އެސްއިން ދުނިޔެ ވަށައި ބުރުޖަހާ ދުވެއްޔަކީ ގަޑިއަކު 17،500 މޭލު ކަމަށްވާތީއެވެ. މީގެ މާނައަކީ ކޮންމެ 45 މިނެޓަކުން އިރު އަރައި އަދި ކޮންމެ 45 މިނެޓަކުން އިރުއޮއްސޭ ކަމެވެ. މިހެންވެ، ދުނިޔޭގެ 24 ގަޑިއިރުގެ ގޮތުގައި ބަލައިފި ނަމަ، އެއް ދުވަހުގެ ތެރޭގައި ސުނީތާއަށް 16 އިރުއަރާ މަންޒަރާއި 16 އިރުއޮއްސޭ މަންޒަރު ފެނެއެވެ.
މީގެ އިތުރުން ސުނީތާ ވަނީ ޝައުގުވެރި ފަސް ކަމެއް ކޮށްފައެވެ. އެ ގޮތުން "ސްޕޭސްވޯކް" ނުވަތަ ޖައްވުގައި އެންމެ ގިނައިން "ހިނގި" އަންހެންމީހާ ކަމުގެ ރެކޯޑު އޭނާ މިހާރު ވަނީ މުގުރައިލައިފައެވެ. އެއީ "އެކްސްޓްރާވެހިކިއުލާ އެކްޓިވިޓީސް" (އީ.ވީ.އޭ)ގައި ހަރަކާތްތެރިވެފައިވާތީއެވެ. މިއީ ސައިންޓިފިކް ތަހުލީލުތައް ކުރުމާއި ޖައްވީ އުޅަނދާ ގުޅޭ ކަންތައްތައް ކުރުމަށް ޖައްވީ އުޅަނދުން ބޭރަށް ނުކުތުމެވެ. މި ގޮތަށް ޖައްވުގައި ފުރަތަމަ "ހިނގީ" 1965 ގައި ރަޝިއާގެ އެލެކްސެއި ލިއޮނޯފްއެވެ. ސުނީތާ ރެކޯޑު މުގުރައިލައިފައިވަނީ މިދިޔަ ޖަނަވަރީ މަހާ ހަމައަށް 62 ގަޑިއިރާއި ހަ މިނެޓު ޖައްވުގައި ހިނގައިގެންނެވެ.

ސުނީތާއަކީ ޖައްވުގައި ފުރަތަމަ މެރެތަން ރޭހެއް ވެސް ދުވި މީހާއެވެ. އެއީ 2007 ވަނަ އަހަރުގެ އެޕްރިލް 16 ގައި އައި.އެސް.އެސްގެ ތެރޭގައި ޓްރެޑްމިލްއެއްގައި ބޮސްޓަން މެރެތަން "ދުވެގެން"ނެވެ. އޭނާ މި ރޭސް ޖެހީ ހަތަރު ގަޑިއިރާއި 24 މިނެޓުންނެވެ.
މި ދިޔަ އަހަރު ޖޫން މަހު އެންމެ އަށް ދުވަހަށް އައި.އެސް.އެސްއަށް ގޮސް އެ ސްޓޭޝަންގައި ތާށިވުމުގެ ސަބަބުން މި ދިޔަ ހަފުތާއި އޭނާ އެނބުރި ދުނިޔެއަށް އައި އިރު ޖައްވުގައި އޭނާ ހޭދަ ކުރި މުޅި މުއްދަތު ވަނީ 608 ދުވަހަށް އަރައިފައެވެ. މިއީ ގާތްގަނޑަކަށް ދޮޅު އަހަރު ޖައްވުގައި ހޭދަ ކުރުން ފަދަ ކަމެކެވެ.

މި ކަމެއް އޭނާއަށް މި ދިމާވީ އޭނާ އާއި އެހެން އެސްޓްރޮނޯޓެއް ކަމަށްވާ ބަޗް ވިލްމޯރް އައި.އެސް.އެސްއަށް ގެންގޮސްދިން ބޮއިން ކުންފުނީގެ އުޅަނދު "ސްޓާލައިނާ"ގައި ޓެކްނިކަލް މައްސަލަ ޖެހި، އެ ދެ މީހުން އައި.އެސް.އެސްގައި ބައިތިއްބައިފައި އަންނަން ޖެހުމުންނެވެ. ސަލާމަތުން އާދެވޭނެ ކަމުގެ އުއްމީދު ކެނޑިފައިވަނިކޮށް ސުނީތާ އާއި ބަޗް އަނބުރާ ދުނިޔެއަށް ގެނެސްދިނީ ސްޕޭސް-އެކްސް ކުންފުނީގެ ޖައްވީ އުޅަނދު "ކްރޫ ޑްރެގަން"ގައެވެ.
އެސްޓްރޮނޯޓަކަށްވުމުގެ ކުރިން ސުނީތާ މަސައްކަތްކުރީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރޭގައެވެ. އޭނާ އުޅުނީ ޕައިލެޓަކަށެވެ. އެ ގޮތުން ތަފާތު 30 ވައިގެ އުޅަނދުގައި މުޅިއަކު 3،000 ގަޑިއިރު ވައިގެ ތެރޭގައި ދަތުރުކޮށްފައިވެއެވެ. މި އުޅަނދުތަކުގެ ތެރޭގައި ހެލިކޮޕްޓަރު ހިމެނެއެވެ. އަދި 1992 ގައި އެމެރިކާ އާއި ބަހާމާސްއަށް އެރި "އެންޑްރޫ"ގެ ނަން ދީފައިވާ ތޫފާންގައި ހާލުގައި ޖެހުނު މީހުންނަށް ހިންގި އެހީވުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިވިއެވެ.

އައި.އެސް.އެސްއަށް ދިޔަ އިރު ސުނީތާ ވަނީ އޭނާގެ ސަގާފަތާ އެއްގޮތަށް އަޅުކަންކުރާ ތަކެތި ގެންގޮސްފައެވެ. މީގެ އިތުރުން އިންޑިއާގެ މަގުބޫލު ހެދިކާއެއް ކަމަށްވާ ބަޖިޔާގެ ސިފައިގައި ތިނެސްކަނަށް ހުންނަ ސަމޯސާ ހިމެނެއެވެ.
ސުނީތާ ދުނިޔެއަށް އެނބުރި އައި އިރު އޭނާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. މި ކަމާ ގުޅިގެން ބައެއް މީހުން އޭނާގެ ހިތްވަރާއި ކެތްތެރިކަމާއި ކެރުންތެރިކަމަށް ތައުރީފުކުރެއެވެ. އެ ގޮތުން ކުޑަ ދުވަސްކޮޅަކަށް ދިޔަ ދަތުރެއް ދިގުލައިގެންދިއުމާއި އެނބުރި ދުނިޔެއަށް ސަލާމަތުން އާދެވޭނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތް ހާލު ވެސް އޭނާ ހިތްވަރުކުރިކަން ވަނީ ފާހަގަކޮށްފައެވެ.

ބައެއް މީހުން އިންޓަނެޓްގައި ކޮމެންޓްކުރީ ސުނީތާ އާއި ބަޗް ޖައްވުގައި އައި.އެސް.އެސްގައި ނުވަ މަސް ވަންދެން ތާށިވިއިރު އަހަރެމެން ދުނިޔޭގައި އުޅޭ މީހުންނަށް އެންމެ 10 މިނެޓް ޓްރެފިކްގައި ޖެހުމުން ވެސް ކެތް ނުކުރެވެނީ ކީއްވެކަމާމެދުއެވެ. ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްލުން ދުވަސްކޮޅަކަށް ލަސްވިޔަސް ނުވަތަ ބޮސް ކަމަކާ ހިތްހަމަނުޖެހިގެން އީމޭލެއް ކޮށްލިޔަސް ރުޅިހަދައިފައި ވަގުތުން ވަޒީފާއިން ވަކިވާން ބޭނުންވަނީ ކީއްވެކަމާމެދުއެވެ.
ސުނީތާ އާއި ބަޗަށް ދިމާވި ހާލަތް ރަނގަޅު ކުރަން އެ ދެ މީހުންގެ އަމިއްލަ ބާރެއް ނެތެވެ. މިއީ އެއް ގައުމަކުން އަނެއް ގައުމަކަށް ދާން ރިޓާން ޓިކެޓެއް ބުކްކޮށްލުން ކަހަލަ ކަމެއް ނޫނެވެ. އެ ދެ މީހުންނަށް ޖެހުނީ 286 ދުވަހުގެ ޔަގީންކަމެއް ނެތް ހާލަތް ބަލައިގަނެގެން ތިބިގޮތަށް ތިބޭށެވެ.

ނަމަވެސް އާހިރުގައި އެ މީހުންގެ ނަސީބު އައިސް އަތުގައި ހިފިއެވެ. އެހެންކަމުން މިއީ ކެރުންތެރިކަމާއި އަދި މައްސަލަ ހައްލުކުރުމުގައި ކެތްތެރިވުމުގެ ބޮޑު ފިލާވަޅެކެވެ. މިހެންވެ، މިއީ އެ ދެ މީހުން ސަލާމަތްވުމުގެ އިތުރުން އެ ދެ މީހުން ތާރީހު ބަދަލުކޮށްލި ގޮތުގެ ވެސް އަގުހުރި މިސާލެކެވެ.
މީގެ ފަހުން އަހަރެމެންގެ ހަޔާތުގެ ކަންތައްތަކަށް ލަސްކަމެއް ކުރިމަތިވެއްޖެ ނަމަ އަހަރެމެން ހަނދާން ކުރަމާ ހިނގާށެވެ: އަހަރެމެން ތާށިވެފައި މި ތިބީ، ނަސީބަކުން، ވަސީލަތްތަކެއް ނެތް ޖައްވު ކަހަލަ ހުސްކަމެއްގެ ތެރެއަކު ނޫނެވެ.

ހަޔާތަކީ ހީނުކުރާ ކަހަލަ މައްސަލަތައް އަހަރެމެންނަށް ކުރިމަތިކުރާނެ އެއްޗެކެވެ. އަހަރެމެންގެ ރޭވުންތައް ވިއްސިވިހާލިވާ ފަހަރު ވެސް އަންނާނެއެވެ. ބައެއް ކަންތައްތައްވާން ހީކުރާ ވަރަށްވުރެ ގިނަ ދުވަސް ވެސް ނަގާނެއެވެ.