Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

1. ގޯހެއް ހެދުމުން، އެކަން ތަކުރާރު ނުކޮށް، އިސްލާހުކުރުން މުހިއްމެވެ. އެކަން އިސްލާހުކުރެވޭނީ ގޯހެއް ހެދުނު ކަމަށް އެއްބަސްވެ އިއުތިރާފުވެވިގެންނެވެ. ނަމަވެސް، އެ ގޯސް ރަނގަޅު ކުރުމަށްޓަކައި، ނުވަތަ އެކަން ފޮރުވަން، އެހެން މީހުންގެ ގޯސް ދައްކައި، ނުވަތަ ތިމާ ކޮށްފައިވާ ރަނގަޅު ކަމެއްގެ ވާހަކަ ދައްކައި ހެދުމުން، އެ ކަން އިސްލާހެއް ނުކުރެވޭނެއެވެ. އަދި، ކިއެއް ހެއްޔެވެ؟ އެ ގޯސް ތަކުރާރުކުރެވޭނެއެވެ.

2. މާފުކުރުމަކީ ވަރުގަދަ ޝަޚުސިއްޔަތެއްގެ ވެރި މީހުންގެ ސިފައެކެވެ. މާފު ނުކޮށް، ބަދަލުހިފުމުގެ ގޮތަކީ ޝަޚުސިއްޔަތު ބަލިކަށި މީހުންގެ ސިފައެކެވެ.

3. ތެދުވެރިކަމާއި ސަރީހަކޮށް ވާހަކަ ދެއްކުމުން، މާ ގިނަ ރަހުމަތްތެރިން ކަލެއަށް ނުލިބިދާނެއެވެ. ނަމަވެސް، އޭރުން ލިބޭ ރަހުމަތްތެރިން ވާނީ ހަގީގީ ރަހުމަތްތެރިންނަށެވެ.

4. ސާފު ސީދާކޮށް ވާހަކަ ނުދައްކައި، އޮޅުވާލުމުގެ ތެރެއިން ކަންކަން ކުރުމުން، ބޭނުންތައް ހާސިލުވާ ގޮތް ވެދާނެއެވެ. އޭގެ މާނައަކީ އެ ގޮތަށް ކަންތައް ކުރުން ރަނގަޅުވުމެއް ނޫނެވެ. ނުރަނގަޅު ކަމެއް ކުރުމުން، ވަގުތުން އޭގެ ނުރަނގަޅު ނަތީޖާ ނުފެނުމަކީ އެ ނުރަނގަޅު ކަމުން ސަލާމަތްވުމެއް ނޫނެވެ. އޭގެ މާނައަކީ ކަންކަން އިސްލާހުކުރުމަށް ގުދުރަތުން ކަލެއަށް މުހުލަތެއް ދޭ ކަމެވެ. އެ މުހުލަތުގެ ތެރޭގައި ކަންކަން ރަނގަޅު ކުރަންވީއެވެ. ނޫން ނަމަ، އެކަމުގެ ހިތި ނަތީޖާއާ ފަހުން ކުރިމަތިލާން ޖެހޭނެއެވެ.

5. އަމިއްލަ ހަޔާތުގެ ކަންކަމާ މެދު މަސްއޫލުވާން ދަސްކުރާށެވެ. ކަންކަން ގޯސް ވަނީ އަމިއްލައަށް ވެސް ހެދޭ ގޯހުންނެވެ. ދެން، އިތުރަށް ގޯސް ހެދުމަކުން، ކުރިން ހެދުނު ގޯސް ރަނގަޅުވީ ކަމަކަށް ނުވާނެއެވެ. އެހެންވެ، އަމިއްލައަށް ހެދުނު ގޯހަށް އަމިއްލަ ނަފްސު ކައިރީގައި އިއުތިރާފުވެ، އެކަން އިސްލާހުކޮށް ކުރިއަށް ދާންވީއެވެ. ހަނދާން ކޮށްލަން ޖެހެނީ ކުރިއަށް ދިޔުމުގެ ފުރަތަމަ ފިޔަވަޅަކީ ހެދުނު ގޯހަށް އިއުތިރާފުވެ، އެކަމުގެ މަސްއޫލިއްޔަތު އަމިއްލައަށް އުފުލުމެވެ. ތިމާއަށް ހެދޭ ގޯސްތަކާ މެދު އެހެން މީހުން ބަދުނާމު ކުރުމަކީ ތިމާ މާޒީއާ ބަނދެލާ ޗޭނެކެވެ. އަމިއްލައަށް އެކަމަށް އިއުތިރާފުވެ، މަސްއޫލިއްޔަތު އުފުލުމަކީ ކުރިއަށް ދިޔުމުގެ ތަޅުދަނޑިއެވެ.

6. ކަންކަން ނުކުރެވުމުން، ބަހަނާ ދައްކަން ނުހަދާށެވެ. އެކަން ނުކުރެވުނީ ކީއްވެތޯ ހޯދައި ބަލައި، އިސްލާހުކުރަން ޖެހޭ ކަންކަން އިސްލާހުކުރާށެވެ. ހަނދާންކޮށްލަން ޖެހެނީ ބަހާނާއަކީ ހޮއި އަޑެއް ކަމެވެ. އިސްލާހުކުރުމަކީ ކުރިއަށް ދެވިދާނެ ކަމުގެ ވަރުގަދަ ހެއްކެކެވެ.

7. މާފަށް އެދެން ޖެހޭ ތަންތާނގައި މާފަށް އެދުން މުހިއްމެވެ. އަދި މާފަށް އެދިފައި އެކަންވީ މިހެންވެގެންނޭ އެހެންވެގެންނޭ ކިޔައި، ކުރެވުނު ކަންތައް ރަނގަޅުކުރަން ނޫޅޭށެވެ. ހަނދާންކޮށްލަން ޖެހެނީ، ގޯސްކަމެއް ރަނގަޅު ކުރުމުގެ ގޮތުން ނޫނީ އެކަމުގެ ގޯސްކަން ކުޑަކޮށްލުމުގެ ގޮތުން ބަހަނާ ދެއްކުމުން، މަސްއޫލިއްޔަތު އުފުލުން ނިމެއެވެ. މިހެން ވެއްޖެ ނަމަ، ކަންކަން އިސްލާހުކުރުން އުނދަގޫވެއެވެ.

8. ކަންކަން ކުރުމަށް އަހަރުމެންނަށް ލިބިފައި އޮންނަ އެންމެ މުހިއްމު އެއްޗަކީ ވަގުތެވެ. ގަޑީގެ ކަށި ހިފަހައްޓައި، ވަގުތު ހިނގާ ގޮތަށް ބަދަލު ގެނައުމުގެ އެކަށޭނަކަން އެކަކަށް ވެސް ލިބިގެން ނުވެއެވެ. ނަމަވެސް، ލިބިފައި އޮންނަ ވަގުތުކޮޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތާއި އެކަށޭނަކަން ކޮންމެ މީހަކަށް ވެސް ލިބިފައި އޮވެއެވެ. ދުވާލުދާ ހަތަރު ދަމު ނިދުމުގައްޔާއި ރޭގަނޑު ކުޅިމަޖަލުގައި ވަގުތުތައް ހޭދަކޮށް ހަޔާތް ބޭރުކާރު ކޮށްލުމަކީ ބޮޑު ފާފައެކެވެ. ގިޔާމަތް ދުވަހުން އެންމެ ފުރަތަމައިން ސުއާލު ކުރެވޭ ކަންކަމުގެ ތެރޭގައި ތިމާގެ ވަގުތުތައް ހޭދަކުރީ ކިހިނެއްކަން ހިމެނޭނެ ކަމުގެ ވާހަކަ ނަބަވީ އިރުޝާދުތަކުގެ ތެރޭގައި ވާރިދުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *