(މި ފަހަރުގެ ކޮލަމް: ކިޔައިލާން ތަންކޮޅެއް ލުއި، އެތެރޭގައި އޮތް މަދުގައި ތަންކޮޅެއް ސީރިޔަސް ވާހަކަޔެއް ވެސް އޮވެދާނޭ، ކުރުވާހަކައެއްގެ ސިފައިގައި)
އިބްރާހީމް ވަޙީދު "ކަލާވެހި"
ހެންވޭރު އެސްތެޓިކް ޕެލަސް އޭ ކިޔުނު ގެޔަށް އުފަން، އެ ގޭ ކުޑަހަސަންފުޅު ގެ ދޮށީ ފިރިހެން ދަރިފުޅު ޢާޝިޤް ސަރްމަސްތް ބިން ޙަސަން އަކީ މައިންބަފައިންނަށް ކިޔަމަންތެރި، އުސްތާޒުނަށް އަދަބުވެރި، އަވަށްޓެރީންނަށް ހިތްހެއު، އަވަށްޓެހީންނާ ދުރު، ދުރުތާތިމާގެ މީހުން ގާތަށް ލަފައިއުޅޭ، އަޚުލާޤުގެ މަގުން ލާމަސީލު ޒުވާނެކެވެ. އަދި ހަމަ އެހެންމެ، ޢިލްމާއި ހުނަރާއި ޙިލްމުގެ މަގުން އިންސާނުންގައި ލައްވައިފައިވާ އެންމެހައި ހެއު ކަންކަމުގެ ޒަޚީރާއެއް މެއެވެ. ފަސްމީރުކުރިރުކަކަށް އަދި ނުވިޔަސް، އެޔާ ވަރަށް ގާތްކުރާ ޒުވާނެކެވެ. އަދި ހަމަ އެހެންމެ، ޒުވާންކަމުގެ ޖޯޝާއި ފޯރިޔާއި ކެރުމާއި ބޭނުންތައް ވެސް ހަމަޔަށް ހުރި ޒުވާނެއް މެއެވެ.
ދުވަހަކީ ޢާޝިޤްއަށް ޚާއްޞަ ދުވަހަކަށް ވިޔަސް، އޭނާޔަކަށް އަދިއެއް އެކަމެއް ނޭނގެއެވެ. އެކަމަކު އެ ކަން އިސާހިތަކު އެ އުޅެނީ ބަދަލުވާށެވެ. އާދެ! ދުވަހަކީ އުޑުމަތި ސާފު، އިރުދެކުނުން ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިޔަކުން ޖައްވުގައި ހުވަނދުލަވަމުން އައި، ކުރުވާހަކަޔެއްގެ މެސެޖަކަށް ވުރެ ސިފަކުރުން މާ މުހިންމުކަމަށް ބައެއް ކަހަލަ ލިޔުންތެރީންނަށް ފެންނަ ޒާތުގެ ދުވަހެކެވެ. ދުވަހަކީ ބަތް ކޮތަޅު ހިފައިގެން، މަސްދަޅު އަތަށް ލައިގެން، ބުޅަލަށް ކާންދޭން މަގުމައްޗަށް ނިކުތް މީހާ ވެސް އަދީބަކަށް ވެދާނޭ ޒާތުގެ ރީތި ދުވަހެކެވެ. ޢާޝިޤް އޭނާޔަށް އެންމެ ރީތި ގޮޅިޖެހި ގަމީސް ލައިގެން، އޭނާގެ ސުޒުކީ ޖީ.އެން 125 ސައިކަލުގައި މާލޭގެ ބޮޑެތި މަގުތަކުން ދުއްވަމުން އެ ދަނީ ވަކި މަންޒިލް މަޤްޞޫދެއް އޮވެގެނެއް ނޫނެވެ. އަދި ކިއެއްތޯއޭ، މަންޒިލް ޣައިރް މުސްތަޙައްބެއް ވެސް އޮވެގެނެއް ނޫނެވެ. ދުއްވާނީ ކުރިމަތީ އޮތް ސަރާސަރު މަގުންތޯ، ނޫނީ އަޅާނީ ގޯޅިތޯ ނިންމައިގެނެއް ވެސް ނޫނެވެ.
އެތާ އޮތް ހަނި ގޯޅިޔަކުން ޢާޝިޤްގެ ކުރިމައްޗަށް ހަމަ ކުއްލިޔަކަށް އެ ނިކުތީ ދެބައިންބައުވެފައިވާ ސްކޫޕީ ސައިކަލެކެވެ. ޢާޝިޤް އޭނާގެ ސައިކަލު އެ ސައިކަލުން ނައްޓާން މަސައްކަތްކުރި އިރު އޭނާގެ ހިތާއި ސިކުނޑީގައި ކުރެހިގެން އެ ދިޔައީ އެ ސްކޫޕީ ކްލަބް 125 ސައިކަލުގެ ސޫރަޔެއް ނޫނެވެ. އޭނާގެ ސިކުނޑީގައި ކުރެހިގެން އެ ދިޔައީ، ހިތުގައި ބިންވަޅުނެގިގެން އެ ދިޔައީ، އެ ސައިކަލުގެ ދެފަރާތަށް ހަމަ ކުއްލިޔަކަށް ބޭލި ރީތި ދެފަޔެވެ. އަދި އެ ދެ ފައިގެ ވެރި ޖިންސުއްލަޠީފުގެ ޖާދުވީ މޫނެވެ. އެ މޫނުގައި އެ ހުރި، ލަފުޒުތަކަކުން ސިފަކުރާން ދަތި ރީތިކަމެވެ. އެ މޫނަކީ ކުޅަދާނަ ޝާއިރަކު ވެސް އެ މޫނުގެ ރީތިކަން އިންސާފުވެރިކަމާ އެކު ބަޔާންކުރާން އުޅެ، އެކަން ނުވެގެން ގަލަމުގައި ދޯރިޖަހައި، ފިލާން ދުއްވައިގަންނަހާ ވެސް ރީތި ސޫރަޔެކެވެ.
ޢާޝިޤް އޭނާގެ ސައިކަލު ބުރު ނިންމައިލައިފައި ގެޔަށް އަތުވެއްޖެ އެވެ. އެހެންނަމަވެސް، އެއިރު އޭނާގެ ހިތް އޮތީ އޭނާޔަށް އަތުވާ ހިސާބަކު ނޫނެވެ. އެހެނީ، ސްކޫޕީގައި އައި އަންހެންކުއްޖާ އެ ދިޔަ ތާކަށް އެ ދިޔައީ އެ ވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ޢާޝިޤްގެ ހިތް ހިފައިގެންނެވެ.
މީލާދީ ކަލަންޑަރުން ދެތިން ދުވަސް މާޒީޔަށް ގޮސް ނިމުނު އިރު، ޢާޝިޤް ހުރީ ބާވަތަކު މަސްތެއްގައެވެ. ނިދައިފިއްޔާ ހޭލާހިތެއް ނުވެއެވެ. ހުވަފެނުގައި ފެންނަނީ އެ މޫނެވެ. ހޭލައިފިއްޔާ ނިދާހިތެއް ނުވެއެވެ. ބޭނުންވަނީ އެއްކަލަ ގޯޅިކަންމައްޗަށް ގޮސް އެ މޫނު ފެނޭތޯ އެ ހިސާބުގައި މުގޯލިއަޅާށެވެ. އެހެނަސް، ޢާޝިޤް އެ ހިސާބަށް ގޮސް، އެތަނުން ދިމާވިހައި މީހަކަށް އެ އަންހެން ސާހިބާގެ ސްކޫޕީގެ ނަންބަރު ކިޔައިދީ، ސިފަ ކިޔައިދީ، ދެފައިގައި ހިފައި އާދޭސްކޮށްގެން ވެސް އެ އަންހެންކުއްޖާޔާ ބެހޭ ހަމަ އެއްވެސް މަޢުލޫމާތެއް ދޭނޭ މީހަކު ނުވިއެވެ. އާނއެކޭ، އޭނާ ދަންނަމޭ، އެކަމަކު ތިޔަހެން އަންނަހައި މީހަކަށް އަހަރުމެންގެ އަވަށްޓެރި ބަޔެއްގެ ދަރިޔެއްގެ ނަމާއި އެޑްރެސް ބުނެދޭނީ ކިހިނެއްހޭ ބުނި މީހުން ވެސް މަދެއް ނޫނެވެ!
އެ ހިސާބުން، ޢާޝިޤް ދެން އެއްވެސް މީހަކާ ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ. ވާހަކަދައްކަންޏާ ބޭނުންވަނީ އެ މޫނުގެ ވެރިޔާޔާ ވާހަކަދައްކާށެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރީން ބުނާން ފެށި ގޮތުގައި ޢާޝިޤް އެ ހުރީ ހަމަ ޙަޤީޤަތުގައި ވެސް ޢާޝިޤްއަކަށް ވެ، ލޯބީގެ ފުން ކަނޑަކަށް ޣަރަޤުވެފައެވެ.
އެ ދުވަހުގެ ފަހުން ހަތްވަނަޔަށް ވީ ދުވަހު، ޢާޝިޤްއަކީ ހިތުގެ ބަލިމީހެއް ކަމަށާއި، އޭނާ ދޮށީ ފިރިހެން ދަރިފުޅު ހިތުގެ ޑޮކްޓަރަކަށް ދައްކައިލާން ވެއްޖެކަމަށް ހެންވޭރު އެސްތެޓިކް ޕެލަސް ކުޑަހަސަންފުޅު ނިންމައިފިއެވެ. އަދި މާލޭގެ ބޮޑު ހަސްފަތާލެއްގެ ހިތުގެ ޑިޕާޓްމަންޓުން އޭނާގެ ދަރިފުޅަށް އެޕޮއިންޓްމަންޓެއް ހޯދައި، އެ އެޕޮއިންޓްމަންޓް އޮތް ދުވަހު، ދަރިފުޅު ރަނގަޅަށް ބެލެހެއްޓޭ ވަރުގެ، ހަމަހޭ ހުރި، ގައިބާރު ވެސް ހުރި، ދޫހެލޭ، ސަމައްތަރު ހެއު ދެ ފިރިހެނުންނާ އެކު ޢާޝިޤް ހަސްފަތާލަށް ފޮނުވައިފިއެވެ.
ޢާޝިޤް އޭނާގެ ޙާރިސް ޤާއިމް ބޭކަލުންނާ އެކު ހަސްފަތާލަށް ވަދެ، އެ ތާނގެ އިންތިޒާރީ މާލަމަށް ވަން އިރު، އެ ތަން އޮތީ ހިތުގެ ޑޮކްޓަރުންނަށް ދައްކާން އެޕޮއިންޓްމަންޓް ހައްދައިގެން ގޮސް ތިބި މީހުން ވަދެ، ފުރިބާރުވެފައެވެ. ތިނޯހެއްގެ ތުނޑު ޖައްސައިލާނޭ ތަންކޮޅެއް އަދި އޮތަސް، އިށީންނާނޭ ގޮނޑިޔެއް ވެސް ލިބުނީ ވަރަށް މަސައްކަތުން، އޭނާގެ ޙާރިސް ޤާއިމް ބޭކަލުން ބާރުއަޅައި، ލޯއަޅައި، ގަދައަޅައި އުޅެގެންނެވެ.
ޢާޝިޤްގެ ލޮލުގައި ހަމަ ކުއްލިޔަކަށް އަޅައިގަތީ އެ މޫނެވެ. އާނއެކެވެ! އެއީ ހަމަ އޭނާއެވެ. އޭނާ ވެސް އެ އިނީ ހިތުގެ ޑޮކްޓަރަކަށް ދައްކާން އެތަނަށް އައިހެވެ. އަސްތައަސްތާއޭ، ހުރި އިއްތިފާޤެއްގެ ބޮޑުކަމާއޭ، އެކަމަކު އޭނާޔާ އަނގައިންބުނެވޭނީ އޭނާގެ ނަން ވެސް އެނގިގެންތާއޭ ޢާޝިޤް ހިތަށްއެރިއެވެ.
އެކަމަކު، ޢާޝިޤް އެ ތާކަށް ވަދެ އެ އިން ހަސްފަތާލަކީ އެންމެ މި ޒަމާނުގެ ހަސްފަތާލެކެވެ. ފަންނީ ޓެކްނޯލޯޖީއޭ ކިޔުނު ޢަޖާޢިބުގެ އެންމެ މިޒަމާނުގެ އާލާތްތަކުން ފުރިގެންވާ ޝިފާގާހެކެވެ. ތަނަށް އެއްވެ ތޮއްޖެހިފައިވާ މީހުންތަކުގެ ކުރިމަތީގައި އެ ހުރި މޮނިޓަރަށް އިނގިރޭސިބަހުން އަރަމުން އެ ދަނީ ރޫމް ނަންބަރުތަކެވެ. ޓޯކަން ނަންބަރުތަކެވެ. މޮނިޓަރުން ގޮވަމުން އެ ދަނީ ހަމަ ނަންބަރުތައް، ނުހަނު ސާފު އިނގިރޭސިބަހުންނެވެ. ހަމަ އެއްވެސް މީހެއްގެ ނަމެއް، އެޑްރެހެއް ކީއްކުރަންތޯއޭ، މީހަކު އެ ތަނަށް އައިސް އިން ކަމެއް ވެސް އަނެކާޔަކަށް ހަމަ ނޭނގޭނެއެވެ.
އެކަމަކު، ޢާޝިޤްގެ ޢާޝިޤާ އެ އިނީ ގާތުގައެވެ. އެހެނަށް އެހައި ދުރުގައެވެ. ކުރާނީ ކީއްހޭ، މަށަށް އޮތް ގޮތޭ ޢާޝިޤަށް ވައިއަޑުން ބުނެލެވުނެވެ.
ހަމަ ކުއްލިޔަކަށް ތަނަށް އެއްވެފައި އޮތް މީހުންގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ ގަދަ ރަތްކުލަޔެއްގެ ޔުނިފޯމެއް އަޅައިގެން ހުރި، މޫނުމަތީގައި ފިސާރި ހަރުދަނާ ސީރިޔަސްކަމެއް ހުރި ޒުވާން އަންހެނެކެވެ. އޭނާ އެންމެންގެ ކުރިމައްޗަށް ހުއްޓި، ދެ ފަހަރަކު ކަރުކެހިލުމަށް ފަހު، ފިސާރި ސާބިތު އަޑަކުން އެއްޗެއް ބުނާންފެށިއެވެ. ނޫން! ގޮވާން ފެށިއެވެ.
"ދެން އީ.ސީ.ޖީ ހަދާ ކޮޓަރިޔަށް ދާން ޖެހޭ ޕޭޝަންޓުންނަކީ… މައުފަންނު ސަނދަރަބޮލި އުތުރުބައި އާމިނަތު ރަޚްވީ، ހަމަ އެ ގޭ ފާޠިމަތު މުޙާރާ…." ރަތް ޔުނިފޯނުގެ ވެރިޔާ ހައެއްކަ މީހުންގެ ނަމާއި އެޑްރެހުގެ ލިސްޓެއް ހަރުއަޑުން ކިޔައިލައިފިއެވެ. އެޔާ އެކު، އީ.ސީ.ޖީ ހަދާން އައިސްތިބި މީހުންގެ ތެރެއިން އެ ބުނި މީހުން ތެދުވެ، ވަރަށް ކިޔަމަންތެރިކަމާއެކު، އަސްދޫނި ފަހަތުން ފިޔޮއް ދާ ހެން، އޭނާގެ ފަހަތުން ގޮސް ޣައިބުވެއްޖެއެވެ.
ޢާޝިޤަށް ހީވީ އޭނާގެ ކުރިމައްޗަށް ހުދަންބަރެއް ލެއްގިހެންނެވެ. އާދޭހެވެ! އޭނާޔަށް ލިބިގެން އެދިޔައީ، އޭނާގެ އެއްކަލަ މޫނުގެ ވެރިޔާގެ ނަމާއި އެޑްރެސް އެ މަގުން އެނގޭނޭކަމުގެ ޔަޤީންކަމެވެ.
ރަތް ޔުނިފޯމު އެނބުރި އަންނާކަށް އެހައި ގިނަ އިރެއް ނުނަގައެވެ. ރަނގަޅު ގަޑިޔަކުން ބެލި ނަމަ، ވާނީ ހައެއްކަ މިނިޓެވެ. ޢާޝިޤްގެ ކެތްތެރިކަމުގެ ގަޑީން ބެލި ނަމަ، ޤަރުނެއް ވިޔަސް…. އެހެންނޫންތޯއެވެ!
ރަތް ޔުނިފޯމު އޭނާގެ ފައިލް އަނެއްކާވެސް އަތަށް ހެޔޮވަރުކޮށްލިއެވެ. އަދި ގޮވާން ފެށިއެވެ.
"ޑޮކްޓަރ ބުނުއްވީ ބިފޯ ލަންޗް ގަޑީގައި އެސައިންކުރެވޭނީ އެކޯ ހަދަން އެންމެ ޕޭޝަންޓެކޭ. އެހެންވީމާ، ޕްލީޒް އަވަހަށް އާދޭ ހެންވޭރު އެފްރޮޑައިޓް ވިލާ ވިދާދް ޙަބީބް!"
އޭނާ އިން ތަނުން ތެދުވެގެން، އަސްދޫނި ފިޔޮކަކަށް ހެދިގެން ރަތް ޔުނިފޯމުގެ ފަހަތުން ނަލަ ހިނގުމެއްގައި އެ ދިޔައީ ޢާޝިޤްގެ އުފަން ނަން ޙަޤީޤަތަކަށް ހަދައިދިން، ސްކޫޕީ ސައިކަލުގެ ރާނީ، އަދި ޢާޝިޤަށް އޭނާގެ ނަމާއި އެޑްރެސް އޮޅުމެއް ނެތި ސާފުކޮށް ހަމަ ދެންމެ އެނގުނު، ހެންވޭރު އެފްރޮޑައިޓް ވިލާ ވިދާދް ޙަބީބް އެވެ. ގޭދޮށުގައި މުގޯލި އަޅައިގެން، އަވަށްޓެރީންނަށް އާދޭސްކޮށްގެން ހަމަ އެ ނަމާއި އެޑްރެސް ނުލިބުނު ރީތި ސާހިބާއެވެ. ޒަމާނީ ހަސްފަތާލެއްގެ ރަތް ޔުނިފޯމަކުން ނަމާއި އެޑްރެސް ލިބުނު، ޢާޝިޤްގެ ހިތުގެ މަލިކާއެވެ. ލޯބީގެ ރާނީއެވެ.
ބައްޕާ ނިންމެވީ ރަނގަޅަށޭ، ހިތަށް ޖެހޭ ނާޒުކު ބަލިބަލީގެ ފަރުވާ ލިބޭނީ ހިތުގެ ފަރުވާ ފިސާރި ރަނގަޅަށް ދޭ ތާކަށް ގޮސްގެންނޭ ޢާޝިޤް ހިތަށްއެރިއެވެ. އަދި އޭނާގެ މަޤްޞަދު ފުރިހަމަވެއްޖެކަމަށް ބަލައިފައި، ހިތުގެ ފަރުވާ ލިބުނީކަމަށް ބަލައިފައި، ހަސްފަތާލުން ނިކުންނާން ހިނގައިގަތެވެ. ޢާޝިޤްގެ ޙާރިސް ޤާއިމް ބޭކަލުން ވެސް، ބަހެއް ނުކިޔައި، އޭނާގެ ފަހަތުން ހިނގައިގަތެވެ.
